( 10 ޑިސެންބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އަންވަރުގާތަށް ޚާނަމް އައިސް ، މުރުތަސިމްގެ ކައިވެނި ކުރެވޭވާހަކަ ބުންޏެވެ. އަންވަރަކީ މުރުތަސިމްގެ ބޭބެއެކެވެ. ތިމާގެކަމުގެ ގޮތުން އަންވަރަށްވުރެ މުރުތަސިމާ ގާތް ފިރިހެނަކު ، މިވަގުތު ދުނިޔެއަކު ނެތެވެ. ޚާނަމް ބޭނުންވީ ، މުރުތަސިމްގެ ކައިވެނި ކުރެވޭއިރު ، އެތަނުގައި މުރުތަސިމާއެކީ އަންވަރު ހުރުމަށެވެ. މުރުތަސިމްގެ ކައިވެނި މީރަބާ ކުރެވިފައި އޮތްކަން ޚާނަމަށް އަންވަރު ހަނދާން ކޮށްދިނެވެ. އެ ވާޖިބު އޭނާ ފުރިހަމަ ކޮށްފިއެވެ. ދެފަހަރަށް ނޫނީ ތިންވަނަ ފަހަރަށް މުރުތަސިމްގެ ކައިވެނި ކުރުވަން ޚާނަމް ބޭނުންވަންޏާ އެކަން ކުރަންވީކަމަށް އަންވަރު ބުންޏެވެ. އެމީހުން އެކުރާ ކަމެއްގައި ބައިވެރިނުވެވޭނެތީ ، ދުރާލައި އަންވަރު މަޢާފަށް އެދުނެވެ. ޚާނަމް ބޭނުންވަނީ މުރުތަސިމް އުފަލުގައި ހުރުމެވެ. މުރުތަސިމަށް އުފަލުގައި ހުރެވޭނީ ކިހިނެއް ހެއްޔެވެ ؟ މީރަބަށްޓަކައި މުރުތަސިމް މަޑުކުރާނީ ކިހާ ދުވަހަކު ހެއްޔެވެ ؟ މީރަބް ދިޔަފަހުން މިހާރު ދެއަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މިއީ ، ހައްތާވެސް ޚާނަމްގެ ޝަކުވާއެވެ.
މީރަބަށް އިންތިޒާރުކުރުމުގައި މުރުތަސިމް ހުންނަންވީ ކިހާދުވަހަކުތޯ ޚާނަމް ، އަންވަރާ ސުއާލު ކުރިއެވެ. އެ ސުއާލަކީ މުރުތަސިމާ ކުރަންޖެހޭ ސުއާލެއް ނޫންތޯ ، ޚާނަމްގާތު އަންވަރު އެހިއެވެ. އެއްވެސް ވަރަކަށް މުރުތަސިމް އިންތިޒާރުކުރާނެކަމެއް ނެތްކަމަށް އަންވަރު ބުންޏެވެ. އެކަމަކު ، މީރަބް ހޯދުމުގެ މަސައްކަތް ހުއްޓައިލައިގެން ނުވާނެއެވެ. މީރަބްގެ ބޭއަދަބީ ، އަޚްލާޤެއްނެތް ޢަމަލުތަކުގެ ވާހަކަ ޚާނަމް ފެށުމާއެކީ ، މީރަބްގެ އަޚްލާޤާ ބެހޭގޮތުން އެންމެ ބަހެއްވެސް އަޑުއަހަން އޭނާ ކެތްނުކުރާނެކަމަށް އަންވަރު ބުންޏެވެ. މީރަބްވީ ރޮހޭލާއެކީ ނޫންކަން އަންވަރަށް އެނގެއެވެ. އޭނާގެ ދަރިފުޅަކީ އަދަބެއް ސަދަބެއްނެތް ކުއްޖެއްނޫނެވެ. އަޚްލާޤެއްނެތް ކުއްޖެއްވެސް ނޫނެވެ. ކުޑަކޮށް ގޮތް ދޫނުކުރަނީއެވެ. އޭގެ މާނަޔަކީ ، އެއީ ހިތްހަރު ގޮތެއްފޮތެއްނެތް ކުއްޖެއްނޫންކަމަށް އަންވަރު ބުންޏެވެ. އެއީ ދީނަކަށް މިއްލަތަކަށް ނުބަލާ ހަޑި މުޑުދާރު ގޮތްގޮތަށް އުޅޭ ކުއްޖެއްނޫނެވެ. މީރަބަށް ލިބިފައި އެހުރީ ވައްޤާސްއާއި އަނީލާގެ ތަރުބިއްޔަތެވެ. ވައްޤާސްގެ އަޚުލާޤެވެ.
އެހެނަސް ، އެގޮތަށް ފިލައިގެން ގެއިން ނުކުމެގެން ، މީރަބް ދިއުމަކީ ޚާނަމަށް ޤަބޫލު ކުރެވޭނެކަމެއްނޫނެވެ. ދެން ، އަނބުރާ މީރަބް އަންނާނެކަމެއްވެސް ނޭނގެއެވެ. މީރަބް އަންނާނެކަމަށް އަންވަރު ބުންޏެވެ. ޝާހްނަވާޒް ނިޔާވުމަށްފަހު ، ޚާނަމް ބަލަހައްޓައި ގޭގެ ބޮޑުދަރިއެއްގެ ގޮތުގައި ، މުރުތަސިމް ބޮޑުވަންދެން ހުރިހާކަމެއް ބެލެހެއްޓީ އަންވަރެވެ. އެހެންކަމުން ، މުރުތަސިމްގެ ކައިވެނީގެ ޙަފްލާގައި ބައިވެރިވެ ، މުރުތަސިމަށް ހެޔޮދުޢާ ކޮށްދިނުމަށް އަންވަރުގެ ކިބައިން ޚާނަމް އެދުނެވެ. ޚާނަމް ގޮސް މުރުތަސިމް ތައްޔާރު ކުރުވައި ، މުރުތަސިމްގެ ކަރުމަޅި އެޅުވުމަށް އަންވަރު ބުންޏެވެ. އޭނާ ހުންނާނީ ، އޭނާގެ ދަރިފުޅު އެނބުރި އައުންއެދި ދުޢާ ކުރުމުގައެވެ.
އެންމެންގެ ބަސްއަހައިގެން ، އަޙްމަދުއާބާދަށް ދާން މީރަބް ތައްޔާރުވިއެވެ. އޭނާ އަޙްމަދުއާބާދަށް ގެންގޮސް ދިނުމަށްޓަކައި ސަބާއައިސް ހުއްޓެވެ. ޚާލިދު އައިސް މީރަބްގާތުގައި ހުއްޓިލިއެވެ.
" މީރަބެވެ ! މީރަބަކީ އަހަރެމެން ދެމީހުންގެ ދަރިއެކެވެ. މީސަމްއަކީ އަހަރެމެންގެ ކާފަމާމަ ދަރިއެކެވެ. މުރުތަސިމްގާތަށް ދިޔައިމަ ، މީރަބާއި މީސަމް ބަލައިނުގެންފިނަމަ ، މީރަބްގެ މައިންބަފައިންގާތަށް އަލުން އައުމަކީ އަހަރެމެންގެ ވަރަށްބޮޑު އެދުމެކެވެ. މީސަމްއަކީ ، އަހަރެމެންގެ ލޮލުގެ އަލިކަމެވެ. މިގޭގެ ދޮރު ، ތި ދެމައިންނަށްޓަކައި އަބަދުވެސް ހުންނާނީ ހުޅުވިފައެވެ. " ޚާލިދު ބުންޏެވެ.
މީރަބްމެންނާއެކީ ، ފާރޫޤުވެސް ދާން ބޭނުންވިއެވެ. އެހެންނަމަވެސް ، އެގެޔަށް ދިޔައިމަ ފާރޫޤަށް އިތުރު ތަކްލީފެއް ލިބިދާނެތީ ، އެމީހުންނާއެކީ ފާރޫޤު ދާކަށް މީރަބް ބޭނުމެއް ނުވިއެވެ. މީރަބް އެގެޔަށް ގެނެސްލީ ފާރޫޤެވެ. ފާރޫޤު ބޭނުންވީ ، އެގެއިން ނުކުމެން މީރަބްގޮސް ދެންވަންނަ ގެޔަކަށްވެސް މީރަބް ލައިދިނުމަށެވެ. އެކަމަށް ، ޚާލިދުގެ ދެމަފިރިންވެސް ތާއީދު ކުރިއެވެ. އަދި ، ފާރޫޤު ގޮވައިގެން ދިއުމަށް އެދުނެވެ. ސަބާއަށް ހަމަޖައްސައިނުލެވޭވަރުގެ ކަމެއް ދިމާވިޔަސް ، ފިރިހެނެއްގެ ބޭނުން ޖެހިއްޖެނަމަ އޭރަށް ފާރޫޤުވެސް ހުންނާނެއެވެ. ކަމެއް ދިމާވާނީ ބުނެފައެއްނޫނެވެ. ކޮންމެ އިރަކު ކޮންމެފަދަ ކަމެއްވެސް ދިމާވެދާނެއެވެ. މިދުނިޔެއަކީ ކަށިތަކުން ފުރިގެންވާ ކަށިކުނބުރު ޖަންގައްޔެކެވެ.
ކައިވެނީގެ ޙަފްލާގައި މުރުތަސިމް އިށީނދެލައިގެން އިންދާ ، ޙަޔާގޮވައިގެން ޚާނަމް އައެވެ. ޙަޔާ އައިސް މުރުތަސިމްގާތު އިށީންއިރު ، މުރުތަސިމް އިނީ ނިތްމަތީ އަތްއަޅައިގެން ވިސްނުމެއްގެ ތެރެޔަށް ގެއްލިފައެވެ. އޭނާގެ ޚިޔާލަށް ފެންނަމުން އެދަނީ ، މީރަބާއި އޭނާގެ ކައިވެނި ކުރެވުނު ގޮތުގެ މަންޒަރު ތަކެވެ. ޙަޔާ އިނީ ކޮލުދަތަށް ދަންދެން ފެންނަ ވަރަށް ހިނިއައިއްސައެވެ. ކައިވެނިލައިދިނުމަށްޓަކައި މައުޛޫނު ގެންގުޅޭ ފޮތް ހުޅުވައިލިއެވެ. ހަމަ އެވަގުތު އެގޭގެ މައިދޮރުވެސް ހުޅުވިގެން ދިޔައެވެ. ދޮރުހުޅުވައިލީ ސަބާއެވެ. ސަބާއާއެކީ ، އެހުރީ މީރަބެވެ. މީރަބްގެ ކޮނޑުމަތީ މީސަމް ނިދިފައި އޮތެވެ.
މީރަބް ވަދެގެން އައިއިރު ، އެގޭތެރެ އޮތީ މާމެލާމެލިން އެއްވަސްކޮށް ޒީނަތްތެރި ކުރެވިފައެވެ. ފުރަތަމަވެސް މީރަބް ފެނުނީ ބަޚްތިޔާރަށެވެ. މީރަބް ހުއްޓުވާކަށް ބަޚްތިޔާރަކަށް ނުކެރުނެވެ. އޭރު މައުޛޫނު ގެންދިޔައީ މުރުތަސިމާއި ޙަޔާގެ ކައިވެނި ލައިދެމުންނެވެ.
" އަކްރަމްޚާންގެ އަންހެންދަރިފުޅު ޙަޔާ ، ޝާހްނަވާޒްޚާންގެ ފިރިހެންދަރި މުރުތަސިމްޚާނާ ކައިވެނިކުރުމަށް ، ފަންސާސްހާސް ރުފިޔާގެ ރަނަށް އެއްބަސްވަން ހެއްޔެވެ ؟ " މައުޛޫނުގެ އަޑު އިވުނެވެ.
އެވަގުތު މުރުތަސިމް އެއްލިކަޅިޔަކުން އެފެނުނީ ، އެމީހުންގެ ކުރިމަތީ ހުއްޓިލައިގެންހުރި މީރަބެވެ. އޭނާގެ ކޮނޑުމަތީ ކުޑަކުއްޖަކުވެސް އޮތެވެ. ކައިރީގައި ސަބާ ހުއްޓެވެ. ސަބާ އެއައީ ، މީރަބް ހޯދުން މުރުތަސިމް ހުއްޓައިލީމަ ، އޭނާގެ މަސައްކަތުން ، އޭނާއަށް ހޯދުނުގޮތަކުން ، މީރަބް ހޯދައިގެންނެވެ. ސަބާއާ ދިމާލަށް ބަލައިލައި ، މުރުތަސިމަށް ހިނިތުން ވެލެވުނެވެ. ޝުކުރުވެރި ހިތަކުންނެވެ.
ފިރިބަލައިގަންނަކަމަށް އެއްބަސްވެ ، އާނއެކޭ ބުނުމަށް އިސްއުފުލާލައި ، އަނގަ ހުޅުވައިލިތަނުން ޙަޔާއަށްވެސް މީރަބް ފެނުނެވެ. އަނގައޮޅި ، ބުނަންއުޅުނު އާނބަސް އޭނާއަކަށް ނުބުނެވުނެވެ. އިސްލާމީ ބައެއް މުޖްތަމަޢުތަކުގައި ، ކައިވެނި ލައިދޭއިރު ، އަންހެނާ އޭނާގެ ފިރިމީހާ ބަލައިގަންނަކަމުގައި ދެފަހަރަކަށް ބުނެއުޅެއެވެ. ޚާއްޞަކޮށް އިންޑިއާއާއި ޕާކިސްތާނާ އަދި ބަންގްލަދޭޝްގައެވެ. މުރުތަސިމަށް ކުއްލިޔަކަށް ކޮއްޅަށް ތެދުވެވުނެވެ. އަދި ، މީރަބާ ދިމާލަށް މަޑުމަޑުން ހިނގައިގަނެވުނެވެ. މީރަބްހުރީ ، ކަޅިޖަހައިނުލާ މުރުތަސިމްގެ ލޮލަށް ބަލަހައްޓައިގެންނެވެ. މުރުތަސިމަށް ނުފެނުނަސް ، މީރަބްގެ ހިތުގައި މުރުތަސިމްގެ މައްޗަށް އޮތް ލޯބި ފާޅުވާން ހުއްޓެވެ. މުރުތަސިމަށްވެސް މީރަބާ ދިމާލަށް ހިނގަމުން ދެވުނީ ، ކަޅިޖަހައިނުލާ މީރަބްގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. މީރަބްގެ ފެންކަޅިވެފައިވާ ލޮލުގައި ލިޔެވިފައިވާ އެތައް ވާހަކައެއް ، މުރުތަސިމް ކިޔަމުން ގެންދިޔައެވެ.
" އެހާ ފަސޭހައިން ލިބޭ ލޯބި އެއީ ޙަޤީޤީ ލޯތްބެއްނޫނެވެ. ޙަޤީޤީލޯބި ބޭނުންނަމަ ، ދިގު އިންތިޒާރެއް ކުރަން ޖެހޭނެއެވެ. އެތައް ތަކްލީފެއް އުފުއްލަން ޖެހޭނެއެވެ. " މީރަބް ބުނެފައިވާ ބަހެއް މުރުތަސިމްގެ ހަނދާނަށް އައެވެ.
ކޮންމެވެސް ނޯކަރަކުގޮސް މީރަބް އައިވާހަކަ އަންވަރުގާތު ބުނުމުން ، އަންވަރުވެސް ދުވަމުންދުވަމުން އެތަނަށް އައެވެ. އޭނާގެ ބަލި އެއްފަހަރުން ފަސޭހަވި ކަހަލައެވެ. ރޮވިފައިހުރެ ، އަހަރެންގެ ދަރިފުޅާއޭ ބުނެ ، އަންވަރަށް މީރަބަށް ގޮވައިލެވުނެވެ. އަންވަރަށް އަޑުން އަޑުނަގައި ރޮއެގަނެވުނެވެ. އިސްއުފުލައި ، މައްޗަށް ބަލައިލައި ، ﷲ އަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ. މީރަބް އެނބުރި އަންނާނެކަން އޭނާއަށް އެނގޭކަމުގައި އަންވަރު ބުންޏެވެ. އަންވަރު މަރުވުމުގެ ކުރިން މީރަބް އަންނަންޖެހެއެވެ. އޭނާ އަދި މަރެއް ނުވެއެވެ. މީރަބަށްވެސް ރޮވުނެވެ. އަދި ، އަންވަރުގެ ގައިގައި މީރަބް ބައްދައިލިއެވެ. އިންތަނުން ހިރިލަންވެސް ނޭނގިފައި ޖެހިބުދެއްހެން ޙަޔާ އިނެވެ. ޚާނަމްވެސް އިނީ ބުނާނެ އެއްޗެއް ނޭނގި ތައްމިނަށް އަނގަ ހުޅުވިފައެވެ. މުރުތަސިމަށް ލިބުނު ޙައިރާންކަމުގައި އަނގައިން ބުނަން ނޭނގި ދެލޯ ބޮޑުވެފައި ހުއްޓެވެ.
މުރުތަސިމް މީރަބް ހޯދިކަމަށާއި މީރަބް އުޅުނީ ކޮންތާކުތޯ މީރަބާ އަންވަރު ސުއާލު ކުރިއެވެ.
" މީރަބް އުޅުނީ ރޮހޭލް ގާތުގައެވެ. " ޙަޔާއަށް އާދަޔާ ޚިލާފަށް ބާރަށް ބުނެވުނެވެ.
އަންވަރު ޙަޔާއާ ދިމާލަށް ދެލޯ އަޅައިގެން ހުއްޓާ ، މީރަބްހުރީ ރޮހޭލްކައިރީގައި ނޫންކަމަށް ސަބާ ބުންޏެވެ.
" އެހެންނެއް ނުވާނެއެވެ. މީރަބް އުޅުނީ ރޮހޭލާ އެކީގައެވެ. ތީ އޭނާގެ ރަޙްމަތްތެރިއެއް ނޫން ހެއްޔެވެ ؟ މީރަބާ އެއްބައިވެގެން ތިއުޅެނީ އެހެންވެގެން ނޫން ހެއްޔެވެ ؟ މީރަބް އުޅުނީ ރޮހޭލާއެކީގައި ކަމަށް ބުނާށެވެ ! " އަނެއްކާވެސް ޙަޔާ ބުންޏެވެ.
މިދިޔަ ދެއަހަރު ދުވަހު ، މީރަބް އުޅުނީ ކޮންތާކުތޯ ޚާނަމްވެސް މީރަބާ ސުއާލު ކުރިއެވެ. އުޅުނީ ކާކު ކައިރީގައި ހެއްޔެވެ ؟ ތިއީ ކާކުގެ ދަރިއެއް ހެއްޔެވެ ؟ ޚާނަމް އެތައް ސުއާލެއް ކުރަމުން ގެންދިޔައެވެ. އޭރު މީސަމަށްވެސް ހޭލެވިގެން ރޮމުން ގެންދިޔައެވެ.
" މިއީ މުރުތަސިމް އާއި އަހަރެންގެ ދަރިއެކެވެ. " މީރަބް އެންމެފަހުން އަނގައިން ބުންޏެވެ.
އެހެން ނުވާނެކަމަށް ޙަޔާ ބުންޏެވެ. ޚާނަމް މަންމާއެވެ ! އެއީ ، މުރުތަސިމްގެ ދަރިއެއް ނޫނެވެ. އެވާނީ ރޮހޭލްގެ ދަރިޔަކަށެވެ. އެއީ އަނެއްކާ މީރަބް ހަދާ އަނެއް ދޮގުތޯ އާއި އަނެއް އޮޅުވައިލުންތޯ ޚާނަމްވެސް ސުއާލު ކުރިއެވެ.
" މިއީ މުރުތަސިމާއި އަހަރެންގެ ދަރިއެކެވެ. އަހަރެންގެ ތެދަކީ އެއީއެވެ. އެއްވެސްމީހަކަށް އޮޅުވައިލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންމީ ދޮގުހަދާ މީހެއްނޫންކަން ، މިތާމިތިބަ އެންމެންނަށްވެސް އެނގޭނެއެވެ. " މީރަބް ބުންޏެވެ.
ކުރިންހެން ޖަދަލު ކުރާކަށް މިހާރަކު މީރަބަކަށް ނޭނގެއެވެ. މީރަބް ވާހަކަ ދައްކަމުން ގެންދިޔައީ މަޑުމައިތިރި ކަމާއެކީގައެވެ. އޭގެ ބަދަލުގައި މިހާރު ހަޅޭއްލަވަމުން އެގެންދަނީ ޙަޔާއެވެ. ޙަޔާ ، މުރުތަސިމާ ގާތަށް ޖެހިލިއެވެ. މީރަބް ހަދަމުން އެގެންދަނީ ދޮގުކަމަށް މުރުތަސިމްގާތު ބުނަމުން ގެންދިޔައެވެ. އެމީހުންގެ ކައިވެނި ކުރެވޭކަން އެނގިގެން އެއައީ ، އަބަދުވެސް ހަދާގޮތަށް އެދެމީހުންގެ ދެމެދަށް ވަންނާށެވެ. އަހަރެމެންނަށް ލިބޭ އުފާވެރިކަމަށް މީރަބަށް ކެތް ނުކުރެވުނީއެވެ. އެއީ ކާކުގެ ދަރިއެއްކަމެއްވެސް ނޭނގެއެވެ. މުރުތަސިމްގެ ދަރިއެކޭ ކިޔަމުން އެއައީ ، އަހަރެމެންގެ ކައިވެނި ހުއްޓުވަން ވެގެންނެވެ. އެއީ ، މުރުތަސިމްގެ ދަރިއެއްނޫންކަމަށް ބުނަމުން ، މީރަބް އެގެއިން ނެރެލުމަށްޓަކައި މީރަބާ ދިމާލަށް ޙަޔާ އައެވެ. އެހެންނަމަވެސް ، އަންވަރު އެދެމެދަށް ވަދެ ، ޙަޔާއަށް އެގެއިން މީރަބް ނުނެރެވޭނެކަމުގައިބުނެ ޙަޔާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ. ޙަޔާއަކަށްވެސް މަޑެއްކޮށެއް ނުހުރެވުނެވެ. އަންވަރުބޭބެވެސް މަޑުން ހުންނާށޭ ބުނެ ، ޙަޔާގެ ދެއަތުން އަންވަރުގެ މޭގައި އަޅައި ކޮއްޕައިލިއެވެ. އަރިއަޅާލައިގެންގޮސް ، އެތާހުރި ތަނބެއްގައި ޖެހިފައި އަންވަރު ނުވެއްޓި ކޮޅަށް ޖެހުނެވެ.
އަންވަރު ބޭބެޔަކަށް ނޭނގޭނެކަމަށާއި ، އޭނާއަށް އުފަލެއް ލިބެން އޮންނަ ކޮންމެ ޙާލަތެއްގައި މީރަބް އޭނާގެ ކުރިމައްޗަށް ، މުޞީބާތެއްގެ ގޮތުގައި އަންނަ ކަމަށް ޙަޔާ ބުންޏެވެ.
" މިއީ އަހަރެންގެ ގެޔެވެ. އަހަރެންނަކީ މިގޭގެ ވެރިމީހާއެވެ. މިގޭގައި ދެން ހިނގާނީ އަހަރެންގެ ބަހާއި އަމުރެވެ. އަހަރެންނާއި މުރުތަސިމާ ދެމީހުން މިތިބީ އެންގޭޖްވެގެންނެވެ. އަހަރެން މުރުތަސިމާ އިންނަން ރަންކިޔައި ، އަހަރެމެންގެ ކައިވެނި މިއޮށް ކުރެވެނީއެވެ. ކޮންމެ ފަހަރަކުވެސް ، އަހަރެންގެ އުފާ ބަރުބާދުކޮށްލަން މި އަންހެނާ އެބަ އާދެއެވެ. އަހަރެންނާ ދުރުގައި މުރުތަސިމަށް ހުންނަން މަޖުބޫރުވާ ސަބަބަކީ އެއީއެވެ. " ޙަޔާ ، މީރަބާ ދިމާލަށް އެއްޗެތި ކިޔަމުން ގެންދިޔައެވެ.
އަދި ކައިވެންޏެއް ނުކުރެވޭދޯއޭ ބުނެ ޙަޔާގެ ފެންވަރުގައި ޙަޔާ ހުރުމަށްބުނެ ، އަންވަރު ހަޅޭއްލަވައިގަތެވެ.
އަންވަރު ކޮއްޕައިލިގޮތަށް ، އެގެއިން ނުކުމެގެންދާށޭ ބުނަމުން ޙަޔާގޮސް ، މީރަބް ކޮއްޕައިލިއެވެ. އެހިސާބުން ، މުރުތަސިމަކަށްވެސް ނުހުރެވުނެވެ. ހަޔާގެ އަތުގައި ހިފައި ، މީރަބަކީ އޭނާގެ އަނބިމީހާކަމުގައި މުރުތަސިމް ބުންޏެވެ. އަދި އެކުއްޖާފުޅަކީވެސް އޭނާގެ ދަރިއެއްކަމަށް މުރުތަސިމް ބުންޏެވެ. އެއްވެސް މީހަކަށް މިގެއިން މީރަބް ބޭރުކޮށެއް ނުލެވޭނެއެވެ. ޙަޔާގެ އަތުގައި މުރުތަސިމަށް ހިފައިލެވިފައިހުރިލެއް ބާރުކަމުން ، ޙަޔާއަށް ތަދުވެގެން އަތް ފޮޅުވައިލުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ.
" މިއަދަށްފަހު ، މިގޭގައި ދިރިއުޅޭ އެއްވެސް މީހަކު ، މީރަބާ ދިމާލަށް އިނގިލިވެސް ދިއްކޮށްލައިގެން ނުވާނެއެވެ. މީރަބް ދިޔައީ ކޮންތާކަށް ކަމެއް ، އުޅުނީ ކާކާ އެކުގައިކަމެއް ، އުޅުނީ ކޮންގޮތަކަށްކަމެއް އެއީ އަހަރެންނަށް ތަފާތެއް ފެންނާނެ ކަމެއްނޫނެވެ. މީރަބް އަނބުރާ އައުން އެކަނިވެސް އަހަރެންނަށް ފުދެއެވެ. " މުރުތަސިމް ބުންޏެވެ.
ޙަޔާގެ އަތުން މުރުތަސިމްގެ އަތް ދޫކޮށްލައި ، ޙަޔާ ހޫރައިލިއެވެ. ބިންމައްޗަށް ގުޅަޔަކަށް ޙަޔާ ނުޖެހުނީ ، ޚާނަމަށް ޙަޔާގެއަތުގައި ހިފަހައްޓައި ލެވުނީތީއެވެ. މުރުތަސިމް ކުރިޔަށް ޖެހިލައި މީރަބްގާތަށް ދިޔައެވެ. ކަޅިޖަހައިނުލައި މީރަބަށާއި މީސަމާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މީރަބްގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް އެއީ މީރަބްގެ މަޢުޞޫމިއްޔަތުކަމުގެ ހެއްކަކަށް މުރުތަސިމަށް ފުދެއެވެ.
މީސަމްނަގައި އުރައިލުމަށްފަހު މީސަމްގެ މޫނުގައި މުރުތަސިމް ބޮސްދިނެވެ. މުރުތަސިމަށްވެސް އޭރު ހުރީ ރޮވިފައެވެ. މީރަބްގެ ކޮނޑުގައި އަތްބާއްވާލައިގެން ، މީސަމް އުރާލައިގެންހުރެ ، އެ ޙަފްލާ ދޫކޮށްލާފައި މުރުތަސިމް ހިނގައިގަތެވެ. އޭނާ އެދަނީ ، އޭނާގެ ކޮޓަރިޔަށެވެ. ޙަޔާ ހުރީ ދެލޯ ބޮޑުކޮށްގެން އެތަން ބަލަހައްޓައިގެންނެވެ. އަންވަރުވެސް އެތަން ބަލަން ހުއްޓެވެ.
އެހުރިހާކަމެއް ހިނގައި ދިޔައިރުވެސް ޙަޔާ އަދިވެސް އެއިނީ ، މުރުތަސިމާއެކީ އޭނާގެ ކައިވެނި ކުރެވޭނެ ވަގުތަކަށް އިންތިޒާރުކޮށްގެންނެވެ. އޭނާގެ ކައިވެނި ކުރެވޭނީ ކޮން އިރަކުންތޯ ޚާނަމްއާ ޙަޔާ ސުއާލު ކުރިއެވެ. ޙަޔާގެ ލަދެއް ޙަޔާތެއްވެސް ނެތީތޯ ޚާނަމް އެހިއެވެ. އެ ހިނގައިދިޔަ ކަންކަމާ ގުޅިގެން ، އަދިވެސް އެއިނީ ކައިވެންޏަށް ތައްޔާރުވެގެންތޯ ޙަޔާއާ ސުއާލު ކުރިއެވެ. މިހާރު ދިހަވަރަކަށްފަހަރު ޚާނަމްއާ ޙަޔާ އެސުއާލު ކޮށްފިއެވެ. އެމީހުންގެ ކައިވެނި ނުކުރެވުނަސް ، މުރުތަސިމަކީ ހަމައެކަނި އޭނާގެ ޙައްޤެއްކަމަށް ބުނެލަދިނުމަށް ޚާނަމްގެ ކިބައިން ޙަޔާ އެދުނެވެ. އެ ދަރަޖަޔަށް ޙަޔާގެ ލަދުޙަޔާތް އަރުއްވައިގެންފާނެ ކަމަކަށް ޚާނަމްގެ ހިތަކަށް ނާރައެވެ. ކޮންމެވެސް ދުވަހަކުން ޙަޔާގެ ޙަޤީޤަތް ފަޅާއަރާނެކަމަށް ، މަރިޔަމްވެސް އަދި މީރަބްވެސް ، ޙަޔާގާތު އޮތީ ބުނެފައެވެ. މިހާރު މިއޮތީ އެދުވަސް އައިއްސާކަމަށް ، ޙަޔާއަށްވެސް ޤަބޫލު ކުރެވުނެވެ. ޙަޔާއަކީ ، ހަނދުވަރާ ނުލާ ދުނިޔެމައްޗަށް އަރާފައިވާ ހަނދެއް ފަދައެވެ. ހަނދު އޭގެ ހަނދުވަރާ ނުލައެވެ.
މީރަބް އަނބުރާ އެއައީއެވެ. މިފަހަރު އެއައީ ، މުރުތަސިމްގެ ދަރިއަކާ އެކީގައެވެ. އެކަން ޤަބޫލު ކުރުމަށް ޙަޔާއަށް ޚާނަމް އެންގިއެވެ. މީރަބް އައީ ކީއްކުރަން ހެއްޔެވެ ؟ އަނެއްކާވެސް ޙަޔާގެ ސުއާލެކެވެ. މީރަބްގެ ފަރާތުން ސަލާމަތްކަން ހޯދައިގެން ޙަޔާ އެ އުޅުނީ ވަރަށް އުނދަގުލުގައި އެތައް ތަކްލީފެއް އުފުއްލައިގެންކަމަށް ޙަޔާ ބުންޏެވެ. އަނެއްކާ އެނބުރި އައީއެވެ. ފިރިބަލައިގަންނަން އޭނާގެ އަނގަ ހުޅުވައިލި ގަޑީގައެވެ. ފިރިވެސް ބަލައި ނުގަނެވެނީހެވެ. ކުޑަކޮށް ލަހުން އައިނަމަ ކޮންފަދަ ހެއްޔެވެ ؟ އޭރަށް އޮންނާނީ ޙަޔާގެ ކައިވެނިވެސް ކުރެވިފައެވެ. ހުރިހާކަމެއް ނިމިފައެވެ.
މީރަބްގެ ދޮގު ، ތެދެއްގެ ގޮތުގައި ޤަބޫލުކުރަނީތޯ ޚާނަމްކުރެން ޙަޔާ އެހިއެވެ. އެއީ މުރުތަސިމްގެ ދަރިއެއް ނޫނެވެ. އޭނާ އެކަން ޤަބޫލު ނުކުރާނެކަމަށް ޙަޔާ ބުންޏެވެ. ދުނިޔޭގެ ހުރިހާ އެއްޗަކާއި އުފަލެއް މީރަބަށެވެ. މުރުތަސިމްވެސް މީރަބަށެވެ. އެތައް ރޭވުމެއް ރާވައިގެން ، އެހާ އުނދަގުލުން ، ގެއިން ބޭރުކޮށްލާއިރަށް އިސާހިތަކު އަނބުރާ އަންނާނެއެވެ. ޙަޔާގެ ހުރިހާ އެއްޗެއްގެ މައްޗަށް އަލުން ވެރިވެ ގަންނާނެއެވެ. ޙަޔާއަށް އޮތީ ކޮން އެއްޗެއް ހެއްޔެވެ ؟
" ބަދުނަޞީބެވެ. ޙަޔާއަށް ޙައްޤު އެއްޗަކީ އެއީއެވެ. ފެށުނީއްސުރެ ، މީރަބާ ، މުރުތަސިމް ބޭބެއާ އަދި އަހަރެންނާއި މަންމަޔަށް އޮޅުވައިލާ މަކަރު ހަދައިގެން ، އަބަދު އަބަދު ދޭތެރެ ޖައްސައި ، މިގޭގެ ވެރިކަން ހޯދަން ޙަޔާގެ މުޅިޢުމުރުގައި ތިކުރި ޙީލަތްތެރި ޢަމަލުތަކުގެ ނަތީޖާޔަކީ ، ބަދުނަޞީބާއި ވޭނާ އަދި ތަކުލީފެވެ. ތުއްތު އިރުއްސުރެ އަހަރެމެން ދެމީހުން ބޮޑުވީ އެކުއެކީގައި އެއްބަނޑު އެއްބަފާ ދެބެން ފަދައިންނެވެ. އަހަރެންނަށްވެސް ޙަޔާ ހެދީ ދޮގެވެ. އޮޅުވައިލުމާއި ޙީލަތާ އަދި މަކަރެވެ. އަހަރެން ޒުބޭރާ ޙަވާލުކޮށް ، އަހަރެންގެ ފުރާނަ ނުރައްކަލަށް ވައްޓައިލީމުއެވެ. " ގޭގެ މައިދޮރުން ވަންނަމުން މަރިޔަމް ބުނަމުން ގެންދިޔައެވެ.
ޙަޔާއަށް އެދުވަސް އަންނާނެކަން ، އެތައް ފަހަރަކު ، މަރިޔަމް އޮތީ ހަނދާން ކޮށްދީފައެވެ. މުރުތަސިމް ބޭބެއާއި މީރަބަކީ ވަކިކުރެވޭނެ ދެމީހެއްނޫންކަން ، މަރިޔަމްވަނީ ، އެތައްފަހަރަކު ޙަޔާގާތު ބުނެފައެވެ. އެކަމަކުވެސް ، މޮޔަބޮލަށް އަރައިގެން ، މީހަކުދޭ ނަޞޭޙަތެއް ޙަޔާއަކަށް ޤަބޫލެއް ނުކުރެވުނެވެ.
މަރިޔަމްއާއެކީ ނޮރޭޒްވެސް އައެވެ. ޚާނަމްގެ މޫނުމައްޗަށް އަލިކަން ފެތުރިގެން ދިޔައެވެ. މަރިޔަމް އެއައީ ޙަޔާގެ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާންތޯ ޙަޔާ ސުއާލު ކުރިއެވެ.
" އަހަރެން މިއައީ ޙަޔާގެ ކައިވެނީގެ އުފަލުގައި ބައިވެރިވާކަށެއް ނޫނެވެ. މިއައީ ތި ކައިވެންޏަކީ ނުކުރެވޭނެ ކައިވެންޏެއްކަން އެނގޭތީ ، އެކަން ހުއްޓުވެނީ ކޮންފަދަ މުޢުޖިޒާތަކުންތޯ ބަލައި ، އަހަރެންގެ ލޮލުން އެމަންޒަރު ދެކިލުމަށެވެ. ތިޔައީ ކުރެވޭނެ ކައިވެންޏެއްނޫންކަމަށް ނޮރޭޒްގާތު ބުނީމަ ނޮރޭޒްވެސް ، އެވާހަކަ ޤަބޫލެއް ނުކުރިއެވެ. އެހެންވީމަ ، އަހަރެން މިއައީ ނޮރޭޒަށްވެސް އެތަން ދައްކައިލަން ، ނޮރޭޒްވެސް ގޮވައިގެންނެވެ. " މަރިޔަމް ބުންޏެވެ.
ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް މަންމަވާނީ މަންމައަށެވެ. މަރިޔަމްގޮސް މަންމަޔާ ސަލާމްކޮށްލުމަށްފަހު ބައްދައިލިއެވެ. ޚާނަމް ، އޭނާގެ ދަރިފުޅުގެ ގައިން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. ބައްދައިލިގޮތަށް ، އެ ފޮނިފޮނި ހިތްގައިމު އިޙްސާސްތައް ހިތަށް ލިއްބައިދިނުމަށް މަރިޔަމް ، އޭނާގެ ގަޔާލައި ފިއްތާލައިގެން އެތައް އިރެއްވަންދެން ހުއްޓެވެ. ( ނުނިމޭ )

varahves reethi ibraiytheri vaahakaeh shukuran
Vaahaka v vreethi
ޙަޔާ ސައްޕު ޖަހާ ބޭރުކޮށްލާ ދުވަހަކަށް އިންތިޒާރު ކުރަން!
جزاك الله خيرا