އުތުރުގެ އަތޮޅުތަކުން 12 މީހުން ހައްޔަރުކޮށްފި

އުތުރުގެ އަތޮޅުތަކުގައި ހިމެނޭ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

"އޮޕަރޭޝަން "އަލިމަގު"އަކީ މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް ފުލުހުން ފެށްޓެވި ޚާއްސަ އޮޕަރޭޝަނެކެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ނޯތު ޕޮލިސްގެ ކޮމާންޑަރ ޗީފް ސުޕްރިޓެންޑެންޓް އިބްރާހިމް ނަބީލް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އުތުރުގެ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތްތައް ކަމުގައިވާ ކެނެބިސް، މެތު އަދި ހެރޮއިންކަމަށް ޝައްކުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ނަބީލް ވިދާޅުވިއެވެ.

ނަބީލް ވިދާޅުވީ އޮޕަރޭޝަން އަލިމަގުގެ މަޤުޞަދަކީ މަސްތުވަތަކެތީގެ ވިޔަފާރިކުރާ ވިއުގަތައް ހުއްޓުވައި، މަސްތުވާތަކެތި މުޅި ދިވެހި މުޖުތަމަޢުން ނައްތާލުން ކަމަށެވެ. އަދި އެ ތަކެތި މުޖުތަމަޢުގައި ދައުރުކުރާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންގެ މަޤުޞަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަބީލް ވަނީ މި އޮޕަރޭޝަން ކުރިއަށްގެންދިއުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.

އޮޕަރޭޝަން އަލިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްދާނެ ކަމަށާއި މި މަސައްކަތަކީ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުންގެ ހުރިހާ ބަހާތަކެއް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

މި މަސައްކަތުގައި ދިވެހި ފުލުހުން 24 ގަޑި އިރު މަސައްކަތް ކުރާނެ ކަމަށާއި ރައްޔިތުން އެދޭފަދަ މާހައުލެއް ޤާއިމްކުރުމުގަ ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ވަޒީރު ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުން ހުންނަ ކަންކަމުގަ ހައްޔަރުކުރާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދިނުމަށް ތަކުރާރުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާ ކަމަށެވެ.

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައިވާއިރު، ޤާނޫނީ ރައްކާތެރިކަން ލިބޭގޮތަށް، ޤާނޫނީ ފިޔަވަޅުތަކާއެކު، ފަރުވާ ދިނުމާއި އަދި މުޖުތަމަޢަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް، ޤައުމީ އޮނިގަނޑެއް އެކުލަވާލެވި، ތަންފީޒުކުރެވެމުންދާކަން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށް އިސްކަންދެއްވައިގެން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން ސަލާމަތްކުރުމަށް އަމާޒުކޮށް ނ. ވެލިދޫ، ކ. ކާށިދޫ، އަދި، ލ. ގަމުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ވަނީ ގާއިމުކުރައްވާފައެވެ.

އަދި ފަރުވާ ފުރިހަމަކުރުމުން އަނބުރާ މުޖުތަމަޢަށް އައިސް، ވަޒީފާގެ މާހައުލަށް ނުކުމެ، މަސްތުވާތަކެއްޗަށް އަނބުރާ ނުދިޔުމަށް ދޭންޖެހޭ ފަރުވާ އާއި އަޅާލުން ދިނުމުގައި ދައުލަތުން ބުރަ މަސައްކަތްތަކެއް ކުރާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ދެއްވާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.