ޖަރުމަނުވިލާތުގެ މިސްކިތަކަށް ހަމަލާ ދީފި

ޖަރުމަނުވިލާތުގެ ކޮލޯން ސެންޓްރަލް މިސްކިތް

ޖަރުމަނުވިލާތުގެ ބަޑެން ވައުޓެންބަރގް ސްޓޭޓްގެ ލައުފަން އަމް ނެކާރގެ މިސްކިތަކަށް ކޮން ބައެެއްކަން ނޭނގޭ ބަޔަކު ޕެޓްރޯލް ބޮމުގެ ހަމަލާއެއް ދީފިއެވެ. ތުރުކީވިލާތުގެ އަނަޑޯލޫ އެޖެންސީން އެރަށުގެ މުސްލިމް ލީޑަރެއް ކަމުގައިވާ ބަކްރު އައްޠާޝްއާ ޙަވާލާދީ ޚަބަރުދޭ ގޮތުގައި މިޙަމަލާގައި އާޤާ ޝަމްސުއްދީން މިސްކިތަށް ގެއްލުންތަކެއް ލިބިފައިވީ ނަަމަވެސް އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވެއެވެ.
އައްޠާޝްގެ ވާހަކައިގައި އޭނާ ވަނީ ޔޫރަޕްގައި މުސްލިމުންނަށް ދެވޭ މިފަދަ ޙަމަލާތައް އިތުރުވަމުން ދާތީ ކަންބޮޑުުވުން ފާޅުކުރައްވާފައެވެ. އެރަށުގެ ސަލާމަތީ ޚިދުމަތްތަކުން އެކަން ތަޙުޤީޤުކޮށް، އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި، އިސްލާމޮފޯބިއާއަކި ކުޑަކަމަކަށް ހަދައި ދޫކޮށް ނުލުމަށް އައްޠާޝް ވަނީ ގޮަވައިލައްވާފައެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ޖަރުމަނުވިލާތަކީ ޔޫރަޕްގެ ނިސްބަތުންވެސް މުސްލިމުންނަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއް ދެވޭ ޤައުމެކެވެ. އެ ޤައުމުގެ ދާޚިލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުުވި 2017 ވަނަ އަހަރުވެސް މުސްލިމުންނަށް އަމާޒުކޮށް 950 ހަމަލާ ދެވިފަައި ވެއެވެ. އެ ޙަމަލާތަކުގައި 30 މީހުން ޒަޚަމްވެފައި ވެެއެވެ.
އަނެއްކޮޅުން، 2014 ވަނަ އަަހަރު ދެވުނު ޙަމަލާއެއްގައި ވަރަށް ބޮޑަށް ހަލާކުވި ބާލިންގެ މެލްވާނާ މިސްކިތަށް ޒިޔާރަތް ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް ނޫމާން ކުރްތުލުމުސް ވަނީ އާޤާ ޝަމްސުއްދީން މިސްކިތަށް ދެވުނު ޙަމަަލާ ކުށްވެރިކުރައްވާފައެވެ. "މިކަން މިދަރަޖައަށް ފެތުރިގެން ދަނީ ސިޔާސީ މައިދާނުގައި ކަނާތު ފިޔައިގެ ހައްދު ފަހަނައަޅާފައިވާ މީހުންެގެ އަޑު ގަދަވެފައިވާތީ." އޭނާ ވިދާާޅުވިއެވެ.
81.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަރުމަނުވިލާތަކީ ފަރަންސޭސިވިލާތަށް ފަހު މުސްލިމުންގެ އާބާދީ ދެވަނައަށް އެންެމެ ބޮޑު ޤައުމެެވެ. އެ ޤައުމުގައި 4.7 މިލިއަން މުސްލިމުން ދިރިއުޅެއެެވެ.
ޚަަބަރު: އަނަޑޯލޫ އެޖެންސީ، އަލްޤުދްސުލް ޢަރަބީ

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.