މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފި

މުލަކަތޮޅުގެ ފުރަތަމަ އެއަރޕޯޓު ރަސްމީކޮށް ހުޅުވައި ޚިދުމަތް ފަށައިފިއެވެ.

މ. މުލީގައި ތަރައްޤީކޮށްފައިވާ މި އެއަރޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒެވެ. މ. މުލީގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީންގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީހުން ދިރިއުޅޭ 8 ރަށް އެކުލެވޭ މި އަތޮޅަކީ ރާއްޖޭގައި މިވަގުތު އެއަރޕޯޓެއްގެ ޚިދުމަތް ނުފެށި އޮތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. މިއަދުގެ ހުޅުވުނު މި އެއަރޕޯޓުގެ ސަބަބުން މުލަކަތޮޅުގެ ރައްޔިތުންގެ ޒަމާންވީ ހުވަފެން ޙަޤީޤަތަށް ވެގެން ދިޔައީއެވެ.

 އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ހަދާފައިވާ މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުކުރާނެ އޭޕްރަން ހިމެނެއެވެ. މީގެ އިތުރުން، ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކޮށްފައިވެއެވެ.

 އެއަރޕޯޓުގެ ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 25 ވަނަ ދުވަހުއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިމަހުގެ 24 ގައި ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަންގެ ދަތުރުތައް މުލީ އެއަރޕޯޓަށް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުއެވެ.

މުލީ އެއަރޕޯޓުގެ އޮޕަރޭޝަންތައް ރަސްމީކޮށް ފެށުމާއެކު، ދަތުރުފަތުރުގެ ލުއިފަސޭހައިގެ އިތުރުން ވިޔަފާރިއާއި އިޤްތިޞާދީގޮތުންވެސް އަތޮޅަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ. އަދި މި މަޝްރޫޢާއެކު އިތުރު 40 ވަޒީފާގެ ފުރުޞަތު އުފެދިގެން ގޮސްފައިވާކަންވެސް ފާހަގަކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.