ޝާރުޖާ އަމީރުގެ އަތްޕުޅުން ދިވެހި ތާރީޚުގެ އިސްވާރަށް ޚާއްޞަ އެވޯޑެއް

ދިވެހިޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ޝާރިޖާގެ އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީގެ ފަރާތްޕުޅުން ޚާއްޞަ އެވޯޑެއް ލިބިވަޑައިގެންފިއެވެ.

ޝާރިޖާގެ އަމީރުގެ އަތްޕުޅުން ދެއްވި މި އެވޯޑު ދެއްވީ އެމަނިކުފާނުގެ ޚާއްޞަ ބެއްލެވުމެއްގެ ދަށުން، ޝާރިޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުގެ ފަރާތުން އިންތިޒާމުކުރައްވައިގެން މި މަހު 22އިން 26އަށް ކުރިޔަށް ގެންދަވާ ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގައެވެ. ޝާކިރަށް ލިބިވަޑައިގެންފައިވަނީ 2025ވަނަ އަހަރުގެ ޝަރަފުވެރި ރާވީގެ އެވޯޑެވެ.

ޝަރަފުވެރި ރާވީގެ އެވޯޑު ދެއްވަނީ އެ ބޭފުޅަކު ޤައުމެއްގެ ތަރިކައިގެ ދާއިރާއަށް ކުރައްވާފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ ސަބަބުން އެ ބޭފުޅަކީ އެ ޤައުމެއްގައި ތަރިކައިގެ ދާއިރާގެ ޚާޒާނާއެއްކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތަކަށެވެ. ކަށިމާ އަޙްމަދު ޝާކިރު ވަނީ ދިވެހި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެ ގޮތުން އޭނާ ލިޔުއްވި ޤަރުނު ފޮތް ސިލްސިލާ ފާހަގަކުރެވެއެވެ. އޭގެ އިތުރަށް އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާތައް ލިޔުއްވާފައިވެއެވެ.

މިހާރު ޝާކިރުގެ ޚިދުމަތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިވެހިޤައުމިއްޔަތު އިއާދަކޮށް ދިރުވާ އާލާކުރެއްވުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިތަރިކާ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. ޚާއްޞަކޮށް ރައީސް މުޢިއްޒު އުފައްދަވާފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރުގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ އެ މަރުކަޒުގެ ވިލަރެސްވެރީން ތަމްރީނުކުރުމާއި މުޤައްރަރުތައް ފަރުމާކުރުން ފަދަ މަސައްކަތްތައްކުރައްވަމުންނެވެ.

ޝާކިރުވަނީ ޝާރިޖާ ފޯރަމުގެ އެކި ދަންފަޅިތަކުގައި ރާއްޖޭގެ ތާރީޚާ ބެހޭ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ. އަދި ޝަރަފުވެރި ރާވީގެ މަޤާމު ލިބިވަޑައިގަތުމާ ގުޅިގެން ޝާރުޖާގެ ބައެއް ޓީވީ ޗެނަލްތަކުން ވަނީ އޭނާގެ ބަސްދީގަތުންތައް ނަގާފައެވެ. ޝާކިރުގެ ހުށަހެޅުންތައް ބަލައިލަން އެކި ޔުނިވަރސިޓީތަކުން ދަރިވަރުން ހާޒިރުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.