ހަނދު އޭގެ ހަނދުވަރާ ނުލާ .... (47)

( 5 ނޮވެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މަރިޔަމްއަށް އަލްވަދާޢު ކިއުމަށްޓަކައި އެއްވެފައިވާ މެހެމާނުންގެ ތެރޭގައި ، މުރުތަސިމާގާތުގައި ހުރެވޭތޯ ޙަޔާ ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. މީރަބް ނެތަސް އޭނާ އެހުރީ މުރުތަސިމާއެކީގައިކަމަށް ޙަޔާ ބުނަމުން ގެންދިޔައެވެ. ޙަޔާ ދައްކާ އެއްވެސް ވާހަކައެއް މުރުތަސިމް އަޑެއް ނާހައެވެ. އަނީލާ އައިސް އެތަނަށް ވަނުމާއެކީ ، މީރަބް ނެތީމަ އެތަނަށް ލިބިފައި އޮތް ފަޅުކަމުގެ ވާހަކައިން ، އަނީލާ ލަދުގަންނުވައިލުމަށް ޙަޔާ މަސައްކަތް ކުރިއެވެ. އަނީލާއެއް ޙަޔާއަކަށް ޖަވާބެއް ނުދެއެވެ. ފަހަރެއްގައި މިތަނުން ކޮންމެވެސް ތާކު މީރަބް ހުރެދާނެކަމަށް އަނީލާ ބުނުމާއެކީ ، ޙަޔާގެ މޫނުމައްޗަށް ކުނިބިހެއް ޖެހިފަދައެވެ. ކުއްލިޔަކަށް އެފެނުނީ ، ޚާނަމް މަންމައާއި މީރަބާ ދެމީހުން މަރިޔަމް ގޮވައިގެން އެތަނަށް އައިސް ވަތްތަނެވެ. ޙަޔާގެ އަނގަ ތައްމިނަށް ހުޅުވުނެވެ.

މީރަބް މަޑުމަޑުން އައިސް މުރުތަސިމްގެ ބުރަކަށީގައި އަތް ޖައްސައިލިއެވެ. ޙަޔާއޭ ބުނެ މުރުތަސިމް ފަހަތަށް އެނބުރިލިއިރު ، އޭނާގެ ކުރިމަތީގައި އެހުރީ މީރަބެވެ. ހަޔާގާތަށްއައި ރުޅީގައި އެތަނުގައި ނުހުންނަންވެގެން ، އޭރު ގޭތެރެޔަށް ހިނގައްޖެއެވެ. މީރަބްގެ މޫނަށް ބަލަހައްޓައިގެން އެތައް އިރަކު މުރުތަސިމަށް ހުރެވުނެވެ. މީރަބްވެސް މުރުތަސިމްގެ ލޮލުން އޭނާގެ ކަޅި ކައްސާލައިގެން ދިޔަކަ ނުދެއެވެ.

" އަހަރެންނަށް މަޢާފު ކުރާށެވެ ! މުރުތަސިމްގެ ފަހަތުގައި ، މުރުތަސިމާއެކީ އަހަރެންނަށް ހުރެވުނީ އޮޅުމަކުންނެވެ. ފަހަރެއްގައި ، މުރުތަސިމް އިންތިޒާރު ކުރަމުން ގެންދިޔައީ ޙަޔާއަށްކަމުގައި ވެދާނެއެވެ. " ފެންކަޅިވެފައިހުރެ ، މީރަބް ބުންޏެވެ.

ރޮހޭލް ކޮބައިތޯ މުރުތަސިމް ސުއާލު ކުރިއެވެ. އޭނާއަށް އެތަނުން ރޮހޭލް ނުފެންނަކަމަށާއި ، މީރަބާއެކީ ރޮހޭލް ނުގެންނަންތޯ މުރުތަސިމް ސުއާލު ކުރިއެވެ. ޙަޤީޤަތުގައި ، އޭނާ އަންނަން ޖެހޭނީ ރޮހޭލާއެކީކަމަށް މީރަބް ބުންޏެވެ. އަތާ އަތް ގުޅުވާލައިގެންނެވެ. ރޮހޭލްގެ އަތާ މީރަބްގެ އަތް ގުޅުވައިލެވޭނީ ، ރޮހޭލްގެ އަތް ވަކިނުވެ އޮވެގެންކަމަށް މުރުތަސިމް ބުންޏެވެ.

ރޮހޭލް ގޭތެރޭގައި އުޅެނިކޮށް ، ބޭރުދޮރުގެ ރަނގަބީލު ވުމާއެކީ ، ދޮރު ހުޅުވައިލިއިރު މީހަކު ހުއްޓެވެ. މުރުތަސިމްޚާން އޭނާއަށް ސަލާމް ފޮނުވާކަމަށް އެމީހަކު ބުންޏެވެ. އެއީ މުރުތަސިމްމެން ގޭގެ އިސް ސަރުދާރު ބަޚްތިޔާރެވެ. ރޮހޭލާ ސަލާމް ކުރުމަށްޓަކައި ދިއްކޮށްލެވިފައިވާ ބަޚްތިޔާރުގެ އަތުގައި ހިފައި ، ސަލާމް ކޮށްލުމާއެކީ ، ބަޚްތިޔާރު އޭނާ ކޮޓަރިތެރެޔަށް ވައްޓައިލިއެވެ. އަދި ބަޚްތިޔާރާއެކީ އައިސް ތިބިމީހުން ކޮޓަރިޔަށް ވައްދައި ދޮރުތަޅުލުމަށްފަހު ، ރޮހޭލަށް އަނިޔާ ކުރަން ފެއްޓިއެވެ.

މުރުތަސިމް މިހާރު އެކުރީ ކޮންކަމެއްތޯ މީރަބް ސުއާލު ކުރިއެވެ. އޭނާ ، އެއްވެސްކަމެއް ނުކުރާ ކަމަށާއި ، ހަމައެކަނި އޭނާގެ ސަލާމް ، ރޮހޭލަށް ފޮނުވީކަމަށް މުރުތަސިމް ބުންޏެވެ. އެހެންފަހަރުތަކެކޭ އެއްގޮތަށް ، މުރުތަސިމަށް މިހާރުވެސް އެހުރެވެނީ ، މީރަބާމެދު ގޯސްކޮށް ވިސްނައިގެންކަމަށް މީރަބް ބުންޏެވެ. މީރަބް ހިނގައިގަތްތަނާ ކުރިމަތިން އައި މީހެއްގެ ގައިގައި އަޅައިގެންފައި އޭނާ އަތުގައި ހުރި ޖޫސްތަށި މީރަބްގެ ހެދުމަށް ބަންޑުން ވިއެވެ. އެހެންކަމުން ، ހެދުން ބަދަލު ކޮށްލުމަށްޓަކައި މީރަބް ގޭތެރެޔަށް ވަދެގެން ދިޔައެވެ. އިރުކޮޅަކުން ، އެތަނުގައހުރި ކުޑަކުއްޖަކު އައިސް ، މުރުތަސިމްގެ އަތަށް ކަރުދާސްކޮޅެއް ދިނެވެ. އޭގައި ލިޔެފައި އޮތީ ، ކޮޓަރީގައި އޭނާގެ އިންތިޒާރުގައި ހުރި ކަމަށެވެ. މުރުތަސިމްވެސް އައިސް ކޮޓަރިޔަށް ވަދެ ، މީރަބަށް ގޮވައިލިތަނުން ، ފަހަތުން އައިސް މުރުތަސިމްގެ ގައިގައި މީހަކު ބައްދައިލިއެވެ. އެވަގުތަކީ ، ފާޚާނާއަށް ވަދެ ހެދުން ދޮވެލުމަށްފަހު މީރަބް ނުކުތް ވަގުތެވެ. މުރުތަސިމްގެ ގައިގައި ޙަޔާ ބައްދާލައިގެން ހުރިތަން މީރަބަށް ފެނުނެވެ. އެވަގުތު ، އޭނާގާތަށް މީރަބް އަންނާނެކަން އޭނާއަށް އެނގެޔޭ ބުނެ ، މުރުތަސިމް ފަހަތަށް އެނބުރިލިއިރު ، އޭނާގެ ގައިގައި ބައްދާލައިގެން ހުރީ ޙަޔާއެވެ. ތަންކޮޅެއް ދުރުގައި އެ މަންޒަރުބަލަން މީރަބް ހުއްޓެވެ. މީރަބަށް ، ބޭއިޚްތިޔާރުގައި މުރުތަސިމަށް ގޮވައި ލެވުނެވެ. މުރުތަސިމް ހުރީ ހަދާނެގޮތް ބޮޑުވެ ، ދެލޯ މުދުނަށް އަރައި އަނގަ ހުޅުވިފައެވެ.

" މީރަބެވެ ! އަހަރެން ހީކުރީ ފަހަތުން އައިސް އަހަރެންގެ ގައިގައި ބައްދައިލީ މީރަބް ކަމަށެވެ. ކަރުދާސްކޮޅެއް ދީފައި އަހަރެން ކޮޓަރިޔަށް އައިސް ދިނުމަށް ބުނީ މީރަބެއް ނޫން ހެއްޔެވެ ؟  " މުރުތަސިމަށް ބުނެވުނެވެ.

މީރަބް ހުރީ ރުޅިއައިސް ރަތްވެފައެވެ. ޙަޔާއާ ދިމާލަށް ދެލޯ އަޅައިގެންނެވެ. ޙަޤީޤަތާއި މަންޒަރު ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ބޭނުމެއް ނެތްކަމުގައި މުރުތަސިމާ ދިމާލަށް ދެލޯ އަޅައިގެންހުރެ ، މީރަބް ބުންޏެވެ.

މުރުތަސިމް އަންނަން ބުނީ ޙަޔާނޫންހޭ ބުނެ ، މީރަބް ، ޙަޔާއާ ސުއާލު ކުރިއެވެ. އެހުރިހާކަމެއްކުރީ ޙަޔާތޯ މުރުތަސިމް ، ޙަޔާއާ ސުއާލުކޮށް ހަޅޭއްލަވައިގަތެވެ.

" މުރުތަސިމެވެ ! މުރުތަސިމްގެ ލޯބީގައި އަހަރެން މިހުރީ ކަނުވެފައެވެ. މީރަބް ގެޔަށް އައިތަން ފެނިފައި އަހަރެންނަށް ކެތް ނުކުރެވުނީއެވެ. އެތާ ނުހުރެވިގެން ، އެތާހުރި ކުއްޖެއްގެ އަތަށް މުރުތަސިމް ކޮޓަރިޔަށް އައިސްދިނުމަށް ލިޔެ ، ކަރުދާސްކޮޅެއްދީފައި ، މުރުތަސިމަށް ދޭން ބުނެފައި އަހަރެން މިކޮޓަރިޔަށް ވަދެ ފިލާމިހުރީ އެހެންވެގެންނެވެ. " ޙަޔާ ބުންޏެވެ.

އަހަރެން މިތަނަށް އަންނަންބުނީ ޙަޔާކަމަށް ބުނުމަށް މުރުތަސިމް ބުންޏެވެ. ޙަޔާގެ ލޯތްބަށް މުރުތަސިމް އެއްވެސް ޤަދަރެއް ނުކުރާކަމަށް ބުނެ ޙަޔާ އަޑުގަދަ ކޮށްލުމާއެކީ ، މުރުތަސިމްވެސް ޙަޔާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

" މުރުތަސިމެވެ ! ތިކަމުގައި ޙަޔާއާ ދިމާލަށް އަޑުގަދަކޮށް ، އެކަކު އަނެކަކަށް ޒުވާބު ކުރުމުގެ ބޭނުމެއް ނެތެވެ. މުރުތަސިމްދެކެ ޙަޔާ ވާލޯބި ނިކަން ދެކިބަލާށެވެ ! ޙަޔާގެ އެންމެ ޢިޝާރާތަކަށް މުރުތަސިމް ތިހުރީ ، ކޮއްކޮގެ ކައިވެންޏަށްފަހު ، އެންމެ ފަހުގެ ވަދާޢީ ޙަފްލާ ދޫކޮށްލާފައި ، ކެތް ނުވެގެން ކޮޓަރިޔަށް އައިހެވެ. " މީރަބް ބުންޏެވެ.

މީރަބް ގާތަށް މުރުތަސިމް ޖެހިލިއެވެ. މީރަބަށް އެހުރީ އޮޅުން އަރާފައި ކަމަށާއި ، މީރަބަށް އެފެނުނު މަންޒަރަކީ ޙަޤީޤަތެއް ނޫންކަމަށް މުރުތަސިމް ބުންޏެވެ. އޭނާ އެއައީ ، މީރަބް އޭނާއަށް ދިން ކަރުދާސްކޮޅެއްކަމަށް ބަލާފައެވެ. އެ ކަރުދާސްކޮޅު ކޮބައިތޯ މީރަބް ސުއާލު ކުރިއެވެ.

" ކަރުދާސްކޮޅެއް މިހާރަކު އަހަރެންގެ އަތަކު ނެތެވެ. އެކަމަކު އަހަރެން މިހަދަނީ ތެދެވެ. އަހަރެންނަކީ މީރަބަށް ދޮގުހަދާނެ މީހެއްނޫނެވެ. އަހަރެންގެ ވާހަކަ ޤަބޫލު ކުރާށެވެ ! އާދޭސް ކޮށްފައި ބުނަމެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ ! " މުރުތަސިމް ބުންޏެވެ.

ޙާޔާގާތު ހުރިހާ ވާހަކައެއް ތެދަށް ބުނުމަށް މުރުތަސިމް އެދުނެވެ. އަދި ، ތެދަށް ނުބުނެފިނަމަ ، ޙަޔާއަށް ހަދާނެގޮތް އެނގޭނީ އޭނާއަށް ކަމުގައި މުރުތަސިމް ބުންޏެވެ. މުރުތަސިމްގެ ސުއާލަށް ޖަވާބު ނުދީ ، މުރުތަސިމް ގޮވަގޮވާ އޮއްވައި ޙަޔާ އެތަނުން ނުކުމެގެން ދިޔައެވެ. މީރަބް އައިސް މުރުތަސިމްގެ ކުރިމަތީ ހުއްޓުނެވެ.

" ވަރަށް ރީތި ފުރިހަމަ މަންޒަރެކެވެ. ޙަޔާހުރީ މުރުތަސިމްގެ ގައިގައި ބައްދާލައިގެންނެވެ. މުރުތަސިމް ހުރީ މުރުތަސިމްގެ ގައިގައި ބައްދައިލުމަށް ޙަޔާއަށް ފުރުޞަތު ދީގެންނެވެ. އެ މަންޒަރުގައި ގޯހެއް އުޅޭނަމަ ހެދުނު ގޯހެއް ހެދުނީ އަހަރެންނަށެވެ. އެއީ ، އަހަރެންނަށް މިތަނަށް އައިސް ވަދެވުމެވެ. " މީރަބް ބުންޏެވެ.

މުރުތަސިމަށް އިތުބާރު ކުރުމަށް ، މީރަބަށް މުރުތަސިމް އާދޭސް ކުރިއެވެ. ހުރިހާ ކަމެއް އެނގިއްޖެކަމަށާއި ، އަދި އެއްފަހަރު އެ މަންޒަރު ތަކުރާރު ކޮށްލުމަށްޓަކައި ޙަޔާ ގެންނަމާ ހެއްޔޭ ބުނެ ، މީރަބް ހިނގައިގަތުމާއެކީ ، މީރަބްގެ އަތުގައި މުރުތަސިމް ހިފެހެއްޓިއެވެ. މީރަބް އެނބުރިލާފައި ، މުރުތަސިމްގެ ކަންކަށިމަތީ އޭނާގެ އަތުގައި ހުރިބާރެއްލާފައި އެތިފަހަރެއް އަޅުވައިލިއެވެ.

" ރޮހޭލް އަހަރެންގެ އަތުގައި ހިފައިލިކަމަށްޓަކައި ، ބަދަލު ހިފުމުގެ ގޮތުން ، މުރުތަސިމް ، ޙަޔާގެ ގައިގައި ބައްދާލައިފީމުއެވެ. ޢިއްޒަތާއި ޤަދަރު އުފުލިގެންވާ މުރުތަސިމް ޚާނަކީ ، އަންހެން ކަނބަލުންނަށް އިޙްތިރާމްކުރާ ، ހުވަފަތް އަންހެނުންގެ މަދަދުޤާރެވެ. މިއަދު މި ފެނުނީ ، މުރުތަސިމްޚާންގެ އަސްލު ސިފައެވެ. އަހަރެން ތިޔަމޫނަށް ކުޅުޖަހަންވެސް ލަދުގަނެއޭ ބުނެ ، މުރުތަސިމްގެ މޫނަށް މީރަބް ކުޅުޖެހިއެވެ. މުރުތަސިމްޚާނެވެ ! އެނގޭ ހެއްޔެވެ ؟ ކައިވެނީގެ ކުރިން އެއްކަލަ އެގްރީމެންޓްގައި އަހަރެންނަށް ސޮއިކުރެވުނީ ހަމަ ރަނގަޅަށެވެ. އެއީ މުރުތަސިމް ޚާނަށް ޙައްޤު އަދަބެކެވެ. " މީރަބް ބުންޏެވެ.

މީރަބް ވާހަކަ ދައްކަމުން ގެންދިޔައިރު މުރުތަސިމްވެސް ހުރީ ރުޅިއައިސް ތުރުތުރު އަޅައަޅައެވެ. އެހެނަސް ، މީރަބަށް އެއްވެސް އަނިޔާއެއް ދޭކަށް ، މުރުތަސިމަކަށް ނުކެރުނެވެ. މީރަބް ހިނގައިގަތްތަނާ ، މީރަބްގެ އަތުގައި މުރުތަސިމް ހިފެހެއްޓިއެވެ. މީރަބް އެބުނާ އެގްރީމެންޓާއި ، މުރުތަސިމްޚާންގެ އަގަކީ ކޮބައިކަން މީރަބަށް ދައްކައިލާނެކަމަށް މުރުތަސިމް ބުންޏެވެ. އަދި ، ޖެހިގެންހުރި ކޮޓަރިޔަށް ވަދެ ކޮޓަރި ތަޅުލިއެވެ. ޙަޔާ ގެންދިޔައީ ، މުރުތަސިމާއި މީރަބަށް ފާރަލަމުންނެވެ. ދޮރުކައިރިޔަށް ޖެހިލައި ދޮރުގައި ކަންފަތް ޖެހިއިރުވެސް ، މީރަބާއި މުރުތަސިމް ޒުވާބުކުރާ އަޑެއް ނީވެއެވެ. އެކަމާ ޙަޔާ ހުރީ އަޖައިބުވެފައެވެ.

މަރިޔަމް އޭނާގެ ފިރިމީހާޔާއެކީ ގެއިން ނުކުމެގެން ދިޔައިރުވެސް ، އޭނާ އެންމެ ދެކެން ބޭނުންވި މުރުތަސިމް ބޭބެވެސް އަދި މީރަބެއްވެސް ނެތެވެ. މުރުތަސިމް ދިޔައީ ، ދަނޑުގައި އުޅުނު މުއައްޒަފަކަށް ބަޔަކު ޙަމަލާދީގެން ކުއްލިޔަކަށް ދަނޑަށް ދާންޖެހިގެންކަމަށް ބުނެ ޙަޔާ ދޮގު ހެދިއެވެ. ޙަޔާ ބުނިގޮތުގައި މީރަބް އޭނާގެ ކޮޓަރިތެރޭ އެބައިނެވެ. މީރަބް އައުމުން އަނެއްކާ އަނެއް އާފާތް ، އެޢާއިލާއަށް ކުރިމަތިވީކަމަށް ބުނެ ، ޚާނަމް މީރަބަށް އެއްޗެތި ކިޔައިގަތެވެ. ޙަޔާ އެހަދަނީ ދޮގުކަން މަރިޔަމަށް އެނގުނުނަމަވެސް ، ޙަޔާއަކަށް ރައްދެއް ނުދެއެވެ.

މީރަބްވެސް އަދި މުރުތަސިމްވެސް ، އެކަކުއަނެކަކު ދެކެ ފޫހިވެފައި ތިއްބެވެ. ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށް އޮތީ ރުޅިވެރިކަމެވެ. ވާހަކަ ދައްކައިލައިގެން ހަމަޖެހިލާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ، ރޭވެ ދުނިޔެއަށް ލިބުނު ހަމަހިމޭންކަމާއެކީ ، ދެމީހުންގެ ހިތަށްވެސް ހަމަޖެހުން ލިބި ، އަރައިގެންފައިތިބި ރުޅި މައިތިރިވާން ފެށިއެވެ.

މުރުތަސިމަށްވެސް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނުކަމުގެ އިޙްސާސް ލިބުނެވެ. މީރަބް އެއައީ ، އޭނާއަށް އިތުބާރު ކޮށްފައެވެ. ޙަޔާ އެކުރިކަމަކުން ، މީރަބަށްވެސް އަދި އޭނާއަށްވެސް އެލިބުނީ ވޭނާއި ތަކްލީފެވެ. އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް ، މީރަބް ހަމަޔަކަށް އަޅުވަން ، އޭނާ މަސައްކަތް ކުރަންޖެހޭނެކަމަށް މުރުތަސިމަށް އިޙްސާސް ވިއެވެ.

މީރަބަށް ޤަބޫލު ކުރެވުނު ގޮތުގައި ހުރިހާ ގޯހެއްހެދީ ޙަޔާއެވެ. ޙަޔާއާ ހުރެ ، އޭނާއަށް މުރުތަސިމާ އިނދެގެން ނުއުޅެވޭނެކަމުގެ އިޙްސާސް މީރަބަށް ލިބުނެވެ. އެކަމަކު ، މުރުތަސިމްވެސް އޭނާއަކަށް އިތުބާރެއް ނުކުރެއެވެ. އެހެންނޫންނަމަ މުރުތަސިމް ޢަމަލުކުރާނީ އެގޮތަކަށް ނޫނެވެ. ޙަޔާ އޭނާގެ މަޤާމުގައި ، މުރުތަސިމާ ދުރުގައި ބަހައްޓާނެއެވެ. ޚާނިމްވެސް މީރަބް އެގެޔަށް އެގެނައީ ހަމައެކަނި މަރިޔަމަށްޓަކައެވެ. މީރަބާއި މުރުތަސިމަށް ހެވެއް އެދިގެންނެއްނޫނެވެ. މަރިޔަމްވެސް ، މިހާރު އެގެޔަކު ނެތެވެ. އެގޭގައި އޭނާއަށް ޙައްޤު ދަރަޖައާއި މަޤާމް ލިބުމަކީ ، ޙަޔާއާއި ޚާނަމް އެގޭގައި އުޅޭހާ ހިނދެއްގައި ކުރެވޭނެ ކަމެއްނޫނެވެ. އެންމެފަހުން ، އެގެއިން ނުކުމެގެންދާން މީރަބް ނިންމިއެވެ. މީރަބްދާނީ ކޮންތާކަށްކަމެއް ، ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ހަމަ ގައިމުވެސް ކަރާޗީއަށް ބައްޕަމެންގެޔަކަށް އޭނާ ނުދާނެއެވެ. އެގެޔަށް ދާއިރަށް ކޮންމެވެސް ބަހަނާއެއް ދައްކާފައި ޚާނަމް އެހެންޏާ މުރުތަސިމް އޭނާގެނެސް މިގެޔަށް ލާނެއެވެ.

މީރަބް ހުސްއަތާ ގެއިން ނުކުމެގެން ދާން ދޮރާ ހަމަޔަށްގޮސް ، ގޭޓް ހުޅުވަން ދޮރވާނުގާތު ބުނިނަމަވެސް ، ރޭގަނޑުގެ ލަސްގަޑިއެއްކަމަށް ވާތީ ، ދޮރުހުޅުވަން ދޮރުވާނު އިންކާރު ކުރިއެވެ. މީރަބްހުރި ޙާލަތު ފެނުމުންވެސް އެއީ އޭނާ ކުރަން ހެޔޮވާވަރުގެ ކަމެއްނޫންކަން ދޮރުވާނު ދެނެގަތެވެ. އެހެނަސް ، މީރަބްގާތަށް ރުޅިއައިސް އޭނާއަކީ މުރުތަސިމްޚާންގެ އަންހެނުންކަމަށްބުނެ ، ގޭޓް ހުޅުވަން އެންގުމުން ، އެހެން ގޮތެއްނެތިގެން ގޭޓް ހުޅުވައިދިނުމާއެކީ ، މީރަބް ނުކުމެގެން ހިނގައިގަތެވެ. އޭގެ ކުރިން ، މުރުތަސިމް ބޭރަށްދާން އައުމުން ، ދޮރުވާނުވަނީ ، މުރުތަސިމަށް ގޭޓް ހުޅުވައިދީފައެވެ. މުރުތަސިމް ގެއިން ނުކުމެގެން ދިޔަތަން ޙަޔާއަށް ފެނުނެވެ.

ދޮރުވާނު ކަންބޮޑުވެފައިހުރެ ، ގެޔަށް ފޯނުކުރިއެވެ. ގޭތެރެއިން ފޯނުނެގީ ޙަޔާއެވެ. މީރަބް ، ނުގޮތަކަށް ގެއިން ނުކުމެގެން ދިޔަވާހަކަ ދޮރުވާނު ބުނުމާއެކީ އެއަޑު ނީވޭކަމަށް ހަދައި ފޯނަށް ޖަވާބުނުދީ ޙަޔާ ހުއްޓެވެ. އެއީ ، އޭނާ އެންމެ ބޭނުންވި ކަންތަކެވެ. މީރަބް އެގެއިން ނުކުމެގެން އެދިޔައީ އަމިއްލަޔަށެވެ. އެހިސާބުން މީރަބްގެ ކަންތައް އެނިމުނީކަމަށް ޙަޔާއަށް ފެނުނެވެ. ދެން އޮތީ މުރުތަސިމް މައިތިރި ކުރުމެވެ. މަޑުމަޑުންގޮސް އެކަންވެސް ޙަޔާ ކުރާނެއެވެ. މީރަބް އަމިއްލަޔަށް ގެއިން ނުކުމެގެން ދިޔައިމަ ، ޚާނަމްގެ ބޮލަށް ވަދެގެން މުރުތަސިމާ ކައިވެނި ކުރުމުގެ ކަންތަކާ ދިމާކުރާނީއެވެ. އެކަމުގެ ތެރެޔަށް ވަންނަން މަރިޔަމެއްވެސް މިހާރަކު ގެޔަކު ނެތެވެ. މުޅި އެގެ އެއްކޮށް އެއޮތީ ޙަޔާގެ ހިތަކަށް ލިބިފައެވެ. މީރަބްގެ ކިބައިން ބަދަލު ހިފުމަށްޓަކައި ، މުރުތަސިމްވެސް ، ޙަޔާއާ އެއްބައި ވާނެއެވެ.

ނޮރޭޒްގެ ގެޔަށްގޮސް ، އެރޭ ، މަރިޔަމާއި ނޮރޭޒް މިނިވަންކަމާއެކީ ބައްދަލުވުމަށް ލިބުނު ފުރަތަމަ ފުރުޞަތުގައި ، މަރިޔަމް އޭނާގެ ވާހަކަތައް ނޮރޭޒަށް ކިޔައިދޭން ނިންމިއެވެ.

އޭނާއަށް ، އެހެންމީހަކު ދެކެ ލޯބިވެވިފައިވާކަމުގައި މަރިޔަމް ބުންޏެވެ. އެމީހަކީ މަލިކު ޒުބޭރެވެ. މަލިކު ޒުބޭރުގެ ރޭވުމަކަށްވީ އޭނާގެ ބޭބެ ، މުރުތަސިމްގެ ކިބައިން ބަދަލު ހިފުމެވެ. އޭނާއާއި މީރަބަށް އޮޅުވާލައިގެން ، މަލިކު ޒުބޭރުވަނީ ، މަރިޔަމްގެ ޙަޔާތް ބަރުބާދުކޮށްލާފައެވެ. ނޮރޭޒުގެ ކައިވެންޏަށް އާނބަސް ބުނުމަށް މަރިޔަމްއަށް ޖެހުނީ ، މަންމަ އެކަމަށް މަޖްބޫރު ކުރުމުގެ ސަބަބުންނެވެ. މަރިޔަމްގެ ނިޔަތަކީ ، ނޮރޭޒަށް އެއްވެސް ގެއްލުމެއް ދިނުމެއްނޫނެވެ. އަދި ނޮރޭޒްގެ ހިތަށް އުނދަގޫވާކަހަލަ އެއްވެސް ކަމެއް ކުރުމެއްވެސް ނޫނެވެ. މަރިޔަމްގެ ވާހަކަ ގޯސްކޮށް ނުނެގުމަށް މަރިޔަމް އެދުނެވެ. އޭނާގެ ކައިވެނި ކޮންމެ ޙާލަތެއްގައި ކުރެވުނު ކަމަށްވިޔަސް ، އެކައިވެނީގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމަޔަށް އުފުއްލާނެއެވެ. ނޮރޭޒްގެ ހިތަށް އުނދަގޫވާނެ އެއްވެސްކަމެއް އޭނާއެއް ނުކުރާނެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.