
(20 ސެޕްޓެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކޮމާންޑަރު ވިދާޅުވިއެވެ. "އަޅުގަނޑުގެ ވާހަކަ މަނިކުފާނުގެ ވާހަކަފުޅާ ވަރަށް ތަފާތެވެ. އަދި ވަރަށް ދިގު ވެސްމެއެވެ. މަނިކުފާނު މާ އަވަހަށް އަވަހާރަފުޅު ލައްޕަވާން އާދަ ވެވަޑައިގެންފައި ނުވާ ކަމުގައި ވާނަމަ، ރޭގަނޑުގެ ފަރީއްކޮޅުން ނިމިވަޑައިގަތުމާ އެކު، އަޅުގަނޑުގެ ގާތަށް ވަޑައިގަންނަވާށެވެ! އޭރުން އަޅުގަނޑުމެންނަށް ވަރަށް ގިނަ އިރު ވާންދެން ވާހަކަ ދައްކާން ތިބެވިދާނެއެވެ."
އާޝާ
ތުނިތުނިކޮށް ވާރޭ ވެހޭ ރެއެކެވެ. ރަންބީރު ފަރީއްކުޅުއްވައި ނިމިވަޑައިގަތުމާ އެކު މިސްރާބު ޖެއްސެވީ ކޮމާންޑަރުގެ ގެއާ ދިމާޔަށެވެ. ކޮމާންޑަރުގެ ނޯކަރެއް އޭނާ ނަމާދު ކުރައްވައި ނިމިވަޑައިގަތުމާ އެކު ވަޑައިގަންނަވާނެ ވާހަކަ ދަންނަވައިފިއެވެ. އޭނާ ރަންބީރަށް ކޮޓަރިއެއްގައި އިށީނދެވަޑައިގަންނަވާން ދަންނަވައިފިއެވެ. އިރުކޮޅެއްގެ ފަހުން ކޮމާންޑަރު އެ ކޮޓަރިއަށް ވެދެވަޑައިގެންފިއެވެ. އޭނާ ރަންބީރުގެ އަރިހުގައި އިށީނދެވަޑައިގެން އޭނާގެ ވާހަކަފުޅު ފައްޓަވައިފިއެވެ.
"އަޅުގަނޑުގެ އިސްލާމީ ނަމަކީ عبدالواحد އެވެ. އިސްލާމް ވުމުގެ ކުރީގައި އަޅުގަނޑުގެ ނަމަކީ ވާސިދިޔޫއެވެ. ކަންގަޅާ އަކީ އަޅުގަނޑުގެ އުފަން ބިމެވެ. އަޅުގަނޑު ހަނދާން ހުންނަ ވަރު ވުމުގެ ކުރީގައި އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަވަހާރަ ވެއްޖެއެވެ. އެ ދެކަނބަލުން ދުނިޔެއަށް ދޫ ކުރެއްވި ހަމައެކަނި ނިޝާނަކީ އަޅުގަނޑެވެ. އަޅުގަނޑުގެ ބައްޕާފުޅަކީ ނަގަރުކޯޓުގެ ސިފައިންގެ އެންމެ މަތީ ވެރިކަން ކުރެއްވި ބޭފުޅެކެވެ. ނަގަރުކޯޓާ ދެތިން ކޯހެއްގެ ދުރުގައި އޮންނަ ފެހި ވާދީގެ ވަރަށް ގިނަ އަވަށްތަކަކީ އަޅުގަނޑުމެންނަށް ސަރުކާރުން ދެއްވައިފައި ވާ ބިމެވެ. ޖާގީރެވެ. އަޅުގަނޑުގެ ބައްޕަ އަވަހާރަ ވުމުން އަޅުގަނޑު ބައްލަވައި ބޮޑު ކުރެއްވުމުގެ މަސްއޫލިއްޔަތާ ޙަވާލު ވެވަޑައިގަތީ އަޅުގަނޑުގެ ބޮޑުބޭބެއެވެ. ބޮޑުބޭބެގެ އެއްވެސް ބޭފުޅަކު ނުހުންނަވައެވެ. އެހެންކަމުން ބޮޑުބޭބެ އަޅުގަނޑު ދެކެ ވަރަށް ބޮޑަށް ލޯބިފުޅު ވެއެވެ. ބޮޑުބޭބެ އެދިވަޑައިގަންނަވަނީ ބައްޕާފުޅު ފަދައިން އަޅުގަނޑަށް ވެސް މަތިވެރި މަޤާމާއި ރީތި ނަން ލިބުމެވެ. އަޅުގަނޑުމެންނަށް ދައުލަތުން ދެއްވައިފައި ވާ ބިމުގައި ސަތޭކަ ފަންސާސް އަސްވާރުންނާއި ފައިމަގުގައި ހަނގުރާމަ ކުރާ ސިފައިންގެ ހަތަރު ސަތޭކަ މީހުން ގެންގުޅުމުގެ ހުއްދަ ނަގަރުކޯޓުގެ ރަސްގެފާނުގެ ފަރާތްޕުޅުން އޮވެއެވެ. އެހެންކަމުން އަޅުގަނޑުގެ ހިތުގައި ކުޅަދާނަ ސިފައިންގެ މީހަކަށް ވުމުގެ ޝައުޤު އުފެދުމަކީ ޠަބީޢީ ކަމެކެވެ. އަޅުގަނޑުގެ ބޮޑުބޭބެ އަޅުގަނޑަށް ދީނީ ތަޢުލީމު ދެއްވުމަށް ޓަކައި ވަނީ ޕަންޑިތެއްގެ ޚިދުމަތް ހޯއްދަވައިފައެވެ. ނަމަވެސް އަޅުގަނޑު ފޮތްތަކަށް ވުރެ ބޮޑަށް ޝައުޤު ހުންނަނީ ސިފައިންގެ ކުޅިވަރުތަކަށެވެ. އަސްމައްޗަށް ސަވާރު ވުމާއި، ފެންފެންގަނޑާއި ކޯރުކޯރުގައި ފަތައިއުޅުމަކީ އަޅުގަނޑު ނުހަނު ކުރާ ހިތް ވާ ކަންކަމެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަމީރެއްގެ ދަރިކަލަކު ޢާއްމުންގެ ކުދީންނާ އެކު ކުޅެއުޅުމަކީ، ރަނގަޅު ކަމެއް ކަމުގައި ބެލެވޭ ކަމެއް ނޫނެވެ. ޚާއްޞަކޮށް އާދައިގެ ދަށުފަންތީގެ މީހުންގެ ކުދީންނާ އެކުގައެވެ. އަޅުގަނޑުގެ މުދައްރިސް ދެކޮޅު ހައްދަވަނިކޮށް ވެސް އަޅުގަނޑުގެ ބޮޑުބޭބެ ވަނީ ކައިރި އަވަށްއަވަށަށް ޢާއްމުކޮށް ގޮސްއުޅުމުގެ ހުއްދަ ދެއްވައިފައެވެ. ވިޔަފާރިވެރީންނާއި، ދަނޑުވެރީންނާއި، ގެރިބަކަރި ހުއިހައްޕާ މީހުންގެ ދަރީން އަޅުގަނޑާ ވަރަށް ރައްޓެއްސެވެ. ދައުލަތުން އަޅުގަނޑުމެންނަށް ދެއްވައިފައި ވާ ބިމުގައި ބޮޑުބޭބެ އަޅުގަނޑު ގޮސްއުޅުމުގެ ހުއްދަ ނުދެއްވާ އޮންނަނީ އެއްމެ އަވަށެކެވެ. އެއީ އަޗޫތުންގެ އަވަށެވެ.
އަޅުގަނޑުގެ ޢުމުރުން ބާރަ އަހަރަށް އެޅިތަނާ، ނަގަރުކޯޓުގެ ރަސްގެފާނު އަޅުގަނޑުމެންނަށް ޒިޔާރަތް ކުރެއްވިއެވެ. އޭނާ އަޅުގަނޑުމެންގެ ސިފައިން އިމްތިޙާނު ކުރެއްވިއެވެ. އަޅުގަނޑު ވެސް ސިފައިންގެ ބައެއް ކުޅިވަރުތަކުގައި ބައިވެރި ވީމެވެ. އަޅުގަނޑުގެ ލޮންސިހެވިކަމާއި ދުނިއުކުމާ މެދު ރަސްގެފާނު ވަރަށް އުފާފުޅު ކުރެއްވިއެވެ. ރަސްގެފާނު އަޅުގަނޑުގެ ބޮޑުބޭބެގެ އަރިހުގައި ވިދާޅުވިއެވެ. "މަނިކުފާނުގެ ބޭބޭފުޅުގެ ދަރިކަލުން އޭނާގެ ބައްޕާފުޅުގެ ނަންފުޅު ދިރުއްވަވާނެކަން ޔަޤީނެވެ. ނަމަވެސް މަނިކުފާނު އޭނާއަށް ތަޢުލީމު ދެއްވުމުގެ މައްޗަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވާން ޖެހިވަޑައިގަންނަވާނެއެވެ. ރަނގަޅު ވާނީ މަނިކުފާނު އޭނާ ދުވަސްކޮޅަކަށް ނަގަރުކޯޓަށް ފޮނުއްވިއްޔާއެވެ." ރަސްގެފާނުގެ ވިދާޅުބަސްފުޅަށް، އަޅުގަނޑުގެ ބޮޑުބޭބެ ނަގަރުކޯޓުގައި ހުންނަ ބޮޑެތިބޮޑެތި އަމީރުންގެ ބޭފުޅުންނަށް ތަޢުލީމު ދޭ މަދަރުސާއަކަށް އަޅުގަނޑު ފޮނުއްވައިފިއެވެ.
މަދަރުސާގައި ކިޔަވައިދޭ ބުރަހުމަނުންގެ ފަރާތުން އަޅުގަނޑަށް އެންމެ ފުރަތަމަ ދަސް ވި ފިލާވަޅަކީ ނަފްރަތެވެ. އެތަނުން އަޅުގަނޑަށް ދަސް ކޮށްދިނެވެ. "މަނިކުފާނަކީ ރާޖްޕޫތަކީމުއެވެ. ބުރަހުމަނުންނާއި ކަތުރީން ފިޔަވައި އިންސާނުންގެ އެހެން ކޮންމެ ފަންތިއެއްގެ މީހުންނަށް ވެސް ނަފްރަތު ކުރެއްވުމަކީ މަނިކުފާނުގެ ފަރުޟެކެވެ." އަޗޫތުން އުޅޭ ހިސާބަށް ދިޔުމުގެ ޚިޔާލެއް ކުރިޔަކުން ވެސް އަޅުގަނޑުގެ ހިތުގައި އުފެދިފައެއް ނެތެވެ. ނަމަވެސް ހަތަރު އަހަރު ފަހުން އަޅުގަނޑު ތަޢުލީމު ޙާޞިލު ކޮށްނިމިގެން ރަށަށް އައި އިރު ކުޑަ އިރު އަޅުގަނޑާ އެކު ކުޅެއުޅުނު ދަނޑުވެރީންގެ ދަރީންނާއި ވިޔަފާރިވެރީންގެ ދަރީންނާ މެދު ވެސް އަޅުގަނޑަށް ބެލެނީ ނިކަމެތިކަމުގެ ނަޒަރަކުންނެވެ. ނަގަރުކޯޓުގައި އަޅުގަނޑު އުޅޭން ޖެހުނު ވެށީގެ ސަބަބުންނެވެ.
އަޅުގަނޑު ގެއަށް އައިތާ ދުވަސްކޮޅެއްގެ ފަހުން ބޮޑުބޭބެ އާލާސްކަންފުޅާ އުޅުއްވާން ފައްޓަވައިފިއެވެ. އަޅުގަނޑުމެންގެ ބިންބިމާއި ލަޝްކަރުގެ ކަންތައް ބެލެހެއްޓުން ބޮޑުބޭބެ އަޅުގަނޑާ ޙަވާލު ކުރައްވައިފިއެވެ. އަޅުގަނޑަށް އެ ވަގުތު އިޙުސާސް ވާން ފެށީ އަޅުގަނޑުގެ ޙަޔާތު އަޅުގަނޑު ކުރީން ހީކުރިހައި އުފާވެރިއެއް ނޫންކަމެވެ. އަޅުގަނޑުމެންގެ ބިމުގެ މައްޗަށް އަމުރު ހިންގާ އެތައް ދައުލަތްތަކެއް އޮވެއެވެ. އަޅުގަނޑުމެންނަށް ބިން ދެއްވައިފައި ވަނީ ނަގަރުކޯޓުގެ ރަސްގެފާނެވެ. އެ ރަސްގެފާނަކީ ދޭހިންދުގެ ޝަހެންޝާހުގެ ޑޯލާ ރަސްކަލެކެވެ. ބިންތަކުން ލިބޭ އާމުދަނީން އެއް ކޮޅުން ލަޝްކަރުގެ ޚަރަދުތައް ބަލަހައްޓާން ޖެހެއެވެ. އަނެއްކޮޅުން، ކޮންމެ އަހަރަކު ރަސްގެފާނުގެ ޚަޒާނާއަށް ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ދައްކާން ޖެހެއެވެ. ރަސްގެފާނު ދޭހިންދުގެ ޝަހެންޝާހަށް ދެއްވާން ޖެހިވަޑައިގަންނަވާ ޖިޒީ ހަމަ ކުރެއްވުމަށް ޓަކައެވެ. އަދި މީގެ އިތުރަށް ނަގަރުކޯޓުގައި ޝަހެންޝާހާއި، ރަސްގެފާނާއި، ދައުލަތުން ބިން ދެއްވައިފައި ތިބޭ މީހުންނާއި، ޢާއްމުން ހަމަހަމަ ގޮތެއްގައި ބޯ ލަނބާން ޖެހޭ ދައުލަތެއް އޮވެއެވެ. އެއީ ނަގަރުކޯޓުގެ ފައްޅީގައި ތިބޭ އަޅުވެރީންގެ ސަރުކާރެވެ.
ކޮންމެ އަހަރަކު ވެސް ގޮއި ނަގާ ދުވަސްވަރު ނަގަރުކޯޓުގެ ޕަރައުހަތުގެ މަންދޫބުން ދައުލަތުން ބިން ދެއްވައިފައި ތިބޭ މީހުންގެ ގާތަށް އާދެއެވެ. އެބައިމީހުންގެ މަސައްކަތަކީ ގޮއި ނެގުމުގައި ބިންވެރީންނަށް ކުޑަ ވެސް ލުޔެއް ދިނަނުދިނުމެވެ. ޕަރައުހަތަށް ލިބޭން ޖެހޭ ބައި ވީހައި ގިނަ ކުރުމަށް ޓަކައެވެ. އެބައިމީހުންގެ ކުރިމަތީގައި ރަސްކަލަކަށް ވެސް ދެކޮޅެއް ނުހެއްދެވޭނެއެވެ. އޭގެ އިތުރަށް ޕަރައުހަތުންގެ ފަރާތުން މި އަހަރު ފައްޅީގައި މިވަނި ދޭވަތާއެއްގެ ރަނުގެ ނުވަތަ ރިހީގެ ބުދެއް ބަހައްޓާން ހަމަޖެހުނު ވާހަކަ އިޢުލާން ކުރެވުމުން، ޢާއްމުންގެ އަތުން އިތުރަށް ގޮއި ނަގާން ޖެހެއެވެ. މި ކަހަލަ ގޮތްގޮތުން، ޕަރައުހަތުގެ މީހުން ޢާއްމުންގެ އަތުން އެބައިމީހުންގެ އަނގައިގައި އޮންނަ ހިކި ރޮށިކޮޅު ވެސް ފޭރިގެން ހިނގައިދެއެވެ. އެހައިތަނުން އަޅުގަނޑަށް އިޙުސާސް ވާން ފެށި، ނަގަރުކޯޓުގެ ފައްޅީން އަޅުގަނޑު ދެކެފައި ވާ ރަންރިހީގެ ފުނިފުންޏަކީ ދޭވަތާއިންގެ ބަރަކާތަށް ވުރެ ބޮޑަށް ބުރަހުމަނުންގެ އަނިޔާވެރިކަމުގެ ނަމޫނާ ކަމެވެ. ނަމަވެސް އަޅުގަނޑަށް ދަސް ކޮށްދީފައި ވަނީ ބުރަހުމަނުންނަކީ ދީނުގެ ވެރީން ކަމަށާއި، ރަސްކަލުންނާއި ރައްޔިތުން އުފައްދަވައިފައި ވަނީ އެބައިމީހުންނަށް ޚިދުމަތް ކުރާން ކަމުގައެވެ.
ނަގަރުކޯޓުގެ އުތުރު ފަރާތާއި ދެކުނު ފަރާތުގެ ގޮސްއައިސް އުޅުން އުނދަގޫ ފަރުބަދަތަކުގެ ތެރޭގައި ހުރި ބައެއް ވާދީތަކުގައި ބުދު ދީނުގެ މީހުން އަދިވެސް ދިރިއުޅެމުން ގެންދެއެވެ. އެބައިމީހުން ނަގަރުކޯޓުގެ ރަސްގެފާނާއި ޕަރައުހަތާ ދެ ފަރާތުގެ އަޅުވެތިކަމުގެ ހިލިހިލާތައް ކޮށައިލައިގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އެހެންކަމުން ނަގަރުކޯޓުގެ ބުރަހުމަނުންގެ ނަޒަރުގައި އެބައިމީހުންނަކީ ޝޯދަރުންނަށް ވުރެ ވެސް ބޮޑަށް ނަފުރަތު ކުރެވޭ ބައެކެވެ.
ނަގަރުކޯޓުގެ ލަޝްކަރު އެތައް ފަހަރަކު އެބައިމީހުންނާ ޙަމަލަ ދީފިއެވެ. ނަމަވެސް އެ ޙަމަލަތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ލޫޓުވުމާއި ފޭރުމާއި މީހުން މެރުމެވެ. ފަރުބަދަމަތީ ވާދީތަކުގެ މީހުން ޢާއްމު ގޮތެއްގައި ޙަމަލައިގެ ޚަބަރު ލިބުމާ އެކު ފިލައިގެން ގަނޑުފެން ފަރުބަދަތަކުގެ މައްޗަށް ހިނގައިދެއެވެ. ނަގަރުކޯޓުގެ ލަޝްކަރު އެބައިމީހުންގެ އަވަށްތައް ލޫޓުވައިގެން އެނބުރި އަންނަނީއެވެ. މި ގޮތަށް ފޭރިގެން ގިނައިން ގެންނަނީ ގެރިބަކަރިއެވެ. ބަޔަކު ހައްޔަރު ވެއްޖެ ކަމުގައި ވާ ނަމަ، އޭގެ ތެރެއިން ގިނަ މީހުން އެތާނގައި ޤަތުލު ކޮށްލަނީއެވެ. ނަގަރުކޯޓަށް ގެންނަނީ ކާލީދޭވީއަށް ޤުރުބާން ކުރާން ކަމުދާ ކަހަލަ ރީތި ޅަ ޒުވާނުންނެވެ.
ނަގަރުކޯޓުގެ ސިފައިންގެ އަނިޔާގެ ސަބަބުން އެބައިމީހުން މަޑުމަޑުން ގޮސް ހަނގުރާމަވެރި ބަޔަކަށް ވެއްޖެއެވެ. އެއް ފަހަރަކު ނަގަރުކޯޓުގެ ފަސްހާސް ސިފައިން އިރުއުތުރު ފަރާތުގެ ފަރުބަދަމަތީގެ އަވަށެއް ލޫޓުވައިލައިގެން އައި މަގުމަތީގައި ދެ ފަރާތުގައި އުސް ފަރުބަދަތައް ހުރި ހަނި މަގަކުން ދަތުރު ކޮށްފައި ދަނިކޮށް ހަވީރު ވެއްޖެއެވެ. ލަޝްކަރުގެ ވެރިޔަކަށް ހުރި މީހާ ގަސްތު ކުރީ ދެތިން މޭލެއްގެ ދުރުގައި އޮންނަ ތަނަވަސް ވާދީއެއްގައި ރޭ ކުރާށެވެ. އެބައިމީހުން އައީ ފަރުބަދަމަތީގެ މީހުން ބިރު ގަންނަވައިލައިކަމަށް ވުމާ އެކު، ފަރުބަދަމަތީގެ މީހުން ބަދަލު ހިފުމުގެ ގޮތުން ޙަމަލަ ދީފާނެކަމަކަށް އެ ލަޝްކަރުގެ އެއްވެސް މީހަކަށް ޚިޔާލު ވެސް ކުރެވިފައެއް ނެތެވެ. ނަމަވެސް ލަޝްކަރު ދަތުރު ކުރަމުން ދިޔަ މަގުގެ ދެ ފަރާތުގައި ފަރުބަދަތަކުގެ ކައިރީގައި ހުރި ގަސްތަކުގެ ނިވަލުގައި ފާރަ ލައިގެން ތިބި ދުޝްމަނުން އިރު އޮއްސުމާ އެކު ލަޝްކަރަށް ދުންޏާއި ގަލުން ޙަމަލަ ދީފިއެވެ. ގާތްގަނޑަކަށް ދެ ކޯހާ ހަމަޔަށް ލަޝްކަރު ދަތުރު ކުރާން ޖެހިފައި ވަނީ އެ ނުރައްކައުތެރި ހަނި ހަނި މަގުންނެވެ. ދުޝްމަނުންނަށް އެއްވެސް ނުރައްކަލަކާ ކުރިމަތިލުމެއް ނެތި ހަމައެކަނި ހިލަ އުކައިގެން މުޅި ލަޝްކަރު އެކަށް ހަލާކު ކޮށްލެވޭން އޮތެވެ. ނަމަވެސް ނަގަރުކޯޓުގެ ލަޝްކަރުގެ ނަސީބު ރަނގަޅުކަމުން، ޙަމަލަ ދިން މީހުންގެ ޢަދަދު ވަރަށް މަދެވެ. އެހެންކަމާ އެކު ވެސް، ވާދީގެ ތެރެޔަށް ނުކުމެވުނު އިރު ނަގަރުކޯޓުގެ ދެހާސް ސިފައިން މަރު ވެއްޖެއެވެ. ދުޝްމަނުން އެބައިމީހުންގެ މުދަލާއި ގެރިބަކަރި އާއި ހައްޔަރު ވެފައި ތިބި މީހުން ސަލާމަތް ކޮށްގެން ހިނގައްޖެއެވެ.
ނަގަރުކޯޓުގެ ރަސްގެފާނަށް ވެސް ޕަރައުހަތަށް ވެސް، މި ހާދިސާއަށް ފަހު އެތައް އަހަރެއް ވާންދެން، ފުރިހަމަ ރޭއްވެވުމެއްގެ މަތީން އެބައިމީހުންނާ ޙަމަލަ ދެއްވާކަށެއް ކެރިވަޑައެއްނުގެންނެވިއެވެ.
އަޅުގަނޑުގެ ބައްޕާފުޅުގެ ޙަޔާތްޕުޅުގެ އެންމެ ފަހު އަހަރު ސިފައިންގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން، ނަގަރުކޯޓުގެ ރަސްގެފާނަށް ވުރެ ވެސް ބޮޑަށް ޕަރައުހަތު އުފާ ކުރުއްވުމަށް ޓަކައި އެބައިމީހުންނާ ޙަމަލަ ދެއްވިއެވެ. ބައްޕާފުޅު އެކަށީގެންވާ ސަރަޙައްދެއް ފަތަޙަ ކުރެއްވިއެވެ. ނަމަވެސް ފިނި މޫސުމުގައި އެތަން ބެލެހެއްޓެވުން އުނދަގޫފުޅު ވާނޭކަން ބައްޕާފުޅު ވިސްނައިވަޑައިގެންނެވިއެވެ. ފަރުބަދަމަތީ މީހުން ގޮއި އަދާ ކުރަމުން ގެންދާނަމަ އެބައިމީހުންނާ ހަނގުރާމަ ނުކުރައްވާނޭކަން އަންގަވައިފިއެވެ. ރަސްގެފާނާއި ޕަރައުހަތުގެ ޚިޔާލު ހޯއްދަވައިގެންނެވެ. ފަރުބަދަމަތީގެ މީހުން އެ ޝަރުޠު ޤަބޫލު ކޮށްފިއެވެ. ބައްޕާފުޅު ވެސް ލަޝްކަރާއިގެން އެނބުރިވަޑައިގެންފިއެވެ. އެތައް އަހަރެއް ވާންދެން އެބައިމީހުން ޤަވާޢިދުން އެބައިމީހުންގެ އާމުދަނީގެ ފަސްބައިކުޅަ އެއްބައި ދައްކަމުން ގެންދިޔައެވެ. ނަމަވެސް ކާރުދަވެރީންނާއި ފައްޅީގެ އަހުލުވެރީން އާދައިގެ މަތީން ފޭރުމުގެ މަސައްކަތް ފަށައިގަތުމުން، ފަރުބަދަމަތީގެ މީހުންގެ ގާތަށް ރުޅި އައިސްގެން ގޮއި ދިނުން ހުއްޓައިލައިފިއެވެ.
(ނުނިމޭ)