(20 ފެބުރުއަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މަންމަ އަނޫއާމެދު ދެކެމުން އައި ގޮތް ކޮންމެވެސް ވަރަކަށް ބަދަލުވެ، ހެދިހެދިގަތުމެއް ނެތި، ދަރިފުޅާއޭ ކިޔައިފައި މަޑުމައިތިރިކަމާއެކު، ރީއްޗަށް އަނގައިންބުނެލައި އުޅެން ފެށީ ވެސް މިހާ ހިސާބުންނެވެ. އެކަމަކު އޭރު ވާނެ އެއްޗެއް އޮތީ ވެ ނިމިފައެވެ. އަތްފައި ނުފޯރި ދުވަހު މަންމަ އޭނާއަށް ދައްކައިލި ކުޅިވަރު، ރަށެއްގެ ގޮނޑުދޮށުގެ ދޮންފަސްމަތީގައި އޮންނަ އާނުގަނޑެއް ފަދައިން، އަނޫގެ ހިތުގައި ހަރުލައިފައި އޮވެއެވެ.
"އަނޫ މަންމައާމެދު ކުރެވޭ އިހުސާސްތައް އަޅުގަނޑަށް ތަސައްވުރުކުރެވޭ. އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަޔާ ދޭތެރޭ އޮތީ އަނޫއާ އަނޫ މަންމަޔާ ދޭތެރޭ އޮތް ކަހަލަ ގުޅުމެއް ކަމަށް ވާތީ؟" މާނޭވާއެއް ދުއްވައިލަމުން އަބީ ބުނެލިއެވެ.
އަބީއެކޭ އެއްފަދައިން އަނޫ ވެސް މި ބައްދަލުވުމަށް އައީ، ބައްދަލުވުން ކަށަވަރުކޮށްދިން މޭލުގައި އަބީ އޭނާޔާ ބެހޭ ގޮތުން ދީފައިވާ މައުލޫމާތުކޮޅުގެ އަލީގައި، ހެދެން ހުރި ވަރަކަށް ހޯމްވޯކު ހަދައިގެންނެވެ. އަނޫ ބެލިބެލުމުން އަބީ މަސައްކަތްކުރަނީ އައިލެންޑް އޭވިއޭޝަންގައި އެއާކުރާފްޓް އިންޖިނޭރެއްގެ ގޮތުންކަން އެނގިއްޖެއެވެ. އަނެއް ކޮޅުން ފައިބެ އަހަރުގެ ކުރީ އަހަރު ނިޔައުވި އަބީގެ ބައްޕަ އެއީ އޭނާގެ ހަޔާތުގެ ވަރަށް ފަހަކާ ޖެހެންދެން ވެސް، އާންމުންގެ ތެރޭ މާ ބޮޑަށް އަޑުކިޔައި ނަންވެފައި ނެތް ނަމަވެސް އިމާރާތްކުރުމުގެ ވިޔަފާރީގެ އުސް ތަނބެއްކަން ވެސް އެނގިއްޖެއެވެ. ހެއްވާ ކަމަކީ ދެކިއުޅޭ މީހެއް ނަމަވެސް އިއްޔެއާ ހަމަޔަށް އެންމެ ކުޑަމިނުން އަބީގެ ނަން ވެސް އަނޫއަށް އެނގިފައި ނެތް ކަމެވެ. އެހެންކަމުން މި ބައްދަލުވުމާ ހަމަޔަށް ވެސް ރަށުތެރެއިން ދެކިއުޅޭ މޫނާއި ކޮންޕިއުޓަރުގެ އިސްކިރީނުން ދައްކާ ލިޔުމުގައި އޮތް މީހާގެ ނަން އެއްވެސް ވަރަކަށް ގުޅުވާން އޮތީ ނޭނގިފައެވެ.
ދެފަރާތުން ވެސް އިތުރަށް ކުރަން ހުރިއްޔާ ހުރި ސުވާލެއް ކޮށް ދެވެން ހުރި ޖަވާބުދީ ނިމުމުން ވަކިވެގެން އެ މީހަކު އައި ކޮޅަކަށް އެ މީހަކު އެނބުރި ދިޔައީއެވެ.
އަބީގެ ހުށަހެޅުމާމެދު އުމުރަށް ވުރެ ބުއްދި ހަރު، ދުރުވިސްނުންތެރި އަހުމަދުބޭގެ ލަފަޔަކަށް އަނޫ އެދުނު ހިނދު، ފަސްޖެހުމެއް ނެތި ފެހި ސިގުނަލު ދެމުން، ހީނލައިފައި ބުނެފިއެވެ. "ތިޔައީ ވަރަށް ރަނގަޅު ކަމެއް. އަހުމަދުބޭގެ ހިތަށް ފުރަތަމަ ވެސް އަދި މިހާރު ވެސް ފެންނަނީ އެ ގޮތަށް."
އޭގެ ފަހުން، އެރޭ އަހުމަދުބެ އާ ދިމާވެގެން، ފިލްމީ ގޮތެއްގައި، މިނަށްވުރެ ބޮޑުކޮށްލައިގެން، މާނަވީ މޭރުމަކުން ވެސް ބުނެލީ ހަމަ އެ ވާހަކައެވެ.
"ގުރުސް ފެންމަތިވެ ފެންވަޅު ފުރި ބަންޑުންވަމުންދާ ވަގުތު ބޮލަށް ފެން ދާނި އަޅައިލައި، ފުރުސަތުގެ ބޭނުން ހިފޭތޯ ބަލާށެވެ." މި ވާހަކައަށް ވެސް އަނޫއަށް ދެވުނީ ބީރު ކަންފަތެވެ.
ވިދިގެން އައި ދުވަސްތަކުގައި ޖަވާބަކަށް އެދި އަބީ ފަށްފަށުން މެސެޖު ފޮނުވަމުން ދިޔަ ނަމަވެސް އަނޫގެ ފުށުން ހަމަހިލާ ސީދާސާދާ ޖަވާބެއް ނުލިބުނެވެ. އެންމެ ބޮޑުވަރަކަށް ވެސް ކޮށްލީ މިހައިކަށްވަރެވެ. "ތި ކިޔަނީ ކުޑަ ކަމަކު ނޫނެވެ. ތި ކަމާމެދު ޖެހޭނީ ވަރަށް ފުންކޮށް ވިސްނައިލާށެވެ."
އަދި ކީއް ހެއްޔެވެ؟ އަބީގެ ފަރާތުން ނޫރީ އެއް ރެއަކު ބައްދަލުކޮށްފައި އާދޭހުގެ ކެނދިމުޅި އުކުމުން ވެސް ކެނދިމުޅިއަށް އެޅީ ވެއްޔެވެ؟ ކައިވެންޏަށްވުރެ ބޮޑަށް މި ވަގުތު އިސްކަން ދެވޭނީ ކެރިއަރު ބިނާކުރުމަށޭ ބުނެފައެވެ.
އެއްރޭ އިރާކޮޅު އޮފީހުން ގެއަށް އައިއިރު އަނޫގެ ކޮޓަރީގެ ދޮރުން އެތެރެއަށް ސިޓީއެއް ކޮއްޕާލައިފައި އޮތެވެ. އަތުން އަތަށް ދިނުމުގެ ބަދަލުގައި އެ ގޮތަށް ކޮޓަރިތެރެއަށް ސިޓީ ކޮއްޕައިލާނީ މަންމަ ފިޔަވައި އެހެން މީހެއް ނޫންކަން ވިސްނުނެވެ. ތިރިން ގޭގެ ބޮޑުކޮޓަރިތެރެއިން މަންމައާ ކޮއްކޮއާ ދެމައިންގެ ހުނުމާއި ވާހަކައިގެ އަޑުއިވިއިވި ހުއްޓެވެ.
އަނޫގެ ސަމާލުކަން ދޫވީ އަތުގައި އޮތް ސިޓީއަށެވެ. އެއީ އަނޫއަށް އެޑްރެސްކޮށް އިންޑިއާއިން މީހަކު ޕޯސްޓުކޮށްފައި އޮތް ސިޓީއެކެވެ. ކަނޑައިގެން ބަލައިލިއިރު އެއީ ސިޓީއަކާއި ޕޯސްޓުކާޑެއް އޮތް އުރައެކެވެ. ޕޯސްޓުކާޑަކީ މާމެލާމެލި ފަރިވެފޮޅިފައިވާ ބަގީޗާއެއް ދައްކުވައިދޭ ކާޑެކެވެ. ބަގީޗާގެ ނާރެހަކަށް އޮތީ އަށްކަން ފައްވާރެކެވެ. ސިޓީއަކީ އަބީ ފިޔަވައި އެހެން މީހެއްގެ ސިޓީއެއް ނޫންކަމަށް ފުރަތަމަ ވެސް ހިތަށް ފެނުނު ފެނުން މުޅިން ކަށަވަރުވެގެން ދިޔައީ އަބީގެ ސޮޔާއި ފުރިހަމަ ނަމުގެ ތިރީގައި، ރަތްއަކުރުން، އިންޑިއާއިން އޭނާޔާ ގުޅޭނެ މޮބައިލު ނަންބަރު ވެސް ޖަހައިލައިފައި އޮތްތަން ފެނުމުންނެވެ.
އެ ސިޓީން އެނގުނު ގޮތުގައި އަބީ މި ވަގުތު އެހުރީ އޭނާގެ މައިފުށު މާމަޔަށް ބޭހަކަށް ބެންގަލޫރުގައެވެ. މާލެއިން އެދެވޭ ފަރުވާއެއް ނުލިބުނު ފުއްޕާމޭގެ ބައްޔަށް މި ތަނުން ފަރުވާލިބި އިރާދަކުރެއްވީތީ މާމަގެ ހާލު މިހާރު އަންނަނީ ދުވަހެއް ދުވަހަކަށް ވުރެ ރަނގަޅުވަމުންކަމަށް ލިޔެ މާތް ދޭވަތާއިންގެ ކިބަފުޅަށް ޙަމްދުކޮށްފައި ދެން ބުނެފައި ވަނީ އަންނަނިވި ވާހަކަކޮޅެވެ.
"މިހާރަކަށް އައިސް އަބަދާއަބަދު އަހަންނަށް ތިޔަ ޚިޔާލުގައި ހުރެވެނީ އަނޫ ދެކެ އަނެއްކާ ލޯބިވެވޭތީ ހެއްޔެވެ؟ އަހަރެން ވަރަށް ކުޑައިރު އަހަރެން ކަންފަތުފޫޅުގައި ހިފައިފައި މަންމަ ބުނި ބަހެއް އޮވެއެވެ. އެ ބަހަކީ "ދަރިފުޅު "ބޮޑުވެގެން ދަރިފަސްކޮޅު ދެންމުމުގެ ފިތުރަތީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން މީހަކާ ނީންނާށެކޭ ނޫނެވެ. ނަމަވެސް ފަހަރެއްގައި ވެސް އެ މީހެއްގެ މިލްކަކަށް ނުވާތި އިނގޭއެވެ. ތިމާގެ މިލްކެއްގެ ގޮތުގައި ތިމާ ހުންނާށެވެ! މި ފިލާވަޅު މި ނަގައިދެނީ މަންމަގެ ހަޔާތުގެ ހިތި ތަޖުރިބާ މައްޗަށް ބިނާކޮށެވެ. މީ މަންމަ ބުނާ ފަންޑިތަބަހެއްކަމުގައި އަބަދު ވެސް ހިތައިގެން އުޅޭށެވެ."
"އަހަރެން ހިފަހައްޓައިގެން ހުރީ އެ ބަހުގައެވެ. އެކަމަކު އަނޫއާ ހޮޓަލުން ބައްދަލުވީ ދުވަހުއްސުރެ އަހަރެން އެވަރުން ފޮއްޓަށްލައި ފޮރުވައި އޮބަހައްޓައިގެން ގެންގުޅުނު ހިތުގެ ހިމޭންކަން މުޅިން ގެއްލިއްޖެ ކަހަލައެވެ. އެ ހިތް ފޮށިން ނަގައި އަނޫއަށް ދައްކައިލާކަށް މިހާރަކު ފަހެއް ނުޖެހެވެއެވެ.
"އަހަރެން ވަރަށް ކުޑައިރު މަންމަޔާއި ބައްޕަގެ ކައިވެނި ރޫޅި ދެމަފިރިން ވަނީ ވަކިވެފައެވެ. އެ ދުވަހުއްސުރެ އަހަރެން އުޅެ ބޮޑުވީ ބައްޕަޔާ އެއްވެސް ގުޅުމެއް ނެތް ގޮތެއްގައި މަންމަ ކައިރީގައި ހުރެއެވެ. ދެ ދުވަހަކު އުދަރެހުން އެއްކުލައެއް ނުމެ ފެންނަ، މި ގަރާރުކަމެއް ނެތް ދުނިޔޭގައި ކަން ހިނގާ ގޮތް ނިކަން ދެކިބަލާށެވެ! ބައްޕަ އެއްކުރި މުދަލާއި ފައިސާގެ ބޮޑުބައި، އުފަން ދަރި ކީއްކުރަން، އެއްބަނޑު ތިމާގެ މީހަކަށް ވެސް އެއްޗެއް ނުދީ ބައްޕަ ދޭން ބޭނުންވީ ޚައިރާތު ފަންޑަށެވެ. ދެން ހުރި ބައި ދަރިޔަކު ނެތް ނަމަވެސް ހަޔާތުގެ އަޑިގުޑަންތަކުގައި ތިރީސް އަހަރުދުވަހުގެ ބައިވެރިޔަކަށްވި ދޮންމަންމައަށެވެ. ނަމަވެސް ކޮންމެވެސް ހެޔޮލަފާ މީހަކު ނަސޭހަތެއް ދީގެން ނޫން ކަމެއް ވެސް ނޭނގެއެވެ. މަރުބަލީގައި އަހަރެން ގެންގޮސްފައި ''ބައްޕަގެ ޚިޔާލު މިހާރު ބަދަލުވެއްޖެކަމަށާއި ގަސްތުކުރަނީ މުދަލާއި ފައިސާގެ ބޮޑު ބައެއް، ކުރިން ނިންމައިގެން ހުރި ގޮތާ ޚިލާފަށް، "ދަރިފުޅަށް ފަތްލިޔެދޭންކަމަށް'' ބުނެފިއެވެ.
"މިހާރު ދެން ކީއްކުރަންތަ؟ ބައްޕާ!" ލޮލުން ކަރުނަ ހިލިފައިވާ ހާލުގައި ފިސް އަޑަކުން އަހަންނަށް ބުނެވުނެވެ. "އަހަރެން މަގުމަތިން ފެންނަ ފަހަރުފަހަރަށް ބައްޕަ އިސްޖަހައިލުމުގެ ބަދަލުގައި ދަރިފުޅާއޭ ކިޔައިފައި އެ ދުވަސްދުވަހު،ގޮވައިލި ނަމަ މާ އުފާވީހެވެ. އަހަރެން ދަސްވެނިވީ ދުވަހު އެ ޖަލްސާއަށް ބައްޕަ އައިސް އަހަރެންގެ ބުރަކަށީގައި ފިރުމައިލައިފައި، ދަރިފުޅާ އައްސަރިބަހާއި ސާބަހޭ ބުނި ނަމަ އަދި ވަކިން ބޮޑަށް އުފާވީހެވެ. ބައްޕަ ޚައިރާތު ފަންޑަށް ދޭން ނިންމި މުދަލާއި ފައިސާ، ބައްޕަގެ އަސްލު އެދުމާ އެއް ގޮތަށް، އެ ފަންޑަށް ދޭށެވެ. މަށަކީ ހިތްވަރު ހުރި ޒުވާނަކީމެވެ. އަމިއްލަ މަސައްކަތުން މަށަށް މަގޭ ދުނިޔެ ބިނާކުރެވޭނެއެވެ."
ސިޓީ ކިޔަމުން ދިޔަ އަނޫގެ ހިތަށް ހީވީ ފަލަ ތިނޯހެއް ހަރާލި ހެންނެވެ. އެ ހިތުން އޮހޮރުނު ލޭގެ ރަހަ، އަރުތެރެއިން މައްޗަށް އައިސް އަނގައިގައި ވެސް ހިފައިލައިފި ކަހަލައެވެ. ރަހަގަނޑު ފިލުވާލަން އުޅޭ ކަހަލަ ގޮތަކަށް ހިންދިރުވައިލަދިރުވައިލައި އިނދެވުނެވެ. ދެން ސިޓީއިން ކަޅިވަކިކޮށްލައި، އެތައް އިރެއް ވާންދެން، ހަރަކާތެއް ނެތް ބުދެއް ފަދައިން، ކުރިމަތީގައި ހުރި ފާރަށް ކަޅިހުރަސްވެފައި އިނދެވުނެވެ.
އަބީގެ ޝުއޫރުތަކަކީ އަނޫއަށް ތަރުޖަމާކޮށްދޭން ކޮންމެހެން މެދުވެރިއަކު ބޭނުންވާ ޝުއޫރުތަކެއް ނޫނެވެ. އެއީ އަމިއްލަ ތަޖުރިބާއިން ވެސް ތަރުޖަމާކުރެވޭ ފަދަ ޝުއޫރުތަކަކަށް ވާތީއެވެ. އެޝުއޫރުތައް ހިތުގައި އުފެއްދި ރީތި އިހުސާސްތަކާ އެއް ހަމަޔަކަށް ވިންދުގެ ލަވަ ވެސް އެޅިފައިވާއިރު، އަނޫ ބޭނުންވަނީ މި ޚިޔާލީ ހުވަފެނުގައި ގެއްލިފައި އިންނާށެވެ. އަވަހަށް ފިލުމެއް ނެތް މަސްތަކުން މި އަސަރުގައި މަސްތުވެ ޣަރަގުވެދާށެވެ. އަދި އަތުގައި މި އޮތް ސިޓީއަށް ނިމުމެއް ވެސް ނާންނާށެވެ. ސިޓީގައި އޮވެދާނެ އަޑިއަޑީ މާނަޔަށް ވެސް ވިސްނައިގެން، އޭގެ އެކި އަކުރާއި ފިލިފިލި ވަކިވަކިން ފުރާނައިލައި ގިރައިގެން ބޮވުނީ ކިތައް ފަހަރު ކަމެއް ވެސް ނޭނގުނެވެ. އެ ގޮތުގައި އިރުތަކެއް ވެއަތުވެ ދިޔަ ފަހުން، ބޭގަރާރުކަމުގެ ފުން ނޭވާއަކާ އެކު، ސިޓީއިން އަތް ދޫކޮށްލެވުނީ، އަލަތު ލޯބީގެ ހިތި ތަޖުރިބާއަށް ފަހު، އެ ހިތުގެ ވަށައި ލައިގެން ހުރި ބޯ ފާރު ވެސް ބިންގަލުން ބިނދި، ބިމާ ހަމަވަމުންދާކަމުގެ އިހުސާސްތަކާ އެކުގައެވެ.
"ގާތް ރައްޓެއްސެއް އަދި ރަހުމަތްތެރިއެއްގެ ގާތުގައި ވެސް ބުނެފައި ނެތް މިހާ އަމިއްލަ ޒާތީ ވާހަކައެއް އަހަންނަށް އަނޫ ގާތުގައި މި ބުނެވެނީ ކީއްވެ ހެއްޔެވެ؟ އިހަށް ވެސް ބުނި ފަދައިން ސާފު ލޯބީގެ ނަޒަރަކުން އަނޫއާ މެދު ޚިޔާލުކުރޭވޭތީ ނޫން ބާވައެވެ؟ އަހަރެންގެ ފަޅު ހިތަށް ވެރިވެ ރަނިކަންކުރާން ފެށި ހަމައެކަނި އަންހެންކުއްޖަކީ ވެސް ތިޔައީކަމަށް ވާތީ ހެއްޔެވެ؟ އެކަމަކު ތިޔައީ ކުލަވަރު ދޮން އަންހެން ކުއްޖަކަށް ވީ ނަމަވެސް އަހަރެން މިއަދު އަނޫ ދުށީހީ މި ނަޒަރުން ހެއްޔެވެ؟ މިއީ އަމުދުން އެކަށީގެން ނުވާ ކަމެއް ނޫނެވެ. ލޯތްބަކީ ވަކި ކުލަޔަކަށް ބަލާ އެއްޗެއް ނޫނިއްޔާއެވެ.
އަހަރެންގެ އަތްމައްޗަށް އަރަން އޮތް މުދާގަނޑަކުން އަތްދޮވެލި ވާހަކަ ބުނުމުން އަނޫގެ ހިތުގެ ކޮންޕިއުޓަރުން އަހަރެންގެ ނަން ޑިލީޓުކޮށްލުމީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކަން އޮތް ގޮތް ތެދުތެދަށް މި ބުނަނީއެވެ. އަނޫ ގޯންޏަށްލައިގެން، ޅޮސް އުނދޯއްޔަށް އަރުވައިގެން އަމިއްލަ އެދުމެއް ހާސިލުކުރާކަށް އަހަރެން ވާ ނެތީމެވެ. މާތްކަލާނގެއާ ވަކީލެވެ. ޑިލީޓުވިއްޔާ ޑިލީޓެވެ. އިންސާރޓުވިއްޔާ އިންސާރޓެވެ!"
އަބީގެ ވާހަކަކޮޅު އަނޫގެ ހިތާ ކުޅެމުން ދިޔައީ، އެ ހިތުގެ ހިމަނާރުތަކަށް ދާންދެން ފިރުމައިލާ ފޮނިފޮނި މިޔުޒިކީ ރާގެއް ފަދައިންނެވެ. ނުވަތަ ފުރިހަމަ ހަނދެއްގެ ރިހި އަލީގައި، ހުރަހެއް ނެތި ކަނޑުމޫނުން އަންނަ ފިނިފިނި ރޯޅިތަކެކޭ އެއް ފަދައިންނެވެ. ނޫންނަމަ، ކަނޑު ތެޔޮފާންލައިފައި އޮތް މަޑު ދުވަސްވަރެއްގައި، ބޭރުމަތިން، ނަގަމުންނަގަމުން އައިސް ރަށެއްގެ ދޮންފަޅު ހުރަސްކޮށް،ގޮނޑުދޮށަށް އަރައި ފައިބަމުން، މޫދުގެ ގުންޑޮޅިފަށަށް ބިންދައި ވެލިގަނޑު ވިހުރުވައިލާ ރާޅެއް ފަދައިންނެވެ. އެއާއެކު އެ ހިތަށް އިންސާރޓުވާން ހުރި އެއްޗެއް ހަމަ ވަގުތުން އިންސާރޓުވެ ދާންވީ ހިސާބަކަށް އެތެރެވެގެން ދިޔައީ "ކަޅުކަމަނާ"އެއް ބޭނުންވެގެން "ކާވެނި އޮންލައިން"ގައި، އަބީގެ އިޝްތިހާރުގައި، އޭނަގެ ގެދޮރާއި ޖާހާ ގުޅޭ ގޮތުން ލިޔެފައިވާ އެއްވެސް ވާހަކައެއް އެ ހިތަށް އެތެރެވެގެން ގޮސްފައި ނުވާ ފަދަ ގޮތެއްގައެވެ. އެހެނަސް ފޯނު ނަގައިގެން އިނދެ، ހެޔޮ ހިތަކުން އަބީގެ މާމަޔަށް އަވަސް ޝިފާއެއް އެދި ދުއާކޮށް މެސެޖެއް ލިޔެ، ''މާލެ އައިސްފައި މަށަށް ޚަބަރެއްވެލާނަން ދޯ" އޭ ބުނެ ސަލާމާ އެކު ފޮނުވައިލިއިރު ވެސް މި ވަނީ އަދި ވާން އުޅެނީ ކީއްކަމެއް ވެސް އަނޫގެ ޚިޔާލުތަކުން ބަރާވެފައިވާ ސިކުނޑިއަކަށް، މާ ސާފު ގޮތެއްގައި، ތިލަވެ ރޭކައިލާ ގޮތެއް ނުވިއެވެ.
(ނިމުނީ)

