
(14 ސެޕްޓެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)
ޙަޔާ އެކުރިކަމަކުން ، މަރިޔަމްގެ މުޅިދުނިޔެ އަނދިރިވެގެން ދިޔައީއެވެ. ކުޑައިރުއްސުރެ ، ނޮރޭޒްދެކެ މަރިޔަމްދެކެ ލޯބިވާކަމަށް ނޮރޭޒްގާތު ބުނެގެން ، ޙަޔާ އެހުންނަނީ ، ނޮރޭޒްގެ ކައިވެންޏަށް އިންކާރު ކުރަން ލިބުނު ފުރުޞަތުގެ ބޭނުން ހިފައިގެން އެކަމުން ސަލާމަތް ވެގެންނެވެ. ނޮރޭޒްގާތު ، ޙަޔާ އެހެން ނުބުނިނަމަ ، މަރިޔަމް އަކަށް އެ މުޞީބާތެއް ކުރިމައްޗެއް ނުވާނެއެވެ. އެއީ ދުވަހަކުވެސް ޙަޔާއަށް ، މަރިޔަމް މަޢާފު ކުރާނެކަމެއް ނޫނެވެ. ޙަޔާ މުޅިންވެސް ކުރާނީ އެކަހަލަ ކަންކަމެވެ. އެއީ ، އޭނާގެ މިޒާޖާއި ޠަބީޢަތުގައި ހަރުލާފައި ހުންނަ ނުބައި ސިފައެކެވެ.
ޙަޔާއާ ދިމާލަށް އެއްޗެތި ގޮވަމުންގޮސް ، މުރުތަސިމްބޭބެ ގާތުގައި އެވާހަކަ ބުނުން ލަސްކޮށްގެން ، މީރަބާދިމާލަށްވެސް މަރިޔަމް އެއްޗެތި ކިޔައިގަތެވެ. މުރުތަސިމްގާތުގައި އެވާހަކަ ބުނިކަމަށް މީރަބް ބުންޏެވެ. އެހެންނަމަވެސް ، މުރުތަސިމްހުރީ ނޮރޭޒާ މަރިޔަމް ދެވަން ނިންމައިގެންނެވެ. އެކަމާބެހޭގޮތުން ، މަރިޔަމް ދެއްކި އެއްވެސް ވާހަކައެއް މުރުތަސިމެއް ނޭހިއެވެ. މަރިޔަމްގެ ލޯބި ހޯދައިދޭނެކަމަށް އޭނާ މަރިޔަމްއަށް ވަޢުދުވީ ވާހަކަވެސް ބުންޏެވެ. އެހެނަސް ، އެކަމާ މީރަބް ދުރުގައި ހުރުމަށް މުރުތަސިމް އެންގިއެވެ.
އެހާ ބޮޑު ވަޢުދެއް މީރަބް ވެފައި ، އެކަން ފުއްދައި ދިނުމަށް ނުކުޅެދުމަކީ ، މަރިޔަމްގެ ހިތުގައި މީރަބްގެ މައްޗަށް ފޫއްސާއި ނަފްރަތު އުފެދުނު ކަމެކެވެ. އެކަމަކު ، މީރަބް އަދިވެސް އެހުރީ އެ ވަޢުދުގެ މަތީގައެވެ. މަރިޔަމްގެ ލޯބި އޭނާއަށް ހޯދައިދޭނެކަމަށް މީރަބް ބުނަމުން ގެންދިޔައެވެ. އެ ވަޢުދު ފުއްދުމަށްޓަކައި ، މަރިޔަމްއަށް ވީ ވަޢުދުގެ މަތީ މީރަބް ދެމިހުންނާނެއެވެ. އަދިވެސް އޭނާ މުރުތަސިމާ ވާހަކަ ދައްކާނެއެވެ. އަދި ، މަރިޔަމް އާއި އަނަސްގެ ކައިވެންޏަށް މުރުތަސިމް އެއްބަސް ކުރުވާނެއެވެ.
އެހުރިހާ އޮޅުވައިލުމަކާއި މަކަރެއް ، ޙަޔާ ހަދަމުން އެގެންދަނީ ، މުރުތަސިމް ޙާޞިލްކުރުމަށްކަމުގައި މަރިޔަމް ބުންޏެވެ. އަދި އެއްވެސް ޙާލެއްގައި މުރުތަސިމް ބޭބެއާ މީރަބް ވަކިނުވުމަށް ، މީރަބްގެ ކިބައިން އެދުނެވެ. ޙަޔާގެ މަޤްޞަދަކީ ، އެގެއިން މީރަބް ނެރެލައި ، މުރުތަސިމާ ކައިވެނި ކުރުމެވެ. އެކަން ޙާޞިލްކުރުމަށްޓަކައި ، ޙަޔާ ނުކުރާނެކަމެއް ނުއޮންނާނެއެވެ. ޖާނުވެސް ދުއްވައިލަފާނެއެވެ.
މަރިޔަމް އެކަމާ ނުވިސްނުމަށް މީރަބް ބުންޏެވެ. އޭނާ އަބަދުވެސް ހުންނާނީ މަރިޔަމްއާ އެކުގައެވެ.
ކުރިން ޙަޔާއާ ދޭތެރޭ މީރަބް ހީކުރަމުން އައި ހީކުރުން ، މަރިޔަމްގެ ވާހަކަޔަށްފަހު ބަދަލުވިއެވެ. ޙަޔާގެ ޢަމަލުތައްހުންނަ ގޮތުން އެއީ ދުވަހަކުވެސް ރަނގަޅުނުވާނެ މީހެއް ނޫންކަން މީރަބަށް ވިސްނުނެވެ. ޙަޔާދެކެ ލޯބިވާމީހުން ، ޙަޔާގެ އަމިއްލަ ޢަމަލުތަކުން ދުރުކޮށް ނުލުމަށް ، މީރަބް ނަޞޭޙަތްތެރި ވިއެވެ. ޙަޔާ އެކުރާ ކަންކަމުގެ ހިތިރަހަ ލާނީޚުދު ޙަޔާގެ އަމިއްލަ ކަރުބުޑުގައިކަމަށް މީރަބް ބުންޏެވެ. މީރަބްގެ ވާހަކަތަކުން ޙަޔާއަށް ކުރި އެއްވެސް އަސަރެއް ނެތެވެ. ޙަޔާ އަބަދުވެސް ހުންނާނީ އޭނާޣެ ދިފާޢުގައި ހަތިޔާރެއް ހިފައިގެންނެވެ. މިހާރުވެސް ، މީރަބާ އަދި މަރިޔަމްއާ ދެކޮޅަށް ބޭނުންކުރާނެ ވަރުގަދަ ހަތިޔާރެއް ޙަޔާގެ އަތުގައި އެބަ އޮތެވެ. ވަގުތު ޖެހުނީމަ ، އެހަތިޔާރުގައި އޭނާ ހިފާނެއެވެ.
ޙަޔާއަކީވެސް ގޮތްދޫކުރާ މީހެއްނޫނެވެ. ޙަޔާގެ އެންމެ ގާތް ރަޙުމަތްތެރިޔެއްކަމުގައިވާ މަރިޔަމް މިހާރު އެވަނީ އޭނާއާ ގުޅުން ކަނޑައިލާފައެވެ. މަރިޔަމްއަކީ ، އޭނާގެ އަމިއްލަ ކޮއްކޮއެއްފަދަ ކުއްޖެކެވެ. އެހެނަސް ، މީރަބާ ޖެހުނީމަ ، އެގުޅުންވެސް އެއޮތީ ކަނޑައިލާފައެވެ. އެކަމުގައިވެސް ޙަޔާ ކުށްވެރި ކުރަމުން ގެންދިޔައީ މީރަބެވެ. ޙަޔާގެ ޙަޔާތުގެ އުފާތަކާއި އުއްމީދުތަކަށް ހުރަސް އަޅަމުން މުސީބާތެއްގެ ގޮތުގައި އައީ މީރަބް ކަމަށް ޙަޔާ ބަލަމުން ގެންދިޔައެވެ. ޙަޔާތުގެ ބއިވެރިޔެއްގެ ގޮތުގައި ދެކެމުންއައި މުރުތަސިމް އޭނާއާ ވަކިކޮށްލީ މީރަބެވެ. ޚާނަމް މަންމަގެ ހިތުގައި ޙަޔާގެ މައްޗަށް ނަފްރަތު އުފައްދައި ، މަންމަޔާ އެކު އޮތް ގާތްގުޅުން ދުރުކޮށްލީ މީރަބެވެ. އެންމެފަހުން ، އެކުގައި އުޅެ ބޮޑުވި މަރިޔަމްވެސް އޭނާއާ ދުރުކޮށްލައިފިއެވެ. ބަފައެއްފަދަ ވައްޤާސްގެ ލޯބިވެސް މީރަބް އަތުލައިފިއެވެ. އެހުރިހާ ކަމެއްގެ ސަބަބަކީ މީރަބެވެ. ޙަޔާއަށް ކުރެވުނު އެއްވެސްކަމެއްގެ މަތިން ހަނދާނެއް ނެތެވެ.
ޙަޔާއަށް ދެރައެއް ދިނުމަށްޓަކައި ، މީރަބް އެއްވެސްކަމެއް ، މިހާތަނަށް ކޮށްފައެއް ނެތެވެ. ޙަޔާއަށް ލިބުނު ތަކްލީފެއް ވިއްޔާ ލިބުނީ ، އެހެން މީހުންނަށް އަނިޔާވެރިވާން އުޅެން ހަދައިގެން ، ޚުދު ޙަޔާ އަމިއްލަޔަށެވެ. އެއްވެސް މީހެއްގެ ފަރާތުން ، ޙަޔާއަކަށް ދެރައެއް ނުލިބެއެވެ. އެހެންނަމަވެސް ، އެވާހަކަ ޤަބޫލުކުރާކަށް ޙަޔާ ބޭނުމެއްނޫނެވެ. ޙަޔާގެ ވާހަކަތަކުން ، އެއީ ކިހާވަރެއްގެ ކާކުކަން ، މީރަބަށް އިތުރަށް އެނގެމުން ދިޔައެވެ.
" މީރަބެވެ ! އަހަރެން ހުވާކޮށްފައި ބުނަމެވެ. މީރަބަކީ ، ހުސްއަތާ ދުނިޔެއަޅައިދާ މީހަކަށް އަހަރެން ހަދައިލާނަމެވެ. އެކަން އަހަރެން ނުކުރިއްޔާ ، އަހަރެންގެ ނަމަކީ ޙަޔާއެއްނޫނެވެ. " ޙަޔާ ބުންޏެވެ.
ޙަޔާގެ މައްސަލަޔަކީ ކޮބައި ހެއްޔެވެ ؟ މުރުތަސިމް ޙާޞިލްކުރުމަކީ ، ޙަޔާގެ ޙަޔާތުގެ މުޅި މަޤްޞަދުކަމުގައި ހަދައިފިއެވެ. އެކަމަކު ، ޙަޔާދެކެ މުރުތަސިމް އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. އަދި ނުވެސް ވާނެއެވެ. ޙަޔާއަށް ގޮންޖަހަމުން މީރަބް ބުންޏެވެ. މީރަބްދެކެވެސް މުރުތަސިމް ލޯބިނުވާ ވާހަކަ ޙަޔާ ބުންޏެވެ.
" އަހަރެންދެކެ ، އިންތިހާއަށް މުރުތަސިމް ލޯބިވާކަމަށް ވަންޏާ ވާނީ ކިހިނެއް ހެއްޔެވެ ؟ " މީރަބް ސުއާލު ކުރިއެވެ.
އެއީ ވާނެކަމެއް ނޫންކަމަށް ޙަޔާ ބުންޏެވެ. މީރަބާ ، މުރުތަސިމް ކައިވެނިކުރީ ، ހަމައެކަނި މަންމަ ބުނެގެންނެވެ. މުރުތަސިމް ބޭނުންވެގެންނެއް ނޫނެވެ. ޙަޔާއަށް އެހުރީ ވަރަށްބޮޑަށް އޮޅިފައިކަމަށާއި ، އޭނާދެކެ މުރުތަސމް އިންތިހާއަށް ލޯބިވާކަމަށް މީރަބް ބުންޏެވެ. އެހެންކަމަށް ވަންޏާ ، އެކަން އިމްތިހާންކޮށްލަން ހިނގާށޭ ޙަޔާ ބުންޏެވެ.
" ނޮރޭޒާ ކައިވެނިކުރާކަށް މަރިޔަމް ބޭނުމެއްނޫނެވެ. މަރިޔަމް ކައިވެނިކުރަން ބޭނުންވާ ފިރިހެނާއާ ކައިވެނިކުރަން ، މުރުތަސިމް ނިކަން އެއްބަސް ކުރުވަ ބަލާށެވެ ! މީރަބްދެކެ މުރުތަސިމް ލޯބިވާކަމުގައި ، އޭރަށް އަހަރެން އެއްބަސް ވާނަމެވެ. " ޙަޔާ މީރަބަށް ގޮންޖެހިއެވެ.
މަރިޔަމް އެހެން ފިރިހެނަކު ދެކެ ލޯބިވާކަން ޙަޔާއަށް އެނގިއްޖެކަން ، އެހިސާބުން މީރަބް ދެނެގަތެވެ. ނޮރޭޒްގެ ކައިވެންޏަށް މަރިޔަމް އިންކާރުކުރާ ސަބަބަކީ އެއީއެވެ. އެއީ ކޮންކަހަލަ ، ކިހާވަރެއްގެ ކާކުކަން މީރަބަށް އެނގޭނެކަމަށް ޙަޔާ ބުންޏެވެ. ޢާއިލާއިން ބޭރުމީހަކާ މަރިޔަމްގެ ކައިވެނިކުރުވަން އިސްނެގީ މީރަބްކަމުގައި ، ޙަޔާ ބުންޏެވެ. އެކަން ޚާނަމް މަންމަ އަށާއި މުރުތަސިމަށް އެނގޭ ދުވަހަކީ ، އެގޭގައި މީރަބަށް ހުރެވޭނެ އެންމެ ފަހު ދުވަހެވެ. އެހާ ޔަޤީންކަމާއެކީ ޙަޔާ އެވާހަކަ ދައްކާތީ ، އެކަމާ ބެހޭގޮތުން ޙަޔާއަށް އެނގެނީ ކޮންކަމެއްތޯ މީރަބް ސުއާލު ކުރިއެވެ. އެ ސުއާލަށް ޖަވާބުދޭކަށް ޙަޔާ ބޭނުމެއް ނުވިއެވެ
މަރިޔަމްގެ ކައިވެނީގެ ހުރިހާކަމެއް ގޭތެރޭގައ ރޭވި އިންތިޒާމްވެގެންދާ އިރުވެސް ، އެކަންކަމާ ދުރުގައި މީރަބް އުޚޭތީ ، ޚާނަމް ހުންނަނީ ، ހިތްހަމަ ނުޖެހިފައެވެ.
" މަންމާއެވެ ! މި ކައިވެންޏަށް މަރިޔަމް ހިތްހަމަ ނުޖެހިފައި ހުރިކަން މަންމަޔަށް ހަމަ ނޭނގެނީ ހެއްޔެވެ ؟ މަރިޔަމްއަށް ވެފައި އިންގޮތް ނިކަން ދެކިބަލާށެވެ ! ނޮރޭޒްދެކެ މަރިޔަމް ލޯތްބެއް ނުވެއެވެ. އެއީ މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. މަރިޔަމްގެ މޮޅިވެރި މޫނު މަންމަޔަށް ހަމަ ، ނުފެންނަނީ ހެއްޔެވެ ؟ " މީރަބް ބުންޏެވެ.
އޭނާގެ ހުރި ހަމައެކަނި އަންހެންދަރިފުޅު ދެރަވެފައި އިންތަން އޭނާއަށް ނުފެންނަކަމުގައި ޚާނަމް ބުންޏެވެ. ޚާނަމްއަކަށް އެއްވެސް ތަނެއް ނުފެނެއެވެ. އެއްވެސްކަމެއް ނޭނގެއެވެ. ދޫވިހަ މީހެއްގެ ކިބައިން އޭނާގެ ދަރިފުޅު ސަލާމަތް ކޮށްދެއްވީތީ ﷲ އަށް ޝުކުރު އަދާކުރާކަމަށް ބުނަމުން ، މީރަބާ ދިމާލަށް ކަޅިއަޅާއިގެންފައި ޚާނަމް ބަލައިލިއެވެ. މަރިޔަމް އިނީ މަންމަޔާ ދެކޮޅަށް އެއްޗެކޭ ބުނަން ނުކެރި ބިރުންނެވެ.
މުރުތަސިމް ، ކޮޓަރި ތެރެޔަށް ވަތްގޮތަށް ވަދެ ، އޭނާގެ މަންމަޔަށް ، މީރަބް އުނދަގޫކުރަނީ ކީއްވެތޯ ސުއާލު ކުރިއެވެ. މަރިޔަމްގެ ކައިވެންޏާ ދެކޮޅުވެގެން ، އެކަމުން ނުނެއްޓިގެން މީރަބް އެއުޅެނީ ކީއްވެގެންކަމެއް މުރުތަސިމަކަށް ނޭނގެއެވެ. މީރަބްވެސް މުރުތަސިމަށް ދޫކުރާކަށް ބޭނުމެއް ނޫނެވެ. މުރުތަސިމް ބުނާ ކޮންމެ އެއްޗަކަށް މީރަބްވެސް ޖަވާބު ދެމުން ގެންދިޔައެވެ. އެ ގޭތެރޭގައި ، ކައިވެންޏާ ބެހޭގޮތުން ކަންބޮޑުވެގެން މީހަކު އުޅޭނަމަ އެމީހަކީ މަރިޔަމްކަމުގައި މީރަބް ބުންޏެވެ. އެއީ ، އެހެންމީހަކުދެކެ ، މަރިޔަމް ލޯބިވެގެން އުޅޭތީކަމުގައި މީރަބް ބުންޏެވެ. އެކަމަކު ، މަންމައާއި މުރުތަސިމް އެއަޑު އަހާކަށް ބޭނުމެއް ނުވެއެވެ. އެއަޑުއަހަން ، މަންމަވެސް އަދު މުރުތަސިމްވެސް ބޭނުންނުވާކަމުގައި މުރުތަސިމް ބުންޏެވެ. އެ ޢާއިލާއިން ބޭރު އެހެން އެއްވެސްމީހަކާއެކީ ، މަރިޔަމްގެ ނަން ގުޅިގެންދާކަށް މުރުތަސިމުމެން ބޭނުމެއް ނޫނެވެ. ނޮރޭޒަކީ ، މަންމަ ފަރާތުން މުރުތަސިމް މެންނާ ތިމާގެ މީހެކެވެ.
" އަނަސް ކިޔާ މީހަކުދެކެ ، މަރިޔަމް ލޯބި ވެއެވެ. މަރިޔަމްގެ ލޯބި އޭނާއަށް ހޯދައިދޭކަށް މުރުތަސިމް ބޭނުމެއް ނޫންހެއްޔެވެ ؟ އަހަރެން މިހުރީ މަރިޔަމްއަށް އެ ލޯބި ހޯދައިދޭން ވަޢުދުވެގެންނެވެ. " މީރަބް ބުންޏެވެ.
ކޮންމެ މީހަކު ދެކެ މަރިޔަމް ލޯބިވިޔަސް އަދި ނުވިޔަސް އެކަމާ ފަރުވާލެއް ނެތްކަމަށް މުރުތަސިމް ބުންޏެވެ. މަރިޔަމްގެ ކައިވެންޏާ ދުރުގައި ހުރުމަށް އެތައްފަހަރަކު ، މީރަބްގާތު މުރުތަސިމް ބުނެފިއެވެ. އެތައް އިންޒާރެއްވެސް ދީފިއެވެ.
އެކަމާ ދުރުގައި މީރަބަށް ނުހުރެވޭނެކަން މީރަބް ހާމަ ކުރިއެވެ. ސަބަބަކީ ، އެއީ ، އޭނާގެ ކޮއްކޮއެއްފަދަ ކުއްޖެކެވެ. މަރިޔަމްދެކެ މީރަބް ލޯބިވެއެވެ. މަރިޔަމްއަށް ދެރަގޮތެއް ދިމާވާކަށް މީރަބް ބޭނުމެއް ނުވެއެވެ. މީރަބް އޭނާގެ ކޮއްކޮދެކެ އެހާ ލޯބިވާ ކަމަށް ވަންޏާ ، ނޮރޭޒްގެ ކައިވެންޏަށް ، މަރިޔަމް އެއްބަސް ކުރުވުމަށް މުރުތަސިމް ބުންޏެވެ. ކައިވެނީގެ އިންތިޒާމްތައް ރޭވުމުގައި މަންމަޔަށް އެހީތެރިވުމަށް އެދުނެވެ. އަދި އެހިސާބުން އެވާހަކަ އިތުރަށް ނުދެއްކުމަށް އަންގައި މީރަބަށް އިންޒާރު ކުރިއެވެ. އެހާ ރަނގަޅު ކުއްޖަކު ، މަރިޔަމްއާ އިންނަން ޢާއިލާ ތެރޭގައި ހުއްޓާ އެ ފުރުޞަތު ދޫކޮށްލާކަށް މުރުތަސިމްމެން ބޭނުމެއް ނޫނެވެ.
އެވަރަކުން އަދި ދޫކޮށްލާކަށް މީރަބް ބޭނުމެއް ނުވިއެވެ. އަނަސްއަކީ ، ނޮރޭޒަށްވުރެ ރަނގަޅު މީހަކަށް ވެދާނެކަމުގައި މީރަބް ބުންޏެވެ. އަނަސް ، ނޮރޭޒާށްވުރެ ކިތަންމެ ރަނގަޅަސް ، އެއީ އެމީހުންގެ ޢާއިލާއިން ބޭރު މީހެކެވެ. ޢާއިލާއިން ބޭރުމީހުންނަކާ އެ ޢާއިލާގެ އަންހެންކުދިންނަކަށް ނުއިނދެވޭނެއެވެ.
މަރިޔަމްގެ ކައިވެނި އަނަސްއާ ކޮށްދޭނެކަމަށް އޭނާ ވަޢދުވެފައި އޮތްވާހަކަ ، މުރުތަސިމަށް ، މީރަބް ހަނދާން ކޮށްދިނެވެ. އެހެނަސް ، އެއީ މުރުތަސިމާ ބެހޭކަމެއްނޫނެވެ. މީރަބް އެވީ ވަޢުދެއް ވުމުގެ ކުރިން މުރުތަސިމްގާތު އެވާހަކަ ދައްކާފައެއްވެސް ނެތެވެ. އެހެން ނަމަވެސް މީރަބް ، އޭނާގެ ވަޢުދާ ޚިލާފް ނުވާނެކަމަށް ބުންޏެވެ.
މީރަބް އެބުނީ ، އޭނާއަށް ބުނަން ޙައްޤުބަހެއް ކަމަކަށް މުރުތަސިމް ޤަބޫލެއް ނުކުރެއެވެ. މަރިޔަމްގެ ކައިވެންޏާ ބެހޭގޮތުން އެފަދަ ވަޢުދެއްވާން މީރަބަކީ ކާކު ހެއްޔެވެ ؟ އެއީ ، މީރަބް ނޫން އެހެންމީހެއްކަމަށް ވަންޏާ ، މުރުތަސިމްގެ އަތުން އެމީހެއްގެ ފުރާނަ ސަލާމަތް ނުކުރެވުނީސްކަމުގައި މުރުތަސިމް ބުންޏެވެ.
އެއީ އޭނާގެ އެންމެފަހުގެއިންޒާރުކަމަށް ބުނެ ، އެކައިވެންޏާ ދުރުގައި ހުރުމަށް ބުނަމުން ، މުރުތަސިމް ކޮޓަރި ތެރެއިން ނުކުތެވެ.
ނޮރޭޒާއި މަރިޔަމްއަށް ކައިވެނީގެ ކުރިން ބައްދަލު ނުކުރެވޭނެކަމަށް ޚާނަމް އޮތީ ނިންމާފައެވެ. އެހެންކަމުން ، ނޮރޭޒާ މަރިޔަމްއާ ބައްދަލު ކުރެވޭނެ އެއްވެސްގޮތެއް ނެތެވެ. އެހެނަސް ، ނޮރޭޒާ ، މަރިޔަމް ބައްދަލުކޮށް ، މަރިޔަމްގެ ހިތުގައިވާ އެއްޗެއް ނޮރޭޒަށް ސާފުކޮށް ދިނުމަށް މީރަބް ބޭނުން ވިއެވެ. ނޭނގެނީ އެކަން ކުރާނެ ގޮތެކެވެ. އެތައް ވަރަކަށް ވިސްނުމަށްފަހު މަރިޔަމް ގޮވައިގެން ބޭރަށް ދެވޭނެ ގޮތެއް މީރަބް ރޭވިއެވެ. އެކަމަކު ޙަޔާވެސް އެމީހުންނާއެކީ ދާން ބޭނުންވުމުން ، ޚާނަމް އެކަމަށް އެއްބަސްވުމުން ، މީރަބް މެންނަށް ބޭރަށްދާންޖެހުނީ ޙަޔާވެސް ގޮވައިގެންނެވެ. ޙަޔާގެ ބޭނުމަކީ ކޮބައިކަން މަރިޔަމްއަށްވެސް އަދި މީރަބަށްވެސް އެނގެއެވެ. އެހެނަސް އެހެންގޮތެއް ނެތުމާއެކީ ، މީރަބްމެންދިޔައީ ޙަޔާވެސް ގޮވައިގެންނެވެ. ގެއިން ނައްޓައިލުމުގެ ކުރިން މީރަބް އޮތީ ، ޙަޔާކަންތައްކުރިގޮތުގެ ތަފްޞީލް މަޢުލޫމާތު ، ނޮރޭޒްގެ ފަރާތުން ހޯދާފައެވެ. އެއީ ހަތިޔާރަކަށް ހަދައި ، ޙަޔާ މައިތިރި ކުރެވިދާނެކަމަށް މީރަބް ބެލިނަމަވެސް ، ޙަޔާއަށް އިތުބާރު ކުރުމަކީ ، މޮޔަކަމެއްކަމަށް މަރިޔަމް ބުންޏެވެ.
މީރަބްމެން ދިޔައީ ޝޮޕިންމޯލަކަށެވެ. ކުޑައިރުކޮޅަކުން ، ނޮރޭޒްވެސް އެތަނަށް އައެވެ. ނޮރޭޒްގެ މަންމައާއި ނޮރޭޒްގާތު ޙަޔާ ދައްކާފައިވާ ވާހަކަތައް ޚާނަމް މަންމަގާތު ބުނާނެކަމަށް ބުނެ ބިރުދެއްކުމަށްފަހު ، ޙަޔާ އެތަނުން ފޮނުވާލައި ، މީރަބާއި މަރިޔަމް އަދި ނޮރޭޒް ، މޭޒެއްގެ ކައިރީގައި ޖައްސައިލިއެވެ. އަދި ، އެމީހުންގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
ޙަޔާ ދުރަށްގޮސް މަޑުން ހުރީކީ ނޫނެވެ. ވަގުތުން ، މުރުތަސިމާ ގުޅައި ، ޚާނަމް މަންމަ އެވަރަށް މަނާކޮށް ، ބައްދަލުކުރަން ހުއްދަ ނުދީ އޮތްއިރުވެސް ، މަރިޔަމް ގޮވައިގެން މީރަބް އައިސް ، ނޮރޭޒާ ބައްދަލުކުރަން އެތަނަށް އައިސް އެބައިން ވާހަކަ ބުންޏެވެ. ކުޑައިރުކޮޅަކުން ، މީރަބަށް ފެނުނީ ، މުރުތަސިމް އައިސް އެތަނަށް ހުއްޓުނު ތަނެވެ. މުރުތަސިމް ހުރީ ރުޅިއައިސް ރަތްވެފައެވެ. ޙަޔާވެސް އެތަނަށް އައެވެ. ބުނާނެ އެއްޗެއްވެސް ނޭނގި ، މީރަބާއި މަރިޔަމް ތެދުވެގެން ، ގެޔަށް ދިއުމަށްޓަކައި ނައްޓައިލިއެވެ. ( ނުނިމޭ )