ދިވެހިބަހުގެ އެކަޑެމީގެ ރައީސްކަމުގެ މަގާމަށް ޙަސަން ޝާކިރު މުޙައްމަދު ހޮވިވަޑައިގެންފި

ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ހ. ހުދުފިނިފެންމާގޭ ޙަސަން ޝާކިރު މުޙައްމަދު، ދިވެހިބަހުގެ އެކަޑެމީގެ ރައީސް ކަމަށް ހޮވިވަޑައިގެންފިއެވެ. އޭނާ މި މަގާމަށް ހޮއްވެވީ މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި ދިވެހިބަހުގެ އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ނެގުނު ސިއްރު ވޯޓަކުންނެވެ. މި ވޯޓުގައި ޙަސަން ޝާކިރަށް ކޮމިޓީގެ ފަސް މެންބަރުންގެ ވޯޓު ލިބިވަޑައިގަތެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީވެސް ފަސް މެންބަރުންނެވެ.

ދިވެހިބަހުގެ އެކަޑެމީގެ މެންބަރުން:

  1. ޙަސަން ޝާކިރު މުޙައްމަދު (ރައީސް)
  2. ޒުލްފާ އިބްރާހީމް (ނައިބު ރައީސް)
  3. ޢިޔާޒް ޖާދުﷲ ނަސީމް (މެންބަރު)
  4. އިބްރާހީމް ވަޙީދު (މެންބަރު)
  5. ފާޠިމަތު ޢައްޒަ (މެންބަރު)

ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޙަސަން ޝާކިރު ވަނީ ވަރަށް ގިނަ އަދަބީ ޚިދުމްތަކެއް ކުރައްވައިފައެވެ. އޭގެ ތެރޭގައި ޅެންވެރިކަމުގެ ކޯސްތައް އެކި ފެންވަރުގައި ހިންގެވުމާއި އަދަބީ މަސައްކަތް ކުރާ މީސްމީހުންނަށް އެހީތެރިވުމާއި އަދަބީ މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރެއްވުން ހިމެނެއެވެ. އޭނާއަކީ ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމްޢިއްޔާ ލިޔުންތެރިންގެ ގުޅުމުގެ ނައިބު ރައީސްކަން ދެ ދައުރެއްގައި ކުރައްވައިފައިވާ ބޭފުޅެކެވެ. އެ ޖަމްޢިއްޔާ އުފައްދަން ކުރެވުނު މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އިތުރަށް ޖަމްޢިއްޔާ އުފެދުނީއްސުރެ 2023 ވަނަ އަހަރާ ހަމައަށް އެ ޖަމްޢިއްޔާގެ އެކި މަގާމުތައް ފުރުއްވައި އަމަލީ ގޮތުން އެތައް މަސައްކަތެއް ވަނީ ކުރައްވައިފައެވެ.

ދިވެހިބަހުގެ އެކަޑެމީގެ ރައީސްކަން އެންމެ ފަހުން ހުންނެވީ ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ. މިދިޔަ މަހު އޭނާ ރައީސްކަމުންނާއި މެންބަރުކަމުން އިސްތިއުފާދެއްވީމާ އެކަޑެމީގެ ބޯޑުން ހުސްވީ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ ޙަސަން ޝާކިރު މުޙައްމަދެވެ. އެކަޑެމީގެ ގާނޫނުގައި އޮންނަ ގޮތުން ރައީސް ކަމަށް ބޭފުޅަކު ހޮވަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެކަޑެމީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.