މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށްދީފި

ރަށުފެންވަރުގައާ ގައުމީ ފެންވަރުގާ މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް ދީފިއެވެ.

މިކަމަށްޓަކައި ޔޫތު ހަބްގައި ރޭ ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ މި ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދެވެ.

މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުގެ ދާއިރާ އިން ލިބުނީ ވިމެން އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް ތިނަދޫއަށެވެ.

އަދި ޚާއްސައެހީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ލިބުނީ ކެއާ ސޮސައިޓީ އަށެވެ. ތަޢުލީމީ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ތުޅާދޫ ސިލްވަރ ޝައިން ކްލަބަށް ލިބުނުއިރު ދިވެހިންގެ ޘަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާ އިން އެވޯޑު ހާސިލް ކުރީ ޝާއިރުންގެ ވާދީއެވެ.

ތިމާވެށީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ހާސިލް ކޮއްފައިވަނީ ކްލީން މޯލްޑިވްސްއެވެ.

ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމަޢުއަކަށް މަސައްކަތް ކުރުން މި ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު ލިބުނީ އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްއަށެވެ.

މަސްތުވާ ތަކެތިން މުޖްތަމަޢު ރައްކާތެރިކުރުން މި ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު 2025 ހާސިލް ކޮއްފައިވަނީ ގިރިންދާއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެ ވުޒާރާގެ ވަޒީރު ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު 7 ޖަމިއްޔާއަކަށްލިބުނު ނަމަވެސް 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު އެ ވުޒާރާއިން ވަޒަން ކުރައްވާނެ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރާނީ މަދަނީ ޖަމިއްޔާތަކާއި އެކު ކަމަށާއި މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ކުރިއެރުވުމަކީ އެ ވުޒާރާއިން އެންމެ އިސްކަމެއް ދެއްވާނޭ އެއް ކަންތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.