ކީރިތި ޤުރުއާނާއި ކައުއިތުރު ރަސޫލާގެ ސުންނަތުގެ އަލީގައި
( 25 ފެބްރުއަރީ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ވަޤުތު ނުވަތަ ސާޢަތް
ގަޑި ، ވަޤުތު ނުވަތަ ސާޢަތަކީވެސް ، ޤިޔާމަތްދުވަހަށް ދެވިފައި އޮންނަ ނަމެކެވެ. ކީރިތި ޤުރްއާނުގެ އެކި އާޔަތްތަކުގައި އެގޮތަށް އައިސްފައި ވެއެވެ.
އަލްޙިޖްރު ސޫރަތުގެ 85 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ ۗ وَإِنَّ السَّاعَةَ لَآتِيَةٌ ۖ فَاصْفَحِ الصَّفْحَ الْجَمِيلَ
މިއާޔަތުގެ މާނަޔަކީ ، " ތިމަންރަސްކަލާނގެ އުޑުތަކާއި ، ބިމާ އަދި ، އެ ދެމެދުގައިވާހާ ތަކެއްޗެއް ، ޙައްޤު ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން ، ޤިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ ! "
އަދި ހަމަ އެފަދައިން ، ކީރިތި ޤުރްއާނުގެ ޠޯހާ ސޫރަތުގެ 15 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
إِنَّ السَّاعَةَ آتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسٍ بِمَا تَسْعَىٰ
މިއާޔަތުގެ މާނަޔަކީ ، " ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ ވަގުތަކީ ، އަންނާނޭ އެއްޗެކެވެ. ތިމަންރަސްކަލާނގެ އެވަގުތު ވަންހަނާ ކުރެއްވުމަށް އިރާދަކުރައްވާފައިވަނީ ، ކޮންމެ ނަފްސަކަށްވެސް ، އެ ނަފްސެއް ކުޅަ ޢަމަލުގެ ޖަޒާ ލިބުމަށްޓަކައެވެ. "
ކީރިތި ޤުރްއާނުގެ އަލްޙައްޖު ސޫރަތުގެ ފުރަތަމަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ
މިއާޔަތުގެ މާނަޔަކީ ، " އޭ މީސްތަކުންނޭވެ ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ ! ހަމަކަށަވަރުން ، ޤިޔާމަތް ވުމުގެ ޒަލްޒަލާ ( ގެ ވަޤުތު ) އަކީ ބޮޑުވެގެންވާ ކަމެކެވެ. "
އަންދަލުސްގެ މަޝްހޫރު ޢިލްމުވެރިޔެއްކަމުގައިވާ ، އަބޫ ޢަބްދުﷲ އަލްޤުރްޠުބީ ވިދާޅުވާ ގޮތުގައި ، ޢަރަބި ބަހުގައި ސާޢަތަކީ ، ވަކިއިރެއްނެތި ކަނޑައެޅިފައިވާ ވަގުތު ކޮޅެކެވެ. އާދަކާދައިގެ މަތިން އެ ވަގުތުކޮޅަކީ ، ރެޔާއި ދުވާލަށް ކަނޑައެޅިފައި އޮންނަ ސައުވީސް ގަޑިއިރެއްގެ ތެރެއިން ، ނެގޭ ކުޑަ ވަގުތުކޮޅެކެވެ. ކީރިތި ޤުރްއާނުގައި އައްސާޢަތު ، މިބަސް އައިސްފައި އޮތްގޮތުން ، އެ ވަގުތުކޮޅު ޤިޔާމުގެ ވަގުތަށް ނުވަތަ ޤިޔާމަތް ދުވަހުން ވަގުތުކޮޅަކަށް ނިސްބަތް ކުރެވެއެވެ. ބުނެވޭގޮތުގައި އެއީ ، އެދުވަހުގެ ޢަލާމާތްތައް ދުނިޔެމަތިން ފެނުނަސް ، ކުއްލިޔަކަށް ކުރިން ހިލަމެއްނުވެ އަންނަ ވަގުތުކޮޅެކެވެ. ( އައްތަޛްކިރަ : 216 )
ޔަވްމުއްބަޢްޘި ނުވަތަ ފުރާނަ އަޅުއްވައި ދިރުން ދެއްވާ ދުވަސް
ކީރިތި ޤުރްއާނުގެ ޙައްޖު ސޫރަތުގެ ފަސްވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ
މިއާޔަތުގެ މާނައީ ، " އޭ މީސްތަކުންނޭވެ! ( މަރުވުމަށްފަހު ) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު ، ތިޔަބައިމީހުން ޝައްކެއްގައިވާނަމަ ، ފަހެ ، ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ( ގެ އަޞްލު ) އުފެއްދެވީ ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން ( އާދަމުގެދަރިޔެއްގެ ) ސިފަ ފާޅުވެގެންވާ ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ ( ކޮންމެކަމަކަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ރަޙިމުތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން ( ދުނިޔެމައްޗަށް ) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ، ފުރާފުރިހަމަވުމާހަމަޔަށް ފޯރައެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާމީހުން ، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި އަރްޛަލިލް ޢުމުރަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށްފަހުގައި ، ނޭނގުމަށްޓަކައެވެ. އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނޫއެވެ. ފަހެ ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު ، އެ ބިމުގެ ގަސްތަކުގެ ޙަރަކާތް ފެށި ، ގަސްތައް އިތުރުވެއެވެ. އަދި ހުރިހާ ބާވަތަކުން ، ބަލާމީހާޔަށް އުފާލިބެނިވި ގަސްތައް ފަޅުވަތެވެ. "
މީގެ އިތުރަށް ، ފުރާނަ އަޅުއްވައި ދިރުން ދެއްވުމާ ގުޅޭގޮތުން ، ކީރިތި ޤުރްއާނުގެ ސޫރަތުއްރޫމްގެ ފަންސާސް ހަވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
وَقَالَ الَّذِينَ أُوتُوا الْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّهِ إِلَىٰ يَوْمِ الْبَعْثِ ۖ فَهَٰذَا يَوْمُ الْبَعْثِ وَلَٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ
މި އާޔަތުގެ މާނައީ ، " އަދި އެބަޔަކަށް ޢިލްމާއި އީމާންކަން ލިބިގެންވާ މީހުން ބުނާނެތެވެ. އަލުން ދިރުއްވާނޭ ދުވަހާ ޖެހެންދެން ﷲ ކަނޑައަޅުއްވާފައިވާގޮތަށް ހަމަކަށަވަރުން ، ތިޔަބައިމީހުން ތިބެއްޖައީމުއެވެ. ފަހެ ، މިއީ އަލުން ދިރުއްވައި ފޮނުއްވާ ދުވަހެވެ. އެހެނެއްކަމަކު ތިޔަބައިމީހުންވީ ( އެކަން ) ނުދަންނަ ކަމުގައެވެ. "
ލީބިއާގެ ތާރީޚީ އަދި ޢަރަބިބަހާބެހޭ ޢިލްމުވެރިޔެއްކަމުގައިވާ ، މުޙައްމަދު އިބްނު މުކައްރަމް އިބްނު ޢަލީ އިބްނު މަންޒޫރު އަލްއަންޞާރީ އަލްޚަޛްރަޖީ ، ނުވަތަ ޢާންމު ބަހުންނަމަ ، އިބްނު މަންޒޫރު ވިދާޅުވާގޮތުގައި ފުރާނަ އަޅުއްވައި ދިރުން ދެއްވާ ދުވަސް ، ޤިޔާމަތަށް ނިސްބަތްވަނީ ، އެދުވަހަކީ ، މަރުވެނެތިގޮސްފައިވާ އެންމެހައި އިންސާނުންގެ ހަށިތަކަށް ދިރުން ދެއްވައި ފުރާނަ އަޅުއްވައި ، ހިސާބު ބެއްލެވުމަށް ( މަޙްޝަރުގެ މައިދާނަށް ) އެއްކުރައްވާ ދުވަސް ކަމަށްވާތީއެވެ. ( ލިސާނުލް ޢަރަބި 230/1 ) ( ނުނިމޭ )

