
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު ވަކިކުރައްވައިފިއެވެ.
އެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުންނެވެ. ވަކިވަކިން ނެގި ވޯޓުގައި ދެ ފަނޑިޔާރުންވަކިކުރުމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެ މައްސަލަ ދިރާސާކުރެއްވުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރާޢީ މައްސަލައެއް ނެތްކަމަށް ނިންމާފައެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލްނޫން ކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރު ވަކިކުރުމަށް މަޖިލީހުން ފާސްވީ ވަކިވަކިން އެހި ވޯޓުގައި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތިންބައިކުޅަ ދެބައަށްވުރެ ގިނަ މެންބަރުންގެ ވޯޓުންނެވެ. އެގޮތުން 68 މެންބަރުން އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ފަނޑިޔާރު އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލާގައެވެ.
އެ މައްސަލަ ދިރާސާކޮށް ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓިން ނިންމެވި ނިންމެވުމަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާޢީދުކުރައްވާފައެވެ. މެންބަރުން ވަނީ، ދަށު ކޯޓުގެ ޤާޟީންނަށް ދެ ފަނޑިޔާރުން ނުފޫޒް ފޯރުވިކަމަށް ސާބިތުވާކަމަށް ވިދާޅުވެފައެވެ.