
ރިޔާސީ އިންތިޚާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށާ އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުންކަމަށެވެ.
ބިލް ފާސްވެ، ޤާނޫނަކަށް ވާ ހިސާބުން، އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވައިގެން، ވީ އެންމެއަވަހަކަށް، އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ވޯޓަށް އެއްސެވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޮކްޓޯބަރ މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް "އައްޑޫ" އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް "އައްޑޫ ސިޓީ ކައުންސިލް"ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ޚިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށެވެ.
މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީޚީ ވޯޓެއް ކަމަށާ، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުޞަތު ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.