އަދި އިހަށް ނުގޮސްފާނަން ހެއްޔެވެ ؟

އިހުގެ ހިންދީ ލަވަޔަކީ ، ލަވަޔާއި މިއުޒިކަށް ލޯބިކުރާ ކޮންމެ މީހެއްގެވެސް ހިތުގެ ނާރުތަކާ  ކުޅެލާ ޖަޒްބާތީ އިޙްސާސްތަކެއް އުފައްދައިދޭ ވަޞީލަތެކެވެ. އެއީ ، މިޒަމާނުގެ ލަވަޔާއި މިއުޒިކާ ތަފާތުކޮށް ، ހަމަހިމޭންކަމާއި މަޑުމައިތިރިކަމާއެކު ، ޖައްވުގައި އުދުހިލާ މަޑު ވައިރޯޅިއެއްފަދައިން ، ހިތުގެ އެންމެ  ހިމަ ނާރާ ހަމަޔަށްގޮސް ، ހިތަށް ތަޞައްވުރު ކުރެވޭގޮތަށް ބައްޓަން ކުރެވިފައި ހުންނަ އަޖައިބެއްފަދަ ޖަޒްބާތެކެވެ. އެއީ ، މިޒަމާނުގެ ބައެއް ލަވަޔާއި މިއުޒިކާ އެއްގޮތަށް ،  ހަޅޭކުގެ ހަރުއަޑުން ،  ތެޅިފޮޅި ،  އެއަޑު އިވުމުން  ، ހިތުގެ ޖަޒްބާތުވެސް ތެޅިފޮޅިގަނެ " ކިކް " އައިސް ވަޖިދުވާފަދަޔަކުން އަންނަ ޒާތުގެ ހަލަބޮލި ޖަޒްބާތެއްނޫނެވެ. މިއީ ، ފަހަރެއްގައިވެސް ، މިހާރުގެ ލަވަތަކަށް ކުޑަިއިމީސް ބަހެއް ރައްދު ކުރަނީކީ ނޫނެވެ. ޒަާމާން މިއޮތީ ބަދަލުވެފައެވެ. ޒަމާނާއެކީ ، ހުރިހާކަމެއްވެސް ބަދަލުވާނެއެވެ. ލަވަޔާއި މިއުޒިކަށްވެސް މެއެވެ. މިއީހަމަ އިޙްސާސްގެ ތަފާތަށް ނިސްބަތްކޮށް ބުނެވޭ އެއްޗެކެވެ. މިއީ ، މިހާރުގެ ލަވަޔާއި މިއުޒިކާ އަދި ލަވަކިޔާ މީހުންނަށް ނިސްބަތްކޮށް  ލިޔެވޭ ލިއުެމެއްނޫނެވެ. ހަމަހިމޭންކަމާއި މަޑުމައިތިރިކަން ، އަދި ޖޯޝާއި ފޯރީގެ ތަފާތު ވަކިކުރުމުގައި ހިތަށް ލިބޭ އިޙްސާސެކެވެ. އިހުގެ ލަވަތަކާއި މިހާރުގެ ގިނަ ލަވަތަކުގެ ތަފާތަކީ އެއީއެވެ. އިހުގެ ލަވަޔާއި މިއުޒިކުން ، ލިބޭ ހަމަހިމޭންކަމުގެ  އިޙްސާސްތަކުން ، ސިކުނޑިޔަށް ހަމަޖެހުމާއި ހިތަށް ފަސޭހަކަން ލިއްބާ އިރު ، މިހާރުގެ ގިނަ ލަވައާއި މިއުޒިކުން ހިތް ތެޅުމާއެކީ ، ހަށިގަނޑަށް ލޮޅުންލިބި ، " ކިކް " އައުމެވެ.

މީގެ 64 އަހަރުކުރިން ، 1961 ގައި ، ބޮލީވުޑްގައި އުފެއްދި ،  " ހަމްދޯނޯ " މިފިލްމަށް މުޙައްމަދު ރަފީޢު އާއި އާޝާ ބޯސްލޭ ކިޔައި ، ދޭވް އާނަންދު އާއި ސާދުނާ ކުޅެފައިވާ ، " އަބީ ނަޖާއޯ ޗޯޅުކަރު " މި ލަވަޔަކީ ، ހިންދީ ލަވައިގެ ދުނިޔޭގައި އެންމެ ނަން ހިނގާ ޖަޒްބާތީ އެއްލަވައެވެ.

ފޮރުވިފައިވާ ޖަންގައްޔެއްގައި ފިނީގެ މާޙައުލެއްގައި ޒުވާނަކު ، އޭނާގެ ލޯބިވެރިޔާގެ ކުރިމައްޗަށް ، ހިތުގައިވާ އުދާސްތައް ބަންޑުން ކޮށްލާއިރު ، އެ ހިތުގައި ބިންވަޅު ނެގިފައިވާ ފޮނި އުއްމީދުގެ ރަހަ އިޙްސާސް ކުރެވެއެވެ. އެ ފޮނިފޮނި ، މާނައިން ފުރިގެންވާ ބަސްތަކުން ، މުޅި ކާއިނާތުގެ ހަމްދަރްދީ ލިބިގެން ، އެ ޒުވާނާގެ ހިތުގެ އިޙްސާސްތައް ، އޭނާގެ ލޯބިވެރިޔާއަށް ހުށަހަޅުން ދާއިރު ، ހިނިތުންވުމާއި ހަމަޖެހުމުގެ އުފާވެރިކަމުން ، އެ ޒުވާނާގެ މޫނު އަލިވެގެން ވެއެވެ. ނުރުހުމުގެ އެއްވެސް އިޙްސާސެއްނެތި ، ޠޯހިރު ހިތަކުން އުފެދިގެން އަންނަ ޖުމްލަތައް ، އޭނާގެ ލޯބިވެރިޔާގެ ހިތަށް ، ޚަންޖަރެއްފަދައިން ހެރެމުން ދެއެވެ. ނޫނެކޭ ބުނަން ނުކެރޭ ވަރަށެވެ.

ލަވައިގެ އަސާސަކީ ، ފިރިހެން ކުއްޖަކު ، އަންހެންކުއްޖަކު ދެކެ ، އިންތިހާއަށް ލޯބި ވުމެވެ. އަންހެން ކުއްޖާއަށް ލިބިފައިވާ ލަދުވެތިކަމުން ، އޭނާ ބޭނުންވަނީ އަވަހަށް ގެޔަށް ދާށެވެ. އެހާ ފުރިހަމަ ބަސްތަކަކުން ، އޭނާގެ އިޙްސާސްތައް ބަންޑުން ކޮށްލަމުންދާ ، ޒުވާން ފިރިހެން ކުއްޖާ ދޫކޮށްލާފައި އެތަނުން ދާކަށްވެސް ، އަންހެން ކުއްޖާގެ ހިތެއް ނޭދެއެވެ.

" ހަމް ދޯނޯ " ގެ އަބީނަ ޖާއޯ ޗޯޅުކަރު ، މިލަވަ އައިސްފައިވަނީ ، ފިލްމުގެ ކުރީކޮޅުގައެވެ. މުޅި ފިލްމުގެ ދެންހުރި މަންޒަރުތައް ، އެ ލަވައިގެ މައްޗަށް ބައްޓަން ކުރެވިގެންދާފަދަ ގޮތަކަށެވެ. ކަޅާއި ހުދުގެ މި ފިލްމަކީ ، މިހާރުގެ ކުލަ ފިލްތަކާ އަޅާކިޔައި ، ދޫކޮށްލެވޭވަރަށްވުރެ ، މާ ފުރިހަމަ ރީތި ފިލްމެކެވެ.

ޒުވާން ދޭވް އާނަންދު ، އޭނާގެ ހިތުގައިވާ ލޯބީގެ އިޙްސާސްތައް އަމުނަމުން އަތުރަމުން ، ސާދްނާއަށް ހުށަހަޅަމުން ގެންދިޔައީ ، އޭނާގެ ހިތްއެދޭ ޖަޒްބާތަށް ބަރޯސާ ކޮށްގެންނެވެ. ރީތިރީތި ރަށެއްގެ ލޯބި ގޮނޑުދޮށުގައި ބީހިލަމުން އެދާ ރާޅުގެ ފޮރުވިފައިވާ އިޙްސާސްތަކަށް ގެއްލި އިނދެ ، އަޅުގަނޑު ހިތްވެސް އެ ލަވައިގެ ޖަޒްބާތީ އިޙްސާސްތަކަށް ގެއްލިގެން ދިޔައެވެ.

 

ދޭވް އާނަންދު

އަހަރެން ދޫކޮށްލާފައި ، އަދި އިހަށް ނުގޮސްފާނަން ހެއްޔެވެ ؟ އަހަރެންގެ ހިތެއް އަދި ނުފުރެއެވެ.  ތިޔައައީ ، ހަމަ ދެންމެއަކު ނޫން ހެއްޔެވެ ؟ ކަލާ އައުމުން ބަހާރު މޫސުމް އައިފަދައެވެ. ޖަންގަލީގެ މި ފިނި މާޙައުލުގައި މިހިރަބިޔަ ގަސްތައް އެކަމަށް ހެކިވާނެއެވެ. ކަލާގެ ތިޔަ ޖަޒްބާތީ މީރުވަހުން މުޅި ޖައްވުގައި މީރުވަސް ދުއްވައިލަން މި އުފާވެރި މާޙައުލަށް މިޖެހޭ ވަޔަށް ފުރުޞަތު ދީފާނަން ހެއްޔެވެ ؟ ކަލާގެ ތޫނުފިލި ލޮލުގެ އަލިކަން މުޅިތަނަށް ފެތުރިލައިގެން ދިއުމަށް ހުއްދަ ދީފާނަން ހެއްޔެވެ ؟ ރޭގަނޑުގެ ވަގުތުކޮޅު ކުޑަކޮށް ދަންމައިލަން ފުރުޞަތު ދެމާ ހެއްޔެވެ ؟ އަހަރެންގެ ހިތް ، އޭގެ އަމިއްލަ ޒާތުގައި ހަމަޖެހިލަން ފުރުޞަތު ދެމާ ހެއްޔެވެ ؟ އަދި ، ކުޑައިރުކޮޅަކު ، ދިރިހުރެލަން އަހަރެންނަށް ފުރުޞަތު ދީފާނަން ހެއްޔެވެ ؟ ކަލާގެ ޢިޝްޤީ ޖަޒްބާތުގެ ކޯވަރެއްގެ ރަހަ ބަލައިލަން ، އަހަރެންނަށް ފުރުޞަތެއް ދީފާނަން ހެއްޔެވެ ؟ އެކަމަށް އެދި ، އަހަރެން އަދި ، އެއްވެސް އެއްޗެކޭ ނުބުނަމެއް ނޫން ހެއްޔެވެ ؟ އެކަމާ ބެހޭ އެއްވެސް ވާހަކައެއްގެ އަޑު ، ކަލާ އަދި ނާހަމެއް ނޫން ހެއްޔެވެ ؟ އަހަރެން ދޫކޮށްލާފައި އަދި އިހަށް ނުދާށެވެ ! އަހަރެންގެ ހިތެއް އަދި ނުފުރެއެވެ.

ޝާދްނާ

ތަރިތައްވެސް މިހާރު މެދުއުޑުގައި ފިޔަޖަހަން ފަށައިފިއެވެ. ވޮށްތައްވެސް ދިއްލެން ފަށައިފިއެވެ. ދެން ހެވެވެ. އަހަރެން ހިފަހައްޓަން ނުހަދާށެވެ ! އަހަރެންގެ ކުރި ބައްދަން ކުރިޔަށް ނުޖެހޭށެވެ ! މިހާރު މަޑުކޮށްފިނަމަ ، އަހަރެންނަކަށް ދެނެއް ނުދެވޭނެއެވެ. ކަލާ ދޫކޮށްލާފައި އަހަރެންނަށް ދެވޭނެ ހެންނެއް ހިއެއް ނުވެއެވެ. ކަލާގެ ހިތެއް ނުފުރެއޭ ބުނަމުން ގެންދާނެއެވެ. މިއީ އެހާ ފަސޭހައިން ނިމެން އޮންނަކަހަލަ ގުޅުމެއް ނޫނެވެ.

ދޭވް އާނަންދު

އަދިއެއް ނޫނެވެ. އަހަރެން ދޫކޮށްލާފައި ، އަދި އިހަށް ނުގޮސްފާނަން ހެއްޔެވެ ؟ އަހަރެންގެ ހިތުގެ މުހުތާދުތައް އަދިއެއް ނުފުދެއެވެ. އަހަރެންގެ ހިތުގެ މުހުތާދުތައް ނުފުދެނިސް ، އެހިތަށް ތަދުކޮށްފައި ، ކަރުހިއްކައިގެންފައި ހުއްޓާ ، ކަރު ތެންމާލަ ނުދީ ، ތިޔަ އުޅެނީ ދާން ހެއްޔެވެ ؟ ކޮންމެ ދުވަހަކު ތިހެން ދާން ވެއްޖެނަމަ ، ކަލާވީ ވަޢުދު ފުއްދޭނީ ، ކިހިނެއް ހެއްޔެވެ ؟ ޙަޔާތުގެ ދިގު ރާސްތާގައި ، ޒުވާން ދެހިތެއްގައިވާ ޖަޒްބާތީ އިޙްސާސްތަކަށް ވާނީ ކިހިނެއް ހެއްޔެވެ ؟ ދިރިއުޅުމުގައި ، ވަރަށްގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެ ގޮންޖެހުންތައް އަންނަނީ ، އަހަރެމެން އިމްތިޙާން ކުރުމަށްޓަކައެވެ. އަހަރެންގެ ވާހަކަތަކުން ، ކަލާގެ ހިތަށް އުނދަގޫވިޔަ ނުދެއްޗެވެ. އެއީ ލޯބީގެ އިޙްސާސް ތަކެކެވެ. މައްސަލަ ޖައްސަން ދައްކާ  ވާހަކައެއް ނޫނެވެ.

ޝާދްނާ

އާނއެކެވެ ! އެކަމަކު ، ކަލާގެ ހިތް އަދި ނުފުރޭ ވާހަކަ ، އަބަދު ބުނަމެއް ނޫންހެއްޔެވެ !

ދޭވް އާނަންދު

އާނއެކެވެ ! އަހަރެންގެ ހިތެއް އަދި ނުފުރެއެވެ.

ޝާދްނާ

ނޫނެކެވެ ! ނޫނެކެވެ ! ނޫނެކެވެ !

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.