ވިހަ ތީރު (95)

( 25 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ވެގެންއުޅޭ ގޮތަކީ ، ދިލްނަޝީން އަނެއްކާވެސް ޙަމްޒާއާ ރައްޓެހިވީއެވެ. އެ ދެމީހުން އަލުން ގުޅުންހިންގަން ފެށީއެވެ. މީހަކާ އިނދެގެންހުރެ ، ކުރިންހިތާވިމީހާޔާއެކީ ގުޅުން ހިންގަން ފެށީއެވެ. ޢާފިޔާގެ ވާހަކަ އައްވަލަކަށް ޤަބޫލެއް ނުކުރެވުނެވެ. ދިލްނަޝީން އެހެން އުޅޭއިރު ، ޙައިދަރު ކޮބައި ހެއްޔެވެ ؟ ޙައިދަރު ހުއްޓާ އެކަހަލަ ކަމެއް ދިލްނަޝީނަށް ކުރެވިދާނެ ހެއްޔެވެ ؟ އެވާހަކަ އެމީހުންގާތު ބުނީ ޙަމްޒާގެ ދައްތަ ރިދާ އެގެޔަށް އައިސްކަމުގައި ޢާފިޔާ ބުންޏެވެ. އޭނާގެ ކޮއްކޮ ޙަމްޒާގެ ޙަޔާތަށް ، އަލުން ދިލްނަޝީން އަތުވެއްޖެކަމަށް ބުނީ ރިދާއެވެ. އޭނާ މިގެޔަށް އައީ އެވާހަކަ ބުނާށެވެ.

" ކިހާބޮޑު މުޞީބާތެއް ހެއްޔެވެ ؟ އެ އަންހެންކުއްޖާގެ ކިބައިން އަހަރެމެންނަށް ސަލާމަތެއް ނެތެވެ. މީހަކަށް މޫނުފެންނަ ހިސާބަށް ގެއިން ބޭރަށް ނުކުމެލެވެން އޮތީކީ ނޫނެވެ. ލަދުންގޮސް މަރުވާވަރު ވެއެވެ. އަހަރެމެންނަށް މިލިބެނީ ކުރެވިފައިވާ ކޮން ފާފައެއްގެ ޢަޒާބެއް ހެއްޔެވެ ؟ އައްވަލް ބުނަމުން ގެންދިޔައެވެ.

އަނީސާވެސް ނާސްތާނުކޮށް އެއޮތީ އެކަމާ ކަންބޮޑުވެގެންނެވެ. ކޮޓަރިޔަށް ކާއެއްޗެތި ގެންގޮސްދިނީމަވެސް ފެންފޮދެއްހާ ހިސާބުވެސް ބޮއި ނުލައެވެ.

ޙަމްޒާ އޮފީހުން ނުކުތްގޮތަށް ކާރަށް އަރައިގެން އެއެއްމިއެއް ނުބަލައި ، ޓްރެފިކްގެ ޤަވާޢިދުތައް މުގުރަމުން ނުދުއްވަންވާ ބާރު ސްޕީޑްގައި ކާރުދުއްވަމުން އައިސް ، ހުސްކޮށް އޮތް ތަނަވަސް ބިމަކަށް ކާރު މަޑުކޮށްލިއެވެ. އޭރުވެސް ޙަމްޒާއިނީ ތުރުތުރު އަޅައަޅައެވެ. ކާރުންފައިބާ ޙަމްޒާއަށް ހަމަނޭވާ ލެވޭތޯ މަސައްކަތްކުރިއެވެ. ގުދަށް އޮވެގެންނާއި ކާރުގައި ލެނގިލައިގެން އޮވެ ހަމަޔަށް ނޭވާލެވޭތޯ ، ޙަމްޒާ މަސައްކަތްކުރަމުން ގެންދިޔައެވެ.

ޙަމްޒާގެ ކަންތަކުގައި ހާރޫނުބޭބެގެ ލަފަޔަކަށް ބުޝްރާ އެދުނެވެ. އޭނާގެ ލަފަޔަކީ ، ގަދަކަމުން ކަމެއްކުރުވަން ނޫޅުމެވެ. ޙަމްޒާއަކީ ޒުވާނެކެވެ. އޭނާގެ ހިތްނޭދޭކަމެއް ގަދަކަމުން ކުރުވަން އުޅެފިނަމަ ، މިޒަމާނުގެ ކުދިން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ޖާނުދޭންވެސް ފަހަކަށް ނުޖެހޭނެއެވެ. ޙަމްޒާއަށް އެއްވެސްކަމެއް މަޖުބޫރު ނުކުރާކަމަށް ބުޝްރާ ބުންޏެވެ. އެހެންގެއެއްގެ ޅީދަރިއެއް އެގެޔަށް ގެނެވޭނީ ކޮންގޮތަކުންތޯ ބުޝްރާ ސުއާލު ކުރިއެވެ. މީހެއްގެ އަނތްބެއް ގެނެސް އެމީހުންގެ ގޭގެ ޅީދަރިއަކަށް  ނުހެދޭނެއެވެ.

" އަހަރެންނަށް އެނގެއެވެ. އަހަރެންނަކީ ޙަމްޒާގެ މަންމައެވެ. އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ މިދުނިޔެއާ ވަކިވެއްޖެއެވެ. އަހަރެންވެސް ޙަމްޒާދެކެ ލޯބިވަމެވެ. އަހަރެންގެ ހުރިހާވެސް އުއްމީދަކީ ޞާދިޤެވެ. ޙަޔާތުން އެކަނިވެރި ދުވަސްތަކެއް ގުނަންޖެހިފައިވާ މަޔެކެވެ. އޭގެ  މާނަޔަކީ ، އަހަރެމެންގެ މުއްސަނދިކަމާއި މުދަލާ ، ގެދޮރާ އަދި ޖަމާޢަތުގައި އުފުލިފައިވާ ޤަދަރާއި ޢިއްޒަތް ، ދެރޮށީގެ އަގުވެސް ނެތް އަންހެންކުއްޖަކާ ޙަވާލުކުރުމެއް ނޫނެވެ. ޙަމްޒާއަށް ހެޔޮވިސްނިގެން އެއުޅޭގޮތް ދޫކޮށްލައިފިއްޔާ މައްސަލައެއް ނެތެވެ. ހުރިހާއެއްޗެއް ޙަމްޒާއަށެވެ. އެހެނޫންކަމަށް ވަންޏާ ، ޙަމްޒާއަކީ ، އަހަރެންނާއި އަހަރެންގެ ފިރިމީހާގެ މުދަލުން ދުރުކުރެވިފައިވާ މީހެކެވެ. " ބުޝްރާ ބުންޏެވެ.

އަދިވެސް އެއްފަހަރު އެކަމާމެދު ވިސްނައިލުމަށް ހާރޫން އެދުނެވެ. ޒުވާންކުއްޖަކަށްވާތީ ، ލޯބީގެ ހައްޤުގައޭ ކިޔާފައި ، މިޒަމާނުގެ ކުދިން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

އެކަމާމެދު އިތުރަށް ވިސްނަން ފުރުޞަތެއް ނެތެވެ. ޙަމްޒާގެ އެގުޅުމާ ގުޅިގެން ބުޝްރާއާއި ޞާދިޤް މިހާރުވެސް ވަނީ އެތައް ތަކުލީފެއް އުފުއްލާފައެވެ. ދުވަހަކުވެސް ނުގަންނަވަރަށް ލަދުގަންނަން ޖެހިފައެވެ. އެހުރިހާ ކަމަކަށް އެމީހުން އެތިބީ ކެތްކޮށްފައެވެ. ދެން އިތުރަކަށް އެތަކުލީފާ ކުރިމަތިލާކަށް ބުޝްރާ ބޭނުމެއްނޫނެވެ.

" އަހަރެންގެ ދަރިފުޅު ، އަފްސިޔާގެ ދިރިއުޅުން ބަރުބާދުކުރަން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ ތިވަރުގެ ފިރިހެނަކާ އަހަރެންގެ ދަރިފުޅު ޙަވާލުކުރާނީ ކިހިނެއް ހެއްޔެވެ ؟ " ހާރޫނު ސުއާލު ކުރިއެވެ.

އެމީހުން އެކުޅެނީ ކުޅިވަރެއްކަމުގައި ބުޝްރާ ބުންޏެވެ. އަފްސިޔާގެ ކައިވެންޏަށް ޙަމްޒާ އަދި އެދޭނެއެވެ. އެކަމަށް ޙަމްޒާ އެދޭދުވަހަކާ ހަމަޔަށް އެމީހުން މަޑުކުރާނީއެވެ. އޭރަށް ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ. އެހެނަސް ، އަފްސިޔާގެ ކައިވެންޏަށް ، ދުވަހަކުވެސް ޙަމްޒާ އެދިފާނެކަމަކަށް ހާރޫނަކަށް ނުފެނެއެވެ. އެހެންކަމަށް ވަންޏާ ، ޙަމްޒާ އަޑުއަހަން ބޭނުންވާ އެއްވެސްބަހެއް އޭނާގެ ދުލުންވެސް ބޭރުނުވާނެކަމުގައި ބުޝްރާ ބުންޏެވެ.

ކުލްސޫމް ގޮވައިލީމަ ދިލްނަޝީން އައިއިރު ، ކުލްސޫމް ކައިރީގައި އޭނާގެ ބޭބެ ، އައްވަލް އިށީނދެ އިނެވެ. އައްވަލް ފެނުމާއެކީ ، ބޭބޭއޭ ބުނެ އައްވަލަށް ސަލާމް ގޮވައިލިއެވެ. އައްވަލްވެސް ސަލާމް ބަލައިގަތެވެ. އަދި ، ސުއާލު އުފެދޭފަދަ ގޮތަކަށް ، ދިލްނަޝީން ކިހިނެއްތޯ އަހައިލިއެވެ. މައިދައިތަ ބަލިވެއުޅޭވާހަކަ އެމީހުންގާތު ނުބުނީމަ ، އައްވަލް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.

ކުލްސޫމް މިހާރު ރަނގަޅުކަމަށް ބުނެ ، އައްވަލަށް ޖަވާބުދިނީ ކުލްސޫމެވެ. މަންމަގެންގާތު ، ދިލްނަޝީންވެސް އެވާހަކަ ނުބުނީ އެހެން ވެގެންނެވެ. ކުލްސޫމްގެ ކުރިމަތީ ، ވަކިވާހަކައެއް ދިލްނަޝީނާ ދިމާލަށް ބުނާކަށް އައްވަލް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ، ދިލްނަޝީނަށް މެސެޖެއް ދޭން އައްވަލް ބޭނުންވިއެވެ.

" ދައްތާއެވެ ! އަހަރެމެންނަކީ ، އެއް ޢާއިލާއެކެވެ. އަދި މި ޢާއިލީ ގުޅުމަކީ ، އަހަރެމެން ވަރަށް އިޙްތިރާމްކުރާ ގާތް ގުޅުމެކެވެ. ދައްތަ ބަލިވީމަ އަހަރެމެންގާތު ބުނެލުމަކީ ، ދިލްނަޝީންގެ ވާޖިބެކެވެ. " އައްވަލް ބުންޏެވެ.

އެއީ ، އައްވަލްމެންގެ އިޙްސާންތެރިކަންކަމުގައި ކުލްސޫމް ބުންޏެވެ. ކުލްސޫމްމެންނަށްވެސް ވަނީ ގޯސްތަކެއް ހެދިފައެވެ. ގޯސްހެދޭނީ އިންސާނުންނަށެވެ. އަހަރެންގެ ކޮއްކޮގެ އެއްވެސް ޝަކުވާއެއް އޮތްނަމަ ، ސީދާ އޭނާގާތު ބުނުމަށް އައްވަލް އެދުނެވެ. އެކުށެއް އޭނާގެ ކޮއްކޮލައްވާ ރަނގަޅު ކުރުވާނެއެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް އައްވަލްގެ ކިބައިން ކުލްސޫމް އެދުނެވެ. ދިލްނަޝީނަކީ އޭނާގެ ދަރިއެއްކަމަށާއި އެއީ ލޯބި  ކުއްޖެއްކަމަށް ކުލްސޫމް ބުންޏެވެ. އެއީ ލައްކައަކުން އެކެކެވެ. އެވަރުގެ ޅީދަރިއެއް ލިބޭނީ ވަރަށް ނަޞީބުގަދަ މީހަކަށެވެ. ސާރާއާއި ޙައިދަރެކޭ އެއްގޮތަށް ، ދިލްނަޝީނަކީވެސް އޭނާގެ ދަރިއެއްކަމަށް ކުލްސޫމް ބުންޏެވެ.

ދައްތަ އެބުނާ ވާހަކައެއް ދިލްނަޝީނަށް އިވިއްޖެތޯ އައްވަލް ސުއާލު ކުރިއެވެ. ދިލްނަޝީންދެކެ ، ދައްތަ ކިހާ ލޯބިވޭ ހެއްޔެވެ ؟

" އެއްކަމެއް ހަނދާނުގައި ބަހައްޓާށެވެ ! ދިލްނަޝީން ދިރިއުޅެ ނިމެންޖެހޭނީ މިގޭގައެވެ. އަދި ނިމިގެން ސަންދޯއް ނެރެންޖެހޭނީވެސް މިގެއިންނެވެ. " ދިލްނަޝީންގެ ލޮލަށް ބަލަހައްޓައިގެން އިނދެ އައްވަލް ބުންޏެވެ.

ބޭބެ އެއައީ ކީއްވެގެންކަމާއި ، ބޭބެ އެ ދައްކާވާހަކަޔަކީ ކޮން ވާހަކައެއްކަން ، ދިލްނަޝީން ވަރަށް ރަނގަޅަށް ދެނެގަތެވެ. ސައިތަށި ހުސްކޮށްލުމަށްފަހު ، އޭނާ ދިއުމުގެ އިޒުނަޔަށް އައްވަލް އެދުނެވެ. ބޭބެ ކާރާ ހަމަޔަށް ގެންދަން ދިލްނަޝީންގާތު ކުލްސޫމް އެދުނެވެ.

ކާރާހަމަޔަށްގޮސް ، އައްވަލްގެ އަތް ދިލްނަޝީންގެ ކޮނޑުގައި ބާރަށް ބާއްވާލައި ، ދިލްނަޝީނަށް ގޮވައިލިއެވެ.

" ރިދާ އަހަރެމެންގެ ގެޔަށް އައިކަން އަހަރެންނަށް މިއެނގުނީ މިއަދުއެވެ. އަހަރެން މިބުނާ ވާހަކަ ރަނގަޅަށް ހަނދާން ބަހައްޓާށެވެ ! އެ ފިރިހެންކުއްޖާއާއެކީ ، ގުޅުމެއް ބާއްވާކަން އަހަރެންނަށް ސާބިތުވެއްޖެނަމަ ، ދިލްނަޝީން މަރައިލުމަށްފަހު އަމިއްލަޔަށް އަހަރެން ޖަލަށް ދާނަމެވެ. އެންމެ ރަނގަޅުގޮތަކީ ، ކުރެވިފައި އޮތް ކައިވެނިމަތީގައި ޙައިދަރާއެކީ ދިރިއުޅުން އާބާދު ކުރުމެވެ. އަހަރެން މިބުނި ވާހަކައެއް އިވިއްޖެ ހެއްޔެވެ ؟ " އައްވަލް ބުންޏެވެ. އަދި ދިލްނަޝީންގެ ކޮނޑުގައި ޖަހައިލުމަށްފަހު ނައްޓައިލިއެވެ.

މަންމަގެ ރިޕޯޓްތައް އެކި ޑޮކްޓަރުންނަށް ދައްކައި ، މަންމަޔަށް ޝިފާއެއް އޮތްތޯ ބެލުން ޙައިދަރު ހުއްޓައެއް ނުލައެވެ. ޝާހިދުވެސް ޙައިދަރާއެކު ، އެމަސައްކަތުގައި އޭނާއަށް އެހީތެރިވެދެއެވެ. ދުނިޔޭގެ އެއްވެސްތާކު ، މަންމަގެ ބައްޔަށް ފަރުވާއެއް ދެވެން އޮތްނަމަ ، އެކަން ކުރަން ޙައިދަރު ހުރީ ތައްޔާރަށެވެ. އެކަމަކު ، ކުލްސޫމްގެ ޢުމުރަށް ބަލާފައި ހުރިހާ ޑޮކްޓަރުންވެސް ލަފާދެނީ ކުރެވޭނެ މާބޮޑުކަމެއް ނެތްކަމަށެވެ. ހުރިހާ ޑޮކްޓަރުންވެސް ލަފާދެނީ ،   ﷲ އާ ވަކީލުކޮށްފައި ، ދެވެން އޮތް ބޭހެއް ދީގެން ، މަންމައަށް ހިތްދަތިކަމެއް ނުލިބޭނެގޮތަކަށް ގެންގުޅުމަށެވެ.

ކުލްސޫމްގެ ކަނދުރާ މޮޑެދޭން ދިލްނަޝީން ހުއްޓާ ، ޙަމްޒާގެ މެސެޖްތަކެއް އަންނަންފަށައިފިއެވެ. މައިދައިތަ ދޫކޮށްލާފައި އެވަގުތު ދިލްނަޝީނަކަށް ދެވޭކަށްވެސް ނެތެވެ. އެންމެފަހުން ، ފޯނު ރިންގވާން ފަށައިފިއެވެ. ފަހަރެއްގައި އެއީ ޙައިދަރުގެ ފޯނަކަށް ވެދާނެކަމަށް ކުލްސޫމް ބުންޏެވެ. މުހިންމު ބޭނުމަކުވެސް ގުޅާފާނެއެވެ. ދިލްނަޝީން ފޯނުނަގައި އެވަގުތު އޭނާއަށް ވާހަކަ ދެއްކެންވެސް އަދި މެސެޖް ކުރެވެންވެސް ނެތްކަމަށް ބުނެ މެސެޖް ކޮށްފައި ފޯނު ބޭއްވިއެވެ.

ޙައިދަރު އައިސް ގެޔަށްވަތްއިރު ، މަންމަގާތުގައި ދިލްނަޝީން ހުއްޓެވެ. ޙައިދަރު އައުމާއެކީ ދިލްނަޝީން ސަލާމް ގޮވައިލިއެވެ. ޙައިދަރުގެ ބޮލުން ސަލާމް ބަލައިގަތުމަށްފަހު މަންމަގާތަށް ދިޔައެވެ. އެހާ ލޯބިން ދިލްނަޝީން ސަލާމް ކޮށްލީމަވެސް ސަލާމް ބަލައިގަންނަންވީގޮތަށް ސަލާމް ބަލައިނުގަތީމަ ، ކުލްސޫމް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ހަމައެއާއެކީ ޝަކުވާއެއްވެސް ކުރިއެވެ. ޙައިދަރާއި ދިލްނަޝީންގެ ކައިވެނީގެ ފޮޓޯތަކުން ފްރޭމްކުރަން ކުލްސޫމް ބުނި ފޮޓޯތައް ލިބުން މާލަސްވީއެވެ. އެފޮޓޯތައް ގޭގެ އެތަންމިތާ ބެހެއްޓުމަށް ކުލްސޫމް ބޭނުންވިއެވެ. އެ ފްރޭމްތަކުގެ މަތިން ، ޙައިދަރު ހަނދާން އެބަހުއްޓެވެ. ގޭގެ މާޙައުލު އޮތްގޮތުން އެފޮޓޯތައް ގޭތެރޭ އަތުރާފައި ބަހައްޓާކަހަލަ ހަނދުވަރެއް ނުދޭތީ ، އެ ފްރޭމްތައް ގެންނަން ޙައިދަރު ބޭނުން ނުވީއެވެ. އެކަމަކު ، މާދަމާ ފްރޭމްތަކުގެ ޚަބަރު ބަލާނެކަމަށް ޙައިދަރު ބުންޏެވެ. އަދި ، ޑޮކްޓަރު އަލަށް ލިޔެދިން ބޭސްތަކެއް ދިލްނަޝީން އަތަށް ދިނެވެ. ހެނދުނާއި ހަވީރު ، ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން ، ކާންޖެހޭ ވަރަށް ގިނަ ބޭސްތަކެއް ހުއްޓެވެ. ބޭހުގެ ވާހަކަ ޙައިދަރު ދައްކަމުން ދިޔައިރުވެސް ، ދިލްނަޝީންގެ ފޯނަށް މެސެޖްތައް ދިޔައީ އަންނަމުންނެވެ. އެކަމާ ދިލްނަޝީން އިނީ ކަންބޮޑުވެފައެވެ. ޙައިދަރަށްވެސް އެކަމުން އުނދަގޫ ވިއެވެ.

މެހެމަލް ގެޔަކު ނެތެވެ. ބޭރަށް ދިޔަތާ ކިތަންމެ އިރެކެވެ. މެހެމަލް ލަސްވެއްޖިއްޔާ ގޭގެ ނޯކަރު ބާބަރާ އެކޮޓަރީގައި ބާއްވާނީކަމަށް ކުލްސޫމް ބުންޏެވެ.

އެވަގުތު ، ދިލްނަޝީންގެ ފޯނު އަޑުގަދަކޮށް ރިންގވާން ފެށިއެވެ. ޙައިދަރަށް ފޯނާދިމާލަށް ބަލައިލެވުނު އިރު އެއީ ޙަމްޒާއެވެ. ޙައިދަރު ފޯނުނަގާ ރަނގަޅަށް ބަލައިލުމަށްފަހު ، ދިލްނަޝީނަށް ދައްކައިލިއެވެ. އަދި އެއީ ، ދިލްނަޝީންގެ ރަޙުމަތްތެރިޔާގެ ފޯނެއްކަމަށާއި ، ފޯނުނަގައި ވާހަކަ ދެއްކުމަށް ޙައިދަރު ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.