ޢީދުނަމާދު ކުރި މީހާ ހުކުރު އެޅުން ހުއްދަވާނެތަ؟

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ
اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ

މިލިއުމުގައި އަންނަ މުހިއްމު ނުގުތާތައް                   

  • ހުކުރު ދުވަހު ޢީދު ދުވަސް އައުމަކީ ބަރަކާތްތެރި ދެ ޢީދު އެއްދުވަހަކު ޖަމާވުމެވެ.
  • ޢީދުކޮށްފި މީހާއަށް ހުކުރު ކުރަންނުޖެހޭނެ ކަަމަށް ދެވޭ ވާހަކައަކީ ރާއްޖޭގައި މިހާރަކަށް އައިސް ފެތުރިގެން އުޅޭ ދެކޮޅުނުޖެހޭ ވާހަކައެކެވެ.
  • ޢީދު ނަމާދަކީ ސުއްނަތެކެވެ. ޖަމާޢަތުގައްޔާއި ވަކިވަކިންނާއި ޖަމާއަތުގައްޔާއި ޖަމާޢަތަކާ ނުލައި ގޭގައި ވެސް ޢީދު ކުރެވިދާނެއެވެ.
  • ހުކުރުނަމާދާއި މެންރު ނަމާދު ދޫކޮށްލަން ބުނާބަޔަކު ބުނަނީ ޟަޢީފު ޙަދީޘަކަށް ބަރޯސާކޮށްގެންނެވެ.
  • ދީނުގެ ބޮޑެތި އެންމެހައި ޢިލްމުވެރިން ވިދާޅުވަނީ ހުކުރު ދުވަހު ޢީދު ކުރިކަމުގައި ވިއަސް ހުކުރު ކުރަން ޖެހޭނެ ކަމަށެވެ.
  • ބާދިޔާތަކާއި ވިލެޖްތަކުގައި ދިރިއުޅޭ މީހުންނަށް އެރަށްރަށުގައި ހުކުރު ކުރުންވެސް އަދި ޖަމާާޢަތުގައި ޢީދު ނަމާދު ކުރުންވެސް ނޯވެއެވެ.
  • ޢީދު ދުވަހު ހުކުރު ކުރުން ނޯންނަ ކަމަށް ދެކެވޭ ވާހަކައަކީ ޤުރުއާނާއި ކީރިތި ރަސޫލާއާއި އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅާއި ފުށުއެރުމުގެ އިތުރުން ބުއްދިއާވެސް ޚިލާފު ކަމެކެވެ.
  • ދީނުގެ ކަންކަން އަންގައިދިނުމަކީ ފިތުނަވެރިކަމަށް ދޮރުހުޅުވައިލަދޭ ކަމަކަށް ވެގެން ނުވާނެއެވެ.

ދެޢީދު އެއްދުވަހެއްގައި ޖަމާވުމަކީ ބަރަކާތެއް

މިއަންނަ ހުކުރު ދުވަހަކީ ފިޠުރު ޢީދު ދުވަހެވެ. ޢީދު ދުވަހާ ހުކުރު ދުވަސް އެއްދުވަހެއްގައި ދިމާވުމަކީ މުސްލިމުންނަށް އެމީހުންގެ ދެޢީދު ދެދުވަސް އެއް ދުވަހަކާ ދިމާވެ، ދެއުފަލުގައި ބައިވެރިވުމަށް ލިބޭ މާތް، ބޮޑު ދުވަހެކެވެ.

މިއުފާވެރި ދުވަހުގައި ދެނަމާދުކުރަން އެބަ އޮވެއެވެ. ޢީދު ނަމާދާއި ހުކުރު ނަމާދެވެ. ހުކުރު ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮންނަ ފަރުޟު ނަމާދެކެވެ. ހުކުރު އެޅުން ހުއްދަވާނީ ހުކުރުގެ ޝަރުޠު ހަމަނުވާ މީހުންނަށެވެ. ނުވަތަ ހުކުރު އަޅައިފުމަށް ޢުޛުރުވެރިވާ މީހަކަށެވެ. އެފަދަ މީހަކަށް ވެސް މެންދުރު ނަމާދު ކުރުން ވާޖިބުވާނެއެވެ. އަދި ހުކުރު ނުލިބިއްޖެ މީހާއަށް ވެސް މެންދުރު ނަމާދު ވާޖިބުވެގެންވާ ކަމުގައި ދީނުގެ ޢިލްމުވެރިން އެއްބަސްވެ އިޖްމާވެ ވަޑައިގަންނަވައެވެ.

ފެތުރިގެން އުޅެނީ ޙައިރާންކުރަނިވި ފަތުވާއެއް

މިހާރަކަށް އައިސް ރާއްޖޭގައި ފެތުރެމުންދާ ފިތުރަވެރި ފަތުވާއެއް އެބައޮވެއެވެ. އެއީ ޙަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ދެއްވާ ފަތުވާއެކެވެ. އެހެންނާ އެބޭކަލުން ފިޔަވައި ދީނުގެ އެންމެހައި ޢިލްމުވެރިން ވިދާޅުވަނީ މިއީ ނުބައި ފަތުވާއެއް ކަމަށެވެ. އެއީ ޢީދު ދުވަހާ ހުކުރުވަސް އެއްދުވަހަކަށް ވެފައި ޢީދުކޮށްފި މީހާ ހުކުރުނަމާދު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި މިއަށްވުރެންވެސް ޢަޖާއިބުކުރަނިވި ފަތުވާއެއް މިބައިމީހުންގެ ތެރޭގައި އެބައޮތެވެ. މިއީ ޒާހިރީ ބައެއް ޢިލްމުވެރިންގެ ފަތުވާއެކެވެ. މިފަދަ ހުކުރު  ދުވަހެއްގައި އެދުވަހު ޢީދުކޮށްފި މީހެއްގެ މައްޗަށް ހުކުރު ނަމާދާއި މެންދުރު ނަމާދާއި ދެނަމާދުންކުރެ ނަމާދެއް ކުރުންވެސް ފަރުޟުވެގެން ނުވާކަމަށެވެ. [لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ] މިއީވެސް ދީނުގެ ފަތުވާއެކެވެ. ﷲ އަންގަވަނީ ހުކުރު ދުވަހު ހުކުރަށް ބަންގި ގޮވުމުން ތިމާމެންގެ ދުނިޔަވީ އެންމެހައި މަސައްކަތްތައް ހުއްޓާލާފައި އަވަހަށް ހުކުރަށް އައުމަށެވެ. މިބައިމީހުން ފަތުވާ ދެނީ ޢީދު ދުވަހު ޢީދުކޮށްފުމުން ހުކުރުވެސް އަދި މެންދުރުވެސް މާފުކުރެވުނީ ކަމަށެވެ.

ޢީދު ނަމާދަކީ ސުއްނަތެކެވެ. އެނަމާދު ޖަމާޢަތުގައި ވެސް ކުރެވިދާނެެއެވެ. ތިމާއެކަނި މިސްކިތުގައި ނުވަތަ ގޭގައި ވެސް ކުރެވިދާނެއެވެ. މިގޮތުން ތިމާމެންނަށް ކުރުމާއި ނުކުރުން އިޚްތިޔާރު ކަމެއްގެ ގޮތުގައި އޮންނަ ސުއްނަތް ކުރުމުގެ ސަބަބުން މާތް ﷲ އިސްލާމީ އުއްމަތަށް ފަރުޟު ކުރަށްވާފައި އޮތް ހުކުރު ނަމާދާއި މެންދުރު ނަމާދު، ވާޖިބު އެޅުން ހުއްދަވާ ކަމަށް ބުނުމީ ކޮންތާކު އޮތް ހަމައެއްތޯއެވެ؟ އަދި މިއީ ކޮންފަދަ ބުއްދިއަކުން ވިސްނާ ކަމެއްބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އެހެންނާ ފަރުޟު ނަމާދަކީ އެއާނުލައި އިސްލާމް ދީން ފުރިހަމަ ނުވާ އަޅުކަމެކެވެ. ދަނެގެން އެއް ނަމާދުވެސް އަޅައިފިމީހާއީ ކާފިރެއް ކަމުގައި ޚުދު މިބޭފުޅުން ފަތުވާ ދެއްވާއިރު އަނެއް ކޮޅުން މިވިދާޅުވަނީ އެއްވެސް ޢުޛުރަކާ ނުލައި ހުކުރު ނަމާދާއި މެންދުރު ނަމާދު ދޫކޮށްލުމީ ހުއްދަކަމެއް ކަމަށެވެ.

މިއީ ގެއެއްގައި ފުރާޅު ނުލައި ދިޔަދޮވި ހަރުކުރުން ކަހަލަ ކަމެއް

ކުރީންވެސް އަޅުގަނޑު ބުނި ފަދައިން މިފަތުވާއަކީ ރާއްޖޭގައި މާބޮޑަށް އަޑުއަރަމުންދާ ފަތުވާއެކެވެ. މިއީ ޙަންބަލީ މަޛްހަބުގައި އޮންނަ ދެ ރައުޔުގެ ތެރެއިން އެއް ރައުޔެވެ. ދީނުގެ ޢިލްމުވެރިން ވަނީ ވަރަށް ހަރުކަށިކޮށް މިއަށް ރައްދު ދެއްވާފައެވެ. ޙަޤީޤަތުގައި މިއީ ބަލިކަށި ޝާޛު ރައުޔެކެވެ. ސުއްނަތް ނަމާދެއް މީހަކު ކުރުމަކުން އޭނާގެ މައްޗަށް މާތް ﷲ ފަރުޟު ކުރެއްވި ފަރުޟު ނަމާދު އުފުލިގެން ދާނެކަމަކަށް ދުށުމަކީ ސަލާމަތް ބުއްދި ޤަބޫލު ކުރާނެ ކަމެއްނޫނެވެ. ޢީދު ނަމާދު ކުރުމުން ހުކުރު މާފުވާނެނަމަ ޟުޙާ ނަމާދު ކޮށްފި މީހަކަށް މެންދުރު ނަމާދު ކުރުންވެސް މާފުވާންޖެހޭނެ ނޫންތޯއެވެ؟ އަދި ދަމުނަމާދު ކޮށްފި މީހާއަށް ފަތިސް ނަމާދު މާފުވާނެތާއެވެ؟ އެހެންކަމުން މީހަކު ގެއެއްގައި ފުރާޅުނުލައި ދިޔަދޮވި ހަރުކޮށްގެން ބޯހިޔާކުރަން އުޅުނަކަސް ބޯހިޔާ ނުވާނެ ފަދައިން ސުއްނަތްވެގެންވާ ޢީދުނަމާދު ކުރުމަކުން ﷲ ފަރުޟުކުރެއްވި ހުކުރުގެ ވާޖިބުކަން ކެނޑިގެން ނުދާނެެއެވެ.

ފަރުޟު އުވިދާކަމަށް ދަޢުވާ ކުުރެވެނީ ޟަޢީފު ޙަދީޘަކަށް ބަރޯސާކޮށްގެން

މިދެންނެވި ބަލިކަށި ރައުޔު ބިނާވެގެންވަނީ ބަލިކަށި ޙަދީޘެއްގެ މައްޗަށެވެ. އެއީ އިބްނު މާޖާގައި އައިސްފައިވާ މިޙަދީޘެވެ. އޭގައި ވަނީ رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުކުރު ދުވަހެއްގައި ޢީދު ނަމާދު ކުރަށްވައިގެން، އެކަލޭގެފާނުންގެ ފަހަތްޕުޅުގައި މަދީނާއަށް ޢީދު ކުރުމަށް އައިސްފައި ތިބި ބާދިޔާތަކާއި ވިލެޖްތަކުގެ މީހުންނާ މުޚާޠަބު ކުރަށްވައި މިފަދައިން ޙަދީޘު ކުރެއްވި ކަމަށެވެ. [قَدْ اِجْتَمَعَ فِي يَوْمكُمْ هَذَا عِيدَانِ فَمَنْ شَاءَ أَجْزَأَهُ مِنْ الْجُمُعَة وَإِنَّا مُجَمِّعُونَ]  މާނައީ: ހަމަކަށަވަރުން މިއަދު މިވަނީ ދެޢީދު ޖަމާވެފައެވެ. ތިޔަބައިމީހުން ބާދިޔާތަކުގެ މީހުންގެ ތެރެއިން ބޭނުންމީހަކު ހުކުރަށް މަޑު ނުކުރިއަސް ފުދޭނެއެވެ. ތިމަންމެން ހުކުރު ކުރުމުގެ ގޮތުން އަނެއް ޖަމާޢަތް ބާއްވާނަމެވެ. މިއެވެ. މިމައްސަލައާމެދު رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން ޞައްޙަ ޙަދީޘެއް އައިސްފައި ނުވެއެވެ. ބަޔާންވެދިޔަ ޙަދީޘު ޟަޢީފު ކަމުގައި ގިނަ މުޙައްދިޘުން ބަޔާން ކުރަށްވާފައި ވެއެވެ. އަދި މިސާލަކަށް އެރިވާޔަތަކީ ޞައްޙަ ރިވާޔަތަކަށް ބެލިކަމުގައި ވިއަސް އެޙަދީޘުގެ ޙަޤީޤަތަކީ އެއީ ހުކުރު ވާޖިބުނުވާ ބަޔަކާ މުޚާޠަބު ކުރަށްވައި ކީރިތި ރަސޫލާ އެބައިމީހުންނަށް ދެއްވި އިޚްތިޔާރެކެވެ. އެބައިމީހުން ހުކުރު ކުރަން މަދީނާގައި މަޑު ކުރުމާއި ހުކުރަށް އިންތިޒާރު ނުކޮށް ރަށަށް ދިއުމާއި ދެގޮތުން އެމީހަކު ބޭނުން ގޮތެއް އިޚްތިޔާރު ކުރުމަށެވެ. އަދި މިތާ ވިސްނަންޖެހޭ މުހިއްމު ނުގުތާއަކީ ޢީދު ނަމާދު ކުރުމުން ހުކުރު ނަމާދު މާފު ކުރެވޭނަމަ ކީރިތި ރަސޫލާއާއި މަދީނާގެ އަހުލުވެރިންވެސް ހުކުރު ނުކުރަށްވައި ހުކުރު ދޫކޮށްލެއްވީހެވެ. އެހެންނާ އެއެންމެހައި ބޭކަލުން ކީރިތި ރަސޫލާގެ ފަތްޕުޅުގައި ޢީދު ކުރެއްވުމަށްފަހު މެންދުރުވުމުން ވަޑައިގެން ހުކުރުވެސް ކުރެއްވީއެވެ.

ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ފަތުވާ

މިމައްސަލައާމެދު އިމާމު ޝާފިޢީއާއި އަބޫ ޙަނީފާއާއި މާލިކުގެ ފަތުވާއަކީ މިއީއެވެ. އަދިއެއީ އިމާމު އަޙްމަދުވެސް އެއް ރައުޔެވެ. އިމާމު ޝާފިޢީ އެކަލޭގެފާނުންގެ ފޮތް އަލްއުއްމުގައި މިފަދައިން ވިދާޅުވެފައި ވެއެވެ. [وَلاَ يَجُوزُ هَذَا لِأَحَدٍ مِنْ أَهْلِ الْمِصْرِ أَنْ يُدْعَوْا أَنْ يَجْمَعُوا إلاَّ مِنْ عُذْرٍ يَجُوزُ لَهُمْ بِهِ تَرْكُ الْجُمُعَةِ، وَإِنْ كَانَ يَوْمَ عِيدٍ وَهَكَذَا إنْ كَانَ يَوْمَ اْلأَضْحَى لاَ يَخْتَلِفُ إذَا كَانَ بِبَلَدٍ يَجْمَعُ فِيهِ الْجُمُعَةَ وَيُصَلِّي الْعِيدَ، وَلاَ يُصَلِّي أَهْلُ مِنًى صَلاَةَ اْلأَضْحَى، وَلاَ الْجُمُعَةَ لِأَنَّهَا لَيْسَتْ بِمِصْرٍ] މާނައީ: ޝަހަރެއްގައި ދިރިއުޅޭ އެއްވެސް މީހަކަށް ހުކުރު އެޅުން ހުއްދަކުރާ ޢުޛްރެއް މެދުވެެރިނުވާހައި ހިނދަކު އެދުވަސް އެއީ ޢީދު ދުވަހެއްކަމުގައި ވެފައި، އަދި ޢީދު ނަމާދު ކުރިކަމުގައި ވިއަސް ހުކުރު އެޅުމަކީ ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. ހަމައެހެންމެ (މައްކާގެ ބޭރުގައި އޮންނަ އަވަށެއް ކަމުގައިވާ) މިނާއަކީ ޝަހަރަކަށް ނުވާތީވެ މިނާގެ އަހުލުވެރިންނަށް އެތާގައި ޢަޟްޙާ ޢީދު ދުވަހު ޢީދުކުރުމެއް ނޯވެއެވެ. އަދި އެތާގައި ހުކުރުކުރުމެއް ވެސް ނޯވޭމެއެވެ. އެއީ މިނާއަކީ މައްކާއާ ވަކިން އޮންނަ ޝަހަރަކަށް ނުވާތީއެވެ.

ޢިލްމުވެރިން ވިދާޅުވަނީ ކުރީގައި ބަޔާންވެދިޔަ ޙަދީޘުގައި ވިލެޖްތަކުގެ މީހުންނަށް ރަށަށް ދިއުމަށް ހުއްދަ ދެއްވުމުގެ މަޤްޞަދަކީ އެބައިމީހުން މަދީނާގައި މަޑުނުކޮށް އެމީހުންގެ އަނބިދަރިންގެ ގާތަށް އެނބުރި ދިއުން އަވަސް ކުރުން ކަމަށެވެ. އެބައިމީހުންގެ މުޅިޢީދު ދުވަސް ދަތުރުމަތީ ގެއްލިނުގޮސް ތިމާމެންގެ އަނބިދަރިންނާއެކު ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ހުކުރު ވާޖިބުނުވާ ބަޔަކަށްވާތީވެ އެބައިމީހުންނަށް ދެއްވި ލުޔެއްކަމަށެވެ.

ޢީދުގެ އުފަލުގައި ތިމާމެންގެ ޢާއިލާއާއެކު ބައިވެރިވެ އުފާކުރަންވީ

މިދެދުވަހުގެ މާތްކަމުގެ ބޮޑުކަމަކީ އުފާކުރަންޖެހޭ ދެދުވަސް އެއްދުވަހަކަށް ވުމެވެ. ދެޢީދު ޖަމާވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާނޭ ވަރަށްވެސް ބޮޑުއުފަލެކެވެ. ދުވަހުގެ މުނާސަބާގައި ދީނުގައި ވަނީ އެދެދުވަހުގައިވެސް ރޯދަހިފުން މަނާކުރަށްވާފައެވެ. މިބޮޑު އުފަލުގައި އޮތީ އެއްބަޔަކު އަނެއް ބަޔަކަށް ސަލާންގަލާން ކުރުމާއި ހަދިޔާބަދިޔާ ބަދަލުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅުން ބަދަހިކުރުމެވެ. ދެމީހެއްގެ ދެމެދުގައި ނުގުޅުމެއް އޮތްނަމަ އެކަން ފިލުވައިލުމާއެކު ސުލްޙަވެރިވެ ހިތް ސާފުކޮށްލުމެވެ.

ފިތުނަފަސާދައިން ދުރުހެލިވަމާ

ދީނުގެ ނަމުގައި ދެވޭ، ދެކޮޅުނުޖެހޭ މިފަދަ ހަރުކަށި ފަތުވާތަކަކީ ރާއްޖޭގެ އަމަން އަމާންކަމާއި އެއްބައިވަންތަކަން ނައްތައިލާނެ ކަންކަމެވެ. މިފަދަ ފަތުވާތައް ފެތުރުމުން ފިތުނަ އުފެދުން ފިޔަވައި ދެދުނިޔެއިން ލިބޭނެ ފައިދާއެއް ނޯންނާނެއެވެ. އެހެންކަމުން މިފަދަ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސް ކުރާހިތްވަނީ މިކަންކަމުން އެއްކިބާވެ ތިއްބަވައިގެން ދީނުގެ ދަޢުވަތު ދެއްވުމުގައިވެސް ދީނުގައި އޮންނަ ރީތި އުޞޫލުގައި ހިފަހައްޓަވައިގެން ދީން ފަތުރުއްވަވަން މަސައްކަތް ކުރެއްވުމީ އެންމެ ކާމިޔާބު ގޮތް ކަމުގައެވެ.

اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ
وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.