2026 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 3/2026 ނަމްބަރު ދެންނެވުމުގައެވެ.
މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީއެވެ.
ރިޔާސީ ބަޔާނަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހިވަޑައިގަންނަވާ ބަޔާނެކެވެ. ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ދައުރު ފަށާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދެއްވާ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެކުލަވައިލައްވާ ބަޔާނަކަށް ވާންވާނެކަމަށެވެ.
މިއީ ހަމައެކަނި ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއެކެވެ. ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ކޮންމެ އަހަރަކު ވެސް ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވާ ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، އެ ރިޔާސީ ބަޔާނަށް ޖަވާބުދާރީވުން އޮންނާނެއެވެ. އަދި މިކަމަށް 14 ދުވަުހުގެ މުއްދަތެއް ދޭނެއެވެ.
