ހއ. އަދި ހދ. އަތޮޅުގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

06 ސުކޫލެއްގައި ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލާއިފިއެވެ.

މި ޕްރޮގްރާމު ކުރިއަށްގެންދިޔައީ ހއ. އިހަވަންދޫ ސުކޫލާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒާއި ކުޅުދުއްފުށި ސިޓީ އަފީފުއްދީން ސުކޫލާއި، ޖަލާލުއްދީން ސުކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށެވެ.

މި ޕްރޮގްރާމްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ އަފީފުއްދީން ސުކޫލާއި، ޖަލާލުއްދީން ސުކޫލް، ހދ. އަތޮޅު ތައުލީމީ މަރުކަޒު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމަށް މި މަހުގެ 12ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހުޅުމާލެ ޕޮލިސް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.

އިހަވަންދޫ ސުކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމަށް މި މަހުގެ 11ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒްއެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމަށް މި މަހުގެ 11ވަނަ ދުވަހު ބޭއްވިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ.

މި ރަސްމިއްޔާތުތަކުގައި، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރުއާއި، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީހްއާއި ސްކޫލުތަކުގެ އިސްވެރިން ބައިވެރިލެއްވިއެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕަރ ނޯތު ޕޮލިސް އަދި ސުކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި ހުރިހާ ސުކޫލަކުން ޖުމުލަ 184 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 7 އިން 12 އަށެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި، ދަރިވަރުން މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ގާނޫނާއި ގަވާއިދުތައް ކިޔައިދީ، ޓްރެފިކް މޮނިޓަރުންގެ ރޯލުތަކާއި، ޓްރެފިކް ނިޝާންތަކާއި، އެއްގަމު އުޅަނދު ދުއްވަން ކަނޑައެޅިފައިވާ އުސޫލުތަކުގެ އިތުރުން މަގުމަތީގައި ދިމާވާ ހާދިސާތަކުން ސަލާމަތްވުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމާ އަދި ސިއްހީ ކުއްލި ހާލަތެއްގައި އަވަސް ފަރުވާ ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، މަސައްކަތުގައި ކާމިޔާބު ހޯދުމަށްޓަކައި މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި އާންމުންނާ ބައްދަލުވެ ވާހަކަދެއްކުމުގައި އަދި އާންމު ދިރިއުޅުމުގައި ވެސް ބަސްމަގު ބަހައްޓަންވީގޮތްތައް ކިޔައިދިނުމަށް ކޮމިއުނިކޭޝަން ސްކިލް ސެޝަނަކާއި، ދިމާވާ ހާލަތަކުން ސަލާމަތްވުމަށް ބޭނުންވާ ބޭސިކް ސެލްފް ޑިފެންސް އުކުޅުތައް ދަސްކޮށްދީފައިވެއެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަމަލީގޮތުން ސުކޫލު ދަރިވަރުން ބައިވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ތައުލީމީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.