
( 26 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އޭނާ ފޯނުކުރާނީ ފަހުންކަމަށްބުނެ ، ދިލްނަޝީން ފޯނުކަނޑާލައި ގޮނޑިމަތީ ފޯން ބޭއްވިއެވެ. އަދި ، މަންމަގެ ބޭސްތަކުގެ ތަފްޞީލް އޭނާއަށް އިތުރަށް ކިޔައިދިނުމަށް ދިލްނަޝީން އެދުނެވެ. ހުރިހާ ބޭހެއްގައިވެސް ކާންދޭންވީގޮތް ޝާހިދުހުރީ ލިޔެދީފައެވެ. އެހާގިނަ ބޭސްތަކެއްވީމަ ، އޮޅުމެއް އަރައިދާނެތީ ޝާހިދުވެސް ހުރީ ކަންބޮޑުވެފައެވެ.
ޙަމްޒާއަށް ދިލްނަޝީނާ ނުގުޅިގެން ކަންބޮޑުވެގެން ކޮޓަރިތެރޭ ބުމަރެއްހެން އެނބުރެމުން ދިޔައެވެ. ބޭސްތައް މޭޒުމަތީ ބަހައްޓާފައި ދިލްނަޝީން އިރުކޮޅަކު ވިސްނާލަން ހުއްޓެވެ. އޭނާ އެވިސްނައިލީ ޙަމްޒާއާ ދޭތެރޭގައެވެ. ޙަމްޒާއަށް އޭނާއާ ނުގުޅުނީމަ ދެން ކަންވެދާނެ ގޮތަކާ މެދުގައެވެ. އެހެންނަމަވެސް ، ޙަމްޒާއަކީވެސް ކުޑަކުއްޖެއް ނޫނެވެ. ދިލްނަޝީނަށް ފޯނުނުނެގޭނެ ވަގުތާއި މެސްޖެ ނުކުރެވޭނެ ވަގުތު އަންނާނެކަން ، ޙަމްޒާއަށްވެސް އެނގޭނެއެވެ. ކުލްސޫމްގެ ކޮޓަރިން ނުކުމެގެން ، އޭނާގެ ކޮޓަރިޔަށް އައިސްވެސް ، ޙަމްޒާއަށް ގުޅާކަށް ދިލްނަޝީން ބޭނުމެއް ނުވިއެވެ. ޙަމްޒާވެސް މައިތިވާން އެބަޖެހެއެވެ.
ރީތިވެލައިގެން އަތުގައި ލޯޝަން އުނގުޅަމުން ދިލްނަޝީން އައިސް އެނދުގައި ޖައްސައިލިތަނުން ޙައިދަރުވެސް އައިސް އެނދުގައި އިށީނދެލިއެވެ. އިރުކޮޅެއްކޮށްލާފައި ، ޙައިދަރާދިމާލަށް ބަލައިލައި ، ޙައިދަރު އެއްޗެކޭ ބުނަން ބޭނުންވެފަ އިންހެންހީވާ ވާހަކަ ދިލްނަޝީން ބުންޏެވެ. އެހެންވިއްޔާ އެވާހަކައެއް ބުނުމަށް ، ދިލްނަޝީން ބުނުމާއެކީ ، ޙައިދަރު ، ދިލްނަޝީނަށް ޝުކުރު އަދާކުރިއެވެ. އެއީ އެއްވެސްކަމެއް ނޫންކަމަށް ދިލްނަޝީން ބުނުމާއެކީ ، ދިލްނަޝީނަށް އެއީ މައްސަލަޔަކަށް ވާނެކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރުގާތު ވާހަކައެއް އަހައިލަންތޯ ދިލްނަޝީން ސުއާލު ކުރިއެވެ.
" މަންމަޔަށް އެހީތެރިވާން ، މެހެމަލް ޢުޒުރުވެރިވީ ހެއްޔެވެ ؟ " ދިލްނަޝީން ސުއާލު ކުރިއެވެ.
ނޫނެކޭ ބުނެ ޙައިދަރު ދިލްނަޝީނަށް ޖަވާބު ދިނުމާއެކީ ، އަނެއްކާވެސް ދިލްނަޝީންކުރީ ސުއާލެކެވެ.
" އެހެންވިއްޔާ ، މެހެމަލް ހުއްޓާ ، މަންމަގެ ކަންކަން އަހަރެންނާ ޙަވާލުކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ " ދިލްނަޝީން ސުއާލު ކުރިއެވެ.
މަންމަގާތުގައި ދިލްނަޝީން ހުރީމަ ، މާބޮޑަށް މަންމަ ހިތްހަމަޖެހޭކަމަށް ޙައިދަރު ބުންޏެވެ. ކުޑަކުއްޖެއްހެން ދޯއޭބުނެ ، ހިނިތުންވެލަމުން ، ދިލްނަޝީން ސަމާސާ ކޮށްލިއެވެ. މަންމަގެ ލޭ އިތުރަށް މައްޗަށް ނުދާނެގޮތެއްވޭތޯ ބަލައިދިނުމަށް ޙައިދަރު އެދުނެވެ. އަދި މަންމައާ ބެހޭގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އޮތަސް ، އެހެން މީހަކާ ޙިއްޞާނުކޮށް ، ޙައިދަރަށް އަންގައިލުމަށް ޙައިދަރު އެދުނެވެ.
ޙައިދަރާއި ދިލްނަޝީނާ ދެމީހުން ހަމަޖެހިލައިގެން ވާހަކަ ދައްކަންތިއްބާ އަނެއްކާވެސް ޙަމްޒާ ، ދިލްނަޝީނަށް ފޯނުކުރަން ފަށައިފިއެވެ. ދިލްނަޝީން ، ކަންބޮޑުވެފައި އިނދެ ޙައިދަރާ ދިމާލަށް ބަލައިލިއެވެ. މެދުނުކެނޑި އެތައް އިރެއްވަންދެން ދިލްނަޝީންގެ ފޯނު ރިންގވޭވެ ހުއްޓެވެ. އެންމެފަހުން ، ޙައިދަރަށް އުނދަގޫވެގެން ކޮޓަރިން ނުކުމެގެން ދިޔައެވެ.
ޙައިދަރު ދިއުމާއެކީ ، ދިލްނަޝީން ފޯނުނެގިއެވެ. ފޯނުނެގުމާއެކީ އެއައީ ޙަމްޒާގެ އަމުރެކެވެ.
" ދިލްނަޝީން އެވެ ! ހަމަ މިހާރު ، ޙައިދަރުގާތު ވަރިކުރަން ބުނާށެވެ ! ދިލްނަޝީން އެކަން ނުކޮށްފިނަމަ ، އަހަރެންގެ މޫނު ދެނެއް ނުފެންނާނެއެވެ. އަހަރެން މިހުރީކީ ސަމާސާ މޫޑެއްގައެއް ނޫނެވެ. އަހަރެންނަށް އެކަންކުރަން ނުކުރޭނެކަމަށް ހީނުކުރާށެވެ! އަހަރެން މިހުރީ ދިލްނަޝީންގެ ލޯބީގައި މޮޔަވެފައެވެ. " ޙަމްޒާ ހަޅޭއްލަވައިގަތެވެ.
ޙަމްޒާ ގޮދަޑިދަށުން އެއްޗެއްނެރެ ، ދިލްނަޝީނަށް ދައްކައިލިއެވެ.
ދިލްނަޝީންގެ ދެލޯބޮޑުވިއެވެ. އަވަސްއަވަހަށް ތެދުވެގެން ، ކޮޓަރިން ނުކުމެ ބެލްކަންޏަށް ނުކުތެވެ. ކޮޓަރިތެރޭގައި ޙަމްޒާއާ ވާހަކަ ނުދެއްކޭނެތީއެވެ.
" އަހަރެންގެ ގޮތެއް ދެނެއް ބަދަލެއް ނުކުރާނަމެވެ. ދިލްނަޝީން ޙާޞިލްކުރެވެން އޮތްގޮތަކުން ، ޙާޞިލްކޮށްފައިނޫނީ ، އަހަރެން ހުއްޓައެއް ނުލާނަމެވެ. އަހަރެން މިބުނާ ވާހަކަ އަޑުއަހާށެވެ ! އިތުރު ގޮތެއް ދިލްނަޝީނަކަށް ނުއޮންނާނެއެވެ. " ޙަމްޒާ ބުނަމުން ގެންދިޔައެވެ.
ފަހަތަށް އެނބުރި ދާކަށް ، ޙަމްޒާގާތު ދިލްނަޝީނެއް ނުބުނެއެވެ. އެހެންކަމަށް ވަންޏާ ، ހަމަމިހާރު ، ޙާއިދަރުގާތުން ވަރިވާން އެދޭށޭ ބުނެ ، އަނެއްކާވެސް ޙަމްޒާ އަމުރު ކުރިއެވެ.
" އަހަރެން މިވަގުތަކު ، ޙައިދަރުގާތުން ވަރިވާކަށް ނޭދޭނަމެވެ. އޭނާ އެހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އެޙާލުގައި ހުއްޓާ ވަރިޔަށް އެދޭކަށް އަހަރެންނަކަށް ނުކެރޭނެއެވެ. އަހަރެންގާތުން އިތުރު ވަގުތުކޮޅަކަށް އޭނާވަނީ އެދިފައެވެ. އަދި އެވަގުތު ، އަހަރެންވަނީ އޭނާއަށް ދީފައެވެ. އަހަރެން މިހުރީ އޭނާގެ ގޭގައެވެ. އޭނާގެ އަނތްބެއްގެ ގޮތުގައެވެ. " ޙަމްޒާ ބުންޏެވެ.
އެވަގުތު ޙައިދަރުވެސް އަލުން ކޮޓަރިޔަށް އައެވެ. އަދި ދިލްނަޝީނާއި ޙަމްޒާއާ ދެމީހުން ދައްކަމުންގެންދިޔަ ވާހަކަތަކުގެ އަޑު އިވޭގިސާބުގައި ޙައިދަރު މަޑުކޮށްލިއެވެ.
މައްސަލަޔަކީ ، ޙައިދަރުގެ އަނތްބެއްގެ ގޮތުގައި ދިލްނަޝީން ހުރުންކަމަށްބުނެ ، ޙަމްޒާ ހަޅޭއްލަވައިގަތް އަޑު ޙައިދަރަށްވެސް އިވުނެވެ. ޙައިދަރު ބޭނުން ކޮންމެ އިރަކު ދިލްނަޝީނާގާތަށް ޙައިދަރަށް އާދެވޭނެއެވެ. ބޭނުންއިރަކު އަތުގައިވެސް ހިފޭނެއެވެ. މައްސަލަޔަކީ އެއީއެވެ. އެއީ އޭނާއަށް ތަޙައްމަލް ކުރެވޭނެކަމެއްނޫންކަމަށްބުނެ ، ޙަމްޒާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.
ޙަމްޒާ ކެތްތެރިވެ ، ހިމޭންވުމަށް ދިލްނަޝީން އެދުނެވެ. ދިލްނަޝީން އެހެން އެބުނަނީ އޭނާޔާ ދޭތެރޭ ނުވިސްނާތީކަމަށް ޙަމްޒާ ބުންޏެވެ.
" ޙަމްޒާ އާ ދޭތެރޭ ނުވިސްނާކަމަށް ވަންޏާ ، މިވަގުތު އަހަރެން ޙަމްޒާއަކާ ވާހަކައެއް ނުދައްކާނެއެވެ. " ދިލްނަޝީން ބުންޏެވެ.
ޙަމްޒާއާ ދޭތެރޭ ދިލްނަޝީން ވިސްނާކަމަށް ވަންޏާ މިހާރު ގޮސް ، ވަރިއަށް އެދެން ޙަމްޒާ ބުންޏެވެ. ވަރިކޮށްފިއްޔާ ހުރިހާކަމެއް އެ ނިމުނީއެވެ. އެހެންނޫނީ އަހަރެމެން ދާނީ ކޯޓަށެވެ. ވަރިކުރަންދެން ކުރަންޖެހުނު ކޮންމެކަމެއް ކުރާނެކަމަށް ޙަމްޒާ ބުންޏެވެ.
ޙައިދަރަށް އެވާހަކަތައް އަޑުއަހަން އުނދަގޫވެގެން އައިސް ، ޓީވީހުޅުވައި ، އެންމެ ބާރުކޮށް އަޑުގަދަ ކޮށްލިއެވެ. ބެލްކަނީގައިހުރި އިރު ދިލްނަޝީނަށްވެސް ޓީވީގެ އަޑު އިވެއެވެ. ވާހަކަ ދައްކަން އުނދަގޫވާވަރަށް ޓީވީގެ އަޑުހުރީ ބާރުކޮށެވެ. ފަހުން ވާހަކަ ދައްކާނަމޭ ބުނެ ، ދިލްނަޝީން ފޯނު ކަނޑައިލިއެވެ. އަދި ، ގޭތެރެޔަށްވަދެ ، ޙައިދާރުގާތު އެނދުމަތީ އިށީނދެލިއެވެ. އޭނާ ވާހަކައެއް ބުނަން ބޭނުންވާކަމުގައި ދިލްނަޝީން ބުންޏެވެ. އޭނާ ކަމެއްކުރުމުގެ ހުއްދަ ބޭނުންވަނީއެވެ. ދިލްނަޝީން އަދިވެސް އެއިނީ ޙައިދަރުގެ އަނތްބެއްގެ ގޮތުގައެވެ. އެއްވެސް ހުރަހެއްނެތި ، ދިލްނަޝީނަށް ކޮންމެވާހަކައެއްވެސް އޭނާއާ ދެއްކިދާނެކަމަށް ޙައިދަރު ބުންޏެވެ.
" ޙައިދަރު ހުއްދަ ދޭނަމަ ، މަންމަގެ ބަލިޙާލުގެ ވާހަކަ ޙަމްޒާގާތު އަހަރެންނަށް ބުނެވިދާނެ ހެއްޔެވެ ؟ ޙަމްޒާއަށް ހީވާގޮތުގައި ޙައިދަރު އަހަރެން ވަރިއެއް ނުކުރާނެއެވެ. ޙަމްޒާއަށް ހީވަނީ ޙައިދަރު ، ވިސްނުން ބަދަލު ކުރީހެންނެވެ. އެހާ ފަސޭހައިން ، ޙައިދަރު ، އަހަރެން ދޫކޮށެއްނުލާނެއެވެ. އަހަރެންވެސް ، ފަހަރެއްގައި ޙައިދަރުގެ ދިރިއުޅުމުން ވަކިވާކަށް ބޭނުމެއް ނުވާނެއެވެ. ޙަމްޒާއަށް ހީވަނީ ، އަހަރެން ޙައިދަރުގާތުން ވަރިވާން ލަސްވާ ސަބަބަކީ އެއީކަމަށެވެ. މަންމަގެ ބަލީގެ ވާހަކަ އެނގޭނީ ޝާހިދަށާއި އަހަރެންނަށް ކަމުގައި ޙައިދަރު ބުނީމެއްނޫން ހެއްޔެވެ ؟ އެހެން އެއްވެސް މީހެއްގާތު އެވާހަކަ ޙިއްޞާ ނުކުރަންވެސް ޙައިދަރު ބުނީމެއްނޫން ހެއްޔެވެ ؟ އެވާހަކަ ޙަމްޒާގާތު ބުނަން ޙައިދަރުގެ ހުއްދައަށް އަހަރެން މިއެދެނީ އެސަބަބަށްޓަކައެވެ. ޙައިދަރު އެކަމަށް ހުއްދަ ދީފިނަމަ ، އަހަރެމެން ދެމީހުންގެ ގުޅުން ވަކިނުވެ އޮވެދާނެއެވެ. " ދިލްނަޝީން އަޅައަޅައިގެންފައި ސުއާލު ކުރިއެވެ.
ދިލްނަޝީން ޖެހިލުންވެފައި އިނދެ ، އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ، ޙައިދަރު އަނގައިންވެސް ނުބުނެ އިނެވެ. އޭނާގެ ލޮލުން ފާއްދަމުންދިޔަ ކަރުނަ އިރުއިރުކޮޅުން ، ފުހެލަމުން ގެންދިޔައެވެ. ޙައިދަރު އަނގައިން ނުބުނީމަ ، ދިލްނަޝީން ތެދުވެގެން ހިނގައިގަތެވެ. ޙައިދަރު ވަކި އެއްޗެއް ބުނެފިނަމަ ، އޭނާ ޙަމްޒާއަށް ޖަވާބު ދޭނެކަމުގައި ، ދަމުންދަމުންވެސް ދިލްނަޝީން ބުންޏެވެ. ޙަމްޒާއަކީ ، ވަރަށް ގޮތްދޫނުކުރާ މީހެކެވެ. އަމިއްލަ ފުރާނަޔަށް ގެއްލުންދޭނެކަމުގެ އިންޒާރުން ، ޙަމްޒާ އެގެންދަނީ އޭނާއަށް ބިރު ދައްކަމުންކަމުގައިވެސް ދިލްނަޝީން ބުންޏެވެ.
" އަހަރެމެންގެ ކައިވެނީގެ އެންމެ ފަހުގެ ނިންމުން ނިމުނު ހިނދުވެސް ، އަމިއްލަ ފުރާނަޔަށް ގެއްލުންދޭން ޙަމްޒާ މަސައްކަތް ކުރިއެވެ. މަރުވަމުން މަރުވަމުންގޮސް ސަލާމަތްވީއެވެ. " ދިލްނަޝީން އިތުރަށް ބުންޏެވެ.
ބުނަންވީ ކީކޭތޯ ޙައިދަރު ސުއާލު ކުރިއެވެ. ސަލާންޖަހާމީހުންނަށް އިތުރު ގޮތްތަކެއް ނުއޮންނާނެއެވެ. އޭނާގެ ފަރާތުން އެންމެކަމެއް ޙަމްޒާގެ ކިބައިން އެދުމަށް ، ޙައިދަރު ބުންޏެވެ. އެއީ އެއްވެސް ޙާލެއްގައި އެދެމީހުންގެ ގުޅުމާއި ވަރީގެ މައްސަލަ އޭނާގެ މަންމައާ ހަމަޔަށް ނުދިއުމެވެ. އެހެން ބުނުމަށްފަހު ، ޙައިދަރު ކޮޓަރިން ނުކުތެވެ. ބަގީޗާ ތެރޭ ފިކުރުބޮޑުވެގެން ހިނގާލަ ހިނގާލާ ޙައިދަރު ހުރިއިރު ، އޭނާގެ ނަޞީބާމެދު ހިތުގައި އުފެދިފައިވާ ޝަކުވާތައް ހިތަށް ޖަމާވަމުން ދިޔައެވެ. ( ނުނިމޭ )
ޙަމްޒާއަކީ ދިލްނަޝީނާ އެކަށީގެންވާ މީހެއްނޫން. އެކަން ދިލްނަޝީނަށް ވިސްނިއްޖިއްޔާ ކިޔަންމެހާވެސް ރަނގަޅު.