
ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތަޢާރަފް ކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ޤާއިމްކުރެވިއްޖެއެވެ.
މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެކެވެ.
މި ގްރީން ހައުސްތަކުގައި ކިއުކަމްބާ ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށްގެންދެވިފައިވެއެވެ. އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިޔަށް ގެންދެއެވެ.
އެއީ ހދ. މަކުނުދޫ، ނޭކުރެންދޫ، ނޮޅިވަރަމްފަރު، ވައިކަރަދޫ، ހއ. ކެލާ، އުލިގަމު، މޮޅަދޫ، ފިއްލަދޫ، ށ. ނަރުދޫ، ގޮއިދޫ އަދި ފޯކައިދޫގައެވެ.
ގްރީން ހައުސްތައް ޤާއިމްކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިނަށް މެޕް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.