ﷲ ވޮޑިގެންވާކަމުގެ ހެކިތައް (15)

ސިކުނޑީގެ ބަލިތައް

ސިކުނޑިޔަކީވެސް ، އިންސާނާއަށް ﷲ މިންވަރުކުރައްވާފައިވާ ގުނަވަންތަކުން އެންމެ މުހިންމު އެއް ގުނަވަނެވެ. އިންސާނާގެ ޢަމަލުތައް ތަރުތީބުވެގެންދަނީ ސިކުނޑީގެ މަސައްކަތުންނެވެ. ރަނގަޅާއި ނުބައި ވަކިކޮށް ދެނެގަނެވެނީ ސިކުނޑީ މަސައްކަތްކުރާ ގޮތެއްގެ މަތިންނެވެ.

ކޮންމެ އިންސާނަކީވެސް ، ޙާލަތާ ގުޅޭގޮތުން ، އެކިވަރުން ސިކުނޑީގެ ބަލިތައް ޖެހިފައި އޮންނަ މީހެކެވެ. ބައެއްމީހުންނަށް ސިކުނޑީގެ ބައްޔަކީ ، ފާހަގަ ނުކުރެވޭ ބައްޔަކަށް ވެދާނެއެވެ. އަނެއްބަޔަކަށް އެއީ ކެތްކުރަން ދަތިވާފަދަ އުނދަގުލަކަށް ވެދާނެއެވެ. އިންސާނާގެ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ، އުފަލާއި ހިތާމަ އަދި ކަންބޮޑުވުމާއި ރުޅިވެރިކަމާ ކުރިމަތިވާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ވަކިމިންވަރެއްގައި ހިފަހައްޓަންޖެހޭ އިޙްސާސްތަކެކެވެ. އަދި ، ވަކި މިންވަރެއްގައި ނުހިފެހެއްޓިއްޖެނަމަ ، ގެއްލުމާ ކުރިމަތިލާންޖެހޭފަދަ އިޙްސާސް ތަކެކެވެ. މިހުރިހާ އިޙްސާސަކީވެސް ސިކުނޑިއާއި ހިތް ގުޅިގެން ، އިންސާނާގެ ހަށިގަނޑުގައި އުފައްދާ އިޙްސާސްތަކެކެވެ. މިސާލަކަށް މީހަކަށް ، އުފަލުންގޮސް ރޮވިދާނެއެވެ. ކެތްނުކުރެވިގެންގޮސް މަރުވެދާނެއެވެ. ކަންބޮޑުވެގެންގޮސް އަތުންފައިން ގޯސް ހެދިދާނެއެވެ. ރުޅިއައިސްގެންގޮސް ، އެރުޅި ކޮންޓްރޯލް ނުކުރެވި ، ކުރަންނުޖެހޭ އެތައްކަމެއް ކުރެވިދާނެއެވެ. މީހުންގެ ހިތުން ފިލުވައިނުލެވޭފަދަ ، ހުތުރު ބަސްތައް ބުނެވިދާނެއެވެ.

އިންސާނާގެ ސިކުނޑީގެ ބަލިތައް ދެނެގަނެވެނީ ، ބުނެވިދިޔަ އިޙްސާސްތަކުން ، އެއިންސާނާގެ ޢަމަލުތައް ބައްޓަންވެފައި އޮންނަ ގޮތެއްގެ މައްޗަށެވެ. އަޚުލާޤީ މިންގަނޑު ހިފެހެއްޓޭ މިންވަރެއްގެ މައްޗަށެވެ. ގޯސް ޢަމަލުތަކާއި ، ނުބައި އަޚްލާޤަކީ ، އިންސާނާގެ އިޚްތިޔާރުގައި އޮންނަ ކަމެކެވެ. އެއީ ޖީނުން ވާރުތަވެ ، ވަކިގޮތަކަށް ކަށީގައިހިފާ ކަމެއްނޫނެވެ. ކޮންމެ އިންސާނަކަށްވެސް ސިކުނޑިއެއް ދެއްވާފައި އޮންނަނީ ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށެވެ. ނޭއްގާނީ ޢަމަލުތައް އެއީ މައިންބަފައިންގެ މުދާހެން ، އެބައިމީހުންގެ ފަރާތުން ވާރުތަވާ ކަމެއްނޫނެވެ. އަލަގަހަކުން ކެޔޮނިރެއް ނުފެޅިނަމަވެސް ، އަލަގަހުން ފަޅާ އަލަގަސް އެއީ އެހެން ގަހަކާ އަޅުވައި ، އެގަހުގެ އަޞްލުން ބޭރުކުރެވޭނެ ޙުއްޖަތެއް ނޫނެވެ.

ޚަޞީލަތް ނުބައިވެފައި ، އަޚްލާޤެއްނެތިފައި ، ރުޅިގަދަވެފައި ، ބަސްމަގު ހުތުރުވެފައި ، ޢަމަލު ގޯސްވަނީ ، ސިކުނޑީގެ ބައްޔެއް ހުރެގެންކަމަށް ނިންމުމަކީ ، އިންސާނާގެ އުފެދުމާ މުޅިން ޚިލާފު ކަމެކެވެ. އިންސާނާގެ ސިކުނޑީގެ ބަލިތައް އެއީ ، ފަރުވާއެއް ނެތް ބަލިތަކެއްނޫނެވެ. ކޮންމެ ބައްޔަކަށްވެސް ، ﷲ ޝިފާއެއް ލައްވާފައި ވެއެވެ. ޝިފާއަކީ ރޫޙާނީ އެއްޗެކެވެ. ބޭސްކުރިޔަސް ފަސޭހަ ނުވެ ގިނަދުވަސްވެގެން ހިނގައިދާނެއެވެ. ސިކުނޑީގެ ބައްޔަކީ ހަމައެކަނި ބޭސްފަރުވާއިން ފަސޭހަވާ ބައްޔެއްނޫނެވެ. އެބަލި ފަސޭހަވާނީ ، އިންސާނާގެ އުޅުމާއި ގުޅުމާ އަދި ޢަމަލުތައް ރަނގަޅު ކޮށްގެންނެވެ. އެހެން އިންސާނުންނަކީވެސް ތިމާފަދައިން ﷲ ހެއްދެވި މަޚުލޫޤުންކަން ދެނެގަނެވިގެންނެވެ.

ސިކުނޑީގެ ބަލިތައް ހުންނަމީހުން ހިތްހަމަޖެއްސުމަށްޓަކައި ، އެކިކަންކަން ކޮށް އުޅެއެވެ. ފާފަތަކަށް އަރައިގަނެ ، ހެއްދެވިފަރާތްމަތިން ހަނދާން ނައްތާލައެވެ. އެހެންމީހުންނަށް ކިތަންމެ ބޮޑު ތަކުލީފެއް ލިބުނަސް ، ތިމާ ބޭނުންވާ ހުރިހާކަމެއް އެހެންމީހުން ލައްވާ ފުއްދައެވެ. އަތުންފައިން ކަމެއްނުކޮށް ، އެތުދަތުން ފުޅަށް އަޅައިގެން މަޑުތަންމަތީ ނިދުން އިޚްތިޔާރު ކުރެއެވެ. އެފަދަ މީހުންނާ ދުރަށްދާ މީހުންނަކީ ، އެއީ ތިމާއަށް ބޭނުންވާ ކަންކަން ފުއްދައިދޭ މީހުންކަމަށްވިޔަސް ، އެއީ އޭނާގެ ދުޝްމަނުންކަމަށް ބަލައެވެ. މަޢާފަށް އެދުމާއި ލަދުޙަޔާތަކީ ، އެފަދަ މީހުންނަށް ނުއޮންނަ އެއްޗެކެވެ.

ސިކުނޑީގެ ބަލިތައް ހުންނަމީހުން އެކަނި ފިލުވުމަށްޓަކައި އެކިކަންކަން އިޚްތިޔާރު ކުރެއެވެ. ބޯންނުވާ ތަކެތި ބުއިމާއި ކުރަންނުވާ ކަންކަން ކުރެއެވެ. އިންސާނާގެ ދިރިއުޅުމުގެ ތެރެޔަށް ވަލުޖަނަވާރު ވައްދައެވެ. އެއީ އެފަދަމީހުން އެކަނިފިލުވާ ބައިވެރިންކަމަށް ބަލައެވެ. ތިމާ ކާންނުހޯދާ އަގުބޮޑެތި ތަކެތި ހޯދައިގެން ކާންދީ ބަލަހައްޓައެވެ. މިޒަމާނުގައި އެތަކެއްޗަށް ކިޔަނީ " ޕެޓް " އެވެ. އެއީ ޑޮމެސްޓިކް އެނިމަލްކަމަށް ބަލައިގެންނެވެ. ޑޮމެސްޓިކް އެނިމަލްގެ ލިސްޓުން އެންމެ ކުރިޔަށް އަންނަ ދިހަނަމުގެ ތެރޭގައި  ، ގެރި އާއި ބަކަރި ، ބުޅަލާއި މުސަޅު ، އޫރާއި ، ކުކުޅާ އަދި އަސްދޫނި ، ކުއްތާއާއި އަސްފަދަ ޖަނަވާރު ހިމެނެއެވެ. މިހާރަކަށް އައިސް ، މިނޫނަސް އެކިބާވަތުގެ ދޫންޏާއި ، އިންސާނާއަށް ގެއްލުންދެނިވި ހަރުފައާއި ގިނިކާމާދޫނިފަދަ ޖަނަވާރުވެސް " ޕެޓް " ގެ ގޮތުގައި އެބަ ގެންގުޅެއެވެ. މިއިން ކޮންމެ ޖަނަވާރަކާއި ޙައިވާނަކީ ، އެތަކެތީގެ ދިރިއުޅުން ، އިންސާނުންގެ ދިރިއުޅުމާ ތަފާތުކޮށް ، ﷲ ތަޢާލާ ލައްވާފައިވާ އެއްޗެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވަނީ ، ދުނިޔޭގައި އެއިންސާނާ އުޅެންވީގޮތް އަންގަވާފައެވެ. އެހެނަސް ، ވަލުޖަނަވާރާއި ދޫނިސޫފާސޫފި އުޅެންވީގޮތް އަންގަވާފައެއް ނުވެއެވެ. އެހެންކަމުން އިންސާނާއާއި ﷲ ޚަލްޤުކުރެއްވި އެހެނިހެން ދިރޭތަކެއްޗަކީ ، އެކުގައި ދިރިއުޅެ ، ހިތްފަސޭހަކަން ހޯދޭގޮތަށް އެކުގައި ދިރިއުޅެވޭނެ ބައެއްނޫނެވެ. ބުޅާފަދަ ތަކެއްޗަކީ ، ޝިކާރަކޮށް ވަކިއަޅައިގެން ކައިބޮއިއުޅޭ ޖަނަވާރެވެ. އެފަދަ ޖަނަވާރުންގެ ދަރަޖަޔަށް  އިންސާނާގެ ދިރިއުޅުން އެއްގޮތްކުރުމަކީ ، އަދި އެފަދަ ތަކެތީގެ ޚިދުމަތުގައި ، އެތަކެތީގެ އަޅުންނަށް ވާވަރަށް އިންސާނާ ބަދަލުވާވަރަށް ، ލޯބިންގޮސް މަރުވާވަރު ވުމަކީ ، އިންސާނާ ، އިންސާނިއްޔަތުކަމުން ބޭރުކުރާނެ ކަމެކެވެ.

ދިރޭ ތަކެއްޗަށް އަނިޔާވެރިނުވެ ، އެތަކެއްޗަށް އަޅާލަންޖެހޭ ޙާލަތެއްގައި އަޅައިލާ ، ކާންދިނުން އެއީ އިންސާނިއްޔަތުގެ ސިފައެއްކަމަށް ވެދާނެއެވެ.

ފެންބޮވައިގެންފައި އޮތް ވަލުޖަނަވާރަކަށް ފެންދިނުމަކީ ، އަދި ބަނޑުހައިވެފައި އޮތް ޖަނަވާރަކަށް ކާންދިނުމަކީ އަދި ބަލިވެފައި އޮތް ޖަނަވާރަކަށް އަޅައިލުމަކީ ،  ދަރުމައިން ފުރިގެންވާ ހެޔޮ ޢަމަލެކެވެ. އެހެނަސް ، އިންސާނާއާއި ވަލުޖަނަވާރުންގެ ގުޅުން އެއަށްވުރެ މައްޗަށް ދިއުމަކީ ، އިންސާނާ އުފެއްދެވި މަޤްޞަދުން ބޭރުވާ ކަމެކެވެ. އިންސާނީ ޙައްޤުތަކާއި ޖަނަވާރުންގެ ޙައްޤުތައް އެއީ އެއްގޮތް ކުރެވޭނެ ދެ ޙައްޤެއްނޫނެވެ.

ސާފުތާހިރުކަމަކީ ، އިންސާނާގެ ދިރިއުޅުމުގައި އަސާސީ ކަމެކެވެ. ދިރިއުޅޭތަން ސާފުތާހިރުކޮށް ބަހައްޓަން ޖެހެއެވެ. " ޕެޓް " ގެ ގޮތުގައި ގެންގުޅޭ ބުޅަލާއި މުސަޅާ ދޫނިސޫފާސޫފި ، އެނދަށާއި ސޯފާމައްޗަށް އަރައި ، ފާރާއި ތަޅުންގަނޑު ހަޑިކޮށް ، އެތަންތަން ނަޖިސްކުރުމަކީ ، އިންސާނާގެ ދިރިއުޅުމާ ގުޅޭކަމެއްނޫނެވެ.

އެހެނެއްކަމަކު ، މިހުރިހާ އިދިކޮޅުކަމަކާއެކުވެސް ، " ޕެޓް " ގެންގުޅުމަކީ ، ބައެއްމީހުންގެ އާދައެކެވެ. އަދި އެކަމަށް ހިތްވަރުދީ ވާގިވެރިވެ ، އެކަމަށް ލޯބިކުރާމީހުންވެސް މަދެއްނޫނެވެ. ޚާއްޞަކޮށް ، އެކަނިވެރިން އެކަނިފިލުވައި ، ސިކުނޑީގެ ބަލިތައް ހުންނަ މީހުންގެ ބައިވެރިންގެ ގޮތުގައި މިފަދަ ޖަނަވާރު ގެންގުޅުމަކީ ، މިހާރުގެ އެންމެ ހިނގާ އެއްއާދައެވެ.

ސިކުނޑީގެ ބައްޔެއްހުރިކަމަށް ބަލައިގެން ، އެކަމަށް ފަރުވާދޭ ޚިދުމަތްތެރިއެއްގެ ގާތަށް ދެވިއްޖެނަމަ ، އެކަން ކަށަވަރުކޮށްނުދީ ދޫކޮށެއް ނުލާނެއެވެ. އެތައް ބޭހެއް ދޭނެއެވެ. އެބޭހުެ ތެރެއިންލާފައި ، އެމީހެއްގެ ސިކުނޑި އިތުރުބަލިތަކަށް ދަތުރު ކުރާނެއެވެ. ތާވަލު ކުރެވިގެން އެތައް ބައްދަލުވުމެއް ބޭއްވޭނެއެވެ. އެތައް ފައިސާއެއް އެކަންކަމަށް ޚަރަދު ކުރެވޭނެއެވެ.

މިހުރިހާ ނޭއްގާނިކަމަކަށް އަރައިނުގަނެ ، އިންސާނާގެ މުނިފޫހި ފިލުވެން އެބައޮތެވެ. އެކަނިވެރިކަން ފިލުވިދާނެއެވެ. ސިކުނޑީގެ ބަލިތަކުން އަރައިގަނެވިދާނެއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ތިމާގެ ޢަމަލުތައް ސީދާކޮށް ، ﷲ ގެ މަގަށް ރުޖޫޢަވެގެންނެވެ. އެކަމުގެ މަގުވެސް އެއޮތީ ، ފަސޭހަކަމާއެކު ތަނަވަސް ވެފައެވެ. ހަމައެކަނި ، ކީރިތި ޤުރުއާން ކިޔަވައި ފަރުޟު ނަމާދުކުރުމަކީވެސް އެފަދަ މީހުންނަށް ދެވޭނެ އެންމެ އަގުބޮޑު އެއް ފަރުވާއެވެ.

ސިކުނޑީގެ ކޮންމެ ބައްޔަކީ ، ހަމައެކަނި ބޭހުން ފަސޭހަކުރެވޭނެ ބައްޔެއްނޫނެވެ. އެއާޚިލާފަށް ، ބޭހުގެ ތެރެޔަށް ވަދެވިއްޖެނަމަ ، އެކަމުން ސަލާމަތްވާން އުނދަގޫ ކަމެކެވެ. ސިކުނޑީގެ ބަލިތައް ގުޅިފައި ހުންނަނީ ، އިންސާނާގެ ޢަމަލުތަކާއި އަޚުލާޤާ އަދި ދިރިއުޅުން ބަށްޓަންކުރާ ގޮތެއްގެ މައްޗަށެވެ.

އެހެންކަމުން ، ސިކުނޑީގެ ބަލިތަކަކީ މާބޮޑުވަރު ނުވަނިސް ކޮންޓްރޯލްކުރަންޖެހޭ ބައްޔެކެވެ. އިންސާނާގެ ޖިސްމާނީ ދުޅަހެޔޮކަމަކީ ، ކެއިންބުއިމުގެ އާދަތައް އިޞްލާޙުކޮށް ، ކަސްރަތުކޮށްގެން ރަނގަޅުގޮތުގައި ބެލެހެއްޓޭ އެއްޗެކެވެ. ހަމައެގޮތަށް ، ސިކުނޑިޔަކީވެސް ، އެއަށްބޭނުންވާ ފަރުވާދީ ، ބަލަހައްޓައިގެން ދުޅަހެޔޮކޮށް ގެންގުޅެންޖެހޭ މުހިންމު ގުނަވަނެކެވެ.

އިންސާނާ ދިރިއުޅެންވީ ގޮތް ބަޔާންކުރައްވައި ، ފޮނުއްވާފައިވާ އެންމެ މާތް ދީނަކީ އިސްލާމްދީނެވެ. ސިކުނޑީގެ ބަލިތައް އެއީ ހަމައެކަނި ދީނަށް ޙުރުމަތްތެރިކޮށް ނުހިތާތީ ، އަދި ހަރުދަނާ ޢަޤީދާއެއް ނެތަތީ ދިމާވާކަމެއްނޫނެވެ. އެއީ ދިރިއުޅުމުގެ ޙާލަތާވެސް ގުޅިފައި އޮންނަ ކަމެކެވެ.

ދިރިއުޅުމަކީ ، ޤުދްރަތީ ނިޒާމުގެ ތެރެއިން އިންސާނާއަށް ކުރިމަތިވާ އިމްތިޙާނެކެވެ. އެންމެ ފުރަތަމަ ކަމަކީ ، ﷲ ވޮޑިގެންވާކަން ނުވަތަ ހެއްދެވި ފަރާތެއްވާކަމާއި ، އެއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ކަލެއްކަން ޤަބޫލުކުރުމެވެ. އަދި ، އިންސާނާއަށް ކުރިމަތިވާ ކަންކަމާއި އިމްތިޙާނަށް ކެތްތެރިވެ ، ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. ﷲ ގެ މިންވަރުފުޅާއި އިރާދަފުޅާލައިގެން މެނުވީ އެއްވެސްކަމެއް ނުވާކަން ، ހިތުގެ އަޑިން ޤަބޫލު ކުރުމެވެ.

ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 155 އަދި 156 ވަނަ އާޔަތުގައި ، ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ (155)  الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ   (156)

މި ދެއާޔަތުގެ މާނައީ ؛

" ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ، ކަލޭގެފާނު ދެއްވާށެވެ! (155) އެއުރެންނީ އެއުރެންނަށް މުޞީބަތެއް ޖެހިއްޖެނަމަ ، ހަމަކަށަވަރުން ތިމަންމެންނީ ، ﷲއަށް މިލްކުވެވޮޑިގެންވާ ބަޔެކޭ ، އަދި ހަމަކަށަވަރުން ތިމަންމެންނީ ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. (156)

ޝިފާއެއް ނުވަތަ ފަރުވާއެއް ނުވާގޮތަށް ، އެއްވެސް ބައްޔެއް ﷲ ތަޢާލާ ނުފޮނުއްވައެވެ. މިއީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީސްފުޅުތަކުން ސާފުވާން އޮތްކަމެކެވެ. އަދި ހުރިހާ މަޛުޙަބެއްގެ އިމާމުންވެސް އެޙަދީސްފުޅަށް އެއްބަސްވެވަޑައި ގަންނަވައެވެ.

ސިކުނޑީގެ ބަލިތަކަކީ ، ކެތްތެރިކަމާވެސް ގުޅިފައިވާ ކަމެކެވެ. އިންސާނާ ދުނިޔޭގައި އުޅުމުގައި ކުރިމަތިވާ ތަކުލީފަށް ކެތްތެރިވުމަކީ އުނދަގޫ ކަމެކެވެ. އެހެނަސް ، ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައިކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ.

ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ

މިއާޔަތުގެ މާނައީ ؛

" އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. "

ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައިކަން ބަޔާން ކުރެއްވުމާއެކު ، އިންސާނާ ހައްދަވާފައިވަނީ ، ކެތްތެރިކަން ކުޑަ މީހެއްގެ ގޮތުގައިކަންވެސް ، އަންގަވާފައި ވެއެވެ.

ކީރިތި ޤުރުއާނުގެ މަޢާރިޖް ސޫރަތުގެ ނަވާރަވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާ އަންގަވާފައި ވެއެވެ.

إِنَّ الْإِنسَانَ خُلِقَ هَلُوعًا

މި އާޔަތުގެ މާނައީ ؛

" ހަމަކަށަވަރުން ، އިންސާނާ ހައްދަވާފައިވަނީ ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. "

ކެތްތެރިކަމަކީ ، ސިކުނޑީގެ ބަލިތަކާ ގުޅިފައިވާ މުހިންމު ސިފައެކެވެ. ސިކުނޑީގެ މަސައްކަތާއި މުޢާމަލާތުތަކުގައި ، ކެތްކުރެވޭ ވަކިމިންގަނޑުތަކެއް ވެއެވެ. އެކިމީހުންނަށް ކެތްކުރެވޭނީ ، އެކި ޙާލަތުގައި އެކި  މިންވަރަށެވެ. އެހެންކަމާއެކުވެސް ، ކެތްތެރިވާ އިންސާނާއަށް އެކަލާނގެ މަދަދާއި ވާގި ދެއްވައެވެ.

ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 155 ވަނަ އާޔަތުގައި ، ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ

މިއާޔަތުގެ މާނައީ ؛

" ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ، ކަލޭގެފާނު ދެއްވާށެވެ! "

ނަފުސާނީ ބަލިތަކުގެ ފަރުވާ އެކިގޮތްގޮތަށް ހޯދަންވީއެވެ. ބޭސްވެސް ކުރަންވީއެވެ. އެހެންނަމަވެސް ، އެއީ އެކަމަށް އޮތް ހަމައެކަނި ފަރުވާކަމަށް ބަލައިގެން ނުވާނެއެވެ. އިންސާނާ ޚަލްޤުކުރެއްވި ފަރާތަކީ ކީރިތި ﷲ އެވެ. އެއީ އިންސާނާ ހެއްދެވި ފަރާތެވެ. އެފަރާތުގެ ވާތްގާއި މަދަދާނުލައި ، އިންސާނާގެ އެއްވެސްކަމެއް ނުހިނގާނެއެވެ. ނަފުސާނީ ބަލިތަކަށް ނުވަތަ ސިކުނޑީގެ ބަލިތަކަށްވެސް ، އަވަސް ޙައްލެއް ހޯދޭނީ ، އިންސާނާގެ ޢަމަލުތައް ސީދާކޮށް ، ﷲ އަންގަވާފައިވާ މަގުން ހިނގައިގެންނެވެ. އެއީ ، ހަމައެކަނި ބޭސްފަރުވާއިން ރަނގަޅުކުރެވޭނެކަމެއްނޫނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

  1. ރަނގަޅު ޢިލްމީ އަދި މާނަވީ ފިލާވަޅުތަކެއް. ނަފްސާނީ ބައްޔަކީ ހަމައެކަނި ބޭހުން ޝިފާލިބޭނެ އެއްޗެއްނޫން. އެއީ ނަފްސު އިޞްލާޙުކުރުމާއި ނަފްސާ ގުޅިފައިވާކަމެއް. ޢިބާދާތަކީ ނަފްސާ ގުޅިފައި އޮންނަކަމެއް. ހަރުދަނާ އިޢުތިޤާދެއްގައި ނަފްސުގެ އަޅަކަށް އިންސާނާ ވެގެންނެއް ނުދާނެ. ވަރަށް ބޮޑަށް ޝުކުރިއްޔާ ޤޫރުއާނުގެ ޢިލްމުން ތި ގެނެސްދެއްވާ އަގުހުރި ފިލާވަޅުތަކަށް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.