ގްލީސް 581 ސީ ޕްލަނެޓަށް ބިމުން ފޮނުވި މެސެޖް

ގްލީސް 581 ސީ އެވެ ކިޔޭ ޕްލަނެޓަކަށް ، ބިމުން ، ބާރުގަދަ ، ޑިޖިޓަލް ރޭޑިއޯ މެސެޖެއްވަނީ ފޮނުވާފައެވެ. މި މެސެޖް ފޮނުވީ 2008 ވަނައަހަރު ، ޔުކްރޭނުގެ ސްޕޭސް އެޖެންސީންނެވެ. ގްލީސް 581 ސީ ޕްލަނެޓަކީ ، ބިމާ 20 ލައިޓް އިޔަރސް  ދުރުގައިވާ ޕްލަނެޓެކެވެ. ލައިޓް އިޔަރސްއަކީ ، އަލިދަތުރުކުރާ ބާރުމިނަށް ނިސްބަތްކޮށް ބޭނުންކުރެވޭ ބަހެކެވެ. ލައިޓް އިޔާރސް އެއްގެ ދިގުމިނަކީ ، 96.46 ޓްރިލިއަން ކިލޯމީޓަރުގެ ދުރުމިނެކެވެ. 2008 ވަނައަހަރު ، ބިމުންފޮނުވި މި މެސެޖް ، ގްލީސް 581 ސީއަށް ވާޞިލުވާނެކަމަށް ބެލެވެނީ ، ނުވަތަ އެ ޕްލަނެޓަށް މެސެޖަށް ދެވޭނެކަމަށް ބެލެވެނީ ، 2029 ގައެވެ. އެއީ ، ބިމުން އެ މެސެޖް ފޮނުވައިލިތާ 21 އަހަރު ފަހެވެ. ގޮތްނޭނގޭ ބަޔަކު އެ މެސެޖަށް ޖަވާބުދީފިނަމަ ، އެ ޖަވާބު ބިމަށް ފޯރާނެކަމަށް ބެލެވެނީ 2050 ގައެވެ. ގްލީސް 581 ސީއަށް އެމެސެޖް ލިބޭތާ 21 އަހަރު ފަހުންނެވެ.

މި ޚަބަރަކީ ، އިންސާނުން އެހެންޢާލަމްތަކާއެކު ގުޅުންބޭއްވުމުގެ ބޭނުމުގައި ކުރަމުންގެންދާ މަސައްކަތްތަކުގައި އުއްމީދީ ކުލައެއް ޖެހިގެންދިޔަ ޚަބަރެވެ. ގްލީސް 581 ސީ ، ބެލެވިފައިވަނީ ، ދުނިޔެއާ އެއްކަހަލަ އަދި އިންސާނުންނަށް އެ ޕްލަނެޓްގައި ދިރިއުޅެވިދާނެ ތަނެއްގެ ގޮތުގައެވެ. އެހެނަސް ، ފަހުން ހޯދުނު ހޯދުންތަކުން އެނގުނު ގޮތުގައި އެއީ ، އިންސާނުންނަށް ދިރިއުޅެވޭވަރަށްވުރެ ހޫނުގަދަ ޕްލަނެޓެކެވެ.

ގްލީސް 581 ސީގައި ، މެސެޖް ފޯރާނެފަދަ ބާރެއް އެކުލެވިފައިވާނަމަ ، އެތަނުން ބިމަށް ފޮނުވާ މެސެޖް ބިމާހަމަޔަށް ފޮނުވުމުގެ ބާރުވެސް ހުންނާނެއެވެ. އެހެނަސް ، އެމެސެޖަށް ޖަވާބެއް ލިބިގެން ދުނިޔެއިން އެތަނަށް މީހުން ދާންފަށައިފިނަމަ ، އެއީ ގްލީސް 581 ސީއަށް ނުވަތަ އެތަނުގައިވާ ބަޔަކަށް ލިބޭނެ ވަރަށްބޮޑު ގެއްލުމެކެވެ. އެއީ ، ދުނިޔޭގައ މިވަގުތު ދިރިމިއުޅޭމީހުން އެތަނަށް ހިނގައްޖެނަމަ ، އެތަނުގެ މުޅި ނިޒާމް ހަލާކުކޮށްލާނެތީއެވެ. އެތަނުގައި އިންސާނުން އާބާދުވާން ފުރުޞަތު ނުދިނުމަކީ ، ގިނަބަޔަކު އެދޭ ގޮތެވެ. އެހެނަސް ، ސައިންވެރިންނާއި ތަރިހަނދާއި ޖައްވާބެހޭ މާހިރުން ބުރަވާ ގޮތުގައި ، އިންސާނުންނަށް ކުޅަދާނަކަން ލިބިގެންވާނަމަ ، އެތަންތަނަށް ދުނިޔޭގެ އިންސާނުން ނުގޮހެއް ނުހުންނާނެއެވެ. އެކަމުގެ ނަތީޖާއަކަށްވާނީ ، އެތަންވެސް މިހާރު މިއޮތް ދުނިޔެއެކޭ އެއްގޮތަށް ހަލާކުވެގެން ދިއުމެވެ. އިންސާނާ އޭނާގެ އަމިއްލަ މުހުތާދުތަކަށް މިދުނިޔެ ހަލާކުކޮށްލާފައިވާ ފަދައިންނެވެ.

ގްލީސް 581 ސީ އަކީ ، 2007 ވަނައަހަރު ހޯދުނު ޕްލަނެޓެކެވެ. މި ޕްލަނެޓަކީ އާރތު ނުވަތަ މިހާރު އިންސާނުން ދިރިމިއުޅޭ ބިމަށްވުރެ 5.5 ގުނަ ބޮޑު ޕްލަނެޓެކެވެ. މި ޕްލަނެޓަކީ ، އިންސާނާއަށް ދިރިއުޅޭވޭ ހިސާބަށްވުރެ ކުޑަކޮށް ބޭރުގައި އޮންނަ ޕްލަނެޓެކެވެ. މި ޕްލަނެޓްގެ އުފެދުން އޮންނަގޮތުން ، މިއީ އިންސާނުންނަށް ދިރިއުޅެވިދާނެ ތަނެއްގެ ގޮތުގައި އައީ ބެލެވެމުންނެވެ. " ހެލޯ ގްލީސް ޕްރޮޖެކްޓް " ގެ ދަށުން ، މިހާރު އެވަނީ ، ގްލީސްއަށް މެސެޖެއް ފޮނުވާފައެވެ. މިއީ ، ގްލީސް 581 ގައި އިންސާނުންނަށް ދިރިއުޅެވިދާނެތޯ ބެލުމަށް ކުރެވޭ މަސައްކަތުގެ ފެށުމެވެ.

ބިމުން ގްލީސްއަށް ފޮނުވި މެސެޖްގައި ލިޔެވިފައިވަނީ ، " އަ މެސެޖް ފްރޮމް އާރތު " އެވެ. އަލީގެ ސްޕީޑްގައި ދަތުރުކޮށް ، އެތައް އަހަރެއްގެ މަސައްކަތުން ، މި މެސެޖް ގްލީސް 581 އަށް ފޯރާނެކަމަށް ބެލެވެނީ 2029 ގައެވެ. ގްލީސްގައި ހިމެނިގެންވާ ހުޝިޔާރު ދިރުމަށް ، އެ މެސެޖް ލިބި ، ޖަވާބެއްދޭން ،  އެ ދިރުމުން ނިންމައިފިނަމަ ، އެންމެ އަވަހަށްވެސް ދުނިޔެއަށް ޖަވާބެއް ލިބޭނެކަމަށް ބެލެވެނީ 2050 ގައެވެ. ގްލީސްއަށް ބިމުންފޮނުވި ޑިޖިޓަލް މެސެޖަކީ ، މާނަހުރި މެސެޖަކަށްވެފައި އޭލިއަންއަށް ނުވަތަ ގްލީސްގައިވާ ދިރުމަށް އެމެސެޖް ކަމުގޮސް ، ޖަވާބެއްދޭން ނިންމައިފިނަމަ ، އެ ޖަވާބެއް ބިމަށް ލިބުމުން އެއީ އިންސާނާގެ ކެތްތެރިކަން ކޮޅުންލައިގެންދާފަދަ މުޢުޖިޒާތަކަށް ވާނެއެވެ. ބިމުން ގްލީސްއަށް ފޮނުވި މެސެޖްގައިވާ މާނަ ނުއޮޅި ، ޖަވާބެއް ފޮނުވުމުން އޭގެ އަޞްލަށް ، ބިމަށް ރުޖޫޢަވުން ވެގެންދާނީ ، ނޭނގުމެއްގެ ތެރޭގައިވާ ބާރަކާ އިންސާނާގެ ގުޅުން އުފެދިގެންދިއުމުގެ ފެށުމަކަށެވެ.

ގްލީސް581 އަކީ ، އިންސާނާއަށް ދިރިއުޅެވިދާނެ ތަނެއްކަން ގައިމުވިޔަސް ، ސައިންޓިސްޓުން ބުރަވާގޮތުގައި ، ގްލީސްއަކީ ، އިންސާނާ ދިރިއުޅުމަށް މާ ހޫނު ތަނެކެވެ. ވީނަސްއެކޭ އެއްގޮތަށް ގްރީންހައުސްގެ ބާރުގަދަ ހޫނެއް ގްލީސްގައިވެސް އެކުލެވިގެން ވެއެވެ.

މި މެސެޖް ބިމުން ، ގްލީސްއަށް ފޮނުވާފައިވަނީ 9 އޮކްޓޯބަރ 2008 ގައެވެ. ދުނިޔޭގެ ބައިމިލިއަނެއްހާ މީހުން މި ޕްރޮގްރާމްގައި ބައިވެރިވިއެވެ. މެސެޖްގެ ސިގްނަލް ގްލީސްއަށް ލިބޭނީ 2029 ގެ ކުރީކޮޅުގައެވެ. މި މެސެޖް ފޮނުވިފައިވަނީ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މެސެޖް ފޮނުވާގޮތަށް ، މިދުނިޔެއިން އެހެން ދުނިޔެއަކަށެވެ. މި ދުނިޔޭގައި ދިރިއުޅޭ އިންސާނާ އެހެން ދުނިޔެއެއްގައި އުޅޭ ގޮތްނޭނގޭ ބަޔަކަށް ނުވަތަ ބާރަކަށް މި މެސެޖް ރައްދުވާނެކަން ސައިންޓިސްޓިން ޔަޤީންކުރެއެވެ.

މިދުނިޔެ ދޫކޮށް އެހެން ދުނިޔެއަކަށް އިންސާނާ ދަތުރުކުރަންޖެހޭ ސަބަބަކީ ކޮބައިބާވައެވެ. މި ދުނިޔެ ނުވަތަ އިންސާނާ ދިރިއުޅެމުން މިގެންދާ އާރތު އަކީ ، އިންސާނާ ދިރިއުޅުމަށް އެންމެ ފަސޭހަ އަދި އަރާމު ތަނުގެ ގޮތުގައި ވަރަށް ފުރިހަމަ ޤުދްރަތީ ނިޒާމަކުން ﷲ އެވަނީ މިބިން އުފައްދަވާފައެވެ. ﷲ އީ އުޑުތަކާއި ބިން އުފެއްދެވި އިލާހެވެ. ބިމާއި އުޑުގައިވާ އެންމެހާ ޢާލަމްތައް އުފައްދަވައި ޤުދްރަތީ ފުރިހަމަ ނިޒާމަކުން އެތަންތަން ހިނގަމުންދާނެގޮތް ، ﷲ ވަނީ ރާއްވަވާފައެވެ.

ކީރިތި ޤުރްއާނުގެ ޣާފިރު ސޫރަތުގެ 64 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

اللَّهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَارَبُّكُمْ ۖ فَتَبَارَكَ اللَّهُ رَبُّ الْعَالَمِينَرًا وَالسَّمَاءَ بِنَاءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ ذَٰلِكُمُ اللَّهُ 

މިއާޔަތުގެ މާނަޔަކީ ،" ﷲ އީ ، ތިޔަބައިމީހުންނަށްޓަކައި ، ތިޔަބައިމީހުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއްކަމުގައި ބިންލެއްވި ރަސްކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި އުޑުލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ޞޫރަ ކުރައްވައި ، ތިޔަބައިމީހުންގެ ޞޫރަ ރީތިކުރައްވައި ، އަދި ހެޔޮތަކެތިން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވި ރަސްކަލާނގެއެވެ. އެއީ، ﷲ އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ ، ޢާލަމްތަކުގެވެރި ﷲ މަތިވެރިވެވޮޑިގެންފިއެވެ. "

ކީރިތި ޤުރްއާނުގެ އަލް އަޢުރާފް ސޫރަތުގެ 10 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

وَلَقَدْ مَكَّنَّاكُمْ فِي الْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَايِشَ ۗ قَلِيلًا مَّا تَشْكُرُونَ

މިއާޔަތުގެ މާނަޔަކީ ، " ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި ބާރުވެރިކޮށްދެއްވީމެވެ. އަދި އެތާނގައި ، ތިޔަބައިމީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ލެއްވީމެވެ. ( އެހެނެއްކަމަކު ) ތިޔަބައިމީހުން ޝުކުރު ކުރަނީ ވަރަށްވެސް މަދުންނެވެ. "

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 22 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

 الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ

މިއާޔަތުގެ މާނަޔަކީ ، " އެކަލާނގެއީ ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި ، އަދި ބިނާއެއްކަމުގައި އުޑު ލައްވައި ، އުޑުން ފެން ވެއްސަވައި ، އެއިން ތިޔަބައިމީހުންނަށް ރިޒްޤެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ ، ( އެކަލާނގެ ޚާލިޤުވަންތަކަން ) ތިޔަބައިމީހުން ދެނެތިބެ ، ﷲ އަށް ޝަރީކުންތަކެއް ތިޔަބައިމީހުން ނުލާށެވެ! "

ކީރިތި ޤުރްއާނުގެ އައްނަމްލު ސޫރަތުގެ 61 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

أَمَّن جَعَلَ الْأَرْضَ قَرَارًا وَجَعَلَ خِلَالَهَا أَنْهَارًا وَجَعَلَ لَهَا رَوَاسِيَ وَجَعَلَ بَيْنَ الْبَحْرَيْنِ حَاجِزًا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

މިއާޔަތުގެ މާނަޔަކީ ، " ނުވަތަ ޤަރާރުވެ ތިބުމުގެ ތަނެއްކަމުގައި ، ބިންލައްވައި އެތާނގައި ކޯރުތައް ލައްވައި ، އަދި އެތާނގައި ހަރުލައިހުންނަ ފަރުބަދަތައް ލައްވައި ، އަދި ( މީރުފެނާއި ލޮނުފެނުގެ ) ދެ ކަނޑު ދެމެދުގައި ހުރަހެއް ލެއްވި ރަސްކަލާނގެ ހެއްޔެވެ ؟ ﷲ އާ އެކުގައި އެހެން އިލާހަކު ވޭހެއްޔެވެ ؟ އަދި ކިއެއްތަ ! އެއުރެންކުރެ ގިނަމީހުނެއް ( އެކަމެއް ) ނުދަނެތެވެ. "

ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 6 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُّبِينٍ

މިއާޔަތުގެ މާނަޔަކީ ، " ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން ، އެ އެއްޗަކަށް ﷲ ރިޒުޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި ، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ. "

ކީރިތި ޤުރްއާނުގެ އަލްޢަންކަބޫތު ސޫރަތުގެ 60 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

 وَكَأَيِّن مِّن دَابَّةٍ لَّا تَحْمِلُ رِزْقَهَا اللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ السَّمِيعُ الْعَلِيمُ

މިއާޔަތުގެ މާނަޔަކީ ، " ދިރޭތަކެތީގެ ތެރެއިން އެ އެއްޗެއްގެ ރިޒްޤު ލިބިގަތުމަށް ކުޅަދާނަވެގެންވާ ކިތައް ކިތައްއެތި ވޭހެއްޔެވެ؟ އެ ތަކެއްޗަށާއި ، ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ ﷲ އެވެ. އެކަލާނގެއީ ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. "

ކީރިތި ޤުރްއާނުގެ ފާޠިރު ސޫރަތުގެ 3 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۚ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ

މިއާޔަތުގެ މާނަޔަކީ ، " އޭ މީސްތަކުންނޭވެ ! ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ހަނދުމަކުރާށެވެ ! ﷲ މެނުވީ ތަކެތި ހައްދަވާ ، އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވާ ކަލަކު ވޭހެއްޔެވެ ؟ އެކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. ފަހެ ، ތިޔަބައިމީހުން ( އީމާންކަމުން ) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟ "

ކީރިތި ޤުރްއާނުގެ ފުރްޤާން ސޫރަތުގެ 63 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا

މިއާޔަތުގެ މާނަޔަކީ " ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންނީ ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން މުޚާޠަބު ކޮށް ވާހަކަދައްކައިފި ހިނދަކު ، އެއުރެން ސަލާމޭ ބުނެތެވެ. "

ކީރިތި ޤުރްއާނުގެ އަލްމުލްކު ސޫރަތުގެ 15 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ

މިއާޔަތުގެ މާނަޔަކީ ، " އެކަލާނގެއީ ، ތިޔަބައިމީހުންނަށްޓަކައި ، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒްޤުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ ، އެކަލާނގެ ޙަޟްރަތަށެވެ. "

ކީރިތި ޤުރްއާނުގެ އަލްބަޤަރާ ސޫރަތުގެ 36 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ

މިއާޔަތުގެ މާނަޔަކީ ، " ފަހެ ، ޝައިޠާނާ އެ ގަސް މެދުވެރިކޮށް ، އެ ދެކަނބަލުން ކުށުގައި އަޅުވައި ، ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި ނިޢުމަތްތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ޢަދާވަތްތެރިން ކަމުގައިވާ ޙާލު ، ތިޔަބައިމީހުން ( ބިމަށް )  ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި  ، ޤަރާރުވެ ތިބެނިވި ތަނަކާއި ، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ. "

ކީރިތި ޤުރްއާނުގެ އަލްއަންޢާމު ސޫރަތުގެ އެންމެފަހު އާޔަތްކަމުގައިވާ ،  165 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

وَهُوَ الَّذِي جَعَلَكُمْ خَلَائِفَ الْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَبْلُوَكُمْ فِي مَا آتَاكُمْ ۗ إِنَّ رَبَّكَ سَرِيعُ الْعِقَابِ وَإِنَّهُ لَغَفُورٌ رَّحِيمٌ

މިއާޔަތުގެ މާނަޔަކީ ، " އެކަލާނގެއީ ، ބިމުގެ ޚަލީފާއިން ކަމުގައި ، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރެ ، އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރި ކުރެއްވިއެވެ. ( އެއީ ) ތިޔަބައިމީހުންނަށް ، އެކަލާނގެ ދެއްވި ތަކެއްޗާމެދު ، ތިޔަބައިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ، ޢިޤާބު ދެއްވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން ، އެކަލާނގެއީ ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. "

ކީރިތި ޤުރްއާނުގެ އައްރޫމު ސޫރަތުގެ 41 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ

މިއާޔަތުގެ މާނަޔަކީ ، " މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން ، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. ( އެއީ ) އެއުރެން ( ތައުބާވެ ) ރުޖޫޢަ ވުމަށްޓަކައެވެ. "

ކީރިތި ޤުރްއާނުގެ މި އާޔަތްތަކުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރައްވައި އަންގަވާފައި އެވަނީ ، ބިމަކީ އިންސާނާ ދިރިއުޅުމަށްޓަކައި ހައްދަވައި ޚަލީފާވެރި ކުރައްވާފައިވާ ތަން ނުވަތަ ދުނިޔެކަމުގައެވެ. އެފަދަ ފުރިހަމަ އެހެންތަނެއް ، ސުވަރުގެ ފިޔަވައި ، އިންސާނުން ދިރިއުޅުމަށްޓަކައި ހައްދަވާފައެއް ނުވެއެވެ. މިހާ މަތިވެރި ޤުދްރަތީ ނިޒާމަކުން އެހާމެ ފުރިހަމަޔަށް ހިނގަމުންއަންނަ ތަނެއް ދޫކޮށް ، ތަކުލީފާއި އުނދަގުލުން ދިރިއުޅެވެން ހުންނަ ތަންތަން ހޯދައިގެން ، ދުނިޔެ ނޫން އެހެންތަންތަނުގައި ދިރިއުޅުމަށް އިންސާނާގެ ހިތް އެދެނީ ކޮންސަބަބަކާހުރެ ބާވައެވެ. ދުނިޔެ ހައްދަވާފައިވަނީ އިންސާނާއަށްޓަކައެވެ. އިންސާނާ ދިރިއުޅުމަށްޓަކައެވެ. ތަފާތު ތަނަކަށްގޮސް ދިރިއުޅެން ބޭނުމިއްޔާ މާދުރަށް ނުގޮސް ، ކަނޑަށްގޮސް ، ކަނޑުއަޑީގައި އޮކްސިޖަން ފުޅި އަޅައިގެން ދިރިއުޅެންވީ ނޫން ހެއްޔެވެ ؟ އިންސާނާގެ މޮޔަކަން ހަމަ ބޮޑީއޭ ބުނުން ފިޔަވައި ދެންބުނާނީ ވަކި ކީކޭ ހެއްޔެވެ ؟

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.