އަންދަލުސްގެ ބާޒު – 53

(12 ސެޕްޓެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފެރްނާންދޯގެ އަމުރަށް އައްޒައިޣަރީއަށް އެތައް އަނިޔާއެއް ކުރުމަށްފަހު ޝަހީދު ކޮށްލައިފިއެވެ. އޭގެ ފަހުން ފެނިގެން ދިޔައީ މަލަޚާގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަމާއި ގަދަބަދަވިކަމުގައި އެފަދަ ދެވަނައެއް ފެންނާނޭ ކަމަށް ހީވެސް ނުކުރެވޭ ވަރުގެ ބޮޑު ޠޫފާނެއް ވެރިވެގެން ދިޔަތަނެވެ. ފެރްނާންދޯގެ ލަޝްކަރުގެ މީހުން ކާމިޔާބީގެ އުފަލުގައި ރާގެ ތެރެއަށް ޣަރަގު ވެގެން ހިނގައްޖެއެވެ. މަސްތުގެ ހާލަތުގައި ތިބެގެން ވަހުޝީ އަމަލުތައް ހިނަގަމުން ދިޔައީ އެޔެއްމިޔެއެއް ބަލައިލުމެއް ނެތިއެވެ. އަންހެންނުން ގެތަކުން ނެރެގެން ބާޒާރަށް ގެންގޮސްފިއެވެ. ރައްޔިތުންނަށް ރާ ބޯށާއި އޫރުމަސް ކާން މަޖޫބޫރުކޮށްފިއެވެ. ކަނޑީގެ ބާރުގައި ރައްޔިތުންގެ ހިތަށް ވައްދައިދެމުން ގެންދިޔައީ ތަނެއް ފަތަހަކޮށްފިނަމަ، ފާތިހުންގެ ކޮންމެ އަމުރަކަށް ކިޔަމަންވުމަކީ ރައްޔިތުންގެ ވާޖިބެއް ކަމުގައެވެ. ޣީރާތްތެރިކަން ފައުޅުކޮށް، ދެކޮޅު ހެދި ކޮންމެ ފިރިހެނަކު ދިރިހުއްޓައި އަންދައިލަނީއެވެ. އައްޒައިޣަރީއަށް ޚިޔާނާތްތެރިވުމަށް ފަހު ފެރްނާންދޯއަށްޓަކައި މަލަޚާގެ ދޮރާށި ހުޅުވައިދިން ޣައްދާރުން ޝަކުވާ ހިފައިގެން އޭނާގެ ގާތަށް ދިޔައީމާ ބުންޏެވެ. [މަލަޚާއަކީ އަންދަލުސްގެ ދޮރާށްޓެވެ. އެ ރަށުގައި ދުޝްމިނުންގެ އެކަކުވެސް ހުރުމަކީ އަހަރެން ރުހޭ ކަމެއް ނޫނެވެ. އަހަރެންގެ ލަޝްކަރުން ކަންތައްކުރާ ގޮތް ކަލޭމެންނަށް ކަމުނުދާ ކަމަށް ވަންޏާ މި ގައުމު ދޫކޮށްފައި ހިނގައިދާށެވެ. ކަލޭމެން މޮރޮކޯއަށް ދާން ބޭނުމިއްޔާ އަހަރެންގެ ގުރާބުފަހަރު ބަނދަރުގައި އެހެރީއެވެ. ގޮސް އެއިން ގުރާބަކަށް އަރާށެވެ.]

މަލަޚާ ލިބުނީމާ، ގްރަނާދާގެ ވެރިކަމުގެ ދަށުގައި ހުރިހައި ތަނެއް ކްރިސްޓިއަނުންނަށް ލިބުނީއެވެ. އޭގެ ތެރޭގައި މަލަޚާގެ ދެކުނުން ހުރި ބަނދަރުމަތީ ރަށްރަށްވެސް ހިމެނެއެވެ.

އައްޒަޣަލްގެ ވެރިކަން މިހާރު ދެމިއޮތީ އުތުރުން ޖީން އިން ފެށިގެން ގޮސް ދެކުނުން އަލްމެރިއާ އާ ހަމައަށެވެ. މަލަޚާގެ ބަނދަރު ގެއްލުމާއެކު އަލްމެރިއާގެ ބަނދަރު ވެފައިވަނީ އިސްލާމުންގެ ލޭނާރަށެވެ. މި ސަރަހައްދުގެ އިތުރަށް ގުއޭޒާއި ބީޣާވެސް އޮތީ އައްޒަޣަލްގެ ރަސްކަމުގެ ދަށުގައެވެ. ލިބިފައިވާ ވަސީލަތްތަކަށް ބަލާއިރު މި ރަސްކަން އޮތީ ދުޅަހެއު ހާލަތެއްގައެވެ. އަލްޕުހަރާސްގެ ވާދީތަކަށް ލިބޭ ފެނަކީ ސިއެއްރާ ފަރުބަދައިން ފައިބާ ފެނެވެ. މި ސަރަހައްދުން ލިބޭ ތާޒާ މޭވާ މުޅި އަންދަލުހުން ލިބޭ ވަރަށް ވުރެވެސް ގިނައެވެ. މީގެ އިތުރަށް އޮތް ސަރަހައްދަކީ މުޅީންހެން ކަހަލަ ގޮތަކަށް ފަރުބަދައެވެ. ނަޢަމް ސޫފި ބޭނުންވާ ވަރަށްވުރެ މާ ގިނައިން ހުރެއެވެ. ރައްކާތެރިކަމަށް ބަލާނަމަ ސަރަހައްދުގެ ފަރުބަތަކާއި ވާދީތަކުގެ ސަބަބުން އެކަށީގެންވާ ވަރަކަށް ރައްކާތެރިކަން ވަނީ ލިބިފައެވެ.

ފެރްނާންދޯގެ ލަޝްކަރު ރަނގަޅަށް ތައްޔާރުވުމަށް ފަހު ހައެއްކަ ދުވަހުގެ ތެރޭގައި ބީޣާއަށް ހަމަލަދީ، ރަށް ހިސާރުކޮށްފިއެވެ. އެކަމަކު ފަރުބަދަމަތީގައި ގާއިމުވެގެން ތިބި ގަބީލާތަކުގެ މުޖާހިދުން ތިރިއަށް ފައިބައި ހަތަރު ފަރާތުން ފެރްނާންދޯގެ ލަޝްކަރަށް ހަމަލަދީފިއެވެ. އަނެއްކޮޅުން ބީޣާގެ އަހުމިއްޔަތުކަން އެނގިވަޑައިގެންފައިވާތީ ބަދްރު ބިން މުޣީރާ އޭނާގެ ސަރަހައްދު ބެލެހެއްޓެވުން މަންޞޫރާ ހަވާލު ކުރެއްވުމަށް ފަހު ދެ ހާސް މުޖާހިދުންގެ ލަޝްކަރަކާއެކު ބީޣާއަށް ވަޑައިގެންފިއެވެ. ކުއްލިއަކަށް ދެއްވި ފުރަތަމަ ހަމަލައިގައިވެސް ދުޝްމިނުންގެ ފަސްހާސް މީހުން ގަތުލުވެގެން ޖަހަންނަމައަށް ހިނގައްޖެއެވެ. ވިދިގެން އައިރޭ އޭނާ ހަމަލަދެއްވީ ކާފަރުންގެ ލަޝްކަރުގެ ފުރަގަހުންނެވެ. އައްޒަޣަލް ލަޝްކަރަކާއެކު ރަށުން ނިކުމެ ވަޑައިގެން ހަމަލަދެއްވައިފިއެވެ. އެރި އިރާއެކު ފެރްނާންދޯގެ ލަޝްކަރު ހިސާރު ދޫކޮށްލުމަށް ފަހު އެނބުރި މަލަޚާއަށް ހިނގައްޖެއެވެ.

މަލަޚާގައި އަހަރެއްހައި ދުވަހު ތައްޔާރުވުމަށް ފަހު އަނެއްކާވެސް ފެރްނާންދޯ ބީޣާއަށް ހަމަލަދީފިއެވެ. މި ފަހަރު މައި ރަށަށް ހަމަލަދިނުމުގެ ބަދަލުގައި އޭނާގެ ލަޝްކަރުން ދިމާކޮށްލީ ވަށައިގެން ހުރި ކުދި އަވަށްއަވަށާއެވެ. ދަނޑުވެރިންގެ ގޮވާން ފޭރިގެންފިއެވެ. ދަނޑުތަކާއި މޭވާގެ ބަގީޗާތައް ހަލާކުކޮށްލައިފިއެވެ. ފަރުބަދަތައް މަތީން ފައިބާ ގަބީލާތަކުގެ މުޖާހިދުން ހުއްޓުވުމަށްޓަކައި ހުރިހައި ދިމާއަކުން މީހުން އައްޔަންކޮށްފިއެވެ. ބަދްރު ބިން މުޣީރާގެ ފަހުލަވާނުންނާއި ގަބީލާތަކުގެ ލަޝްކަރުތަކުން ކުއްލިއަކަށް ހަމަލަދިނުމުން ކާފަރުންގެ ލަޝްކަރަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އެކަމަކު އެޔަކުން ބީޣާގެ މީހުންނަކަށް މާބޮޑު ފައިދާއެއް ނުކުޅައެވެ. ހަ މަސްދުވަހުގެ ހިސާރަށް ފަހު، ރަށުގެ އަހުލުވެރިންނަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހުމުން، އެ މީހުން އަމާންދީ ފެރްނާންދޯއަށް ކިޔަމަންތެރިވާން އެއްބަސްވެއްޖެއެވެ.

މައި މަރުކަޒަކަށް ބީޣާ ހެދުމަށް ފަހު ފެރްނާންދޯ އައްޒަޣަލްގެ ވެރިކަމުގެ ދަށުގައި ހުރި ހުރިހައި ތަނެއް އަތުލައިގެންފިއެވެ.

(6)

ބަޝީރް ބިން ޙަސަން އިންނެވީ ބަދްރު ބިން މުޣީރާގެ އަތްޕުޅަށް ލިބިވަޑައިގެންފައިވާ ޒަޚަމްގައި ބޭސް އަޅުއްވާށެވެ. އެ ވަގުތު މަންޞޫރު އެ ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ.

ބަދްރު ބިން މުޣީރާ ސުވާލުކުރެއްވިއެވެ. [މަންޞޫރު އަދިވެސް ވަޑައިނުގެން ހުންނެވީތޯއެވެ؟]

މަންޞޫރު ވިދާޅުވިއެވެ. [އަޅުގަނޑު ނުކުންނާން އުޅެނިކޮށް އޭނާ މިތަނަށް ވަޑައިގެންފިއެވެ.]

[އައްޒަޣަލް މިތަނަށް ވަޑައިގެންނެވީތޯއެވެ؟]

[އާދޭހެވެ. އަޅުގަނޑު މި އައީ ތިރީގައި، ބައްދަލުކުރާ ކޮޓަރީގައި އިންނަވާށޭ ދަންނަވައިފައެވެ.]

[އޭނާގެ އަރިހުގައި ވަޑައިގެންނެވީ ކޮން ބޭފުޅުންނެއްތޯއެވެ؟]

[އަބޫ މުޙްސިން އެބަ އިންނެވިއެވެ. އަރިހުގައި ހައެއްކަ ސިފައިންވެސް އައެެވެ. އަޅުގަނޑުމެންގެ ފާރަވެރިން އެމީހުން އެތެރެއަށް ވަނަކަ ނުދިނެވެ.]

[އައްޒަޣަލް އެކަމާ ޝަކުވާއެއް ނުކުރައްވާތޯއެވެ؟]

[ހުންނެވީ ކަންބޮޑުވެވަޑައިގެންފައެވެ. އަޅުގަނޑު ވާހަކަދައްކައިގެން ހިތްޕުޅު ހަމަޖައްސައިދީފީމެވެ. އެއީ މިތާނގައި އޮންނަ އާއްމު އުސޫލެކޭ، އަދި އެއިން މީހަކު އަންނަކަމުގެ ޚަބަރެއް ވެފައިވެސް ނުވުމާއެކު އެހެން ހަދަން ޖެހުނީކަމަށް ދެންނެވީމެވެ.]

ބަދްރު ބިން މުޣީރާ ސުވާލުކުރެއްވިއެވެ. [އަޅުގަނޑުގެ ސިޓީއެއް ހިއްޕަވައިގެން އޭނާއަށް އަރުވާން ވަޑައިގަންނަވާ ވާހަކަ ނުދަންނަވަންތޯއެވެ؟]

[ދެންނެވީމެވެ. އަޅުގަނޑު ސިޓީފުޅު އެރުވިންވެސްމެއެވެ. އެކަމަކު ވިދާޅުނުވެ އަޅުގަނޑުގެ އަތަށް އަނބުރައި ދެއްވީއެވެ. ވިދާޅުވީ އެހައި ދުރުން ވަޑައިގެންފައި ދެން ސީދާ ވާހަކަފުޅުދެއްކެވުން މާރަނގަޅު ވާނެ ކަމުގައެވެ.]

[ސީދާ ވާހަކަފުޅު ދެއްކެވިޔަސް އަޅުގަނޑު އަރުވާން އޮންނާނީ ސިޓީގައި އޮތް ޖަވާބޭ ވިދާޅުނުވަންތޯއެވެ؟]

[އޭނާ ހުންނެވީ ވަރަށް މޮޅިފުޅުވެފައެވެ. އެހެންވީމާ އެފަދަ ވާހަކައެއް ދެންނެވުން ރަނގަޅުކަމަށް އަޅުގަނޑަށް ނުފެންނާތީ ނުދަންނަވަމެވެ.]

ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑު އުޅުނީ އޭނާގެ ފައިންޕުޅު ސީދާ ނުދެކެން ވެގެންނެވެ. އެކަމަކު މިހާރު މި އޮތީ މަޖުބޫރުވެފައި ނޫންތޯއެވެ؟ ތިޔަ ދެ ބޭފުޅުން އަޅުގަނޑާއެކު ތިއްބަވާން ވާނެއެވެ. އަޅުގަނޑުގެ ވާޖިބުން އެއްފަރާތް ވެވޭކަމަށް ފެނިވަޑައިގެންފިއްޔާ އިސްލާހުކޮށް ދެއްވާން ވާނެއެވެ.]

އޭގެ ކުޑައިރުކޮޅެއް ފަހުން ބަދްރު ބިން މުޣީރާއާއި ބަޝީރް ބިން ޙަސަނާއި މަންޞޫރާ ތިން ބޭފުޅުން ކިއްލާގެ ޚާއްސަ ކޮޓަރިކޮޅަކަށް ވަޑައިގެންފިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އައްޒަޣަލްވެސް ވަޑައިގެންފިއެވެ. އޭނާ ހިނދުކޮޅަކު އިސްދަށަށް ޖައްސަވައިގެން އިންނެވުމަށް ފަހު ވިދާޅުވިއެވެ. [އަޅުގަނޑު މި އައީ ކޮންކަމަކުކަން މަނިކުފާނަށް އޮންނާނީ އެނގިވަޑައިގެންފައެވެ. މަނިކުފާނުގެ ޖަވާބުފުޅަކަށް އަޅުގަނޑަކަށް އިންތިޒާރެއް ނުކުރެވުނެވެ. އަޅުގަނޑު ދެކެ ކޯފާވެފައި އިންނެވިކަން މޫނުފުޅުމަތީން ވަރަށް ސާފުކޮށް އެނގެއެވެ. އަޅުގަނޑު މި އައީ ދިފާޢުގައި ބަހަނާތަކެއް ދެއްކުމުގެ ބޭނުމުގައެއް ނޫނެވެ. ހާލަތު ބަދަލުވެގެން ދިޔަ ގޮތުން މަނިކުފާނުގެ މަޝްވަރާއަށް އެދި ދެންނެވޭގޮތް ނުވީތީ އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑަކީ ފިނޑިއެއް ކަމަށް މަނިކުފާނު ހީފުޅު ކުރައްވައިފާނެއެވެ. އެކަމަކު ފުރާނަ ސަލާމަތްކޮށްގަތުމުގެ އެއްވެސް ޚިޔާލެއް އަޅުގަނޑު ނުގެންގުޅޭކަން ﷲ ދެނެވޮޑިގެން ވާނެއެވެ. މި ވަގުތުވެސް އަޅުގަނޑު ބަލަނީ އަޅުގަނޑަކީ މަރުވެފައިވާ މީހަކު ކަމުގައެވެ. އަޅުގަނޑު މި އައީ ކަނޑި ދޫކޮށްލީ އަތް ބުރިވީމާކަމުގައި ދަންނަވާށެވެ. އޭގެ ކުރިއަކުން ފުކަކަށްވެސް ދުލެއް ނުދެމެވެ. ކޯރެއްގެ ފެންގަނޑު ދެމިގެން ދިޔަނުދީ ހިފަހައްޓަން ހިކިވެލި އެޅުމަކުން ނުފުދޭނޭކަން މީގެ ދެތިން އަހަރު ކުރީން ވިސްނުނުނަމަ ރަނގަޅޭ މިހާރު ހިތަށް އަރައެވެ. އަޅުގަނޑުގެ ލަފާކުރުންތައް ރަނގަޅެއް ނޫނެވެ. އަޅުގަނޑު ފަދަ ދުރުނުވިސްނޭ މީހަކަށް ގައުމެއްގެ ވެރިކަން ހައްގެއް ނޫނެވެ. މަނިކުފާނަށް ހުށަހަޅާން ހިތާމައިގެ ކަރުން ނޫން އެއްޗެއް އަޅުގަނޑުގެ އަތަކު ނެތެވެ. މަނިކުފާނު އަޅުގަނޑަށް މާފު ނުކުރައްވާނޭކަން އެނގެއެވެ. އަބޫ ޢަބްދުﷲއަށް އިތުބާރު ކުރުމަކީ އަޅުގަނޑު ކުޅަ ވަރަށް ބޮޑު ކުށެކެވެ. އެ ކުށަށްޓަކައި ޚުދު އަޅުގަނޑު އަމިއްލައަށް، އަމިއްލަ ނަފުސަށް މާފެއް ނުކުރާނަމެވެ. އަޅުގަނޑުގެ ޒަމީރު ތާއަބަދަށް އަޅުގަނޑަށް މަލާމާތްކުރާނެއެވެ. އަޅުގަނޑު ފެރްނާންދޯއަށް ބޯލަނބާން އެއްބަސްވީ އިތުރު ގުރުބާނީއަކުން ކުރާނޭ ފައިދާއެއް ނެތްކަން ޔަގީންވީމައެވެ. އަޅުގަނޑުމެންގެ ފައިތިލަތައް ލުހިއްޖެއެވެ. ދުޝްމިނުން ހަތަރު ފަރާތުން އަޅުގަނޑުމެން ވަށައިލައިފިއެވެ. ގައުމުގެ އެއް ބަޔަކު ތިބީ ދުޝްމިނުންގެ އަޅުވެތިކަން ގަބޫލުކޮށްގެންނެވެ. މިނިވަންކަމުގެ ރޫޙުގައި ތިބި މީސްމީހުންގެ ދިފާޢީ ހަކަތަ ދޫވަމުން ގޮސް ގޮތް ހުސްވެއްޖެއެވެ. އަޅުގަނޑުގެ ކުރިމަތީގައި އެ ވަގުތު އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ފެރްނާންދޯގެ އަޅުވެތިކަން ގަބޫލުކޮށް، އިސްލާމުންނަށް ލިބޭން އޮތް ބޮޑު ގެއްލުމުން ސަލާމަތްކޮށް ދިނުމެވެ. އަނެއް ގޮތަކީ ކަނޑައެޅިގެން ބަލިވާނޭކަން ޔަގީންވާ ހަނގުރާމައެއް ކުރަމުން ގެންދިއުމެވެ. އެ ދަނޑިވަޅުގައި ޝަހީދުވެގެން އަޅުގަނޑުގެ ފަސްބައިގައި ލައްގަނޑެއް ނުޖެހި ސަލާމަތްވެގަނެވުނީހެވެ. އެކަމަކު އެ ވަގުތު އަޅުގަނޑަށް ފެނުނު ގޮތުގައި އެއީ އަންދަލުހާއި ގްރަނާދާއިން ކާފަރުންގެ އަތްމައްޗަށް ގޮސްފައިވާ ރަށްރަށުގެ އިސްލާމުންގެ މިއަދުގެ ހާލަތާއި މާދަމާގެ ހާލަތަށް ނުވިސްނައި ލޯމަރައިލުންފަދަ ކަމެކެވެ. އަޅުގަނޑާއި އަޅުގަނޑަށް ތާއީދުކުރާ ދޮޅަހަކަށް މީހުންނަށް ދެތިން އަހަރެއްހައި ދުވަހު މިނިވަންކަންމަތީ ތިބެވިދާނެއެވެ. އެކަމަކު ބާކީ ތިބި، މިނިވަންކަން ނިގުޅައިގަނެވިފައިވާ އިސްލާމުންގެ ހާލަތު ދާނީ ދުވަހުން ދުވަހަށް ނުބައިވަމުންނެވެ. ބަދަލުހިފުމުގެ ރޫހުގައި ކާފަރުން އެބައިމީހުންގެ ދިރިއުޅުން ދަތިކޮށްލާނެއެވެ. އަޅުގަނޑަށް އިހުސާސްކުރެވުނު ގޮތުގައި ކަންތައްތައް ހަމަޖެހި އަމާންކަން އައީމާ ބައެއް އިސްލާމުން އަނެއްކާވެސް އައު ރޫޙަކާއެކު ތެދުވުމަކީ އެކަށީގެންވާ ކަމެކެވެ. ގުދުރަތުން އެބައިމީހުންގެ ވެރިއަކަށް އަޅުގަނޑަށްވުރެ މާ ރަނގަޅު މީހަކު ޚިޔާރު ކުރައްވައިފާނެއެވެ. އަޅުގަނޑު ހުއްޓާނުލައި ހަނގުރާމަ ކުރިއަށް ގެންދިޔަ ނަމަ އެބައިމީހުންގެ ހަލާކު މާ އަވަސްވެގެން ދާނެއެވެ. އެހެންވެއްޖެނަމަ އެމީހުންނަށްވެސް އޮންނާނީ އަޅުގަނޑުހެން ހިތާމައިގެ ކަރުނަ އޮއްސާން ޖެހިފައެވެ.]

މިހައިތަނަށް ވާހަކަފުޅު ގެންދެވުމަށް ފަހު އައްޒަޣަލް ބަދްރު ބިން މުޣީރާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. އޭނާ އިންނެވީ ހިމޭނުންނެވެ. އިރުކޮޅަކު އިންނެވުމަށް ފަހު އައްޒަޣަލް ވިދާޅުވިއެވެ. [އެކަމަކު އަޅުގަނޑު މަނިކުފާނާއި މަނިކުފާނުގެ ކުޅަދާނަ މުޖާހިދުންގެ މަތީން މާޔޫސްވީއޭ ނުހިއްތެވުން އެދެމެވެ. މަނިކުފާނަކީ ގްރަނާދާއާއި އަންދަލުސްގެ އެންމެ ފަހުގެ އުއްމީދެވެ. މި ވާދީއަކީ އަޅުގަނޑުމެންގެ ގައުމުގެ އެންމެ ފަހުގެ ކިއްލާކަމުގައި ވެގެންދާން މާ ގިނަ ދުވަހެއް ނެތްކަން އަޅުގަނޑަށް ޔަގީނެވެ. އެފަދަ ދުވަހަކަށް ތައްޔާރުވެވަޑައިގަތުމަށް މަނިކުފާނަށް ވަގުތު ލިބިވަޑައިގަންނަވާނޭ ގޮތް ހެދުމަށްޓަކައި ކްރިސްޓިއަނުންގެ ލަޝްކަރު މިތަނާ ދުރުގައި ތިބޭނޭ ގޮތް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަމަށްޓަކައި އަޅުގަނޑު...]

އައްޒަޣާލް ހިމޭންވެވަޑައިގެންފިއެވެ.

ބަދްރު ވިދާޅުވިއެވެ. [ވިދާޅުވާށެވެ. ހުއްޓަވައިލެއްވީ ކީއްވެގެންތޯއެވެ؟]

އައްޒަޣަލް ޖެހިލުންވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. [މަނިކުފާނު ގަދަކަމުން މައިދާނަށް ނެރުނީ އަޅުގަނޑު ކަމަށް އަޅުގަނޑު ފެރްނާންދޯ ގާތު ބުނެފީމެވެ. އަދި މި ސަރަހައްދަކީ މިނިވަންތަނެއް ކަމަށް އޭނާ ގަބޫލުކޮށްފިއްޔާ މަނިކުފާނު ގްރަނާދާގެ އެއްވެސް ކަމަކާ ބެހިވަޑައިނުގަންނަވާނެއޭ އަޅުގަނޑު ބުނީމެވެ.]

ބަދްރު ސުވާލުކުރެއްވިއެވެ. [އަޅުގަނޑު ދިރިދުނިޔޭގައި އެބަހުއްޓޭ މަނިކުފާނު އޭނާ ގާތު ވިދާޅުވީތޯއެވެ؟]

[ނޫނެކެވެ. އަޅުގަނޑު އެހެންނެއް ނުބުނަމެވެ. އަޅުގަނޑު ބުނީ މަނިކުފާނުގެ ބަދަލުގައި މި ސަރައްދުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު އަޅުގަނޑު ދަންނަވާ ގޮތަކަށް ކަންތައް ކުރައްވާނެއޭއެވެ.]

[އެހެންވީމާ މަނިކުފާނު ތިޔަ ވަޑައިގަތީ ފެރްނާންދޯގެ ފަރާތުން އެކުވެރިކަމުގެ މެސެޖު ހިއްޕަވައިގެން ދޮގެއްތޯއެވެ؟]

[ﷲއަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުގެ ނިޔަތާމެދު ޝައްކު ނުކުރެއްވުން އެދެމެވެ. އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ މަނިކުފާނަށް ތައްޔާރުވެވަޑައިގަންނަވާނޭ ފުރުސަތު އެރުވުމެވެ. އަޅުގަނޑު މި އައީ ފެރްނާންދޯގެ ސިޓީއެއްވެސް ހިފައިގެންނެވެ.]

އައްޒަޣަލް މިހެން ވިދާޅުވެފައި ބަދްރުގެ އަތްޕުޅަށް ސިޓީއެއް އަރުވައިފިއެވެ. ބަދްރު އެ ސިޓީ ބަޝީރުގެ އަތްޕުޅަށް ދެއްވައިފައި ވިދާޅުވިއެވެ. [ކިޔުއްވާށެވެ.]

ބަޝީރު ބިން ޙަސަން ފޫހިފުޅު ރާގަކަށް ސިޓީ ވިދާޅުވާން ފައްޓަވައިފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.