ވިލިމާލޭގައި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ސޮއިކޮށްފި

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރ ޒެންގެ ޒޫ އެވެ.

ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލަކީ 112 އެނދުގެ ޖާގަ ހިމެނޭހެން، ގާތްގަނޑަކަށް 12،890 އަކަމީޓަރުގެ ސަރަޙައްދެއްގައި އިމާރާތްކުރެވޭ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ޚިދުމަތްތަކާއި، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތައް ހިމެނެއެވެ. އަދި މެޑިކަލް ވޯޑުތަކާއި  އިދާރީ އޮފީސްތައް ވެސް ހިމެނޭނެއެވެ.

މީގެއިތުރުން ޓާރޝަރީ ފެންވަރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހާ މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރު ވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއަކީ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު ސޮއިކުރެވުނު އިމްޕްލިމެންޓޭޝަން އެގްރިމަންޓްގެ ދަށުން ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން މި މަޝްރޫއުގެ ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާއެވެ. ލަފާކުރެވޭ ގޮތުގައި ކޮންޓްރެކްޓަރަކު އައްޔަންކޮށް، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

ވިލިމާލޭގައި ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫއަކީ ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އައު ހަރުފަތްތަކަކަށް ގެންދާނެ، ރާއްޖޭގެ ސިއްހީ ދާއިރާގެ ގެ ކުރިއެރުމަށް އިސްތިރާޖީ މުހިއްމު ބިނާއެކެވެ.

މިއީ ދިވެހިރާއްޖޭގެ އާންމު ސިއްހަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމެކެވެ. ހަމައެހެންމެ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމާއި، ދެމެހެއްޓެނިވި ކުރިއެރުމަށް ދެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މަޝްރޫއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.