އައިޑީކާޑުގެ ޚިދުމަތް ފުވައްމުލައް ސިޓީ އާއި އައްޑޫސިޓީގައި ފަށައިފި

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފުވައްމުލައް ސިޓީ އާއި އައްޑޫސިޓީގައި ފަށައިފިއެވެ.

މި މަހުގެ 3ވަނަ ދުވަހުގައި ފެށި މި ޚިދުމަތާއެކު މިހާރު ރާއްޖޭގެ 23 އަށްވުރެ ގިނަ ރަށަކުން މި ހިދުމަތް ލިބޭނެއެވެ.

ޑިޕާޓްމަންޓް އޮފް ނެޝެނަލް ރަޖިސްޓްރޭޝަނުން އައްޑޫ ސިޓީގައި އައިޑީ ކާޑުގެ ޚިދުމަތް ފެށިއިރު މި ޚިދުމަތް ލިބޭނީ ހިތަދޫ އަދި ހުޅުދޫ އިން ކަމަށް ޑީއެންއާރުން ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ޤާއިމުކުރުމެވެ.

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.

މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.