
(10 ސެޕްޓެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)
މަރިޔަމްގެ ވާހަކަ މުރުތަސިމްގާތު ބުނެވޭތޯ ، މީރަބް ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް ، މީރަބްގެ ވާހަކަ އަޑުއަހައިލެވޭނެ ފުރުޞަތެއް މުރުތަސިމަކަށް ނުދެވުނެވެ. ނޮރޭޒާއެކީ މަރިޔަމްގެ ކައިވެނި މިހާރު އެއޮތީ ، ކަށަވަރުވެފައެވެ. އެކަމުން ، މަރިޔަމް ސަލާމަތްކޮށްދޭން ހުރި ހަމައެކަނި މީހަކީ މުރުތަސިމެވެ. މުރުތަސިމްގާތު އެވާކަކަ ދައްކަން ހުރެއްޖިއްޔާ ހުރިހާކަމެއް އޭނާގެ އަތުން ދޫވެގެން ހިނގައިދާނެކަމުގެ ބިރު ، މީރަބަށް ކުރެވުނެވެ. އަދި ، ސީދާ ޚާނަމްމަންމައާ އެވާހަކަ ދެއްކުމަށް ނިންމިއެވެ.
ޝާހްނަވާޒާއި މަންމަގެ ކައިވެނި ކުރެވުނީ ކިހިނެއްތޯ ޚާނަމްއާ މީރަބް ސުއާލު ކުރިއެވެ. އެކަނިވެނި ކުރެވުނީ ޚާނަމްމަންމަގެ ރުހުމުގައިތޯވެސް ސުއާލު ކުރިއެވެ. އެކައިވެންޏަކީ ، އޭނާގެވެސް ރުހުން އޮތްތޯ ސުއާލުކޮށް ، އޭނާގެ ޤަބޫލުގައި ކުރެވުނު ކައިވެންޏެއްކަމަށް ޚާނަމް ބުންޏެވެ. އެންމެންވެސް ތިބީ އުފަލުންނެވެ. ކައިވެންޏަކާ ކުރިމަތިލާއިރު ، އެންމެންވެސް ތިބޭނީ އުފަލުންކަމަށް ޚާނަމް ބުންޏެވެ.
" ކުރެވޭ ކޮންމެ ކައިވެންޏަކަށް ، އެންމެންނެއް އުފަލެއް ނުވާނެއެވެ. އަހަރެންގެ ކައިވެންޏަށް އަހަރެން އުފަލެއް ނުވަމެވެ. މުރުތަސިމެއް އުފަލެއް ނުވެއެވެ. އެކަމަކުވެސް ، މަންމަމެން ތިތިބީ އަހަރެމެންގެ ކައިވެނި ކުރުވައިގެންނެވެ. ނަތީޖާ މަންމަގެ ކުރިމަތީ ފެންނަމުން އެބަ ދެއެއްނޫން ހެއްޔެވެ ؟ ކޮންމެ ކައިވެންޏަކަށް އެންމެން ތިބޭނީ އުފަލުންކަމަށް ބަލާމީހުން ، އެހެންމީހުންނާމެދުވެސް ދެކޭނީ އެ ނަޒަރުންނެވެ. " މީރަބް ބުންޏެވެ.
މަރިޔަމްގެ ވާހަކަ ދެއްކުމަށްޓަކައި ، ވަރަށް ވިސްނުންތެރިކަމާއެކީ ، މީރަބްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
" ޚާނަމްމަންމަގެ އުފަން ދަރިފުޅުގެ ކައިވެންޏަށް މީހަކު އެދުމުން ، އެކައިވެންޏަށް އެފަކީރު ރުހޭތޯވެސް ސުއާލުކޮށްނުލަމުއެވެ. " މީރަބް ބުންޏެވެ.
މީރަބް ބުނަން އެއުޅެނީ ކޮންވާހަކައެއްތޯ ޚާނަމް ސުއާލު ކުރިއެވެ. މީރަބް އެގެންދަނީ ، ބޮޑުކަމެއްގެ ވާހަކަ އޭނާގާތު ބުނުމަށް ކަމުގައި ޚާނަމްއަށް ފެނުނެވެ. އަދި ކުރުކޮށް ފޮނިކޮށް އޭނާގާތު އެވާހަކަ ބުނުމަށް އެދުނެވެ.
" މަންމާއެވެ! ކައިވެނި ކުރެވުނުއިރު ، އަހަރެން ހުރީ އަނގަމަޑުން ލައިގެންނެވެ. މަރިޔަމްވެސް އެކަމާމެދު ބަހެއް ނުބުނާނެއެވެ. އަދި ޙަޔާވެސް އެކަމާ މާގިނަ ވާހަކަ ނުދައްކަފާނެއެވެ. މިޢާއިލާގެ ހުރިހާ އަންހެންކުދިންވެސް އަނގައިން ނުބުނެ މަޑުން ތިބެދާނެއެވެ. އެމީހުން ކައިވެނިކުރާނީ އެމީހުންގެ ޢާއިލާއިން ދައްކާ މީހަކާއެވެ. އެންމެ ދެރަވެގެން މުރުތަސިމްވެސް ޢަމަލުކުރީ އެފަދައިންނެވެ. އެކަން އެހެންއެވަނީ ، އެކުދިންގެ ބައްޕަ ނުވަތަ ބޭބެ އެކަމަށް އެދިތިބޭތީކީއެއް ނޫނެވެ. އެކުދިން ހިމޭންކަންމަތީ އެތިބެނީ ، އެކުދިންގެ މަންމަ އެކަމަށް އެދޭތީއެވެ. މަންމަބުނާ މީހަކާ އަދި މަންމަ ދައްކާ މީހަކާނޫނީ އެކުދިންނަށް ކައިވެނި ނުކުރެޥޭނެކަން އެނގޭތީއެވެ. މަރިޔަމްގެ ކައިވެންޏަށް އޭނާ ހިތްހަމަ ނުޖެހޭވާހަކަ ބުނަން އަހަރެން ބޭނުމެވެ. އެކަމާމެދު ، މަންމަ ވިސްނައިލުން ރަނގަޅުވާނެއެވެ. " މީރަބް ބުންޏެވެ.
މީރަބް އެދެއްކި ވާހަކައިން ، ޚާނަމްއަށް ކުއްލިޔަކަށް ކޮޅަށް ތެދުވެވުނެވެ. އިސްދަށަށް ޖަހާލާފައި އިސްއުފުލައިލިއިރު ، މީރަބެއް އެތާކު ނެތެވެ.
މީރަބްގޮސް ކޮޓަރިޔަށްވަދެ ، އިރުކޮޅެއްވީތަނާ ޚާނަމް އައިސް އޭނާއާއެކީ އަންނާށޭ ބުނަމުން މީރަބްގެ އަތުގައި ހިފައިގެން ގަދަކަމުން ، މީރަބް ގެންދިޔައެވެ. މަރިޔަމްގެ ކޮޓަރިޔަށް މީރަބް ގެންގޮސް ، މަރިޔަމް ކުރިމަތީ ބަހައްޓައިގެން ، ޚާނަމް މީރަބާ ސުއާލުކުރަމުން ގެންދިޔައެވެ.
" މީރަބް ތިބުނަނީ ، އަހަރެންގެ ދަރިފުޅުގެ ކައިވެނި ގަދަކަމުން އަހަރެން ކުރުވާ ވާހަކަ ނޫންހެއްޔެވެ. މަރިޔަމްގެ ރުހުމާނުލައި މަރިޔަމްގެ ކައިވެނި ކުރުވަން އުޅޭ ވާހަކަ ނޫންހެއްޔެވެ. އަހަރެން ، އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމާމެދު ، އެއްވެސް ވަރަކަށް ނުވިސްނާ ވާހަކަ ނޫން ހެއްޔެވެ ؟ " ޚާނަމް ބުނަމުން ގެންދިޔައެވެ.
އެވަގުތު ، އެކައިވެންޏާ ގުޅިގެން ގޭތެރެ ހަލަބޮލިކޮށްލަން ވިސްނައިގެން ، އެކަން ކުރާނެ ރަނގަޅު ވަގުތަކަށް އިންތިޒާރުކޮށްގެންހުރި ، ޙަޔާވެސް އެތަނަށް އައިސް ވަނެވެ. ޚާނަމް ބޭނުންވީ ، މަރިޔަމް އެކައިވެންޏަށް ނުރުހޭ ވާހަކަ މަރިޔަމްގެ ދުލުން އޭނާގާތު ބުނުމަށެވެ. އެވާހަކަ ބުނާނީ މީރަބެއްނޫނެވެ.
" މަރިޔަމްއެވެ ! އަހަރެންނަކީ މަރިޔަމްގެ މަންމަ ނޫންހެއްޔެވެ ؟ މަރިޔަމްގެ ކައިވެނީގެ ދަޢވަތު ލިބުމުން އެކަމަށް އާނއެކޭ ބުނުމުގެ ޙައްޤު އަހަރެންނަށް ލިބިގެންނެއް ނުވޭ ހެއްޔެވެ ؟ " ޚާނަމް ، މަރިޔަމްއާ ސުއާލު ކުރިއެވެ.
" އަހަރެން ، މަރިޔަމް ބަލައި ބޮޑުކުރީ ، ފިރިމީހާ ނިޔާވުމުން ، އެކަނިވެރިވެފައި އިން މަޔެއްގެ ގޮތުގައި ހުރެއެވެ. އެކަނިމާ އެކަންޏެވެ. މަރިޔަމް ބޭނުންވާ ހުރިހާކަމެއް ކޮށްދީގެންނެވެ. ޢިޝާރާތްކޮށް އިނގިލި ދިއްކޮށްލި ކޮންމެ އެއްޗެއް ހޯދައިދީގެންނެވެ. ބައްޕައެއް ނެތީމާ ބައްޕަގެ ވާޖިބުވެސް އަދާކުރީ އަހަރެންނެވެ. ކިޔަވަން ބޭނުންވީމަ ، ޢައިލާގެ އެންމެންނާ ދެކޮޅަށް އެކަމަށްވެސް އަހަރެން ހުއްދަދިނީމެވެ. ދެން ކޮށްދޭންވީ ކޮންކަމެއް ހެއްޔެވެ ؟ މަރުވާންވީ ހެއްޔެވެ ؟ އަހަރެންނަށް ފެންނަގޮތުގައި އަހަރެން މަރުވާންވީއެވެ. ބައްޕަ ފަދައިންނެވެ. އޭރަށް ، މަރިޔަމް ބޭނުންވާ މީހަކާ އިންނަން ފުރުޞަތު ލިބިގެންދާނެއެވެ. " ޚާނަމް ބުންޏެވެ.
ޚަނަމްގެ އެ ޖަޒްބާތީ ވާހަކަތަކުން ، މަރިޔަމްގެ ލޮލުން ކަރުބަ ފާއްދާލިއެވެ. އަދި ، ނޫނެކޭ ބުނެ މަންމަޔާ ގާތަށް ޖެހިލިއެވެ.
" ކަލޭމެން ތިންމީހުން ތިތިބީ އަހަރެންނާ އެއްޙާޟިރެއްގައެވެ. ބުނެބަލާށެވެ ! ނޮރޭޒްގެ އުނިވަނީ ކޮންކަމެއް ހެއްޔެވެ ؟ އެއްކަމެއްގެ ވާހަކަވެސް ބުނެބަލާށެވެ ! ވަގުތުން އެ ކައިވެންޏަށް ނޫނެކޭބުނެ ، ނިންމައިލާނަމެވެ. " ޚާނަމް ، އިތުރަށް ވާހަކަ ދައްކަމުން ގެންދިޔައެވެ.
އޭރު ، މަރިޔަމްހުރީ ގިސްލެވެމުންގޮސް ރޮވިފައެވެ. މަރިޔަމަށް އެވަގުތު އެއްވެސް ވާހަކައެއް ނުދެއްކޭނެކަން މީރަބަށް އެނގެއެވެ. އެހެންކަމުން ، ނޮރޭޒްގެ ކިބައިން އުނިވާ އެއްވެސްކަމެއް ނެތްކަމުގައި ، މީރަބް ބުންޏެވެ. ނޮރޭޒަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. މަރިޔަމް އޭނާއާ ކައިވެނިކުރަން ބޭނުން ނުވަނީއެވެ. އެއީ ކީއްވެގެންތޯ ޚާނަމް ސުއާލު ކުރިއެވެ. އެއްވެސް އަންހެންކުއްޖަކު ، މީހަކާ އިންނަން ލިބޭ ދަޢުވަތަށް އިންކާރު ކުރުމުގައި ކޮންމެވެސް ސަބަބެއް އޮންނާނެކަމަށް ޚާނަމް ބުންޏެވެ. އެ އަންހެންކުއްޖާގެ ހިތުގައި ކޮންމެވެސް ޖަޒްބާތެއް އޮންނާނެއެވެ. އެއީ ރުހުންކަމަށްވެސް ވެދާނެއެވެ. އަދި ނުރުހުންކަމަށްވެސް ވެދާނެއެވެ. އެކަހަލަ ކަމެއް މަރިޔަމްގެ ހިތުގައި އޮތީތޯ ޚާނަމް ސުއާލު ކުރިއެވެ.
މަރިޔަމް ބޯހޫރައިލާ ، އެކަހަލަކަމެއް އޭނާގެ ހިތުގައި ނެތްކަމަށް ބުންޏެވެ. މަރިޔަމް ބޭނުންވަނީ ކިޔަވާށެވެ. އެކަން އެމީހުންނާ ވާހަކަ ދައްކައިގެން ، ޚާނަމް ޙައްލުކޮށްދޭނެއެވެ. ހުރިހާ މައްސަލައެއް ޙައްލުވީ ނޫން ހެއްޔެވެ ؟ ކައިވެނީގެފަހުން ، މަރިޔަމްގެ ކިޔެވުން ކުރިޔަށް ގެންދަން އެމީހުން ހުއްދަ ދޭނެއެވެ. އެކަން ކޮށްދޭނީ ޚާނަމްއެވެ. އެހެން އެއްވެސްކަމެއް އޮތްނަމަ މިހާރު އެވާހަކަ ބުނުމަށް ޚާނަމް އެދުނެވެ. މަރިޔަމްގެ ކައިވެނި އޭނާ ކުރުވާނީ ، މަރިޔަމް ބޭނުންވާ ހުރިހާކަމެއް ފުރިހަމަ ކޮށްދިނުމަށްފަހުގައެވެ.
" މަންމާއެވެ ! މަންމަ ތިދެއްކި ހުރިހާ ވާހަކަޔަކީވެސް ރަނގަޅު ވާހަކައެވެ. އަހަރެން ދެއްކި ހުރިހާ ވާހަކައެއްވެސް ދެއްކީ ، މަރިޔަމް ބޭނުންވާގޮތެއް ސާފުކުރުމުގެ ބޭނުމުގައެވެ. " މީރަބް ބުންޏެވެ.
އޭނާއަކީ މަރިޔަމްގެ މަންމަކަމަށް ގަދައަޑުން ޚާނަމް ބުންޏެވެ. މަރިޔަމްގެ އުފަލާއި ރަނގަޅަށްޓަކައި ނޫނީ ، އޭނާ އެއްވެސްކަމެއް ނުކުރާނެއެވެ. އެކަން މަރިޔަމްގެ ސިކުނޑީގައި ބޭއްވުމަށް ޚާނަމް އެންގިއެވެ. މީރަބަކީ ، މަރިޔަމްގެ ފަހަރިއެވެ. އެކަމަށް ޝުކުރުވެރިވެ ، ފަހަރިއެއްގެ މަޤާމުގައި މީރަބް ހުރުމަށް ޚާނަމް އެންގިއެވެ.
އެއަށްފަހު ، ޙަޔާއާ ކުރިމަތިލައި ، އޭނާގެ އެއްވެސް އިޢުތިރާޒެއް އެކަމުގައި އެބައޮތްތޯ ސުއާލު ކުރިއެވެ. ޚާނަމް ހަޅޭއްލަވައިގަތްތަނާ ، ޙަޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެކަމުގައި ޙަޔާ ބުނާނެ އެއްވެސް ވާހަކައެއް ނެތްކަމަށް ޙަޔާ ބުންޏެވެ. ޚާނަމްމަންމަގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ޙަޔާ އެއްބަސް ވިއެވެ.
މުރުތަސިން ނައިސް ލަސްވެގެން އިންތިޒާރުގައި އޮއްވާ ، މީރަބަށް ނިދުނެވެ. މުރުތަސިމަށް އާދެވުނުއިރު ، މީރަބް އެނދުގައި އޮތީ ވަރަށް އުނދަގޫ ގޮތަކަށެވެ. މީރަބްގެ ބޯ ރަނގަޅުކޮށްލުމަށްޓަކައި ހިއްލައިލިތަނުން މީރަބް އެނބުރިލައި ، މުރުތަސިމްގެ އަތް އޭނާގެ ބޯދަށަށްލައި ހަމަޖެހިލިއެވެ. މުރުތަސިމަށް އޭނާގެ އަތް މީރަބްގެ ބޯދަށުން ނަގާނެ ހިތްވަރެއް ނުލިބުނެވެ. އެނދުގެ އެއްއަރިމަތީ އިށީނދެ އިންދާ މުރުތަސިމަށްވެސް ނިދުނީއެވެ.
ހެނދުނު އެންމެ ފުރަތަމަ ހޭލެވުނީ މީރަބަށެވެ. ހޭލެވުނުއިރު ކަމަކު ދާކަށް ނެތެވެ. މުރުތަސިމް އެއޮތީ ، މީރަބްގެ މޫނާ އޭނާގެ މޫނު ކިރިޔާ ނުޖެހޭވަރު ގާތުގައެވެ. ކުއްލިޔަކަށް މީރަބަށް ފުންމައިގެންފައި އެނދުމައްޗަށް ކޮޅަށް ތެދުވެވުނެވެ. މުރުތަސިމަށް ގޮވައި ހޭލައްވައިލިއެވެ. އަދި ، މުރުތަސިމް އެކުރަނީ ކީއްތޯ އާއި ރީތިކޮށް ވާހަކަ ދައްކަން ފެށީމަ އޭގެ މާނަޔަކީ އޭނާއާ ބޭނުންވަރަކަށް ކައިރިވާން ލައިސަންސް ލިބުނީ ނޫންކަމަށް މީރަބް ބުންޏެވެ. އަދި ، އމުރުތަސިމްގެ ހައްދުތަކުގެ މަތިން ، މީރަބް ހަނދާން ކޮށްދިނެވެ.
އޭނާގެ އަތް މީރަބްގެ ބޯދަށަށް ވަތްގޮތާބެހޭގޮތުން ، މުރުތަސިމް ސާފުކޮށްދިން ވާހަކަތަކުން މީރަބަށް ހަމަޖެހުން ލިބުނެވެ. އަދި ، އަތަށާއި ގަޔަށް ތަދުވޭތޯ ސުއާލު ކުރިއެވެ. މުރުތަސިމްގެ ތަނަކަށް ތަދުވިޔަސް މީރަބް ހާސްވާކަށް ނުޖެހެއެވެ. މީރަބް ބުނަން ބޭނުންވެގެން އުޅުނީ ކޮންވާހަކައެއްތޯ މުރުތަސިމް ސުއާލު ކުރިއެވެ.
" އެއީ ، ވަރަށް މުހިންމު ވާހަކަ އެކެވެ. އެވާހަކަ ދައްކަން މިތާ އެނދުމަތީ އިށީނދެލާށެވެ ! ވަރަށް ކެތްތެރިކަމާއެކީ އެވާހަކަ އަޑުއަހައި އެކަމާމެދު ވިސްނާށެވެ ! " މީރަބް ބުންޏެވެ.
މުރުތަސިމް އެނދުގައި އިށީނުމާއެކީ ، މީރަބްގެ ވާހަކަ ފެއްޓިއެވެ.
" މުރުތަސިމެވެ ! މަރިޔަމް ވަރަށް އެބަ ރޮޔެވެ. އެއީ މުރުތަސިމާއި މަންމަޔާ ދެމީހުން ، އޭނާ ނޮރޭޒާ ކައިވެނި ކުރުވާތީއެވެ. " މީރަބް ބުންޏެވެ.
އެއީ މީހަކު ރޯންވީ ސަބަބެއް ހެއްޔެވެ ؟ މަރިޔަމްގެ ކައިވެނި ކުރެވެނީއެވެ. އެކައިވެނި ކުރަން މަރިޔަމް ބޭނުންނުވާކަމަށް މީރަބް ބުންޏެވެ. މުރުތަސިމްވެސް އެކަމާ ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމަށް ވަންޏާ ، ދެން ކައިވެނިކުރަން ބޭނުންވަނީ ކާކާތޯ މުރުތަސިމް ސުއާލު ކުރިއެވެ. މުރުތަސިމް ރުޅި އިސްނުކުރުމަށް މީރަބް އެދުނެވެ. މުރުތަސިމާ އެވާހަކަ ދައްކަން މީރަބް މަސައްކަތް ކުރާތާ ކިތަންމެ ދުވަހެކެވެ. އެހެނަސް ، މުރުތަސިމް އޭނާއަކަށް އެ ފުރުޞަތު ނުދޭތީ އެވާހަކަ ނުދެއްކި އޮތީއެވެ.
އެވަގުތު ދޮރުގައި ޓަކިޖަހާލާފައި ، ޙަޔާ އައިސް އެކޮޓަރިޔަށްވަދެ ، މަންމަ އެބަގޮވާކަމުގައި މުރުތަސިމްގާތު ބުންޏެވެ. ނޮރޭޒްގެ ޢާއިލާގެ މީހުން އައިސްގެންނެވެ. މީރަބް ތުންފިއްތާފައި މުރުތަސިމާ ދިމާލަށް ބަލައިލިއެވެ. ހަމަ އެއާއެކީ ، މީރަބް ހިމޭނުން އިނުމަށް މުރުތަސިމްގެ އިނގިލީގެ ޢިޝާރާތުން އެންގިއެވެ.
އެހާ ހެނދުނުހެނދުނާ އެމީހުން އެއައީ ކީއްވެގެން ހެއްޔެވެ ؟ އެސުއާލަށް ޙަޔާ ޖަވާބު ދިނެވެ. އެމީހުން އެއައީ ، ހެނދުނުގެ ނާސްތާއަށް އެމީހުންނަށް ، ޚާނަމްމަންމަ ދަޢުވަތު ދިނީމައެވެ.
މުރުތަސިމްގެފަހަތުން މީރަބްވެސް ދުއްވައިގަތެވެ. އެކަމަށް އެއްބަސް ނުވުމަށް އެދެމުންނެވެ. މުރުތަސިމް އައީ މީރަބްގެ ހުރިހާ ކަމަކަށް ވާގިދެމުންނެވެ. އެކަމަކު ، މަރިޔަމްގެ ކައިވެނީގެ ކަންތަކުގައި މީރަބް އެވަރަށް އެކަމުގެ ތެރެޔަށް އެ ވަދެގަންނަނީ ކީއްވެތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެއީ ، މަރިޔަމް އެހެންމީހަކު ދެކެ ލޯބިވާތީކަމުގައި މީރަބް ބުންޏެވެ.
އޭރު ، މަރިޔަމް ގެންދިޔައީ ބިންމަތީގައި ހަދާފައިވާ ފަތާފެންގަނޑުކައިރީހުރެ ، އަނަސްއާ ވާހަކަ ދައްކަމުންނެވެ. އަނަސް ބާރުއަޅަމުން ގެންދިޔައީ ، ފިލައިގެން އޭނާއާއެކީ ދިއުމަށެވެ. އެމީހުން އުޅޭނެތަނަކާއި ދިރިއުޅޭނެގޮތެއް ހޯދާނީ އަނަސްއެވެ. އަނަސްއަށް އިތުބާރު ކުރުމަށް އެތައްފަހަރަކު ، މަރިޔަމްގެ ކިބައިން އޭނާ އެދުނެވެ.
އަނަސްއާ ވާހަކަ ދައްކަން މަރިޔަމް ހުއްޓާ ، އެތަނަށް ނޮރޭޒަށް އާދެވިގެން ، ފޯނު ކަނޑައިލިއެވެ. ނޮރޭޒް އެއައީ މަރިޔަމްއަށް ޝުކުރު އަދާކުރުމަށް ކަމަށް ބުންޏެވެ. އެހާ ކުޑައިރުއްސުރެ ނޮރޭޒްގެ މައްޗަށް މަރިޔަމްގެ ހިތުގައި އުފެދުނު ލޯބި ، ދެގޮތެއްނުވެ ، މަރިޔަމްގެ ހިތުގައި ބޭއްވީތީ މަރިޔަމްއަށް ނޮރޭޒް ޝުކުރު އަދާކުރިއެވެ. އަދި ، މަރިޔަމްގެ ކައިވެނީގެ ދަޢުވަތު ހިފައިގެން އައުމަށް ބުނީތީވެސް ވަކިންބޮޑަށް މަރިޔަމްއަށް ޝުކުރު އަދާކުރިއެވެ.
އެވާހަކަ ނޮރޭޒްގާތު ، އެގޮތަށް ބުނީ ކާކުތޯ މަރިޔަމް ސުއާލު ކުރިއެވެ. ނުބުނަން ހުރެފައިވެސް އެއީ ޙަޔާބުނި ވާހަކައެއްކަމަށް ނޮރޭޒަށް ބުނެވުނެވެ. އަދި އެ ވަގުތު ޙަޔާއަށްވެސް އެތަނަށް އާދެވި ، ނޮރޭޒްގެ ބުނި ވާހަކަތައް އިވުނެވެ. ޙަޔާއައީ ، ޚާނަމްމަންމަ ނޮރޭޒް ހޯދާތީ އެވާހަކަ ބުނަން ވެގެންނެވެ. ނޮރޭޒް ދާން ހިނގައިގަތުމާއެކީ ، ޙަޔާވެސް އަވަސް އަރުވާލާފައި ނޮރޭޒާއެކީ ހިނގައިގަތެވެ. އެކަމަކު ، މަރިޔަމް އޭނާ ހުއްޓުވިއެވެ. އެ ވަގުތު މީރަބަށްވެސް އެތަނަށް އާދެވުނެވެ.
ނޮރޭޒްދެކެ ކުޑައިރުއްސުރެ ، މަރިޔަމް ލޯބިވާ ވާހަކަ އާއި ކައިވެނީގެ ދަޢުވަތު ހިފައިގެން ނޮރޭޒް އައުމަށް މަރިޔަމް އެދޭވާހަކަ ނޮރޭޒްގާތު ބުނީ ޙަޔާކަމަށް މަރިޔަމް ބުންޏެވެ. އެކަމަށް ޝުކުރު އަދާކުރަންވެސް އޭނާއަށް ފުރުޞަތު ދިނުމަށް ޙަޔާގެ ކިބައިން އެދުނެވެ. އަދި ޙަޔާއާ ގާތަށް ޖެހިލައި ، އަތުގައިހުރި ބާރެއްލާފައި ، ޙަޔާގެ މޫނުމަތީ މަރިޔަމް ޖެހުމާއެކީ ، މީރަބް އައިސް އެދެމީހުން ދުރުކުރިއެވެ. ޙަޔާއަށް ވީތަދުން ، ރޮއެގަނެ ، އެކަހަލަ ވާހަކައެއް ނޮރޭޒްގާތު ނުބުނާކަމަށްބުނެ ދޮގުހަދަމުން ގެންދިޔައެވެ. އެހެނަސް ، ޙަޔާއަކީ ކާކުކަން މަރިޔަމްއަށްވެސް އެނގެއެވެ. އަބަދު އުޅޭނީ މީހުންގެ ފިރިންނާ އަޅައިގަނެގެން ދެމަފިރިން ދުރުކޮށް ، ލޯބިވާ މީހުންގެ ދެމެދަށް ވަދެ ފަނި ވައްދާށެވެ. ޙަޔާގެ މައިންބަފައިންނާއެކީ ޙަޔާވެސް މަރުވިނަމައޭ ބުނެ މަރިޔަމް ، ޙަޔާއާ ދިމާލަށް އެއްޗެތި ގޮވަމުން ގެންދިޔައެވެ. ( ނުނިމޭ )