
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި، މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.
މިއަދު ފެށި ޕްރިންސިޕަލުންގެ ކޮންފަރެންސްގެ ބޭނުމަކީ، ޤައުމުދެކެ ލޯބިވާ، ވިސްނާ ފިކުރުކުރާ ދަރިވަރުންތަކެއް ބިނާކޮށް ދިރިއުޅުމަށް ތައްޔާރުކުރުމަށްޓަކައި ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންނާއިއެކު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނު އެކިއެކި ދާއިރާތަކުގެ ސިޔާސަތު، ޕްރިންސިޕަލުންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ޚިޔާލާއި މަޝްވަރާއާއި އެކު އިތުރަށް ތަރައްޤީކުރުމެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާލީ ފިލައެއް އަރުވާފައެވެ. މި ފިލާ އެމަނިކުފާނާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.