ގެއްލުންތަކަށް ބަދަލު ދިނުމުގެ ފަންޑު ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި

ކްލައިމެޓް ޗޭންޖާ ގުޅިގެން ދިމާވާ ގެއްލުންތަކަށް ބަދަލު ދިނުމަށް ފައިސާ ހޯދުމާއި ބައިވެރިވުން އިތުރުކުރުމާ ބެހޭ މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު އޮނަރަބަލް ޠާރިޤު އިބްރާހިމް ވަނީ، ކްލައިމެޓް ޗޭންޖާ ގުޅިގެން ދިމާވާ ގެއްލުންތަކަށް ބަދަލު ދިނުމަށް އުފައްދާފައިވާ ފަންޑަށް އަވަހަށް ގިނަ ފައިސާ ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމަކީ 'ސްކޭލިން އަޕް ފައިނޭންސް އެންޑް ޕާޓްނަރޝިޕްސް ފޯ ރެސްޕޮންޑިންގ ޓު ލޮސް އެންޑް ޑެމޭޖް' މި ނަމުގައި ބޭއްވުނު މަތީ ފެންވަރުގެ ސައިޑް އިވެންޓެކެވެ. މި އިވެންޓްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ވިދާޅުވީ ގެއްލުންތަކަށް ބަދަލު ދިނުމުގެ ފަންޑު ބޮޑުކޮށް ކެޕިޓަލައިޒް ކުރެއްވުމުގެ މުހިންމުކަމަށެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް (SIDS) ކްލައިމެޓް ޗޭންޖުގެ ނޭދެވޭ އަސަރުތައް ކޮންމެ ދުވަހަކު ވެސް ކުރަމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ ޤައުމުތަކަށް މިހާރު ވަގުތު ކުޑަވެފައިވާ ކަމަށާއި، ކްލައިމެޓް ފައިނޭންސް އަވަހަށް، ލަފާކުރެވޭނެ ގޮތަކަށް އަދި ފަސޭހައިން ލިބޭނެ ގޮތެއްގައި ދޫކުރުން ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކްލައިމެޓް ޗޭންޖާ ގުޅިގެން ދިމާވާ ގެއްލުންތަކަށް ބަދަލު ދިނުމަކީ، ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް، ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.