( 10 ފެބްރުއަރީ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ޒުބާ ބޭނުންވަނީ ކޮންގޮތެއްތޯ އެންމެ ފަހަރަކުވެސް ޒުބާގާތު އަހއިލުމަށް ، އިބްރާހީމް އެދުނެވެ. އެއީ ޒުބާގެ ޙަޔާތެވެ. ޒުބާގެ ޙަޔާތުގެ ކަންކަން ނިންމުމުގައި އޭނާއަށް ޙައްޤުތަކެއްވާނެކަން ، ޒުބާގެ މައިންބަފައިންނަށް އިބްރާހީމް ހަނދާން ކޮށްދިނެވެ.
ޒުބާގެ ބައްޕަ ޒުބާއަށް އެ ފުރުޞަތު ދިނެވެ. ޒުބާ ބޭނުންވަނީ ކޮންގޮތެއްތޯ ސުއާލު ކުރިއެވެ. ބައްޕަޔަށް ދޭނެ ޖަވާބެއް ޒުބާގެ ދުލަކަށް ނައެވެ. ހިތުގައި އެބަ އޮތެވެ. ހިތުގައި އޮތްގޮތަށް ބުނެފިއްޔާ ، ޒުބާގެ ދުވަސް ދާނެއެވެ. އަދި ބައްޕައާއި މަންމަ އަދި ދާނިޔަލްބޭބެ ، އޭނާއާބެހޭގޮތުން ނިންމާފައިވާ ގޮތާ ޚިލާފުވެވުނީއެވެ. މައިންބަފައިންގެ އަގުވައްޓައިލެވުނީއެވެ. ހާސްވެގެން ގޮސް ޒުބާއަށް އަނގައިން ބުނަން ނުކެރި އިންދާ ، ސައިމްވެސް އައިސް އެތަނަށް ވަނެވެ. ސައިމް އައުމާއެކީ ، އޭނާ އެތަނަށް އެއައީ ކީއްވެތޯ އެންމެން ސުއާލު ކުރިއެވެ. މީހުން ދައްކާ އެއްވެސް ވާހަކަޔަކަށް ސައިމް ސަމާލުކަމެއް ނުދެއެވެ. އޭނާދެކެ ޒުބާ ލޯބިވާ ވާހަކަ ބުނުމަށް ސައިމް ޒުބާއަށް ހިތްވަރު ދެމުން ގެންދިޔައެވެ. އެއްވެސް މީހަކު ބުނެފާނެ އެއްޗަކަށް ނުވިސްނާ ޒުބާގެ ހިތުގައިވާ އޭނާގެ ލޯބި ޤަބޫލުކޮށް އެކަމަށް އިޢުތިރާފްވުމަށް ސައިމް އެދެމުން ގެންދިޔައެވެ. ޒުބާގެ އަނގައިން ވަކިބަހެއް ވަކިގޮތަކަށް ބުނުމަށް ބާރުއަޅައި ނުފޫޒު ފޯރުވަމުން ގެންދާތީ ، ސައިމް އެތަނުން ދިއުމަށް ދާނިޔަލް އެދުނެވެ. ޒުބާ ބުނަން ބޭނުން ނުވާ އެއްޗެއް ޒުބާލައްވައި ގަދަކަމުން ބުނުވައިގެން ނުވާނެއެވެ. ޒުބާގެ ހިތުގައި ސައިމްގެ ލޯބި އޮތްނަމަ ، އެވާހަކަ ބުނަން ޒުބާ ޖެހިލުމެއް ނުވާނެއެވެ. ސައިމް އެތަނަށް އައިސް ވަނީމަވެސް ޒުބާގެ ހިތަށް ބިރުވެރިކަން ވަނެވެ. ޒުބާ އެންމެ ބޮޑަށް ހާސްވި ސަބަބަކީ އެއީއެވެ. ޒުބާއާ ސައިމްއާ އެއްވެސް ގުޅުމެއް ނުބާއްވާކަމަށް ގޭމީހުންގާތު ބުނެފަ އޮއްވައި ، ސައިމް އެގެޔަށް އައިސް ، ސައިމްދެކެ ލޯބިވާ ވާހަކަ ޒުބާ ލައްވާ ބުނުވަން މަސައްކަތް ކުރުމަކީ ، ޒުބާ ބޭނުންވާ ގޮތެއްނޫނެވެ. ސައިމްވެސް ޒުބާގެ އަގު ވައްޓާލައިގެން ނުވާނެއެވެ.
އިބްރާހީމްގެ ދެމަފިރިން އެމީހުންގެ ދަރިފުޅު ގޮވައިގެން އެގެއިން ނުކުތުމަށް ޒުބާގެ ބޮޑުބޭބެ އެންގިއެވެ. ސައިމްދެކެ ލޯބިވާ ވާހަކަ ބުނުމަށް ޒުބާއަށް ސައިމް އާދޭސް ކުރަމުން ގެންދިޔައެވެ އެންމެ ދެރަވެގެން އެބަސް ބުނެލުމަށެވެ. އެންގޭޖްމެންޓާއި ކައިވެންޏަކީ ފަހުން ކުރެވިދާނެ ކަމެކެވެ. އެންގޭޖްވިޔަސް ކައިވެންޏަކީ އަހަރުތަކެއްފަހުންވެސް ކުރެވިދާނެ ކަމެކެވެ. ޒުބާގެ ކިޔެވުން ނިމެންދެން ސައިމް މަޑުވެސް ކޮށްފާނެއެވެ. އެހެނަސް ، ޒުބާގެ އަނގައިން ޗުއްޕުވެސް ބުނެނުލައެވެ. އޭގެ މާނަޔަކީ ، ސައިމްދެކެ އޭނާ ލޯބިވާކަމަށް މައިންބަފައިންގާތު އިޢުތިރާފް ނުވުމެވެ. އެއީ ޒުބާ ބޭނުންވާ ގޮތެއްނޫނެވެ. އެކަމަކު ، ޒުބާގެ މައިންބަފައިންނާއި އެގޭގެ އެންމެންވެސް ބޭނުންވާ ގޮތަކީ އެއީއެވެ. ޒުބާ އާއި ސައިމްއާ ދެމީހުން ދުރުވުމެވެ.
ސައިމް ގެޔަށްގޮސް މަންމައާއި ބައްޕަޔާ އިތުރު ވާހަކައެއް ނުދައްކާ ކޮޓަރިޔަށްވަދެ ދޮރުތަޅުލިއެވެ.
ޒުބާވެސްރޮޝްނާއާއެކީ ކޮޓަރިޔަށް ދިޔައެވެ. އެހިސާބުން އެކަންތައް އެ ނިމުނީއެވެ. ޒުބާއާ ސައިމްގެ ގުޅުން ދެން ކުރިޔަކަށް ނުދާނެއެވެ. ހަމަ ގައިމުވެސް ، އެދެމީހުންގެ ކައިވެނީގެ ވާހަކައެއް މާއަވަހަކަށް ، ދެނެއް ނުދެއްކޭނެއެވެ.
އޭނާއަށް އެހެދުނީ ގޯހެއްތޯ ރޮޝްނާއާ ޒުބާ ސުއާލު ކުރިއެވެ. އޭނާއަށް ސައިމްއަށް ބޭވަފާތެރި ވެވުނީއެވެ. ސައިމްދެކެ ލޯބިވާ ވާހަކަ ނުބުނެ އިނދެ ، އެލޯތްބަށް ޒުބާއަށް އިންކާރު ކުރެވުނީއެވެ.
" ޒުބާ ތިހެދީ އެހެންމީހަކުވެސް ތިކަހަލަ ޙާލަތެއްގައި ހަދާނެ ގޮތަށެވެ. ހުރިހާ ކަމެއްވެސް އިންޝާ ﷲ ރަނގަޅުވާނެއެވެ. މި ވަގުތަށް ތިކަން އެ ނިމުނީއެވެ. މަޑުމަޑުން ގޮސް ސައިމްގެމަތިން ހަނދާން ނައްތައިލާން މަސައްކަތްކުރާށެވެ ! " ރޮޝަނާ އޭނާގެ ކޮއްކޮއަށް ނަޞޭޙަތް ދިނެވެ.
އެއީ ޒުބާއަށް ވާނެކަމެއް ނޫނެވެ. ޒުބާގެ ހިތުގައިވާ ސައިމްގެ ލޯބި ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެއީ އެތައް ޒަމާނެއްގެ އިޙްސާސެކެވެ. ޒުބާގެ ހިތަށް އެކަމުގެ ނުފޫޒު ފޯރާފައިވަނީ ކިހާ ފުންމިނަކަށްކަމެއް ، އެއްވެސް މީހަކަށް ނޭނގޭނެއެވެ. ޚުދު ޒުބާއަށްވެސް ، ސައިމްއާ އޭނާއާ ދެމެދު އޮތް ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވެގެން ދިޔަގޮތެއް ނޭނގެއެވެ. އެހާ ވަރުގަދަ އިޙްސާސެއްގެ ތެރެއިން ނުކުންނާނެގޮތެއް ޒުބާއަކަށް ނޭނގުނެވެ.
" ޒުބާއެވެ ! މީހަކު ދެކެ ލޯބިވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ލޯބީގެ ހަމަތަކާއި އުޞޫލުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުން އެއީ ލޯތްބެއްގައި އޮންނާނެ އެންމެ އުނދަގޫ ޙާލަތެވެ. ޒުބާ ތިހުރީ އެ ޙާލަތުގައެވެ. ދައްތަ މިހުރީ އެކަން ތަޖުރިބާ ކޮށްފައެވެ. އެއްކޮޅުން ތިއޮތީ މަންމަޔާއި ބައްޕަގެ ލޯތްބާއި އިތުބާރެވެ. އަނެއްކޮޅުން ސައިމްގެ ލޯތްބެވެ. އެދެކަމުން ކޮންމެވެސް އެއްކަމެއް ނަގަން ޒުބާއަށް މަޖުބޫރުވާނެ ޙާލަތެއް އަންނާނެއެވެ. މައިންބަފައިންގެ މަތިވެރި ގުޅުމަށް ޤަދަރާއި އިޙްތިރާމް ކުރުން އެއީ ޒުބާގެ ފަރާތުން ދައްތަ އެދޭ ގޮތެވެ. އެކަހަލަ ކިތަންމެ ސައިމްއެއް ލިބިދާނެއެވެ. އެކަމަކު ، އަހަރެމެންގެ މަންމައާއި ބައްޕަފަދަ އެހެން އިންސާނުންނެއް ، ނުލިބޭނެއެވެ. ވަރަށް ވިސްނާފައި ގޮތެއް ނިންމައްޗެވެ ! " ރޮޝްނާ ، ޒުބާއަށް ނަޞޭޙަތް ދެމުން ގެންދިޔައެވެ.
ޒުބާއަށް އޭރުވެސް އިނީ ރޮވިފައެވެ. ރޮޝްނާއާއި ޒުބާއާ ދެބެން ވާހަކަ ދައްކަން ތިއްބާ ދާނިޔަލް އައިސް އެތަނަށް ވަނެވެ. ޒުބާ ރޮނީކޮންކަމަކާތޯ ދާނިޔަލް ސުއާލު ކުރިއެވެ. ކައިވެންޏަށް އެދި މީހުން ހުށަހެޅުން އެއީ އާދައިގެ ކަމެކެވެ. ފާއިޤާމެންގެ އެ ހުށަހެޅުމަށް ، އެމީހުން އެއޮތީ ނޫނެކޭ ބުނެފައެވެ. ޒުބާވެސް އެހުރީ އެކަމުގައި ގޮތެއް ނިންމައިގެންނެވެ. އެއީ ، ޒުބާގެ މަންމައާއި ބައްޕަގެ ގޮތެވެ. އެހިސާބުން އެކަން އެއޮތީ ނިމިފައެވެ. އެކަމާ ޒުބާ ދެރަވާނެކަމެއް ނެތެވެ.
ޒުބާއަކަށް އެކަމެއް އަދި ނުނިމެއެވެ. ޒުބާގެ ހިތުން ސައިމް ފުހެލުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ޒުބާގެ އެ ލޯތްބަކީ ކުޅޭކުޅޭ ކުޅިވަރެއްނޫނެވެ. ސައިމްވެސް ޒުބާދެކެ ލޯބިވެއެވެ. އެ ދެލޯބިވެރިންގެ ދެމެދަށް ވަދެ އެދެމީހުން ދުރުކުރަމުން އެގެންދަނީ ދެފަރާތުގެ ޢާއިލާގެ ވިސްނުމާއި ފިކުރެވެ.
ޒުބާގެ ނިންމުމަކީ ދާނިޔަލްވެސް އުފާކުރި ނިންމުމެކެވެ. މީގެފަހުން ޒުބާއަށް އެއްވެސް ވަރަކަށް ސައިމް އުނދަގޫ ކޮށްފިނަމަ ، ދާނިޔަލްގާތު ބުނުމަށް ދާނިޔަލް އެދުނެވެ. ސައިމްގެ ދެފައި ، ދާނިޔަލް ބިންދައިލާނެއެވެ. އަދި ދުވަހަކުވެސް ޒުބާއާ ދިމާލަށް ބަލައިލަން ނުކެރޭނެވަރު ސައިމްއަށް ކޮށްލާނެއެވެ.
ސައިމްގެ ވާހަކަ ނުނިމެނިސް ، އެހެން ނުހެދުމަށް ދާނިޔަލްގެ ކިބައިން އެދޭވާހަކަ ޒުބާ ބުންޏެވެ. ބޭބެޔަކަށް އެކަން ކުރާކަށް ނުޖެހޭނެއެވެ. ސައިމް އެއް ދެނެއް ޒުބާމެންގެޔަކަށްވެސް ، އަދި ޒުބާ ފެންނަހިސާބަކަށްވެސް ނުއަންނާނެއެވެ.
އޭނާދެކެ ލޯބިވާވާހަކަ ޒުބާ ނުބުނުމަކީ ، ސައިމްއަށް ލިބުނު ވަރަށްބޮޑު ނާކާމިޔާބީއެކެވެ. މަންމަޔާއި ބައްޕަގެ ކުރިމަތީގައި އެމީހުންގެ ލޯބީގެ އެއްވެސް އަގެއް މިހާރަކު ނެތެވެ. ޒުބާ މޮޅުކޮށްފައި މަންމަމެންގާތު ދައްކާނެ ވާހަކައެއްވެސް ދެނެއް ނުއޮންނާނެއެވެ. ޒުބާ އެއޮތީ ސައިމްއާއި ސައިމްގެ މަންމައާއި ބައްޕަގެ އަގު އެންމެންގެ ކުރިމަތީ ވައްޓައިލާފައެވެ. މަންމަ ކުރިންވެސް ބުނަމުން އައީ ރަނގަޅަށްކަމަށް ސައިމްއަށް ޤަބޫލު ކުރެވުނެވެ. ސައިމްއަށް މާބޮޑަށް ޒުބާއައިގެން އުޅެވުނީއެވެ.
ޒުބާއަށް އެކުރެވުނީ އެންމެ ރަނގަޅުކަމެއްކަމަކަށް ، ޒުބާގެ ހިތަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނަސް ، އެކަން އެއޮތީ ވެފައެވެ. ކުރިޔެކޭވެސް އެއްގޮތަށް ސައިމްދެކެ އަދިވެސް ޒުބާ ލޯބި ވެއެވެ. ސައިމްއަށް ޤަބޫލުކުރެވޭގޮތަށް އެވާހަކަ ބުނާނެގޮތެއް ޒުބާއަކަށް ނޭނގެއެވެ. ޒުބާ ދައްކާ އެއްވެސް ވާހަކައެއްވެސް ސައިމްއަކަށް ނުވިސްނެއެވެ. ނުވަތަ ވިސްނާކަށް ބޭނުމެއް ނުވެއެވެ.
ސަމީނާވެސް ޤަބޫލުކުރާގޮތުގައި ޒުބާ އެހެދީ އެންމެ ރަނގަޅަށެވެ. ސައިމްދެކެ ލޯބިވާވާހަކަ މަންމަގާތު ބުނަން ޒުބާ ވަރަށް މަސައްކަތް ކުރިއެވެ. އޭގެ ކުރިން ސަމީނާ ޒުބާ ބުނަން އެއުޅޭ ވާހަކަޔަކަށް ހުރަސް އެޅިއެވެ.
" އަންހެންކުދިންގެ އަބުރާއި ޢިއްޒަތަކީ މައިންބަފައިންގެ ޙައްޤުގައި ޤުރުބާން ކުރެވޭ އެއްޗެކެވެ. ޒުބާއަށް ނިންމުނު ނިންމުމާމެދު ދެރަ ނުވާށެވެ ! އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތެވެ. ދަރިފުޅު ކިޔަވައިގެން މޮޅުމީހަކަށް ވާށެވެ ! ޒުބާ ބޭނުންވާގޮތަށް ޒުބާގެ ޙަޔާތުގެ ބިންގާ އެޅޭނެދުވަސް އަދި އަންނާނެއެވެ. ޒުބާ ބޭނުންވާ ގޮތެއް އެދުވަހަކުން ޒުބާގާތު އެހޭނެއެވެ. މިއަދަކު ނޫނެވެ. މިއަދު އޮންނާނީ މައިންބަފައިން ބޭނުންވާ ގޮތެކެވެ. ތީ އަދި ކިޔަވާ ، ކުޑަކުއްޖެކެވެ. މަންމަ ބުނަން މިއުޅޭ ވާހަކަ ޒުބާއަށް ވިސްނިއްޖެކަމަށް މަންމަ ހީކުރަމެވެ. " ސަމީނާ އޭނާގެ ދަރިފުޅަށް ނަޞޭޙަތް ލައިދެމުން ގެންދިޔައެވެ.
ކިތަންމެ ވާހަކައެއް މަންމަ ދެއްކިނަމަވެސް ، ޒުބާގެ ހަށިގަނޑުތެރޭގައި އަނދަމުންދިޔަ ލޯބީގެ އަލިފާންގަނޑު މަޑެއް ނުވެއެވެ. ލޯބީގެ އެ ޖަޒުބާތުތައް ދިޔައީ އިތުރަށް އަނދަމުންނެވެ. އެންމެފަހުން ، ކެތް ނުކުރެވިގެން ، ސައިމްގެ ކިބައިން މަޢާފަށް އެދި ކާޑެއްވެސް ފޮނުވައިފިއެވެ. ޒުބާގެ އެފަދަ ކޮންމެ ޢަމަލަކީ ، ސައިމްގެ ހިތަށް ލިބޭ ތަކުލީފެކެވެ. ސައިމް ޤަބޫލުކުރާގޮތުގައި ، ޒުބާގެ ހިތުގައި ސައިމްގެ މައްޗަށް ކުޑަކުޑަ ރަޙުމެއް ، ހަމްދަރުދީއެއް އޮތްނަމަވެސް ، ޒުބާ ކަންތައްކުރާނީ އެގޮތަކަށް ނޫނެވެ. ސައިމްއަށް ބޭވަފާތެރިއެއް ނުވާނެއެވެ. އޭނާދެކެ ލޯބިނުވާކަމަށް ، އެންމެންގެ ތެރޭގައި އިޢުލާނެއް ނުކުރާނެއެވެ. ޒުބާގެ އެ ޢަމަލުން ޒުބާގެ މައްޗަށް ސައިމްގެ ހިތުގައި އުފެދެމުންދިޔައީ ރުޅިއާއި ނަފުރަތެވެ. އެއީ ، ފާއިޤާމެން އެންމެ ބޭނުންވާ ގޮތެވެ. އެކަމަކު އެގޮތަކީ ސައިމްވެސް އޭނާގެ ހިތުގެ އަޑިން ބޭނުންވާ ގޮތެއްނޫނެވެ. ޒުބާގެ މައިންބަފައިންވެސް ބޭނުންވާ ގޮތަކީ އެއީއެވެ. ކައިވެންޏެއްގެ ކަސްތޮޅުން ޒުބާ ސަލާމަތްކުރުން އެއީ ، ދާނިޔަލްގެ ވާޖިބެއްކަމުގައި ދެކެއެވެ. ޚާއްޞަކޮށް ، ސައިމްކަހަލަ އާވާރާއަކާ ޒުބާ ދުރަށް ދިއުމަކީ ދާނިޔަލްއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.
ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ، ސައިމްއަކަށް ޒުބާއާ ދުރުގައި ، މާގިނަދުވަހަކު ނުހުރެވުނެވެ. ޒުބާމެންގޭ ދޮރުމަތީ މަޑުމަޑުން ކުރުކާލި ކެނޑެން ފެއްޓުނެވެ. ޖޮގިންގަށް ދާކަމަށް ހަދާފައި ، ޒުބާމެންގޭ މަގުންލާފައި ތަންކޮޅެއް ގިނައިން ހިނގެން ފެއްޓުނެވެ. ބައެއް ދުވަސް ދުވަހު ، ޒުބާއާވެސް ދިމާވެއެވެ. ސައިމްއަށް އަންނަމުންދާ ބަދަލުތަކާއެކު ، އޭނާއާ ގާތަށް ސައިމް އެބަ އަންނަކަމުގެ އިޙްސާސް ޒުބާއަށްވެސް ކުރަން ފަށައިފިއެވެ. ފާއިޤާއާއި އިބްރާހީމަކަށް އެކަމެއް ނޭނގެއެވެ. ރޮޝްނާއާއި ސަމީނާއަކަށްވެސް އެކަމެއް އަދި ނޭނގެއެވެ. ރޮޝްނާއަށް ޒުބާކުރާ ހިތާމަ އެނގެއެވެ. އަދި ، އެކަމުން ސަލާމަތްވެގެން ، ޒުބާގެ ކިޔެވުމަށް ސަމާލުކަން ދިނުމަށް ސަމީނާވެސް އަދި ރޮޝްނާވެސް ބާރުއަޅަމުން ގެންދިޔައެވެ. ރޮޝްނާއަށް ބައެއްފަހަރަށް ހީވާގޮތުގައި ، އޭނާގެ ކޮއްކޮއާމެދު ، އޭނާ ޢަމަލުކުރަމުން އެގެންދަނީ ވަރަށް އިހާނެތި ގޮތަކަށެވެ. ދާނިޔަލްދެކެ ލޯބިވެގެން އޭނާ އުފުއްލަންޖެހުނު ތަކުލީފުތައް ރޮޝްނާގެ ހިތަކުން އަދި ފިލައިގެންދާހާ ދުވަހެއް ނުވެއެވެ. އޭނާގެ ކޮއްކޮގެ ހިތް އެގޮތަށް ފޮތިފޮތިވެގެންދާކަށް ރޮޝްނާ ބޭނުމެއް ނޫނެވެ. ދާނިޔަލްވެސް އެހުންނަނީ ، ސައިމްގެ ކަންތައް އެހިސާބުން އެ ނިމުނީކަމަށް ބަލައިގެންނެވެ. ޒުބާގެ ޙާލަތު ރަނގަޅަށް އެނގެނީ ހަމައެކަނި އޭނާގެ ދައްތަ ރޮޝްނާއަށެވެ. ދާނިޔަލްއާ އެވާހަކަ ދައްކަން ކިތަންމެ ފަހަރަކު ، ރޮޝްނާގެ ހިތަށް އަރައެވެ. ކައިވެނީގެ ކުރިންވެސް ޒުބާއާއި ސައިމްގެ ވާހަކަ ދައްކާލާ ކޮންމެ ފަހަރަކުވެސް ރޮޝްނާއާއި ދާނިޔަލްއާ ދެމެދު އެތައް ކުންޏެއް ޖެހެއެވެ. އެތައް ދުވަހެއް ވަންދެން އަނގައިން ނުބުނެ ދެމީހުން ތިބެން ޖެހެއެވެ. މިހާރު އެތިބީ ދެމީހުންވެސް ކައިވެނީގެ މަތީގައި ދެމީހުން ދެމީހުންނަށް އުފާވެރިކަން ނޫން އެހެންކަމެއް ނުދިނުމަށް ވަޢުދުވެގެންނެވެ. އެހެންކަމަށްވާއިރު ، ޒުބާގެ ވާހަކަ ދާނިޔަލްގާތު ދައްކާނީ ކޮން ދުލަކުން ހެއްޔެވެ. ރޮޝްނާއަށް ކުރިމަތިވެފައިވާ މަޖުބޫރީ ޙާލަތު ، ޒުބާއަކަށްވެސް ނުވިސްނެއެވެ. ޒުބާއަށް އަޅައިނުލާތީ ، އަބަދުވެސް އޭނާ ޝަކުވާ ކުރެއެވެ. ދައްތަޔަށް އުފާވެރި ޙަޔާތެއް ލިބުނީމަ ، އޭނާގެ މަތިން ހަނދާން ނައްތައިލަމުން ގެންދާ ކަމުގެ ޝަކުވާއެވެ.
ޒުބާއަށް އެހީތެރިވެދޭނެ އެއްވެސް މީހަކު ނެތެވެ. ކުރެވެން އޮތްކަމެއް ވިއްޔާ ކުރަންޖެހޭނީ ޒުބާ އަމިއްލަޔަށެވެ. އެކަމަށް ޒުބާ ދިޔައީ ތައްޔާރު ވަމުންނެވެ. މަޑުމަޑުން ، ނޭނގޭކަމަށް އަދި އޮޅުމަކުންކަމަށް ހަދައިފާ ސައިމްއަށް މެސެޖް ފޮނުވަން ފެއްޓިއެވެ. ސައިމްވެސް އޮޅުމަކުން މެސެޖް ކިޔައި ބޭއިޚްތިޔާރުގައިކަމަށް ހަދައިފާ ޖަވާބު ދޭން ފެއްޓިއެވެ.
ޒުބާހުރީ ، ސައިމްމެންގެޔަށްގޮސް ، ސައިމްއާ ރަނގަޅަށް ދިމާކޮށްލާނެ ވަގުތަކަށް ބަލަބަލައެވެ. ސައިމްގެ މަންމައާއި ބައްޕަ ނޫން އެހެންމީހަކު އެގެޔަކު ނޫޅެއެވެ. އެދެމަފިރިން ބޭރަށް ދިޔަވަގުތު ބަލައިފާ ، ޒުބާ ސައިމްމެންގެޔަށް ދިޔައެވެ. އަދި ، ސައިމްއާ ޒުވާބުކޮށް ސަމާސާކޮށް މައްސަލަ ޖައްސަމުންގޮސް ، ދެމީހުންގެ ޙާލުވެސް ދެމީހުން ދެމީހުންނަށް އެނގޭވަރު ކޮށްލިއެވެ. ދެހިތުގައިވާ ލޯބި ތާޒާވާވަރު ކޮށްލިއެވެ. އެކަކު އަނެކަކަށް މަޢާފުވެސް ކޮށްފިއެވެ. އެކަކަށްވެސް އަނެކާގެ ޙާލަތު އެނގޭގޮތް ނުވީއެވެ. އެތައް އިރެއްވަންދެން ޒުބާއާއި ސައިމް ކޮޓަރިތެރޭ ތިބެފައި ، މަންމަ އައުމުގެ ކުރިން ޒުބާ ގެޔަށް ފޮނުވައިލަން ޖެހޭނެތީ ، ޒުބާގޮވައިގެން މަތީބުރިން ފޭބުނީ ، މަންމަގެ ކުރިމައްޗަށެވެ.
ފާއިޤާގާތަށް އައީކީ އަމަށަކު ރުޅިއެއްނޫނެވެ. އެތިވަރު ގޮވައިގަތީ ހަމައެކަނި ޒުބާއާ ދިލާލަށް އެކަންޏެއްނޫނެވެ. ސައިމްއާ ދިމާލަށްވެސް އެއްޗެތި ކިޔައިގަތެވެ. އެތައް އިރެއްވީއިރުވެސް ، ޒުބާއަށްވެސް ސައިމްއަށްވެސް ހުރެވުނީ އެކަކުއަނެކެއްގެ އަތުގައި ބާރަށް ހިފާލައިގެންނެވެ. ކުއްލިޔަކަށް ޒުބާ އޭނާގެ އަތް ފޮޅުވާލައި ، މައާފުކުރާށޭ ބުނެ ، އަވަސްއަވަހަށް އެގެއިން ނުކުމެގެން ދިޔައެވެ.
ރޮޝްނާމެންވީ އެމީހުންގެ ހަނީމޫނަށް ގޮހެވެ. ޒުބާއާބެހޭގޮތުން އޭނާގެ މައިންބަފައިންނާ ވާހަކަ ދެއްކޭނެ މީހަކަށް ހުރީ ހަމައެކަނި ރޮޝްނާއެވެ. ރޮޝްނާ އަންނަންދެން ވަކިގޮތެއް ނުހަދާ ދެމީހުންވެސް މަޑުން ތިބުމަށް ، ޒުބާއާއި ސައިމް އެއްބަސް ވިއެވެ.
ސައިމްއަށް އޭނާގެ މަންމަ ހައްލައި ލެވިދާނެއެވެ. އެކަމަކު ، އިބްރާހީމަކީ ގޮތްދޫކުރާ މީހެއްނޫނެވެ. ދެވަނަ ފަހަރަށް ޒުބާގެ ކައިވެންޏަށް އެދި ، ޒުބާމެންގެޔަކަށް އިބްރާހީމެއް ނުދާނެއެވެ. އެކަން ސައިމްއަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެނަސް ، އެކަމާ ޒުބާ އެއްބަހެއް ނުވެއެވެ. ޒުބާއަށް ފެނުނު ގޮތުގައި އޭނާގެ ދައްތަ އައިސް ، ހުރިހާކަމެއް ހަމަޖައްސައި ދޭނެއެވެ.
ސައިމްއަށް އެހެދިގޮތުން ފާއިޤާ ހުންނަނީ އިހުނަށްވުރެވެސް ބޮޑަށް ޒުބާދެކެ ފޫހިވެފައެވެ. ޒުބާއަށް އިތުބާރު ނުކުރުމަށް ސައިމްއަށް ފާއިޤާ ނަޞޭޙަތް ދިނެވެ. އެކަމަކު ، ޒުބާއަށް ކުރިމަތިވެފައި އޮތް މަޖްބޫރީ ޙާލަތު މަންމަޔަށް ނޭނގޭނެކަމަށް ބުނެ ، ފާއިޤާ ދައްކާ އެއްވެސް ވާހަކައެއް ސައިމްއެއް ނާހައެވެ. އޭގެ ބަދަލުގައި އިބްރާހީމް އެކަމަށް އެއްބަސް ކުރުވުމަށްޓަކައި ، ސައިމް އަށް އެހީތެރިވެ ދިނުމަށް ސައިމް ، އޭނާގެ މަންމަގެ ކިބައިން އެދެމުން ގެންދިޔައެވެ. ( ނުނިމޭ )


Vv.reethi dhukuran