ހަނދު އޭގެ ހަނދުވަރާ ނުލާ ... (17)

( 9 ޖުލައި 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ރޮހޭލަށް މީރަބްގެ ޚަބަރެއް ނުވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ރޮހޭލްގެ ކޮއްކޮ ، ސަބާލައްވާ އެގޮތްމިގޮތަށް ބަލައިގެންވެސް މީރަބްގެ ޚަބަރެއް ނުވިއެވެ. އެންމެފަހުން ، މީރަބްގެ ގެޔަށް ދިއުމަށް ނިންމައި ސަބާވެސް ގޮވައިގެން މީރަބާ ބައްދަލުކުރުމަށް އެގެޔަށް ދިޔައެވެ. ސަބާއަކީ ، މީރަބާ އެކީ އުޅޭ ކުއްޖެއްކަން އަނީލާއަށް އެނގެއެވެ. މީރަބް ކައިވެނިކޮށްފިކަން ، އެގެޔަށް ދިޔަތަނުން ރޮހޭލަށް އެނގެއެވެ. ވައްޤާސްއާއި ރޮހޭލާދެމެދު ދެކެވުނު ވާހަކައިގައި ، މީރަބް ކައިވެންޏެއް ނުކުރާނެކަމަށް ރޮހޭލަށް ބުނެވުނެވެ. އަދި ، މީރަބް އޭނާދެކެ ލޯބިވާ ވާހަކަވެސް ރޮހޭލް ބުންޏެވެ. ރޮހޭލްގެ ވާހަކަ އިވިފައި ވައްޤާސް އާއި އަނީލާއަށް ޙައިރާންކަންލިބި ، އެކަކު އަނެކަކަށް ބަލަހައްޓައިގެން އެތައް އިރަކު ތިއްބެވެ. އެއީ އެކަށީގެންވާ ކަމެއްނޫނެވެ. މީރަބަކީ ، ވަރަށް މިނިވަން ކުއްޖެކެވެ. އެއްވެސް ފިރިހެން ކުއްޖަކުދެކެ މީރަބް ލޯބިވާނަމަ ، އެވާހަކަ އަނީލާއާއި ވައްޤާސްގާތު ބުނާނެއެވެ. އެމީހުންގާޓު މީރަބް އެވާހަކަ ނުބުނާނީ ، ރޮހޭލާމެދު މީރަބްގެ ހިތުގައި ލޯތްބެއް ނެތީމައެވެ. މީރަބްގެ ހިތުގައި ރޮހޭލްގެ މައްޗަށް ލޯތްބެއް އޮތްނަމަ ، މީރަބް އެކުރީ ވަރަށް ދެރަ ކަމެކެވެ. އޭނާގެ މައިންބަފައިންނަށް ، އޮޅުވާލީއެވެ.

 

މުރުތަސިމް ގެޔަށް ވަތްތަނުން ، ރޮވިފައިހުރެ މީރަބް ، މުރުތަސިމްގާތަށް ދިޔައެވެ. އޭނާ ގަދަވެސަލާމަތުން ލައްވާތޯ ދުޢާކުރިކަމަށް މީރަބް ބުންޏެވެ. މުރުތަސިމްގާތަށް ހުރީ އިންތިހާއަށް ރުޅި އައިއްސައެވެ. އޭނާގެ ފިސްތޯލައިން ވަޒަންނެގީ މީރަބްކަން މުރުތަސިމަށް އެނގެއެވެ. މީރަބްގެ ބޭނުމަކީ ، އޭނާ މަރައިލުންކަމަށް މުރުތަސިމަށް ޤަބޫލު ކުރެވުނެވެ. އޭނާ މަރުނުވިނަމަވެސް ، މީރަބްގެ ސަބަބުން ކުށެއްނެތް އިންސާނެއްގެ ގަޔަށް ވަޒަންއަރައި ، އެއޮތީ މަރުގެ ތުންފަތްމަތީގައެވެ.

މީރަބަށް އެކުރެވުނުކަމަކުން ، މުރުތަސިމްގެ ފުރާނަ ނުދިޔައީ ކިރިޔާއެވެ. މީރަބް ބޭނުންވެގެން އެއުޅެނީ ކޮންކަމެއްތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެ ވަޒަންތައް ނެގުމުގައި މީރަބްގެ މަޤްސަދަކީ ، މުރުތަސިމްގެ އަތުން އެއްވެސް މީހެއްގެ ފުރާނަ ދާން ބޭނުން ނުވުންކަމުގައި މީރަބް ބުންޏެވެ. މީރަބްގެ ވާހަކަ ޤަބޫލުކުރާކަށް މުރުތސިމް ބޭނުމެއް ނުވިއެވެ. އަދި ، މީރަބަށް ކުރެވުނު އިތުބާރުވެސް ގެއްލިއްޖެކަމަށް ބުންޏެވެ.

ރޮހޭލްގެ ވާހަކަތަކުން ހިތަށް އުނދަގޫވެގެން ، އަނީލާއާއި ވައްޤާސް ، އަޙްމަދުއާބާދަށްގޮސް ، މީރަބާ ބައްދަލުކޮށް ، ރޮހޭލް އެބުނާ ވާހަކައެއް ސާފުކުރުމަށް ނިންމިއެވެ. ވައްޤާސްމެންނަށް ދެވުނުއިރު ، މީރަބްވެސް އަދި މުރުތަސިމްގެ ގެޔަކު ނޫޅެއެވެ. ޚާނަމް ބުނިގޮތުގައި ، ކައިވެނީގެފަހުން ، މުރުތަސިމަށް ބަދަލުތަކެއްވަނީ އައިއްސައެވެ. މުރުތަސިމް އޭނާއަކާ ރަނގަޅަކަށް ވާހަކައެއް ނުދައްކައެވެ. މީރަބްގެ ހިތުގައި އޮތް ބަދަލުހިފުމުގެ ރޫޙު ، ރަނގަޅަށް އެބަ މަސައްކަތް ކުރެއެވެ. އެކަމަކު ، ވައްޤާސްއާއި އަނީލާ ، އެދެމީހުންގެ ދަރިފުޅާ ވާހަކަ ދައްކައި ، މީރަބްގެ ގެ އާބާދުކޮށްގެން ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަސައްކަތް ކުރުމަށް މީރަބަށް ނަސޭޙަތް ދިނުމަށް ޚާނަމް އެދުނެވެ. ޚާނަމްގެ ހިތްހަމަ ނުޖެހުމާ ކުރިމަތިލާން ލަދުން ، މާގިނައިރަކު ، ވައްޤާސްމެންނަކަށް އެތާ ތިބޭކަށް ނުކެރުނެވެ.

ޚާނަމް ، ބޭރަށް ނުކުންނަން އައިއިރު ، ވައްޤާސްއާއި އަންވަރު މާ އޮލަވާހަކައެއްގައި ، ގޯތިތެރޭގައި ތިބިތަންފެނިފައި ދޮރުކައިރީ މަޑުކޮށްލިއެވެ. ޚާނަމަށް އިވެނީ އެމީހުން ދައްކާ ވާހަކައިން ބަޔެކެވެ. ދެމީހުންވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ. އެމީހުން އެދައްކަނީ މީރަބާބެހޭ ވާހަކައެއްކަން ، ޚާނަމްއަށް އެނގުނެވެ.

އަންވަރާ ގޯތިތެރެއިން ދިމާވިއިރު ، ވައްޤާސްމެން ކުއްލިގޮތަކަށް އަންގައިވެސް ނުލާ ، މީރަބްވެސް ގޭގައި ނޫޅޭއިރެއްގައި އައުމުން ، ދިމާވެގެން އުޅެނީ ކޮންކަމެއްތޯ އަންވަރު ސުއާލު ކުރީއެވެ. ވައްޤާސްގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުން ގުޅިފައިވަނީ މީރަބާކަން އެނގޭ ހިސާބުން ، އޭނާއަށްވެސް އެކަން އެނގުން މުހިންމުކަމުގައި އަންވަރު ބުންޏެވެ.

ވައްޤާސްގެ ގެޔަށް ރޮހޭލްއައިސް އެދިމާވި ކަންކަމުގެ ވާހަކަ ، ވައްޤާސް ، އަންވަރަށް ކިޔައިދިނެވެ. ޚާއްޞަކޮށް ، ރޮހޭލުދެކެ މީރަބް ލޯބިވާވަހަކަ ބުނުމާއެކީ ، އަންވަރުވެސް ވައްޤާސްއެކޭ އެއްގޮތަށް ކަންބޮޑުވިއެވެ.

ޚާނަމް ދޮރުމަތީ ހުއްޓާ އަނީލާއަށްވެސް އެތަނަށް އާދެވުނެވެ. މީރަބްގެ ދެބައްޕައިން އެހާ ކަންބޮޑުވެފައިތިބެ ، އެދައްކަނީ ކޮންވާހަކައެއްތޯ ، އަނީލާކުރެން ޚާނަމް އެހިއެވެ. އެކަން އެނގޭކަމަށް ހަދާކަށް އަނީލާއަކަށް ނުކެރުނެވެ. އެހެންނަމަވެސް ، ދުރުދުރުން ލަވަމުންގޮސް ، އެމީހުން އެހާ ކުއްލިގޮތަކަށް މީރަބްދެކެން އެއައި އަސްލު ސަބަބު ، ޚާނަމްގާތު ހޯދިއެވެ.

ވައްޤާސް އެއައީ ، މީރަބާ އެކަމާބެހޭގޮތުން ސުއާލު ކުރުމަށެވެ. އެހެންނަމަވެސް ، އެކަން ނުކުރުމަށް އަންވަރު އެދުނެވެ. ރޮހޭލް އެހަދަނީ ދޮގަކަށްވެސް ވެދާނެއެވެ. މީރަބަށް ނޭނގި ރޮހޭލަށް މީރަބްދެކެ ލޯބިވެވުނީކަމަށްވެސް ވެދާނެއެވެ. މީރަބްގެ ހިތުގައި ރޮހޭލްގެ މައްޗަށް ލޯބީގެ އިޙްސާސެއް ނެތިވެސް ހިނގައިދާނެއެވެ. ކައިވެނިކުރެވުނު ވަގުތު ، މީރަބްގެ ހިތުގައި އެކަން އޮތްނަމަ ، މީރަބް ބުނާނެކަމަށް ، އަންވަރު ބުންޏެވެ. މީރަބަކީ ، ހިތުގައި އޮންނަ އެއްޗެއް ސިއްރުކުރާނެ ކުއްޖެއްނޫނެވެ.

އެކަމާބެހޭގޮތުން މީރަބާ ވާހަކަ ދައްކައިފިނަމަ ، އިތުރު މައްސަލަތަކެއް އުފެދުން ނޫންކަމެއް ނުވާނެއެވެ. ވައްޤާސްވެސް އެއީ ނޭނގޭކަމަކަށް ހަދައި އެހިސާބުން އެވާހަކަ ނިންމައިލުމަށް އަންވަރު ބުންޏެވެ. މީރަބް އެއުޅެނީ މިހާރު ، މީހަކާ އިނދެގެންނެވެ. މީރަބްގެ ޙަޔާތުގައި ކުރިންވެސް އެހެން މީހަކު ނުވެއެވެ. ފަހަކުންވެސް ނުއަންނާނެއެވެ. މީރަބް ދިރިއުޅޭނީ ، މުރުތަސިމާއެކު ކުރެވުނު ކައިވެނިމަތީގައި އެގޭގައެވެ. އަންވަރު އެކަން ހަމަޖައްސާނެކަމަށް އަންވަރު ބުންޏެވެ.

މީރަބަށް ޚިދުމަތް ކުރުމަށްޓަކައި ، ޚާދިމަކު ގެނެވި މަސައްކަތް ދަސްކޮށްދިނުމަށް ، އެގޭގައި އިސްކޮށް އުޅޭ ޚާދިމާ ޙަވާލު ކުރެވުނެވެ. އެއީ ، މީރަބް ބުނެގެން ގެނެވުނު މީހެއްނޫނެވެ. އެއީ ، މުރުތަސިމްގެ އެންގުމަށް ގެނެވުނު އަންހެނެކެވެ. އެކަމާ ހިތްހަމަ ނުޖެހިގެން މުރުތަސިމުދެކެ ، މީރަބްހުރީ ހިތްހަމަ ނުޖެހިފައެވެ.

ޖިމް ނިންމާފައި މުރުތަސިމް ނުކުތްތަނުން ، މީރަބްގޮސް އެކަމާބެހޭގޮތުން ، މުރުތަސިމާ ސުއާލުކުރަން ފެއްޓިއެވެ. މުރުތަސިމް ބުނިގޮތުގައި އޭނާ ކުރާނީ އޭނާ ބޭނުންކަމެކެވެ. އެ އަންހެނާ އެގެޔަށް ގެންނަންޖެހުނީ ، މީރަބްގެ ސަބަބުންނެވެ. މުރުތަސިމް ރުޅިއައިސް އެހުންނަނީ ، މުރުތަސިމްގެ ފިސްތޯލައިން ، މީރަބް ވަޒަންތައް ނަގައި ހުއްކޮށްލި މައްސަލައިގައެވެ. މީރަބާ ވާހަކަ ދައްކާކަށްވެސް ، މުރުތަސިމް ބޭނުމެއް ނުވެއެވެ. މީރަބް އެކަންކުރީ ، މީހަކު މަރާލައިގެން މުރުތަސިމް ޖަލުގައި އޮންނަން ބޭނުންނުވާތީ ، ރަނގަޅަކަށް ކަމުގައި މީރަބް ބުނަމުން ގެންދިޔައެވެ.

ޔުނިވަރސިޓީގައި މީރަބް ކިޔެވީ ކޮން އެއްޗެއްތޯއާއި ކިހާ ދުވަހަކު ކިޔެވިންތޯ މުރުތަސިމް ސުއާލު ކުރިއެވެ.

" އަހަރެން ، ޔުނިވަރސިޓީން ކިޔެވީ މުޖުރިމުންނާ ދެކޮޅަށް ތެދުވުމުގެ ފިލާވަޅުތަކެވެ. ނުކިޔަމަންތެރި އަސް ، ލަގަނަށް ކިޔަމަންކުރުވާ ، ރުޅިގަދަމީހުން މައިތިރިކޮށް ، އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ ފިލާވަޅުތަކެވެ. އަހަރެން ، ހަތަރު އަހަރު ދުވަހު ކިޔެވީމެވެ. އަހަރެން ކިޔެވި އެއްޗެއްގައި އަހަރެންނަކީ މާހިރަކީމެވެ. ތިކަހަލަ ރުޅިގަދަ އިންސާނުން މައިތިރިކުރަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. " މީރަބް ބުނަމުން ގެންދިޔައެވެ.

މުރުތަސިމް މީރަބާ ގާތަށް ޖެހެމުން ގެންދާ ވަރަކަށް މީރަބްވެސް ފަހަތަށް ޖެހެއެވެ. އެދެމީހުން ވާހަކަ ދައްކަންތިބީ ފަތާފެންގަނޑު ކައިރީގައެވެ. މީރަބަށް ހުރެވުނީ ފެންގަނޑުގެ ގާފޮޅުމަތީގައެވެ. އެނބުރިލިތަނުން ، މީރަބް ފެންގަނޑަށް ވެއްޓެންދިޔަތަނާ ، މުރުތަސިމް ކުއްލިޔަކަށް މީރަބްގެ އަތުގާ ހިފެހެއްޓިއެވެ. ހަތަރު އަހަރު ދޯއޭ ބުނެ ، މުރުތަސިމްގެ އަތް މީރަބްގެ އަތުން ދޫކޮށްލުމާއެކީ ، ފަތާ ފެންގަނޑުގެ ތެރެޔަށް ، އިދިކޮޅުވަތަށް މީރަބް ވެއްޓުނެވެ.

މުރުތަސިމް އިށީނދެލިއެވެ. މީރަބް ހަތަރު އަހަރުން ކިޔެވި އެއްޗެއް ، އޭނާ ދަސްކުރީ އަމިއްލަޔަށް ކަމަށްބުނެ ، މިހާރު އޮންނާނީ ފިލާވަޅެއް ލިބިފައިކަމަށް މުރުތަސިމް ބުންޏެވެ. އަދި ފެންގަނޑުން މީރަބް ނެގުމަށްޓަކައި ، މުރުތަސިމްގެ އަތް ދިއްކޮށްލިއެވެ. މީރަބްގެ މޫނުމައްޗަށް ނުބައިފާޑެއްގެ ހިނިތުންވުމެއް ވެރިވިއެވެ. މަޑުމަޑުން ފެންގަނޑުގައި ހިނގަމުން އައިސް މުރުތަސިމްގެ އަތުގައި ހިފައި ދަމައިގަތެވެ. މީރަބްގެ ބޭނުމަކީ ، ހަމަ އެ ފެންގަނޑަށް މުރުތަސިމް ވައްޓައިލުންކަމެއް މުރުތަސިމަށް ވިސްނައެއް ނުލެވުނެވެ. މީރަބް ދަމައިގަތްލެއް ބާރުކަމުން އެދިޔަގޮތަށްގޮސް ، މުރުތަސިމް ޖެހުނީ ފެންގަނޑުގެ މެދަށެވެ. މުރުތަސިމަށްވެސް އޭނާ އެ ނަގައިދިނީ ފިލާވަޅެއްކަމަށް ބުނެ ، މަޑުމަޑުން ފެންގަނޑުން އަރައިގެން މީރަބް ދިޔައެވެ. މީރަބްގެ ހުޝިޔާރުކަމަށް މުރުތަސިމްގެ ވިސްނުން ހުއްޓި ، މީރަބާ ދިމާލަށް ކަޅިއަޅައިގެން ، މުރުތަސިމަށް އެތައް އިރަކު ހުރެވުނެވެ. މުރުތަސިމްގެ ހިތުގައި އަނދަމުންދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑު ހައްތާދިޔައީ ގަދަވަމުންނެވެ.

ފެންވަރައި ރީތިވެގެން ސައިބޯން އައިސް ، މުރުތަސިމް ގެނައި ޚާދިމާ ، ނާއިލާއަށް ގޮވައިގެން މީރަބް ގެނައެވެ. ނާއިލާ ހުރީ އަދިވެސް ރޮވިފައެވެ. ނާއިލާ ބޭނުންވަނީ އޭނާގެ އަމިއްލަ ގެޔަށް ދާށެވެ ! މުރުތަސިމާ ވާހަކަ ދައްކައިގެން އެކަން ކޮށްދިނުމަށް މީރަބްގާތު ނާއިލާ އެދުނެވެ.

މުރުތަސިމް ބޭނުންވަނީ ، އޭނާގެ މީހުންކުރެމީހަކާ ނާއިލާ ދެވާށެވެ. އެކަން ހަމަނުޖެހެނިސް ، ނާއިލާއަކަށް އެގެޔަކުން ނުދެވޭނެއެވެ.

" އެއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ ؟ އަހަރެމެންގެ ކައިވެނި ކުރެވުނީ އަހަރެމެން ދެމީހުންގެވެސް ރުހުމާ އެކީގައެއްނޫނެވެ. އޭގެ މާނަޔަކީ ، އެހެންމީހުންގެ ކައިވެނި ގަދަކަމުން ކުރުވުމެއްނޫނެއް ނޫންހެއްޔެވެ. ނާއިލާގެ ކުށަކީ ކޮބައި ހެއްޔެވެ ؟ " މީރަބް ބުންޏެވެ.

އޭނާގެ އަންހެނުންގެ ކުށަކީ ކޮބައިތޯ މުރުތަސިމް ސުއާލު ކުރިއެވެ. މީރަބަށް  އެމީހުންގެ ދަނޑަށް ވަދެވުނީ ނޭނގިއެވެ. މީރަބް ގަދަކަމުން ގެންގޮސް ، ޒުބޭރު އަންނަންދެން ގުދަނެއްގައި ބަންދުކުރީ ކީއްވެގެން ހެއްޔެވެ ؟  އެކަންކުރި ތިންމީހުންނަށް އަދަބު ދިނުމަކީ އެކަމުގެ ޙައްލުކަމަށް މީރަބް ބުންޏެވެ. ނާއިލާއަށް އެކަމުގެ އަދަބު ދޭންވީ ސަބަބެއް މީރަބަކަށް ނޭނގެއެވެ.

އެ ތިންމީހުންނަށް ވަނީ އަދަބު ލިބިފައެވެ. އެ ކުރިމަތިލުމަކީ ، ނަފްސުގެ އިޙްތިރާމާ ގުޅިފައި އޮތްކަމެއްކަން ހަނދާން ކުރުމަށް މުރުތަސިމް ބުންޏެވެ.

އެކަމުގައި ، މީރަބް ޝާމިލްވެއެވެ. މީރަބް ބޭނުންވަނީ އެހިސާބުން އެކަން ނިންމައިލުމަށެވެ. ނަފްރަތާއި ރުޅިވެރިކަމުގެ ޖަޒުބާތުގައި ، ދެމިގެންދާނެކަމަކަށް އެކަން ނުހެދުމަށް މީރަބް އެދުނެވެ. އަދި ، އެކަންކުރި އެންމެންނަށް މާފުކުރުމަށްވެސް މީރަބް ބޭނުންވިއެވެ.

މާފުކުރަން ، މީރަބަކީ ކާކުތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެކަން ހިނގީ އޭނާގެ ބާރުގެ ދަށުގައިވާ ، އޭނާގެ އަމިއްލަ ދަނޑުބިމުގައެވެ. އެއީ އޭނާގެ މީހުންނެވެ. އޭނާ ޢަމަލުކުރާނީ ، ޢާއިލީގޮތުން އައިސްފައިވާ ، އުސޫލުތަކަކާއި ހަމަތަކާ އެއްގޮތަށެވެ. މާފުކުރާނީ މުރުތަސިމެވެ. އަދަބު ދޭނީވެސް އޭނާއެވެ. އެންމެ ރަނގަޅުގޮތަކީ ، އެކަމަށް މީރަބް ގޮތް ނުކިއުމެވެ.

މީރަބް އެކަމަށް ގޮތެއް ވިސްނިއެވެ. ނާއިލާގެނެސް ، ލާރިކޮޅެއް ދީފައި އެގެއިން ނުކުމެގެން ފިލައިގެން ދިއުމަށް ނާއިލާއަށް ނަސޭޙަތް ދިނެވެ. މީރަބްގެ ބޭނުމަކީ ނާއިލާއަށް އެހީތެރިވުމެވެ. މުރުތަސިމްގެ ނިންމުން ބަދަލެއް ނުކުރާނެއެވެ. ފިލައިގެން ގޮސްގެން ނޫނީ ، މުރުތަސިމްގެ އަތްދަށުން ނާއިލާއަކަށް ސަލާމަތެއް ނުވެވޭނެއެވެ.

ނާއިލާ ފިލައިގެންދާނީ ކޮންތާކަށް ހެއްޔެވެ ؟ ފިލައިގެން ދިޔަޔަސް ، މާލިކު މުޚްތާރު އޭނާ ހޯދާނެއެވެ. އަދި ، އަލުން މުރުތަސިމާ އޭނާ ޙަވާލު ކުރެވޭނެއެވެ. އޭނާގެ އަމިއްލަ ގެޔަށް ދިޔަޔަސް ، އެގޭގައިވެސް ހިނގާނީ މާލިކުގެ އަމުރެވެ. މުރުތަސިމަށް ފިލައިގެން ދިއުމަކީ ، އެހެން ހުރިހާކަމަކަށްވުރެ ބޮޑު ނުރައްކާތެރި ކަމެއްކަމަށް ނާއިލާ ބުންޏެވެ. އެކަމަކު ، މުރުތަސިމްގެ ރުހުމުގައި ނާއިލާއަށް އޭނާގެ ގެޔަށް ދެވިއްޖެނަމަ ، އެއްވެސް ނުރައްކަލެއް ނުއޮންނާނެއެވެ.

މާދަމާގެ ކުރިން ، ނާއިލާ އެގެއިން ފިލައިގެން ނުގޮއްސިނަމަ ، ނާއިލާގެ ކައިވެނި މާދަމާ ކުރެވޭނެއެވެ.

" އަހަރެމެން ، އަންހެނުންނަށް ކުރިމަތިވެފައި މިއޮންނަނީ ކޮންފަދަ މުސީބާތެއް ހެއްޔެވެ ؟ އެއްޖަލުގައި ބަންދުވެފައި ނެރެވިގެން އަނެއްޖަލަށް ބަދަލު ކުރެވެއެވެ. ދިރިއުޅުމާއި ނަފްސުގެ އެއްވެސް މިނިވަންކަމެއް ނެތެވެ. " ނާއިލާ ބުންޏެވެ.

މީރަބްގެ ރޭވުމުގައި ބައިވެރިވުމުގެ ވިސްނުމެއް ނާއިލާގެ ނެތެވެ. ދެގޮތުގައިވެސް އޭނާއަށް އޮތީ ހިތްދަތިކަމެވެ. ދެގޮތުންކުރެ އެއްގޮތެއްގައިވެސް ހަމަޖެހުމެއް ނެތެވެ. މާދަމާ ހެނދުނު އެކަމާ މުރުތަސިމާ ، އިތުރަށް ކުރިމަތިލުމަށް މީރަބް ނިންމިއެވެ.

ހެނދުނު ހެނދުނާ މީރަބްގެ މަސައްކަތް ފެށިއެވެ. ނާއިލާގެ ކައިވެނި ކުރެވެނީ ކާކާކަމެއްވެސް އެއްވެސް މީހަކަށް ނޭނގެއެވެ. އެކައިވެނި އެއީ ކުރެވިގެންވާނެ ކައިވެންޏެއްނޫންކަމަށް މީރަބް ބުންޏެވެ.

" މަނާކުރަން އެއީ މީރަބްގެ ކައިވެންޏެއްނޫނެވެ. ކައިވެނީގެ ޙަފުލާއިން ތެދުވެގެންގޮސް ، ތާކުންތާކު ނުޖެހޭ ޝަރުތުތަކެއް ކުރާ ކައިވެންޏެއްހެން ކުރެވޭ ކައިވެންޏެއްނޫނެވެ. " މުރުތަސިމް ބުންޏެވެ.

އެކައިވެނި ކުރިޔަ ނުދޭނެކަމަށް މީރަބް ބުންޏެވެ. އެއީ މުރުތަސިމަށް އާކަމެއްނޫނެވެ. މީރަބަކީ މުރުޔަސިމަށް އާ މީހެއްނޫނެވެ. އެކައިވެނި ހުއްޓުވަން އެއްވެސްކަމެއް ، މީރަބް ކޮށްފިނަމަ ، އެކަމުގެ ޒިންމާ އުފުއްލަންޖެހޭނީ މީރަބްކަމުގައި މުރުތަސިމް ބުންޏެވެ. އެއީ ، ސަމާސާއަކަށް މުރުތަސިމް ބުނާ ވާހަކައެއް ނޫންކަން ، މީރަބަށް ވިސްނައިދިނެވެ.

އަވަށްޓެރިންކުރެ ، ކަމުވޮށިވެގެންވާ ބަޔަކާއެކު ، ނާއިލާގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވަން މުރުތަސިމްގެ ގޭގެ ގޯތިތެރޭގައި ތައްޔާރު ކުރެވުނެވެ. ކައިވެނިލައިދޭ މައުޛޫނާއި ހެކިވެރިންވެސް ޙާޟިރުވެ ތިއްބެވެ. ރަސްމިއްޔާތު ފެށެން ތައްޔާރުވީތަނާ ، ކުއްލިޔަކަށް ، ނާއިލާ ގޮވައިގެން މީރަބް އެތަނަށް އައިސް ، އެކައިވެނި ނުކުރެވޭނެކަން އިޢުލާން ކުރިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.