ހަނދު އޭގެ ހަނދުވަރާ ނުލާ .... (39)

(24 ސެޕްޓެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)

މަރިޔަމްގެ ކައިވެންޏާ ބެހޭގޮތުން މީރަބާއި މުރުތަސިމާ ދެމެދު ހިނގަމުންދިޔަ ބަހުސްގައި އެކަކުވެސް ގޮތެއް ދުލެއް ނުކުރެއެވެ. މުރުތަސިމް އެހުރީ ، ޤިޔާމަތަށްދާނދެން ، އޭނާގެ ނިންމުން ދެމެހެއްޓުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ. މީރަބް އެހުރީ ، އޭނާ މަރިޔަމަށްވީ ވަޢުދުގެމަތީ ، އެންމެ ފަހުނޭވާޔާ ހަމަޔަށް ދެމިހުރުމަށް ނިންމައިގެންނެވެ. މީރަބްގެ ވަޢުދު އުވައިލުމަށް އެތައްފަހަރަކު މުރުތަސިމް އެދުނެވެ. އަނަސްއާ މަރިޔަމްގެ ކައިވެނި ކުރުމަކީ ، ބަރުބާދުގެ މަގަށް މަރިޔަމްގެ ޙަޔާތް ބަދަލުވެގެންދާނެ ކަމެއްކަމަށް މުރުތަސިމް ބުނަމުން ގެންދިޔައެވެ. އެފަދަކަމެއް ދިމާވެއްޖިއްޔާ ، މީރަބާއި މުރުތަސިމްގެ ގުޅުން އެއްކޮށް ކެނޑިގެންދާނެއެވެ. އެކަމުގެ ވޭނާއި ތަކްލީފު އުފުއްލަންޖެހޭނީ ހަމައެކަނި މަރިޔަމަށް އެކަންޏެއްނޫނެވެ. މީރަބާއި މުރުތަސިމާ އަދި މަންމަޔާ އަންވަރުބޭބެއާ އެގެޔާ ގުޅިފައިވާ އެންމެންނަށްވެސް އެކަމުގެ ތަކްލީފާއި ހިތާމަ ލިބިގެން ދާނެއެވެ. އެހެނަސް ، މީރަބްވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. މުރުތަސިމް އެއަދާކުރަނީ ބޭބެއެއްގެ ވާޖިބެވެ. މީރަބް އެއަދާކުރަނީ ، ދައްތަޔަކު ކޮއްކޮޔަކަށް ވެފައިވާ ވަޢުދެއް ފުރިހަމަކުރުމުގެ ވާޖިބެވެ. ކާމިޔާބުވާނީ ކާކަށްކަމެއް ނޭނގެއެވެ.

މަރިޔަމް ހުރީ ހަދާނެގޮތް ބޮޑުވެފައެވެ. އަނަސްއާ ނުލައި މަރިޔަމްގެ ދުނިޔެއެއް ނެތެވެ. އޭނާއަށް މިހާރު އޮތީ ދެގޮތެކެވެ. އެއްގޮތަކީ މަރުވުމެވެ. އަނެއްގޮތަކީ ، ފިލައިގެންގޮސް އަނަސްއާ ކައިވެނި ކުރުމެވެ. އެހެނަސް ، އެދެގޮތުންކުރެ އެއްގޮތެއްވެސް އެއީ އެކަމުގެ ޙައްލުކަމަކަށް މީރަބަކަށް ނުފެނެއެވެ. ޢާއިލާއަށް ފިލައިގެންގޮސް ، އަނަސްއާ ކައިވެނިކުރަން މަރިޔަމަށް ، އެއްގޮތަކަށްވެސް ފުރުޞަތު ނުދޭނެކަމަށް މީރަބް ބުންޏެވެ. އޭނާގެ ފުރާނަ ހަށީގައި ހުއްޓާ ނޮރޭޒާ ކައިވެނި ނުކުރުމަށް މަރިޔަމް އެހުރީ ނިންމައިގެންނެވެ.

މުރުތަސިމް ދޮގު ހަދާނެކަމަކަށް މީރަބްގެ ހިތް ޤަބޫލެއް ނުކުރެއެވެ. އަނަސްއާ ބައްދަލުކުރަން މުރުތަސިމް ދިއުމުން އޭނާއަށް ފެނުނު ކަންކަމުގެ ވާހަކަ ބަދަލުކޮށް ، މުރުތަސިމް ދޮގެއް ނުހަދާނެއެވެ. ދޮގުހަދަންޖެހޭ ސަބަބެއްވެސް ނެތެވެ. މުރުތަސިމް ދިޔައީ މަރިޔަމަށްޓަކައެއް ނޫނެވެ. މީރަބަށްޓަކައެވެ. މީރަބަކީ ، މަރިޔަމްގެ އުއްމީދުކަމަށް ބަލައިގެންނެވެ.

އަނަސްވެސް ދޮގުހަދަންޖެހޭ ސަބަބެއް މަރިޔަމަކަށް ނުފެނެއެވެ. އަނަސް ބޭނުންވަނީ މަރިޔަމްއާ ކައިވެނި ކުރާށެވެ. މީރަބްދެކެ އިންތިހާއަށް ލޯބިވެއެވެ. އަނަސްވެސް ދޮގުހަދާނެކަމަކަށް މަރިޔަމްއަކަށް ޤަބޫލެއް ނުކުރެވެއެވެ.

މަރިޔަމާއި މީރަބާ ދެމީހުންގެ ނިންމުން އެހާތަފާތުވި ހިނދު ، އެކަމަށް މީރަބް ޙައްލެއް ހޯދިއެވެ. އަނަސް އާވެސް އަދި އަނަސްގެ މަންމައާވެސް ، ޚުދު މީރަބް ބައްދަލުކުރުމަށް ، މީރަބް ނިންމިއެވެ. އެހެނަސް ، މީރަބް ގޮސް އެމީހުންނާ ބައްދަލު ކުރުމަކުން ، މުރުތަސިމްގެ ނިންމުން ބަދަލުވެދާނެކަމަކަށް މަރިޔަމްއަކަށް ނުފެނެއެވެ. އެއީ ފަހަރެއްގައި ވެދާނެކަމެކެވެ. އަދި ނުވެދާނެ ކަމެއްވެސް މެއެވެ. އެކަމަކު ، މީރަބަށް އެކަން ޔަޤީން ކުރެވޭނެތާއެވެ. މުރުތަސިމް އެބުނާ ވާހަކައެއްގެ ދޮގުތެދު އޭރަށް ސާފުވާނެއެވެ.

މުރުތަސިމް އެކުރާކަމެއް ކުރަނީ ކޮންސަބަބަކާހުރެކަމެއް މީރަބަކަށް ނޭނގެއެވެ. އަނަސްއާއި މުރުތަސިމް ބައްދަލުކުރި ކަމެއްވެސް މީރަބަކަށް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ، މުރުތަސިމް އޭނާއަށް ދޮގު ނުހަދާނެކަމެވެ. އެއީ އަދި މިހާތަނަށް މުރުތަސިމް ކޮށްފައިވާކަމެއްނޫނެވެ. މަރިޔަމްއަށްޓަކައި ، އަނަސްގެ ގެޔަށްގޮސް ، އެނުރައްކަލާވެސް ކުރިމަތިލުމަށް މީރަބް ބޭނުންވިއެވެ. އަދި ، އަނަސްއަށް ފޯނުކޮށް ، ގޭގެ އެޑްރެސް ހޯދައިދިނުމަށް މީރަބް އެދުނެވެ.

މަރިޔަމްގެ ކޮޓަރިން ނުކުމެގެން މީރަބް އަންނަނިކޮށް ޙަޔާއާ ދިމާވިއެވެ.

" ނޮރޭޒާ ކައިވެނިކުރާކަށް މަރިޔަމް ބޭނުމެއް ނޫނެވެ. އެކަމަކު ، މީރަބް މަސައްކަތްކުރަމުން ތިގެންދަނީ ، މަރިޔަމް ބޭނުންވާ މީހާގެ ކައިވެންޏަށް ، މުރުތަސިމް އެއްބަސްކުރުވުމުގެ މަސައްކަތެވެ. ތިކަމެއް ނުވާނެއެވެ. " ޙަޔާ ބުންޏެވެ.

ޙަޔާއަށް އެއުޅެނީ ކޮންކަމެއް އެނގިގެންތޯ މީރަބް ސުއާލު ކުރިއެވެ. ޙަޔާއަކަށް މާގިނަކަންކަމެއް ނޭނގެއެވެ.  ނޮރޭޒާ މަރިޔަމް ކައިވެނި ނުކުރަން އެއުޅެނީ ، އެހެންމީހަކުދެކެ މަރިޔަމް ލޯބިވާތީ ކަން އެނގޭކަމުގައި ޙަޔާ ބުންޏެވެ. އެއީ ކާކުކަމާއި ކޮންކަމެއްކުރާ ކޮން ޢާއިލާއެއްގެ މީހެއްކަން އެނގޭނީ މީރަބަށްކަމުގައިވެސް ޙަޔާ ބުންޏެވެ.

މަރިޔަމްގެ ކައިވެނީގެ ޙަފުލާއަށް ޙަޔާގަންނަން ބޭނުންވާ ހެދުމެއް ހޯދަން ބާޒާރަށް ދިޔައިރު މީރަބްވެސް އެމީހުންނާއެކީ ދިޔައެވެ. ދަނޑިވަޅުބަލާފައި ، މުރުތަސިމަށް ނާންގައި އެތަނުން މީރަބް ނުކުތެވެ. އަދި ، އަނަސް ދިން އެޑްރެހަށް ގޮސް އަނަސްއާއި އަނަސްގެ މަންމަޔާ ބައްދަލު ކުރިއެވެ. އެތަނަކީ ، މުރުތަސިމް ސިފަކޮށްދިންކަހަލަ ނާސިގެޔެއްނޫނެވެ. އަނަސްގެ މަންމަވެސް މީރަބާ ވާހަކަ ދެއްކީ އަދަބު އިޙްތިރާމާއެކީގައެވެ.

އަނަސްއަށް ހެދިގެންއުޅޭ ޒުބޭރު ހުރީ ، އޭނާގެ މަންމަގެ ގޮތުގައި ކުއްޔަށް މީހަކު ހިފައިގެން ގެނެއްސައެވެ. މީރަބާ ދައްކަންޖެހޭ ވާހަކަޔަށް ދަންދެން ، ޒުބޭރުއޮތީ އެމީހާއަށް ކިޔައިދީފައެވެ. އެއްވެސް ގޯހެއް ހަދައިފިނަމަ މަރައިލާނެކަމުގެ އިންޒާރުވެސް އޮތީ ދީފައެވެ. މީރަބް އެގެއިން ނުކުމެގެން އަންނަން ފެށީމަ ، މަރިޔަމާއި އަނަސްގެ ކައިވެނިވުމާއި ނުވުން އޮތީ ހަމައެކަނި މީރަބްގެ އަތްމަތީގައި ކަމަށް އަނަސް ބުންޏެވެ. އަދި އެމީހުންނަށް މީރަބްވެފައިވާ ވަޢުދުގެމަތިން ހަނދާން ކޮށްދިނެވެ.

ގެޔަށް އައި މަގުމަތީގައި ، މީރަބްއިނީ ސިކުނޑި ސުމަކަށް ދާވަރަށް ހާސްވެފައެވެ. މުރުތަސިމް ދޮގުހަދަންޖެހޭ ސަބަބެއް މީރަބަކަށް ނުވިސްނެއެވެ. އެ ކައިވެންޏާ ބެހޭގޮތުން ، މަރިޔަމާއި އަނަސް އަދި ، މުރުތަސިމާއި މަންމަޔާ އަދި އަންވަރު ދައްކާފައިވާ ބަސްތައް މީރަބް ހަނދާން ކުރަމުން ގެންދިޔައެވެ. އެއިން ކޮންމެ މީހަކުވެސް ބުނަމުން ގެންދިޔައީ ، އަނަސްއަކީ މަރިޔަމާ އެކަށީގެންވާ މީހެއްނޫންކަމެވެ. އަނަސްއާއި އޭނާގެ މަންމަގެ ޙަޤީޤަތް މީރަބަކަށްވެސް ނޭނގެއެވެ.

މީރަބް ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ، އެކައިވެންޏަށް މުރުތަސިމެއް ނުރުހޭނެއެވެ. އެހުރިހާ އެންމެން އެކައިވެންޏަށް ދެކޮޅުހަދަމުން ގެންދާ ސަބަބެއް އޮންނާނެއެވެ. މީރަބަށް އެއުޅެނީ އެސަބަބު އަދި ، ސާފު ނުވެގެންނެވެ.

މީރަބަށް އެފެނުނު މަންޒަރުތަކަށް ބަލާއިރު ، މުރުތަސިމަށް ފެނުނު އެއްވެސްކަމެއް މީރަބަކަށް ނުފެނެއެވެ. އެކަމުގައި ދެމީހުން ދެބަސްވާންޖެހޭ ހުރިހާ ސަބަބެއް އެބައޮތެވެ. މުރުތަސިމާ ދެކޮޅުވެރިވެގެން ، ދެކޮޅުވެރިކަމުގައި އެކަމަށް ޙައްލެއް ނުހޯދޭނެކަން މީރަބަށް އެނގެއެވެ. މަރިޔަމްއަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ، ފިލައިގެންގޮސް އަނަސްއާ ކައިވެނި ކުރުންކަމުގައި މަރިޔަމް ނިންމިއެވެ.

މުރުތަސިމްމެންނަށް ގެޔަށް އާދެވުމުގެ ކުރިން މީރަބް ގެޔަށް އައިސް ، އޭނާއަށް ފެނުނު ކަންކަމުގެ ޚަބަރު މަރިޔަމަށް ދިނުމަށްފަހު ކޮޓަރިޔަށްގޮސްވެސް ، އޭނާއަށް އިނދެވުނީ ، މުރުތަސިމާ ދޭތެރޭ ވިސްނާށެވެ. މުރުތަސިމް އެ ކައިވެންޏަށް ދެކޮޅުހަދަންޖެހޭ ސަބަބެއް ނޭނގި އެކަމާ ވިސްނާށެވެ.

މުރުތަސިމް ގެޔަށް އައިއިރު ހުރީ ރުޅިއައިސް ރަތްވެފައެވެ. މީރަބް ދިޔަތަނަކާ ބެހޭގޮތުން މުރުތަސިމް ސުއާލު ކުރިއެވެ. މީރަބް ޖަވާބުދިނީ މުރުތަސިމްގެ ސުއާލަކަށް ނޫނެވެ.

" މުރުތަސިމް ، އަނަސްގެ ގެޔަކަށް ނުދެއެވެ. " މީރަބް ބުންޏެވެ.

މުރުތަސިމަށް ލިބުނު ޙައިރާންކަމުގައި އަނގަހުޅުވުނެވެ. އެއްވެސް ބިރެއް ، ޖެހިލުމެއްނެތި ، މީރަބް އެއައީ ، އެ ނާސިގެޔަށް ގޮހެވެ. ޒުބޭރުގެ މަޤްޞަދަކީ ، މުރުތަސިމް އެތަނަށް ދިޔައިރު ، އެތަން ނާސިގެޔެއްގެ ގޮތުގައި ސިފަކޮށް ، މުރުތަސިމް ރުޅިއަރުވައި ، އެކައިވެންޏަށް މުރުތަސިމް އިންކާރު ކުރުވުމެވެ. އެހެނަސް ، މީރަބް އެތަނަށްދިޔައިރު ، އެއީ ނުލާހިކު ރީތިކޮށް ތައްޔާރުކުރެވިފައިވާ ގެޔެކެވެ. އެގޭގައި ދިރިއުޅެނީ ، އަނަސް އާއި އޭނާގެ މަންމަޔާ ދެމީހުން އެކަންޏެވެ. އަނަސްގެ މަންމަކަމަށް ޒުބޭރު ދައްކަންޖެހޭ އަންހެނާ ގެންނަންޖެހުނީ  ، އެއްބަހުން އަނެއްބަހުގައި ދަތުރުކޮށް ، ދުރު ހިސާބަކުންނެވެ. އެހެންކަމުން ، ކުޑައިރުކޮޅަކު ، އެގޭގައި މަޑުކޮށްލަން މީރަބަށް މަޖްބޫރުވިއެވެ.

މުރުތަސިމްގާތަށް އައިސްހުރި ރުޅި އިތުރަށް ގަދަވިއެވެ. މުރުތަސިމަށް އަންގައިނުލާ ، އަނަސްގެ ގެޔަށް މީރަބް ދިއުމަކީ ، އޭނާއަށް ޤަބޫލުކުރެވޭނެކަމެއްނޫނެވެ. އެހެންނަމަވެސް ، އެކަންކުރަން މީރަބަށް މަޖްބޫރުވީ ، އަނަސްބުނާ އެއްޗަކާ މުރުތަސިމްބުނާ ވާހަކަޔަކާ ދިމާނުވާތީއެވެ. މީރަބްގެ އަމިއްލަ ނަފްސަށް އެކަން ކަށަވަރުކުރަން ބޭނުންވާތީއެވެ.

މުރުތަސިމަށް އެދެވުނީ ގޯސް އެޑްރެހަކަށްކަމުގައި ވެދާނެކަމަށް މީރަބް ބުންޏެވެ. އޭނާ ދިޔައިރު އެތަނުގައި ނާސިގެޔަކުން ފެންނާނެ އެއްވެސް ނިޝާނެއް ނެތެވެ. އެއީ ރީތި ގެޔެކެވެ. އަނަސްއާއި އަނަސްގެ މަންމަޔާ ވާހަކަ ދައްކަން އޭނާ މަޑުކޮށްލައިގެން އިނީ އެގޭގެ ސިޓިންގރޫމުގައެވެ. އަނަސްގެ ދެމައިން ފިޔަވައި އިތުރު އެއްވެސްމީހަކު އެގެޔަކު ނެތެވެ.

އެއީ ކޮންމެތަނަކަށްވިޔަސް ، މުރުތަސިމްގާތު ނުބުނެ ، އޭނާއަށް އަންގައިނުލާ ، އޭނާއަށް ވަގަށް ، މީރަބް އެތަނަށް ދިއުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް މުރުތަސިމް ބުންޏެވެ. މީރަބް އެތަނަށް ދިޔައީ ، އަނަސްބުނާ ވާހަކަޔަކާ މުރުތަސިމްބުނާ ވާހަކަޔަކާ ދިމާނުވާތީ ، ދޮގުހަދަނީ ކާކުކަމާއި ތެދުހަދަނީ ކާކުކަން ، އޭނާ އަމިއްލަޔަށް ދެނެގަތުމަށެވެ. އެހެނަސް ، އެކަން މުރުތަސިމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާ ، މީރަބަށް ދޮގުހަދައިފާނެކަމަށް މީރަބަށް ހީވާނަމަ ، އެއީ މުރުތަސިމްގެ އަމިއްލަ ނަފްސުގެ އުނިކަމެއްކަމަށް ، މުރުތަސިމް ޤަބޫލު ކުރިއެވެ.

ދުވަހަކުވެސް ، އޭނާއަށް މުރުތަސިމް ދޮގެއްހަދާފައި ނެތްކަމަށް މީރަބް އެއްބަސްވިއެވެ. މީރަބް ބުނަމުން ގެންދިޔައީ ، މުރުތަސިމަށް އެ ދެވުނީ ނުބައި އެޑްރެހަކަށް ކަމުގައެވެ. އޭނާއަށް މުރުތަސިމް ދޮގުހަދައިފާނެކަމަކަށް މީރަބް ޤަބޫލެއްވެސް ނުކުރެއެވެ.

" އެއީ ، ކޮންމެތަނެއްކަމަށް ވިޔަސް ، މަރިޔަމްގެ ކައިވެންޏަށް އިތުރު ބަދަލެއް ނުގެނެވޭނެއެވެ. މަރިޔަމްގެ ކައިވެނި ކުރެވޭނީ ނޮރޭޒާއެވެ. " މުރުތަސިމް ބުންޏެވެ.

އެކަން ބަދަލު ނުވާނީ ކިހިނެއްތޯ މީރަބް ސުއާލު ކުރިއެވެ. އެއީ ، މުރުތަސިމްގެ ކޮއްކޮ ، މަރިޔަމްގެ މުޅި ޢުމުރާ ގުޅިފައިވާ މަރިޔަމްގެ ދިރިއުޅުމަށް އެޅޭ ފިޔަވަޅެކެވެ. އެކަމުގައި މަރިޔަމްގެ އުފަލާއި ހިތްހަމަ ޖެހުމަށްވުރެ ، އެހެންކަމެއް އިސްކުރެވިގެންވާނެކަމަކަށް މީރަބަކަށް ނުފެނެއެވެ. އެކަމަކު އެކަމުގައި ، މުރުތަސިމަކަށް އެއްވެސް ތަފާތެއް ނުފެނެއެވެ.

" އަހަރެމެންގެ ކައިވެނި ކުރެވުނުއިރުވެސް ، މުރުތަސިމަކަށް ތަފާތެއް ނުފެނެއެވެ. ހުރިހާކަމެއް ގެއްލި ހުރިހާ ތަކްލީފެއް ލިބުނީ އަހަރެންނަށެވެ. ފުޑުފުޑުވެގެން ދޔައީ އަހަރެންގެ އުއްމީދުތަކެވެ. އަހަރެންގެ ކިޔެވުމާއި ، މަންމައާއި ބައްޕަ އަދި އަހަރެން ކުޑައިރުއްސުރެ ދިރިއުޅެމުން ގެންދިޔަ ގެވެސް އަހަރެންނަށް ގެއްލުނެވެ. މުރުތަސިމް ، މުރުތަސިމް ޚާންގެ ގޮތުގައި ތަފާތެއްނެތި ހުރީ ނޫން ހެއްޔެވެ ؟ މަރިޔަމްގެ ކައިވެނީގެ ކަންތަކުގައިވެސް އެވަނީ އެހެންނެވެ. ހުރިހާ އުއްމީދެއް ގެއްލިގެން އެދަނީ މަރިޔަމްގެއެވެ. މުރުތަސިމަކަށް އެއްވެސް އެއްޗެއް ނުގެއްލެއެވެ. އެއްޗެއް ގެއްލިގެން އިންސާނަކަށް ލިބޭނެ ތަކްލީފާއި ވޭން ، މުރުތަސިމްމެންނަކަށް އިޙްސާސެއް ނުކުރެވޭނެއެވެ. " މީރަބް ބުންޏެވެ.

މީރަބް އެބުނީ ރަނގަޅަށެވެ. އޭނާއަށް އެއްވެސް އެއްޗެއް ގެއްލިގެން ނުދާކަމަށް މުރުތަސިމް ބުންޏެވެ. މީރަބްވެސް ، ހަމައެބަސް ތަކްރާރުކޮށް ، މުރުތަސިމްގެ އަތުން އެއްވެސް އެއްޗެއް ގެއްލިގެން ނުދާކަމަށް ބުންޏެވެ.

" އަހަރެންނާއެކީ އައިސް ބަލާށެވެ ! އަހަރެންގެ އަތުން ގެއްލިގެން ދިޔައީ ކޮންއެއްޗެއްކަން މީރަބަށް ދައްކައިލަން އަހަރެން ބޭނުމެވެ. " އަޑުގައި ހިތާމަވެރި އަސަރުތަކެއް އެކުލެވިފައިވާ ގޮތެއްގައި ހަމަހިމޭންކަމާއެކީ ، މުރުތަސިމް ބުންޏެވެ.

މުރުތަސިމްގެ ފަހަތުން މީރަބްވެސް ދިޔައެވެ. އަލަމާރިއެއް ހުޅުވާފައި ، ކެމެރާއަކާއި ލެންސަކާ އަދި ފަގުޑިއެއް ނަގައި މީރަބަށް ، މުރުތަސިމް ދައްކައިލިއެވެ.

" އަހަރެންގެވެސް ދިރުންހުރި އުއްމީދެއް އޮތެވެ. އަހަރެން ބޭނުމީ ފޮޓޯގްރާފަރަކަށް ވާށެވެ. އިންޓަރނޭޝަނަލް ވައިލްޑް ލައިފް ފޮޓޯގްރާފަރަކަށްވާން އަހަރެން ބޭނުންވިއެވެ. އެއީ ، އަހަރެންގެ ހުވަފެނެކެވެ. އަހަރެންގެ އަމިއްލަ ނަފްސުގެ ހިތްހަމަ ޖެހުމަށް ކަމެއްކުރަން އަހަރެން ބޭނުންވިއެވެ. ގަނޑުވަރުތެރޭގެ މިމާޙައުލާއި ވެރިކަމުގެ ޢިއްޒަތާއި ޝަރަފާ އަދި ޤަދަރަކީ ، އަހަރެން ޝަޢުޤުވެރިވާ ކަންކަމެއްނޫނެވެ. މުޅި އެ ނިޒާމަށްވެސް އަހަރެންގެ އެއްވެސް ޝަޢުޤުވެރިކަމެއް ނެތެވެ. އަހަރެންކުރަން ބޭނުންވާ ކަމަކާއި އަހަރެން ދެކޭ ހުވަފެނުގެ ވާހަކަ ބައްޕަގާތު ބުނަން އައުމުން ، ބަލި އެނދުގައި އޮތް އަހަރެންގެ ބައްޕަ ، ޝާހް ނަވާޒްޚާން ، އަހަރެންގެ އަތަށް ލައިދިނީ މި ފަގުޑިއެވެ. އަދި ފަގުޑިޔާއެކީ ، ވެރިކަމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަހަރެންނާ މަތިކޮށް މިފަގުޑި އަހަރެންގެ ބޮލުގައި އެޅުވިއެވެ. އެއީ ، އަހަރެންގެ ވަރަށް ޒުވާން ޢުމުރެވެ. ތަކްލީފާއި ވޭނުން ފުރި ، ބަލިޙާލުގައި އޮތް ، ބައްޕަގެ އެ ނިންމުމާ ދެކޮޅު ހަދާނެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އަހަރެން ދުށް ހުވަފެނާއި ، އުއްމީދުތައް އެއްފަރާތް ކޮށްލައި ، ބައްޕަގެ ނިންމުމަށް އެއްބަސްވީމެވެ. އަހަރެންގެ އުއްމީދާއި ، ހުވަފެންތަކާއި އެކަމަށް އޮތް ލޯބި ޤުރްބާންކޮށް ، މި ފަގުޑި އަޅައިގެން ވެރިކަމުގެ ނިޒާމުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވީމެވެ. އެއްޗެއް ގެއްލިގެން އިންސާނެއްގެ ހިތަށް ލިބޭނެ ވޭނާއި ތަކްލީފާއި ތަދު އަހަރެންނަށްވެސް އިޙްސާސް ކުރެވެއެވެ. މީރަބްގެ ހުރިހާ ދެކޮޅުވެރިކަމަކާއި ނުސިޔާސަ ހުރިހާ ކަންކަމެއް އަހަރެން ތަޙައްމަލު ކުރަމުން މިއަންނަ ސަބަބަކީ އެއީއެވެ. އަހަރެންނަކީ ފިރިހެނެއް ނޫން ހެއްޔެވެ ؟ ހިތްވަރު ކުރާނަމެވެ. ނުވެސް ރޯނަމެވެ. މީރަބްގެ ކޮންމެ ޢަމަލަކަށް ކެތްތެރިކަމާއެކީ ، ހިތްވަރުކޮށް ، މީރަބަށް ތަކްލީފެއް ލިބުނަކަ ނުދޭނަމެވެ. " މުރުތަސިމްގެ ލޮލުން ކަރުނައައެވެ.

މުރުތަސިމްގެ ވާހަކަތަކުން ، މީރަބްގެ ލޮލުންވެސް ކަރުނަ ފާއްދާލައި ، ކޯތާފަތްމައްޗަށް ފައިބަމުން ދިޔައެވެ.

" އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަމެވެ. ޗުއްޕުވެސް ނުބުނެ  ، އެކަންކަމަށް ކެތްކުރާނަމެވެ. އަހަރެންގެ ހުރިހާ އުއްމީދަކާއި ހުވަފެނެއް ގެއްލިގެންދިޔައީ ، މި ފަގުޑީގެ ޒިންމާއާއި މަސްއޫލިއްޔަތުންވެ. " މުރުތަސިމްގެ އަތުގައި އޮތް ފަގުޑި ދައްކައިލަމުން ބުންޏެވެ.

މީރަބާ ގާތަށް މުރުތަސިމް ޖެހިލިއެވެ. މީރަބްގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ.

" މީރަބް އެވެ ! އާދޭސްކޮށްފައި ބުނަމެވެ. އަހަރެންގެ ހިތުގައި އަމިއްލަ މަސައްކަތަކަށް އުފެދުނު ލޯބި އެއޮތީ ގެއްލިފައެވެ. އަހަރެންގެ ދެވަނަ ލޯތްބަކީ މީރަބެވެ. އެލޯބި ، އަހަރެންގެ އަތުން ބީވެގެން ހިނގައިދާނެ އެއްވެސް ކަމެއް ނުކުރައްޗެވެ. އަހަރެންގެ އެ ހުވަފެން އަހަރެންނާ ވަކި ނުކުރައްޗެވެ. ކުރިން  ވެދިޔަ ހުރިހާކަމަކަށް އަހަރެން ކެތްކުރީމެވެ. މިފަހަރު މި ދިމާވެގެން އުޅޭ ކައިވެނީގެ މައްސަލައިގައި އިތުރު ބަދަލެއް ގެންނަން އަހަރެންނަކަށް ކެތެއް ނުކުރެވޭނެއެވެ. އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ޙަޔާތާ ގުޅިފައި އޮތް ކަމެކެވެ. ގޯހެއް ހިނގައިފިނަމަ ، އަހަރެންގެ އަމިއްލަ ނަފްސު ، އަހަރެންނަކަށް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. އަޞްލުގައިވެސް ، އަހަރެން މީރަބްދެކެ އިންތިހާއަށް ލޯބި ވަމެވެ. " މުރުތަސިމް ބުންޏެވެ.

މުރުތަސިމްގެ ވާހަކަތަކުން ކޮށްފައިވާ އަސަރުން އުފެދިފައިވާ ކަރުނަތަކުގެ ތެރެއިން ، މުރުތަސިމްގެ ލޮލަށް ބަލަހައްޓައިގެން އެތައް އިރެއްވަންދެން މީރަބަށް ހުރެވުނެވެ. މީރަބްގެ ލޮލުން ، އޭރުވެސް ކަރުނަ ފައިބަމުން ދިޔައެވެ. މުރުތަސިމްގެ އަތް އުފުލާލައި ، މީރަބްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް މަޑުމަޑުން ފުހެލަ ދިނެވެ.

" މީރަބްގެ އަމިއްލަ ނަފްސާއި އަހަރެން ބަލަހައްޓައި އެހީތެރިވެ ދޭށެވެ ! އާދޭސް ކޮށްފައި ބުނަމެވެ. " މުރުތަސިމްގެ ހިތުގައި މީރަބްގެ  މައްޗަށް އޮތް އިޚްލާޞްތެރި ލޯތްބާއި ، މުރުތަސިމްގެ އަޑުގައި ހުރި ވޭން މީރަބަށް  އެވަގުތު ، އިޙްސާސް ކުރެވުނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.