ޤާނޫނު ނަންބަރު 2025-27 ގެ ދަށުން ގާއިމުކޮށްފައިވާ 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އާއި މީރާއާ ދެމެދު އެމް.އޯ.ޔޫ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެމް.އޯ.ޔޫގެ ދަށުން، މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ހައުސްއަށް ދައްކާ ފައިސާ ބަލައިގަތުމުގެ މަސައްކަތް މީރާ މެދުވެރިކޮށް ހަމަޖެއްސުމަށް ނިންމާފައިވެއެވެ. މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ 31 ޑިސެންބަރު 2025 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ގައި ބޭއްވުނު ޙާއްސަ ރަސްމިއްޔާތެއްގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އެމް.އޯ.ޔޫ ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ވަނީ 2016 އިން ފެށިގެން މީރާއިން ވަރަށް ހަރުދަނާ އަދި ޒިންމާދާރުގޮތެއްގައި މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކުރައްވާ އެކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށާއި މީރާގެ މުވައްޒަނުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވީ މީރާގެ މުވައްޒަފުން އެންމެ އިސްކަމެއްދެނީ ނަޒާހަތްތެރިކަމާއިއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ކޮންމެ ތަނެއްގައި ހުރެ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ޒަކާތާއި ސަދަގާތް އަދި ވަޤުފް ދެއްކޭނެގޮތް މަގުފަހި ކޮށްދިނުމަށެވެ.
މީގެ އިތުރުން، މީރާއިން 2024 ވަނަ އަހަރު ތައާރަފުކުރި 'ގުޅިގެން މީރާ' އިނިޝިއޭޓިވްއަށް އަލިއަޅުވައިލަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވައިފައިވަނީ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރުމަކީ މީރާއިން ވަރަށް ބޮޑު އިސްކަމެއްދޭކަމެއް ކަމަށެވެ. އެގޮތުން މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ޤާނޫނެއްގެ ދަށުން މީރާއާއި ހަވާލުކުރުމަކީ މީރާއަށް ޓެކްސްދައްކާ ފަރާތްތަކާއި އާއްމު ރައްޔިތުންކުރާ އިތުބާރު އިތުރުވެގެންދާނެކަމެއްކަމަށްވެސް ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. ހަމަ މިއާއިއެކު އަލަށް ތަންފީޒުކުރެވޭ ގާނުނުގެ ދަށުން، ޒަކާތު ކައުންސިލުގައި މީރާގެ ބައިވެރިވުން ހިމެނި، ރާއްޖޭގެ ޒަކާތުގެ ކަންކަމުގައި މަތީ ފެންވަރުގައި ލަފާ އަރުވައި ބައިވެރިވުމުގެ ފުރުސަތު މީރާއަށް ލިބިގެންދާތީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އަދި މޯލްޑިވްސް ޒަކާތް ހައުސްގެ އިސް ވެރިންނަށް ކޮމިޝަނަރ ޖެނެރަލް ޝުކުރުއަދާކުރެއްވިއެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އިތުރަށް ވިދާޅުވައިފައިވަނީ މީރާގެ ސްޓްރެޓެޖިކް ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވާ މީރާގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސަތްކަތުގެ ތެރެއިން މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތައް އިިތުރު ލުއިތަކެއް ލިބޭނެކަމަށެވެ.
މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންގެންދަނީ މީރާއިންނެވެ. އަދި މުދަލު ޒަކާތް މީރާއިން ބަލައިގަތަސް ފިތުރު ޒަކާތް ކުރިއަށް އޮތް ތަނުގައި ވެސް ބަލައިގަންނާނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ކަމުގައި މީރާއިން މައުލޫމާތު ދެއެވެ.
