ހަނދު އޭގެ ހަނދުވަރާ ނުލާ ... (3)

(  21 މޭ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މުރުތަސިމަކީ ، އެހެންމީހެއްގެ އެހީއަކަށް ބޭނުންވާނެ މީހެއްނޫނެވެ. އެހެނަސް ، ޙަޔާގެ ބޭނުމަކީ ، މުރުތަސިމް ބޭނުންވާ ހުރިހާކަމެއް ފުއްދައިދީގެން ، މުރުތަސިމްގެ ހިތް މިލްކު ކުރުމެވެ. ޙަޔާގެ މަޤްޞަދަކީ ކޮބައިކަން މުރުތަސިމަށް ރަނގަޅަށް އެނގެއެވެ. އެހެނަސް ، މުރުތަސިމުގެ އެއްވެސް ޝަޢުޤުވެރިކަމެއް ޙަޔާގެ މައްޗަކަށް ނެތެވެ. ރުޅި އައިސް ރަތްވެފައިހުރެ ، އެތިވަރު ގޮވައިގެންފައި ، ޙަޔާ ، އޭނާގެ ކޮޓަރިން ބޭރުކޮށްލިއެވެ.

ހިތަށް ތަދުވެގެން ، ޙަޔާ ބޭރަށްނުކުމެ ، ހިނގައިގަތްތަނުން ކުރިމައްޗަށް އެ އެރީ މީރަބެވެ. މީރަބް އެގެޔަށް އަންނަތަނުން ، މުރުތަސިމްގެ މިޒާޖު ބަދަލުވާކަން ޙަޔާއަށްވަނީ ފާހަގަ ކުރެވިފައެވެ. މުރުތަސިމާބެހޭ އެއްސިފައެއް ޙަޔާއަށް މީރަބު ސާފުކޮށްދިނެވެ. އެއީ މުރުތަސިމްގެ ރުޅިއެވެ. މުރުތަސިމް ރުޅިނައިސް ހުންނަ ވަގުތެއް ނުފެންނާނެއެވެ. އެއީ އޭނާގެ ތަބީޢަތެވެ. ޙަޔާއަށް ޤަބޫލުކުރެވޭގޮތުގައި ، ޙަޔާއަށް ކުރިމަތިވެފައިވާ މައްސަލަޔަކީ މީރަބެވެ. ޙަޔާދެކެ އެހާބޮޑަށް މުރުތަސިމް އެ ރުޅިއަންނަނީ މީރަބްގެ ސަބަބުންނެވެ. މުރުތަސިމާ އަޅައިގަނެގެން ، މުރުތަސިމްގެ ފަހަތުން ޙަޔާ އަބަދު ދުވަނީ ކީއްވެގެންކަމެއް މީރަބަކަށް ނުވިސްނެއެވެ. މީރަބްހެން ، އަމިއްލަ ނަފްސަށް އިޙްތިރާމްކޮށްގެން އެގޭގައި ދިރިއުޅޭމީހަކަށްވާކަށް ޙަޔާއެއް ނޭދެއެވެ. ޙަޔާ ބޭނުންވަނީ ކޮންމެ އަގެއްދީފައިވިޔަސް ، އެގޭގެ އެންމެންގެ ރުހުމާއި ލޯބި ޙާޞިލް ކުރުމަށެވެ. އެގޭގެ އެއްވެސް މީހަކާމެދު ދެކޮޅުވެރި ވިސްނުމެއް ، ޙަޔާއެއް ނުގެންގުޅޭނެއެވެ. އެކަމާ ދެރަވެ ހިތަށް ތަދުވެގެން އަބަދު ރޯންޖެހުނަސް ، ޙަޔާއަށް އެއީ އެއްވެސް ކަމެއްނޫނެވެ.

ވައްޤާސް އިސްލާމްއާބާދަށް އައުމާއެކު ، އޭނާގޮވައިގެން ، ފިރިމީހާ ޝާހްނަވާޒްގެ މަޤްބަރާއަށް ޒިޔާރަތްކުރުމަށް ، ޚާނަމް ނިންމިއެވެ. ޚާނަމްއާއެކީ ގެންދިޔައީ ހަމައެކަނި ވައްޤާސް އެވެ. އެއްވެސް ނޯކަރަކުވެސް ނުގެންދެއެވެ. ޝާހްނަވާޒްގެ މަޤްބަރާގެ ކުރިމަތީ ހުއްޓިހުރެ ، ޚާނަމް އޭނާގެ ފިރިމީހާއާ މުޚާތަބު ކުރިއެވެ.

" ޝާހްނަވާޒް އެވެ ! މީރަބް ބަލައި ބޮޑުކުރުމުގައި ވައްޤާސްގެ އިޚްލާޞްތެރިކަމާއި އިޙްސާންތެރިކަން ވަރަށް ބޮޑެވެ. މީރަބް ބަލައި ބޮޑުކޮށްފައި އެހުރީ ހެޔޮ ތަރުބިއްޔަތެއްދީގެން ވަރަށް ލޯބިންނެވެ. އަމިއްލަ ދަރިއެއްފަދައިންނެވެ. " ޚާނަމް ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެއަށްފަހު ، ވައްޤާސްއާ ކުރިމަތިލައި ، ޚާނަމް ވާހަކަ ދައްކަން ފެއްޓިއެވެ.

" ޝާހްނަވާޒް އަހަރެންނަށް ހުވަފެނުން ފެންނަތާ މިހާރު ހަފުތާއެއް ވެއްޖެއެވެ. ފެންނައިރު ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. މީރަބްވެސް ، ޝާހްނަވާޒްގާތުގައި ހުރެއެވެ. އެހިސާބުން ، ވައްޤާސް ، ޝާހްނަވާޒަށްވީ ވަޢުދުގެމަތިން ވައްޤާސްއަށް ހަނދާންކޮށްދޭންޖެހެނީކަމުގައި އަހަރެންނަށް ޤަބޫލު ކުރެވުނެވެ. ޝާހްނަވާޒް ބުނާ ކަހަލައެވެ. އަހަރެމެންގެ މީރަބް ، ދެން އަހަރެމެންނާ ޙަވާލު ކުރާށެވެ. " ޚާނަމްގެ ވާހަކަ ނިންމައިލިއެވެ.

ޚާނަމް އެދެއްކި ވާހަކަތަކަކީ ، ގޭގައި ތިބެގެންވެސް ދެއްކިދާނެ ވާހަކަ ތަކެކެވެ. ޝާހްނަވާޒްގެ މަޤްބަރާދޮށަށް އައިސް އެވާހަކަ ދެއްކުމުގެ ބޭނުމެއް ވައްޤާސްއަކަށް ނޭނގުނެވެ. ޚާނަމްގެ ބައިވެރިޔާ އެއޮތީ ، އެ މަޤްބަރާގައި ނިދާފައެވެ. އެތަނެކޭ ގެޔެކޭ ޚާނަމްއަށް ތަފާތެއް ނެތެވެ. ވައްޤާސް އޭނާގެ ރަޙުމަތްތެރިޔާއަށްވީ ވަޢުދު ފުރިހަމަކުރާނެކަން އަންގައިދިނުމަށްޓަކައި ، އެޔަޤީންކަން ރަޙުމަތްތެރިޔާއަށް ކަށަވަރުކޮށްދިނުމަށްޓަކައި ، އެތަނުގައި އެވާހަކަ ދެއްކުމަކީ މުހިންމުކަމެއްކަމަށް ޚާނަމްއަށްފެނުނެވެ. ޚާނަމް ދެން އެތަނަށް ޒިޔާރަތްކުރާނީ މީރަބް ގޮވައިގެންކަމުގައި ބުނަމުން ، ޚާނަމްއާއި ވައްޤާސް ، ޤަބްރުސްތާނުން ނުކުތެވެ. ގެޔަށް އައިސް ، ވައްޤާސްގެ ދެމަފިރިންނާއި ޚާނަމްއާ އަދި އަންވަރު ތިބެ ، މީރަބަށް ހަދާނެގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުން ދިޔައެވެ. ވައްޤާސްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ، މީރަބްގެ މިޒާޖުހުންނަގޮތުން ، ކައިވެންޏަށް އިންކާރު ކުރާނެތީއެވެ. މީރަބް ކުރެން އަހައިވެސް ނުލާ ، އެވަރުގެ ނިންމުމެއް ނިންމައިގެންވާނެކަމަކަށް ވައްޤާސްއަކަށް ޤަބޫލެއް ނުކުރެވެއެވެ. އަންވަރުގެ ނިންމުމަކީ ، އެކަމާ ވައްޤާސް ނުބެހުމެވެ. އެކަން ކުރާނީ އެމީހުންގެ ގޮތުގައި އަންވަރުމެންނެވެ.

މީރަބްގެ ޢުމުރުން 21 އަހަރުވަނީއެވެ. ޚާނަމް ބޭނުންވީ ، މީރަބްގެ އުފަންދުވަސް އެގަނޑުވަރުގައި ، އެންމެން އެކީ ފާހަގަ ކުރުމަށެވެ. އެހެންކަމުން ، މީރަބްގޮވައިގެން ވައްޤާސް ، ކަރާޗީއަށް ދިއުމުގެ ހުއްދަ ދިނެވެ. އެކަމަކު ، މީރަބްގެ އުފަންދުވަހު ، މީރަބް ގޮވައިގެން ވައްޤާސް ، އަޙްމަދުއާބާދަށް އައުން ޝަރުތު ކޮށްފައެވެ.

އަޙްމަދުއާބާދުން ފުރައިގެން ކަރާޗީއަށް އައިސް ގެޔަށް ވަނުމަށްފަހު ، މީރަބް ފުންނޭވާއެއް ލިއެވެ. ހަރުކަށި އުޞޫލުތަކެއް ގެންގުޅޭ ޖަލަކުން ނުކުމެވިގެން އާދެވުނު ކަހަލައެވެ. މީރަބްގެ މަންމަ އަނީލާއަށް އެގޭގެ ހަތަރުފާރު ތެރޭގައި އޮންނަ ހަރުކަށި ހަމަތަކާއި އުޞޫލުތަކުގެ ވާހަކަ ކިޔައިދެމުން ގެންދިޔައެވެ. ޚާއްޞަކޮށް އެތާއެއުޅޭ މުރުތަސިމްގެ ކަންތައް ވަކިން ބޮޑެވެ. މުރުތަސިމްގެ ކުރިމައްޗަށް އެރޭހިނދު ، މީރަބަށް ހީވަނީ ، ބަނޑުހައިވެފާ އޮންނަ މިނިކާވަގެއްގެ ކުރިމައްޗަށް ނުކުމެވޭ ހެންނެވެ. އެމީހުންގެ ހަރުކަށިކަމުގައި އެމީހުން އެއުޅެނީ އުފަލުގައިކަމަށް ބުނަމުން ، ވައްޤާސްވެސް އެތަނަށް އައެވެ. އެމީހުންނަކީ ، ވައްޤާސްގެ ޢާއިލާގެ ބައެއްކަމުގައި ބުނަމުންނެވެ. އެހެނަސް މީރަބް އެކަން ޤަބޫލެއް ނުކުރެއެވެ. އެއީ މުޅިންތަފާތު ، ދުރުބަޔެކެވެ. މީރަބްގެ ޢާއިލާއަކީ އޭނާގެ މަންމަ އާއި ބައްޕައެވެ. އެ ދެމީހުން އެތިބީ އޭނާގެ ކުރިމަތީގައެވެ.

މިއަދަކީ ، މީރަބްގެ އުފަން ދުވަހެވެ. ރައްޓެހި ދެއަންހެން ކުއްޖަކު އެގެޔަށް އައިސް އެބައުޅެއެވެ. އެކުދިންނަށް އެނގިފަ އޮތްގޮތުގައި ، މީރަބްގެ ޢާއިލާގެ އަންހެންކުދިންނަކީ ، ވަރަށް ޅަޢުމުރުގައި މީހުންނާ ދެވާ ބަޔެކެވެ. މަޖާކޮށް ވާހަކަ ދެއްކުމުގެ ތެރޭގައި ، މީރަބާ އަޅުވާ ފިރިހެންކުއްޖެއްގެ ނަން ، ގެނެވުނެވެ. އެއީ ރޮހޭލެވެ. ރޮހޭލާއި މީރަބަކީ ގާތް ދެ ރަޙުމްތެރިންކަމުގައި މީރަބް ބުނަމުން ގެންދިޔައެވެ. އެހެނަސް ، އެކަން އެކުދިންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އެދެމީހުންގެ މެދުގައި އެހެންކުދިންނާއެކުގައި ނުއޮންނަފަދަ ޚާއްޞަ ގުޅުމެއް އެބައޮތެވެ. ޚާއްޞަކޮށް ، ރޮހޭލްއަކީ މީރަބަށް ވަގުތުދޭ މީރަބާ އަޅައިގަނެގެން އުޅޭ ކުއްޖެކެވެ.

މީރަބްގެ އުފަންދުވަހު ، އަޙްމަދުއާބާދަށް މީރަބް ގެނައުން ޙަވާލުކުރެވުނީ މުރުތަސިމާއެވެ. ކަރާޗީއަށް ވަނުމަށްފަހު ، ކާރުގައި އިނދެ ، މީރަބަށް ފޯނުކޮށް މީރަބު އެއުޅެނީ ކޮންތާކުތޯ މުރުތަސިމް ސުއާލު ކުރިއެވެ. މީރަބްގެ ފަރާތުން  މުރުތަސިމަށް ލިބުނީ އެކަމާ އޭނާ ޙަވާލުވިމޮޔަ ހިތަށް އަރާވަރުގެ ޖަވާބެކެވެ.

" އަހަރެން އުޅޭނީ އަހަރެން އުޅޭނެތާކުއެވެ. އެއީ އެހެން އެއްވެސްމީހަކާ ބެހޭކަމެއްނޫނެވެ. "

މީރަބުގެ ޖަވާބަށްފަހު ، އިތުރު ވާހަކައެއް ނުދައްކައެވެ. ފޯނުވެސް ކަނޑައެއް ނުލައެވެ. މުރުތަސިމްގާތަށް އައިރުޅި ވަކިން ގަދަވިއެވެ.

މުރުތަސިމަށް ވައްޤާސްމެންގެ ގެޔަށް ދެވުނުއިރު އެދުވަހުގެ އިރު އޮއްސެނީއެވެ. މުރުތަސިމާ ދިމާވީ ، އެއްކަލަ ނޯކަރެވެ. މުރުތަސިމްގެ ހިތުގައިވެސް އޭނާގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. ހާލުއަހުވާލު އެހުމަށްފަހު ، މީރަބް ކޮބައިތޯ މުރުތަސިމް ސުއާލު ކުރިއެވެ. އޭރު ، މީރަބްވީ ، އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށްޓަކައި އެކުވެރިން އިންތިޒާމްކުރި ޕާޓީއަކަށް ގޮހެވެ.

ޕާޓީގެ ހުރިހާކަމެއް އިންތިޒާމްކުރީ ރޮހޭލެވެ. ޕާޓީ އިންތިޒާމް ކޮށްފައި އޮތީ ،  މީރަބް ހީކުރިވަރަށްވުރެ ބޮޑަށެވެ. ކުދިންވެސް އެހާ ގިނައެވެ. ކޭކު ފަޅާލައި މީރަބްގެ އިސް އުފުލައިލިއިރު ، ކުރިމަތިން އެފެނުނީ ، އޭނާއާ ދިމާއަށް މުރުތަސިމް ހިނގާފައި އަންނަ ތަނެވެ. ލިބުނު ޙައިރާންކަމުގައި ހުއްޓާ ، މުރުތަސިމް އައިގޮތަށް އައިސް މީރަބްގެ އަތުގައި ހިފައި އޭނާއާއެކީ ދިއުމަށް އެދުނެވެ. ރޮހޭލަށް ހިމޭނަކުން ނުހުރެވުނެވެ. އެއީ ކާކުތޯ ރޮހޭލް ސުއާލު ކުރިއެވެ. ރޮހޭލްއާ ދިމާލަށް އެނބުރިލައި ، އެއީ އޭނާގެ ދެބެންގެ ދެދަރި މީހެއްކަމަށް މީރަބް ބުންޏެވެ. ދަޢުވަތު ނުދޭ މީހަކު އެޕާޓީއަށް އައިސް ޕާޓީ ޚަރާބުކުރަން އުޅުމަކީ ރޮހޭލަށް ހިމޭނުން ހުރެވޭވަރުގެ ކަމެއްނޫނެވެ. މުރުތަސިމާ ދިމާލަށް އެއްޗެތި ކިޔައިގެންފައި ، މީރަބްގެ އަތުން ދޫކޮށްލައި ، އެތަނުން ނުކުމެގެން ދިއުމަށް މުރުތަސިމަށް އެންގިއެވެ. އެހެން ނޫންކަމަށްވަންޏާ ، އޭނާ މަޑެއްކޮށެއް ނުހުންނާނެއެވެ. މުރުތަސިމް އަނގައިން ނުބުނެ ، ކަމެއްނުކޮށް އެހުންނަނީ މީރަބަށްޓަކައިކަމުގައި ބުންޏެވެ. ހަމައެއާއެކީ ، އެއްވެސް ކަމެއްނުކޮށް ރޮހޭލް ހަނުހުރުމަށް  މީރަބްވެސް އެދުނެވެ. އެހެންނަމަވެސް ، ރޮހޭލް އައިސް މުރުތަސިމްގެ އަތުގާހިފައި މީރަބް ހުއްޓުވިއެވެ. އެހިސާބުން މުރުތަސިމްގެ ނަފްސުގެ ކޮންޓްރޯލް ނެއްޓިއެވެ.

ކޭކުފަޅަން މޭޒުމަތީ ބާއްވާފައި އޮތް ވަޅިނަގައި ރޮހޭލްގެ ކަރުގައި ޖެއްސިއެވެ. އަދި ، އެއްއަތުން ކޭކު ހަލާކުކޮށް އެއިންބައެއް ނަގައި ، ރޮހޭލްގެ އަނގަމަތި ފުރެންދެން ، ކާއްތައިގަތެވެ. އެއަށްފަހު ، މިހާރު އޮންނާނީ ރަނގަޅަށް އުފަންދުވަސް ފާހަގަ ކުރެވިފައޭ ބުނެ ، މީރަބްގެ އަތުގައި ހިފައިގެން އެތަނުން ނުކުތެވެ. އޭރުވެސް މީރަބް ގެންދިޔައީ ، މުރުތަސިމާއެކީ އޭނާ ނުދާނެކަމަށް ބުނެ ގަދަ ދައްކަމުންނެވެ. މުރުތަސިމް ފޯނުނެގުމަށްފަހު ، ވާހަކަ ދައްކާށޭ ބުނެ މީރަބާ ފޯނު ޙަވާލު ކުރިއެވެ.

އެ ފޯނުން ވާހަކަ ދެއްކީ ވައްޤާސް އެވެ. އަޙްމަދުއާބާދަށް ނުދާނެކަމަށްބުނެ ، މީރަބް ޝަކުވާކޮށްގަތެވެ. އެހެނަސް ، މުރުތަސިމާއެކީ ދިއުންނޫންގޮތެއް ، ވައްޤާސްގެ ފަރާތުންވެސް މީރަބަކަށް ނުފެނުނެވެ.

ރޮހޭލްހުރީ ހަދާނެގޮތް ބޮޑުވެފައެވެ. މީރަބަށްޓަކައި ، އެވަގުތު އެއްވެސް ގޯހެއްހަދާކަށް ރޮހޭލް ބޭނުމެއް ނުވިއެވެ. މީރަބް ދަމާފައި ގެންގޮސް ، ކާރަށް އަރުވަންދެން ރޮހޭލަށް ޖެހުނީ ހިމޭނުން ހުންނާށެވެ. އޭނާގެ ޖީބުން ކުޑަފޮށްޓެއް ނެގިއެވެ. އެފޮށި ހުޅުވާލިއެވެ. އެފޮށީގައި އެއޮތީ ، މީރަބްގެ އަތުގައި އެޅުވުމަށް އޭނާގަތް އެންގޭޖްމަންޓް އަނގޮޓިއެވެ. އަނގޮޓިއާ ދިމާލަށް ބަލައިލުމަށްފަހު ، ދެލޯ މަރާލައި ، ރޮހޭލްގެ ޖީބަށްލައި ފޮރުވިއެވެ.

އަޙްމަދުއާބާދަށް އައިސް ، ކާރުން ފައިބާ  ޚާނަމްގެ ގަނޑުވަރަށް ވަތްއިރު ، ދެފަރާތުން ދިއްލިފައިވާ ބޮކިތައް މީރަބަށް ފެނުނެވެ. އެއޮށްބޮޑު ގޯތިތެރެ އޮތީ ، އެކިކުލައިގެ ބޮކިތައް ދިއްލައި ޒީނަތްތެރި ކުރެވިފައެވެ. މީރުވަސްދުވާ  މާގަސްތަކުން މުޅިމާޙައުލު އޮތީ އެއްވަސް ކޮށްލާފައެވެ. ކަރާޗީލޮރީ އެކޭ އެއްގޮތަށް ، އެމާޙައުލުން ނުފެންނަ ކުލައެއް ނެތެވެ.

މީރަބަށްގޮސް ހުއްޓެވުނީ ، ކުރިމަތީ ބެހެއްޓިފައިހުރި ، އޭނާގެ ހަމައިސްކޮޅާ އެއްވަރުގެ ކޭކެއްގެ ކުރިމައްޗަށެވެ. ކޭކުގެ ދެފަރާތުގައި ކުޑަ ފަރުބަދައެއްހެން އެތުރިފައިވާ އެކިސައިޒްގެ ހަދިޔާގެ ޕާރުސަލްތައް ހުއްޓެވެ. މީރަބްހުރީ ދާނެދިމާލެއްވެސް ނޭނގި ޙައިރާންވެފައެވެ. ކުރިޔަށް ހިނގައިގަތްތަނާ ، އުފަންދުވަހުގެ މަރުޙަބާ ކިޔަމުން ، އެގެޔާއި ގެޔަށް އައިސް ޖަމާވެފައިވާ މެހެމާނުންތައް ކުއްލިޔަކަށް ނުކުތެވެ. އެންމެ ފުރަތަމަވެސް ، މީރަބަށް މަރުޙަބާކީ އޭނާގެ ބައްޕަ ، ވައްޤާސްއާއި މަންމަ އަނީލާއެވެ.

އެޕާޓީގެ ހުރިހާކަމެއް އިންތިޒާމްކުރީ ، ޚުދު އަންވަރު އަމިއްލަޔަށެވެ. އެވަގުތު ، އަންވަރުވެސް ، އެއްކަނެއްގައި ފިލާހުރެފައި ، މީރަބަށް ބާއްޖަވެރި އުފަންދުވަހަކަށް އެދެމުން މަރުޙަބާކިޔަމުން ނުކުތެވެ.

" މީރަބެވެ ! އަހަރެންގެ ލޯބި ދަރިފުޅަށް ، އުފަންދުވަހުގެ މަރުޙަބައާއި ތަހުނިޔާ ކިޔަމެވެ. " އަންވަރު ބުންޏެވެ.

މީރަބްހުރީ ބުނާނެ އެއްޗެއްވެސް ނޭނގި ، ޙައިރާންވެފައެވެ. އޭނާގާތަށް އައިސްހުރި ރުޅި ، މިހާރުވީތަނެއްވެސް ނޭނގެއެވެ. އެކާވީސް އަހަރުވީއިރު ، އޭނާއަށްޓަކައި ، އޭނާގެ އުފަންދުވަސް އެހާ ކުލަގަދަކޮށް ފާހަގަ ކުރެވިފައެއް ނެތެވެ. އަންވަރު ، މީރަބްގެ އަތުގައި ހިފައިލިއެވެ. އަދި ، ދައްތަމެން މިހާރު އެތިބީ ކޭކުފެޅުމުގެ އިންތިޒާރުގައި ކަމަށްބުނެ ، މީރަބް ގޮވައިގެން ހިނގައިގަތެވެ.

ކޭކުފެޅުމަށްފަހު ، ޚާނަމްގެ ދެ އަތުގައިއަޅާފައި އޮތް ބޮޑު ރަން ދެ އުޅާ ނަގައި ، މީރަބްގެ އުފަންދުވަހުގެ އުފަލުގައި ޚާނަމްގެ ޢާއިލީ އެ ދެއުޅާ މީރަބަށް ހަދިޔާކުރާކަމަށްބުނެ ، މީރަބްގެ ދެއަތުގައި އެޅުވިއެވެ. މީރަބަށް ، އޭނާގެ ބައްޕަ ވައްޤާސްއާ ދިމާލަށް ބަލައިލެވުނެވެ. އެ ހަދިޔާ ޤަބޫލުކުރުމަށް ، ވައްޤާސްގެ ބޮލުގެ ޢިޝާރާތުން މީރަބަށް އަންގައިލިއެވެ.

އުޅާ އަޅުވައިދިނުމަށްފަހު ، ޚާނަމް އިތުރަށް ބުނަން ބޭނުންވާ ވާހަކައެއް އެބައޮތްކަމަށް ބުންޏެވެ.

" އަހަރެން ، މީރަބްގެ ކައިވެންޏަށް އަހަރެންގެ ދަރިފުޅު ، މުރުތަސިމް އިޚްތިޔާރު ކޮށްފީމެވެ. " ޚާނަމް އިޢުލާން ކުރިއެވެ.

ޚާނަމްގެ އެ އިޢުލާނާއެކީ ، އެތާ އެއްވެފައިތިބި އެންމެންނަށް ޝޮކެއް ލިބިގެންދިޔައެވެ. މީރަބްގެ ދެފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ. އަރިއަޅައިގަތްތަނުން މީރަބް ހިފެހެއްޓީ ޚާނަމް އެވެ. މުރުތަސިމަށް ހުރެވުނީ ތަންކޮޅެއް ދުރުގައެވެ. އޭނާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. އޭނާގާތު ނާހައި ، އެހާބޮޑު ނިންމުމެއް ، މަންމަ ނިންމަފާނެކަމަކަށް މުރުތަސިމް ހީކޮށްފައެއް ނެތެވެ. އެހެންނޫނަސް ، މީރަބް ކަހަލަ ޒީލަގަދަ ސިނގު ރުޅިއެއް ހުންނަ ކުއްޖަކާއެކީ ދިރިއުޅުމަކީ ، މުރުތަސިމަށް ކުރެވޭނެ ކަމެއްނޫނެވެ. އަންވަރުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ޙާލާގެ ދެލޯ ބޮޑުވެ ، ނާއުއްމީދުގެ މޮޅިސާލަކުން ޙާލާގެ މޫނުމަތި ކިލަނބުވެގެންދިޔައެވެ. ވައްޤާސް އާއި އަނީލާގެ މޫނުމަތިން އުފާވެރިކަމެއްވެސް އަދި ހިތްހަމަ ނުޖެހުމެއްވެސް ނުފެނެއެވެ. އެހެނަސް ، މީރަބަށްޓަކައި އެދެމީހުންގެ ހިތުގައި އުފެދުނު ރަޙުމާއި ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ.

މަންމަ ، ޚާނިމް މުރުތަސިމަށް ގޮވާލައި މަރުޙަބާކީނަމަވެސް ، މަންމަގެ އަޑުވެސް މުރުތަސިމަކަށް ނީވެއެވެ. އޭނާހުރީ ޙައިރާންވި ގޮތަށް ގަބުވެފައެވެ. ދެލޯ ބޮޑުވެ ، ތަންމިނަށް އަނގަހުޅުވިފައެވެ. އޭނާގެ ކަންފަތަށްވެސް އެ އިވުނީ ، އަޑުއަހަން ބޭނުންވި ވާހަކައެއްނޫނެވެ. މީރަބާ ކައިވެނިކޮށްގެން ، ދިރިއުޅުމެއް އުޅުމަކީ ، މުރުތަސިމަށް ކުރެވޭނެކަމެއްނޫނެވެ. ކުރެވެން ނެތްކަމެއްގައި ، އޭނާކުރެން ނާހައި އެވަރުގެ ބޮޑު ނިންމުމެއް މަންމަ ނިންމީތީ މުރުތަސިމްގާތަށް ރުޅިއައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.