ރާއްޖެއާ އެންމެ އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ކާރިސާއާ ގުޅިގެން، ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަތުމަށް، ޓަކައި ދިވެހި ރައްޔިތުން ސިލޯނުގެ ރައްޔިތުންނަށް 8 ލައްކައަށް ވުރެ ގިނަ ޑޮލަރު ހަދިޔާ ކުރައްވައިފިއެވެ.
މި ފައިސާ ހަދިޔާ ކުރެއްވީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އާއި ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ކުރިޔަށް ގެންދިޔަ "ސިލޯނާ އެކު ދިވެހީން" ޓެލެތޯންގެ ތެރެއިންނެވެ. ޓެލެތޯނަށް ލިބުނު
ފައިސާ، ސިލޯނު ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވައިދެއްވުމަށް ޕީއެސްއެމުން، މިއަދު ވަނީ، ރާއްޖޭގެ ޚާރިޖީ ވުޒާރާއާ ޙަވާލު ކުރައްވައިފިއެވެ. އެ ގޮތުން، 800،352.00 ޑޮލަރުގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ. ޕީއެސްއެމްގެ ފަރާތުން ޗެކު ހަވާލުކޮށްދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމިނެވެ.
މި ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑަިގަތުމަށް ފަހު، ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ދެއްކެވި ވާހަކަފުޅުގައި މީޑިއާތައް ގުޅިގެން މިފަދަ ބޮޑު ހަރަކާތެއް ހިންގި މިއީ ފުރަތަމަ ފަހަރުކަމަށް ވެދާނެކަން ފާހަގަކުރައްވައި ހުރިހާ މީޑިއާތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުން ސިލޯނުގެ ރައްޔިތުންނަށް ޓަކައި މި ދެއްވި އެހީގެ މުހިންމުކަން ފާހަގަ ކުރައްވައި މި ކަމުގައި ބައިވެރިވަޑައިގަތް އެންމެހައި ފަރާތްތަކަށް ވެސް ޝުކުރު ދެންނެވިއެވެ. މި ޓެލެތޯން މެދުވެރިކޮށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރެއްވީ ދިވެހި ފުލުހުންނެވެ. އެއީ، 2.4 މިލިޔަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ހަދިޔާ ކުރެއްވީ ދިވެހި ސިފައިންނެވެ. އެއީ، 1 ރުފިޔާއެވެ.
މި ރަސްމިއްޔާތުގައި ވެސް މީޑިއާތަކުގެ ފަރާތުންނާއި ޕީއެސްއެމްގެ އިސް ބޭފުޅުން ބައިވެރިވަޑައިގަތެވެ.
ޓެލެތޯނަށް ފައިސާ ހަދިޔާ ކުރެއްވި ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމްއިއްޔާތަކާއި އަމިއްލަ ވަރަށް ގިނަ ފަރުދުންނާއި މީޑިއާތައް ހިމެނުނެވެ. ހަމަ އެއާ އެކު މި ހަރަކާތް ހިނގަމުންދިޔަ ވަގުތު ރާއްޖޭގެ ބޮޑެތި އަމިއްލަ، ބައެއް ކުންފުނިކުން، ރާއްޖޭގައި ހުންނަ ސިލޯނު ހައިކޮމިޝަނަށްވަޑައިގެން ފައިސާ ހަދިޔާކުރެއްވިކަން ވެސް ފާހަގަކުރެވުނެވެ..
