އަންދަލުސްގެ ބާޒު – 47

(1 އޯގަސްޓް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފުރޮޅިލުމެއް

(1)

ބޮޑުވަޒީރު ފޮނުވައިލުމަށް ފަހު އަބޫ ޢަބްދުﷲ ގޮސް އަންހެނުންނަށް ޚާއްސަ ބަޔަށް ވަންއިރު ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާ ރާނީގެ ކޮޓަރިކޮޅާ ދިމާއަށް ހިނގައިގަތީމާ ކަނީޒަކު ކުރުނީސްކޮށްފައި ބުނެފިއެވެ. [ރާނީއާއި އެކަމަނާގެ މަންމާފުޅު ވަޑައިގެންވީ އަލްޙަމްރާގެ ބޮޑު ދޮރާށީގެ ބުރުޒުގައެވެ.]

އަބޫ ޢަބްދުﷲ ކަންބޮޑުވެފައި ކުޑައިރުކޮޅަކު ހުއްޓިގެން ހުއްޓެވެ. [އެ މީހުން މިތާނގައި ތިއްބަސް މުޒާހަރާކުރާ މީހުންގެ ހަޅޭކުގެ އަޑު އިވޭނެއެވެ.] އޭނާގެ އަޑުގައި ހުރީ ހިތިކަމެވެ.

ކަނީޒު އަހައިފިއެވެ. [އިއްޒަތްތެރި ރަސްގެފާނު ވަޑައިގެން ހުންނެވި ވާހަކަ އަޅުގަނޑު ގޮސް ރާނީއަށް ދަންނަވަންތޯއެވެ؟]

އަބޫ ޢަބްދުﷲ ބުންޏެވެ. [ނޫނެކެވެ. އަހަރެން އެތަނަށް ހިނގައިދާނަމެވެ.]

އަބޫ ޢަބްދުﷲ އަންހެނުންނަށް ޚާއްސަ ބައިން ނުކުމެއްޖެއެވެ. ހަށިފާރަވެރިން އޭނާގެ ފަހަތުން އާދެއެވެ. ކުޑަ ތަންކޮޅަކަށް ގޮސްފައި އޭނާ އަނބުރައިލިއެވެ. [އަހަރެން އެކަނި ހުންނާން ދޫކޮށްލާށެވެ.]

ހަށިފާރަވެރިން އޭނާ ދޫކޮށްލައިފައި ހިނގައްޖެއެވެ. އަބޫ ޢަބްދުﷲ ސަންގުމަރުމަރު ހިލައިގެ މަތީން ގޮސް މިސްރާބުޖެހީ ބޮޑު ދޮރާށްޓާ ދިމާއަށެވެ.

މުޒާހިރާކުރާ މީހުންގެ އަޑު އޭނާއަށް ކުރިއަށްވުރެ ސާފުކޮށް އެބައިވެއެވެ. ބުރުޒުގެ ސިޑިއާ ހަމައަށް ގޮސްފައި އޭނާ ހުއްޓިހުރެ ހިތާމަޔާއެކު ވިސްނަމުން ގެންދިޔައެވެ. އޭނާ އަނބިމީހާ ގާތަށް ދިޔައީ ދިރިއުޅުމުގައި އޭނާ އަޅާން އުޅޭ ވަރަށް ހިތި އެހެންނަމަވެސް މުހިއްމު ފިޔަވަޅަކާ މެދު ވާހަކަ ދައްކައިލާށެވެ. އެކަމަކު އެ ފިޔަވަޅަށް އަމަލީ ސިފައެއް ގެނެވޭނޭ ކަމުގެ ޔަގީންކަމެއް އޭނާގެ ކިބަޔަކު އަދިވެސް ނެތެވެ. އަލްޙަމްރާއިން ބޭރުގައި އޭނާ ހޭދަކޮށްފައިވަނީ ދިރިއުޅުމުގެ ވަރަށް މަދު ވަގުތުކޮޅެކެވެ. މިއީ އޭނާގެ މުޅި ދުނިޔެއެވެ. އޭނާގެ ސުވަރުގެއަކީވެސް މިއީއެވެ. އެކަމަކު ހާލަތު ނިޔާކުރި ގޮތުން އޭނާއަށް މިހާރު ޖެހިފައިވަނީ މި ގަނޑުވަރުން ނުކުންނާށެވެ. [ދިރިހުރެގެން މި ގަނޑުވަރު ދޫކޮށްލުމަކީ އަހަންނަށް ކުރެވިދާނޭ ކަމެއް ހެއްޔެވެ؟ ގަނޑުވަރުގެ ދޮރު އަހަންނަށްޓަކައި ބަންދު ވުމަށް ފަހު އަލުން ހުޅުވިދާނެ ހެއްޔެވެ؟ މިކަމަށްޓަކައި އަހަންނަށް ޖެހޭނީ ފެރްނާންދޯގެ އެހީތެރިކަން ހޯދާށެވެ. އެ ނޫން އެއްވެސް ގޮތެއް ނެތެވެ. އޭނާ ހުރީ އަހަންނަށް އެހީތެރިވާން ތައްޔާރަށެވެ. މިހާރު މި އޮތީ ހަމައެކަނި ބައްޕައާއި ބޮޑުބޭބެއާ ދެކޮޅަށް އެކަންޏެއް ނޫނެވެ. އަހަރެންގެ ރައްޔިތުންނާ ދެކޮޅަށް ކަނޑި އުފުލައިލުމަށްޓަކައި ފެރްނާންދޯގެ އެހީއަށް އެދޭން ޖެހިފައެވެ. އެކަމަކު އަހަންނަށް ލިބުނު ނާކާމިޔާބީއާއެކު ޚުދު އޭނާއަށްވެސް ބޮޑު ނުރައްކާތެރިކަމަކާ ކުރިމަތިލާން ޖެހޭ ފަދަ ހަނގުރާމައެއް ކުރާން ފެރްނާންދޯ އެއްބަސްވާނެ ހެއްޔެވެ؟ ހަނގުރާމައިން އޭނާ ބަލިވެއްޖެނަމަ އަހަންނާއި އަހަރެންގެ ބައިވެރިންގެ ނިމުން އަންނާނީ އިބުރަތުން ފުރިފައިވާ ގޮތަކަށް ނޫން ބާވައެވެ؟ އޭނާއަށް ކާމިޔާބުވެއްޖެ ނަމަ އަހަންނަކީ އެ ކާމިޔާބީގެ ބައިވެރިއެއް ކަމަށް ބަލައި އިނާމު ހައްގުވާ މީހަކު ކަމަށް ގަބޫލު ކޮށްފާނެ ހެއްޔެވެ؟]

މި ސުވާލުތަކުގެ ޖަވާބުވެސް އައީ އޭނާގެ ހިތުގެ އަޑިންނެވެ. [އަބޫ ޢަބްދުﷲއެވެ. ކަލެއަކީ ގްރަނާދާގެ އުޑުގައި ހުރި ސުންޕާ ތަރިއެކެވެ. ފެރްނާންދޯ މެދުވެރިކޮށް އަމިއްލަ އެދުމުގައި ގްރަނާދާގެ ދޮރު ހުޅުވުން ވެގެން ދާނީ ގްރަނާދާގެ އިސްލާމުންގެ ބާރާއި ދިފާޢު މުޅީން ފުނޑުފުނޑު ކޮށްލުން ކަމުގައެވެ. އަލްޙަމްރާގެ ދޮރާށި ދޮށުގައި ހުންނާނީ އިސްލާމުންގެ ގަބުރުތައް ފުނިޖެހިފައެވެ. ކަލެއަށް ފެރްނާންދޯގެ އެހީތެރިކަމާއެކު ލިބޭ ތަޚުތަކަށް، މިހާރު ބޭރުގައި ތިބެގެން އެ ހަޅޭއްލަވާ އިސްލާމުން އިހުތިރާމެއް ނުކުރާނެއެވެ. އިސްލާމުންގެ ގަބުރުތަކުގެ މަތީގައި ބައިންދައިގެން އުޅޭ ތަޚުތުގައި ކަލޭ އިށީނީމާ އެމީހުން ބަލާނީ ކަލޭ ތިޔައީ ޣައްދާރެއް ކަމުގައެވެ. އެކަމަކު މިހާރު ކުރިމަތީގައި މި އޮތީ ފުރާނަ ސަލާމަތްކުރުމެވެ. މި ގަނޑުވަރުގައި އެއް ދުވަސް ނުވަތަ ދެ ދުވަހަށްވުރެ ގިނަ ދުވަހަކު އަހަންނަކަށް ނުހުރެވޭނެއެވެ. އަހަރެންގެ ބޮޑުބޭބެ ގްރަނާދާއަށް ހަމަލަދޭނެކަން ޔަގީނެވެ. ރުޅި އައިސް ފުފިފައި އެތިބަ މީހުން ބޮޑުބޭބެއަށް ތާއީދު ކުރާނެއެވެ. އެހީތެރިވާނެއެވެ. ދެން ބޮޑުބޭބެ އަހަރެންގެ ވައުވެފައިވާ ބައްޕަ ގެނެސް ތަޚުތުގައި ބައިންދާނެއެވެ. ބައްޕަ ވާނީ ކުޅޭކުޅޭ ބުދަކަށެވެ. ވެރިކަން ކުރާނީ ބޮޑުބޭބެއެވެ. އޭނާގެ ބޭނުން ފުދުނީމާ ފެރްނާންދޯއާާ ސުލްހަވެރިވުމަކީ ނުވާނެ ކަމެއް ހެއްޔެވެ؟ ހަމައެކަނި އަހަރެންގެ ހައްގުގައި ފެރްނާންދޯ ބޮޑުބޭބެއާ ދެކޮޅު ހަދާނެ ހެއްޔެވެ؟ ނުވަތަ އަމިއްލަ ފައިދާގެ އެދުމުގައި އަހަރެން ބޮޑުބޭބެއާ ހަވާލު ނުކުރާނެ ހެއްޔެވެ؟ އަހަރެން މިހިރީ އަމިއްލަ އެދުމަށްޓަކައި އުފަން ބައްޕަވެސް ގުރުބާންކޮށްފައި ނޫން ހެއްޔެވެ؟ މަލަޚާގެ އާދައިގެ ލަޝްކަރެއްގެ އަތުން ބަލިވީމާ ފެރްނާންދޯގެ ކުރިމަތީގައި އޮންނާނީ އަހަރެންގެ ކޮން އަގެއް ހެއްޔެވެ؟]

މިފަދަ ކަންބޮޑުވާ ކަހަލަ ޚިޔާލުތަކުން ސަލާމަތް ވުމަށްޓަކައި މީގެ ކުރިން އޭނާ ހޯދަނީ އަބޫ ދާވޫދްގެ ޖާދުވީ ވާހަކަތަކުގެ އެހީއެވެ. އަބޫ ދާވޫދް ކައިރީގައި އުޅުނު އިރު މާ ބޮޑު ވިސްނުމެއް ވިސްނާކަށް އޭނާއަކަށް ނުޖެހެއެވެ. މިހައިތަނަށް އެޅުނު ކަތި ފިޔަވަޅުތައް އެޅުނީ، އެ ފިޔަވަޅުތަކުގެ ބިރުވެރި ނަތީޖާއާމެދު ވިސްނައިލުމުގެ ފުރުސަތު އޭނާއަށް އަބޫ ދާވޫދް ނުދިނީތީއެވެ. އޭނާ ފިކުރު ބޮޑުވެފައި ހުންނަތަން ފެނުމާއެކު އަބޫ ދާވޫދް ބުނެއެވެ. އަންދަލުސްގެ ރަސްގެފާނަކީ ތިޔާހެން ފިކުރުފުޅު ބޮޑު ކުރައްވާން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ރަސްކަލުންނަކީ މިފަދަ މަރުހަލާތައް ކަޑައްތުކުރައްވާން ޖެހިވަޑައިގަންނަވާ ބޭފުޅުންނެވެ. ރަސްކަލުންގެ ހިތްޕުޅު ވާންޖެހޭނީ ވަރުގަދަ ހިތްޕުޅަކަށެވެ. އޭނާގެ ދިރިއުޅުމުގެ އަމާން ބޮއްކުރާ ރާޅާއި އޮއިވަރުގެ ޠޫފާނެއްގެ ތެރެއަށް ނެރުނު މީހަކީ އަބޫ ދާވޫދެވެ. ކޮންމެ ޠޫފާނެއްގައި ޖެހުނީމާ އޭނާގެ ހިތްހަމަ ޖައްސައިދެނީ އަބޫ ދާވޫދެވެ. އެކަމަކު މިހާރު އެ ބޮއްކުރާ މި ވަނީ އޭނާގެ ލޮލަށް ފޮރުވައިފައި އޮތް ވަރުގަދަ ފަރުބަޔާ ހަމައަށް އައިސްފައެވެ. މި ހުރިހައި ކަމެއް ކުޅައީ އަބޫ ދާވޫދެވެ.]

އަބޫ ޢަބްދުﷲ ބުރަހެލި ފިޔަވަޅުތަކެއް އަޅަމުން ސިޑިން މައްޗަށް އަރައިފިއެވެ. ބުރުޒުގެ ކުޅިބަލާގެކޮޅުގައި އޭނާގެ އަނބިކަނބަލުންނާއި މަންމާފުޅު ބޭރަށް ބައްލަވަން ތިއްބެވިއެވެ. މުޒާހިރާކުރާ މީހުންގެ އަޑު ގަދަކަމުން އޭނާ އައި ކަމެއް އެއިން ބޭފުޅަކަށް އެނގިވަޑައެއް ނުގަތެވެ. އެ ދެމައިކަނބަލުންގެ އަރިހުގައި ގަހުރަމާނުންވެސް ތިއްބެވެ. އޭނާވެސް ކުޑައިރުކޮޅެއް ވާންދެން ތިރިއަށް ބަލަހައްޓައިގެން ހުއްޓެވެ. ދޮރާށިދޮށުގައި ތިބި މީހުން ހަރު އަޑުން ގޮވަމުން ގެންދެއެވެ. [އަބޫ ޢަބްދުﷲ އަކީ ޣައްދާރެކެވެ. އަބޫ ޢަބްދުﷲ އަކީ ގައުމު ވިއްކާލި މީހެކެވެ. އަބޫ ޢަބްދުﷲ ދަން ޖައްސާށެވެ. އަލްޙަމްރާގައި ހުޅު ޖަހާށެވެ.]

ބައެއް މީހުންގެ އަތުގައި ހުޅުދާންކޮށްފައި ހުރި ދަންމަރުވެސް ހުއްޓެވެ. ބައެއް މީހުން ތިބީ ކަނޑިއާއި ލޮންސި އުފުލައިގެންނެވެ. އަބޫ ޢަބްދުﷲގެ ހިތުގައި ހިނގިއެވެ. [ފެރްނާންދޯގެ މަދަދާއެކު މިބައިމީހުންގެ މައްޗަށް ވެރިކަން ކުރުމަކީ އަހަންނަށް ކުރެވޭނޭ ކަމެއް ހެއްޔެވެ؟] ސުވާލުގެ ޖަވާބުވެސް ހިނގައިގަތީ ހިތުގައެވެ. [ނޫނެކެވެ. ނޫނެކެވެ. އަހަރެންގެ އެދުމުގެ މަތީން ފެރްނާންދޯ އައިސް ގްރަނާދާ ފުނޑުފުނޑުކޮށްލުމަކީ ވެދާނޭ ކަމެކެވެ. ގްރަނާދާގެ ކޮންމެ ހަތަރުއަނގޮޅިއެއް ގަބުރުން ފުރައިލުމަކީވެސް ކުރެވިދާނޭ ކަމެކެވެ. އެކަމަކު މި ރައްޔިތުން އަހަރެންގެ ކިޔަމަނުގައި ތިބެން މަޖުބޫރު ކުރުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަހަރެންގެ އަތުން ގްރަނާދާ ހަލާކުވެގެން ދިއުން ތަގުދީރުގައި ލިޔުއްވީ ބާވައެވެ؟] މި ޚިޔާލު ކުރެވުމާއެކު އޭނާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. [އަބޫ ޢަބްދުﷲއެވެ. ކަލެއަށް މިހާރު އޮތީ އެންމެ ގޮތެކެވެ. އެއީ ތަޚުތާއި ތާޖު އަބަދަށްޓަކައި ދޫކޮށްލުމެވެ. އަންދަލުސް ދޫކޮށްފައި ދިއުމެވެ. އެކަމަކު ދާނީވެސް ކޮން ތަނަކަށް ހެއްޔެވެ؟ ފެރްނާންދޯ ގާތަށް ހެއްޔެވެ؟ ނޫނެކެވެ. އޭނާގެ ގާތަށް ހިނގައްޖެ ނަމަ މާނައަކީ ގްރަނާދާގެ ދުވަސް ދުއްވައިލުމުގެ އަޒުމު އޮތުމެވެ. ފެރްނާންދޯ އަބަދުވެސް ކަލޭ ބޭނުން ކުރަމުން ގެންދާނީ އޭނާގެ އަމިއްލަ ބޭނުމަށެވެ. ކަލެއަކަށް އޭނާގެ އެދުމަކާ ދެކޮޅެއް ނުހެދޭނެއެވެ. އޭނާގެ އެންމެ ބޮޑު އެދުމަކީ އަންދަލުސްގެ ބިމުން އިސްލާމުން ހުސްކުރުމެވެ. ކަލޭ ބޭނުންވަނީ ކަންބަޅިތައް ބެލެހެއްޓުމުގެ ޒިންމާ ހިޔަޅަކާ ހަވާލުކުރަން ހެއްޔެވެ؟ ނޫނެކެވެ. ކަލޭ ފެރްނާންދޯ ގާތަކަށް ނުދާނެއެވެ. މިއަދާ ހަމައަށްވެސް ކަލެއަކީ އޭނާ ބޭނުން ކުރަމުން އައި އާލަތެކެވެ. އަބޫ ދާވޫދްވެސް މަސައްކަތްކުރީ އޭނާގެ އާލަތެއްގެ ގޮތުގައެވެ. ކަލޭ ތިޔަވަނީ ފެރްނާންދޯގެ އާދައިގެ ނޯކަރަކު ޖެހިހައި ބެރަކަށް ނަށައިފައެވެ. އެއީ ކަލޭ ކުޅަ ވަރަށް މޮޔަ ކަމެކެވެ. ކަލޭ އޭނާއަށް އިތުބާރުކުރީމުއެވެ. އެކަމަކު އެންމެ ބޮޑަށް ބޭނުން ޖެހުނު ވަގުތު އޭނާ ކަލޭ ދޫކޮށްލައި، ފިލައިގެން ހިނގައްޖެއެވެ. ކަލެއަކީ އޭނާ ކުޅޭން ގެންގުޅުނު ބުދެކެވެ. އޭނާ އަބޫ މޫސާ ހައްޔަރުކުރަން ކަލެއަށް ވަސްވާސް ދިނުމާއެކު އެންމެ ގާތް އެކުވެރިޔާ ގެންގޮސް ޖަލަށް ލީއެވެ. ސަރަހައްދީ ބާޒު ޝަހީދުކޮށްލުމުގެ ވަސްވާސް ދިނުމާއެކު އަންދަލުސްގެ އިސްލާމުންގެ އެންމެ ބޮޑު މަދަދުގާރު، އެންމެ ގާތް އެކުވެރިޔާ ޝަހީދުކޮށްލަންވެސް އެއްބަސްވީއެވެ. އޭނާ ކަލޭގެ އަތަށް ދަންމަރެއް ދިނީމާ ފޫގަޅައިގެން، އަމިއްލަ ގޭގައި ހުޅުޖަހަން ދުއްވައިގަތީއެވެ. ކަލޭގެ ހިތަށްވެސް ގެންނާން ނޭނގޭ ކަހަލަ އެތައް ކުށެއް އޭނާ ކަލޭ ލައްވައި ކުރުވައިފިއެވެ. އަދަބުގެ ވަގުތު ޖެހުނީމާ ގްރަނާދާގެ ރައްޔިތުންގެ މެދަށް ކަލޭ ދޫކޮށްލައިފައި އޭނާ ފިލައި ރައްކާވީއެވެ.]

އަބޫ ޢަބްދުﷲގެ ހިތުގައި ފުރަތަމަ ފަހަރަށް އަބޫ ދާވޫދްގެ މައްޗަށް ނަފުރަތުގެ ޖަޒުބާތު އުފެދިގެން ހިނގައްޖެއެވެ. އޭނާގެ ޚިޔާލީ ލޮލަށް ފެންނަނީ އަބޫ ދާވޫދް ގޮސް ފެރްނާންދޯގެ އަރިދޮށުގައި އިނދެގެން އޭނާއަށް މަލާމާތްކޮށް ހޭނތަނެވެ. އޭނާ ބުނާ އަޑު އެބައިވެއެވެ. އަބުލްޙަސަންގެ ދަރިއަކީ އަޅުގަނޑާއި މަނިކުފާނާ ހީކުޅަ ވަރަށްވުރެ މާ މޮޔަ ސޮރެކެވެ. އަޅުގަނޑު އެތަން ދޫކޮށް މި އައީ އޭނާގެ ފަރާތުން ދެން ހިފޭނޭ ބޭނުމެއް ނެތް ކަމަށް ފެނުނީމައެވެ.]

[ކަމީނާ... ދޮގުވެރި... މަލްޢޫނު... އަހަރެންގެ އަތް އޭނާގެ ކަނދުރާއަށް ފޯރާނެނަމައެވެ.] އަބޫ ޢަބްދުﷲއަށް ބޭއިޚްތިޔާރުގައި މިހެން ބުނެވުނީ ވަރަށް ބާރަށެވެ. އެ ވަގުތު ކުޅިބަލާގޭގައި ތިބި އަންހެނުން ދިޔައީ ސިއްސައިގެންނެވެ.

ކުޑަ އިރުކޮޅަކަށް ފަހު ގްރަނާދާގެ ހަގީގީ ރާނީ، އަބޫ ޢަބްދުﷲގެ މަންމާފުޅު ވަޑައިގެން އޭނާޔާ ދެތިން ފިޔަވަޅެއްގެ ކައިރިއަށް ހުއްޓިވަޑައިގެންފިއެވެ. ހިނދުކޮޅެއް ވާންދެން ދެމައިން އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވިއެވެ.

އަބޫ ޢަބްދުﷲ ބަލިކަށި އަޑަކުން ބުނެލިއެވެ. [މަންމާފުޅުގެ އިޒުނަފުޅު އޮތިއްޔާ މިތިބަ މީހުން ފޮނައިލަންތޯއެވެ؟ އަޅުގަނޑު އެކަނި މަންމާފުޅާ ވާހަކަ ދައްކައިލާން ބޭނުމެވެ.]

މަންމާފުޅު ގަހުރަމާނުންނާ ދިމާއަށް ބައްލަވައިލެއްވީމާ އެ މީހުން ފައިބައިގެން ހިނގައްޖެއެވެ. އަނބިކަނބަލުން ހިންގަވައިގަތީމާ އަބޫ ޢަބްދުﷲ ބުންޏެވެ. [ކަމަނާ ވަޑައިނުގެން ހުންނަވާށެވެ.]

އަނބިކަނބަލުން އެއް ފަރާތަކަށް ހުއްޓިވަޑައިގެންފިއެވެ. ހަނދުވަރުގެ އަލީގައި ތިންމައިކަނބަލުން އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ މޫނުފުޅަށް ބައްލަވަމުން ގެންދަވަނީއެވެ. ބޭރުގެ އަޑުފަށްގަނޑު މެދުނުކެނޑި އިވެމުން ދިޔައެވެ. [ޣައްދާރު އަބޫ ޢަބްދުﷲ... ޣައްދާރު އަބޫ ޢަބްދުﷲ... އަބޫ ޢަބްދުﷲ އަކީ އިސްލާމްދީނުގެ ދުޝްމިނެކެވެ.] އެ ގޮވެލިފަތިން ކުރާ ހިތި އަސަރަށްވުރެ ދެމައިންގެ ހިމޭންކަމުން އަބޫ ޢަބްދުﷲއަށް ކުރަމުން ދިޔަ އަސަރު މާ ބޮޑެވެ.

އެންމެ ފަހުން ވާހަކަދައްކާން ފެއްޓީ އަބޫ ޢަބްދުﷲއެވެ. [ގްރަނާދާގެ ޣައްދާރު މިހިރީ މަންމާފުޅުގެ ކުރިފުޅުމަތީގައެވެ. އަނބިމީހާގެ ކުރިފުޅުމަތީގައެވެ. އަޅުގަނޑުގެ ސުވާލަކީ ތިޔަ ދެމައިކަނބަލުންވެސް ގްރަނާދާގެ ރައްޔިތުން ފަދައިން އަޅުގަނޑަށް ދެއްވާނޭ އަދަބެއް ކަނޑައަޅުއްވައިފިންތޯއެވެ؟]

މަންމާފުޅު ވިދާޅުވިއެވެ. [ގްރަނާދާގެ ޣައްދާރުގެ މަންމަ ވިސްނަމުން ގެންދަނީ އެންމެ ކަމަކާއެވެ. އޭނާ ދަރިފުޅަށް ގާތުން ކިރުދިނެވެ. މިހާރު އެ މަންމަ ކުރާ ސުވާލަކީ ބޭރުގައި އެތިބަ މީހުންގެ ކުރިމައްޗަށް ނުކުމެ އަހަރެންގެ މި ދަރިއަކީ އެ މަންމަގެ ކޮއްކޮއާއި ފިރިމީހާ އެ މަންމަގެ ވަފާތެރިކަމުގެ ނަމުގައި ކިތަންމެ ބޮޑު ހުވައެއް ކުރާންވެސް ތައްޔާރަށް ތިބި މަންމަގެ ދަރިއެކޭ ބުނާން ކެރޭނެ ހެއްޔެވެ؟]

ބުރުޒުގައި ހުރި ގުއްބު އޭނާ ބޯ މައްޗަށް ވެއްޓުނު ނަމަވެސް އަބޫ ޢަބްދުﷲއަށް އެވަގުތު އިހުސާސް ކުރެވުނު ވޭނެއް އިހުސާސެއް ނުކުރެވޭނެއެވެ. އޭނާ ނިކަމެތިކަން އިހުސާސް ކުރަމުން މަންމާފުޅާ ދިމާއަށް ބަލައިލިއެވެ. [މަންމާފުޅާއެވެ. މިއަދު އަޅުގަނޑުގެ މުގައްދިމާ މަންމާފުޅުގެ ޝަރީޢަތަށް މި ހުށަހެޅީއެވެ. އަޅުގަނޑަށް އޮތް އަދަބެއް ވިދާޅުވާށެވެ. މި ބުރުޒުން ބިންމައްޗަށް ފުންމައިލާށޭ ވިދާޅުވިޔަސް ފުންމައިލާނަމެވެ. އަމިއްލައަށް ކަރުގައި ވަޅިއަޅައިގެން މަރުވާށޭ ވިދާޅުވިޔަސް އެފަދައިން ކަންތައް ކުރާނަމެވެ.]

އެ އަޒުމުފުޅު ވަރުގަދަ މަންމައަކަށް އެ ވާހަކައަކުން އެއްވެސް އަސަރެއް ނުކުރިއެވެ. [ދަރިފުޅު ތިޔަހެން ތިޔަ ބުނަނީ މައިންނަށް އަޑުއެހޭނީ ހަމައެކަނި ރަހުމުގެ އެދުންކަމާއި އަދަބެއް ކަނޑައެޅުމަކީ މަޔަކަށް ކުރެވޭނޭ ކަމެއް ނޫންކަން ދަރިފުޅަށް އެނގޭތީއެވެ. ދަރިފުޅު ތިޔަ ފެންދިން ގަހަކީ ކަށިން ފުރިފައިވާ ގަހެކެވެ. އެ ކަށިތަކުން ދަރިފުޅު ސަލާމަތް ކުރުމަކީ މަންމައަށް ކުޅަދާނަކަމަށް ވާނެނަމައެވެ. ދަރިފުޅު ތިޔަ އައީ ކުރެވުނު ކަންތަކާހެދި ދެރަވެގެންނެއް ނޫނެވެ. ކުރި ކަންތަކުގެ ނަތީޖާ ދެކެ ބިރުންނެވެ. ދަރިފުޅު ބޭނުންވަނީ މަންމަގެ ފަރާތުން ތަސައްލީއެކެވެ. އެކަމަކު މި މަންމަގެ ކިބަޔަކު ތަސައްލީދޭން ބުނާނޭ އެއްވެސް ވާހަކައެއް ނެތެވެ.] މިހައިތަނަށް ވާހަކަފުޅު ދެއްކެވުނުތަނާ އެކަމަނާގެ އަޑުފުޅު ކުރެހިއްޖެއެވެ. ލޯފުޅަށް ކަރުނަފޮދު ޖަމާވެއްޖެއެވެ.

އަބޫ ޢަބްދުﷲ ވަރަށް ދެރަވެފައި ބުނެފިއެވެ. [މަންމާއެވެ. އަޅުގަނޑަކަށް މިހާރު ސަލާމަތްވާނޭ މަގެއް ނެތެވެ. މާދަމާ އަޅުގަނޑު މިތަން ދޫކޮށް ހިނގައިދާނަމެވެ. އޭގެ ފަހުން ދުވަހަކުވެސް މިރަށަކުން އަޅުގަނޑު ފެނިވަޑައެއް ނުގަންނަވާނެއެވެ. އެހެންވީމާ އަޅުގަނޑު އަހައިލާން ބޭނުންވެއެވެ. އައިޝާއެވެ. އަޅުގަނޑާއެކު ވަޑައިގަންނަވާނަންތޯއެވެ؟]

އަނބިކަނބަލުން އައިޝާ އިރުކޮޅަކު ހިމޭނުން ހުންނެވުމަށް ފަހު ފިޔަވަޅުފުޅެއް ކުރިއަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. [ޙިމާޔަތް ހޯއްދަވާން ތިޔަ ވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ގައުމުގެ ދުޝްމިނެއްގެ ގާތަށެވެ. ފެރްނާންދޯގެ ގަނޑުވަރުގައި އުޅުމަށް ވުރެ ގްރަނާދާގެ ގަބުރުސްތާނުގައި ވަޅުލެވުން އަޅުގަނޑަށް މާ ރަނގަޅެވެ.]

އަބޫ ޢަބްދުﷲ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. ލޮލުން ފައިބާން ފެށި ކަރުނަ ފޮރުވާން ވެގެން އަނެއް ފަރާތަށް އެނބުރިއްޖެއެވެ. ބޭރުން މިހާރު އިވެނީ ގޮވެލިފައްޗެއްގެ އަޑެއް ނޫނެވެ. ކޮންމެވެސް މީހަކުގެ ތަގުރީރެއްގެ އަޑެވެ. އަބޫ ޢަބްދުﷲ މަޑުމަޑުން ގޮސް ކުޅިބަލާގޭގެ ތެރެއިން ބޭރު ބަލައިލިއެވެ. ދަންމަރު ހިފައިގެން ތިބި ހައެއްކަ މީހުންގެ މެދުގައި ހުރެގެން ތަގުރީރުކުރަމުން ގެންދަނީ ޒުވާނެކެވެ. އެއް ބަޔަކު އަތުގެ އިޝާރާތުން އެއްވެފައި ތިބި މީހުންނަށް އިށީންނާން އަންގަމުން ގެންދެއެވެ. ފުންކޮށް ބަލައިލީމާ އެއީ ކާުކަން އަބޫ ޢަބްދުﷲއަށް އެނގިއްޖެއެވެ. އެއީ މީގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ދަރުބާރުން މާޔޫސީއާއެކު ނުކުމެގެން ދިޔަ ޒުވާނާއެވެ. ސަރަހައްދުގެ ގަވަރުނަރެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.