( 3 ޑިސެންބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އެތާނގައި ޙަޔާ ހުރިނަމަ ، މީރަބް މިހާރު ހުންނާނީ މިގޭގައިކަމަށްބުނެ ޙަޔާ ޖަވާބު ދިނެވެ. މުރުތަސިމަށް ޖަވާބު ދިނުމަށްފަހު ، ހަޔާ ކޮޓަރިޔަށް ދަނިކޮށް ޚާނަމްއާ ދިމާވިއެވެ. މުނީބުގެ މަންމަ މާދަމާ އެގެޔަށް އަންނާނެވާހަކަ ބުނެ ، ޙަޔާ ރަނގަޅަށް ތައްޔާރުވުމަށް ޚާނަމް އެންގިއެވެ. އެކަމަކަށް ޙަޔާ އެއްބަހެއްނޫނެވެ. އެކަމަކު ، ޚާނަމަށް އެކަމަށް ދެބަސްވެ ، އެކަން މަނާކުރެވެން ނެތްކަމަށް ޚާނަމް ބުންޏެވެ. އެވަގުތު މުރުތަސިމްވެސް އެތަނަށް އައެވެ. އަދި ، އެކަން ޚާނަމް މަނާކުރުމަށް ބުންޏެވެ. އެމީހުން މިގެޔަށް އައުމުގެ ބޭނުމެއް ނެތްކަމުގައި އެންގުމަށް ޚާނަމްގާތު މުރުތަސިމް އެދުނެވެ. އެއީ ކީއްވެތޯ ޚާނަމް އެހިއެވެ.
" އެއީ ޙަޔާގެ ކައިވެނި މުނީބާ ނުކުރެވޭނެތީއެވެ. ޙަޔާއާ ކައިވެނި ކުރާނީ އަހަރެންނެވެ. " މުރުތަސިމް ބުންޏެވެ.
ޙަޔާއަކަށް މުރުތަސިމް އެބުނިވާހަކަ ޤަބޫލެއް ނުކުރެވުނެވެ. ޚާނަމްވެސް އިނީ އަނގަ ހުޅުވިފައެވެ. ޙަޔާއަށް އެ ލިބުނު ކުއްލި އުފަލުގައި ރޮވެމުންރޮވެމުންގޮސް ސަޖިދަޔަށް ތިރިވެވުނެވެ. އެނޫނީ އޭނާއަށް ސަޖިދައެއް ޖެހުނުކަމެއް ނޭނގެއެވެ. ޚާނަމަށްވެސް ލިބުނު އުފަލުގައި ، ޙައިރާންވެގެންގޮސް ހުޅުވިފައި ހުރި އަނގަ ، ހިނިތުންވުމަކަށް ބަދަލުވެ ، އޭނާއާ ގާތަށް ޙަޔާގެނެސް ޙަޔާގެ ގައިގައި ބައްދައިލިއެވެ. ވީ އެންމެ އަވަހަކަށް ، އެކައިވެނި ކުރަންވީކަމުގައި ޚާނަމް ނިންމިއެވެ.
ޙަޔާއާއި މުރުތަސިމްގެ އެންގޭޖްމެންޓްގެ ޙަފްލާ ، ގޭތެރޭގައި ކުރިޔަށް ދިޔައެވެ. ޕާޓީއަށް އައިމީހުން ލައްކަ ވާހަކަ ދެއްކިއެވެ. މީރަބް ކޮބައިތޯ ސުއާލު ކުރިއެވެ. ފުރަތަމަ އަނބިމީހާއަށް ވީ ކިހިނެއްތޯ ސުއާލު ކުރިއެވެ. މީރަބް ފިލައިގެން ދިޔައީތޯވެސް ބައެއްމީހުން އަހައެވެ. އަނެއްކާ މީރަބް ވަރިކުރީތޯވެސް ބައެއްމީހުން ސުއާލު ކުރެއެވެ. މުޅި ޕާޓީގެ ތެރޭގައި ކަމަކަށް އޮތީ އެވާހަކައެވެ. މީރަބަށް ވީގޮތެއް އަދި ، މުރުތަސިމް މީރަބަށް ހެދިގޮތެއް ، އެއްވެސް މީހަކަށް ނޭނގެއެވެ.
މުރުތަސިމްމެންގެ ޢާއިލާއަކީ ވަރިކުރުން ހުއްދަ އޮންނަ ޢާއިލާއެއް ނޫނެވެ. ޕާޓީއަށް އައި އެ ޢާއިލާގެ އެންމެންނަށްވެސް އެކަން އެނގެއެވެ. އަނެއްކާ މީރަބް މަރުވީ ބާވައެވެ ؟ އެތަނުގައި އެހިނގާ ކަމަކީ ، މީރަބް ދުނިޔޭގައި ހުރިނަމަ ހިނގާނެކަމެއްނޫނެވެ. މީރަބަކީ ކާކުކަން އެންމެންނަށްވެސް އެނގެއެވެ. ވެގެން އުޅޭގޮތް އެނގޭނީ ހަމައެކަނި ޚާނަމްބޭގަމަށް ކަމުގައި އެންމެންވެސް ނިންމިއެވެ.
ޚާނަމް އައިސް ބައެއްމީހުންނާ ބައްދަލު ކުރަމުން ގެންދިޔައެވެ. ބައެއްމީހުންނަށް ޚާނަމް ޖަވާބުދެމުންވެސް ގެންދިޔައެވެ. މީރަބް އެގެއިން ނުކުމެގެން ދިޔަތާ ކިތަންމެ ދުވަހެއް ވެއްޖެކަން ޚާނަމް ސާފުކޮށްދިނެވެ. މުރުތަސިމް އަދި މީރަބް ވަރިއެއް ނުކުރެއެވެ. އަޞްލުވީ ގޮތަކީ ، ޝާހްނަވާޒް ދުނިޔޭގައި ހުރިއިރު ، މުރުތަސިމާއި މީރަބް ކުޑައިރު އެދެކުދިންގެ އެންގޭކްމަންޓް އޮތީ ވެ ނިމިފއެވެ. މުރުތަސިމާ އިންނާކަށް މީރަބް ބޭނުމެއް ނުވެއެވެ. އެންގޭޖް ވެފައި ތިބީމަ ، ޢާއިލާގެ އެންމެން އެއްބަސްވީ މީރަބް އެކަމަށް އެއްބަސް ނުވިޔަސް ، އެ ދެމީހުން ކައިވެނި ކުރުވާށެވެ. ކައިވެނީގެ ފަހުން ، އެކައިވެނި ދެމެހެއްޓޭގޮތް ނުވީއެވެ. ދެމީހުންގެ ވިސްނުމާއި ފިކުރު މުޅިން ތަފާތުވީއެވެ.
ޚާނަމް އެވާހަކަތައް އެގޮތަށް ދެއްކިނަމަވެސް ، އެހެންމީހުންނަށް އެކަން އެނގިފައި އޮތީ އެއާ އިދިކޮޅަށެވެ. އެކިމީހުން ވާހަކަ ދައްކާނީ އެކިގޮތަށްކަމަށްބުނެ ، ޚާނަމްގެ ވާހަކަޔާ ދެކޮޅަށް ވާހަކަ ދެއްކި މީހުންގެ އަނގަ ، ޚާނަމް ބަންދުކުރަމުން ގެންދިޔައެވެ.
އަނގޮޓި އެޅުވުމުގެ ވަގުތު ޖެހިއްޖެއެވެ. މުރުތަސިމް އިނީ ދެބުމަ ގޮށްޖަހައިގެންނެވެ. ޙަޔާއިނީ ހެވި ދިލިފައެވެ. މީރަބް އެގެޔަށް ދޫކޮށްފައިދިޔަ ، މީރަބްގެ އިނގިލީގައި އަޅައިގެން އުޅުނު އަނގޮޓި ، މުރުތަސިމްގެ އަތަށް ލައިދެވުނެވެ. އެވެ.
މީރަބް ހޯދުމުގެ އެންމެ ފަހު އުއްމީދުގެ ހުޅުކޮޅު ނިވޭ ވަގުތު ، ޙަޔާއަށް އެ އަނގޮޓި ދޭނެކަމަށް ، މުރުތަސިމް ބުނެފައިވާކަން މުރުތަސިމްގެ ހަނދާނަށް އައެވެ.
" ނިކަން ދެކޭށެވެ ! އަހަރެން ބުނީމެއް ނޫންހެއްޔެވެ ؟ މީރަބް މިގެއިން ނުކުމެގެން ދިޔައިމަ ، ހުރިހާކަމެއްވެސް ހަމަޖެހި ، އަހަރެންނަށް މިގެޔާއި މުރުތަސިމް ލިބި ، ގޭގައި ރަނިކަންކުރުމުގެ ފުރުޞަތު އަހަރެންނަށް ލިބޭނޭ ބުނީމެއް ނޫން ހެއްޔެވެ ؟ މީރަބްގެ ބަދަލުގައި ދެން އަހަރެންނާ މުޚާތަބު ކުރާނީ ޙަޔާ ބޭގަމްގެ ނަމުންނެވެ. މުރުތަސިމްޚާންގެ އަންހެނުންނޭ ކިޔާފައި މީހުން މުޚާތަބުކުރާނީ ހަމަ އެކަނި އަހަރެންނަށެވެ. " ޙަޔާ އޭނާގެ ހިތަށް ވިސްނައިދިނެވެ.
ޙަޔާގެ އިނގިލީގައި އަނގޮޓި އަޅުވައިދިނުމަށްފަހު ، އެތާ އިންނަން އުނދަގޫވެގެން ، ތެދުވެގެން މުރުތަސިމް ދިޔައެވެ. މުރުތަސިމް ހިނގައިގަތްތަނާ ، އަންވަރު އައިސް މުރުތަސިމް އެދަނީ ކޮންތާކަށްތޯ ސުއާލު ކުރިއެވެ.
" އަހަރެންނަށްވެސް ، މަރުޙަބާކިޔަން ފުރުޞަތު ދީބަލާށެވެ ! އަހަރެންނަކީ މުރުތަސިމްގެ ބޮޑުބޭބެއެވެ. މުރުތަސިމްގެ ބަފައިބެއަށް އަހަރެން ވުމަކީ އެހެންކަމެކެވެ. " އަންވަރު ބުންޏެވެ.
މުރުތަސިމް ހުރީ އަނގައިންވެސް ނުބުނެއެވެ. އަންވަރަށް ޖަވާބުދިނީ ޚާނަމްއެވެ. އެ ރަސްމިއްޔާތަށް އަންވަރުވެސް އައިނަމަ ، ވަރަށް އުފާވީސްކަމަށް ބުނެއެވެ. އަންވަރު އޮތީ ، އެ ޙަފުލާއަށް ނާންނާނެކަމަށް ކުރިންވެސް ޚާނަމްގާތު ބުނެފައެވެ. ދަރިފުޅަށް އިންތިޒާރު ކުރަމުންގެންދާ ، އެކަނިވެރި މަޖްބޫރު ބަފައެއް އެ ޙަފުލާގައި ބައިވެރިވުމުގެ ބޭނުމެއް އޮތްކަމަށް އަންވަރަށް ނުފެނުނީއެވެ. މުރުތަސިމަކަށްވެސް އަދި ޙަޔާއަކަށްވެސް އަންވަރުގެ އެއްވެސް މައްސަލައެއް އަދި ސުއާލެއް ނެތެވެ. އަންވަރުގެ ޝަކުވާއޮތީ ޚާނަމް އަށެވެ. ޚާނަމްކުރީ ކޮންކަމެއްތޯ ޚާނަމް ސުއާލު ކުރިއެވެ. އޭނާ އެކުރާކަމަކީ ، އޭނާގެ ދަރިފުޅުގެ ކައިވެނި ކުރުވަނީކަމަށް ޚާނަމް ބުންޏެވެ. މީހަކާ އިނދެގެންހުރި ފިރިހެނެއްގެ ކައިވެނި ، ކުރުވާއިރު ، ލަދެއް ނުގަނޭތޯ ، އަންވަރު ސުއާލު ކުރިއެވެ. ރޮހޭލްއޭކިޔާ ހިލޭ ފިރިހެނަކާއެކު ، މުރުތަސިމްގެ އަންހެނުން ، މީރަބް ފިލައިގެން ދިޔަކަން ، ޙަފުލާއަށް އައި މީހުންނަށް ސާފުކޮށްދީފައި ވާނެކަމުގައި ޚާނަމް ބުންޏެވެ. މީރަބް ފިލައިގެން ދިޔައިމަ ، އޭނާގެ ދަރިފުޅު މީރަބަށް އިންތިޒާރުކޮށްގެން ހުންނަންވީ ކިހާ ދުވަހަކުތޯ ޚާނަމް ސުއާލު ކުރިއެވެ.
" ރޮހޭލަކާއެކީ މީރަބް ފިލައިގެންނެއް ނުދެއެވެ. އަހަރެންގެ ދަރިފުޅަށް ހިތަށްއެރިހާ އިލްޒާމެއް އެޅުވުން ހުއްޓައިލާށެވެ ! ރޮހޭލަކާއެކީ މީރަބް ފިލައިގެންނެއް ނުދެއެވެ. " އަންވަރު ހަޅޭއްލަވައިގަތެވެ.
މިހާރުދެން އެވާހަކަ ދޮގުކުރާނެކަމެއް ނެތްކަމަށް ޚާނަމް ބުނުމާއެކީ ، އޭނާ އެކަން ދޮގުކުރާނެކަމަށް އަންވަރު ބުންޏެވެ. ރޮހޭލާއެކީ މީރަބް ދިޔަތަން ، ޚާނަމް ދުށިންތޯ ޚާނަމްއާ އަންވަރު ސުއާލު ކުރިއެވެ. ރޮހޭލާއެކީ މީރަބް ފިލައިގެން ދިޔަތަން މުރުތަސިމަށް ފެނުނުތޯވެސް ސުއާލު ކުރިއެވެ. ރޮހޭލާއެކީ މީރަބް އޮއްވައި މުރުތަސިމަށް ފެނުނީ ކޮންތާކުންތޯ އެހިއެވެ. ޚާނަމަކީ ، މަންމަކަމަށް ދެކިގެން އައި މީހެކެވެ. ދެންހުރީ މުރުތަސިމެވެ. އެއީ ، އަންވަރުގެ މުދާ ވާރުތަވާނެ މީހާކަމަށް ބަލައިގެން އައި އޭނާގެ ދަރިއެއްފަދަ މީހެކެވެ. މުރުތަސިމާ އިނދެގެން އެގެޔަށް އައުމާއެކު ، މީރަބަށް ޚާނަމް ދެމުންގެންދިޔަ އަނިޔާއާއި ހަދަމުންގެންދިޔަ ހުރިހާ ގޮތަކަށް ކެތްކޮށްލައިގެން އިސްޖަހައިގެން އޭނާ ހުރިކަމަށް އަންވަރު ބުންޏެވެ. އެކަމަކު ، އޭނާއަށް އެކުރެވުނީ ރަނގަޅުކަމެއް ނޫނެވެ.
" އަހަރެންގެ އުފަން ދަރިފުޅު ، ވިހޭތަނުން އެހެން މީހަކާ ޙަވާލުކުރުން އެއީ އަހަރެންނަށް ހެދުނު ގޯހެކެވެ. އެގޯސް އަހަރެންނަށް ހެދުނީ ކޮން ޙާލަތެއްގައިކަން ޚާނަމް ދައްތަޔަށް އެނގޭނެއެވެ. އެކަމަކު މިއަދު ، ޚާނަމް ދައްތަ ތިކުރަނީކީވެސް ރަނގަޅުކަމެއް ނޫނެވެ. މީރަބް ދުނިޔޭގައި ދިރިހުއްޓާ މީރަބްގެ ޙައްޤު ، މިއަދު ޚާނަމް ދައްތަ ތިދެނީ އެހެން މީހަކަށެވެ. އެއީ މީގެ ވިއްސަކަށް އަހަރުކުރިން އަހަރެންވެސް ހެދި ގޯހެވެ. އަހަރެންގެ އޮތީ ހަމައެކަނި އެންމެ ދުޢާއެކެވެ. އަހަރެންނަށް ، އަހަރެންގެ ދަރިފުޅުގެ މޫނު ނުފެންނަނިސް ، މަރުއައިސް އަހަރެން ނުގެންދިއުމެވެ. " އަންވަރު ބުނަމުން ގެންދިޔައެވެ.
ހަޅޭއްލަވަލަވާފައި އަންވަރު އެތަނުން ދިއުމާއެކީ ، މުރުތަސިމްވެސް މަޑުމަޑުން އެތަނުން ދުރަށް ދިޔައެވެ. ޙަޔާގެ އެންގޭޖްމަންޓް ވީ ވާހަކަބުނެ ، ޙަޔާވެސް ގޭތެރެޔަށް ދިއުމަށް ޚާނަމް އެދުނެވެ. ޙަޔާއަށް ދެންވާނެ ގޮތަކާމެދު އޭނާ ހުރީ އިންތިހާއަށް ކަން ބޮޑުވެފައެވެ. އަންވަރުގެ ވާހަކަތަކުން ، އަނެއްކާ މުރުތަސިމްގެ ޚިޔާލު ބަދަލެއް ނުވާނެ ބާވައެވެ. އަންވަރު ވާހަކަ އެ ދެއްކީ ތެދު ޙަޤީޤަތަށްކަން އެންމެ ބޮޑަށް އެނގޭނީވެސް ޙަޔާއަށެވެ. މީރަބަށް އެންމެ ބޮޑަށް އަނިޔާއާއި ތަކްލީފު ދެމުންގެންދިޔައީ ޙަޔާއެވެ. މުރުތަސިމާއި މީރަބްގެ ދިރިއުޅުން ބަރުބާދުކޮށްލައި ، މީރަބާއި މުރުތަސިމާ ދެމީހުން ދުރުކުރަން ޙަޔާ ނުކުރާކަ ކަމެއް ނެތެވެ. ކަރުތާށިވެފައި ހުރިގޮތަކަށް ، ހިންދިރުވާލާފައި ޙަޔާވެސް ގޭތެރެޔަށް ވަދެގެން ދިޔައެވެ.
އެތަނުން އައިގޮތަށް އައިސް މުރުތަސިމް ދިޔައީ ބޭރަށެވެ. އެއްކަލަ ކޯރުގެ އައްސޭރިޔަށެވެ. ކޯރުގެ ފެންގަނޑު ކައިރީގައި ސިނގިރެޓަކަށްފަހު ސިނގިރެޓެއް ރޯކޮށްގެން ބޯން މުރުތަސިމް ހުއްޓެވެ. ކައިރީގައި ބަޚްތިޔާރުވެސް ހުއްޓެވެ. މުރުތަސިމާއ ޙަޔާއާ ދެމީހުންގެ އެންގޭޖްމަންޓް ވީ ވާހަކަ ބަޚްތިޔާރު ބުންޏެވެ. މާނަޔަކީ ، މީރަބް އަނބުރާ އައުމުގެ އެއްވެސް އުއްމީދެއް ނެތުމެވެ. މުރުތަސިމް އެހުރީ ، އޭނާގެ ދިރިއުޅުން ޙަޔާއާއެކީ ކުރިޔަށް ގެންދަން ނިންމައިގެންނެވެ. އެހެންކަމަށްވާއިރު ، އެ ކޯރުކައިރިޔަށް މުރުތަސިމް އެއައީ ކީއްކުރަންތޯ ބަޚްތިޔާރު ސުއާލު ކުރިއެވެ. ބަޚްތިޔާރަށް މުރުތަސިމް ކިޔަނީ ބަޚްތު އެވެ.
" ބަޚްތު އެވެ ! އަހަރެންނަކީ ، ކަރުހިއްކައިގެންފައިވާ ހަމަ އެ މުރުތަސިމެވެ. އަހަރެންގެ ކަރުހިއްކައިގަތުން ގުޅިފައިވަނީ މީރަބާއެވެ. މިތަނަށް އައިސް އަހަރެންގެ ކަރުހިއްކުން މި ފިލުވަނީ ، މީރަބްގެ ހަނދާންތައް އާކޮށްގެންނެވެ. މީރަބްގެ އިޙްސާސްތައް ހިތާހަމަޔަށް ފޯރުކޮށްގެންނެވެ. މީރަބް އިޙްސާސް ކޮށްގެން ހިތަށް އަރާމު ދީގެންނެވެ. މީރަބަށްޓަކައި ރޮއިރޮއި ، ލޮލުންފައިބާ ކަރުނަ ފޮހެމުންނެވެ. ބަޚްތުއަށް އެއްޗެއް ވިސްނިއްޖެ ހެއްޔެވެ ؟ " މުރުތަސިމް ބުންޏެވެ.
އެތަނަށް އައި ފުރަތަމަ ދުވަހުވެސް މުރުތަސިމް ބުނި ވާހަކަޔަކީ އެއީ ކަމަށާއި ހުރިހާކަމެއްވެސް އޭނާއަށް ވިސްނިއްޖެކަމަށް ބަޚްތިޔާރު ބުންޏެވެ. މުރުތަސިމްގެ ހިތުގައި މީރަބްގެ މައްޗަކަށް މިހާރަކު ލޯތްބެއް ނެތެވެ. އެ ލޯބި ، މިހާރު ބަދަލުވެފައިވަނީ ޢިޝްޤަށެވެ. އެއީ ލޯބީގެ ދެވަނަ ހަރުފަތެވެ. އެއީ ލޯބީގެ އިންތިހާއެވެ.
" ބޭވަފާތެރިކަމަކީ ކިހާވަރެއްގެ އެއްޗެއްކަން އަހަރެން އޭނާއަށް ދައްކައިލާނަމެވެ. ވަފާތެރިކަމުގައި ހުއްޓައި މިލިބުނީ ބޭވަފާތެރިކަމެވެ. އަހަރެންގެ ޙާލަތު ވަޒަން ކުރެވޭނީ އޭނާއަށް މިޙާލު ޖެހުނު ދުވަހަކުންނެވެ. އޭނާގެ ހިތް ހަލާކުވާ ދުވަހަކުން ނޫނީ ، މި އިޙްސާސްތައް ޤަބޫލެއް ނުކުރެވޭނެއެވެ. ބިއްލޫރި ގަނޑެއްހެން އަހަރެން އޭނާގެ ތަޞައްވުރު ތަޅައިލާނަމެވެ. ބޭވަފާތެރިކަމަކީ ކޮބައިކަން އެކަން ކޮށްފައި އޭނާއަށް ދައްކައިލާނަމެވެ. " މުރުތަސިމް އޭނާގެ އަމިއްލަ ނަފްސަށްބުންޏެވެ.
މުރުތަސިމް ގެއިން ނުކުމެގެން ދިއުމާއެކީ ، ތުންގަނޑު ބިމަށް ހަރައިގެން ޙަޔާ އިނެވެ. އެހެނަސް ، އޭނާގެ ހިތުގައިވާ އުފާވެރިކަން އެއްމިޔަކަނުން ފެނެއެވެ. ޙަޔާގެ އިނގިލީގައި އެޅުވިފައިވާ ، އެންގޭޖްމަންޓް އަނގޮޓިޔަކީ މީރަބްގެ މިލްކެކެވެ. އެ އަނގޮޓި ، ޚާނަމް މަންމަގެ އަތުގައި އެޅުވިފައި އޮންނަތަން ، ކުޑައިރުއްސުރެ ޙަޔާއަށް އޮތީ ފެނިފައެވެ. އޭރުއްސުރެ ، އެ އަނގޮޓި ، ޙަޔާގެ އިނގިލީގައި އެޅުވިގެންދާނެ ދުވަހަކަށް ޙަޔާ އައީ އުއްމީދުކޮށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންނެވެ. ފިރިފުރާވަރަށް އަޅައި ، ދެންމެދެންމެ އެ އަނގޮޓި އޭނާގެ އިނގިލީގައި އެޅުވިދާނެހެން އެންމެ ބޮޑަށް ހީވި ވަގުތު ، ކުއްލިޔަކަށް އެދެމެދަށް އެވަނީ މީރަބެވެ. މީރަބްގެ އިނގިލީގައި އެ އަނގޮޓި އެޅުވުނީއްސުރެ ، ޙަޔާ އައީ ހައިވެފައި އޮތް ވޮށިމަސްމިޔަރެއް މަސްގަނޑަށް ބަލަހައްޓައިގެން އޮންނަ ގޮތަށް އެ އަނގޮޓިޔަށް ކަޅިއަޅަމުންނެވެ. އެންމެ ފަހުން ، އެ އިންތިޒާރުވެސް ނިމި ، އެ އަނގޮޓި މިހާރު އެއޮތީ ، ކުޑަކޮށް ބާރުކޮށް ނަމަވެސް އޭނާގެ އިނގިލީގައި އެޅުވިފައެވެ. އެއީ ޚުދު އޭނާގެ މިންނެތް މަސައްކަތުން ކުރި ހިތްވަރާއި އުފުއްލި ތަކްލީފުގެ ފޮނި ނަތީޖާއެވެ. ދެން އެ އަނގޮޓި ޙަޔާގެ އިނގިލިން ނަގަންޖެހޭނީ އެ އިނގިލި ބުރިކޮށްލާފައެވެ.
އަނގޮޓިޔަށް ބަލަހައްޓައިގެން ހެވިދިލިފައި ޙަޔާ އިންދާ މުރުތަސިމް އައިސް ގެޔަށް ވަތްތަނުން ފުންމައިގެން ތެދުވިއެވެ. އެހާ ލަސްވަންދެންވެސް ، އޭނާ އެއިނީ މުރުތަސިމްގެ އިންތިޒާރުގައިކަމަށް ބުންޏެވެ. އަދި ، ދެމީހުން އެކުގައި ކާން ދިއުމަށް މުރުތަސިމްގާތު ބުންޏެވެ. އޭނާގެ އަމިއްލަ ނަފްސާ ދުރުގައި އުޅޭތާ ލައްކަ ދުވަސް ވެއްޖެޔޭ ބުނެ ، ބަނޑުހައެއް ނުވެއޭ ބުނަމުން މުރުތަސިމް ، ގޭތެރެޔަށް ވަދެގެން ދިޔައެވެ. އަރައިގަތް ފޫހީގައި އިނގިލީގައި އަޅައިފާ އޮތް އަނގޮޓި ނަގައި ހޫރައިލަން ޙަޔާ އުޅުނެވެ. އެހެންނަމަވެސް ، އެ އަނގޮޓި ، އޭނާގެ އިނގިއްޔަކުން ނުނެގުނެވެ. މީރަބް ގޭގައި އުޅުނަސް އަދި ނޫޅުނަސް ، މީރަބް ކޮންމެ ތާކު ހުއްޓަސް ، އޭނާގެ ލޯތްބަށް ، މީރަބްގެ ހިޔަނި އެބަ އެޅެއެވެ. ކޮންމެތާކު މީރަބް ހުއްޓަސް ، މީރަބަށް އުފަލެއް މިންވަރު ނުކުރެއްވުން އެދި މީރަބަށް ބަދުދުޢާ ކުރަމުން ގޮނޑިމައްޗަށް ޙަޔާ ތިރިވިއެވެ.
ހެނދުނު ތެދުވެގެން ބޮކިތައް ދިއްލަމުން ޚާނަމް ގޭތެރެޔަށް ނުކުމެގެން އައިއިރު ، ސިޓިންގރޫމްގެ ސޯފާ މައްޗަށް ވެއްޓި ނިދިފައި އޮތް މުރުތަސިމް ، ޚާނަމަށް ފެނުނެވެ. އެދިޔަގޮތަށްގޮސް މުރުތަސިމް އެއުޅޭގޮތާމެދު ޚާނަމް އެއްޗެތިކިޔަން ފެށިއެވެ. ޙަޔާއާ ކައިވެނިކުރަން މުރުތަސިމް ނިންމީ އަމިއްލަ އިޚްތިޔާރުގައެވެ. މީހަކު ބުނެ ކިޔައިގެންނެއްނޫނެވެ. އެހެންވީމާ ޙަޔާއާއެކީ ވަގުތު ހޭދަކޮށް ، ޙަޔާއަށްވެސް މުރުތަސިމްގެ ވަގުތު ދިނުމަށް ޚާނަމް އެދުނެވެ. ޚާނަމް ބޭނުމިއްޔާ މާދަމާވެސް ޙަޔާއާ އޭނާގެ ކައިވެނި ކުރުވަންވީ ކަމަށް މުރުތަސިމް ބުންޏެވެ. ޚާނަމް ބޭނުންވަނީ މުރުތަސިމަށް އުފަލާއި ހަމަޖެހުން ލިބުމެވެ. އެންގޭޖްވެއްޖެ ނޫން ހެއްޔެވެ ؟ އެ އެންގޭޖްމަންޓްގައި އުފާވެރިކަން އޮތުމަކީ ޝަރުތެއްނޫންކަމަށް މުރުތަސިމް ބުންޏެވެ. ޢާއިލީ ޒިންމާތަކުންނާއި އޭނާއާމެދު ކުޑައިރުއްސުރެ ޢަމަލުކުރެވޭ ގޮތްތަކުގައި އިސްކުރެވެނީ ، ޢާއިލާގެ ޢިއްޒަތާއި ޤަދަރުކަން ، ޚާނަމަށް މުރުތަސިމް ހަނދާން ކޮށްދިނެވެ. ބޮޑުވިފަހުންވެސް ، އޭނާ ޢަމަލު ކުރަމުން އެގެންދަނީ އެގޮތަށެވެ. ހަމަ އެގޮތަށް ، މުރުތަސިމް ވަޢުދުވީ ކަންކަމުގެ މަތިން ހަނދާން ނުކޮށް ، އޭނާގެ ޙަޔާތަށް އައިމީހާވެސް ފިލައިގެން ދިޔައީއެވެ. ޚާނަމް ވާހަކަދައްކަދައްކާ ހުއްޓާ އެވާހަކަ ދެން ދައްކާނީ ފަހުންކަމަށް ބުނެ ، މުރުތަސިމް އޭނާގެ ކޮޓަރިޔާ ދިމާލަށް ހިނގައިގަތެވެ.
އެތަންބަލަން ޙަޔާއަކަށް ނުހުރެވުނެވެ. މުރުތަސިމްގާތަށް އެ އަންނަ ރުޅީގެ ސަބަބަކީ މީރަބްކަމަށް ޙަޔާ ބުންޏެވެ. މުރުތަސިމްގެ ހިތުން މީރަބް ހަނދާން ނައްތައެއް ނުލާނެއެވެ. މުރުތަސިމާ ގާތްވާން ޙަޔާ މަސައްކަތްކުރާ ކޮންމެ ފަހަރަކު ، މީރަބް އެދެމެދަށް އަންނަ ކަމަށް ޙަޔާ ބުންޏެވެ. ޚާނަމް އެވާހަކަ ނުއަހަންޏާ ، އޭނާގެ ވާހަކަ ދެންއަހާނީ ކާކު ހެއްޔެވެ ؟
އެކަމުގެ ޙައްލު އޭނާ ހޯދަންޖެހޭކަމަށް ޚާނަމް ބުންޏެވެ. އެ ޙައްލަކީ ޙަޔާއަށްވެސް އެނގެން ޖެހޭ ކަމެއްކަމަށް ބުނުމާއެކީ ، އެއީ ކައިވެނިކަމަށް ޚާނަމް ބުންޏެވެ. މުރުތަސިމާއި ޙަޔާގެ ކައިވެނި އަވަސްކުރަން އެބަޖެހޭކަމަށް ޚާނަމް ބުނުމާއެކީ ، ޙަޔާގެ ދެތުންފަތް މަޑުމަޑުން ދުރުވަމުންގޮސް ، ކޮލުދަތްތައް ފެންނަވަރަށް ހިނިއައެވެ. އުފަލުންގޮސް ނަށައިގަނެވުނެވެ.
ކައިވެނީގެ ހެދުން ފަހައި ގަހަނާ ހޯދުމާ ހިސާބަށް ޙަޔާ ، އޭނާގެ ކައިވެނި ގެންދިޔައެވެ. ޙަޔާ ބޭނުންތަނަކަށްގޮސް ހެދުމާގުޅޭ ގަހަނާ ބޭނުންވަރަކަށް ގަތުމަށް ޚާނަމް ހުއްދަ ދިނެވެ. އެހެނަސް ، ހެދުމާ ގުޅޭ ގަހަނާ ހޯދަން އުނދަގޫވާނެކަމަށް ބުނެ ، ބަހަނާ ދައްކާފައި ، މީރަބްގެ ކައިވެންޏަށް ޚާނަމް މީރަބަށްދިން ޢާއިލީ ގަހަނާތަކުން އޭނާ ބޭނުންވާ އެއްޗެއް ނެގުމަށް ހުއްދަ ދިނުމަށް ޙަޔާ އެދުނެވެ. މީރަބްވެސް ދެނެއް އަނބުރާ ނާންނާނެއެވެ. އެގަހަނާތައް ބާކީވެފައި ހުންނާނީއެވެ. މުރުތަސިމްގެ އަންހެނުންގެ ނަމުގައި މީރަބަށް ޚާނަމްދިން ގަހަނާ ، މުރުތަސިމްގެ އަންހެނުންގެ ނަމުގައި ބޭނުންކުރަން ، ޙަޔާއަށް މިހާރު ޙައްޤުކަމަށް ޙަޔާ ދަޢުވާ ކުރިއެވެ. އެވަގުތު މުރުތަސިމަށް އެތަނަށް އާދެވުނެވެ. އަދި ނޫނެކޭ ބުނުމާއެކު ، އެއީ މީރަބްގެ އަމާނާތެއްކަމަށް ބުންޏެވެ. އެއީ ޙަޔާ ބޭނުންކުރަން އޭނާ ހުއްދަކުރާނެ ތަކެއްޗެއް ނޫނެވެ.
އެތަނުގައި ހުރި ހެދުންތަކާއި ގަހަނާގެ ފޮށިތަކަށް މުރުތަސިމް ބަލައިލިއެވެ. އަދި އެއީ ، ކޮންކަމެއްތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެއީ ޙަޔާގެ ކައިވެންޏަށްފެހި ހެދުންތަކާއި ގެނުވި ގަހަނާތައްކަމަށް ޚާނަމް ބުންޏެވެ. އެއިން ހެދުމަކާ ގަހަނާ ނުގުޅޭތީ ، މީރަބްގެ ގަހަނާ އަޅަން ޙަޔާ ބޭނުންވީއެވެ. އޭނާގެ ކައިވެންޏަށް އެހާ ގިނަބަޔަކު ނުގެނައުމަށް މުރުތަސިމް އޭނާގެ މަންމަގެ ކިބައިން އެދުނެވެ. މުރުތަސިމް ބޭނުންވީ ، ވީހާ ކުލަމަޑުކޮށް ، އެންގޭޖްމަންޓަށް ދަޢުވަތުދިންވަރުގެ މަދު ޢަދަދަކަށް ކައިވެނީގެ ޙަފްލާއަށްވެސް މީހުންނަށް ދަޢުވަތު ދިނުމަށެވެ. އެކަމަކު ޙަޔާގެވެސް ފޮނިފޮނި އުއްމީދުތަކެއް ހުންނާނެތާއެވެ. އެއީ ޙަޔާގެ ކައިވެންޏެވެ. މުރުތަސިމް ބޭނުން ނުވިޔަސް ، އެކައިވެނީގެ ކުލަގަދަކުރަން ޙަޔާ ބޭނުންވިއެވެ. މުރުތަސިމް ބޭނުންވާ ގޮތަށް އެކައިވެނި ނުކުރެވެންޏާ ޙަޔާ އެކަމާމެދު ވިސްނުމަށް މުރުތަސިމް ބުންޏެވެ. ކައިވެނި ކުރާނީ މުރުތަސިމް ބޭނުންވާ ގޮތަށްތޯ ނުވަތަ ކައިވެނި ނުކުރާނީތޯ ، އެދެގޮތުންކުރެ ގޮތެއް އިޚްތިޔާރު ކުރުމަށް ޙަޔާއަށް މުރުތަސިމް އެންގިއެވެ. ކައިވެންޏަށް އަދި ދިހަވަރަކަށް ދުވަސް އެބައޮތެވެ.
އެއީ ކޮންކަމެއްތޯ ޚާނަމްއާ ޙަޔާ ސުއާލު ކުރިއެވެ. އޭނާގެ ޙަޔާތަށް އުފާވެރިކަމެއް އަންނަން ލިޔެވިފައި ނެތީ ހެއްޔެވެ ؟ ޙަޔާ ފާފައެއް ނުކުރާކަމަށް ޚާނަމް ބުންޏެވެ. އެކަމަކު ، އެކައިވެނީގެ ތެރެއިން މީރަބްގޮތަށް ކުދިކުދި ކަންތަކުން މާބޮޑު ކަންތައްގަނޑެއް އުފައްދަން ޙަޔާވެސް މަސައްކަތް ނުކުރުމަށް ޚާނަމް އެދުނެވެ. އެހެންނޫންކަމަށް ވަންޏާ ، މުރުތަސިމް އެކައިވެންޏެއް ނުކުރާނެއެވެ. ކައިވެންޏަށް ދެކޮޅު ހަދާނެއެވެ. ޚާނަމްވެސް ޙަޔާއާ ދިމާލަށް ހަޅޭއްލަވައިގެންފައި އެތަނުން ދިޔައެވެ.
ކައިރި ސަހަރެއްގައި އުޅުމަށްފަހު ، ސަބާ ކަރާޗީއަށް އައެވެ. މީރަބާބެހޭ ހުރިހާ ވާހަކައެއް ، ގެޔާ ޙަވާލުވެހުރި މީހާ ސަބާއަށް ކިޔައިދިނެވެ. އެގޭދޮށުގައި މުރުތަސިމްގެ މީހުން އެތައް ދުވަހެއް ވަންދެން ފޯރިމެރިއެވެ. މީރަބް އެގެޔަށް އައީ އެއްރެޔެއްގެ ލަސްގަޑިއެއްގައެވެ. އޭގެފަހުން މީރަބެއް ނާދެއެވެ. މީރަބްގެ އެއްވެސް ޚަބަރެއްވެސް ނުވެއެވެ. ވައްޤާސްވެސް މީރަބް ހޯދަމުން އައިސް ، އެގޭދޮށަށް ވެއްޓި ނިޔާވެއްޖެކަމުގައި ގެ ބަލަހައްޓަންހުރިމީހާ ބުންޏެވެ.
ސަބާވެސް މީރަބާ ގުޅޭތޯ މަސައްކަތް ކުރިއެވެ. މީރަބްގެ ފޯނުއޮތީ ކަނޑައިލާފައެވެ. މީރަބަށް އެވީ ކިހިނެއް ހެއްޔެވެ ؟ މީރަބަކީ ، ރަނގަޅަށް ހުރިއްޔާ ދެތިންދުވަހުން އެއްދުވަހު ސަބާއާ ގުޅައި ޚަބަރުބަލައިލާ މީހެކެވެ. މީރަބްގެ ޚަބަރެއް ނުވާތާ މިހާރު އަހަރެއްވަރު ވަނީއެވެ. މީރަބާ ގުޅުވައި ގެޔާ ޙަވާލުވެހުރިމީހާ ދެއްކި ވާހަކަތަކުން ، މީރަބަށް ކޮންމެވެސް ކަމެއް ވެއްޖެކަމުގައި ސަބާ ދެނެގަތެވެ. ރޮހޭލެއްވެސް މިހާރު ކަރާޗީއަކު ނޫޅެއެވެ. އޭނާ ދިރިއުޅެނީ ކޮއްކޮގާތުގައި ޑުބާއީގައެވެ. ( ނުނިމޭ )
