
މަރު
އިންސާނާ ދިރިހުންނަނީ ، ނޭވާލާ ނިޒާމުން ކުރާ މަސައްކަތުން ނޭވާ އެތެރެވެ ބޭރުވެގެންދާތީއެވެ. މިދެކަމުންކުރެ އެއްކަމެއް ނުވިޔަސް ނޭވާ ހުއްޓޭނެއެވެ. ނޭވާ އެތެރެޔަށް ނުލެވުނަސް އަދި އެތެރެޔަށްލާ ނޭވާ ބޭރުނުވިޔަސް އިންސާނާގެ ހަށިގަނޑުގެ ދިރުން ނެތިގެންދާނެއެވެ. އެތެރެޔަށްލާ ނޭވާއިން ހަށިގަނޑަށް ލިބެނީ ، އޮކްސިޖަނެވެ. ބޭރަށްލާ ނޭވާއިން ބޭރުވަނީ ކާރބަން ޑިއޮކްސައިޑެވެ. އިންސާނާ ދިރިހުރުމަށް ލާ ނޭވާ ، ހަށިގަނޑަށްދަނީ ، ޖައްވުގައި ހިމެނޭ ގޭސްތަކާ އެކުގައެވެ. އޭގައި ހިމެނެނީ 78 އިންސައްތަ ނައިޓްރޯޖަން ، 21 އިންސައްތަ އޮކްސިޖަން ، 1 އިންސައްތަ އާރގަން ، 0.04 އިންސައްތަ ކާރބަން ޑިއޮކްސައިޑް އަދި ޖައްވުގައި ހުންނަ ތެތްކަމުން 0.5 އިންސައްތަ ފެނެވެ. ޢާންމުގޮތެއްގައި ، އިންސާނާ ނޭވާލަނީ ނޭފަތުންނެވެ. ބައެއްފަހަރަށް އަނގައިންނެވެ. ނޭފަތަކީވެސް އަދި އަނގަޔަކީވެސް ، ޖައްވުގައި ހުންނަ ގޭސްތައް ފިލްޓަރ ކުރެވޭނެ ގުނަވަނެއްނޫނެވެ. އެހެންކަމުން ހަށިގަނޑަށް ނޭވާދާނީ ހުރިހާ ގޭހެއް އެކުވެގެންނެވެ.
އިންސާނާ މަރުވުމަށްފަހު ، ނޭވާއެއް ނުލެވޭނެއެވެ. މަރަކީ ، ކޮންމެ މީހަކަށްވެސް ކުރިމަތިލާންޖެހޭނެ އެއްޗެކެވެ. މަރުވާނެ ވަގުތަކީ އެނގިގެންވާ ވަގުތެއްނޫނެވެ. ކޮންމެ އިރަކުވެސް އިންސާނާ މަރުވެދާނެއެވެ. މަރަކީ ، ކޮންމެހެން ބައްޔަކާ ގުޅިފައި އޮންނަ އެއްޗެއްނޫނެވެ. އަދި ، މުސްކުޅި ޢުމުރާވެސް ގުޅިފައި އޮންނަ އެއްޗެއްނޫނެވެ. ބަލިނުވިޔަސް ، އަދި މުސްކުޅި ނުވިޔަސް މަރުވާނެއެވެ. ކޮންމެ ވަގުތެއްގައިވެސް އިންސާނާ މަރުވެދާނެއެވެ. މަރަކީ ބިރުވެރި ޙާލަތެކެވެ. ތަދާއި ތަކުލީފުން ފުރިގެންވާ އެއްޗެކެވެ.
ދުނިޔެއަކީ އުނދަގޫ ތަނެކެވެ. ތަކުލީފުން ފުރިގެންވާ ތަނެކެވެ. އޭގެ މާނަޔަކީ ، އިންސާނާ ދުނިޔޭގައި އުޅެ ނުކުމެގެންދަނީ ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުގެ މަތިން ، އެމީހެއްގެ މަރުގެންނެވުމަށް އެކަލާނގެ ނިންމަވާފައިވާ ގޮތެއްގެ މަތިންނެވެ. އެހެންކަމުން މަރަކީ ، ﷲ ވޮޑިގެންވާކަމުގެ އެންމެ އަލިގަދަ އެއް ހެއްކެވެ.
ކީރިތި ޤުރުއާނުގެ އާލުޢިމްރާން ސޫރަތުގެ 185 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ
މިއާޔަތުގެ މާނައަކީ ؛
" ކޮންމެ ނަފްސަކީވެސް ، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ، ( ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް ) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ ، ޤިޔާމަތް ދުވަހުންނެވެ. ފަހެ ، ނަރަކައިން އެއްކިބާކުރައްވައި ، ސުވަރުގެޔަށް ވެއްދެވި މީހާ ( ދަންނާށެވެ! ) ފަހެ ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ. "
މީގެ އިތުރަށްވެސް ، ކީރިތި ޤުރުއާނުގެ އަލްމުލްކު ސޫރަތުގެ ދެވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ
މިއާޔަތުގެ މަނައީ ؛
" އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި ، މަރުވުމާއި ، ދިރިހުރުން ، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ، ޢަޒީޒުވަންތަ ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. "
ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމަ ، އަވަހާރަވެވަޑައިގަތުމުގެ ވަގުތު ޖެހުނުހިނދު ، އެކަލޭގެފާނުގެ ޢުމުރުފުޅު ދިގުކޮށްދެއްވުމަށް އެދިވަޑައިގަންނަވާތޯ ، މަރުހިއްޕަވާ މަލާއިކަތާ މެދުވަރިކުރައްވައި އެއްސެވިކަމަށް ، ޢިލްމުވެރިން ވިދާޅު ވެއެވެ. މިއީ ، މަރުހިއްޕަވާ މަލާއިކަތާ ، އެއްވެސް އިންސާނަކަށް ދެއްވާ ފުރުޞަތެއްނޫނެވެ. އެހެންނަމަވެސް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދިވަޑައިގަތީ ، އެކަލޭގެފާނުގެ ވެރި ﷲ ގެ ޙަޟްރަތަށް ވަޑައިގަތުމަށެވެ. އިތުރަށް ދިރިހުންނަވާކަށް ބޭނުންފުޅެއް ނުވިއެވެ.
އީމާންކަމުގެ އަހުލުވެރިންނަށް މަރަކީ ، ނިޢުމަތެކެވެ. ދުނިޔޭގެ ދަތި އުނދަގޫތަކުން ސަލާމަތްވެ ، ދުނިޔޭގައި އެއިންސާނާއަށް ﷲ ކުރިމަތިކުރައްވާ އިމްތިޙާންތައް ނިމި ، ﷲ ގެ ޙަޟްރަތަށް ދަތުރު ކުރެވޭތީއެވެ.
މަރު ހަނދާންކުރުމަކީ ، އިންސާނާގެ ޢަމަލުތައް ހެޔޮމަގަށް ރުޖޫޢަވާ ޢަމަލެކެވެ. މަރުހަނދާން ކުރުމަކީ ، މިދުނިޔެއަކީ ދާއިމީ ތަނެއްނޫންކަން ، އިންސާނާއަށް އަންގައިދޭ ޢަމަލެކެވެ. ސޫރަތުލް މުލްކުގައިވާ ފަދައިން ، އަޞްލަށް ރުޖޫޢަވެ ، ހެޔޮޢަމަލު ގިނަކޮށް ، ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކޮށްދޭގޮތަށް ، އިންސާނާގެ އުޅުމާއި ގުޅުން ޤާއިމްކޮށްދޭ ކަމެކެވެ. އަބަދުވެސް ، މަރުމަތިން ހަނދާން ކުރުމަށް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް އަންގަވާފައިވާ ސަބަބަކީވެސް އެއީއެވެ.
އިންސާނާގެ ހިތަކީ ، ދަނގަޑާ އެއްގޮތަށް ހަރުއެއްޗެއްކަމަށް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ޙަދީސް ކުރެއްވިހިނދު ، ހިތްމަޑުކުރާނީ ކިހިނެއްތޯ ދެންނެވުމުން ، އެކަން ކުރާނީ މަރު ހަނދުމަ ކުރުމުންނާއި ، ކީރިތި ޤުރުއާން ކިޔެވުމުންކަމުގައި ، އެކަލޭގެފާނު ޙަދީސް ކުރައްވާފައި ވެއެވެ. މަރުހަނދުމަކުރާ މީހުން ދުނިޔޭގެ އެދުންތަކަށް ހެއްލިގެންނެއް ނުދާނެއެވެ. ދުނިޔޭގައި އެއްކުރާ ފައިސާ އާއި މުދަލަކީ ، މަރުވުމުން ހިފައިގެން ދެވޭނެ އެއްޗެއްނޫންކަން ، މަރުހަނދާންކުރާ މީހުންނަށް ވިސްނޭނެއެވެ. އެ އެއްޗިއްސަކީ ވާރުތައިން އެހެން ބަޔަކަށް ލިބިގެންދާގޮތަށް ، މަރުވާ މީހާ ދޫކޮށްދާ އެއްޗެކެވެ. އެ ވިސްނުމުން ވިސްނާ މީހުންނަކީ ދަހި ބަޔަކަށް ނުވާނެއެވެ. ދުނިޔޭގައި އިންސާނާ ހޯދާ މުދަލަކީ ، އޭނާގެ އަމިއްލަ އެއްޗެއްނޫންކަން ދެނެގަނެވޭނެއެވެ.
މަރުވުމަކީ ، މުސްލިމުންނަށް ނިމުމެއްނޫނެވެ. އެހެނެއްކަމަކު ، އެއީ ، ދުނިޔަވީ ޙަޔާތުން ނުކުމެ އާޚިރަތުގެ ގޮވައްޗަށް ދިއުމުގެ ދަތުރުގެ ފެށުމެވެ.
މަރަށްތެޅޭ ވަގުތާއި މުޞީބާތުގެ ވަގުތަކީ ، އިންސާނާ އޭނާ ހެއްދެވި ފަރާތް ހަނދުމަވާ ވަގުތެކެވެ. މިސާލަކަށް ، ކަނޑުމެދުގައި އެކަނި ހުއްޓައި ވިއްސާރައާއި ވަޔާ އަދި ބޮޑެތިރާޅުގެ ތޫފާނެއްގައި ، ދޯންޏެއްގެ ނުވަތަ ލޯންޗެއްގެ އިންޖީނު ހުއްޓިއްޖެނަމަ ، ހަދާނެގޮތް ބޮޑުވާނެއެވެ. ހަތަރު ފަރާތުން އުދަރެހުން އެއްވެސް ރަށެއް ނުވަތަ ހިކިފަސްތަނެއް ނުފެންނާނެއެވެ. މާސިންގާ ކަނޑުގައި އެކަނިމާ އެކަންޏެވެ. އެވަގުތު ޔާ ﷲ އޭ ބުނެ ރޮވި ހިތާމައާއި ބިރުވެރިކަމުން ، އުޑުމައްޗަށް ބަލައިލެވި ، ﷲ ގެ މަދަދާއި ވާތްގަށް އެދި ، ދެއަތް އުފުލައި ލެވޭނެއެވެ. އެއީ ، އިންސާނީ ޠަބީޢަތެވެ. މުޞީބާތުގެ ވަގުތުގައި ، ކީރިތި ޤުރުއާން ކިޔެވުމަށް އަދިކަލަކު ވޮޑިގެންވާކަން ޤަބޫލުކޮށް ، ﷲ ގެ ކުޅަދުންވަންތަކަމުގެ މަތިން ހަނދުމަ ކުރުމަށް މަޖުބޫރު ކުރެއެވެ.
ކިރިތ ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 156 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
މި އާޔަތުގެ މާނައީ ؛
" އެއުރެންނީ އެއުރެންނަށް މުޞީބަތެއް ޖެހިއްޖެނަމަ ، ހަމަކަށަވަރުން ތިމަންމެންނީ ، ﷲއަށް މިލްކުވެވޮޑިގެންވާ ބަޔެކޭ ، އަދި ހަމަކަށަވަރުން ތިމަންމެންނީ ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. "
މީގެ އިތުރަށްވެސް ، ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
މިއާޔަތުގެ މާނައީ ؛
" ﷲ، އެއްވެސް ނަފްސަކަށް ، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް ( ގެ ޘަވާބު ) އެ ނަފްސަކަށް ވެއެވެ. އަދި ، އެ ނަފްސެއް ހޯދި ނުބައިކަމެއް ( ގެ ޢިޤާބު ) އެ ނަފްސެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ ، ނުވަތަ ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި ، އަޅަމެންނަށް ޢަފޫ ކުރައްވާނދޭވެ! އަދި ، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި ، އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ ، ކާފިރު ވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ! "
ﷲ ވޮޑިގެންވާކަމުގެ ހެއްކެއްގެ ގޮތުގައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީސްފުޅެއްގެ ސާބިތުކަން ޙުއްޖަތަކަށް ފުދެއެވެ. މުޞީބާތުގެ ވަގުތުގައި ﷲ ގެ ރަސްކަންފުޅަށް ދުޢާކުރާނަމަ ، " ދިރިހުރުމަކީ މިއަޅާއަށް އެންމެ ރަނގަޅުގޮތް ކަމުގައިވާނަމަ ، ގިނަދުވަހު ދިރި ދެމެހެއްޓެވުމަށާއި ، މަރަކީ މިއަޅާއަށް އޮތް އެންމެ ރަނގަޅުގޮތްކަމުގައިވާނަމަ މަރުގެންނެވުމަށް " ދުޢާކުރުމަށް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައި ވެއެވެ.
މިފަދަ ދުޢާތަކުން ސާބިތުކޮށްދޭ އެއްކަމަކީ ، ކަލަކުވޮޑިގެންވާ ކަމާއި ، އިންސާނާގެ ދުނިޔެ އާބާދު ކޮށްދެއްވުމަށް ދަންނަވަންޖެހޭ ފަރާތެއް ވާކަމެވެ. އެފަރާތަކީ ކޮބައިކަން ، އެނގެނީ ކީރިތި ޤުރުއާނާއި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. މިއީ ، މުސްލިމުންގެ އިޢުތިޤާދުގައި އެކަން އޮންނަންޖެހޭ ގޮތެވެ.
ނިދީގެ ޙާލަތުގައި ނުވަތަ ، ހޭނެތިފައި އޮންނަ ޙާލަތުގައި މަރުވުމަކީ ، ދުނިޔަވީ ނަޒަރަކުން ބަލާއިރު ، ފަސޭހަމަރެއްކަމުގައި ބެލެވޭނެ ޙާލަތެއްނޫނެވެ.
ހެޔޮ ޢަމަލައިގެން މަރުވެދާ މީހާގެ ފުރާނަ ހިއްޕެވުމަށް ، ފުރާނަ ހިއްޕަވާ މަލާއިކަތާ ވަޑައިގަންނަވާނީ ރީތި އަދި ފުރިހަމަ ސޫރައެއްގައެވެ. ﷲ އަންގަވާފައިވާ މަގު ދޫކޮށް ، ނުބައި ޢަމަލުތަކަކައިގެން މަރުވެދާ މީހާގެ ފުރާނަ ހިއްޕެވުމަށް ، ފުރާނަ ހިއްޕަވާ މަލާއިކަތާ ވަޑައިގަންނަވާނީ ބިރުވެރި ސޫރައެއްގައެވެ.
ދުނިޔެއަށް އިންސާނާ އުފަންވީއްސުރެ ، މަރުވުމާ ހަމަޔަށް ، އެއިންސާނާއަށް ވަސްވާދީ ، ތެދުމަގުން އެއްކިބާކުރުމަށް ، ޝައިޠާނާ މަސައްކަތް ކުރާނެއެވެ. ހެޔޮލަފާ މުސްލިމަކަށް ، މަރަކީ ބިރުވެރިކަމެއްނޫނެވެ. އެއީ އެއިންސާނާ އުފެއްދެވި ޚާލިޤުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއާ ބައްދަލުކުރުމަށް ދަތުރުފަށާ ވަގުތެވެ.
މަރަކީ ، ކޮންމެވެސް ދުވަހަކުން އިންސާނާއާ ބައްދަލުކުރާނެ އެއްޗެކެވެ. ފަސޭހަ މަރަކައިގެން ދުނިޔެއަޅައިދާން ބޭނުންވާމީހާއަށް އޮތީ ، ﷲ ރުހިވޮޑިގެންވާގޮތުގައި ، އިންސާނާ ދުނިޔޭގައި އުޅުމަށް ﷲ އަންގަވާފައިވާ މަގުގައި ސާބިތުވެހުރެ ، ތަޤްވާގެ އަހުލުވެރިޔަކަށް ވުމަށް މަސައްކަތް ކުރުމެވެ. އަދި މި ފަނާވަނިވި ދުނިޔެދޫކޮށް ﷲ ގެ ޙަޟްރަތަށް ދަތުރުކުރާއިރު ، އަމާން އަދި ފަސޭހަ މަރަކައިގެން ، ﷲ ގެ ޙަޟްރަތަށް ދަތުރު ކުރުމެވެ.
މަރަކީ ، ހުރިހާ ގޮތަކުން ބަލާއިރުވެސް ، ﷲ ވޮޑިގެންވާކަން ސާބިތުކޮށްދޭ ފުރިހަމަ ދަލީލެކެވެ. އެހެނީ ، އިންސާނާ ޚަލްޤު ކުރައްވައި ދުނިޔެމައްޗަށް ފޮނުއްވީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ދުނިޔެ ދޫކޮށް އެނބުރިދާންޖެހޭނީވެސް އެކަލާނގެ ޙަޟްރަތަށެވެ. އެއީ ، މުސްލިމުންގެ ޢަޤީދާގައި ޝައްކެއް އޮންނަ ކަމެއްނޫނެވެ. ( ނިމުނީ )