ހަނދު އޭގެ ހަނދުވަރާ ނުލާ ... (20)

( 20 ޖުލައި 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޙަޔާ ، އެހުރިހާކަމެއް އޭނާއަށް ކޮށްދިނުމުގެ ބޭނުމެއް ނެތްކަމަށް މުރުތަސިމް ބުންޏެވެ.

" އަނތްބަކު ކޮށްދޭ ކަންކަން ، މުރުތަސިމަށް ކޮށްދިނުމަކީ އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ. މުރުތަސިމަށް ކަމެއް ކޮށްދޭން މީރަބް ބޭނުންނުވަނީ ކީއްވެކަމެއް ނޭނގެއެވެ. ދެމަފިރިއެއްގެ ގުޅުމަކީ ، ހިތާހިތުގެ ގުޅުމެކެވެ. އެކަމަކު ، މީރަބްގެ ހިތުގައި ، މުރުތަސިމްގެ މައްޗަށް އެއްވެސް ކުލުނެއް ނެތެވެ. މުރުތަސިމް މަރުވިޔަސް ، މީރަބަކަށް މައްސަލައެއް ނެތެވެ. " މުރުތަސިމްގެ ހިތަށް ތަދުވާގޮތަށް ޙަޔާގެ ވާހަކަ ބައްޓަން ކުރަމުން ގެންދިޔައެވެ.

މަރިޔަމް ކޮލެޖުން އައިއިރު ، އަންވަރާއި ވައްޤާސްއާ ، އަނީލާއާއި މީރަބް ކަރާޗީއަށްދާން ، ކާރަށް ލަގޭޖްތައް އަރުވަމުން ގެންދިޔައެވެ. އެއީ ކިހިނެއްވާ ކަމެއްތޯ ، ބަޚްތިޔާރު ކުރެން މަރިޔަމް އެހިއެވެ. އެމީހުން ކަރާޗީއަށް ދަނީކަމުގައި ބަޚްތިޔާރު ބުންޏެވެ. ކަންކަން ހިނގަމުން އެދަނީ އެންމެ ރަނގަޅަށް ނޫންކަމުގައި ބަޚްތިޔާރުވެސް ބުންޏެވެ. ރޭގަނޑު ދަންބަޔަށް އެޅީމަ ، މުރުތަސިމް ނުކުމެ ބޭރުގައި އިނދެގެން ސިނގިރޭޓް ބޯތަން އޭނާއަށްވެސް ފެނެއެވެ. މީރަބްގެ މޫނުމަތީގެ އުދާސްތައްވެސް އޭނާއަށް ފެނެއެވެ.

މަރިޔަމް އެދިޔަގޮތަށްގޮސް ، މީރަބް އެގެއިން ނުކުމެގެން ކަރާޗީއަށް ދާ ވާހަކަ މުރުތަސިމް ގާތު ބުންޏެވެ. މުރުތަސިމަށް ލިބުނު ޙައިރާންކަން މަރިޔަމަށް އަންގާކަށް ބޭނުމެއް ނުވިއެވެ. އާއެނކޭ ބުނުން ފިޔަވައި އިތުރު ވާހަކައެއް މުރުތަސިމެއް ނުބުނެއެވެ. މީރަބް ހުއްޓުވަން ބޭނުން ނުވަނީތޯ މަރިޔަމް ސުއާލު ކުރިއެވެ. އޭގެ ޖަވާބުގައި މުރުތަސިމް ބުނީ ، މީރަބަކީ ، މީރަބް ބޭނުންވާ ގޮތަކަށް ކަންކުރާ މީހެއްކަމަށެވެ.

" ބޭބެވެސް މަންމައެކޭ އެއްގޮތަށް އެހާ ހަރުކައްޓެވެ. ބޭބެ ހޮސްޕިޓަލުގައި ހޭނެތިފައި އޮތް ހުރިހާ އިރެއްގައި ، އެހުރިހާ ދުވަހު ، މީރަބް ހޮސްޕިޓަލުން ބޭރަކަށް ނުނުކުމެއެވެ. ފެންފޮދެއްހާ ހިސާބުވެސް އަނގަޔަކަށް ނުލައެވެ. ބޭބެގެ ފުރާނަ ސަލާމަތް ކޮށްދެއްވުން އެދި ﷲ އަށް ދުޢާ ކޮށްލަކޮށްލަ އިނެވެ. ބޭބެ ހޭއެރިއިރު ، އަންވަރު ބޭބެއާއި ވައްޤާސްބޭބެ އެތައްވަރަކަށް ކިޔައިގެން ހެދުން ބަދަލުކޮށްލަން އައިސް ، މީރަބަށް ހުރެވުނީ ގޭގައެވެ. މަންމަޔާ ޚާނަމްއާ ދެމީހުން ހޮސްޕިޓަލަށް ދާން ވަގުތުން ނުކުތެވެ. އެމީހުންނާއެކީ މީރަބް ގެންދަން މަންމަ އިންކާރު ކުރިއެވެ. ފަހުން ، މީރަބް ހޮސްޕިޓަލަށް ދިޔައިމަ ، ބޭބެއޮތް ކޮޓަރިޔަށް މީރަބް ވަނުން ، މަންމަޔާއި ޙަޔާއާ ދެމީހުންވެގެން މަނާކުރިއެވެ. އެއަށްފަހު ، މަންމަ ގެޔަށް އައިސް ، މީރަބް ، މިގެއިން ނެރެލިއެވެ. އަންވަރުބޭބެގެ ބަހެއްވެސް މަންމަ ޤަބޫލެއް ނުކުރިއެވެ. މަންމަ ބޭނުންވީ ، މީރަބް ކަރާޗީއަށް ފޮނުވައިލާށެވެ. އަންވަރުބޭބެގެ ބަނގަލޯގައި މީރަބް ބަހައްޓަން ނިންމީ އަންވަރު ބޭބެއެވެ. އެވެސް މަންމަގެ ނުރުހުމުގައެވެ. އެއީ ، އަހަރެމެންގެ މަންމައެވެ. މަންމަ ޤަބޫލުކުރާގޮތުގައި ، ބޭބެއަށް ތިހުރިހާ ގެއްލުމެއް ލިބުމުގެ ސަބަބަކީ މީރަބެވެ. މަންމަ ބަލަނީ ، މީރަބަކީ ބޭބެގެ ޤާތިލުގެ ގޮތުގައެވެ. މީރަބާ ދޭތެރޭގައި މިގޭގައި ކަން ހިނގަމުންދަނީކީ ، ބޭބެގެ ލޮލަށް ތިފެންނަ ގޮތަކަށް ނޫނެވެ. އަދިވެސް ، މީރަބެއް ނުހުއްޓުވާނަން ހެއްޔެވެ ؟ " މަރިޔަމް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

މަރިޔަމްގެ ވާހަކަ ކުރިޔަށް ދިޔަދިޔަހެން މުރުތަސިމްގެ މުށްކެވެމުން ދެބުމަ ގޮށްޖެހި ، ރުޅިގަދަވަމުން ދިޔައެވެ. އެވަގުތު ، ޙަޔާވެސް ހެނދުނުގެ ނާސްތާ ހިފައިގެން އައެވެ. އައިސްހުރި ރުޅީގައި ، ޙަޔާގެނައި ތަށިތައް ބުރުއްސާލާފައި ، މުރުތަސިމް ކޮޓަރިން ނުކުތެވެ.

އެވީ ކީއްކަން ޙަޔާ ދެނެގަތެވެ. އަދި ، މަރިޔަމްއާ ދިމާލަށް އެތިވަރު ގޮވައިގަތުމާއެކު ، ކާއެއްޗިއްސާ ތެޅިފައިހުރި ތަށިތައް ތަޅުންމަތިން ނަގާށޭ ބުނެ ، މަރިޔަމްވެސް އެކޮޓަރިން ނުކުތެވެ.

ކަރާޗީއަށް ދާން މީރަބް ހިނގައިގަތުމާއެކީ ، އެކަމާމެދު އަދި އެއްފަހަރު ވިސްނައިލުމަށް މީރަބްގެ ކިބައިން ވައްޤާސް އެދުނެވެ. މީރަބް އެކަމާމެދު އިތުރަށް ވިސްނައިލަންޖެހޭ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ. ދަމާ ހިނގާށޭ ބުނެ ، މީރަބް ހިނގައިގަތްތަނާ ، ފަހަތުން އައިމީހަކު މީރަބްގެ އަތުގައި ހިފައި ހުއްޓުވިއެވެ. މީރަބް ފަހަތަށް އެނބުރުލިއިރު ، އެއީ މުރުތަސިމްވެ.

" އަހަރެންގެ އަތުން ދޫކޮށްލާށެވެ ! އަހަރެން މިގެއިން ނުކުމެގެންދާން އެންގީ މުރުތަސިމު ނޫން ހެއްޔެވެ ؟ މިހާރު ދެން ، މާ ހަމްދަރުދީވެގެން އަހަރެން ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ އަހަރެން މިދަނީއެވެ. " މީރަބް ބުންޏެވެ.

ދުވަހަކުވެސް ، އޭނާ ، މީރަބްގެ އަތުން ދޫކޮށްނުލާނެކަމަށް މުރުތަސިމް ބުންޏެވެ. އެހާ ފަސޭހަ ގޮތަކަށް މީރަބަކަށް ނުދެވޭނެއެވެ. އޭނާއާއެކީ އައުމަށް މީރަބްގެ ކިބައިން މުރުތަސިމް އެދުނެވެ. މުރުތަސިމް އެހާ ހަރުކަށިކޮށް މީރަބާ ވާހަކަ ދެއްކީމަ އަންވަރަކަށް ހިމޭނަކުން ނުހުރެވުނެވެ. މީރަބްގެ އަތުން ދޫކޮށްލުމަށް މުރުތަސިމަށް އަންވަރު އެންގިއެވެ.

" އަހަރެން މިދަނީ މީރަބް ގޮވައިގެންނެވެ. އަހަރެން ހުއްޓުވަން ކެރޭމީހަކު ހުރިއްޔާ ހުއްޓުވާށެވެ ! " މުރުތަސިމް ބުންޏެވެ.

މީރަބް ގޮވައިގެން މުރުތަސިމް ހިނގައިގަތުމާއެކީ ، އަންވަރު ގޮސް ކުއްލިޔަކަށް މުރުތަސިމްގެ އަތުގާ ހިފައި ހުއްޓުވިއެވެ. މީރަބްގެ އަތުން ދޫކޮށްލުމަށް އަނެއްކާވެސް އަންވަރު މުރުތަސިމަށް އެންގިއެވެ. މީރަބަކީ ، މިހާރު އޭނާގެ އަނބިމީހާ ކަމުގައި މުރުތަސިމް ބުންޏެވެ. އަންވަރުބޭބެގެ ދަރިއަކަށް ވާނީ އޭގެ ފަހުންނެވެ. މީރަބަކީ ، ހަމައެކަނި އޭނާގެ ޙައްޤެއްކަމަށް މުރުތަސިމް އިތުރަށް ބުންޏެވެ. މުރުތަސިމް ހުރީ ، ރުޅިއައިސްގެންގޮސް ފަޅައިގެންދާ ވަރުވެފައެވެ.

މީރަބް ހުރީ ދެލޯ ބޮޑުވެފައެވެ. ވައްޤާސް އާއި އަންވަރުވެސް މުރުތަސިމާ ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. އަންވަރަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގިހުއްޓާ ، މީރަބްގެ އަތުގައި ހިފައިގެން ދަމާ އަތުލަފިކޮށްގެން މީރަބް ގެންދިޔައެވެ. އަންވަރު އިތުރަށް ކަމެއް ނުކުރުމަށް ވައްޤާސް އެދުނެވެ. ދެން ހަދަންވީގޮތެއް އެނގޭނީ މުރުތަސިމަށެވެ. މީރަބް މިހާރުވެސް އެހުރީ މުރުތަސިމްގެ ބެލުމުގެ ދަށުގައި އޭނާގެ އަނތްބެއްގެ ގޮތުގައެވެ.

މުރުތަސިމް އައިސް ގެޔަށް ވަތްތަނުން ، ޙަޔާއާ ދިމާވިއެވެ. ޙަޔާވެސް ހުރީ ބިރުންގޮސް ހަދާނެގޮތް ބޮޑުވެފައެވެ. އޭނާ ކަރާޗީއަށް ދާން ބޭނުންވާކަމުގައި އޭރުވެސް ، މީރަބް ބުނަމުން ގެންދިޔައެވެ. މީރަބް ދައްކާ ވާހަކައެއް މުރުތަސިމެއްނާހައެވެ. އޭނާއާއެކީ އަންނާށޭ ބުނެ ، ޙަޔާގެ ކުރިމަތިންލާފައި ، ގަދަކަމުން ދަމާފައި ، މީރަބް ގޮވައިގެން ހިނގައިގަތެވެ. އެޚަބަރު ޚާނަމަށް ދިނުމަށް ޙަޔާ އަވަސްވެގަތެވެ. ދެފައިކުރިޔަށް ބާރުލާފައި ދުއްވައިގަތެވެ. ކަރާޗީއަށް ދާން ހުރިހާކަމެއް އެހުރީ ނިމި ތައްޔާރު ވެފައެވެ. މީރަބް ޖެހޭނީ ކަރާޗީއަށްދާން ކަމުގައި ޙަޔާ ނިންމިއެވެ.

ޙަޔާއަށް ޚާނަމްއާ ހަމަޔަށް ދެވުމުގެ ކުރިން ، މީރަބް ގޮވައިގެން މުރުތަސިމް ގޮސް ޚާނަމްގެ ކުރިމައްޗަށް ހުއްޓުނެވެ. ޚާނަމްއަށް މީރަބް ފެނުމާއެކީ ، އަނެއްކާވެސް އައީހެއްޔޭ އަހައި މީރަބާ ދިމާލަށް ދެލޯބޮޑުކޮށްލިއެވެ. އޭނާ އެގެޔަށް ވެއްދުނީ ގަދަކަމުން ކަމުގައި މީރަބް ބުންޏެވެ.

" އެގެއިން މީރަބް ނެރެލައި ބޭރުކޮށްލެވުނު ގޮތަށެވެ. " މުރުތަސިމް ބުންޏެވެ.

އެގެއިން މީރަބް ބޭރުކޮށްލެވުނުކަން ، މުރުތަސިމަށް އެނގިއްޖެކަމުގައި ޚާނަމަށް ވިސްނުނެވެ. އެވަރުގެ ކަމެއް ކުރިއިރު ، އެކަން އޭނާއަށް ސިއްރު ކުރީ ކީއްވެތޯ ޚާނަމްއާ މުރުތަސިމް ސުއާލު ކުރިއެވެ. އެއްވެސްކަމެއް މުރުތަސިމަށް ސިއްރު ނުކުރާކަމުގައި ޚާނަމް ބުންޏެވެ. އެކަމާ ބެހޭގޮތުން ، މުރުތަސިމް އެއްވެސް ސުއާލެއް އޭނާއަކާ ނުކުރެއެވެ. އެހެންވެ ، އެވާހަކަ މުރުތަސިމްގާތު ބުނުމުގެ ބޭނުމެއް އޮތްކަމަށް ޚާނަމަށް ނުފެނުނީއެވެ.

" އެހެންވިއްޔާ އެއްކަމެއް ސާފު ވެއްޖެއެވެ. އެއީ މީރަބް ، އެގެއިން ނުކުމެގެން އެދަނީ ، އަމިއްލަޔަށް ނޫންކަމުގައި މަންމަޔަށްވެސް ޤަބޫލު ކުރެވުމެވެ. އެގެއިން ނުކުމެގެންދާން މަންމަ މީރަބަށް އެންގީއެވެ. " މުރުތަސިމް ބުންޏެވެ.

ޚަނަމް އެކަމަށް އެއްބަސްވުމާއެކީ އެއީ ކީއްވެތޯ މުރުތަސިމް ، އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ. ޚާނަމް ޖަވާބެއް ނުދިނުމާއެކީ ، އެއީ ކީއްވެތޯ އަހައި މުރުތަސިމް ހަޅޭއްލަވައިގަތެވެ. އެކަން އޭނާކުރީ އެއީ ، އޭނާއަކީ މުރުތަސިމްގެ މަންމަ ކަމަށްވާތީކަމުގައި ޚާނަމް ބުންޏެވެ. މުރުތަސިމާއެކީ މީރަބް ހުރެގެން ، މުރުތަސިމަށް ލިބެމުންދާ އަނިޔާއާއި ތަކުލީފު ، އޭނާއަށް ބަރުދާސްތު ނުކުރެވުނީއެވެ. މުރުތަސިމް މިހާރު އެހުރި ޙާލަތުވެސް ކުރިމަތިވީ ، މީރަބާ ހުރެއެވެ. އެހެންވެ ، މުރުތަސިމާ އެކީ ދިރިއުޅެން މީރަބް ބޭނުންނުވާކަމަށް ވަންޏާ އެގެއިން ނުކުމެގެންދާން މީރަބަށް އެންގިކަމަށް ޚާނަމް އިޢުތިރާފް ވިއެވެ.

" އަހަރެން ދިރިހުއްޓާ ، އަހަރެންގެ އަންހެނުންނާމެދު މަންމަ ތިކަންތައްކުރީ ، ފިރިމަރުވެފައިވާ އަންހެނަކާ ދޭތެރޭ މައިދައިތަޔަކުވެސް ކަންނުކުރާވަރުގެ އަނިޔާވެރި ގޮތަކަށެވެ. " މުރުތަސިމް ބުންޏެވެ.

އަންހެނުން ހެއްޔެވެ ؟ ޚާނަމް ސުއާލު ކުރިއެވެ. އެންމެ ފަހަރަކުވެސް ، މުރުތަސިމަކީ ، އޭނާގެ ފިރިމީހާކަމަށް ޤަބޫލުކުރަންތޯ މީރަބްކުރެން އެހުމަށް ޚާނަމް ބުންޏެވެ. ޚާނަމްގެ ވާހަކަ ނުނިމެނިސް މުރުތަސިމް ވާހަކަ ދައްކަން ފެއްޓިއެވެ.

" އަހަރެންނަކީ ، މީރަބްގެ ފިރިއެއްކަމަށް ޤަބޫލުކުރިޔަސް ނުކުރިޔަސް ..... އަދި މީރަބް ބޭނުން ނުވިޔަސް މީރަބް އެހުންނަނީ އަހަރެންގެ ކައިރީގައެވެ. އެއީ ، އަހަރެމެން ދެމީހުންގެ ކަމެކެވެ. އެއީ ، އެހެންމީހަކާ ބެހޭކަމެއްނޫނެވެ. އަމިއްލަ ނަފްސާ ދެކޮޅަށް ، އޭނާގެ ހިތާ ދެކޮޅަށް ، މީރަބް އެހުރީ އަހަރެންނާ ކައިވެނިކޮށްގެންނެވެ. އެވަރު އަހަރެންނަށް ފުދެއެވެ. " މުރުތަސިމްގެ އަޑަށް ބާރުލާފައި ވާހަކަ ދައްކަމުން ގެންދިޔައެވެ.

މުޅި މުޖުތަމަޢުގައި މުރުތަސިމްގެ އަގު ، މި އަންހެންކުއްޖާ ވައްޓާލައިފިއެވެ. އެވަރުންވެސް އޭނާއަށް މާފުކުރަނީތޯ ޚާނަމް ސުއާލު ކުރިއެވެ. އާނއެކޭ ބުނެ ، މުރުތަސިމް ޖަވާބު ދިނެވެ. އެހެނަސް ، މަންމަގެ އެވާހަކައިން މުރުތަސިމަށްވެސް އަސަރުކުރިއެވެ. އެއީ އޭނާގެ ޤަދަރާއި ޢިއްޒަތާ ގުޅިފައި އޮތް ކަމަކަށް ވާތީއެވެ.

މުރުތަސިމްގެ އަންހެނުން ، ކޯޓުގައި މުރުތަސިމާ ދެކޮޅަށް ވަކާލާތުކޮށް ، އަހަރެމެންގެ ޢާއިލާގެ އަގު ވައްޓާލައިފިކަމަށް މުޅި ސަހަރުގައި އެބަ ވާހަކަ ދައްކާކަމަށް ޚާނަމް ބުންޏެވެ. އެހެންނަމަވެސް ، މީހުން ދައްކާހާ ވާހަކައަކަށް އޭނާ ފަރުވާލެއް ނުބަހައްޓާކަމުގައި މުރުތަސިމް ބުންޏެވެ. އޭނާ ފަރުވާލެއް ބަހައްޓަންޏާ ، ބަހައްޓާނީ މީރަބާ މެދުގައެވެ. މީރަބަށް ތަކުލީފެއްލިބޭ އެއްވެސްކަމެއް ނުހުއްޓުވައި ނުހުންނާނެކަމަށް މުރުތަސިމް ބުންޏެވެ. އޭނާ މަރައިލާން މީރަބް ބޭނުންވިޔަސް ، އެގެއިން މީރަބް ނެރެލެވިގެން ނުވާނެކަމަށް މުރުތަސިމް ބުންޏެވެ.

" މީރަބަކީ ، ކައިވެނީގެ ފަހުން އަހަރެންގެ ނަމާ ގުޅިފައިވާ މީހެކެވެ. އެއީ ، އަހަރެންގެ އަބުރާ ގުޅިފައިވާ މީހެކެވެ. އަހަރެންގެ އަބުރަށް ހުތުރެއްލިބޭނެ އެއްވެސްކަމެއް ކުރުމަށް ، މަންމަޔަކަށްވެސް އަހަރެން ހުއްދައެއް ނުދޭނަމެވެ. މީގެފަހުން ، އެފަދަ އެއްވެސްކަމެއް ، މީރަބާ ދޭތެރޭގައި މަންމަ ކޮށްފިނަމަ ، އަހަރެން މަޑެއްކޮށެއް ނުހުންނާނަމެވެ. އެއީ ، މަންމަގެ ނަމުގައި އަހަރެން ކުރާ ހުވައެކެވެ. " މަންމަޔަށް ގޮވައިލުމަށްފަހު ، މުރުތަސިމް ބުންޏެވެ.

މުރުތަސިމާއި ޚާނަމާ ދެމައިންގެ ދެމެދުގައި އެހުރިހާ ޒުވާބެއް ހިނގިއިރުވެސް ، ކަންބޮޑުވެ ދެލޯބޮޑުވެފައި މީރަބް އެތާ ހުއްޓެވެ. މުރުތަސިމް އެތަނުން ދިއުމާއެކީ ، ޚާނަމް ދެލޯއަޅައިގެން މީރަބާދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު މީރަބްވެސް އޭނާގެ ކޮޓަރިޔާ ދިމާލަށް ހިނގައިގަތެވެ. މީރަބް ދިއުމާއެކީ ، މުރުތަސިމް ކަންތައް އެކުރިގޮތުން ، ޚާނަމްގެ ހިތަށް އުނދަގޫވެގެންގޮސް ، ލޮލުން ކަރުނަ ހިލިގެން ދިޔައެވެ.

މީރަބާއި މުރުތަސިމް ކޮޓަރިޔަށްގޮސް ، ދެމީހުން ދެފަރާތަށް އެނބުރި އަނގައިންވެސް ނުބުނެ ކޮޓަރިތެރޭގައި ކޮޅަށް ތިއްބެވެ. ކޮޓަރިތެރެޔަށް ވެރިވެފައި އޮތް ހިމޭންކަން ކަނޑުވައިލީ މުރުތަސިމެވެ.

" އަހަރެންނަށް މަޢާފު ކުރާށެވެ ! އަހަރެން ނެތި މިދިޔަ ދުވަސްތަކުގައި މީރަބާމެދު ގޭތެރޭގައި ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނެވެ. " މުރުތަސިމް ބުންޏެވެ.

މުރުތަސިމް ހުއްޓަސް ، އޭނާއާމެދު އެގޭގައި ރަނގަޅަށް ކަމެއް ކުރެވުނީ ކޮންއިރަކުތޯ މީރަބް ސުއާލު ކުރިއެވެ. އޭގެފަހުން ، އެކަން އެގޮތަށް ހިނގިޔަނުދޭނެކަމަށް މުރުތަސިމް ވަޢުދުވިއެވެ. މުރުތަސިމްގެ ވަޢުދުގެ އުއްމީދާއެކީ ، ލައްކަ ކަންކަން ހިނގައިފިކަމަށް މީރަބް ބުންޏެވެ. އެހެނަސް ، އޭނާއަށް ވީވަރަކުން އެކަންކަން ރަނގަޅުކުރުމަށް މުރުތަސިމް މަސައްކަތް ކުރާނެއެވެ. މީރަބް ޤަބޫލުކުރާ ގޮތުގައި އޭނާއާމެދު އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެއެވެ. މުރުތަސިމް ، މީރަބާ ގާތަށް ޖެހިލިއެވެ.

" މީރަބް ބޭނުންކަމަށް ވަންޏާ ، ހުރިހާކަމެއްވެސް ރަނގަޅުވެދާނެއެވެ. އެކަމަކު ، މީރަބަށް އަހަރެން ބޭނުމެއް ނުވެއެވެ. އަދި ، އަހަރެންނާއެކީ އުޅޭކަށްވެސް ބޭނުމެއް ނުވެއެވެ. " މުރުތަސިމް ބުންޏެވެ.

އެހެންކަމަށްވަންޏާ ، އޭނާ ދޫކޮށްނުލަން މުރުތަސިމް އެއުޅެނީ ކީއްވެތޯ މީރަބް ސުއާލު ކުރިއެވެ. މީރަބް ދޫކޮށްލުމަކީ ، މުރުތަސިމުގެ އިޚްތިޔާރުގައި އޮތް ޙައްލެއްނޫނެވެ. އެހެންކަމަށް ވަންޏާ އޮތް ޙައްލަކީ ކޮބައިބާވައެވެ. މުރުތަސިމް ބޭނުންވަނީ މީރަބްއާއެކީ ، ދެމީހުން އެކުގައި އުޅެ އެދިރިއުޅުން ބާއްޖަވެރި ކުރުމަށެވެ. މުރުތަސިމަށް ފެންނަ ޙައްލަކީ އެއީއެވެ. މީރަބްގެ ލޯބީގައި އެހެން މީހަކު ނުހުންނަ ދަރަޖަޔަށް އެލޯބީގައި ހައްޔަރު ވުމަށެވެ. އެހެންމީހުން ، މީރަބަށްޓަކައި ޖާނުދޭން ޖެހޭ މިންވަރަށެވެ. އެހެންވިޔަސް ، އޭނާ ސަލާމަތްކުރީ ކީއްވެތޯ މުރުތަސިމާ މީރަބް ސުއާލު ކުރިއެވެ.

" މީރަބް ސަލާމަތް ނުކުރެވުނުނަމަ ، އަހަރެންނަކަށް ދިރިއެއް ނުހުރެވޭނެއެވެ. " މުރުތަސިމް ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.