
(7 ސެޕްޓެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)
މަރިޔަމްގެ ކައިވެންޏަށް ނޮރޭޒްގެ ޢާއިލާއިން ޚާނަމަށް ހުށަހެޅި ޚަބަރު ، އަނަސްއަށްވެސް ލިބިއްޖެއެވެ. އަނަސްގެ މަޤަޞަދަކީ ، މުރުތަސިމްގެ ކިބައިން ބަދަލު ހިފުންކަން ، އެއްވެސް މީހަކަށް އަދި ނޭނގެއެވެ. މަރިޔަމްއާ ގުޅައި ހިތަށް އައިހާ އެއްޗެއްކިޔައި ، މަރިޔަމް ރޮއްވައިލުމަށްފަހު ، ފިލައިގެންގޮސް ކޯޓުގައި ކައިވެނިކުރުމުގެ ވާހަކަ އަނަސް ފެއްޓިއެވެ. އެހެން ނޫންކަމަށް ވަންޏާ ، މަރިޔަމްއަށް އޮތީ އަނަސްގެ މަތިން ހަނދާން ނައްތައިލުމެވެ. މީރަބް އެއުޅެނީ ، މަރިޔަމް ހައްލާލައިގެން އެދެމީހުން ދުރުކުރުމަށް ކަމަށާއި މީރަބްގެ ވާހަކަޔަށް ނުހެއްލުމަށް އެދުނެވެ. އަނަސްގެ އެވާހަކަ ޤަބޫލުކުރާކަށް މަރިޔަމް ބޭނުމެއްނޫނެވެ. މީރަބަކީ ރަނގަޅު މީހެކެވެ. އޭނާއަށް ދެރަގޮތެއްވާކަށް މީރަބެއް ނޭދޭނެއެވެ.
މަރިޔަމްއަށް އޮތީ ދެގޮތެކެވެ. އަނަސްވެސް މަރިޔަމް ބޭނުމެވެ. އަދި ، މުރުތަސިމް ބޭބެގެ ލޯބިވެސް މަރިޔަމް ބޭނުމެވެ. އެހެނަސް ، މިވަގުތު ކަންކަން ހުރިގޮތުން ، އެދެކަމަކީ ، އޭނާއަށް އެއްފަހަރާ ލިބޭނެ ދެކަމެއް ނޫންކަން މަރިޔަމަށް އެނގެއެވެ. ރަޙިމުގެ ގުޅުމަކީ ، ކަނޑައިލެވޭނެ ގުޅުމެއްނޫނެވެ. މުރުތަސިމް ބޭބެގާތަށް އަންނަ ރުޅީގައި މަރިޔަމްއާ ވާހަކަ ނުދައްކާ ހުރެދާނެއެވެ. އެކަމަކު ، އޭނާއާ ވާހަކަ ނުދައްކާ ބޭބެއަށް ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ ؟ މާގިނަ ދުވަހެއްނުވެ . މީރަބްގެ އެހީތެރިކަމާއެކީ ، ހުރިހާކަމެއް ހަމަޖެހިދާނެއެވެ. އެކަމަކު ، އަނަސް އޭނާ ދޫކޮށްލައިފިނަމަ ، މަރިޔަމްގެ އަތުން އަނަސް ގެއްލިގެން އެދިޔައީއެވެ. އޭނާގެ ލޯބި އަބަދަށްޓަކައި އޭނާއާ ވަކިވީއެވެ. މުޅި ޢުމުރަށް އެކަމާ ރޮއެ ހިތާމަކުރަން ޖެހޭނެއެވެ.
އެރޭ ، އަނަސް އައިސް އެގޭތެރެޔަށް ވަގަށްވަދެ ، މަރިޔަމްއާ ގުޅައިގެން ގެންދިޔައެވެ. އަދި ، އޭނާއަށް އިތުބާރުކޮށް ، އޭނާއާއެކީ ދިއުމަށް އެދުނެވެ. އަނަސްގެ އަތުގައި ހިފައި ، މަރިޔަމް ހިނގައިގަތްތަނާ ، އެތަނަށް މީރަބަށް އާދެވިގެން އެ ހިނގަނީ ކޮންކަމެއްތޯ މީރަބް ސުއާލު ކުރިއެވެ. މަރިޔަމް ހައްލާލައިގެން އޭނާ ގޮވައިގެން ފިލައިގެން އަނަސް އެދަނީ ، ކީއްކުރަން ކޮންތާކަށް ހެއްޔެވެ ؟ އަނަސް ބިރުން އެއުޅެނީ ކޮންކަމަކާތޯ ސުއާލު ކުރިއެވެ.
" އަހަރެން އެއްވެސް މީހަކު ދެކެ ބިރެއް ނުގަނެއެވެ. އަހަރެން ، މަރިޔަމް ގޮވައިގެން ފިލައިގެން މިދަނީ ، އަހަރެންގެ ލޯބި ޙިމާޔަތް ކުރަން ވެގެންނެވެ. އަހަރެން ، މަރިޔަމްދެކެ އިންތިހާއަށް ލޯބިވަމެވެ. އަހަރެމެންގެ ކައިވެންޏަށް ، މުރުތަސިމް އެއްބަސް ވެދާނެއެވެ. އެކަމަކު ، މަރިޔަމްގެ މަންމަ އެކަމަށް އެއްބަހެއް ނުވާނެއެވެ. އަހަރެމެންގެ ލޯތްބަށް އިޙްތިރާމްކުރާ އެއްވެސް އިންސާނަކު ނެތެވެ. " އަނަސް ބުންޏެވެ.
މަރިޔަމްދެކެ އަނަސް ކިތަންމެ ލޯބިވިޔަސް އެހަދަނީ ގޯހެކެވެ. މަރިޔަމްގެ ކައިވެނީގެ ހުށަހެޅުން ހިފައިގެން ، އަނަސްގެ ޢާއިލާއާއެކީ ، ޤަދަރުވެރިކަމާއެކީ އައުމަށް ، އަނަސް އަށް މީރަބް އެންގިއެވެ.
މީރަބް އެބުނިގޮތަށް ޢަމަލުކުރުމަށްވެސް ، އަނަސްހުރީ ތައްޔާރަށެވެ. މީރަބްގެ ފިރިމީހާ އެކައިވެންޏަށް އެއްބަސްކުރުވުމަށް ، މީރަބްގެ ކިބައިން އަނަސް އެދުނެވެ. އެއީ އަނަސް ކަންބޮޑުވާންޖެހޭ ކަމެއްނޫނެވެ. މީރަބަށް އެކަން ދޫކޮށްލުމަށް މީރަބް އެދުނެވެ.
" އަދވެސް މީރަބް ތިއުޅެނީ ، އަހަރެމެންގެ ކައިވެނީގެ ވާހަކަ މުރުތަސިމާ ނުދައްކައެވެ. ނޮރޭޒްގެ ކައިވެނީގެ ހުށަހެޅުން ހިފައިގެން އެމީހުން މިހާރު އަތުވެއްޖެއެވެ. ނޮރޭޒްގެ ޢާއިލާއަކީ ، ޚާނަމް މެންނާ ގުޅޭ މުއްސަނދި ޢާއިލާއެކެވެ. އެ ހުށަހެޅުން ޤަބޫލުނުކޮށް ، އަހަރެންގެ ހުށަހެޅުން ޚާނަމްމެން ޤަބޫލުކޮށްފާނެ ހެއްޔެވެ ؟ " އަނަސް ސުއާލު ކުރިއެވެ.
ނޮރޭޒްގެ ޢާއިލާއިން މަރިޔަމްގެ ކައިވެންޏަށް ހުށަހެޅި ހުށަހެޅުމަށް އިންކާރު ކުރެވުނު ވާހަކަ ، އަނަސްގާތުގައި މަރިޔަމް އޮތީ ބުނެފައެވެ. އެކަމަކު ، އެކަން އެނގޭކަމަކަށް އަނަސްއެއް ނުހަދައެވެ. އޭގެ މާނަޔަކީ ، އަނަސްގެ ނުބައި ރޭވުމެއް އެބަ އުޅޭކަމެވެ. މީރަބް އެކަން ހަނދާންކޮށްދިނީމާ ، އެކަމަށްވެސް އަނަސް ޖެހީ ޖޯކެކެވެ. ނޮރޭޒްގެ ހުށަހެޅުމަށް އިންކާރު ކުރިޔަސް ، ރަނގަޅު އެހެން ހުށަހެޅުމެއް އަތުވެއްޖިއްޔާ ، ޤަބޫލުކޮށް ، އަނަސް އަށް އިންކާރުކުރާނެ ވާހަކަ އަނަސް ބުންޏެވެ. އޭރަށް މަރިޔަމްގެ ކައިވެނީގެ ވާދަވެރިކަމެއް އުފެދޭނެއެވެ.
" އެ ވާދަވެރިކަމަށް އަނަސް ބިރުގަންނަނީ ކީއްވެ ހެއްޔެވެ ؟ ކެރިގެން ކުރިމަތިލާންވީ ނޫން ހެއްޔެވެ ؟ މަރިޔަމްދެކެ އެންމެ ލޯބިވަނީ އަނަސްކަން ސާބިތު ކޮށްދޭށެވެ ! އެކަމަކު ތިގޮތަށް ފިލައިގެންދާން ފިނޑިމީހަކަށް ނުވާށެވެ ! " މީރަބް ބުންޏެވެ.
މީރަބްގެ ސުއާލަށް ދޭނެ ޖަވާބަކަށް ، އަނަސް ވިސްނައިލިއެވެ. އޭނާއަށް ދެއްކޭނެ މާގިނަ ބަހަނާއެއް ނެތެވެ. އަނަސް އަށް އެހެން ހަދަން މަޖްބޫރު ކުރުވީ މަރިޔަމްދެކެ ، އޭނާ އިންތިހާއަށް ލޯބިވާތީކަމުގައި އަނަސް ބުންޏެވެ.
މުރުތަސިމް އެކަމަށް އެއްބަސްވާނެކަމަށް މީރަބް ބުންޏެވެ. މުރުތަސިމަކީ ، މަރިޔަމްގެ ބޭބެއެވެ. މަރިޔަމްދެކެ ނުލާހިކު ލޯބިވެއެވެ. މަރިޔަމަށް ދެރަގޮތެއް ވާކަށް މުރުތަސިމެއް ނޭދޭނެއެވެ.
އަނަސްގެ ވާހަކަ ބަދަލުކޮށްލިއެވެ. އެކަން މީރަބަށް ކުރެވިދާނެތޯ ސުއާލު އުފެއްދިއެވެ. މީރަބަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ. މުރުތަސިމްދެކެ މީރަބް ބިރުގަނެއެވެ. އެހެން ނޫންކަމަށް ވަންނާ ، މުރުތަސިމް އެކަމަށް އެއްބަސް ކުރުވުމަށް ވަޢުދުވެދާނަންތޯ އަނަސް ސުއާލު ކުރިއެވެ. މީރަބަކީ ، ޙައްޤުގެ ކުރިމަތީ އެއްވެސް މީހަކުދެކެ ބިރުގަންނާނެ މީހެއްނޫނެވެ. މުރުތަސިމް ، އެކަމަށް އެއްބަސް ކުރުވުމަށް މީރަބް ވަޢުދުވިއެވެ. އަނަސް ގާތަށް ހިނިއައެވެ.
އެ ވަޢުދު ، މީރަބަށް ނުފުއްދިއްޖިއްޔާ ދެން ހަދާނީ ކިހިނެއްތޯ އަނަސް ސުއާލު ކުރިއެވެ. އެހެން އެކަން ވެއްޖިއްޔާ ، އަނަސްއާއެކީ ފިލައިގެން މަރިޔަމްދިއުމަށް މަގުފަހިކޮށްދޭން ޖެހޭނެކަމަށް އަނަސް ބުންޏެވެ. އަނަސްގެ އެ ސުއާލަކީ ، މީރަބަށް ޖަވާބެއްދޭން އުނދަގޫ ސުއާލެކެވެ. އެހެނަސް ، އެކަމަށްވެސް މީރަބް ވަޢުދު ވިއެވެ. އަނަސްއަށް ، އެއްވެސް މަގެއް މީރަބް ނުދެއްކިއެވެ. ކޮންމެ ޙާލެއްގައިވެސް އެގޮތަށް ، ގަދަކަމުން މަރިޔަމް ގޮވައިގެން ، ފިލައިގެންދާން އަނަސްއަށް ފުރުޞަތު ނުދިނުމަށް މީރަބް ނިންމިއެވެ.
" އެހެންކަމަށް ވަންޏާ ، މަރިޔަމްއަކީ އަހަރެންގެ އަމާނާތެކެވެ. އެ އަމާނާތް ، މީރަބާ އަހަރެން މި ޙަވާލު ކުރީއެވެ. އެ އަމާނާތްބަލައި އަހަރެން އަންނާނަމެވެ. " އަނަސް ބުންޏެވެ.
އަނަސް އެހެންބުނުމަށްފަހު ، އެގެއިން ނުކުމެގެން ދިޔައެވެ.
މީރަބްވެސް ، އަނަސްގެ ޢަމަލަށް ނުރުހުންވެ ހުރެ ، މަރިޔަމާ ދިމާލަށްވެސް ނުރުހުމުގެ ލޮލަކުން ބަލާލައި ގޭތެރެޔަށް ވަދެގެން ދިޔައެވެ. މަރިޔަމްވެސް ، މީރަބްގެ ފަހަތުންގޮސް ، އޭނާގެ ވާހަކަ އަޑުއަހައިލުމަށް މަރިޔަމް އެދުނެވެ. އެކަމަކު ، މަރިޔަމްގެ ވާހަކަ ، މީރަބް އަޑުއަހަންވީ ކީއްކުރަން ހެއްޔެވެ ؟ އަނަސްއާއެކީ ފިލައިގެން ދާން ނިންމިއިރު ، މީރަބް ކޮބައިހެއްޔެވެ ؟ އޭނާއާ އެއްވެސް ވަރަކަށް މަޝްވަރާކޮށެއް ނުލައެވެ. މަރިޔަމް އެގޮތަށް ފިލައިގެން ދިޔައިމަ ދެންވާނެ ގޮތަކާމެދު މަރިޔަމް ވިސްނައިލި ހެއްޔެވެ ؟ މިހާރު ދެން އޭނާއާ ދައްކަން ބާކީއޮތީ ކޮންވާހަކައެއް ހެއްޔެވެ ؟ އެ ޢާއިލާގެ މުޅި ޢިއްޒަތާއި ޤަދަރަށް މަރިޔަމް ވިސްނައެއް ނުލައެވެ. އެއީ މަރިޔަމްގެ އަމިއްލަ ނަފްސަށްވުރެ އަގުބޮޑު އެއްޗެއްކަން ، މަރިޔަމްއަށް މީރަބް ހަނދާން ކޮށްދިނެވެ. މަރިޔަމްއަށް އަނަސްގެ ބަހަށް ހެއްލުނީއެވެ. އޭނާގެ ލޯތްބަށްޓަކައި ، އެފިޔަވަޅު އެޅުމަށް މަރިޔަމަށް މަޖްބޫރުވީއެވެ.
" މަރިޔަމްއެވެ ! ލޯތްބަކީ ޤުރްބާނީއަށް ބޭނުންވާ އިޙްސާސެކެވެ. ލޯބި ބޭނުންވަނީ ފުރާނަކަމަށްވިޔަސް ، ޤުރްބާންކުރަން ޖެހޭނެއެވެ. އަމިއްލަ ނަފްސު އިސްކޮށްގެން ނުވާނެއެވެ. އެކަމަކު ، ލޯބި ޙާޞލްކޮށްގެން ދުނިޔޭގައި ދިރިއުޅެން ބޭނުންނަމަ ، އަމިއްލަ ނަފްސުގެ ޢިއްޒަތާއި ޤަދަރުގެމަތިން ހަނދާން ކުރަން ޖެހޭނެއެވެ. " މަރިޔަމަށް ނަޞޭޙަތްދެމުން މީރަބް ގެންދިޔައެވެ.
މީރަބްގެ ވާހަކަ ، މަރިޔަމްއަކަށް ޤަބޫލެއް ނުކުރެވެއެވެ. އަނަސްގެ ލޯތްބަށްޓަކައި ، ޢާއިލާގެ އުޞޫލުތަކާއި މުސްކުޅި އާދަތައް ޤުރްބާން ކުރާނެކަމަށް މަރިޔަމް ބުންޏެވެ. އެކަމާ ކަންބޮޑުނުވުމަށް މަރިޔަމްގާތު މީރަބް ބުންޏެވެ.
މީރަބްވެސް އެގެޔަށް ގެނެވުނީ ގަދަކަމުންނެވެ. އޭނާގެ ކައިވެނި ކުރެވުނީ ގަދަކަމުންނެވެ. މީރަބަށް ކުރިމަތިވި ޙާލަތާ ، މަރިޔަމްއަށް ކުރިމަތިވިޔަ ނުދޭނެކަމަށް މީރަބް ވަޢުދު ވިއެވެ. އެގެޔަށް ގެނެވުމާގުޅިގެން މީރަބް ތަޖްރިބާކުރި އެއްވެސް ހިތާމައަކާއި ތަކްލީފެއް ، އެ ޢާއިލާގެ އެއްވެސް އަންހެންކުއްޖަކަށް ކުރިމަތިވިޔަ ނުދޭނެކަމަށް މީރަބް ބުންޏެވެ.
މަރިޔަމްގެ ހިތަކަށް މީރަބަށް ތަސައްލީއެއް ނުދެވުނެވެ. ނޮރޭޒްގެ ކައިވެނީގެ ހުށަހެޅުމުގެ ފަހުން ، އަނަސް އެހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. މާގިނަ ދުވަހަކު އޭނާ އިންތިޒާރެއް ނުކުރާނެއެވެ. އެހެންކަމުން ، މުރުތަސިމާ އެވާހަކަ ދެއްކުން އަވަސްކުރުމަށް މަރިޔަމް އެދުނެވެ. އަދި ، އަނަސްއާއި މަރިޔަމްއަށް ވީ ވަޢުދުގެ މަތިންވެސް މަރިޔަމް ހަނދާން ކޮށްދިނެވެ. މުރުތަސިމް އެކަމަށް އެއްބަސް ނުވެއްޖެނަމަ ، މީރަބް އެމީހުންނަށްވީ ވަޢުދު ފުއްދައިދޭން ޖެހޭނެކަމަށް މަރިޔަމް ބުންޏެވެ.
ޞޯބިރާ އެ ޢަމަލުކުރިގޮތުން ، ޚާނަމް އަދިވެސްހުރީ ރުޅިއައިއްސައެވެ. އެ ކަންބޮޑުވުމުގެ ތެރޭގައި ހުއްޓާ ، ޚާނަމްގެ ގާތް ރަޙްމަތްތެރިޔެއްކަމުގައިވާ ޢަޒްމަތު އެގެޔަށް ޒިޔާރަތް ކުރުމުން އެވާހަކަ ޚާނަމަށް ފެއްޓުނެވެ. ޢަޒްމަތަށް ފެނުނުގޮތުގައި ނޮރޭޒަކީ ދޫކޮށްލާވަރަށްވުރެ ރަނގަޅު ކުއްޖެކެވެ. އެކަހަލަ ކުއްޖަކު ލިބޭނީ ވަރަށް މަދުންނެވެ. ޙަޔާއަށް ކަމަށް ވިޔަސް އަދި މަރިޔަމްއަށް ކަމަށްވިޔަސް ، ނޮރޭޒަށްވުރެ ވަކިން ރަނގަޅު ކުއްޖަކު ނުހުންނާނެއެވެ. މަރިޔަމްއަކީ ، ޙަޔާއާ ޚިލާފަށް ކިޔަވައިގެންހުރި ކުއްޖެކެވެ. ޙަޔާއަށްވުރެ މަރިޔަމްއާ ނޮރޭޒްގެ ގުޅުމުގެ މުހިންމުކަން ޢަޒްމަތުގެ ވާޙަކައިން ޚާނަމްގެ ސިކުނޑިޔަށް ވެއްދިއެވެ.
ޚާނަމްގެ މައްސަލަޔަކީ ، އެއްދަރިއެއްގެ ކައިވެންޏަށް ހުށަހަޅައި ، އިރުކޮޅަކުން އެކަން ކެންސަލްކޮށް ، އަނެއްދަރީގެ ކައިވެންޏަށް އެދުމެވެ. އެއީ ، ކުޅޭކުޅޭ ކުޅިވަރަކަށް ހެދުމެވެ. އެއީ ޚާނަމްގެ އުޞޫލުތަކާ ޚިލާފު ކަމެކެވެ. އެހެންނަމަވެސް ، ޢަޒްމަތުގެ ވާހަކައިން ، ޞޯބިރާމެންގެ މައްޗަށް ޚާނަމްގެ ހިތުގައި އުފެދިފައިއޮތް ނުރުހުން ބަދަލު ކޮށްލިއެވެ. އެކަމަކުވެސް ، ނޮރޭޒް އެގޭގެ ކުއްޖަކާ ދެވާނީ ، ވަރަށްބޮޑަށް އެކަމާ ވިސްނާފައިކަމުގައި ޚާނަމް ނިންމިއެވެ.
މަރިޔަމް ގުޅާގުޅާ ، އަނަސް ފޯނެއް ނުނަގައެވެ. ކޮންމެ ފަހަރަކުވެސް ކަނޑައިލަނީއެވެ. އެރޭ ، އޭނާއާއެކީ މަރިޔަމް އައިނަމަ ، މުރުތަސިމް ޚާންގެ ހަނދާނުން އެކަން ނުފިލާވަރުގެ ހަދިޔާއެއް ، މަރިޔަމްލައްވާ ދޭނެއެވެ. އެއީ މަރިޔަމްގެ ނަޞީބުކަމެއް އަނަސްގެ ނަޞީބުކަމެއް ނޭނގެއެވެ. މަރިޔަމް ވަގަށްނަގަން އަނަސްކުރި މަސައްކަތް ނާކާމިޔާބު ކޮށްލީ މީރަބެވެ. އެކަމާ މީރަބްދެކެ އަނަސްގެ ހިތުގައި އުފެދިފައި އޮތް ރުޅިވެރިކަން ބޮޑުވެގެން ދިޔައެވެ. މީރަބަށް އަނަސްގެ ކިބައިން މަރިޔަމް ސަލާމަތްކޮށްގެން ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ ؟ އެއްދުވަހަކުން ، މަރިޔަމްއަށް ހަދާލާގޮތުން މުރުތަސިމްގެ މުޅި ޙަޔާތް ބަރުބާދުކޮށްލާނެއެވެ. އެއީ ، އަނަސް އޭނާގެ އަމިއްލަ ނަފްސަށް ކޮށްގެންހުރި ހުވައެކެވެ. އެއީ މަލިކު ޒުބޭރަށްޓަކައި ، އަނަސްކޮށްގެންހުރި ހުވައެކެވެ. އެކަން އެނގޭނީ ހަމައެކަނި ޒުބޭރަށާއި އަނަސްއަށް އެކަންޏެވެ.
ސިފައިން ގޮވައިގެން މަލިކު ޒުބޭރުގެ ގެޔަށް އަންވަރު ދިޔަ ދުވަހެކެވެ. އަންވަރު ދިޔައީ ، ޒުބޭރު ހައްޔަރުކުރުމުގެ އަމުރުވެސް ހިފައިގެންނެވެ. އެކަން ސިފައިންނަށް ހުށަހެޅީ މުރުތަސިމް ޚާނެވެ.
މަލިކުވަނީ ، މުރުތަސިމާ ބައްދަލުކޮށް މަޢާފަށް އެދިފައެވެ. އަދި މުރުތަސިމްވެސްވަނީ ، ޒުބޭރަށް މަޢާފުކޮށްފައެވެ. އަނެއްކާ މުރުތަސިމް ، އެ މައްސަލަ ހުށަހެޅީ ކީއްވެގެން ހެއްޔެވެ ؟
މުރުތަސިމާއި މަލިކާ ދެމެދުގައިވާ ދެކޮޅުވެރިކަން ދޫކޮށް ، އެދެމީހުން ރަޙުމަތްތެރިކަން އިޚްތިޔާރު ކޮށްފައިވާކަން އަންވަރަށްވެސް އެނގެއެވެ. އެކަމަކު ، މަލިކުގެ ދަރި ، ޒުބޭރުގެ ހިތުތެރޭގައި އަދިވެސް އޮތީ ޙަސަދަވެރިކަމެވެ. ބައްޕަގެ އެ ނިންމުމަށް ޒުބޭރު އިޙްތިރާމެއް ނުކުރެއެވެ. އަދިވެސް ، ޒުބޭރު އެގެންދަނީ ، މުރުތަސިމަށް ޖެއްސުންކޮށް ދިމާކުރަމުންނެވެ. މަލިކު އެގެންދަނީ ، ދެލޯ މަރައިގެންހުރެ ޒުބޭރަށް އިތުބާރު ކުރަމުންނެވެ. ޒުބޭރުގެ ޙަޤީޤަތް އެނގޭ ދުވަހަކުން ، ޚުދު މަލިކުވެސް ޒުބޭރަށް ބަދު ދުޢާ ކުރާނެއެވެ.
މަރިޔަމްއާއި ނޮރޭޒްގެ ގުޅުމާބެހޭގޮތުން ، މުރުތަސިމާވެސް ޚާނަމް މަޝްވަރާ ކުރިއެވެ. ނޮރޭޒަކީ ރަނގަޅު ކުއްޖެއްކަމަށް މުރުތަސިމަށްވެސް ފެނުނެވެ. މުރުތަސިމް ބޭނުންވަނީ ، މަރިޔަމްވެސް ރަނގަޅު ކުއްޖަކާ ދެވުމަށެވެ. ރޮނޭޒާއި މަރިޔަމްގެ ކައިވެންޏަށް މަންމަ އެއްބސްވާނަމަ ، އެކަމަށް މުރުތަސިމް އިޢުތިރާޒެއް ނުކުރާނެއެވެ. މަރިޔަމްގެ ކިޔެވުން ކުރިޔަށް ގެންދާކަށް ނޮރޭޒް ހުރަހެއް ނާޅާނެއެވެ. މުރުތަސިމާއި ޚާނަމްއާ ދެމައިންގެ ވާހަކައިގާ އެހެން ނުކުތާއެއްވެސް މުރުތަސިމް ފާހަގަ ކުރިއެވެ. އެއީ ، ޒުބޭރު ހައްޔަރު ކުރި ވާހަކައެވެ. އެހެންނަމަވެސް ، ޒުބޭރު ހައްޔަރު ކުރުމުން ، އަންވަރާ ދިމާލަށް ވަރުގަދަ ބަހެއް އެއްލިކަމަށް މުރުތަސިމް ބުންޏެވެ. މުރުތަސިމްގެ ޢާއިލާ ހަލާކުކޮށްލުމަށްޓަކައި ، ޒުބޭރު މަސައްކަތް ކުރާނެ ވާހަކައެވެ. އަދި ، އެކަން ޒުބޭރު ކުރާނީ ، އެގޭގެ އަންހެންދަރިޔަކަށް ގެއްލުމާއި ހަލާކު ދީގެންކަމަށް ، އަންވަރުގާތު ޒުބޭރު ބުނިކަމަށް މުރުތަސިމް ބުންޏެވެ.
މަރިޔަމާއި ނޮރޭޒްގެ ކައިވެންޏަށް ޚާނަމް އެއްބަސްވިކަން ، ނޮރޭޒަށް ޙަޔާ އެންގިއެވެ. މަރިޔަމް ގާތުގައިވެސް ޚާނަމް އެވާހަކަ ދެއްކިއެވެ. އަދި ، މަރިޔަމް އެކަމަށް އެއްބަސްވުމަށް އެދުނެވެ. މުރުތަސިމްވެސް މަރިޔަމްއަށް އެކަމަށް ބާރު އެޅިއެވެ. އެހެންނަމަވެސް ، އަޞްލު ޙަޤީޤަތް އެއްވެސް މީހަކަށް ނޭނގެއެވެ. އެކައިވެންޏަށް މަރިޔަމް ދެކޮޅުހަދާ ސަބަބުވެސް ، މީރަބާއި ޙަޔާނޫން މީހަކަށް ނޭނގެއެވެ. މަރިޔަމާއި ނޮރޭޒްގެ ކައިވެންޏަށް އެންމެ ބޮޑަށް ބާރު އަޅަނީ ޙަޔާއެވެ. އެއީ ، އޭނާގެ އަތުގައިވާ ފޮޓޯތައް އެއީ ، މުޅި ގޭތެރެ ހަލަބޮލިކޮށްލާނެ އެއްޗަކަށް ހަދަން ޙަޔާ ބޭނުންވާތީއެވެ. މުރުތަސިމްގެ ހިތުގައި މީރަބްގެ މައްޗަށް ނަފްރަތު އުފެއްދުމަށްޓަކައި އެއީ ހަތިޔާރަކަށް ހަދަން ޙަޔާ ބޭނުން ވެއެވެ. އެ ޙަޤީޤަތް ހާމަ ކުރުމުގެ ވަގުތު އަދި ނާދެއެވެ. ބޮން ގޮއްވައިލުމަށްޓަކައި ވަގުތެއް އޮންނާނެއެވެ. އެވަޤުތަކީ ، މީރަބްގެ އަތުން ، މުރުތަސިމް އަތްދޫކޮށްލާނެ ވަގުތެވެ. ޙަޔާ މަޑުން އެހުންނަނީ އެވަޤުތުގެ އިންތިޒާރުގައެވެ. އެ ވަޤުތުން ފެށިގެން ، މުރުތަސިމްވާނީ ޙަޔާގެ މިލްކަކަށެވެ. މީރަބްގެ ބާބު އެހިސާބުން އެ ނިމުނީއެވެ. ( ނުނިމޭ )