
( 2 ޖުލައި 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
މީރަބްގެ މައްޗަށް މުރުތަސިމްގެ ހިތް ލެނބެމުން އެދަނީވެސް އޭނާގެ ނަފުސަށް ރޭކާނުލައެވެ. މުރުތަސިމްގެ ކޮންމެ ކަމަކަށް ކޮންމެ ބަހަކަށް ، މީރަބްގެ ރުޅިވެރިކަމާއި ދެކޮޅުހެދުމާ އަދި ، ބަދަލުހިފުމުގެ ޖަޒުބާތުން މުރުތަސިމްގެ ހިތަށް ތަދުވެއެވެ. އެހެންމީހުން އޭނާއަށް ކުރާނެ މަލާމާތާމެދު ވިސްނާކަށް މުރުތަސިމް ބޭނުމެއް ނޫނެވެ. އޭނާގެ ބޮލުގައި އެޅިފައިވާ މީރަބްގެ ޒިންމާއަކީ ، ޒިންމާއަކަށްވުރެ ބޮޑަށް ، އަޅައިލުމާއި ރައްކާތެރިކަމާގުޅިފައި އޮތް އެއްޗެކެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުނިނަމަވެސް ، މީރަބްގެ ހިތަށް އުނދަގޫވާނެ ކަމެއްކުރާކަށް މުރުތަސިމް ނުވިސްނާނެއެވެ. އަދި ، މީރަބް ބޭނުންވާ ހުރިހާކަމެއް ، އޭނާ ފުރިހަމަކޮށްދޭނެއެވެ. އެއްވެސް މީހެއްގެ ފަރާތުން ، މީރަބަށް އުނދަގުލެއް ފޯރިޔަކަ ނުދޭނެއެވެ.
އެހެނީ ، މީރަބަކީ ކާކުކަމާއި މުރުތަސިމްމެންގެ ޢާއިލާއާ އެންމެ ބޮޑު ދުޝްމަން ، މާލިކުގެ ބޭބެގެ ޢާއިލާއިން އައިސްހުރި ކުއްޖެއްކަން ، މުރުތަސިމަށް އެނގެއެވެ. ކައިވެނީގެ ކުރިން ޚާނަމްވަނީ އެކަން މުރުތަސިމަށް ސާފުކޮށްދީފައެވެ.
މީރަބަކީ ، މުނީރާގެ ދަރިއެއްކަން އެނގޭ އެކަކީ ، މީރަބްގެ މަންމަފަރާތު ބޮޑުބޭބެ ، މާލިކުގެ ދަރިފުޅު ޒުބައިރެވެ. މުނީރާ ވިހޭ ދަރިފުޅު ، ޝާހްނަވާޒްގެ ނުފޫޒުން ، އޮޅުވައިލާ ، ސައިތަށްޓަށް ލޮނުއެޅިކަމުގެ ސާބިތުހެކި ނެތަސް ، އެއީ ޒުބައިރަށް ، ޔަޤީނާގާތަށް އެނގޭ ކަމެކެވެ. ޝާހްނަވާޒް ދުނިޔެއަކު ނެތެވެ. މާލިކަށް އެކަން އެނގިފައެއް ނުވެއެވެ. އެކަމުގެ ސާބިތު ހެކި ނެތުމާއެކީ ، އެވާހަކަ ބައްޕަގާތު ބުނަން ، ޒުބައިރުހުރީ ޖެހިލުން ވެއެވެ.
ކަން އެހެންވެފައި އޮއްވައި ، ބޭބެ ނިޔާވުމުގެ ކުރިން ، ޢާއިލީ ދަނޑާ ޖެހިގެން އޮތް ، ބޭބެގެ އެއޮއްބޮޑު ދަނޑުބިން އެއޮތީ ، މުރުތަސިމަށް ވިއްކާލައި ، މުރުތަސިމްގެ ނަމަށް ފަތްލިޔެދީފައެވެ. ބޭބެ ، އެކަން އެގޮތަށް ކުރުމުގެ ޙިކުމަތެއް ޒުބައިރަކަށް ނުވިސްނެއެވެ.
ދެން ، އެއިވުނީ ، މުރުތަސިމާއި މީރަބް ކައިވެނި ކުރިވާހަކައެވެ. ޒުބައިރަކީވެސް ހުސްހަށިބައި ފިރިހެނެކެވެ. މީރަބާއި ޒުބައިރަކީ ، ޒުބައިރު ޤަބޫލުކުރާގޮތުގައި ދެބެންގެ ދެދަރި ދެމީހުންނެވެ. ދުނިޔޭގެ ނަޒަރުގައި ، އަދި ދުނިޔެއަށް ހާމަކޮށްދެވިފައި އޮތް ގޮތުގައި ، މުރުތަސިމާއި މީރަބަކީ ، ދެބެންގެ ދެދަރިޔަށްވުރެ އެއްދަރިކޮޅު ގާތް ދެމީހުންނެވެ. ޝަރްޢީ ހަމަތަކުން އެކަން އެހެން ނެތަސް ، ޤާނޫނީގޮތުން ، މީރަބްގެ ތަޞައްވުރު ދުނިޔެއަށް ދައްކައިދީފައިވަނީ އެމަގުންނެވެ. އެހެންކަމުން މުރުތަސިމަށްވުރެ ބޮޑަށް މީރަބާ ކައިވެނިކުރަން އެންމެ ރަނގަޅު މީހަކީ ޒުބައިރެވެ. މީރަބްގެ ޢާއިލީ ތަޞައްވުރު ، ދުނިޔެއަށް ދައްކައިދެވިފައި އޮތްގޮތަށް ބަލާއިރު ، މުރުތަސިމާއި މީރަބް ކައިވެނިކުރުން ، ދީނީގޮތުން ހުއްދައެއް ނޫނެވެ. އެކަން ، ކީރިތި ޤުރްއާނާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާން އެބަ އޮތެވެ.
ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 23 ވަނަ އާޔަތުގެ މާނައިގާ ވެއެވެ.
" ތިޔަބައިމީހުންގެ މައިންނާއި ، އަންހެން ދަރިންނާއި ، އުޚްތުންނާއި ، ބަފައިފުށުގެ ބޮޑުދައިތައިންނާއި ، މައިފުށުގެ ބޮޑުދައިތައިންނާއި ، އަޚުގެ އަންހެން ދަރިންނާއި ، އުޚްތުގެ އަންހެން ދަރިންނާއި ، ތިޔަބައިމީހުންނަށް ކިރުދިން މައިންނާއި ، ކިރުބުއިމުގެ ގޮތުން ތިޔަބައިމީހުންގެ އުޚްތުންނާއި ، ތިޔަބައިމީހުންގެ އަނބިންގެ މައިންނާއި ، ތިޔަބައިމީހުން އެކަނބަލުންގެ ގާތުގައި ރޭކޮށްފައިވާ އަނބިންގެ ފަރާތުން އައިސް ތިޔަބައިމީހުންގެ އުނގުގައިވާ ، ( އެބަހީ : ބެލުމުގެ ދަށުގައިވާ ) ތިޔަބައިމީހުންގެ ދޮންދަރިންނާއި ، ( މިމީސްމީހުންނާ ) ކާވެނިކުރުން ޙަރާމް ކުރެއްވިއެވެ. އެކަނބަލުންގެ ގާތުގައި ތިޔަބައިމީހުން ރޭކޮށްފައިނުވާ އަނބިންގެ އަންހެންދަރިންނާ ކާވެނިކުރުމަކުން ، ފަހެ ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި ، ތިޔަބައިމީހުންގެ ބުރިކަށިތަކުން އުފެދިފައިވާ ތިޔަބައިމީހުންގެ އުފަންދަރިން އިން މީހުންވެސް ޙަރާމް ކުރެއްވިއެވެ. އަދި ، ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ އުޚްތުން ދެމެދު އެއްކުރުން ( އެބަހީ : އެއްފަހަރާ ދެ އުޚްތުންނާ އިނުން ) ވެސް ޙަރާމް ކުރެއްވިއެވެ. ހަމަކަށަވަރުން ، ﷲ އީ ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ. "
މުރުތަސިމާއި މީރަބްގެ ކައިވެނި ކުރުމުގެ ކުރިން ، އަންވަރާއި ޚާނަމްވަނީ ، އިސްލާމްއާބާދުގައި ހުންނަ ، އިސްލާމީ ފަތުވާ މަޖިލީހުން ، މިކަމާބެހޭ ދީނީ ފަތުވާ އާއި އިރުޝާދު ހޯދާފައެވެ. މުރުތަސިމާއި މީރަބްގެ ކައިވެނި ކުރެވުނީ ، ފަތުވާ މަޖިލީހުން އެންގޮގިތަށް ، މީރަބްގެ ބައެއް ލިޔުންތަކަށް ބަދަލުގެނެސް ، އެކަން ހަމަޔަކަށް އަޅުވާފައެވެ. ހަމައެކަނި ބަދަލުކުރެވުނީ ، މީރަބްގެ މަންމަޔާބެހޭ މަޢުލޫމާތެވެ. އެއީ ، އެންމެންނަށް އަންގައި އިޢުލާން ކުރެވުނު ކަމެއްނޫނެވެ. އެކަން އޮތީ ، މީރަބާ ގުޅިފައިވާ އެހެން ސިއްރުތަކެކޭ އެއްގޮތަށް ، ސިއްރު ކުރެވިފައެވެ.
އަންވަރާއި މުނީރާ ، ސިއްރިޔާތުގައި ކައިވެނިކުރިކަން ، އެނގެނީ ހަމައެކަނި ، ޝާހްނަވާޒާއި ޚާނަމް އަށެވެ. އޭރު ، އަންވަރު އުޅެނީ ، ޝަހްނަވާޒްގެ ނާދިއާއާ ކައިވެނިކޮށްގެންނެވެ. ޝާހްނަވާޒްގެ ޢިއްޒަތާއި ވެރިކަމުގެ އާރާއިބާރުގެ ތެރެޔަށް އަންވަރު އެކުރިކަމެއްގެ ބަދުނާމް ވަނުމަކަށް ޝާހްނަވާޒް ބޭނުމެއް ނުވެއެވެ. ނާދިއާގެ ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ، ޢުމުރު ދުވަހަށްވެސް ، ނާދިއާގެ ސިކުނޑީގެ އުނިކަން ހުންނާނެކަމަށް ޑޮކްޓަރުން އޮތީ ބުނެފައެވެ. ނާދިއާގެ ސިކުނޑިއަށް ލިބުނު ގެއްލުމަކީ ، ބަލިވެއިނުމުގެކުރިން ، އެކްސިޑެންޓެއް ވެގެން ލިބުނު ގެއްލުމެކެވެ. އެކްސިޑެންޓަށްފަހު ، ކުރިން އުޅުނު ލޯބިދިރިއުޅުން ގެއްލި ، ނާދިއާ އާވާރާ ވެގެންދިޔައެވެ. ނާދިއާ ވަރިކުރަންވެސް ، އަންވަރު އެތައްފަހަރަކު މަސައްކަތް ކުރިއެވެ. އެހެނަސް ، އެއިން ކޮންމެ ފަހަރަކުވެސް ، އަންވަރު ހުއްޓުވަނީ ޝާހްނަވާޒެވެ. އެންމެ ފަހުން ، އަންވަރު ކުރުނުކޮށްގެން ، ސިއްރިޔާތުގައި އެހެން ކައިވެންޏެއްކުރުމުގެ ހުއްދަ ، ޝަހްނަވާޒް ، އަންވަރަށް ދިނެވެ.
ކަންދިމާކުރިގޮތުން ، މުނީރާއާއި އަންވަރާދެމެދު އޭރު އޮތީ ލޯބީގެ ގުޅުމެއް އުފެދިފައެވެ. މުނީރާއަކީ ، ޝާހްނަވާޒްގެ ޢާއިލީ ދުޝްމަނެއްކަމުގައިވާ ، މާލިކުގެ ބޭބެ އެއްގެ ދަރިއެއްކަމެއް އަންވަރަކަށް ނޭނގެއެވެ. ކައިވެންޏަކީ ސިއްރިޔާތުގައި ކުރެވޭ ކައިވެންޏެއްކަމަށް ވާތީ ، އެއީ ، ކޮންމެހެން އަންވަރަށް މައްސަލަޔަކަށް ނުވިއެވެ. އަންވަރު ، އެހެން އަންހެނަކާ ކައިވެނިކުރުން އެއީ ، ނާދިއާއަށް މައްސަލަޔަކަށް ނުވިއެވެ. އެއީ ކިހާވަރެއްގެ ކަމެއްކަން ދެނެގަނެވޭވަރަކަށް ، ނާދިއާގެ ސިކުނޑި މަސައްކަތެއް ނުކުރެއެވެ.
ނާދިއާއާއި މުނީރާ ބަލިވެއިނީ ދާދި އެކުއެކީގައެވެ. ނާދިއާ ބަލިވެ އިނުމާގުޅިގެން ، ޝާހްނަވާޒްގެ ވެރިކަމުގެ ކޮއިލުތެރެ އަލިވެ އުޖާލާވެގެންދިޔަ ނަމަވެސް ، އެންމެ ފުރިހަމަ އަލިކަމެއް ނުވެއެވެ. ނާދިއާ ބަލިވެ އިނުމާއެކީ ، ދުވަހެއްދުވަހަކަށް ، އޭނާގެ ހަށިގަނޑު ބަލިވެ ނިކަމެތިވަމުން ދިޔައެވެ.
އަންވަރުގެ ދެއަނބިން ބަލިވެއިނީ އެއްފަހަރާއެވެ. ވިހެއީވެސް އެއްދުވަހެއްގައެވެ. ދެއަނބިންވެސް ވިހެއީ ދެ އަންހެން ކުދިންނެވެ. އެދުވަހަކީ ، އަންވަރުގެ ޙަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަހެވެ. ދެއަނބިންވެސް ، ވިހާފައި ނިޔާވީއެވެ. ދެކުދިންގެ ތެރެއިން ، ސަލާމަތްވީ ، މުނީރާވިހޭ ކުއްޖާއެވެ. ނާދިއާއާއި ނާދިއާ ވިހޭ ކުއްޖާވެސް ވިހެއުމުގެ ތެރޭގައި ނިޔާވީއެވެ. އެކަމާ ގުޅިގެން ، އަންވަރުވެސް ، ދުނިޔެއިން މޮޔަނުވީ ކިރިޔާއެވެ. އަންވަރު ހަމަޔަކަށް އެޅުނީ ޚާނަމް ވަރަށް މަސައްކަތް ކޮށްގެންނެވެ. މުނީރާވިހޭ ދަރިފުޅު ބަލައިނުގަންނަން އަންވަރު ނިންމީވެސް އޭނާގެ ދިރިއުޅުމަށް ކުރިމަތިވި ، އެ ނިކަމެތި ޙާލަތަށް ކެތްނުކުރެވި ، ހަދާނެ ނުހަދާނެގޮތެއް ނޭނގި ހުރެއެވެ. އެންމެފަހުން ، ވައްޤާސްގެ ދެމަފިރިންނަށް މީރަބް ހަދިޔާކުރަން ޝާހްނަވާޒަށް މަޖްބޫރު ވިއެވެ.
މުނީރާގެ ޢާއިލާއަށްވެސް އެންގުނީ މުނީރާއާއެކީ ، މުނީރާވިހޭ ދަރިފުޅުވެސް ނިޔާވީކަމުގައެވެ. އެ ހަތަރު ފުރާނައިގެ ތެރެއިން ، ސަލާމަތްވީ ހަމައެކަނި މީރަބެވެ. މީރަބްގެ އަސްލުން އެތައްކަމެއް ސިއްރުކުރެވި ، އަންވަރާއި ނާދިއާގެ ދަރިއެއްގެ ގޮތުގައި މީރަބް ޙަވާލު ކުރެވުނީ ވައްޤާސް އާއި އަނީލާއާ އެވެ. އެއީ ، އަންވަރާއި މުނީރާގެ ދަރިއެއްކަން އެނގޭ ބަޔަކަށް ދުނިޔޭގައި މިހާރު ތިބީ ، ހަމައެކަނި އަންވަރާއި ޚާނަމް އެވެ. ކައިވެނި ކުރެވުނުއިރު އެކަން ، މުރުތަސިމަށްވެސް އޮތީ ސިއްރެއްގެ ގޮތުގައި ސާފުކޮށްދެވިފައެވެ. މީރަބްދެކެ މުރުތަސިމް އެހާ ރުޅިއަންނަނީ އެއީ ، މާލިކުގެ ޢާއިލާއަށް ނިސްބަތްވާ ކުއްޖަކަށް ވާތީކަމަށް ވެދާނެއެވެ. އެހެނަސް ، މީރަބްގެ ނިޔަނެތިކަމާހުރެ ، މުރުތަސިމްގެ ހިތުގައި މީރަބްގެ މައްޗަށް ހަމްދަރުދީ އުފެދެމުން ދިޔައެވެ. އެއީ ލޯބިކަމެއް ، އޭނާއަކަށް އަދިއެއް ނޭނގެއެވެ. އެކަމަކު ، މީރަބަށް ހީވާގޮތުގައި ، މުރުތަސިމްގެ ހިތުގައި މީރަބްގެ މައްޗަށް ޚާއްޞަކަމެއް އުފެދިފައި އެބަ އޮތެވެ. އެއީ ލޯބިކަމެއް ނުވަތަ ނަފްރަތުކަމެއް އޭނާއަކަށް ސާފެއްނޫނެވެ. މުރުތަސިމާ ދުރަށްދާން މީރަބް މަސައްކަތްކުރާވަރަކަށް ، މީރަބާ ގާތްވުމަށް މުރުތަސިމްގެ ހިތް އެދެމުން އެބަދެއެވެ.
މީރަބްގެ އުފަންދުވަހު ރޮހޭލް އިންތިޒާމްކުރި ޕާޓީން ގެއްލުނުގޮތަށް މީރަބްގެ ޚަބަރެއް ނުވެއެވެ. އެކަމާ ، ރޮހޭލް ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ރޮހޭލްގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ މީރަބާއެވެ. މީރަބް ވީތަނެއް ހޯދުމަށް ރޮހޭލް ޙަވާލުކޮށްފައިވަނީ ، ރޮހޭލްގެ ކޮއްކޮ ސަބާއާ އެވެ. ސަބާއަކަށްވެސް މީރަބް ދިޔަތަނެއް ނުހޯދުނެވެ.
ދަނޑުވެރިކަން ކުރާ ސަރަޙައްދުގައި ކުރަންހުރި ކަންކަން ނިންމުމަށްޓަކައި ، މުރުތަސިމް ދާން ޖެހިއްޖެއެވެ. އޭނާއަށް އާދެވޭނެ ވަކިދުވަހެއް ނޭނގެއެވެ. މުރުތަސިމްގެ ފަރާތުން އެއްވެސް އުނދަގުލެއްނުފޯރާނެ ދުވަސްކޮޅެއް އޭނާގެ ޙަޔާތަށް ލިބުމުން ، މީރަބް ވަރަށް އުފާކުރިއެވެ. އެހެންނަމަވެސް ، މުރުތަސިމްގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ، މުރުތަސިމާއެކީ މީރަބް ދާން ޚާނަމް އެންގިއެވެ. އެކަމަށް މީރަބް އެއްބަހެއް ނުވިއެވެ. އޭނާ މުރުތަސިމާއެކީ ، އެހެންފަހަރަކުން ދާނެކަމަށް ބުނުމާއެކީ ، މުރުތަސިމް ނެތިދާ ދުވަސްވަރު ކުރާނެ މަސައްކަތްގަނޑެއް ، ޚާނަމް ، މީރަބާ ޙަވާލު ކުރިއެވެ. އެއީ ، މީރަބަށް އެހާ ފަސޭހަކަމެއްނޫނެވެ. އެހެންކަމުން ، މުރުތަސިމާއެކީ ދާން ، މީރަބް ނިންމިއެވެ.
ދަނޑުވެރިކަންކުރާ ސަރަޙައްދަށް ދެވުމާއެކީ ، އެތާ މަސައްކަތްކުރާ މީހުންނާ ވާހަކަ ދައްކާލާފައި އަންނާނެކަމަށް ބުނެ މުރުތަސިމް ކާރުން ފޭބިއެވެ. އަދި ، މުރުތަސިމް އަންނަންދެން ކާރުން ނުފައިބާ މަޑުކުރުމަށް މީރަބަށް އެންގިއެވެ. އެ ސަރަޙައްދަކީ ، އެހާ ރައްކާތެރި ތަނަކަށް ނުވާތީ ، މީރަބް އެތަނަށް ނުކުމެ އުޅެނިކޮށް ، އެއްވެސް ކަމެއް ދިމާވާކަށް މުރުތަސިމް ބޭނުމެއް ނޫނެވެ. އެތަނަކީ ، މާލިކުގެ މީހުން ވަރަށް ގިނައިން އައިސް ، މުރުތަސިމްގެ ދަނޑުގައި މަސައްކަތްކުރާ މީހުންނަށް އަނިޔާ ކުރާ ތަނެކެވެ. މީރަބް އެތަނުން ފެނިއްޖިއްޔާ ، މީރަބަށް ގެއްލުމެއް ދިނުމަށް ، މާލިކުގެ މީހުން މަސައްކަތްކުރާނެކަން މުރުތަސިމަށް އެނގެއެވެ.
މުރުތަސިމް ދިއުމާއެކީ ، އެ މާޙައުލުގައި އުދުހިއެއުޅޭ ދޫނިސޫފާ ސޫފީގެ މިނިވަންކަމުގެ މައްޗަށް މީރަބްގެ ވިސްނުން ދޫވިއެވެ. އެހާ ހިތްގައިމު ކަމެއް މީގެކުރިން މީރަބަށް ލިބިފައެއް ނުވެއެވެ. މުޅިންވެސް އޭނާއަށް އުޅެވިފައިވަނީ ، ކަރާޗީއާއި އަޙްމަދުއާބާދުގެ ކާރޫބާރޫބޮޑު މާޙައުލުގައެވެ. ހިނިތުންވެފައި އެ އުފާވެރި މާޙައުލުން ހިތަށް އެލިބެމުންދާ ހިތްގައިމުކަމަށް ގެއްލިފައި އިންދާ ، ކުރިމަތިން ދިޔަ ކަންބަޅި ބަކަރިއެއް މީރަބަށް ފެނުނެވެ. ބޭއިޚްތިޔާރުގައި މީރަބަށް ކާރުން ބޭރަށް ނުކުމެވުނެވެ. އަދި ، އެ ބަކަރީގެ ފަހަތުން އެއާ ކުޅެމުން ހިނގައިގަނެވުނެވެ.
އެދުވަހަކީ ، މާލިކުގެ ދަރިފުޅު ޒުބައިރުވެސް ، އެސަރަޙައްދަށް ދިޔަ ދުވަހެކެވެ. ޒުބައިރުވެސް ދިޔައީ ، ޝިކާރަ ކުރުމަށެވެ. މާލިކުގެ ދަނޑުބިން އޮންނަނީ ، މުރުތަސިމްމެންގެ ދަނޑާ ޖެހިގެންނެވެ. މީރަބަށް ފެނުނު ދެބަކަރީގެ ފަހަތުން އޭނާ ނަށަމުން ދުވަމުންދިޔަތަން ، ޒުބޭރުގެ މީހުންނަށް ފެނުނެވެ. އަދި ޝިކާރަކުރާނެ އެއްޗެއް ލިބިއްޖެކަމުގައި ޒުބޭރަށް އަންގާލައި މީރަބް ދައްކައިލިއެވެ.
އެއީ ، މުރުތަސިމް ޚާންގެ އަނބިމީހާކަން ޒުބޭރަށް އެނގުނެވެ. މީރަބްގެ ފޮޓޯ ، ކޮންމެވެސް މީހަކު ޒުބޭރަށް އޮތީ ދައްކާފައެވެ. ބަކަރީގެ ފަހަތުން އައިސް ، މީރަބަށް އޭރު ހުރެވުނީ ޒުބޭރުމެންގެ ދަނޑުގެ ސަރަޙައްދަށް ވަދެވިފައެވެ. މީރަބް ، އޭނާގާތަށް ގެނެސްދިނުމަށް ، ޒުބޭރުގެ މީހުންނަށް އަމުރު ކުރިއެވެ. ޝިކާރަ ކުރާނެ އެއްޗެއް ، ޚުދު އޭނާގެ ކުރިމައްޗަށް އެއައީއެވެ.
ބަކަރީގެ ފަހަތުން މީރަބް ހިނގަމުން ދަނިކޮށް ، އޭނާގެ ކުރިމައްޗަށް ، ޒުބޭރުގެ މީހުން އައިސް ކުރި ބެއްދިއެވެ. އަދި ، އެމީހުންގެ ކިބައިން ސަލާމަތްވެގެން މީރަބަށް ނުދެވޭނެކަމަށް އެންގިއެވެ. އެމީހުންނަކީ ، މުރުތަސިމްގެ ދުޝްމަނުންކަމެއް މީރަބަކަށް ނޭނގެއެވެ. އެހެންކަމުން ، އޭނާ ދާން ދޫކޮށްލުމަށް އެދުނެވެ. އަދި ، ދެމީހުންގެ ދޭތެރެއިން ޖާގަ ހޯދައިގެން މީރަބް ދުއްވައިގަތެވެ.
މުރުތަސިމް އެކުރިކަމެއް ފުރިހަމަކޮށް ނިންމާފައި އައިސް ، ކާރަށް އަރަން ދޮރު ހުޅުވައިލިއިރު ، ކާރުގައި މީރަބެއް ނެތެވެ. މުރުތަސިމަށް ހަދާނެގޮތް ބޮޑުވިއެވެ. އެތާ ތިބި އެންމެންނަށް މީރަބް ހޯދައިގެން ގެނައުމަށް އަމުރު ކުރިއެވެ.
މީރަބް ދުވަމުން އައިސް ، ޓްރަކެއްގެ ފަހަތުގައި ފިލައި އިނެވެ. ފަހަތުން އައިމީހުންނަށް މީރަބް ގެއްލުމާއެކީ ، އެމީހުންގެ ދުވަސް ދިޔައީކަން އެނގުނެވެ. އެއީ ، މުރުތަސިމްގެ ކިބައިން ބަދަލު ހިފުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. މީރަބް ހޯދައިގެން ، ޒުބޭރުގާތަށް ނުގެންގޮއްސިނަމަ ، އެތިންމީހުން މަރާކުރިމަތިލާން ޖެހޭނެއެވެ. އެމީހުން ދައްކަމުން ގެންދިޔަ ވާހަކަތައް ، މީރަބަށް ސާފުކޮށް އިވެއެވެ.
އެމީހުން މީރަބް ހޯދުމަށް ދުއްވައިގަތްތަނާ ، އިރުކޮޅެއް ކޮށްލާފައި މީރަބްވެސް ދުއްވައިގަތެވެ. އޭރު އަނދިރިވެސް ވެއްޖެއެވެ. މީރަބް ، ބިރުންހުރެ ، ރޮމުން ހިނގަމުން ދަނިކޮށް ، ޒުބޭރުގެ މީހުން އޭނާ އަތުލައިގަތެވެ. އަދި ބަޑިދިއްކޮށްގެން ތިބެ ، މީރަބްގެނެސް ، ގުދަނަކަށް ވެއްދިއެވެ.
މުރުތަސިމްވެސް ، މުޅިތަނަށް ވެރިވެފައި އޮތް އަނދިރީގައި ، އޭނާގެ މީހުން ގޮވައިގެން މީރަބް ހޯދަމުން ގެންދިޔައެވެ. މުޅި ސަރަޙައްދު ހޯދިއިރުވެސް މީރަބެއް ނުފެނުނެވެ. މުރުތަސިމް ހުރީ ރުޅިއައިސް ރަތްވެފައެވެ. މީރަބް މިހާރު ހުންނާނީ ، މާލިކްގެ މީހުންގެ އަތްދަށުގައިކަން މުރުތަސިމަށް އެނގުނެވެ. މާލިކުގެ އަތުގައި މީރަބް ޖެހިއްޖިއްޔާ ، މީރަބް މަރައިނުލާ ދުލެއް ނުކުރާނެއެވެ. މީރަބަށް އަނިޔާވެސް ކުރާނެއެވެ. އެވަގުތު ، މާލިކަށް ގުޅުމަށް ، އޭނާގެ ޚާދިމުންނަށް މުރުތަސިމް އެންގިއެވެ. ( ނުނިމޭ )
Varahreethi
ވަރަށްރީތި ވާހަކައެއް، މުރުތަސިމް އާއި، ކައިވެނި ހެޔޮވާނެކަން މިހާރު އެނގިއްޖެ!
Vv.reethi shukuran