ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރ

ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ޝާމިލުވުމާއި، ބައިވެރިވުން އިތުރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މިނިސްޓަރ ދެއްވި މެސެޖުގައެވެ.

މިނިސްޓަރ ދެއްވި މި މެސެޖުގައި ތަފްޞީލުދެއްވަމުން ވިދާޅުވެފައި ވަނީ ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ޝާމިލުވުމާއި، ބައިވެރިވުން އިތުރު ކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ދައުރު ފުޅާކޮށް، އެ ކޮމެޓީތަކުގެ މަސައްކަތަށް ފަހިކަން ގެނައުމަށް ޓަކައި ފުރިހަމަ ކުރަންޖެހޭ ނިޒާމީ ކަންކަމާއި، އިދާރީ ކަންކަމާއި، އަދި ތިޖާރީ ކަންކަން މިހާރު ދަނީ ކުރަމުން ކަމަށެވެ.

"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމަކީ ފުލްޓައިމް މަޤާމެއްގެ ގޮތުގައި ހަމަޖެއްސުން ފާހަގަކޮށްލެވެއެވެ. އަދި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާތަކުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މަސައްކަތް ކުރާނެ ޖާގަ ތަނަވަސް ކުރެވިފައިވާކަން ފާހަގަ ކުރަމެވެ. މިފަދަ ބަދަލުތަކާއެކު ދިވެހި އަންހެނުންގެ ކުރިމަގު އުޖާލާވަމުންދާކަން އުފަލާއެކު ފާހަގަ ކުރަމެވެ" މިނިސްޓަރ ވިދާޅުވިއެވެ.

އަންހެނުންގެ ދުވަހާ ގުޅިގެން މިނިސްޓަރ ދެއްވި މި މެސެޖު ނިންމަވައި ލައްވާފައި ވަނީ، ދިވެހި އަންހެނުންނަށް ކާމިޔާބާއި ފާގަތިކަމަށް އެދި ދުޢާކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.