ހަނދު އޭގެ ހަނދުވަރާ ނުލާ .... (38)

(21 ސެޕްޓެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)

މަލިކު ޒުބޭރުގެ ރޭވުން ކާމިޔާބު ވިއެވެ. އަނަސްއާ ކައިވެނިކުރަން މަރިޔަމް ބޭނުންކަމަށް ވަންޏާ ހަމައެކަނި އޮތް ޙައްލަކީ ، އަނަސްއާ އެކީ މަރިޔަމް ފިލައިގެން ގޮސް ، ކައިވެނި ކުރުމެވެ. އެނޫންގޮތެއް ނެތެވެ. އެހެން ނޫންކަމަށްވަންޏާ ، އޭނާގެ މަތިން ހަނދާން ނައްތައިލުމަށް އަނަސް ބުންޏެވެ. އަނަސްއަކީ ، މަލިކު ޒުބޭރުކަމެއް މަރިޔަމްއަކަށް ނޭނގެއެވެ. އޭގެކުރިން ، މަރިޔަމްއަކަށް މަލިކު ޒުބޭރު ފެނިފައެއް ނުވެއެވެ. އަދި ، މީރަބަކަށްވެސް މަލިކު ޒުބޭރު ފެނިފައެއް ނުވެއެވެ. މުރުތަސިމްގެ ޢާއިލާގެ އެއްވެސް އަންހެނަކު ،  މަލިކު ޒުބޭރު ފެންނަ ހިސާބަށް ދިއުމަކީ ، މުރުތަސިމްގެ ފުރާނަ ހުއްޓާ ކުރެވޭނެ ކަމެއްނޫނެވެ. އެހެންނަމަވެސް ، މަރިޔަމް ކޮލެޖަށްލާން ދިޔަ ދުވަހެއްގައި ، ޙަޔާއަށް އެކާރުގައި އިނދެވުނީތީ ، މުރުތަސިމާއި ޒުބޭރާ ދެމެދު ހިނގި ޒުވާބެއްގައި ، ޙަޔާއަށް އޮތީ މަލިކު ޒުބޭރު ފެނިފައި ވެއެވެ. އެދުވަހު ، އޭނާއާ ޒުވާބު އެކުރީ މަލިކު ޒުބޭރުކަމަށް ، ޙަޔާގާތު މުރުތަސިމް އޮތީ ބުނެފައެވެ. އެހެންކަމުން ، އެގޭގެ އަންހެނުންކުރެ ، މަލިކު ޒުބޭރާ ދިމާވެފައިވަނީ ހަމައެކަނި ޙަޔާއާއެވެ. އެވެސް ، މުރުތަސިމްގެ ޙިމާޔަތުގައި މުރުތަސިމާއެކީ ހުއްޓައެވެ.

އަނަސްއާއި މަރިޔަމްގެ ކައިވެނި ކުރެވޭކަށް މީރަބް ފިޔަވައި އެގޭގެ އެއްވެސްމީހަކު ނޭދެއެވެ. އެހެންކަމުން ، އެގޭގެ އެންމެންނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ، މީރަބަށް މިވަގުތަށް މަޖުބޫރުވެފައިވާ ކަމެކެވެ. މީރަބް ، މުރުތަސިމަށް ބާރުއަޅަމުންގެންދަނި ، އެންމެ ފަހަރަކު ނަމަވެސް އަނަސްއާ ބައްދަލު ކޮށްލުމަށެވެ. އެހެނަސް ، އަނަސްއާ ބައްދަލުކުރާކަށް ، މުރުތަސިމް ބޭނުމެއް ނުވެއެވެ. އަނަސްގެ މަންމަ އެގެޔަށް އައިސް އެއުޅުނުގޮތުން ، އެއީ އެއްވެސް އަޚްލާޤެއް ނެތްތާނގައި ، އަދަބެއް ސަދަބެއްވެސް ހުރި ބައެއްނޫނެވެ. އެވަރުގެ އަންހެނެއްގެ ދަރިޔެއްގެ ޙާލު އަދިވަކިން ބޮޑުވާނެއެވެ. މަލިކު ޒުބޭރު އެގެންދަނީ ، އެ ކައިވެންޏަށް ، މުރުތަސިމް ނޫނެކޭ ބުނާނެހާ ކަމެއްކރަމުން ، މަރިޔަމްގެ ހިތަށް ވަސްވާސް ވައްދައިގެން ، މަރިޔަމް ފިލައިގެން އަންނާނެ ހުރިހާ ކަމެއް ރާވައި ހިންގަމުންނެވެ. މުރުތަސިމް މަސައްކަތް ކުރަމުން ގެންދަނީ ، މަރިޔަމްގެ ކައިވެނީގެކަންކަމުގައި މީރަބް ނުބެހި އުޅުމަށެވެ. އެކަމަކު ، މަރިޔަމްއަށްޓަކައި ، އެއީ މީރަބަށް ކުރަން މަޖުބޫރުވެފައި އޮތް ކަމެކެވެ. މަރިޔަމްގެ އެކަނިވެރި ޙާލަށް ދޫކޮށްލުމަކީ ، އޭނާއަށް ކުރެވޭވަރުގެ ކަމެއްނޫނެވެ. މަރިޔަމްއަކީ ، މީރަބްގެ ފަހަރި ކޮއްކޮއެއްނަމަވެސް ، މީރަބް މިހާރު މަސައްކަތް ކުރަމުން އެގެންދަނީ ، މަރިޔަމްގެ ގާތް އަންހެންކުއްޖެއްގެ ގޮތުގައެވެ.

ޚާނަމްގެ ބޯ ބޮޑުކަމުން ، މަރިޔަމްގެ އަތުގައި އޮތް ފޯނުވެސް އަތުލައިފިއެވެ. އެހެންކަމުން ، އަނަސްއާ ގުޅޭނެ އެއްވެސް ގޮތެއް މަރިޔަމްއަކަށް މިހާރަކު ނެތެވެ. އެކަންވެސް ހަމަޖައްސައިދިނީ މީރަބެވެ. މީރަބްގެ ފޯނު މަރިޔަމްއަށް ދީގެންނެވެ. ފޯނު ދިނުމަށްފަހު ، އެކަން އެއްވެސްމީހަކަށް ނޭންގުމަށް މީރަބް އެދުނެވެ. ޚާނަމް މަންމަޔަށް އެކަން އެނގިއްޖިއްޔާ ދެމީހުންގެ ދުވަސް އެއްފަހަރާ ދާނެއެވެ. ޙަޔާއަށް އެކަން އެނގުނަސް އެހިސާބުން ، އެދެމީހުންގެ ދުވަސް ދިޔައީއެވެ.

މުރުތަސިމް އުޅެނީ މީރަބާ ދުރުދުރުންނެވެ. ބޭރުގައި އެއުޅޭ ތަނެއްގައި އުޅުމަށްފަހު ، ރޭގަނޑު ނިދަން އަންނަނީވެސް ވަރަށް ލަހުންނެވެ. ބޭރަސްދަނީވެސް ވަރަށް ސެންޓް ޖަހައިގެންނެވެ. އެއީ ، މީރަބަށް އަޅައިގަތް ކަމެއްނަމަވެސް ، މީރަބްގެ ހިތަށް އެކަމުން އުނދަގޫވާކަން ދައްކާކަށް ބޭނުމެއްނޫނެވެ. މުރުތަސިމްވެސް ، އޭނާގެ ޒުވާން ދުވަސްވަރު ،  އުފާވެރިކަމުގެ ހިތްހަމަޖެހުންތައް ޙަޔާތުން ނެތިދާކަށް ބޭނުމެއްނޫނެވެ. އެހެން  ނޫނަސް ، މުރުތަސިމަކީ ، އޭނާގެ ފިރިމީހާކަމަށް ، މީރަބް ބަލަނީކީވެސް ނޫނެވެ. މުރުތަސިމް ކޮންމެ ގޮތަކަށް އުޅުނަސް ، މީރަބަކާ ކޮންބެހޭ ކަމެއް ހެއްޔެވެ ؟

މުރުތަސިމް މާގިނައިން ބޭރަށްދާތީ އެއްދުވަހަކު ، މީރަބް އޭނާއަށް ފާރަލަމުން ފަހަތުން ދިޔައެވެ. މުރުތަސިމް ވަތްގެއިން މީރަބާ ދިމާވީ ދެފިރިހެންކުދިންނާ އަދި މެދުޢުމުރުގެ އަންހެނަކާއެވެ. މީރަބް ވަތްގޮތަށް ވަދެ ، މުރުތަސިމާ ދިމާލަށް އެއްޗެތިކިޔަން ފެއްޓިއެވެ. އެއަންހެންމީހާ އިނީ ހަދާނެގޮތް ބޮޑުވެފައެވެ. އެންމެފަހުން ، މީރަބް ނުކުންނަން ހިނގައިގަތްތަނާ ، އެއަންހެނާ މީރަބަށް ގޮވާލާފައި ، މުރުތަސިމަށް ތަޢުރީފްކޮށް ، މުރުތަސިމާ ދޭތެރޭ ގޯސްގޮތްގޮތަށް ނުވިސްނުމަން ބުންޏެވެ. އެ އަންހެނާއަކީ ، މުރުތަސިމްގެ ދަނޑުގައި މަސައްކަތްކުރާ މީހެއްގެ އަނތްބެކެވެ. މުރުތަސިމްއާއެކީ އެ ފިރިހެނާ މަސައްކަތްކުރާތީ ، މުރުތސިމާ ދެކޮޅު ބަޔަކު އައިސް އެ ފިރިހެނާ މަރައިލުމާ ގުޅިގެން ، ހުވަފަތްވުމުން އޭނާގެ ދެކުދިންނާއި އޭނާއަށް އާޅާލައި  އެ ޢާއިލާއަށް  އެހީތެރިވަމުން ގެންދަނީ މުރުތަސިމެވެ. މުރުތަސިމަކީ ، އެތިންމައިންނަށް ﷲ ފޮނުއްވި ރަޙުމަތެއްކަމުގައި އެ އަންހެނާ އަންނަނީ ބަލަމުންނެވެ. މުރުތަސިމް ދޫކޮށްލާފައި ނުދިއުމަށް ، އެއަންހެނާ މީރަބްގެ ކިބައިން އެދުނެވެ. މުރުތަސިމް ވަރުގެ ހިތްހެޔޮ އެހީތެރި އިންސާނަކު މީރަބަށް ނުލިބޭނެކަމަށް ބުންޏެވެ. އޭނާފަދަ ، ހުވަފަތް އެތައް އަންހެނުންނަކާއި ، ޔަތީމުންނާއި ފަޤީރުންނަށް މުރުތަސިމް އަންނަނީ އެހީތެރިވަމުނެވެ.

މުރުތަސިމަށް ޝައްކުކޮށް ، މީރަބަށް ކުރެވުނީ ކުށްހީއެކެވެ. ބައެއް ހީއަކީ ފާފައެކެވެ. މުރުތަސިމާމެދު އެފަދަ ގޮތަކަށް ހީކުރެވުނީތީ ، މުރުތަސިމްގެ ކިބައިން މީރަބް މަޢާފަށް އެދުނެވެ. އަދި ، މީރަބްގެ ހިތުގައި މުރުތަސިމާމެދު އޮތް ވިސްނުން ރަނގަޅުވަމުން ދިޔައެވެ. ގަޔާވާގޮތް ވިއެވެ. އެހެނަސް ، މުރުތަސިމްދެކެ އޭނާ ލޯބިވުމަކީ ދުވަހަކުވެސް ވާނެކަމެއްނޫންކަމަށް މީރަބް ޤަބޫލު ކުރެއެވެ. މުރުތަސިމް ޤަބޫލުކުރާ ގޮތުގައި ، ލޯތްބަކީ ވާ އެއްޗެއް ނޫނެވެ. އެއީ ، ނޭނގިހުއްޓާ ވެވޭ އެއްޗެކެވެ. މީރަބަށްވެސް އެހެންވުމަކީ އެކަށީގެންވާ ކަމެކެވެ.

ނޮރޭޒާއި މަރިޔަމްގެ ކައިވެންޏަށް ދެންއޮތީ އެންމެ ހަތަރު ދުވަހެވެ. މީރަބް އެތައް ވަރަކަށް ކިޔައިގެން ، އެންމެފަހުން ، އަނަސްއާ ބައްދަލު ކުރުމަށް އަނަސްދީފައިވާ އެޑްރެހަށް ދާން މުރުތަސިމް އެއްބަސްވިއެވެ. މުރުތަސިމަށް ޤަބޫލު ކުރެވުނުގޮތުގައި ، މީރަބަކީ މަރިޔަމްގެ އުއްމީދެވެ. އެހެނަސް ، އަނަސްއާ ބައްދަލު ކުރުމަށްފަހު ، އަނަސްގެ މަންމަގެ ޢަމަލުތައް ހުރިގޮތަށް ، އަނަސްގެ ޢަމަލުތައް ހުރެއްޖެނަމަ ، އެކައިވެންޏަށް އެއްބަސް ނުވުމަށް މުރުތަސިމް ނިންމިއެވެ. އެކަމުގައި އެންމެ ފަހުބަސް އޮތީ ، މުރުތަސިމްގެ ކިބައިގާކަން މީރަބަށް އެނގެއެވެ.

މީރަބް އެދުނުގޮތުގެ މަތިން ، އަނަސްއާ ބައްދަލުކުރުމަށްޓަކއި ، އަނަސްދީފައިވާ އެޑްރެހަށް މުރުތަސިމް ދިޔައެވެ. އެތަނުން އޭނާއާ ބައްދަލުކުރިމީހާ ބުނިގޮތުގައި ، ސީމާވީ ޑުބާއީއަށް ގޮހެވެ. އެތަނަކީ ، ޅަފިރިހެނުންގެ ހިތްކަތިލާ ތަނެއްކަމުގައި އޭނާ ބުންޏެވެ. މުރުތަސިމް ބޭނުންވާ ކޮންމެ ޢުމުރުފުރަޔަކުންވެސް އެތަނުން ކުދިން ލިބޭނެއެވެ. ވަށައިގެންވާ ގޮނޑިތަކުގައި ޅަ ފިރިހެނުން ޢަމަލުވެފައި ތިއްބެވެ. އަދި ، ކުރިމަތީގައި ޅަ އަންހެންކުދިން އޮރިޔާން ހެދުމުގައި ނަށާލަ ނަށާލަ ތިއްބެވެ. މުރުތަސިމް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މުރުތަސިމް އެތަނަށް އަންނަކަން މަރިޔަމްގެ ފަރާތުން ޒުބޭރަށް އޮތީ އެނގިފައެވެ. އެހެންކަމުން ، އެތަނުގައި ދެކެވޭ ވާހަކައާއި ހިނގާ ކަންކަން ، އޭނާއަށް ވަގުތުން އެނގޭނެގޮތަށް ، ޒުބައިރުވަނީ އިންތިޒާމް ކޮށްފައެވެ.

ގެޔަށް އައިސް ވަތްއިރު ، މުރުތަސިމްހުރީ ރުޅިއައިސް ރަތްވެފައެވެ. ގެޔަށް ވަތްގޮތަށް މުރުތަސިމް ދިޔައީ ، މަރިޔަމްގެ ކޮޓަރިޔަށެވެ. އަދި ، އަނަސްއަކީ ކާކުތޯ މަރިޔަމްކުރެން އަހައި ސުއާލު ކުރިއެވެ. ބޭބެ އޭނާއާ އެކުރިމަތިކުރި ސުއާލުގެ ބާރުކަމާއި ، މުރުތަސިމްގެ މޫނުމަތިން ފެންނަންހުރި ، ރުޅިވެރިކަމުގެ އަސަރުން ، މަރިޔަމް ކަންބޮޑުވިއެވެ. އޭނާއިނީ ބޭބެގެ ސުއާލަށް ދޭނެ ޖަވާބެއް ނޭނގިފައެވެ. މީރަބް ވާހަކަ ދައްކަން ފެށުމުން ، އެކަމުގެ ތެރެޔަށް މީރަބް ނުވަނުމަށް މުރުތަސިމް އެންގިއެވެ. މަރިޔަމްހުރީ ބޭބެގެ ސުއާލަށް ދޭނެ ޖަވާބެއް ނޭނގި ކަންބޮޑުވެފައެވެ.

" މީގެ ފަހުން ދުވަހަކުވެސް ، އަނަސްއާ މަރިޔަމް ބައްދަލުކޮށްގެން ނުވާނެއެވެ. އަނަސްގެ ނަންވެސް މި ގޭތެރޭގައި އަޑުއިވިގެން ނުވާނެއެވެ. މަރިޔަމްގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ، އަނަސްއަށްޓަކައި ފާއްދާލައިގެން ނުވާނެއެވެ. ހަމަޖެހިފައި އޮތްގޮތަށް ، މަރިޔަމްގެ ކައިވެނި ކުރެވޭނީ ނޮރޭޒާ އެވެ.  " މުރުތަސިމްގެ އަޑުގައި ހުރި ބާރެއްލާފައި މަރިޔަމްއަށް އަމުރު ކުރިއެވެ.

މުރުތަސިމް ދިއުމާއެކީ ، އަނަސްގެ ނަންބަރަށް ގުޅައި ، އަނަސްއާ ވާހަކަ ދައްކަން މަރިޔަމްއަތަށް ފޯނުދީފައި ، މުރުތަސިމާ ކުރިމަތިލުމަށްޓަކައި މީރަބް އެތަނުން ނުކުތެވެ. އަނަސް ފޯނު ނެގުމާއެކީ ، އޭނާއަކީ ކާކުތޯ މަރިޔަމް ސުއާލު ކުރިއެވެ.

މުރުތަސިމް ހުރީ އައިސްހުރި ރުޅީގައި ކޮޓަރިތެރޭ ދެކޮޅަށްދެކޮޅަށް ހިނގާލަހިނގާލައެވެ. މީރަބްގޮސް ، މުރުތަސިމަށް ވެގެން އެއުޅެނީ ކީއްތޯ ސުއާލު ކުރިއެވެ. އަނަސްއަކީ ކާކުތޯ މީރަބާވެސް ، މުރުތަސިމް ސުއާލު ކުރިއެވެ. އަނަސްއަކީ ، މަރިޔަމްގެ ރައްޓެއްސެކެވެ. މީރަބާ އަނަސްއާ ބައްދަލުވެފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ، ރަނގަޅު މީހެއްހެން މީރަބަށް ހީވިއެވެ. މުރުތަސިމްގެ ސުއާލުތަކުން އޭނާ އެއައީ ، އަނަސްއާ ބައްދަލުކުރަން ގޮސްފައިކަން މީރަބަށް އެނގުނެވެ.

އޭނާ އެދިޔަތަނުގައި އަނަސް ކިޔާމީހަކުވެސް އަދި ސީމާކިޔާ މީހަކުވެސް ނެތްކަމަށް މުރުތަސިމް ބުންޏެވެ. އެއީ ، ނާސިގެޔެކެވެ. އެތަން އެއީ މުރުތަސިމްފަދަ ޤަދަރުވެރިން ވަންނަ ކަހަލަ ތަނެއް ނޫނެވެ. އެތަނަށް މުރުތަސިމް ދިޔައީ ހަމައެކަނި ، މީރަބަށްޓަކައި މީރަބް ބުނެގެންނެވެ. އެތަނަށް ވަދެފައި ނުކުންނަ އަންހެނާގެ ޢިއްފަތެއް ނުހުންނާނެއެވެ. އެފަދަ ތަނަކަށް މަރިޔަމް ފޮނުވައިގެން ، އޭނާގެ ޒިންމާއާއި މަސްއޫލިއްޔަތު ، އެކޮޅުކޮޅުން ޖަހަންވީތޯ ، މުރުތަސިމް ސުއާލު ކުރިއެވެ. މުރުތަސިމްގެ ވާހަކަތަކުން ، މީރަބްވެސް ހުރީ ޙައިރާން ވެފައެވެ.

މުރުތަސިމް ނުކުމެގެން ދިއުމާއެކީ ، މަރިޔަމްގެ ކޮޓަރިޔަށް މީރަބް ދިޔައިރު ، މަރިޔަމްއިނީ އަނަސްއާ ވާހަކަ ދައްކާށެވެ. ފޯނުއަތުލުމަށްފަހު ، މުރުތަސިމާ ބައްދަލު ނުކުރީ ކީއްވެތޯ މީރަބް ސުއާލު ކުރިއެވެ.

އޭނާއާ ބައްދަލުކުރަން މުރުތަސިމް ނާންނަކަމުގައި އަނަސް ބުންޏެވެ. މަންމަވެސް އޭނާއާއެކީ ގޭގައި އެބަ އުޅެއެވެ. މުރުތަސިމް ދިޔައީ ، އެހެންތަނަކަށް ކަމަށް ވެދާނެކަމަށް އަނަސް ބުންޏެވެ. މުރުތަސިމް ދޮގު ނުހަދާނެކަމަށާއި ، އޭނާ ދިޔައީ އަނަސްގެ މަންމަދިން އެޑްރެހަށްކަމުގައި އަނަސް ބުންޏެވެ.

" މަރިޔަމްއެވެ ! އަހަރެމެންގެ ކައިވެންޏަކަށް މުރުތަސިމެއް އެއްބަހެއް ނުވާނެއެވެ. އަހަރެންގެ ފަޤީރުކަމަކީ އެކަމުގެ އެއް ސަބަބެވެ. އަނެއް ސަބަބަކީ ، މަރިޔަމްގެ ޢާއިލާއިން ބޭރުމީހަކަށް އަހަރެން ވުމެވެ. މަރިޔަމްއަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ ، ފިލައިގެން އައިސް އަހަރެންނާ ކައިވެނި ކުރުމެވެ. އަނެއް ގޮތަކީ އަހަރެންގެ މަތިން ހަނދާން ނައްތައިލުމެވެ. މުރުތަސިމް ، އޭނާގެ ގޮތެއް ދުލެއް ނުކުރާނެއެވެ. " އަނަސް ބުނަމުން ގެންދިޔައެވެ.

މުރުތަސިމަށް އެދެވުނީ ނުބައި އެޑްރެހަކަށްކަމަށް ބުނެ ، މުރުތަސިމާ ސުއާލު ކުރުމަށް ދާން މީރަބް ނިންމިއެވެ. އެހެނަސް ، އެކަން ، މަރިޔަމް ހުއްޓުވިއެވެ. މުރުތަސިމްގެ ނިންމުން އެއްވެސް ޙާލެއްގައި ބަދަލެއް ނުކުރާނެއެވެ.

" މިހާރު މިއޮތީ ވަޢުދު ފުއްދުމުގެ ވަގުތު އައިއްސައެވެ. އެންމެ ފަހުގެ ނިންމުމާ ހަމަޔަށް ދިޔައީއެވެ. އެނޫންގޮތެއް ނެތެވެ. މީރަބް އަހަރެންނާއި އަނަސްއަށް ވީ ވަޢުދުގެ މަތިން ހަނދާން އެބަހުރި ނޫން ހެއްޔެވެ ؟ އެ ވަޢުދު ފުއްދައިދޭށެވެ ! " މަރިޔަމް ބުންޏެވެ.

މީރަބް ، އޭނާވީ ވަޢުދުގެމަތިން ހަނދާން ކޮށްލިއެވެ. އެކައިވެންޏަށް މުރުތަސިމް އެއްބަސް ނުވެއްޖިއްޔާ ، އަނަސްއާއެކީ ، މަރިޔަމް ފިލައިގެންދާން އެހީތެރިވެދޭނެކަމަށް ، މީރަބް އޮތީ ވަޢުދު ވެފައެވެ.

އަވަސް އަރުވައިލާފައި މުރުތަސިމް އެނިންމި ނިންމުމާ ބެހޭގޮތުން މުރުތަސިމާ އިތުރަށް ވާހަކަ ދެއްކުމަށް މީރަބް ނިންމިއެވެ.

މީރަބް ޤަބޫލުކުރާ ގޮތުގައި ، މީހަކުދެކެ ލޯބިވުމަކީ ކުށެއްނޫނެވެ. މުރުތަސިމް ޤަބޫލުކުރާގޮތުގައި ، ގޯސްމީހަކު ދެކެ ލޯބިވުމަކީ ކުށެކެވެ.

" އެހެންކަމަށް ވަންޏާ ، އަހަރެންދެކެ މުރުތަސިމް ލޯބިވުމަކީ ގޯހެކެވެ. އަހަރެންނަކީ ގޯސްމީހެކެވެ. " މީރަބް ބުންޏެވެ.

އޭނާގެ ލޯބި ، މީރަބް ޤަބޫލުކުރަންތޯ މުރުތަސިމް ސުއާލު ކުރިއެވެ. މުރުތަސިމް އޭނާދެކެވާ ލޯތްބަކީ ، މީރަބް ޤަބޫލުކުރާ ލޯތްބެއް ނޫނެވެ. އެހެނަސް ، އެކަން ޔަޤީންކަމާއެކީ އޭނާއަށް އެނގެއެވެ. އެދެކަމުގައި އުޑައިބިމާހާ ތަފާތު ހުންނާނެއެވެ.

" އަހަރެން ދެކެ މުރުތަސިމްވާ ލޯބި އަހަރެން ޤަބޫލުކުރާނީ ، މުރުތަސިމް އަހަރެންދެކެ ލޯބިވާވަރަށް ، އަހަރެންނަށް މުރުތަސިމް ދެކެ ، ލޯބި ވެވުނު ދުވަހަކުންނެވެ. " މީރަބް ބުންޏެވެ.

އޭނާދެކެ ލޯބިވުމަށް ، މީރަބަށް އޮތް ހުރަހަކީ ކޮބައިތޯ މުރުތަސިމް ސުއާލު ކުރިއެވެ. މުރުތަސިމް ދެކެ މީރަބް ލޯބިވުމަށް ހުރަހަކަށްވާ އެތައްކަމެއް އެބަހުއްޓެވެ. އެކަމަކު ، މިވަގުތަށް އޭނާއަށް އެންމެ މުހިންމީ ، މަރިޔަމް އެކުރަމުންގެންދާ ހިތާމަތަކުން މަރިޔަމް ސަލާމަތްކޮށްދިނުމެވެ. އޭނާއާ މީރަބާ ދެމެދު އޮތް ހުރިހާ ހުރަހެއް މަރިޔަމްގެ ނަންމައްޗަށް ނުޖަހައި ، އެ ހުރަސްތައް ނައްތައިލުމަށް މުރުތަސިމް ބުންޏެވެ. އެހެންނަމަވެސް ، އެއީ މީރަބަށް ކުރެވެން އޮތްކަމެއްނޫނެވެ. މީރަބް އޮތީ ، އެކައިވެނި ކޮށްދޭނެކަމަށް ، މަރިޔަމްއަށް ވަޢުދުވެފައެވެ. މީރަބްގެ އެ ވަޢުދަކީ ، މުރުތަސިމާއި މީރަބް ދުރުކޮށް ދެމީހުންގެ ދޭތެރޭ އަބަދުގެ އަބދަށް އޮންނާނެކަމެއްކަމެއްކަމެއް މީރަބަށް ނޭނގެއެވެ.

" އެހެންކަމަށް ވަންޏާ ، މުރުތަސިމްގެ ނިންމުމާއި އަހަރެންގެ ވަޢުދަކީ ، ދެމިސްރާބެއްގައި ދެކޮޅަށް މަސައްކަތްކުރާނެ އެއްޗެކެވެ. މިއަދުން ފެށިގެން އެ ހަނގުރާމަ މިފެށުނީއެވެ. " މީރަބް ބުންޏެވެ.

މީރަބްގެ ވަޢުދު އުވައިލުމަށް މުރުތަސިމް ނަޞޭޙަތް ދިނެވެ. މީރަބް ނަޞޭޙަތްދިނީ ، މުރުތަސިމްގެ ނިންމުން ބަދަލު ކުރުމަށެވެ. އެހެންނަމަވެސް ، އޭނާގެ ފުރާނަ ހަށިގަނޑުގައި ހުރިހާ ހިނދަކު ، އޭނާގެ ނިންމުން ބަދަލު ނުކުރާނެކަމަށް މުރުތަސިމް ބުންޏެވެ. މީރަބްވެސް އެއްވެސް ޙާލެއްގައި އޭނާގެ ވަޢުދު ދޫކޮށްނުލާނެކަމަށް ބުންޏެވެ.

މީރަބް އެ ހިނގަނީ ގޯސް މަގަކުން ކަމަށާއި ، އެކަމުގައި އެދެމީހުންގެ ދިރިއުޅުން ބަރުބާދުވުމުގެ އިތުރަށް ، މަރިޔަމްގެ ދިރިއުޅުންވެސް ކަފުން ކުރެވިގެންދާނެކަމަށް ބުނެ ، މުރުތަސިމް ދެމުންގެންދިޔަ ނަޞޭޙަތް އަޑުއަހާކަށް މީރަބް ބޭނުމެއް ނުވިއެވެ. މުރުތަސިމްގެ ނިންމުން ޤިޔާމަތަށް ދާނދެން އެގޮތުގައި އޮންނާނެއެވެ. މީރަބްގެ ވަޢުދުވެސް ، އެ ވަޢުދު ފުދެންދެން އެހެންނޫނީ އޭނާގެ އެންމެ ފަހު ނޭވާޔާ ހަމަޔަށް ދެމިއޮންނާނެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.