(28 ފެބުރުއަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޖެހިގެން އައި ދުވަސްތަކުގައި ދެ މީހުންގެ ގުޅުން ކިރާއި މާމުޔާ ފަދައެވެ. ދިއްލީގައި ބޭއްވުނު ސާރކް ގައުމުތަކުގެ ހަކީމީ ބޭސްވެރިންގެ ސެމިނާގައި ރާއްޖެ ތަމްސީލުކުރުމަށް ހޮވުނު އެކެއް ކަމުގައި ހުމޭވުމުން، އެ ދަތުރު ދިޔައީ ވެސް އަމިއްލަ ޚަރަދުގައި ހުމޭޒަށް ޓކެޓު ނަގައިދީގެންނެވެ. އެ ފަސް ދުވަހުގެ ސެމިނާގަޑި ފިޔަވައި އެހެން ހުރިހާ ގަޑިއެއް ދެ މީހުން އެކުގައި ހޭދަކުރިއެވެ. ލާލުޤިލްޢާ(ރަތްކިއްލާ)، ހުމާޔޫންގެ ޒިޔާރަތް، ޤުޠުބުމީނާރު ފަދަ ދިއްލީގެ މަޝްހޫރު އާސާރީ ތަންތަން ބަލައިލާން ދެ މީހުން ދިޔައީ ވެސް އެކުގައެވެ. ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު އާގަރާގެ މަޝްހޫރު ތާޖުމަހައްލު ބަލައިލާން ދިޔައީ ވެސް ޒަމާންވީ ދެ ލޯބިވެރިން ފަދައިން އަތަށް އަތް މަހައިލައިގެން ތިބެއެވެ. އެއީ އެތަނާ ދިމާއަށް ދިޔަދިޔަހެން ދުރަށް ދާހެން ހީވާ، ނަމަވެސް އެތަން ބަލައިލުމަށް ފަހު އެތަނާ ދުރަށް ދާން ހިނގައިގަތުމުން ފަހަތުން އަންނަހެން ހީވާ ލޯބީގެ ދެވަނައެއް ނުވާ ފަދަ ނިޝާނެކެވެ. ހުމޭޒުގެ ކަމަކީ އަލަށް އެފަދަ ތަނެއް ދެކޭ މީހަކު ފަދައިން ފޮޓޯއަކަށް ފަހު ފޮޓޯއެއް ނެގުމެވެ. ކެމެރާއަކީ ފޮޓޮގިރާފަރަކު ބޭނުން ކުރާ ކަހަލަ އެކިވަރުގެ ލެންސް ލިބިފައިވާ ހުމޭގެ ޕްރޮފެޝަނަލަ ކެމެރާއެވެ.
އެނބުރި ރާއްޖެ އައިފަހުން ވެސް ހުމޭ ބޭނުންވީ ދެ މީހުން ދެތަން ނުވެ ދިއްލީ ދަތުރެކޭ އެއް ފަދައިން އެކުގައި ވުމަށެވެ. އެކަމަކު އެހެނަކުން ވެސް ނުވާނެތާއެވެ. މާލެއަކީ ކުޑަ ތަނެކެވެ. ހުމޭއަކީ ލައްކަ ގިނަ ބަޔަކު ދަންނަ މީހެކެވެ. މީހުން ކިޔައިފާނެ އެއްޗަކަށް ވެސް ބަލަން ޖެހެއެވެ. ކޮޅުކޮޅަށް ފިކުރު ހިންގައިލައިފައި އެންމެ ފަހުން އޭނާ މެދުވެރިވެގެން މާލޭގެ މަޝްހޫރު ޗާޕުކުރާ ތަނަކުން ހުމޭޒަށް ވަޒީފާއެއް ހޯދައިދީފިއެވެ. އެތާ އޭނަގެ މަސައްކަތަކީ ފޮތްފޮތުގެ ލޭއައުޓުހެދުމާއި ބަނޑޭރިގަނޑު ފަރުމާކުރުމުގެ މަސައްކަތެވެ.ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެ ކަންކަމަށް ވެސް ވަރަށް ކުޅަދާނަ ފަންނާނަކަށް އޭނާ ވެއްޖެއެވެ.
ހުމޭގެ އެންމެ އުފާވެރި ވަގުތަކަށް ވެފައި އޮންނަނީ މެންދުރުގެ ކެއުމަށް ހުމޭޒަށް ލިބޭ ދޮޅުގަޑިއިރެވެ. އެ ގަޑިއަކީ ހުމޭ ވެސް މެންދުރަށް މަސައްކަތް ހުއްޓައިލާ ގަޑި ކަމަށްވާތީ ދެ މީހުން ކަނީ ވެސް އަދި އަރާމުކޮށް އުފާކޮށްލައި ހަދަނީވެސް އެކުގައެވެ. އެ ގަޑީގައި އެއްވެސް މީހަކު އުނދަގޫކުރަން ނޭދޭތީ ހުމޭގެ ފޯނު ވެސް އޮންނާނީ ހިމޭން ކޮށްލައިފައެވެ. ނުވަތަ ނިވާލާފައެވެ. ނަމަވެސް ޕްލޭޔަރުން މިޔުޒިކު ހުންނަނީ ޖަހައިފައެވެ. ހުމޭޒަކީ މުޅިން އޭނަގެ މިލްކެއްކަން ހުމޭއަށް އިހުސާސްކުރެވޭ ހަމައެކަނި ވަގުތަކީ ވެސް އެއީކަމަށް ވެއްޖެއެވެ. ރޭގަނޑު ގަޑީގައި ބައްދަލުވެލަން ގުޅިޔަސް ހުމޭޒަށް މާލެ އައުން އޮންނަނީ ގިނަ ފަހަރަށް ދަތިކަމަކަށް ވެފައެވެ. އަނެއްކާ ހުމޭއަށް ނުފެންނަ ފުށެއް ލޯބިވެރިޔާގެ އޮންނަނީ ނޫން ބާވައޭ ބައެއް ފަހަރު ހިތަށްއަރައެވެ.
އެއް ދުވަހަކު ހުމޭ ޗާޕުޚާނާގައި އުޅެފައި މެންދުރު އައީ ވަރަށް ބޮޑަށް ރޯގާޖެހި ހުންފަދަވެގެން ހުރެއެވެ. އެ ދުވަހު ވެސް އޭނާ ހުމޭޒު ބޭއްވީ ކުލިނިކުގެ އަރާމުކުރާ ކޮޓަރީގައެވެ. ބޭސްފަރުވާދީހެދީ އަމިއްލަ އަތުންނެވެ. އެއީ އޭނާއަށް ލިބުނު ކޮންފަދަ މަތިވެރި އުފަލެއް ހެއްޔެވެ؟ އޭނަގެ "ގަދަކަން" އޭނަޔަށް އެންމެ ބޮޑަށް އިހުސާސްކުރެވެނީ ވެސް މި ގޮތަށް ބަލީގެ އެނދެއްގައި ހުމޭޒު ހިމޭންވެފައި އޮންނައިރުއެވެ. ލޯބީގައި ވެސް ފުރަތަމަ އިސްނެގީ އޭނައެވެ. މާމަޔާއި ކާފަގެ ގުޅުމުގައި ނަގާކިޔާ މީހަކަށް މާމަ ވީ ފަދައިން ކައިވެނިން ގުޅުމަށް ފަހު ވެސް ދެމަފިރިންގެ ގުޅުމުގައި ނަގާކިޔާ މީހަކަށް ވާނީ ހުމޭ ނޫން ބާވައެވެ؟ މާމަ އެހެރަ ކުޑަކުޑަ މީހާ ކާފަ ފަދަ އިސްކޮޅު ހުރި، ގައި ބާރުގަދަ ފިރިހެނަކު އަތުއަޅުވައިލައި ފަތަހަކޮށްލައިފައިވާ ގޮތް އެއީ ކުޑައިރު ވެސް ހުމޭއަށް ފިކުރުކޮށްލާން ޖެހޭވަރުގެކަމަކަށް އޮންނަނީ ވެފައެވެ. ނުފޫޒުގެ ގޮތުންނާއި ނަފްސާނީ ގޮތުން ދެމަފިރިން ކުރެ ގަދަބަދަވި މީހަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މާމައެވެ. ގެވެހި ދާރަވެރިޔަކީ، ބޮޑަށް މަސައްކަތްތެރި، އަދި އެންމެން ދަންނަ މަޝްހޫރު މީހަކީ ވެސް މާމަކަމުގައި ވާތީ ހެއްޔެވެ؟ ކާފަ ކޮންމެ ކަމެއް ވެސް ދޫކޮށްލާނީ މާމަޔަށެވެ. ފުރިހަމަ އިތުބާރާ އެކުގައެވެ. ހުމޭ ހިތުގެ ސިއްރު އެދުމަކީ ވެސް އެއީއެވެ. ފިރިމީހާ އޭނަގެ މައްޗަށް އެ ގޮތަށް ބަރޯސާވެ އެ ފަދަ އިތުބާރެއްކުރުމެވެ.
އަށްޑުވަސް ފަހެވެ. މެންދުރު ކެއުމަށް ފަހު މިއަދު ވެސް ދެ ލޯބިވެރިން ތިބީ ކުލިނިކުގެ އަރާމުކުރާ ކޮޓަރީގެ ދާންމަތީގައެވެ. މެދުއުޅި ނެތް ވަލެއްގެ ދެ އުޅިހެން އޮޅި ގިތާވެގަނެގެންނެވެ. ދެ ހަށީގެ ލަންސުވުމުން އުފެދޭ ކަރަންޓު ދެ ހިތުގެ ލަވަޔާއި ލެޔާ އެކުވެ ދައުރުވަމުން ދިޔައެވެ. އިނގިލިތަކަށް އިނގިލިތައް މަހައިލައި ފިއްތާ ބާރުކޮށްލަމުން ބޯހިއްލައިލައި ހުމޭޒުގެ ފުން ލޮލަށް ފީނައިގަންނަމުން ހުމޭ ބުނެލިއެވެ.
"ދެ މީހުންގެ ކައިވެނީގެ ކަންތައް އަވަހަށް ނިންމަމާ ބަނހީ. މަންމަ ވެސް މާ ބޮޑަށް އެ ވާހަކަ ދައްކަނީ!"
"ދެން އެކަމަކު... އަހަންނަށް އަނތްބަކު ގޮވައިގެން ތަނެއް ކުއްޔަށް ހިފައިގެން އުޅެވޭވަރުގެ އާމްދަނީއެއް ލިބުނީމާ--!"
"ތި ފެއްޓީ އެއްކަލަ ނުހުއްޓޭ ވާހަކަ! އަހަންނަށް ފިރިޔަކު ގޮވައިގެން ކުލީތަނެއްގައި އުޅެވޭވަރުގެ އާމްދަނީއެއް ނުލިބޭތީތަ؟"
"އަނބިމީހާގެ މުއްޕަތުން އުޅުމަކީ މީހަކަށް ވަރިހަމަވިޔަސް މަށަށް ރުހެވޭ ނުވަތަ ރީތިކަމަކަށް ނުވާތީ!"
މިއީ މި ވާހަކަ ފެއްޓިގެން ކޮންމެ ފަހަރަކުވެސް ނިމޭ ހިސާބެވެ. ހަގީގަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރުވަންދެން، މީދަލުހައްތީން ވާ ފެން ބޮއިގެން އުޅޭހެން، ފިރިމީހާ އޭނަގެ މުއްޕަތުން އުޅުމީ ހުމޭއަށް މައްސަލައެއް ނޫންކަމެވެ. މިހާރު ވެސް އޭނާ ހުމޭޒަށް ވަސްމީރު ސެންޓާއި ރީތި ގަމީހާއި ފަޓުލޫނު އަދި އެހެންވެސް ހަދިޔާބަދިޔާ ދީއުޅެނީ ނުހަނު އުފަލުން ނޫން ހެއްޔެވެ؟ ލޯބިވާ ފަރާތަކަށް ޓަކައި މިގޮތަށް ހޭދަވެ ގުރުބާންވުމަކީ އޭނާއަށް ކޮންފަދަ މަތިވެރި ރޫހާނީ އުފަލެއް ލިބޭކަމެއް ވެސްމެ ހެއްޔެވެ؟ ލޯތްބަކީ ހަމައެކަނި އަތުލުން ނޫންކަމާއި ދީލަތިކޮށް ދިނުންކަމަށް ދެކެވޭތީއެވެ. ހުމޭ ބުނެފިއެވެ.
"ދެވޭވަރަކުން ހުމޭޒު ދޭނީ. އަހަރެން ވެސް ދެވެން ހުރި ވަރަކަށް ދޭނީ. މި ގޮތް ކިހިނެއް؟"
"ތިޔައީ އަހަރެން އެދޭ ގޮތަކީ. ތިޔަށް ކިޔާނީ ހިއްސާކުރުމޭ!" ހުމޭއަށް ދޮނެއް ދީފައި ހުމޭޒު ލޯބިން ބުނެލިއެވެ. މީގެ ކުރިން އެއްވެސް އަންހެންކުއްޖަކާ "ތަތް" ނުވެވޭ ދަރަޖައަށް، މާ ރީތި ނޫން ނަމަވެސް، ވަރުގަދަ ޝަޚްޞީ ދެމުމެއް ހުރި މި އަންހެންކުއްޖާއާ އޭނާއަށް ތަތްވެވިއްޖެކަން އިހުސާސްކުރެވޭ ހާލުގައެވެ. މި ފަދަ ގުޅުމަކާމެދު ކުރަންވީ އުފާކަމެއް ނުވަތަ ގަންނަންވީ ބިރުކަމެއް ބުނަން ނޭނގޭ ހާލުގައި ވެސް މެއެވެ.
އޭނަގެ ދުލުން ވެސް ހިއްސާކުރުމޭ ބުނެވިއްޖެތާއެވެ. ނަމަވެސް ކަމަކީ އެހާ ސާފުސާފުކޮށް އޮތްކަމެއް ނޫންކަން އޭނައަށް ވިސްނެއެވެ. އޭނަގެ ލޯބި، އޭނަގެ ފައިސާ، އޭނަގެ ވަގުތު، އެހެން މީހަކާ އެކު ހިއްސާ ކުރެވިދާނެއެވެ. ނަމަވެސް އޭނަގެ ހުވަފެންތައް އެހެން މީހަކާ ހިއްސާކުރާނީ ކިހިނެއް ހެއްޔެވެ؟ ބަނދެވުމެއް، ކަސްތަޅެއް ނެތި އިހަށް ވެސް އަމިއްލަ މިނިވަންކަން މަތީ ހުންނަން އޭނާ ބޭނުންވީ މި ސަބަބަށް ޓަކައި ނޫން ބާވައެވެ؟ ވަހީދުބެ، އެގޭ "ރެހެންދިއާ" ދެވައި، އޭނަގެ ތަރިކައިން ދަރިއަކާ އެއްވަރުގެ ބައެއް ދޭން ހުށަހެޅުން ވެސް ހުމޭޒު އެކަމުން ފޭވެގަތީ ކަމުގެ އަގު އޭނަގެ މިނިވަންކަމާއި އަމިއްލަވަންތަކަމުން އަދާކުރަން ޖެހޭނެކަން އެނގޭތީ ނޫން ބާވައެވެ؟ ޝައްކެތް ނެތެވެ. ވަހީދުބޭގެ ދަނބިދަރިފުޅުގެ ގޮތުގައި އޭނާ އަބަދުވެސް އުޅެން ޖެހޭނީ ފިރިހެންދަރިޔަކު ނެތް ވަހީދުބޭގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވޭތޯ ބަލާށެވެ. ކަންމަތީފިހާރައިގެ ބަދަލުގައި މައި މަގެއްގައި ހުރި ބޮޑު ފިހާރައެކެވެ. ކަންމަތީހޮޓަލުގެ ބަދަލުގައި ބޮޑު ރެސްޓޯރެންޓެކެވެ. އަދި މިއެއްވެސް ނޫނެވެ. ފިހާރަޔާއި ރެސްޓޯރެންޓު ފަތިފައްޗެވެ. އިތުރަށް އާއިލީ ޒިންމާތަކެވެ. ދިރިއުޅުމަކީ ފަހެ މިއީ ހެއްޔެވެ؟ ކައިބޮއި އާއިލާއެއް އުފައްދައި ފައިސާ އެއްކުރަން ދުވާލުދާ ހަތަރުދަމު ތެޅިބާލައިފައި އަބަދަށް ލޯމަރައިލުން ހެއްޔެވެ؟ މެހި މާބުރު ފަދައިން ދުނިޔެއަށް އައިސްފައި ނަމެއް ލިސާނެއް ވެސް ނެތި ދުނިޔެއިން ވަކިވެ ވަސްފިލައި ދިޔުން ހެއްޔެވެ؟
މީގެ ތިންހަތަރު އަހަރެއް ކުރިން އޭނާ "ނެޝަނަލް ޖިއޮގްރަފިކަށް" މަސައްކަތްކުރާ އެމެރިކާގެ ފޮޓޮގިރާފަރަކާ ބައްދަލުވިއެވެ. އެއީ ކިހާ ސާދާ މީހެއް ހެއްޔެވެ؟ ނަމަކީ ވެސް ސާދާ ނަމެކެވެ. ޖޯއެވެ. ދެވަނަ ނަމެއް އޮތް ނަމަ އެ ނަމެއް ނުބުނެއެވެ. ދިރިއުޅުމުގެ މަސައްކަތަކީ ޖޯ އެންމެ ކުރާހިތްވާ މަސައްކަތެވެ. އެތަންމިތަނަށް ދަތުރުކޮށް ފޮޓޯނަގައިހެދުމެވެ. އުސްފަރުބަދަތަކާއި އަޑިގުޑަން ވާދީތަކުގައެވެ. ހޫނު ރަށްތަކާއި ފިނި ރަށްތަކުގައެވެ. ގަސްރުއް ނެތް ސަހަރާތަކާއި ގަސްބޯ ޖަންގަލިތަކުގައެވެ. އޮއިދެމޭ ކޯރުތަކާއި އަދި އޮއި ނުދެމޭ ކުޅިތަކުގައެވެ. މި ގޮތުން އެތަންތާނގެ އަހުލުވެރި ސޫފާސޫފިތަކާ އެކު ނުވަތަ އެސޮރުމެންގެ އިންތިޒާރުގައި ފޫހި ނެތި ކިތަންމެ އިރެއްވެސް ހޭދަކޮށްފާނެއެވެ. ކޮންމެ ދުވަހެއްގެ އިރުއަރާ އޮއްސުމަކީ ގުދުރަތުގެ ފިހިން ފަޒާގައި ތަފާތު ކުލަތަކެއް، ތަފާތު ދަޅަތަކެއް ދައްކާ އެއްޗެއްކަން އަމިއްލަޔަށް ތަޖުރިބާކުރާ ފަދައިން ފޮޓޯއިން ވެސް މީހުންނަށް ތަޖުރިބާކޮށްދިނުމީ ޖޯގެ އުފަލެވެ. އަދި އެދުމެވެ.
ހުމޭޒު ނަގައިފައި ހުރި ބައެއް ރީތި ފޮޓޯ، ޖޯއަށް ދެއްކުމުން އެ ފޮޓޯތަކަށް އޮހުނީ ހިފެހެއްޓުމެއް ނެތް ތާރީފެކެވެ. ނަމަވެސް އޭނަގެ ބައިވެރިއެއް ނުވަތަ އެހީތެރިއެއްގެ ގޮތުން އޭނަޔާ އެކު މަސައްކަތްކުރުމުގެ ފުރުސަތަކަށް އެދުމުން ހީނލާފައި ބުނީ އޭނަޔަށް އިތުރު ބައިވެރިޔަކު، އެހީތެރިޔަކު ކޮންމެހެން ބޭނުން ނުވާކަމަށެވެ. އެއީ އޭނަޔަކީ ނަފުސަށް ފުދިގެން ހުރި މީހަކަށްވާތީއެވެ. އެ ޖަވާބު ހުމޭޒަށް ވެގެން ދިޔައީ ވަރަށް ކަމުދިޔަ ޖަވާބަކަށެވެ. ޖޯއެކޭ އެއްފަދައިން އޭނަޔަކީ ވެސް ނަފުސަށް ފުދިގެން ހުރި މީހަކަށް ވާތީއެވެ. ނަމަވެސް އޭނާގެ ފަސްބައި އަންހެންކުއްޖެއްގެ ފަސްބަޔާއި ގުޅުވައި ގޮށެއް ޖަހައިފި ނަމަ ދެން ވެސް މި ގޮތަށް މިނިވަންކަން މަތީ ދެމިހުރެވިދާނެ ހެއްޔެވެ؟ ފޮޓޯނަގަމުން ކުރަހަމުން ގިޓާކުޅެމުން... އަރާފުރާވާ މުސާފިރެއްގެ ގޮތުގައި ހުރުން ކައިވެނީގެ ހަޔާތާ ގުޅެނީ ކިހިނެއް ހެއްޔެވެ؟ އޭނާ ތަކުރާރުކޮށް ހުވަފެނުން ދެކެނީ ކޮންމެވެސް މީހަކަށް ބިރުން ފިލަން ދުވާތަނެވެ. އޭނާ ފަހަތުން އެ މީހަކު ދުވެފައި އައިސް އަރާ ހަމަކޮށްފާނެތީ ހިތްގަނޑު، މޭފަޅަލަފާނެއޭ ހީވާ ކަހަލަ ގޮތަކަށް ގުޑުގުޑުއަޅާ ހާލުގައެވެ. އެ މީހަކު ގޮވައި ނަގައެވެ. މޮޔަގަނޑާއެވެ. ކަލެޔަށް މަގޭ އަތްދަށުން ތިޔަހެން ބަޗައިގެން ދެވިދާނެކަމަށް ހެއްޔެވެ؟ އެއީ ކާކު ހެއްޔެވެ؟ އެ މީހެއްގެ މޫނު އެހައި ސާފެއް ނޫނެވެ. ނަމަވެސް އެ މީހާގެ ނިޔަތާއި މަގުސަދު ހަމަ ސާފެވެ.
"އޭތް ހުމޭޒު. މި އޮވެވެނީ އަދި ކަމެއް ހަނދާން ނައްތައިލައިފައި އިނގޭ!" ހުމޭ، ތެޅިގެންފައި ފެއަށް ޖެހިލިއެވެ. "މަންމަޔާއި ބޯއްތަ ހައްޖަށް ފޮނުވަން ހުންނާނެ މިއަދު ބެންކުން ފައިސާ ނަގައިފައި. އޮފީހަށް ދިއުމުގެ ކުރިން އެ ތަނަށް ގޮސް އެ ފައިސާކޮޅު ދައްކައިލަދޭން ގޮސްބަލަ"
"މި ގަޑީގައި ފައިސާ ބަލައިގަންނާނެތަ؟"
އާނ. ތިނެއް ޖަހަންދެން ބަލައިގަންނާނެ.! މި އޮތީ ހައްޖު ގުރޫޕުގެ ނަމާއި އެޑްރެސް." ދެން ހުމޭ ފައިސާލާ ދަބަހުން ކާޑެއް ނަގައި ދިއްކޮށްލިއެވެ.
ހުމޭޒު ކާޑުގައި އޮތް ނަން ކިޔައިލައިފައި ކާޑު ޖީބަށްލައިފިއެވެ.
ފައިސާ ހިފައިގެން ހުމޭޒު ދިޔަ ގޮތަށް ތިން ދުވަސްވީއިރު ވެސް ދައްކައެއް ނުލިއެވެ. ފޯނުކޮށްލާއިރު މެސެޖު ލިބެނީ ފޯނު ނިވާލައިފައި އޮންނަ ކަމަށެވެ. ހައްޖު ގުރޫޕާ ގުޅުމުން އެނގުނީ އެތަނަށް އަދި ފައިސާ ނުދައްކާކަމެވެ. ހުމޭޒު މަސައްކަތްކުރާ ޗާޕުޚާނާއަށް ގުޅުމުން އެނގުނީ އެތަނަށް ވެސް ނާންނަކަމެވެ. ހުންނަ ގެޔަށް ވަހީދުބެއަށް ގުޅުމުން ބުނީ ގެޔަށް ނާންނަތާ ތިން ހަތަރު ދުވަސްވެއްޖެކަމަށެވެ. ދިޔަ ތަނެއް ވީގޮތެއް ވެސް ނޭނގޭތާ ޚަބަރެއް ވެސް ނުވާތީ އިންތިހާއަށް ކަންބޮޑުވެފައި ހުރިކަމެވެ.
****
ހުމޭ ފިކުރުތަކުގެ ދުނިޔެއިން އެއްކިބާކުރީ މޭޒުމަތީގައި އޮތް ފޯނު ރިންގުވާ އަޑެވެ. ބަންޑުން އޮތް ފޯނު ނަގައި ނަންބަރު ބަލައިލުމުން ފިޔަގަނޑު މަޅައިލައި ޖައްވުތެރެއަށް އުދުއްސައިގަނެވުނު ފަދައެވެ. ހިތާއި ފުރާނަޔަށް ލިބިގެން ދިޔައީ ބުނަން ވެސް ނޭނގޭ ފަދަ ފިނިކަމަކާއި އުފާވެރިކަމެކެވެ. މިހާރު އެކޮޅުން އެ ފޯނުކުރަނީ ހުމޭޒެވެ. ހުމޭ އަހައިލިއެވެ.
"ދެލޯފުޅާ ކޮން ދުނިޔެއެއްގައި؟"
"މަ މިހުންނަނީ ލަދުން ހުމޭއަށް މޫނުދައްކަން ވެސް ނުކެރިފައި."
"ތިޔަ މޫނު އެހައި ބޮޑަށް ފިހި އެނދީތަ؟"
"މަށަށް ކަޑަކަމެއް ކުރެވުނީ!"
"އެއީ؟"
ވީ ގޮތް ހުމޭޒު ކިޔައިދީފިއެވެ. ހައްޖު ގުރޫޕަށް ފައިސާ ދައްކަން ދާން އޭޑީކޭ ހަސްފަތާލު ކައިރިން ދަނިކޮށް ފެނުނީ އެތާ ދޮރޯށީގެ އެއްކައިރީގައި ކުޑަދުވަހުގެ ރައްޓެއްސަކު ކަރުއެލި ލޮލުން ކަރުނަ އައިސް ރޮވޭގޮތް ވެފައި ހުއްޓައެވެ. އެއީ ވަލީދެވެ. ހިންމަފުށީ ކުއްޖެކެވެ. އޭނާ ގާތަށް ސައިކަލު މަޑުކޮށްލައިފައި ވެގެން އުޅޭ ގޮތެއް އެހުމުން ބުނީ އޭނަގެ ލޮބުވެތި މަންމަ ހަސްފަތާލުގައި ފުރާނަޔާ ހަނގުރާމަކުރަނީކަމަށާއި ޑަކުޓަރުން އުންމީދު ކަނޑައިލައި އެތަނުން ދެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށް ބުނެފިކަމަށެވެ. އެހެންކަމުން އާއިލާއިން ބޭނުންވަނީ އިމާޖެންސީ ގޮތެއްގައި މަންމަ ސިންގަޕޫރަށް ގެންދާށެވެ. މައްސަލައަކީ ފައިސާގެ ދަތިކަމެވެ. ފައިސާ ދޭން ހުރި މީހަކީ ބޭބެއެވެ. ބޭބެ ހުރީ ބޭރު ލައިނެއްގެ ބޯޓެއްގައި ދަތުރުކުރަން ގޮހެވެ. މާކަނޑުމަތީގައި ހުރި ބޭބެއަށް ފައިސާ ފޮނުވެން އަންނަނީ ދެ ދުވަހެއް ފަހުން، ބަނދަރަކަށް ދެވުމުންނެވެ. އެހެނަސް މަންމަ ބޭރަށް ފޮނުވާން ލަސްވާ އެންމެ ގަޑިއަކީ ވެސް މަންމަގެ ފުރާނަ ސަލާމަތްކުރުމަށް ގެއްލޭ ގަޑިއަކަށް ވާތީ ހަތަރުއުދަރެސް ފެނުޖެހިފައި ވަނީކަމަށެވެ.
ވަލީދު ރޮއިގެންފައި ހުމޭޒު ކިބައިން އެދުނީ ބާވީސް ހާސް ރުފިޔާ ދަރަންޏަށް ދިނުމަށެވެ. ހުމޭޒުގެ ޖީބުން އެ ފައިސާ ދެވެން ނެތް ނަމަ، ދެ މީހުންގެ ރައްޓެހިކަމުގެ ހައްގުގައި އަތްމަތި ތަނަވަސް އޭނަގެ ވަހީދުބެ އަތުން ނަމަވެސް އެ ފައިސާ ހޯދައިދިނުމަށެވެ.
"ވަލީދުގެ ރުޔުމާއި ވާހަކަ އިވި ހަސްފަތާލަށް ވަދެ އޭނަގެ މަންމަ އޮތް ހާލު ފެނުމުން މަށަށް އޭނާ އެ އެދުނު ފައިސާކޮޅު ދެވުނީ. އެކަމަކު އެއީ ހައްޖު ފައިސާގެ ތެރެއިން. ދެތިންދުވަހެއްގެ ތެރޭގައި އަނބުރާ ލިބިދާނެކަމުގެ ޔަގީންކަން ރަހުމަތްތެރިޔާ ދިނީމާ އެ ބަހަށް އިތުބާރުކޮށްގެން. ވަލީދުމަންމަމެން ފުރުވައިލުމުގެ ކަންތަކުގައި ތެޅެން ޖެހޭހައި ތެޅުމެއް ތެޅުނީ ވެސް އަހަރެން. އެ މީހުން އެ ފަދަ ކަންކަމަށް އަދި އާކަމުން. މިހާރު ބަލިމީހާ ސިންގަޕޫރަށް ގެންދެވި ފަރުވާ ދެވި ހާލު ރަނގަޅުވަމުން އަންނަން ފަށައިފި. އެކަމާ އަހަރެން އިންތިހާއަށް އުފާކުރަން. އެކަމަކު މި އުޅެނީ ދަރަންޏަށް ދޫކުރި ފައިސާކޮޅު އަތްމައްޗަށް އަދި ނާރައިގެން!"
ހުމޭ ނުރުހިފައި ބުރުއްސައިގަތެވެ. "ދަތުރުކުރާ މީހުންނެއްނު! އެ މީހުން ދިރިއުޅޭނީ ބަނދަރުން ބަނދަރަށް. ލާރިކޮޅު ތަޅާލާނީ ރަންޑީންނަށް! ކޮންތާކު ހުމޭޒު ތި އުޅެނީ؟"
"މި ހުރެވެނީ ވަލީދު ގާތު ވިއްދައިފައި ހިންމަފުށީގައި!"
ހުމޭ ބޮޑު ޗޮކެއް ކަނޑައިލިއެވެ."ދެން...ދޯ! ކީއްވެގެންނޭ ގެޔަށް ނުދިޔައީ؟"
"އަމުދުން ވަހީދުބޭގެ އަންހެނުންގެ ކަންތަކާ ހެދި. މި ބުނަނީ ނަމްޒާގެ ވާހަކަ. އެއީ ރަށްފުށު ރަށަކުން ދެކެގެން ވަހީދުބެ އިނދެގެން ގެނައި މީހެއް. ދެވަން ފުރައިގެ ވަހީދުބެއަށްވުރެ ފަނަރަވަރަކަށް އަހަރު ހަގު، ކާފަރުކަމުގައި އަރައިހުރި، ހޯއްދުންހެޔޮބައިގެ އަންހެނެއް. އޭނާ ހުންނަނީ އަބަދުވެސް މަށާ އަޅައިގަނެގެން ދަހިކުރަން ހޭމަސް ހަލައި ފިލިޖަހައިލަޖަހައިލައި. ކިހިނެއް މަށަށް މި ވާހަކަ ވަހީދުބެއާ ދައްކަން ކެރޭނީ ވެސް؟ އެއީ ބަފަޔަކާ ނުލައި ކުޑަދުވަހުއްސުރެ އަހަރެން ބަލާ ބޮޑުކުރި ބަފާވިއްޔަ!"
ހުމޭ ބިނދިބިނދިފައި ހޭން ފެށިއެވެ. ހުމޭޒު ކިހާ މާސޫމު ހެއްޔެވެ؟ ދީލަތި ހިތެއް އޮތް، މާ މާތް އިންސާނަކީ ވެސް ހެއްޔެވެ؟ ނުވަތަ ބުނެވޭނީ ބޯ އަދި ތަންކޮޅެއް ޅައީކަމަށް ހެއްޔެވެ؟ ނޫނީ މީ ހަމަ ފަންނާނުންގެ ވައްތަރު ބާވައެވެ؟ ހުމޭ ބޭނުންވީ ލޯބިވެރިޔާ ހިމާޔަތްކުރާށެވެ. ދުނިޔޭގައި އުޅޭ ޝިކާރަވެރި ކެއުޅުންނާއި މަކަރުވެރި ހިޔަޅުން ކިބައިން އޭނާ ރައްކައުތެރިކުރާށެވެ.
"ބުނަންތަ؟ ކުޑައެއް ބޮޑެއް ކިޔާނެކަމެއް ނެތް. މީގެ ފަހަށް ދެން އެއްވެސް ކަމެއް ނަމަނަމަ މަގޭ ލަފަޔާ ނުލައި ނުކުރާތި، އިނގޭ! އަދި ކަމެއް މަށަށް ސިއްރުކޮށްގެން ވެސް ނުހުންނާތި. ހިންމަފުށީގައި ނުހުރެ ދެން ވެސް އަވަހަށް މާލެ އައިސް މަށާ ބައްދަލުކުރޭ. ފައިސާއަކީ ހުމޭގެ ފައިސާއޭ ބުނެ އޭނާ އަތުން ފައިސާ ހޯދުމުގެ ކަންތައް ވެސް ހުމޭއަށް ދޫކޮށްލާ!"
ހުމޭ ފޯނު ކަނޑައިލީ ފޮނިފޮނި ހިނިގަނޑެއް ޖަހައިލައިފައެވެ. އަމުދުން އެހާ ހިންޏެއް މި އައީ އޭނާއަށް ހުމޭޒާ މި ވާހަކައެއް މި ދެއްކުނީ އޭނާގެ މާމަ ވެސް ކާފަޔާ ވާހަކަ ދައްކާއުޅޭ ރާގަށް، ހަމަ އެ ބަހުރުވައިން ނޫން ބާވައޭ ހިތަށްއަރައިފައެވެ.
(ނިމުނީ)

