ވިހަ ތީރު (84)

( 14 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ވަރަށް ކުދިކުދިކަންތަކާވެސް ދިލްނަޝީން ، ގޭގެއެންމެންނާވެސް ޒުވާބުކުރަން ފަށައިފިއެވެ. ދިލްނަޝީން ވަރަށްބޮޑަށް ބަދަލު ވެއްޖެއެވެ. ކޮންމެ މީހެއްކަމަށްވިޔަސް ، ދިލްނަޝީނަށް ހިތްވަރުދޭ މީހެއްގެ އަވާގައި ދިލްނަޝީން އެހެރީ ރަނގަޅަށް ޖެހިފައިކަމުގައި މެހެމަލް ބުންޏެވެ. އެންމެ ރަނގަޅޭ ބުނެ ، މެހެމަލް ވާހަކަ ދައްކަދައްކާ އިންދާ ރިދާ ، ފޯނު ކަނޑައިލިއެވެ.

މެހެމަލް ކޮޓަރިޔަށް އައިއިރު ، ދެކޮޅަށްދެކޮޅަށް ހިނގާލަ ހިނގާލަ ، އެކޮޓަރިތެރޭގައި ޙައިދަރު ހުއްޓެވެ. ޙައިދަރުގެ ގާތަށް ޖެހިލައި ، ބަލިޤަބޫލުކުރަން އެއްބަސްނުވާން ، ޙައިދަރު އެއުޅެނީ ކީއްވެތޯ މެހެމަލް ސުއާލު ކުރިއެވެ. ދިލްނަޝީނަކީ ، ޙައިދަރުގެ މީހެއްނޫނެވެ. އެއީ އެހެންމީހަކަށްޓަކައި ހައްދަވާފައިވާ މީހެކެވެ. ކުރިންވެސް އަދި މިހާރުވެސް ، އެކަން އޮތީ އެގޮތަށްކަމުގައި މެހެމަލް ބުންޏެވެ.

އަދިވެސް ، ދިލްނަޝީން ، ޙަމްޒާއާ އެބަ ވާހަކަ ދައްކައެވެ. ޙައިދަރުގެ އަޑުގައިވާ ވޭނާއި ތަކުލީފު މެހެމަލް ދެނެގަތެވެ. އަދި ، ޙައިދަރަށް އެކަން އެނގުނީތީ މެހެމަލް އުފާކުރިއެވެ. މެހެމަލްގެ މޫނުމަތިން ހިނިތުންވުމެއް އުފެދިގެން ދިޔައެވެ. އެއީ ، އޭނާ އެދޭ ގޮތެވެ. އެއީ އެކަން ވާންވީ ގޮތްކަމަށް މެހެމަލް ބުންޏެވެ. މެހެމަލްއަށް އެކަން ރަނގަޅަށް އެނގެއެވެ. ވާނީވެސް އެކަހަލަ ގޮތެކެވެ. އެނގޭ ހެއްޔެވެ ؟ ގުޅުމަކަށް ކިތަންމެ ގިނަދުވަހެއްވިޔަސް ، އެގުޅުމެއް ހަރުދަނާކަންމަތީ އޮންނާނެއެވެ. އެކަން ޤަބޫލުކުރުމާއި ނުކުރުން އެއީ އިންސާނާއަށް ހެޔޮނުބައި ވަކިކުރުމުގައި ނިންމޭ ނިންމުމަކަށް ބަރޯސާވާ އެއްޗެކެވެ.

" އަހަރެމެންގެ ގުޅުމަކީވެސް އެފަދަ އެއްޗެކެވެ. ހިތަކުން ފިލައިގެންނެއް ނުދޭނޫން ހެއްޔެވެ ؟ ފަހަރެއްގައި ، ޙަމްޒާ އެނބުރި އެއައީ ދިލްނަޝީނަށްޓަކައެވެ. އަހަރެންނާއި ޙައިދަރު އަލުން ގުޅުމަށް މަގުފަހިކޮށްދީފައެވެ. ލޯތްބަށްޓަކައި އިންސާނަކަށް މަޑުކުރެވޭނީވެސް ވަކިވަރަކަށް ނޫންހެއްޔެވެ ؟ ދިލްނަޝީންގެ ހިތްވެސް ، ޙަމްޒާގެ މައްޗަށް އެނބުރިއްޖެއެވެ. " ޙައިދަރުގެ ކުރިމައްޗަށް މެހެމަލް ޖެހިލައި އޭނާގެ ނޭވާގެ ވަސްޖެހޭ ހިސާބު ގާތުގައި މަޑުކޮށްލިއެވެ.

ޙައިދަރުގެ އަތުގައި ހިފައި ޙައިދަރުގެ އަތުތެރެޔަށް މެހެމަލްގެ އަތް މަހައިލިއެވެ. ދެއަތް ދެއަތަށް ބާރަށް ތަގުޅި ކޮށްލިއެވެ. އަދި ބުންޏެވެ. އަހަރެން މިހުރީ ޙައިދަރަށްޓަކައި އެނބުރި އައިހެވެ.

" އެނގޭ ހެއްޔެވެ ! އެއީ ރޫޅިގެންފައިބައިގެންދިޔަ ޢިމާރާތަކަށްވިޔަސް ، ފޮތިފޮތިވެ ނާރުތައް ބުރިބުރިވެފައިއޮތް ހިތަކަސް ، އެއިން އެކައްޗެއްގައިވެސް ދެވަނަ ފަހަރަށް ބޭނުންހިފިދާނެ އެއްވެސް އެއްޗެއް ނުއޮންނާނެއެވެ. އަހަރެންގެ ހިތް ދެފަހަރަށް ހަލާކު ވެއްޖެއެވެ. އެހެންކަމުން ، މެހެމަލްއަށް ދިނުމަށްޓަކައި އަހަރެންގެ ހިތުގައި ، ލޯބީގެ އެއްވެސް ކަންފުޅެއް ނެތެވެ. " ޙައިދަރު ބުންޏެވެ.

މެހެމަލްގެ ހިތުގައި އޮތް ޙައިދަރުގެ ލޯތްބަކީ ، ޙައިދަރުގެ ފަރާތުން އޭނާއަށް ލިބޭނެ ލޯބިކަމަށް ޤަބޫލުކޮށްފާނެކަމަށް މެހެމަލް ބުންޏެވެ. މެހެމަލްގެ ހިތުގައި އޮތް ލޯބި އަނބުރާ ޙައިދަރަށް ދޭން މެހެމަލް ބޭނުމެވެ. ޙައިދަރުގެ ހިތުގައި މެހެމަލްގެ މައްޗަށް ލޯތްބެއް ނެތަސް އެއީ މައްސަލައެއް ނޫނެވެ. މަޑުމަޑުން އެލޯތްބަށް ދިރުންލިބި ، ދެމީހުންގެ ހިތް އެ ލޯބިން ފުރާލަ ދޭނެކަމަށް މެހެމަލް ބުންޏެވެ.

މެހެމަލް އެދެއްކި ލޯތްބާބެހޭ އެއްވެސް ވާހަކަޔަކަށް ޙައިދަރު އެއްޗެކޭ ނުބުނެއެވެ. އެއްވެސް މީހެއްގެ ދުލުން ލޯތްބޭ ކިޔާފަ ބޭރުވާ އެއްވެސް ބަހެއް ، މިހާރު ޙައިދަރުގެ ޑިކްޝަނަރީއަކު ނެތެވެ. ޙައިދަރު މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އަދި މެހެމަލްއާ ދުރަށް ގޮސް ، ކޮޓަރިން ނުކުމެގެން ދިޔައެވެ.

ރޭގަނޑުނިދަން ޙައިދަރު ކޮޓަރިޔަށް ވަތްއިރު ، ދިލްނަޝީން އޮތީ އެނދަށްއަރައި ނިދާފައެވެ. އެތައް އިރެއްވަންދެން ، ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެން ޙައިދަރު ހުއްޓެވެ.

އަހަރެންގެ ހިތަށް އެތައް ތަކުލީފެއްދީފައި ، ނިދާފައި އޮތްލެއް އަރާމުކަން ނިކަން ދެކިބަލާށެވެ ! ޙައިދަރުގެ ހިތަށް އެރިއެވެ. އެއްވެސްކަމެއް ނުވާ ކަހަލައެވެ.

ދިލްނަޝީނަށް ނިދީގައި ފުރޮޅިލެވުނުތަނާ ކުޑަކޮށް ހޭލެވިގެން ލޯހުޅުވައިލިއިރު ، ކުރިމަތީގައި ޙައިދަރު ހުއްޓެވެ. ޙައިދަރުގެ މޫނުމަތިން ފެންނަންހުރި މާޔޫސްކަން ފާޙަގަ ކުރާކަށް ދިލްނަޝީން ބޭނުމެއް ނޫނެވެ. ތެދުވެ އުޑުފައިން އިށީނދެލައި ، ދޯޕައްޓާ ރަނގަޅުކޮށްލުމަށްފަހު ، ފޯނުނަގައި ފޯނާކުޅެން ފެއްޓިއެވެ. އޭރުވެސް ، ޙައިދަރުހުރި ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ވޮށިމަސްމިޔަރެއް ، މަސްބުރިއާ ދިމާލަށް ބަލަހައްޓައިގެން އޮންނަ ކަހަލަ ގޮތަކަށެވެ. ހިތުގައި އެތައް ތަކުލީފެއް ، އެތައް ޝަކުވާއެއް އެބަހުއްޓެވެ. އެކަމަކުވެސް ، ހިތްއެދެނީ ، އެ ތަކުލީފުތަކާއެކުވެސް ، ދިލްނަޝީނާ ދިމާލަށް ދިއުމަށެވެ.

" ދިލްނަޝީނަށް ތިކުރެވެނީ ރަނގަޅުކަމެއްކަމަށް ހީވޭ ހެއްޔެވެ ؟ " ޙައިދަރު އަހައިލިއެވެ.

ދިލްނަޝީން އެކުރަނީ ރަނގަޅުކަމެއް ނޫންކަމަށް ޚުދު ، ދިލްނަޝީންވެސް އެއްބަސްވިއެވެ. ދިލްނަޝީން ވަރަށް ސާބިތުކަމާއެކީ ، ޙައިދަރުގެ ސުއާލަށް ޖަވާބު ދިނެވެ. ނޫނެކެވެ. މިކުރެވެނީ ރަނގަޅުކަމެއްނޫނެވެ. އެކަން އަހަރެންނަށް އެނގެއެވެ.

" އަހަރެންނަށް މިކުރެވެނީ އެއްގޮތަކަށްވެސް ރަނގަޅުކަމެއްނޫނެވެ. މިއުޅޭވެނީ ރަނގަޅަކަށް ނޫނެވެ. އެކަމަކު ، ރަނގަޅަށް އުޅުނީމަ ލިބުނު ފައިދާއެއް ނިކަން ބުނެލަބަލާށެވެ ! ވަފާތެރިކަމުގެ ކިތައް މެޑެލް ، އަހަރެންން ދިނިން ހެއްޔެވެ ؟ އެނގޭ ހެއްޔެވެ ؟ ޙައިދަރާ އަހަރެންގެ ކައިވެނި ކުރެވުނު ހިނދު ، ހިތުގެ އިޚުލާޞްތެރިކަމާއެކީ ، ޙައިދަރާ ދިމާލަށް އަހަރެން ލެބެމުން އައިމެވެ. އަހަރެންގެ ހުރިހާވެސް އެއްޗަކީ ، އަދި އަހަރެންގެ ލޯތްބަކީވެސް ، ޙައިދަރުކަމުގައި ، އަހަރެންގެ ހިތަށް އަންގައި ، އެހިތް ކިޔަމަންކުރަމުން ގެންދިޔައިމެވެ. ޙަމްޒާއޭ ކިޔުނުމީހެއްގެ ނަންވެސް އަހަރެންގެ ހިތުގައިވެސް އަދި ސިކުނޑީގައިވެސް ނެތެވެ. އެނަން އެއްކޮށް އަހަރެންގެ ނަފްސުން ފުހެލައި ، ޙައިދަރުގެ ނަން އަހަރެންގެ ހިތުގައި ލިޔެ ، ބިންވަޅު ނެގީމެވެ. އެކަމަކު ، އެއްފަހަރުން ދެފަހަރުން ތިންފަހަރުންގޮސް ، އެތައް ފަހަރަކު އަހަރެންގެ ހިތަށް ، ޙަމްޒާގެ ނަން ގަދަކަމުން ވެއްދި މީހަކީ ޙައިދަރެވެ. ހިނިވެސް ފަރުބަދަ ކެނޑިނޫން ހެއްޔެވެ ؟ އަހަރެންގެ ކަންފަތަށް ޙަމްޒާގެ ނަން އިއްވައި އިއްވައިގޮސް އަހަރެންގެ ކަންފަތުގައި އެނަން ހަރުލައިފިއެވެ. އަހަރެން ލައްވާ އެކަން ގަދަކަމުން ކުރުވީ ޙައިދަރެވެ. ހުރިހާ ރޭވުންތަކެއް ރާވައިދިނީ މެހެމަލް އެވެ. މިގެޔަށް މެހެމަލް އައީއްސުރެ ، އަހަރެން މިއުޅެނީ ހަށިފުރާ ހަމަޔަށް ނޭވާ ނުލައެވެ. އޭގެ ކުރިން ، އަހަރެންގެ ކުށެއް ޙައިދަރަކަށް ނުފެންނާނެއެވެ. މެހެމަލް އައުމާއެކީ ، އަހަރެންނަށް ރަނގަޅަކަށް ކުރެވޭ ހަމަ އެއްކަމެއްވެސް ނޯވެއެވެ. މަންމަވެސް އަހަރެންނާދޭތެރޭ ކަންތައް ކުރަމުންގެންދިޔައީ އެބީދައިންނެވެ. ފުރަތަމަ ކޮޅު ވަރަށް ރަނގަޅެވެ. މެހެމަލް އައިހިސާބުން ، މައްސަލަ އުފައްދަމުންގޮސް ، މަންމަގެ ހިތުގައިވެސް އަހަރެންނާމެދު ނަފުރަތާއި ރުޅިވެރިކަން ވައްދައި ، އަހަރެމެން ދެމައިން ދުރުކޮށްފިއެވެ. އެކަމަކުވެސް ، ހުރިހާކަމެއް އެނގޭއިރުވެސް ، މެހެމަލް ވަރުގެ މީހަކު ޙައިދަރަކަށްވެސް ނެތެވެ. " ދިލްނަޝީން ބުނަމުން ގެންދިޔައެވެ.

ދިލްނަޝީންގެ ބޭވަފާތެރިކަން ވަފާތެރިކަމަށް ބަދަލުކޮށް ، އެކަން ސާބިތުކުރުމަށްޓަކައި އެދެއްކި ޙުއްޖަތަކީ އެކަށީގެންވާ ސަބަބެއްނޫންކަމަށް ޙައިދަރު ބުންޏެވެ.

ބޭވަފާތެރިކަމޭ ހެއްޔެވެ ؟ ދިލްނަޝީން ސުއާލު ކުރިއެވެ. އެންމެ ރަނގަޅެވެ. ދެންމީގެފަހުން ، އަހަރެން ބޭވަފާތެރިވާނަމެވެ. އަހަރެން މިގެޔަށް އައި ފުރަތަމަ ދުވަހުން ފެށިގެން ، އަހަރެންނަށް ބޭވަފާތެރިވާން ޙައިދަރު ފައްޓައިފީމުއެވެ.

" އަހަރެންދެކެ ޙައިދަރު ލޯތްބެއް ނުވަމުއެވެ. އަދި ، އަހަރެންނާމެދު މާބޮޑު ޝަޢުޤުވެރިކަމެއްވެސް ޙައިދަރުގެ ހިތަކު ނެތެވެ. މެހެމަލްއާއެކީ ކުރަން ބޭނުންވާ ހުރިހާކަމެއް ޙައިދަރު ކުރަމުން އެބަގެންދަމުއެވެ. އަހަރެންނަށް ޙައިދަރު ކަމެއް ކޮށްދިންކަމަށްވަންޏާ އެއީ ، ނުކޮށްދީ ނުވެގެން ، ޤާނޫނީ ޒިންމާ އުފުއްލުމަށް ކޮށްދިން ކަމެކެވެ. އަހަރެންވެސް ޤަބޫލު ކުރަމެވެ. ބައެއްކަންކަން ވަރަށް އިޙްސާންތެރިކަމާއެކީ ކޮށްދީފައި އެބަހުއްޓެވެ. އެކަމަކު އެއިންކަމެއްގައިވެސް ލޯތްބެއް ނެތެވެ. ކުލުނާއި އަޅައިލުން ވަރަށް ކުޑައެވެ. އެއީ ޒިންމާއާއި މަސްއޫލިއްޔަތު އުފުއްލުމުގެ ނަމުގައި ކޮށްދީފައި ހުރިކަންކަމެވެ. " ދިލްނަޝީން އިތުރަށް ވާހަކަ ދެއްކިއެވެ.

ހިނގަމުން އެދާ ހުރިހާކަމެއްގެ އިލްޒާމް އޭނާގެ ބޮލުގައި އެޅުވުމަށްފަހު ، ހުރިހާ ކަމަކުން ދިލްނަޝީން ސަލާމަތްވީތޯ ޙައިދަރު ސުއާލު ކުރިއެވެ. ވަރަށް ކުޅަދާނަ އަންހެނެއްކަމަށްބުނެ ، ޙައިދަރު ކޮޓަރިން ނުކުމެގެން ދިޔައެވެ.

ޙައިދަރު ދިޔައީ މަންމަގެ ޙާލުބަލައިލުމަށްޓަކައި މަންމަގެ ކޮޓަރިޔަށެވެ. މަންމަގެ އަތުގައި ހިފައި މަންމަޔަށް ގޮވައިލުމާއެކީ ، ކުލްސޫމް ލޯހުޅުވައިލިއެވެ. އެނދުން ނުތެދުވެ ކުލްސޫމް އެނދުމަތިވެފައި އޮންނަތާ މިހާރު ދެތިންދުވަސް ވެއްޖެއެވެ. ކުލްސޫމްގެ ޙާލަތު ގޯސްވަމުން އެދަނީ އެގޭގެ މާޙާއުލުގައި ހިނގަމުންދާ ކަންކަމުން ކުލްސޫމްގެ ހިތަށް ލިބޭ ތަކުލީފުންނެވެ. އެކަންކަން ރަނގަޅު ކުރުމަށްޓަކައި ، ކުލްސޫމަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އެކަންކަން ހަމަޔަކަށް އެޅުވޭނީ ދިލްނަޝީނަށާއި ޙައިދަރަށެވެ.

ކަންކަން ރަނގަޅުވާނެކަމަށް ކުރިން ކުރެވުނު އުއްމީދުވެސް މިހާރު ގެއްލިއްޖެއެވެ.  ދިލްނަޝީންގެ އުޅުމަށާއި ބަސްމަގަށް މިހާރު އައިސްފައިވާ ބަދަލުން ، އިތުރަށް އެއްވެސްކަމެއް ރަނގަޅުވެދާނެކަމަކަށް ހިއެއް ނުކުރެވެއެވެ. ދިލްނަޝީންގެ ލޮލުން ކުލްސޫމަށް ފެންނަނީ ބަދަލު ހިފުމުގެ ރޫޙެވެ. އެގޮތަށް ނުވިސްނުމަށް ޙައިދަރު ، އޭނާގެ މަންމަޔަށް ވިސްނައިދެމުން ގެންދިޔައެވެ. ގޭތެރޭގެ ޙާލަތު ރަގަޅު ކުރުމަށް އޭނާ މަސައްކަތް ކުރަމުންގެންދާކަމުގައި ޙައިދަރު ބުންޏެވެ. އޭނާ ބަލިވެއުޅޭވާހަކަ ދިލްނަޝީންގާތު ބުނެލިންތޯ ކުލްސޫމް ސުއާލު ކުރިއެވެ. އެއީ އަނެއްކާވެސް ޙައިދަރަށް ހެދުނު ގޯހެކެވެ. މަންމަ ބަލިވެ އުޅޭވާހަކަ ދިލްނަޝީންގާތު ބުނަން ޙައިދަރު ހަނދާނެއް ނެތެވެ. މަންމަ ބަލިވެ އުޅޭވާހަކަ ދިލްނަޝީންގާތު ނުބުނާކަށްނޫނެވެ. އޭނާގެވިސްނުމުން އެކަން ކައްސައިލީއެވެ.

އޭނާ ބަލިވެ އުޅޭކަން އެނގިއްޖެނަމަ ، އޭނާ ދެކިލަން ދިލްނަޝީން އަންނާނެކަން ކުލްސޫމަށް އެނގެއެވެ. ނާދެވިގެން އެއުޅެނީ އެވާހަކަ ޙައިދަރު ނުބުނެ އޮތީމައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.