( 13 ޖަނަވަރީ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ސައިމްއަށް ހެދުނު ގޯހުން ސަލާމަތްވުމަށްޓަކައި ކޮންމެވެސް ކަމެއް ކުރަން އެބަޖެހެއެވެ. މަތިމައްޗަށް ހެދެމުންދާ ގޯސްތަކުން ސަލާމަތްވާނެގޮތެއް ރާވައިގެން ނޫނީ ، ދެނެއް ޒުބާ އަތަކު ނުވާނެއެވެ. ސައިމްކުރަމުންގެންދާ ކޮންމެ ކަމެއްވެސް އައީ ފެއިލްވަމުންނެވެ. އެންމެފަހުން " ސޮރީ " އޭ ލިޔެ ޒުބާގެ ކިބައިން މަޢާފަށް އެދި ، ޒުބާމެންގޭގައި ހުންނަ އެލުވާ ވަށް އުނދޯލީގައި ބަހައްޓާފައިހުރި ކާޑުތަކާއި ކުޅޭ އެއްޗެތިތައްވެސް ޒުބާވަނީ އިރާ ، ކުދިކޮށްލާފައެވެ. އޭގެތެރެއިން ބައެއްކާޑު އިރައި ، ސައިމްމެންގޭ ގޯތިތެރެޔަށް އުކާހަދާފައިވެސް ހުއްޓެވެ. ހަމައެކަނި މަޢާފުކުރާށޭ ބުނުމަކުން ، މިޒަމާނުގެ އަންހެންކުދިން މަޢާފު ނުކުރާނެކަމަށް ، ސައިމްގެ ރައްޓެހި އަންހެންކުދިންވެސް އައީ ސައިމްގާތު ބުނަމުންނެވެ.
އެއްދުވަހަކު ، ސޮރީޖަހައި ، ސައިމްބަހައްޓާފައިހުރި ފުންޕާހަންތައްވެސް ޒުބާވަނީ ފަޅައި ހުސްކޮށްފައެވެ. އެތަން ފެނުމާއެކީ ، ސައިމްއަށް ދެން ހަދާނެގޮތެއް އޮޅުނެވެ. މަޢާފަށް އެދި އޭނާއަށް އެނގިގެން ކުރެވެންހުރި ހުރިހާކަމެއް ކޮށް އެ ނިމުނީއެވެ. ޒުބާއަކަށް ވާކަމެއްވެސް ނޫނެވެ. ކަހާތަން ހިރުވައިވެސް ނުލައެވެ.
ހުއްޓައިނުލާ ސައިމްކުރަމުންގެންދިޔަ މަސައްކަތުގެ އަސަރު ކޮންމެވެސް މިންވަރަކަށް ޒުބާގެ ހިތަށް ފޯރައިފިއެވެ. ސައިމް އެ މަސައްކަތްކުރަނީ ، އޭނާއަށް ކުރެވުނު ކުށަށް މަޢާފަށް އެދުމަށެވެ. އެހާވަރަށް ސައިމް އެ މަސައްކަތްކުރަނީ ، އެކުރެވުނީ ގޯސްކަމެއްކަން އިޙްސާސް ވެގެންނެވެ. އެފަދަ މީހަކަށް އިތުރު ފުރުޞަތެއް ދިނުމަކީ ، ޙައްޤު ކަމެކެވެ. ރޮޝްނާ ދައްތަވެސްވަނީ ، ދާނިއަލްބޭބެއަށް މާފުކޮށްފައެވެ. އެހެންކަމުން ، ސައިމްއަށް އެއްފަހަރު މާފުކުރުމަށް ޒުބާ ނިންމިއެވެ. އެކަމަކު ، ދެވަނަ ފަހަރަށް އެކަހަލަކަމެއް ކޮށްފިނަމަ ، ޒުބާގެ ޙަޔާތުން ސައިމް ނެރެލާނީއެވެ. އިތުރު ފުރުޞަތެއް ނުދޭނީއެވެ.
ޒުބާގެ އެ ނިންމުން އޭނާގެ ހިތުގައި ބިންވަޅުނަގައި ރައްކާ ކުރިއެވެ. އެ ނިންމުން ބަދަލުވެދާނެ އެއްވެސް ވަސްވާހެއް ޒުބާގެ ހިތަށް ނުވެއްދުމަށް ނިންމިއެވެ. އެކަމާބެހޭގޮތުން ރޮޝްނާ ދައްކާ އެއްވެސް ވާހަކައެއްވެސް ނޭހުމަށް ނިންމިއެވެ. ޒުބާގެ ކޮޓަރިޔަށް މީހަކު އައިސް ވަދެފާނެތީ ، ރޮޝްނާވެސް އެރޭ ނިދަން އެކޮޓަރިޔަށް ނުވެއްދުމަށް ނިންމައި ދޮރު ތަންޑު އަޅައިގެން ނިދަން އޮށޯތެވެ.
ކަންދިމާކުރިގޮތުން ، ޒުބާގެ ކޮޓަރީގެ ކަރަންޓް މައްސަލައެއް ދިމާވެ ސޯޓުވެގެން އަލިފާންހިފައި ރޯވިއެވެ. ޒުބާއަށް އޮތީ ނިދިފައެވެ. ކޮޓަރީގެ ބޭރަށް ދުންގަނޑު ނުކުތްތަން ފެނިގެން ގޭގެ އެންމެން ކޮޅުކޮޅަށް ދުއްވައިގަތެވެ. ދޮރު ތަޅުލާފައި ހުރީމަ ، އެތަނަށް އެއްވެސް މީހަކަށް ވެދެވޭގޮތެއް ނުވިއެވެ. ދޮރުގައި ތަޅައި ޒުބާއަށް ގޮވަގޮވާވެސް އަޑެއް ނީވެއެވެ. ސައިމްވެސް ކަންބޮޑުވެފައިހުރެ ، ބޭރަށް ނުކުތްތަނާ ، ޒުބާގެ ކޮޓަރިން ނުކުމެގެން ބޭރުވާ ދުންގަނޑު ފެނުނެވެ.
ސައިމްއަކަށް މަޑެއްކޮށެއް ނުހުރެވުނެވެ. ޒުބާމެންގެ ކޮޓަރިޔާ ދިމާލުން ފައިބައިފާހުރި ހޮޅިޔަކުން ލާފައި މައްޗަށް އަރައި ޖެހިގެންހުރި ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ކޮޓަރިޔަށް ވަދެ ، އެހެންމީހަކަށް އެކޮޓަރިޔަށް ނުވަދެވެނިސް ، ޒުބާ ސަލާމަތްކޮށްގެން ބޭރަށް ނެރުނެވެ. ސައިމްގެ އަތުގެ ބައެއް ތަންތަނުގައި އަލިފާން ހިފައި ފިހިފައި ހުއްޓެވެ. އެއީ ، ސައިމްގެ ބައްޕަ ، އިބްރާހީމަށް އެހާ ކަމުދާކަމަކަށް ނުވިއެވެ. މާމޮޅު މީހަކަށްވާން ވެގެން ސައިމް އެކުރި ކަމަކީ ، އިބްރާހީމް ބަލައިގަތް ކަމެއްނޫނެވެ. އެއީ ސައިމް ކީއްކުރަން ކުރި ކަމެއް ހެއްޔެވެ ؟
އެއީ ޒުބާއާ އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ސައިމް ހޯދި ފުރުޞަތެއްކަމަށް އިބްރާހީމް ބެލިނަމަވެސް ، ފާއިޤާގެ ވިސްނުން ތަފާތެވެ. އެއީ އިންސާނިއްޔަތަށްޓަކައި ، ކޮންމެ މީހަކުވެސް ކޮށްފާނެ ކަމެކެވެ. އެކަމަކުވެސް ، ސައިމްއާއި ޒުބާގެ ގުޅުން އިތުރަށް ކުރިޔަށް ގެންދިއުން ހުއްޓުވުމަށް ، އިބްރާހީމްގާތު ، ފާއިޤާ އެދުނެވެ. އެއީ ، އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ޒުބާގެ މައިންބަފައިންގާތު އެވާހަކަ ބުނެގެން ، އެގުޅުން ހުއްޓުވައިފިނަމަ ، ސައިމް ކުރާނީ ކޮންކަމެއްކަމެއްވެސް ނޭނގެއެވެ. އެކަމުގެ އިންޒާރު ، ސައިމްގެ މައިންބަފައިންނަށް ސައިމް އޮތީ މިހާރުވެސް ދީފައެވެ. ޒުބާވެސް ހުންނާނީ އެގޮތުގައެވެ. އެކަން އެހާ އަވަހަށް މަނާކޮށްގެން ނުކުމެދާނެ ނަތީޖާ ހިތިވާނެކަމަށް ، އިބްރާހީމްގެ ދެމަފިރިންވެސް ނިންމިއެވެ.
ޒުބާ ސަލާމަތްކޮށްދިނީތީ ، އެގޭގެ އެންމެންވެސް ސައިމްއަށް ތަޢުރީފު ކުރަމުން ގެންދިޔައެވެ. ސައިމްގެ ކުޅަދާނަކަމާމެދު ވާހަކަ ނުދައްކާ އެކަކުވެސް ނެތެވެ. ސައިމްގެ އަމިއްލަ ހަށިގަނޑަށް ނުބަލައި ، ކޮޓަރިތެރެޔަށް ފެތުރިފައި އޮތް އަލިފާންގަނޑުގެ ތެރެއިން ، ޒުބާނެރެ ސަލާމަތް ކޮށްދިނުމަކީ ، ކުޑަކަމެއްނޫނެވެ. އެއީ ، އެކުދިންގެ މެދުގައި ކުޑައިރުއްސުރެ އުފެދިފައި އޮތް ގާތް ރަޙުމަތްތެރިކަމުގެ ހެއްކެކެވެ.
ސައިމްއަށް ޝުކުރުއަދާކުރުމަށްޓަކައި ، މެންދުރުގެ ކެއުމަކަށް ، ޒުބާމެންގެޔަށް ގެނެވުނެވެ. ޒުބާގެ މަންމައާއި ބޮޑުދައިތައާ ދެމީހުން ، ސައިމްއަށް ކާންދޭންވެގެން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ސައިމް ލަދުގަންނަވަރު ކޮށްލިއެވެ. އެމީހުންގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނީ ސައިމްއެވެ. އެކަމަށްޓަކައި ސައިމްއަށް ޝުކުރުއަދާކުރާނީ ކިހިނެއްކަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ. ސައިމްއަށް މަޖުބޫރުވީ ، ފާއިޤާގެ މަތިއަޅުފާވައި ، އެމީހުން މަނާކޮށްކޮށް އޮއްވައި ، އެގެއިން ނުކުމެގެން ދާށެވެ.
ކާއެއްޗެތި ހަދަމުންގޮސް ، ސަމީނާއަށްވެސް ހެދޭނުހެދޭ އެއްޗެއް ނޭނގި ، ބިރިއާނީއާ ނުގުޅޭ އެތައް އެއްޗެއް ހެދިފައި ހުއްޓެވެ. ސަމީނާ ހުރީ ، އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިން ޒުވާނާއަށް ، ޖާނުދޭން ތައްޔާރު ވެގެންނެވެ.
ޒުބާގެ ފުރާނަ މިފަހަރު އެ ސަލާމަތް ކޮށްދިނީ ސައިމްކަން އެމީހުންނަށް އެނގެއެވެ. އެހެނަސް ، އޭގެކުރިން ޒުބާއާ ދޭތެރޭ ސައިމް ކަންތައްކުރި ގޮތް އެމީހުންނަކަށް ނޭނގެއެވެ. އެކަމާބެހޭ ކުޑަ ވާހަކައެއް އެނގުނަސް އެނގޭނީ ޒުބާގެ ދައްތަ ރޮޝްނާއަށް އެކަންޏެވެ.
ޒުބާއާބެހޭގޮތުން ، ސައިމްގެ ރަޙުމަތްތެރިންގާތު ، ސައިމް ދައްކާފައި ހުންނާނެ ވާހަކަތަކަކީ ، ޒުބާއަށް ހަނދާން ނައްތައި ލެވޭނެ ވާހަކަތަކެއް ނޫނެވެ. އެހެނަސް ، ޒުބާއާބެހޭ އެއްވެސް ކަހަލަ ހުތުރު އަދި ނޭދެވޭ ވާހަކައެއް އެއްވެސް މީހަކުގާތު ، ސައިމްއެއް ނުދައްކައެވެ. ޒުބާގެ ހިތަށް ތަދުވާގޮތަށް ސައިމް ބުނި ވާހަކައެއް ވިއްޔާ ބުނީ ސީދާ ޒުބާ ގާތުގައެވެ. އެވާހަކަ ޤަބޫލުކުރަން ޒުބާއަށް މަޖުބޫރުވާ ވަރަށް ސައިމް ދެރަވެގެން ، އަނެއްކާވެސް ޒުބާގެ ކިބައިން މަޢާފަށް އެދުނެވެ.
" ސައިމް އެވެ ! ސައިމްގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ފިނި އިޙްސާސްތަކަށް ބަދަލު ނުގެންނައްޗެވެ. އަދި ، އެއްވެސް ޙާލެއްގައި އަހަރެންނަށް ޝައްކު ނުކުރައްޗެވެ. " ޒުބާ ބުންޏެވެ.
ސައިމް މަރުވިޔަސް ، ދެން އޭގެފަހުން ، ޒުބާއަށް ޝައްކު ނުކުރާނެކަމަށް ސައިމް ވަޢުދު ވިއެވެ. ސައިމްގެ ހިތުގައި ޒުބާގެ މައްޗަށް އޮތް އިޚްލާޞްތެރި ލޯބި ، ސައިމްގެ ހިތުގައި އަބަދުވެސް ދެމި އޮންނާނެއެވެ.
ޒުބާއާއި ސައިމް ލައްކަ ވާހަކަ ދެއްކުމަށްފަހު ، ސަމާސާ ކުރަމުންގޮސް ، އަލުން ހަމަޔަކަށް އަޅުވައި ކުރިން އޮތް ގުޅުން އެގޮތުގައި ކުރިޔަށް ގެންދިއުމަށް ނިންމިއެވެ.
ސައިމް ގެޔަށް އައިއިރު ، ސައިމްގެ ގިޓާގެ ނަރުތަކުތެރޭ ސިޓީ އުރައެއް އޮތެވެ. އެއީ ޒުބާ ލާފައި އޮތް އެއްޗެކެވެ. އެސިޓީ ނަގައި ހުޅުވާލިއިރު ، އެއީ ސައިމްއަށް ޒުބާދީފައިވާ މެސެޖެކެވެ. ކުރީދުވަހު ، ޒުބާ ބުނެލާއިރަށް ، ގިޓާ ހޫރައިލީމަ ، ހަލާކުވެފައި އޮތް ގިޓާވެސް ޒުބާވަނީ ހަދައިދީފައެވެ. އެ ގިޓާ ، ގެނެސް ސައިމްގެ ކޮޓަރިޔަށް ލީ ކޮންއިރަކުކަމެއް ސައިމްއަކަށްވެސް ނޭނގެއެވެ. މަންމަމެންނަށް ނުފެނި ގޭތެރެޔަށްވަދެ ، ސައިމްގެ ކޮޓަރީގައި އެ ގިޓާ ބެހެއްޓުމަކީ ، ޒުބާއަށް އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އޭގެ މާނަޔަކީ ، ޒުބާ މިހާރު އެހުރީ ސައިމްއަށް މާފުކޮށްގެންނެވެ.
" ސައިމް އެވެ ! މި ގިޓާގެ ކޮންމެ ނަރަކުން މީގެ ފަހުން ނުކުންނާނެ އަޑަކީ ، އަހަރެންނަށްޓަކައި ނުކުންނާނެ އަޑަކަށް ހަދާށެވެ ! " ޒުބާގެ ނޯޓުގައި ލިޔެފައި އޮތެވެ.
ސައިމްއާއި ޒުބާ ބައްދަލުކުރުމަށް ނިންމާފައި އޮތް ގަޑީގައި ވައިގަދަވެ ، ބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ގަޑިކިޔާފައި އޮތަސް ވާރެ ވެހެނިކޮށް ބޭރަށް ނުނިކުންނަން ނިންމައިގެން ޒުބާ ކޮޓަރިތެރޭ އޮތެވެ. ކުއްލިޔަކަށް ޒުބާގެ ހަނދާނަށް އައީ އެއްދުވަހެކެވެ. ތަނަކަށް ވަކި ގަޑިޔަކަށްދާން ދެމީހުން އެއްބަސްވެފައި އޮއްވައި ޒުބާއަށް ހަނދާން ނެތިގެން ނުދެވުނީއެވެ. އަނެއްދުވަހުގެ ހެނދުނު ވަންދެން ސައިމް އެތަނުގައި ހުއްޓެވެ. އެކަނިމާ އެކަނި ، ޒުބާގެ އިންތިޒާރުގައެވެ. ސައިމްއަކީ އެކަހަލަ މޮޔައެކެވެ.
ވާރޭ ވެހުނަސް ހެޔޮކަމަށް ވާރެއާ ތެމިލާންވެގެން ޒުބާ ނުކުތެވެ. ތެޅެމުން ފޮޅެމުން ޒުބާއަށް ދެވުނުއިރު ، ޒުބާއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އެއޮށްބޯ ވާރޭގައި ، ތެމި ފޯވެގެން ސައިމް އެތާ ހުއްޓެވެ. މީހާ ހުރީ ހީކަރުވައި ގަނެގެން ތުރުތުރު އަޅައަޅައެވެ. ޒުބާ އައިގޮތަށް އައިސް ، ސައިމް ކޮއްޕާ ސަމާސާ ކުރަމުންގޮސް ، ތެމިފައި ހުއްޓަސް ، ސައިމްގެ ހީ ފިލައިފިއެވެ. ދެމީހުން ސަމާސާކޮށް މަޖާކުރަމުން ވާރެއާ ތެމެމުން ، ބައެއްފަހަރަށް ގައިގޯޅިވެލަމުން ދިޔައެވެ. ގޭތެރޭގައި އުޅެފައި ބެލްކަނީގައި ހިއްކަން އަޅާފައިހުރި ހެދުންތައް ނަގަން ފާއިޤާ ނުކުތްއިރު ، ފާއިޤާއަށް އެފެނުނީ ، ސައިމް އާއި ޒުބާ ، ވާރެއާ ތެމި ދެމީހުންދެމީހުންނަށް ސަމާސާކޮށް މަޖާކުރަމުން ސަކަރާތް ޖަހަމުންދާ މަންޒަރެވެ. އެއީ ، އާދައިގެ ކަމެއްނޫންކަން ، ފާއިޤާ ދެނެގަތެވެ. އެއީ ކުޑަކުޑަ ދެކުދިންނެއް ނޫނެވެ. އެއުޅެނީކީ ، ކުޑަކުދިން ވާރެއާ ތެމެން އުޅޭގޮތަކަށް ނޫނެވެ. ފާއިޤާއަށް އެއީ ވަރަށް ބޮޑު މައްސަލައަކަށް ވިއެވެ. މިހާރުދެން ކަންތައް އެދަނީ މާމައްޗަށްކަމުގައި ފާއިޤާ ނިންމިއެވެ.
ވާރޭގަނޑު ރަނގަޅަށް ހުއްޓެންދެންވެސް ފާއިޤާއަކަށް ނުހުރެވުނެވެ. ޒުބާމެން ގެޔަށްގޮސް ، ސަމީނާއާ ބައްދަލު ކޮށް ، ޒުބާ މައިތިރި ކުރުމަށް ބުންޏެވެ. ގާތް އަވަށްޓެރިންކަމަށް ވާތީ ، ސަމީނާމެން ހިތުގައި ޖެހޭނެ ވާހަކައެއް ފާއިޤާއެއް ނުބުނެއެވެ. ފާއިޤާގެ ބޭނުމަކީ ، ކުޑައިރުއްސުރެ އެކުގައި އުޅުނަސް ، ކުޑައިރުގެ އާދަތަކާ ދުރުވެ ، ސައިމްއާއި ޒުބާ ބޮޑެތިކުދިންނަށް ވާން ޖެހޭކަން ސަމީނާމެންނަށް އަންގައި ދިނުމެވެ. ސައިމްއާ ދުރުވާން ޒުބާއަށް ނަޞޭޙަތްދޭން ސަމީނާއަށް ފާއިޤާ އެންގިއެވެ. އެ ހިސާބުން ، ފާއިޤާ އެއައީ ކޮން ނިޔަތެއްގައިކަން ސަމީނާއަށް އެނގުނެވެ.
ޒުބާގެ ފުރާނަ ސަލާމަތް ކޮށްދިނީމަ ، ސައިމް އެގެޔަށް ގެނެސް ، ކާންދީ އެމީހުން އެބެހެއްޓި ގާތްކަން ސަމީނާއަށް ކަމު ނުދިޔައީއެވެ. އެއީ ކޮންކަހަލަ މަޔެއް ހެއްޔެވެ ؟ ޒުބާގެ މަޢުޞޫމުކަމާ މެދުވެސް ސަމީނާއަކަށް ވިސްނައެއް ނުލެވުނެވެ.
އެއީ އެހާބޮޑު ކަމަކަށް ހަދާކަށް ސަމީނާ ބޭނުމެއް ނުވިއެވެ. އަދި ފާއިޤާވެސް ، އައިސްހުރި ރުޅީގައި އެއްޗެކޭ ބުނެވުނަސް މާފުކުރާށޭ ބުނަމުން ، އެގެއިން ނުކުތެވެ.
ޒުބާމެންގެޔަށް މަންމަ ދިޔަކަން އެނގުނީމަ ، ސައިމްގާތަށް ރުޅިއައިސް މަންމައާ އެކަމާބެހޭގޮތުން ބަޙުސް ކުރިއެވެ. ޒުބާއާއި ސައިމް ވާރޭ ތެމި މަޖާކުރިތަން ފާއިޤާއަށް ފެނުނު ކަމަކަށް ނުހަދައެވެ. އެކަމަކު ، ސައިމް ތެމިފައިހުރިތަން މަންމަޔަށް ފެނިފައި ، ޒުބާމެންގެޔަށް އެހިނދުން އެހިނދަށް ގޮސް ، ސަމީނާދައްތަމެންނާ ބަޙުސްކޮށް ، ޒުބާއާއި އޭނާއާ ދުރުކުރުމުގެ ވާހަކަ ދެއްކީމަ ، އެމީހުން އެގަތް ސަކަރާތް ، މަންމަޔަށް އެނގުނުކަމަށް ސައިމް ނިންމިއެވެ. އެއީ ، ސައިމްއަށް އެއްވެސް މައްސަލައެއް ނޫނެވެ. މަންމަމެންގާތު އެވާހަކަ ނުބުނަނިސް ، ކޮންމެވެސް ގޮތަކުން މަންމަމެންނަށް އެކަން އެނގުނީމަ އެކަންވެސް އެއޮތީ ވެފައެވެ. އެކަމަކު ، އެކަމާ ، މަންމަ އެހާ ހިތްހަމަ ނުޖެހެންވީ ސަބަބެއް ސައިމްއަކަށް ނޭނގުނެވެ. ޒުބާ އެގެޔަށް އައިސް އުޅޭއިރު ، މަންމައަކީ ، ޒުބާދެކެ އެހާ ލޯބިން އުޅޭ މީހެކެވެ. މިހާރު އެވީ ކިހިނެއް ހެއްޔެވެ ؟
ޒުބާމެންގެއިން ނުކުމެގެން އައިސް ގެޔަށް ވަތްތަނާ ، އިބްރާހީމް އައިސް ، ފާއިޤާ އެކުރީކީ ރަނގަޅު ކަމެއްނޫންކަމުގައި ފާއިޤާއަށް ވިސްނައިދިނެވެ. އިބްރާހީމްއޮތީ ، ޒުބާއާއި ސައިމްގެ ކަންތައް ހަމަޖައްސާނެކަމަށް ބުނފައެވެ. އެކަމުގައި އޭނާ ގެންގުޅޭނެ އުކުޅު އެއީ ސިއްރެކެވެ. އެކަމެއް ފާއިޤާއަކަށްވެސް ނާންގާނެއެވެ. ޒުވާން ޢުމުރުގައި ދެޖިންސުގެ ކުދިން އެކުގައި މަޖާކޮށްވެސް ހަދާނެއެވެ. އެއީ އެހާ ސީރިއަސް ކަމަކަށް މައިންބަފައިން ހަދާވަރަކަށް ، އެކުދިން ހަދާނީ ގޯހެވެ. ސައިމްއަކީ ފިރިހެން ކުއްޖެކެވެ. ބިރެއް ގަންނާކަށް ނުޖެހެއެވެ. މާބުރަކީވެސް އެއްމަލުން ފޮނިބޮމުން ، އަނެއްމަލުން ފޮނިބޮމުން ދުވާ ސޫތްޕެކެވެ. ޒުވާން ޢުމުރަކީ އެކަހަލަ އެއްޗެކެވެ. ފިރިހެންކުދިންގެ މައިންބަފައިންނަށް ، އެކުދިންގެ ފަރާތުން މާބޮޑެތި މައްސަލަތަކެއް ކުރިމައްޗެއް ނުވާނެއެވެ. މައްސަލަ ކުރިމަތިވާނީ އަންހެންކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށެވެ. ޚާއްޞަކޮށް މައިންނަށެވެ.
ފާއިޤާއާއި ސައިމްގެ އެ ބަޙުސްގައި ފާއިޤާއަށް ކުރި ނުލިބޭނެކަން ، ފާއިޤާއަށް އެނގެއެވެ. އެހެންނަމަވެސް ، ޒުބާއާއި ސައިމްގެ ގުޅުމަކީ ، އިތުރަށް ކުރިޔަށް ގެންދަން ފާއިޤާ ބޭނުންވާ ގުޅުމެއް ނޫނެވެ. އެ ގުޅުން ހުއްޓުވަން ފާއިޤާ މަސައްކަތްކުރާ ވަރަކަށް ، ސައިމްއަށް އަރާ ފޯރިވަނީ ގަދައެވެ. ޒުބާދެކެ ސައިމް ލޯބިވާ ވާހަކަ ބުންޏަސް ، އެއީ ލޯބިނޫންކަމުގައި ވިސްނައިދެވޭތޯ ، ފާއިޤާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ފިރިހެން ކުދިންނަށް އެ ޢުމުރުގައި އެކަހަލަ ގޮތްގޮތް ވާނެއެވެ. ނުކުރަންވާ ބައެއް ކަންކަންވެސް ކުރެވޭނެއެވެ. އެކަމަކު ، އެއީ އެހާ ސީރިއަސްކޮށް ނަގަންޖެހޭ ކަމެއްނޫންކަން ،ފާއިޤާ އޭނާގެ ދަރިފުޅަށް ވިސްނައިދެވޭތޯ ބަލަމުން ގެންދިޔައެވެ. އެހެނަސް ، ފާއިޤާގެ އެއްވެސް ވާހަކައެއް ޤަބޫލުކުރާކަށް ސައިމް ބޭނުމެއް ނޫނެވެ. އޭނާގެ ކުޑައިރުގެ ރަޙުމަތްތެރިޔާ ދޫކޮށްލާކަށް ސައިމްއެއް ނުވިސްނާނެއެވެ. އެއީ އޭނާ ކުރާނެކަމެއް ނޫނެވެ.
ޒުބާމެންގެޔަށް މަންމަގޮސް ދެއްކީ ކޮން ވާހަކަތަކެއްކަމެއް ސައިމްއަކަށް ނޭނގެއެވެ. މަންމަގާތު ބުނެބުނެ ، އެގެޔަށް އަލުންގޮސް ސަމީނާ ދައްތަގެ ކިބައިން މާފަށް އެދެން ސައިމް އޭނާގެ މަންމަގެ ކިބައިން އެދުނެވެ. އެހެނަސް ، އެކަން ކުރާކަށް ފާއިޤާ ބޭނުމެއް ނޫނެވެ. އެންމެފަހުން ، އެކަންވެސް ކުރަން ޖެހުނީ ސައިމްއަށެވެ. ސައިމް އެކަހަލަ އެއްވެސްކަމެއްކުރަން އެގެޔަށް ދާކަށް ފާއިޤާ ބޭނުމެއްނޫނެވެ. އެކަމަކު ، އެއީ ، ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމުގައި ސައިމް ނިންމިއެވެ. ( ނުނިމޭ )
