(20 ޑިސެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
عبدالواحد ޖަވާބު ދެއްވިއެވެ. "އޭނާގެ ފަރާތްޕުޅުން އަދިއެއް ޖަވާބެއް ނާދެއެވެ. ނަމަވެސް މަނިކުފާނު ހިތްޕުޅު ހަމަޖައްސަވާށެވެ. މަނިކުފާނަށް ވަރަށް އަވަހަށް މަނިކުފާނުގެ ގެއަށް ވަޑައިގެންނެވިދާނެއެވެ. މި ވަގުތު އަޅުގަނޑު މަނިކުފާނު ބަލައި މި ފޮނުވީ އެހެން ކަމަކުއެވެ."
ރަންބީރުގެ ހިތްޕުޅު ހީވީ ހުއްޓުނުހެންނެވެ. އޭނާ މޮޅިވެރިކަމާ އެކު عبدالواحد އާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. عبدالواحد މޭޒުކޮޅުމަތީން ކުޑަކުޑަ ފަށުވި ރުމާލެއް އޮޅައިލައިފައި އޮތް ސިޓީއެއް ނަންގަވައިފިއެވެ. އެ ސިޓީ ރަންބީރަށް ދެއްވަމުން ވިދާޅުވިއެވެ. "އިހަށް މި ސިޓީފުޅު ވިދާޅުވެބައްލަވާށެވެ! މިއީ މަނިކުފާނުގެ ގެއިން އައި ސިޓީފުޅެކެވެ."
ރަންބީރު ތުރުތުރު އަޅާ އަތްޕުޅަކުން ރުމާކޮޅު ނިއުޅުއްވައިލައްވައިފައި ސިޓީ ނަންގަވައިފިއެވެ. އޭނާ ސިޓީ ކަނޑުއްވައިގެން ވިދާޅުވުމުގައި މަޝްޣޫލު ވެވަޑައިގެންފިއެވެ. އެ ސިޓީ އަކީ އޭނާގެ ކޮއްކޯފުޅު ޝަކުންތަލާ ލިޔުއްވައިފައި ވާ ސިޓީއެކެވެ. އެ ސިޓީގައި ވަނީ އަންނަނިވި ޢިބާރާތްތަކެވެ.
"އަޅުގަނޑުގެ ފުރާނަ ފަދަ ލޯބިވާ ބޭބޭއެވެ!
އަޅުގަނޑު ބޭބެ ހޯދުމަށް ޓަކައި ޝަމްބޫނާތު މި ފޮނުވަނީއެވެ. އޭނާއަށް ބޭބެގެ އަރިހަށް ދެވިއްޖެއްޔާ ކަލާކޯއެވެ! ނަންދުނާގެ ކިއްލާއިން މިނިވަން ވި ޤައިދީންގެ ކިބައިން އަޅުގަނޑަށް ވަނީ ބޭބޭފުޅުގެ ޙާލުކޮޅު އޮޅުން ފިލައިފައެވެ. ބޭބެގެ ފިދުޔަ ދެއްވުން ބައްޕާފުޅަށް މަނާ ނުކުރެއްވި ނަމަ، ބޭބޭފުޅުގެ ފިދުޔަ ހިއްޕަވައިގެން ޚުދު ބައްޕާފުޅު ނަންދުނާއަށް ވަޑައިގަތީހެވެ. ނަމަވެސް ބޭބޭފުޅުގެ މެސެޖު ވަނީ ބައްޕައެއްގެ ލޯބި ރާޖުޕޫތެއްގެ ބޭރުފުށުގެ ރަސްމީ ބޮޑާފުޅުކަމުގެ މައްޗަށް ޤުރުބާން ކޮށްލައްވާން ބައްޕާފުޅަށް މަޖުބޫރު ކުރުވައިފައެވެ. ބޭބޭފުޅުގެ މެސެޖު ލިބިވަޑައިގެންނެވުމުން، ބޭރުފުށުން ބައްޕާފުޅުގެ އުފާފުޅުގެ ވަކި ޙައްދެއް ނެތެވެ. ބައްދަލު ވެވަޑައިގަންނަވާ ކޮންމެ މީހެއްގެ ގާތުގައި ވެސް ބައްޕާފުޅު ވިދާޅުވެއެވެ. މިއީ އަހަރެންގެ ރަންބީރާ މެދު އަހަރެން އުއްމީދު ކުރާ ގޮތެވެ." ނަމަވެސް ބައްޕާފުޅުގެ ހިތްޕުޅު ދަނީ އުފުއްލަވާން ދަތިފުޅު ބަރެއްގެ ސަބަބުން ފިސްފިސް ވަމުންކަން އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. ބައްޕާފުޅު އަޅުގަނޑުގެ ހިތް ހަމަޖައްސަވައިދެއްވުމަށް ޓަކައި ވިދާޅުވެއެވެ. "ދާދި އަވަހަށް ގުނޫޖުގެ ލަޝްކަރާއި އެހެން އެތައް ރަސްރަސްކަލުންނެއްގެ ލަޝްކަރާ އެކު ވެގެން ދުޝްމަނުންނާ ޙަމަލަ ދޭނެއެވެ. ދަރިފުޅުގެ ބޭބެ މިނިވަން ވެގެން ގުނޫޖުގެ ލަޝްކަރާ އެކު އެނބުރި އަންނަ އިރު މީސްތަކުން ރަސްގެފާނަށް ވުރެ ބޮޑަށް ދަރިފުޅުގެ ބޭބެއަށް މަރުޙަބާ ކިޔާނެއެވެ." ނަމަވެސް އެއީ ހަމައެކަނި ބައްޕާފުޅު އަޅުގަނޑަށް ދައްކަވާ ހުވަފެނެކެވެ. ގުނޫޖުގެ ލަޝްކަރު ބަލި ވުމަށް ފަހު ބައްޕާފުޅުގެ އެ ހުވަފެންފުޅު ޙަޤީޤަތަކަށް ވުމުގެ އެއްވެސް އުއްމީދެއް ނެތެވެ. ރާޖުޕޫތެއްގެ ރަސްމީ ބޮޑާކަން އަދިވެސް ބައްޕާފުޅުގެ ދޫފުޅު ހުޅުއްވައިލެއްވުމުގެ ހުއްދައެއް ނުދެއެވެ. ނަމަވެސް އަޅުގަނޑަށް ބައްޕާފުޅުގެ މޫނުފުޅުމަތީން ހިތްޕުޅުގެ އުދާސްތައް ފެނެއެވެ. އަޅުގަނޑު ޝަމްބޫނާތު މި ފޮނުވަނީ ބައްޕާފުޅާ މަޝްވަރާ ކުރުމަކާ ނުލައެވެ. އަޅުގަނޑުގެ އަތުގައި ހުރި ހުރިހައި އެއްޗެއްސެއް އޭނާގެ ޙަވާލުގައި ފޮނުވީމެވެ. މި ތަކެތި ބޭބޭފުޅުގެ ފިދުޔައަށް ފުދޭ ވަރު ވާނަމަ، ކަލާކޮށްޓަކައި ޖަލުން ސަލާމަތް ވެވަޑައިގަތުމާ އެކު ގެއަށް ވަޑައިގަންނަވާށެވެ. އަޅުގަނޑާއި ޝަމްބޫނާތު ފިޔަވައި އެހެން އެއްވެސް މީހަކަށް ބޭބޭފުޅު ސަލާމަތް ކުރެވުނީ ފިދުޔަ ދީގެންކަމެއް ނޭނގޭނެއެވެ. އަޅުގަނޑު މި ވާހަކަ ބައްޕާފުޅުގެ އަރިހަކު ވެސް ނުދަންނަވަމެވެ. އެއީ އެއްވެސް ޙާލެއްގައި ބައްޕާފުޅު ކޯފާ ވެދާނެތީއެއް ނޫނެވެ. އެއީ ބޭބޭފުޅުގެ އިންތިޒާރުގައި ބައްޕާފުޅަށް ކެތް ކުރައްވާން ދަތިފުޅު ވާނެތީއެވެ. މިހާރު ވެސް ބައްޕާފުޅުގެ ޙާލުކޮޅަކީ، ރޭގަނޑު ގިނިކަންޏާ އެތައް އިރަކު އަމިއްލަފުޅު ހިތްޕުޅާ ވާހަކަ ދައްކަވާން އިންނަވައެވެ. ބައެއް ފަހަރު ރޭގަނޑު އަވަހާރަފުޅަށް އޮންނަވައިފައި ތެދު ވެވަޑައިގެން ދޮރާ ދިމާޔަށް ދުވެވަޑައިގަންނަވައެވެ. ނޯކަރުންނަށް ވިދާޅުވެއެވެ. "ދޮރު ހުޅުވާށެވެ! އަހަންނަށް ރަންބީރުގެ އަޑު އިވިއްޖެއެވެ."
ފުރާނައަށް ވުރެ ވެސް ލޯބިވާ ބޭބޭފުޅާއެވެ! އަޅުގަނޑާ ބެހޭގޮތުން އިތުރަށް ލިޔެވޭނީ ވެސް ކީކޭތޯއެވެ؟ އަޅުގަނޑު ކޮންމެ ނޭވަޔަކާ އެކު ބޭބޭފުޅުގެ ހަނދާން އާ ކުރަމެވެ. ބޭބޭފުޅު ހަނދުމަފުޅު ހުންނާނެއެވެ. އަޅުގަނޑު ކުޑަ އިރު ބޭބޭފުޅު ތަންކޮޅެއް ލަހުން ގެއަށް ވަޑައިގަންނަވާ ރޭރޭ އަޅުގަނޑު ނިދުމުގެ ބަދަލުގައި އަޅުގަނޑުގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ބޭބޭފުޅުގެ އިންތިޒާރުގައި ހޭލައި އިންނަމެވެ. ބޭބޭފުޅު ބައެއް ފަހަރު ސިޑީން އަރައިވަޑައިގަތުމުގެ ބަދަލުގައި ގޭގެ ބިތްދޮށުގައި ހުންނަ ގަސް ސިޑިއަކަށް ހައްދަވައިގެން ކުޑަދޮރުން އަޅުގަނޑުގެ ކޮޓަރިއަށް ވެދެވަޑައިގަންނަވަމުއެވެ. އަޅުގަނޑު ގަސްދުގައި ބޭބޭފުޅަށް ފުރަގަސް ދެމެވެ. ބޭބޭފުޅު އަޅުގަނޑުގެ ފަހަތުން ވަޑައިގެން އަޅުގަނޑުގެ މޫނުގައި އަތްޕުޅު އަޅުއްވައިފައި "ބުނެބަލާށޭ، އަހަންނަކީ ކާކުހެއްޔޭ" ވިދާޅުވަމުއެވެ. އަޅުގަނޑު އެނގި ހުރެމެ އަޅުގަނޑުގެ އެކިއެކި ރައްޓެހި ކުދީންގެ ނަން ދަންނަވަމެވެ. އަޅުގަނޑު މިހާރު ވެސް ނިދުމުގެ ކުރީން ހަމަ އެތާނގައި އިނދެ ބޭބޭފުޅަށް އިންތިޒާރު ކުރަމެވެ. ބޭބޭފުޅު ވަޑައިގަންނަވާނެ ނަމައެވެ! ބޭބޭފުޅު ބައެއް ފަހަރު ބޭބޭފުޅުގެ ޝަކުންތަލާ ހޭނ ވަރުން ނުޤަބޫލުފުޅު ވަމެއް ނޫންތޯއެވެ؟ މިހާރު އަޅުގަނޑު ހޭން ވެސް ހަނދާން ނެތިއްޖެއެވެ. އަޅުގަނޑު ބައެއް ފަހަރު ބޭބޭފުޅު ގެއަށް ވަޑައިގަންނަވާތަން ފެނުމުން ބޭބޭފުޅަށް ފިލަމެވެ. ބޭބޭފުޅު އަޅުގަނޑު ފެނިވަޑައިގަންނަވާތޯ ގޭގެ އެތަންމިތަން ހޯއްދަވަމުއެވެ. މިހާރު އަޅުގަނޑު ބޭބޭފުޅު ވަޑައިގަންނަވާތޯ މަގު ބަލާން އިންނަތާ ހަތަރު އަހަރާ ބައި ވަނީއެވެ.
ބޭބެގެ ތުއްތު ކޮއްކޮ - ޝަކުންތަލާ"
ރަންބީރު އެ ސިޓީ ވިދާޅުވެ ނިމިވަޑައިގަތުމާ އެކު ރަންބީރުގެ ލޯފުޅުގެ ތެރޭގައި ފަތަމުން ދިޔަ ކަރުނަތައް އޮހޮރިގެންފިއެވެ. އޭނާ އިރުކޮޅަކު އެއްވެސް ޙިއްސެއް ނެތި އިސް ޖައްސަވައިގެން އިންނެވިއެވެ. އެންމެ ފަހުން އޭނާ عبدالواحد އާ ދިމާޔަށް ބައްލަވައިލައްވައިފައި ސިޓީ އޭނާގެ އަތްޕުޅަށް ދެއްވަމުން ވިދާޅުވިއެވެ. "މިއީ އަޅުގަނޑުގެ ކޮއްކޮގެ ސިޓީއެކެވެ. މަނިކުފާނަށް މި ސިޓީ ވިދާޅުވެވިދާނެތޯއެވެ؟"
عبدالواحد ސިޓީ ވިދާޅުވުމަށް ފަހު ދެވަނަ ފަހަރަށް ރަންބީރުގެ އަތްޕުޅަށް ދެއްވައިފިއެވެ. ސިފައިންގެ މީހަކަށް ވިދާޅުވެގެން އަރިހަށް ގެންނަވައިފައި ވިދާޅުވެއްޖެއެވެ. "ގުނޫޖުން އައި މީހާ އަހަރެންގެ ގާތަށް ގެންނާށޭ ފާރަވެރީންގެ ވެރިޔާގެ އަރިހުގައި ދަންނަވާށެވެ." އެއަށްފަހު އޭނާ ގަލަންކޮޅު ނަންގަވައިގެން ސިޓީފުޅެއް ލިޔުއްވުމުގައި މަޝްޣޫލު ވެވަޑައިގެންފިއެވެ. އިރުކޮޅެއްގެ ފަހުން އެ ސިޓީފުޅު ބަންދު ކުރައްވައި ބޭރުގައި އެޑްރެސް ލިޔުއްވައިފިއެވެ. عبدالواحد ސިޓީފުޅު ނިންމަވައިފައި ރަންބީރާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ރަންބީރެވެ! ކަންބޮޑު ވެވަޑައިނުގަންނަވާށެވެ. މަނިކުފާނަށް މަނިކުފާނުގެ ކޮއްކޯފުޅު ވަރަށް އަވަހަށް ފެނިވަޑައިގެންފާނެއެވެ."
ޝަމްބޫނާތު ފާރަވެރީންގެ ވެރިޔާއާ އެކު ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ އަކީ އިސްކޮޅުން ދިގު، ހިމަތޮޅި މީހެކެވެ. މެދުޢުމުރުގެ މީހެކެވެ. ރަންބީރު އޭނާ ފެނިވަޑައިގަތުމާ އެކު ގޮނޑިކޮޅުން ތެދު ވެވަޑައިގެން އޭނާއާ ދިމާޔަށް ވަޑައިގެންފިއެވެ. ޝަމްބޫނާތު ގުދު ވެފައި ރަންބީރުގެ ފައިންޕުޅުގައި ބޮސް ދޭން އުޅުނެވެ. ނަމަވެސް ރަންބީރު އޭނާގެ ދެ މުލައްދަނޑީގައި ހިއްޕަވައި ނަންގަވައި މޭފުޅުގައި ޖައްސައިލެއްވިއެވެ. ކޮށްފައި ވާ އަސަރެއްގެ ބޮޑުކަމުން އިރުކޮޅެއް ވާންދެން އެއްވެސް ބޭފުޅަކަށް ވާހަކަފުޅެއް ނުދެއްކެވުނެވެ. ރަންބީރުގެ ލޯފުޅުގައި ކަރުނަފޮދު ވިދަވިދައި ހުއްޓެވެ. ޝަމްބޫނާތު ވަރަށް މަސައްކަތުން ގިސްލުން މަތަ ކުރެވޭތޯ ބަލަނީއެވެ. އިރުކޮޅަކުން ޝަމްބޫނާތު ރަންބީރު އެއްފަރާތަކަށް ޖައްސައިލާފައި ކުރިޔަށް ޖެހިލައިފިއެވެ. އޭނާގެ ރޫފަޔަށް ބަލާ އިރު ބޮޑު ކަމުގައި ފެންނަ ފަގުޑި ނަގައިފައި عبدالواحد ގެ ފައިތިލަފުޅުމަތީގައި ބާއްވައިފިއެވެ.
"މާތް ސާހިބާއެވެ! މާތް ސާހިބާއެވެ!" އޭނާ ދެ އަތް ޖޯޑު ކޮށްފައި ތުރުތުރު އަޅާ އަޑަކުން ދެންނެވިއެވެ. "ނަންދުނާގެ މީހުން ބުނާ ގޮތުގައި މަނިކުފާނަކީ ދޭވަތާއެކެވެ."
عبدالواحد ފަގުޑި ނަންގަވައި އޭނާގެ ބޮލުގައި އަޅުއްވައިދެއްވަމުން ވިދާޅުވިއެވެ. "ތިޔައީ ނަންދުނާގެ މީހުން ހަދާ ދޮގެކެވެ. އިށީންނާށެވެ. ހިތްހަމަޖެހުމާ އެކު އަހަންނާ ވާހަކަ ދައްކާށެވެ. އަހަންނަކީ ހަމައެކަނި އިންސާނެއް ކަމުގައި ބަލާށެވެ."
ޝަމްބޫނާތު ހަދާނެނަހަދާނެ ގޮތެއް ނޭނގި ހުރެފައި، ބިންމަތީގައި އިށީނދެއްޖެއެވެ. عبدالواحد އަދަރާދަ ގޮނޑިއަކާ ދިމާޔަށް އިޝާރާތް ކުރައްވައިފައި ވިދާޅުވިއެވެ. "އެ ގޮނޑީގައި އިށީންނާށެވެ."
ޝަމްބޫނާތު އާދޭސް ކުރާ ރާގުގައި ދެންނެވިއެވެ. "ނޫނެކެވެ. ސާހިބާއެވެ. ނޯކަރަކަށް ސާހިބާއާ އެއް ހަމައެއްގައި އިށީންނާކަށެއް ނުކެރޭނެއެވެ."
"ނޫނެކެވެ. ކަލެޔަކީ އަހަރެންގެ މެހުމާނެކެވެ." މިހެން ވިދާޅުވެފައި عبدالواحد އޭނާގެ މުލައްދަނޑީގައި ހިއްޕަވައި ނަންގަވައިފައި ގޮނޑީގައި ބައިންދަވައިފިއެވެ. ޝަމްބޫނާތުގެ ދުލުން އެއްވެސް އަޑެއް ބޭރެއް ނުވިއެވެ. އޭނާގެ ނަޒަރު ރަންބީރާ ސުވާލު ކުރެއެވެ. އަނެއްކާ އަޅުގަނޑު މި ހަދަނީ ގޯހެއް ނޫންތޯއެވެ؟ عبدالواحد ގެ އިޝާރާތަށް ރަންބީރު ވެސް އޭނާގެ ގާތުގައި އިށީނދެވަޑައިގަތުމުން ޝަމްބޫނާތު އަނެއްކާވެސް ދެ އަތް ޖޯޑު ކޮށްގެން ކޮޅަށް ތެދުވެއްޖެއެވެ.
"ޝަމްބޫނާތެވެ. އިށީންނާށެވެ!" ރަންބީރު ކުޑައިކޮށް ކަންބޮޑު ވެވަޑައިގެން އިންނަވައިގެން ވިދާޅުވެއްޖެއެވެ. ޝަމްބޫނާތު އޭނާގެ ހިތާ ދެކޮޅަށް އަނެއްކާވެސް ގޮނޑީގައި އިށީނދެއްޖެއެވެ. ނަމަވެސް އޭނާގެ މޫނުމަތީން ހީވަނީ ގޮނޑީން ތެދު ވެގެން ދުވެ ފިލުމަށް ޓަކައި ކުޑަ ނަމަވެސް އިޝާރާތެއްގެ އިންތިޒާރުގައި އިންހެންނެވެ.
عبدالواحد ވިދާޅުވިއެވެ. "ކަލޭ ތިޔަ އައީ ރަންބީރުގެ ގަނޑުވަރުން ހެއްޔެވެ؟"
"އާދޭހެވެ! ސާހިބާއެވެ! އަޅުގަނޑުގެ ފުރާނަ ސަލާމަތް ކުރައްވައިފި ކަމުގައި ވާނަމަ ދަންނަވާން ބޭނުން ވާހަކައެއް އެބައޮތެވެ."
عبدالواحد ހިނިފުޅު ވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "މިތާކު ކަލޭގެ ފުރާނަޔަކަށް އެއްވެސް ނުރައްކަލެއް ނެތެވެ."
ޝަމްބޫނާތު އޭނާގެ އަންބޮނޑި ނިއުޅައިލައިފައި ކުޑަކުޑަ ކޮތަޅެއް ނަގައިފިއެވެ. އޭނާ އެ ކޮތަޅު عبدالواحد ގެ އަތްޕުޅަށް އަރުވަމުން ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! މިއީ މަނިކުފާނުގެ އަރިހަށް ގެނައި ވެދުމެކެވެ. ކަލާކޮށްޓަކައި ރަންބީރު ދޫ ކޮށްލައްވާށެވެ!"
عبدالواحد ޖަވާބު ދެއްވިއެވެ. "ތިޔަ ކޮތަޅު ކަލޭގެ އަތުގައި ބާއްވާށެވެ. އަހަރެމެންނަށް ތިޔައިގެ ބޭނުން ވާނެއެކޭ ހީއެއްނުވެއެވެ."
"ސާހިބާއެވެ! އަޅެ ނިކަން ބައްލަވަބައްލަވާށެވެ. މީގެ ބަރުދަން ކިތަންމެ ލުއި ކަމުގައި ވިޔަސް، އަގު ނުލާހިކު މަތި ވާނެއެވެ. ސާހިބާއެވެ! ނިކަން ބައްލަވާށެވެ." ޝަމްބޫނާތު މިހެން ބުނެފައި ތުރުތުރު އަޅައަޅައި އޮތް އަތަކުން ކޮތަޅު ހުޅުވައިލައިފައި، ކުދިކުދި ބައެއް ގަހަނާގެ އިތުރުން މުތީގެ ހާރަކާއި، އަލިމަސް ޖަހައިފައި ވާ އުޅާޖޯޑެއް ނަގައިފައި عبدالواحد ގެ ކުރިފުޅުމަތީގައި ބާއްވައިފިއެވެ.
(ނުނިމޭ)

haadha reethi vaahakaekey shukuran