
( 15 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ކުލްސޫމް ބަލިވެއުޅޭކަން ނޭނގެންޏާ ، ކުލްސޫމް ދެކިލަން އަންނާކަށްވެސް ދިލްނަޝީނަކަށް ނޭނގޭނެއެވެ. އެއީ ޙައިދަރަށް ކުރެވުނު ވަރަށް ދެރަކަމެކެވެ. ކުލްސޫމް ބަލިވެ އުޅޭކަން އެނގުނީމަ ނަޔަސް ، ދިލްނަޝީނަށް އެކަން އެނގުނުކަން ގައިމު އޮންނާނީ އެނގިފައެވެ.
ބޭރަށް ދިއުމަށްޓަކައި ، ޙަމްޒާ ތައްޔާރުވަމުން ދަނިކޮށް ރިދާ އައިސް ވާހަކަ ދައްކަން ފެއްޓިއެވެ. އޭނާގެ ވާހަކަ ފެއްޓީ ވަށް ބަހުންނެވެ.
" ގޮތްބަލައި ވަކަރަށް ޖަހާފައި އޮތް ރުކެއް ކަނޑަން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ ގޮތްބަލައިފައިވާ މީހަކަށް އިތުބާރު ކުރުމަކީ މޮޔަކަމެކެވެ. އަނެއްކާވެސް ޙަމްޒާ ތިހަދަނީ އިތުރު ގޯހެކެވެ. މިހާރު ތި ދުވަނީ ނަޞީބަށް ފިލާށެވެ. ބޮޑުބޭބެ ހާރޫނު ކަރާޗީއަށް އައިސް އެހުރީ ޙަމްޒާއަށް ޓަކައެވެ. ކައިވެނީގެ ކުރިން އޮތް ގުޅުމަކަށް އަޅައިނުލި ކުއްޖަކު ، ކައިވެންޏަށްފަހު ، ޙަމްޒާގާތަށް އަންނާނެކަމަށް ބެލުމަކީ އަދި ވަކިން ބޮޑު މޮޔަ ކަމެކެވެ. " ރިދާ ބުންޏެވެ.
ޙަމްޒާގެ އަމިއްލަ ކަންކަމާ ވިސްނުމަށް ސިކުނޑި ވަރުބަލިކުރަނީ ކީއްކުރަންތޯ ޙަމްޒާ ، ރިދާއާ ސުއާލު ކުރިއެވެ. އަދި ، ޙަމްޒާގެ މަގަށް ހުރަސް ނުއެޅުމަށް ރިދާގާތު ބުންޏެވެ.
ރިދާއަކީ އޭނާގެ ދައްތަކަމުގައި ރިދާ ބުންޏެވެ. ޙަމްޒާގެ ދިރިއުޅުން އެގޮތުގައި ބަރުބާދުކޮށްލުމަށް ޚުދު ޙަމްޒާ ކުރާ މަސައްކަތުން ގެއްލުން ލިބޭނީ ހަމައެކަނި ޙަމްޒާއަށްނޫންކަން ވިސްނައިދެވޭތޯ ރިދާ މަސައްކަތް ކުރިއެވެ. އެހެނަސް ، ރިދާ ދެއްކި އެއްވެސް ވާހަކައެއް ޙަމްޒާއެއް ނޭހިއެވެ.
މިހާރު ، އެއްފަހަރު ޙަމްޒާގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިގޮސް ، ބަރުބާދުވެއްޖެއެވެ. ދެވަނަފަހަރަށް ހަމަ އެހޮރުން ކަށިނުޖަހާނެކަމަށް ބަލައިގެން އެ ހޮރުގެ ވަށައިގެން ބުރުއެޅުމަކީ ، ފައިދާއަށްވުރެ ބޮޑަށް ގެއްލުން ހުރި ކަމެކެވެ.
" ދެވަނަފަހަރަށް އެކަހަލަ ކަމެއް ޙަމްޒާއަށް މެދުވެރިވެއްޖެނަމަ ، އަހަރެންނަށްވެސް އަދި މަންމަޔަކަށްވެސް އެކަން ބަރުދާސްތެއް ނުކުރެވޭނެއެވެ. ބައްޕަޔަށް ކަށްވަޅުގައިވެސް ނުއޮވެވޭނެއެވެ. " ރިދާ ބުންޏެވެ.
ރިދާގެ ވާހަކަތަކުން ކުޑަވެސް އަސަރެއް ޙަމްޒާއަށް ކޮށްފާނެކަމަށް ހީވޭތޯ ޙަމްޒާ ސުއާލު ކުރިއެވެ. މިފަހަރަކީ އޭނާގެ ފަހަރުކަމަށް ޙަމްޒާ ބުންޏެވެ. އޭނާގެ އުފަލަށް އެއްވެސް ޝަރުތެއް މިފަހަރަކު ނުއޮންނާނެއެވެ. އެއުފާ އޭނާއަށް ޙާޞިލްނުވާނެ އެއްވެސް ސަބަބެއްވެސް ނުއޮންނާނެއެވެ. މިފަހަރު ، ޙަމްޒާ އެހުރީ އޭނާގެ އުފަލަށްޓަކައި ކޮށަމުންދާ މަގަށް ހުރަސްއަޅައިފި ކޮންމެ މީހަކުވެސް ނެތިކޮށްލާ ގޮތަށެވެ. ރިދާވިޔަސް ، މަންމަކަމަށްވިޔަސް ، އަދި ޙައިދަރުކަމަށްވިޔަސް ، އޭނާއާ ދިލްނަޝީނާ ދެމެދަކަށް މިފަހަރަކު އެއްވެސް މީހަކަށް ނުވަދެވޭނެއެވެ. ކޮންމެ ޙާލެއްގައިވެސް ، އޭނާ މިފަހަރު ހުއްޓާލާނީ ، ދިލްނަޝީން ޙާޞިލްކޮށްފައިކަމުގައި ޙަމްޒާ ބުންޏެވެ. ޙަމްޒާ އެހަދަނީ ގޯހެއްކަމަށް އަނެއްކާވެސް ރިދާ ބުންޏެވެ. އެހެނަސް ، އެކަން ޤަބޫލުކުރާކަށް ޙަމްޒާ ބޭނުމެއްނޫނެވެ.
ކުރީފަހަރު ، ޙަމްޒާގެ ދިރިއުޅުމަށް އެއައި ތޫފާނުގައި ، މަންމަ އެކުރިކަންކަން އެއީ ، ރިދާއަށް އެނގިގެން ވީ ކަންތައްތަކެއް ނޫންތޯ ޙަމްޒާ ސުއާލު ކުރިއެވެ. އެވާހަކަ ދައްކަން ބޭނުންނޫންކަމަށްބުނެ ރިދާ ހިނގައިގަތްތަނާ ، ރިދާގެ އަތުގައި ޙަމްޒާ ހިފައި އޭނާ ހުއްޓުވިއެވެ. އެވާހަކަ ދައްކަން ރިދާ ބޭނުންނުވާނެކަން ޙަމްޒާއަށް އެނގޭކަމަށް ޙަމްޒާ ބުންޏެވެ. އެއީ ، ކުރިން އެހިނގި ހުރިހާކަމެއްވެސް ހިނގީ ރިދާއަށްވެސް އެނގިގެންނެވެ. މަންމަކުރިކަންކަމާ އަދި ބައްޕަ ހެދިދޮގާއި ބައްޕަ ކަންތައްކުރި ހުރިހާ ގޮތްތަކެއް ރިދާއަށް އެނގޭނެއެވެ. ޙަމްޒާގެ ސުއާލަށް ޖަވާބުދޭން ރިދާ ބޭނުންނުވި ސަބަބަކީ އެއީއެވެ. އިންސާނާ އެންމެ ބަލިކަށިވާނީ ، އޭނާއާ ކުރެވޭ ސުއާލަށް ޖަވާބު ނުދެވޭ ހިސާބަށް އޭނާގެ ޙާލަތު ދިއުމުންނެވެ. ރިދާއަށް ބާއްޖަވެރި ދުވަހަކަށް އެދެމުން ، ޙަމްޒާ ނުކުތެވެ.
ރިދާވެސް ޙަމްޒާގެ ފަހަތުން އެހެން ކާރެއްގައި ނުކުތެވެ. ދެމީހުން ދިިޔައީ ދެދިމާލަކަށެވެ. ރިދާ މިސްރާބުޖެހީ ، ދިލްނަޝީންމެންގެޔާ ދިމާލަށެވެ. ޙަމްޒާ ދިޔައީ އޮފީހަށެވެ. ރިދާގޮސް ، އެގެޔަށް ވަތްތަނުން ފުރަތަމަވެސް ބައްދަލުވީ މެހެމަލް އާއެވެ. ދިލްނަޝީން ކޮބައިތޯ ރިދާ ސުއާލު ކުރިއެވެ.
ދިލްނަޝީން ވީކޮންތާކުކަމެއް މެހެމަލް އަކަށް ނޭނގެއެވެ. ފަހަރެއްގައި ކޮޓަރީގައިވެސް ވެދާނެއެވެ. ރިދާ މަތީބުރިޔަށް އަރަން ހިނގައިގަތްތަނާ ، ރިދާ ހުއްޓުވަން މެހެމަލް މަސައްކަތް ކުރިއެވެ. އެހެނަސް ، މެހެމަލްގެ ހިތް އެދުނީ ، ރިދާގޮސް ދިލްނަޝީނާ ދިމާލަށް އެއްޗެތި ކިޔައިގަތުމަށެވެ. މައްސަލަ ބޮޑަށް ހޫނުވާނީ ، ދިލްނަޝީނާއި ރިދާއާ އެވަގުތު ބައްދަލު ވެގެންނެވެ. އެހެންކަމުން ، ރިދާ ހުއްޓުވާކަށް އަސްލުގައި ، މެހެމަލް އެއްވެސްކަމެއް ނުކުރެއެވެ.
ރިދާގޮސް ، ދިލްނަޝީންގެ ކޮޓަރިޔަށް ވަތްއިރު ، ދިލްނަޝީން އިނީ ހީހީފައި ޙަމްޒާއާ ވާހަކަ ދައްކާށެވެ. ވަތްގޮތަށް ވަދެ ، ދިލްނަޝީނާ ދިމާލަށް އެތިވަރުގޮވަން ރިދާ ފެއްޓިއެވެ. ރިދާގެ އަޑު ޙަމްޒާއަށް ފޯނުން އިވުނެވެ.
" އަހަރެންގެ ކޮއްކޮގެ ފުރާނައިގެ ދުޝްމަނަކަށްވެގެން ދިލްނަޝީން ތިއުޅެނީ ކީއްވެގެން ހެއްޔެވެ ؟ ބޭނުންވެގެން ތިއުޅެނީ ކޮންކަމެއް ހެއްޔެވެ ؟ " ރިދާ ހަޅޭއްލަވަމުން ގެންދިޔައެވެ.
އެންމެ ރަނގަޅުވާނީ ، ރިދާއެކުރާ ސުއާލު ، އޭނާގެ ކޮއްކޮ ޙަމްޒާއާ ކޮށްލިއްޔާކަމުގައި ދިލްނަޝީން ބުންޏެވެ. އެހެންނަމަވެސް ، ޙަމްޒާ އެހުރީ ދިލްނަޝީނާހުރެ މޮޔަވެފައިކަމަށާއި ، މީހަކު ކުރާ ސުއާލަށް ދޭނެ ޖަވާބެއް ޙަމްޒާއަށް ނޭނގޭނެކަމަށް ރިދާ ބުންޏެވެ. ދިލްނަޝީނަށް ވެފައި އެހުރީ ކީއްތޯ ރިދާ ސުއާލު ކުރިއެވެ. އެކުރެވެނީ ކީއްކަން ދިލްނަޝީނަށް ނޭނގެނީ ހެއްޔެވެ ؟ ނުވަތަ އެނގިހުރެ ، ޙަމްޒާ ހައްދައިގެން ، ޙަމްޒާގެ ދިރިއުޅުމާ ކުޅެނީ ހެއްޔެވެ ؟
އޭނާއަށް އެކުރެވެނީ ކީއްކަމާމެދު ވިސްނިކަމުގައި ދިލްނަޝީން ވަގުތުން ބުންޏެވެ. ޙަމްޒާވެސް އަދި ދިލްނަޝީންވެސް ، އެމީހުންނަށް އެކުރެވޭ ކަމަކާމެދު ވިސްނިއެވެ. އެއީ ، އެމީހުން ނޭނގިތިބެ ކުރާކަމެއްނޫނެވެ. އާޚިރު ނަތީޖާއަކީ ކޮބައިކަންވެސް ދެމީހުންނަށްވެސް އެނގެއެވެ. މައްސަލަޔަކީ ކޮބައިތޯ ދިލްނަޝީން ސުއާލު ކުރިއެވެ.
" ކުރިން ، އަހަރެމެންގެ މައިންބަފައިން ބުނިހާގޮތެއް އަހަރެމެން ހެދީމުއެވެ. އަހަރެމެންނަށް ޙާޞިލްވި އެއްވެސް އެއްޗެއް ނެތެވެ. އެކަން އެ ނިމުނީއެވެ. ދެން އަހަރެމެން ހަދާނީ ، އަހަރެމެންގެ ހިތްއެދޭ ގޮތެކެވެ. އުޅޭނީ ހިތް އެދޭގޮތަކަށެވެ. " ދިލްނަޝީން ބުންޏެވެ.
ދިލްނަޝީނަށް އެހެން ނުހެދޭނެކަމަށް ރިދާ ބުންޏެވެ. އެއީ ކީއްވެގެންތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ދިލްނަޝީންގެ ދިރިއުޅުން ބަރުބާދު ކޮށްލުމުގެ ބޭނުމުގައި ، ދިލްނަޝީންގެ ގެޔަށް އައީ ރިދާއެވެ. ކުރިން ދެވުނު ދަޢުވަތަކާ ނުލައެވެ. މެހެމަލްއާ ގުޅިގެން ނުބައި ރޭވުންތައް ރާވައި ، ދިލްނަޝީން ބޭނުންނުވާ އެތައްކަމެއް ކުރަން މަޖުބޫރުކުރުވީ ރިދާއެވެ.
" ރިދާ ބޭނުންވަނީ ، ރިދާގެ ކޮއްކޮގެ މަތިން އަހަރެން ހަނދާން ނައްތައިނުލާން ނޫންހެއްޔެވެ ؟ އެވަގުތު އަހަރެން އިޚްތިޔާރުކުރީ ހަމަހިމޭންކަމެވެ. އަހަރެންގެ ކައިވެނި ސަލާމަތް ކުރުމަށްޓަކައެވެ. އަހަރެން އުފުއްލީ ކިހާ ތަކުލީފެއްކަން ރިދާއަކަށްވެސް އަދި މެހެމަލްއަކަށްވެސް އިޙްސާސްވެސް ކޮށް ނުލެވޭނެއެވެ. އަހަރެން ބޭނުންވީ އަހަރެންގެ ފިރިމީހާގެ ގެ ރައްކާތެރިކޮށް ސަލާމަތް ކުރުމަށެވެ. ފިރިމީހާގެ ހިތުން ޖާގައެއް ހޯދުމަށެވެ. ރިދާ ތިއީ އަހަރެން ހަމަޖެހި ނޭވާއެއްލިޔަ ނުދޭން މަސައްކަތްކޮށް ، އަހަރެންނަށް އަނިޔާއާއި ތަކުލީފު ދިންމީހުންގެ ތެރެއިން އެކެކެވެ. " ދިލްނަޝީން ބުންޏެވެ.
ޙައިދަރުވެސް އޭނާއަށް ވެފައިވާ މަޖުބޫރީ ޙާލަތުގައި މެހެމަލްއާއެކީ ހުރީ ތާށިވެފައެވެ. ހިތުގައި މީހެއްގެ ތަޞައްވުރު ހަރުލައިފިނަމަ ، އެހެންމީހެއްގެ ތަޞްވީރު އެހިތަށް ވާޞިލްވާން ޖާގައެއް ނުދޭނެއެވެ. އެ ހަނގުރާމައިގާ ދިލްނަޝީން އެކަނިވިއެވެ. އެހެން ހުރިހާމީހުން އެއްބައިވެ އެއްފަރާތަށް ޖެހުނެވެ. ދިލްނަޝީންގެ މަންމައާއި ބޭބެވެސް ދިލްނަޝީންގެ ފަޅި އިޚްތިޔާރެއް ނުކުރިއެވެ. އެ ޙާލަތުގައި އިދިކޮޅު ހަދައި ، ހަނގުރާމަކުރާނީ ކާކާކަން ދިލްނަޝީނަށް އޮޅޭވަރު ވިއެވެ.
" ރިދާގާތު ބުނަން އޮތް ވާހަކަޔަކީ ، ޙަމްޒާ އަހަރެން ދެކެ ލޯބިވާ ކަމުގައެވެ. ޙަމްޒާގެ ހިތުގައި އަހަރެންގެ މައްޗަށް އުފެދުނު ލޯބި އަދިވެސް އެބަ އޮތްކަމަށް ޙަމްޒާ އެބަ ބުނެއެވެ. އެހެންވީމާ ، ޙަމްޒާ އަހަރެންނާ ކައިވެނި ކުރާނެއެވެ. " ދިލްނަޝީން ބުންޏެވެ.
އެއީ ޙަމްޒާ ކުރާނެ ކަމެއްނޫންކަމުގައި ރިދާ ބުންޏެވެ. ރިދާގެ ފަހަރިޔަކަށް ދިލްނަޝީން ހެދުމަށް ކުރިން އޭނާވެސް ބޭނުންވިއެވެ. އޭރު ރިދާހުރި ދިލްނަޝީނާ އެކުގައެވެ. އެކަމަކު ، މިހާރު ރިދާ އެހުރީ ދިލްނަޝީނާއެކީއެއްނޫނެވެ. ރިދާ ބޭނުންވީމަ ، އޭނާއާ އެކީގަ ހުރެފައި ބޭނުންނުވީމަ ނުހުރެފައި އެއީ ކޮންޒާތެއްގެ ކުޅިވަރެއްތޯ ، ދިލްނަޝީން ރިދާއާ ސުއާލު ކުރިއެވެ. ދިލްނަޝީނާއެކީ ރިދާހުރިއިރުވެސް އޭނާގެ ކޮއްކޮއަކާ ކައިވެންޏެއް ނުކުރެވުނެވެ. ދެން މިހާރު ، ރިދާ ނެތަސް މާބޮޑުތަފާތެއް ނާންނާނެއެވެ. އެހެންކަމުން ، ރިދާގެ އެހީތެރިކަން އެކަމުގައި އެއްވެސް ވަރަކަށް ދިލްނަޝީން ބޭނުމެއްނޫނެވެ.
ދިލްނަޝީން ދެރަވެގެން އާވާރާއަކަށްވެ ، މަގުމަތިވާނެ ދުވަސް އަންނާނެކަމަށް ރިދާ ބުންޏެވެ. ދިލްނަޝީންވެސް ރިދާއަކަށް ދުލެއް ނުކުރެއެވެ. އަދި ، އޭނާއަކީ އާވާރާއެއް ނޫނެވެ. ދިލްނަޝީންމެން އެކުރާ ކަމަކީ ، ގޯސްކޮށް ކުރިން އެހިނގިކަމެއް ރަނގަޅު ކުރަނީއެވެ. އެމީހުން ދެން ހުއްޓުވުމަކީ އެއްވެސް މީހަކަށް ކުރެވިދާނެކަމެއްނޫންކަމުގައި ދިލްނަޝީން ބުންޏެވެ.
ރިދާ ވަދެއެހުރީ ދިލްނަޝީންގެ ކޮޓަރިޔަށެވެ. ވަނީވެސް ހުއްދަ ނުހޯދައެވެ. އެންމެ ރަނގަޅުވާނީ ، އެކޮޓަރިން ނުކުމެގެން ރިދާ ދިއުންކަމަށް ދިލްނަޝީން ބުންޏެވެ. ( ނުނިމޭ )