
( 12 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ގޭދޮރުމަތީ އިންދާފައިވާ ގަހެއްގެ ހިޔަލުގައި ޙައިދަރު ހުއްޓިލައިގެން ހުއްޓެވެ. ގޭތެރޭގައި ، ޙައިދަރު ފެންނަ ހިސާބުގައި މެހެމަލް ހުއްޓޓިލައިގެން ހުއްޓެވެ. ކުލްސޫމް އިނީ ސިޓިންގރޫމުގެ ސޯފާގައި އިށީނދެލައިގެންނެވެ. އެކަކުވެސް ކާކަށް ނޫޅެއެވެ. ޙައިދަރު ބުނީ ބަނޑުހައިނުވާ ކަމަށެވެ. ކުލްސޫމް ކާހިތެއް ނެތެވެ. ދިލްނަޝީން ކޮޓަރިޔަކުން ނުނުކުމެއެވެ. ކުލްސޫމްގެ ޙާލު އެހާ ރަނގަޅެއްނޫނެވެ. އެކަން އޭނާގެ މޫނުމަތިންވެސް ފާޅުވާން ހުއްޓެވެ. މެހެމަލްގޮސް ، ކުލްސޫމްގެ ނިތްކުރީ އަތްލިއިރު ވަރަށް ގަދަޔަށް ހުން ހުއްޓެވެ. އެހެންކަމުން ، ކުލްސޫމް ޑޮކްޓަރަށް ދައްކަން ގެންދަން މެހެމަލް ވަގުތުން ނިންމިއެވެ.
ދިލްނަޝީނާއި ޙައިދަރަކީ ބޮޑެތިވެފައިތިބި ދެމީހުންނެވެ. އެމީހުންގެ މެދުގައި އުފެދޭ މައްސަލަތައް އަމިއްލަޔަށް ނިންމުމަށް ދޫކޮށްލައި އެހެން މީހުން އެކަންކަމާ ނުބެހުމުގެ ވާހަކައިން މެހެމަލް ފެއްޓިއެވެ. ގޭތެރޭގައި ، ލޯބީގެ އެއްވެސް ޖަޒުބާތެއްގެ އަސަރެއްގެ ހިލަމެއްވެސް ނެތެވެ. އެކަހަލަ މާޙައުލެއްގައި ބޮޑެތި މީހުން ގޭގެ ކަންކަމާ ނުބެހި ، އެއްވެސް ކަމެއް ރަނގަޅުނުވާނެކަމަށް ކުލްސޫމް ބުންޏެވެ. މެހެމަލްއާއި ކުލްސޫމް ދައްކަމުންގެންދާ ހުރިހާ ވާހަކައެއްވެސް ޙައިދަރަށް އިވެއެވެ.
އެކަކުވެސް ނުކަންޏާ ދެން ކޮޓަރިޔަށްދަނީއޭ ބުނެ ، ކުލްސޫމްވެސް ތެދުވެގެން ކޮޓަރިޔާ ދިމާލަށް ހިނގައިގަތެވެ. ކުއްލިއަކަށް ބޮލަށް އެނބުރުން އަރާ ، ކުލްސޫމް އަރިއަޅައިލާގޮތް ވިއެވެ. ކުލްސޫމް ނުވެއްޓުނީ ، މެހެމަލް ހިފެހެއްޓި ކަމުންނެވެ. މެހެމަލް ގޮވީމަ ޙައިދަރުވެސް އައިސް ކުލްސޫމް ހިފަހައްޓަން މަސައްކަތް ކުރިއެވެ. އަވަހަށް ޝާހިދަށް ގުޅުމަށް މެހެމަލްގާތު ޙައިދަރު ބުންޏެވެ. ޑރ. ޝާހިދަކީ އެގޭގެ ޢާއިލީ ޑޮކްޓަރެވެ.
ޑރ. ޝާހިދު ވަގުތުން އަތުވެއްޖެއެވެ. ކުލްސޫމްގެ ބީޕީ މާބޮޑަށް މައްޗަށް ދިޔައީއެވެ. ބީޕީހުރީ ކިހާވަރެއްގައިތޯ ޙައިދަރު ކުރި ސުއާލަށް ޖަވާބު ނުދީ ، އުނދަގޫވާތާ ކިހާދުވަހެއް ވެއްޖެތޯ ޑރ. ޝާހިދު ސުއާލު ކުރިއެވެ. ދުވަސްކޮޅެއް ވެއްޖެކަމަށް ކުލްސޫމް ބުންޏެވެ. ޙައިދަރުމެންގާތު ކުލްސޫމް އެވާހަކަ ނުބުނަން އެހުންނަނީ ، އެމީހުންގެ ކަންބޮޑުވުންތައް އެހާ ގިނަވީމައެވެ. އިތުރަށް ޙައިދަރު ، ހާސްވެ ކަންބޮޑުވާނެތީއެވެ.
ގޭތެރޭގައި މިހާރު އުފެދިގެން އުޅޭ ކަމެއްގެ މަޢުލޫމާތު ސާފުކުރަން ޝާހިދު ބޭނުންވިއެވެ. ޝާހިދަކީ ދުރުމީހެއްނޫނެވެ. ކުލްސޫމްގެ ދަރިއެއްފަދަ ކުއްޖެކެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ޙައިދަރު ބުންޏެވެ. އެހެނަސް ، ޙައިދަރުގެ ވާހަކަ ޝާހިދަކަށް ޤަބޫލެއް ނުކުރެވުނެވެ. ހުރިހާކަމެއް ރަނގަޅުތޯ ، އަނެއްކާވެސް ޝާހިދު ސުއާލު ކުރިއެވެ. އަނެއްކާވެސް ، ޙައިދަރުބުނީ ހުރިހާކަމެއް ރަނގަޅުހެން ހީވާ ކަމުގައެވެ. މަންމަޔަށް ދޭބޭސް ބަދަލުކުރަން ޖެހެނީތޯ ޙައިދަރު ސުއާލު ކުރިއެވެ. ފަހަރެއްގައި ބޭސްދޭންޖެހޭވަރު ގިނަކުރަންވެސް ޖެހިދާނެއެވެ. ކުލްސޫމް ލޭމައްޗަށްދާތީ ދޭ ބޭހުގެ ގްރާމް މަތިކުރިތާ އަދި މަހެއް ނުވާނެއެވެ.
ބޭހުގެ ކަންތައް އިހަށް ބާއްވާފައި ، އޭނާ ލިޔެދޭ ޓެސްޓެއް ހެދުމަށް ޝާހިދު ބުންޏެވެ. އިތުރު ޓެސްޓެއް ނުހަދާ ބޭހާމެދު ގޮތެއް ނިންމޭވަރަށްވުރެ ، ކުލްސޫމްގެ ޙާލަތު ގޯހީއެވެ.
ކުލްސޫމް ބަލަމުން ޑޮކްޓަރު ގެންދިޔައިރު ، ދިލްނަޝީން އުޅެނީ ޙަމްޒާއަށް ފޯނުކޮށްގެންނެވެ. ޙައިދަރަށް ޝައްކުވެއްޖެކަމަށް ދިލްނަޝީން ބުންޏެވެ. ޙައިދަރު އަބަދުވެސް ހުންނާނީ އެގޮތަށްކަމަށް ޙަމްޒާ ބުންޏެވެ.
މަންމަ ދެކިލުމަށްޓަކައި ދިލްނަޝީން ތިރިޔަށްވެސް އައިސް ނުލައެވެ. ޙައިދަރުގެ ހިތަށް އެރިއެވެ. މީހުންބުނަނީ ތެދެކެވެ. އެއްވެސްކަމެއް ، ގަދަކަމަކުން އެއްވެސްމީހަކު ލައްވައެއް ނުކުރެވޭނެއެވެ. ދިލްނަޝީނާ ވާހަކަ ދައްކަންޖެހޭކަމަށް ޙައިދަރަށް ފެނުނެވެ. ދިލްނަޝީން ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަން ސާފުކުރަން އެބަޖެހެއެވެ. މަޑުމަޑުން ހިނގަމުންގޮސް މެހެމަލްއާ ގާތަށް ޙައިދަރަށް ޖެހިލެވުނެވެ.
ކުއްލިޔަކަށް އެދިމާވީވެސް ، މެހެމަލްގެ ކޮޅަށް ޖެހޭނެ ޙާލަތެކެވެ. ޙައިދަރުގެ މަންމަ ބަލިވި ވަގުތު ، މަންމަޔާ އަޅައިލެވުނީވެސް މެހެމަލް އަށެވެ. ދިލްނަޝީނަށް އެކަމުގެ ހިލަމެއްވެސް ނުވެއެވެ. އޭނާއަށް އެލިބުނު ފުރުޞަތަށްޓަކައި މެހެމަލްހުރީ ފަޚުރުވެރިވެފައެވެ. ދެމިޔަކަނުން ހެވިފައެވެ.
" ޙަމްޒާއެވެ ! އަހަރެން ވަރަށް ފުންކޮށް ވިސްނައިފީމެވެ. ޙަމްޒާ ބުނީ ރަނގަޅަށެވެ. މިކަހަލަ ގޮތަކަށް ދިރިއެއް ނޫޅެވޭނެއެވެ. " ޙަމްޒާގާތު ދިލްނަޝީން ބުންޏެވެ.
އެހެންވީމާ ވަކިގޮތަކަށް ނިންމުމަށް ވަގުތުން ޙަމްޒާ ބުންޏެވެ. ވަކިގޮތަކަށް ނިންމުމުގައިވެސް ، ދިލްނަޝީނަކަށް ހަދަންވީގޮތެއް ނުވިސްނެއެވެ. ދިލްނަޝީނަކަށް ، ޙަމްޒާއަކަށް އިތުބާރެއް ނުކުރެވެއެވެ. ފާއިތުވެދިޔަތާނގައި ޙަމްޒާގެ ފަރާތުން ދިލްނަޝީންގެ ޢާއިލާއަށް ކުރިމަތިވި ތަކުލީފުތައް އެއީ ، ހަނދާން ނައްތައިލަން އުނދަގޫވާނެ ކަންތައްތަކެކެވެ. އެކަންތައްތަކާގުޅިގެން ، ޙަމްޒާއަށް އިތުބާރުކުރަން ދިލްނަޝީނަށް އުނދަގޫވާނެކަން ޙަމްޒާއަށްވެސް އެނގެއެވެ. އެކަމަކު ، ޙަމްޒާ އެހުރީ މިހާރު މައިދާނަށް ނުކުމެއެވެ. އެދެމީހުންނަށްޓަކައި ބަސްކިޔަން އަދި ގޮތްނިންމަންޖެހޭ ކޮންމެ ތަނެއްގައި ، ކުރަންޖެހޭ ކޮންމެ ހަނގުރާމަޔަކާ ކުރިމަތިލާން ، ޙަމްޒާ އެހުރީ މިހާރު ތައްޔާރަށެވެ. ކުރިޔާ ވަރަށްބޮޑަށް ތަފާތެވެ. ދިލްނަޝީން ދެކެ އިންތިހާއަށް ލޯބިވާކަމުގައި ޙަމްޒާ ބުންޏެވެ.
" މަންމާއެވެ ! ކޮންމެ ގެޔެއްގައިވެސް ކުދިކުދި މައްސަލަތައް އުފެދޭނެއެވެ. އެންމެންގެ ޚިޔާލު އެއްގޮތެއް ނުވާނެއެވެ. އެކަމަކު ، އެކަންކަން ، މަންމަގެ ހިތަށް ތަދުވާގޮތަށް ބޮޑުކަމަކަށް ހަދައިގެން ނޫޅޭށެވެ! މަންމައަށް ގޮތެއް ވެއްޖިއްޔާ އެއީ އަހަރެންނަށް ފޫބައްދަން އުނދަގޫވާނެ ކަމެކެވެ. " ޙައިދަރު ބުންޏެވެ.
އެހުރިހާކަމެއްވެސް ކުލްސޫމަށް އެނގެއެވެ. އެކަމުގައި ކުލްސޫމް ކުރާނީ ކީއްހެއްޔެވެ ؟ ހިތްއެދޭގޮތްތައް ވާން އެ ހިތްބޭނުންވަނީއެވެ. ޙައިދަރަށް ކުރަމުންދާ އަސަރުތައް އެއީ ކުލްސޫމަށް ، ނުވިސްނާ ދޫކޮށްލެވޭވަރަށްވުރެ ބޮޑުކަމެކެވެ. ކުލްސޫމަކީ ، އަބަދުވެސް ހަމަހިމޭންކަމަށާއި ޞުލްޙަމަޞްލަޙަތަށް އިސްކަންދީގެން ، ދޫކޮށްގެން އުޅޭ މީހެކެވެ.
އެހުރިހާކަމެއް އޭނާއަށް އެނގޭކަމަށް ޙައިދަރު ބުންޏެވެ. އަދި ، ހުރިހާކަމެއްވެސް ރަނގަޅުކަމަށް ޙައިދަރު ބުންޏެވެ. އެހެނަސް ، އެއްވެސް ކަމެއް ރަނގަޅުނޫންކަން ކުލްސޫމަށް އެނގެއެވެ. ޙައިދަރުގެ މިޞްރާބަކީ އެއް މިޞްރާބަކަށްދާން ޖެހިފައިވާ އެއްޗެއްކަމަށް ކުލްސޫމް ބުންޏެވެ. އަދި ދިލްނަޝީނުގެ މިޞްރާބުހުރީ އެހެން ދިމާލަކަށް ސީދާ ކުރެވިފައވެ. އެންމެ ދެރަވެގެނެ ، ދުވާލުގެ ވަރުބަލިކަމަށްފަހު ، އެކީގައި އިށީނދެލަންލިބޭ ރޭގަނޑުގެ ވަގުތުގައި އެކުގައި ކާމޭޒުދޮށުގައިވެސް އިށީނދެލެވެނީއެއް ނޫނެވެ. ކޮޓަރިތެރޭގައި ދެމީހުންގެ އޮންނަނީ ކޮންކަހަލަ ގުޅުމެއްކަމެއް ކުލްސޫމަކަށް ނޭނގެއެވެ.
ކުލްސޫމް އެ ކަންބޮޑުވަނީ ކަމަކުންކުރެ ކަމަކާލައިގެންނޫންކަމަށް ޙައިދަރު ބުންޏެވެ. އަދި ހުރިހާކަމެއް ރަނގަޅުކަމަށް އޭނާ އެބުނާ ބުނުން ޤަބޫލުކޮށް ، ކުލްސޫމް ނިދޭތޯ ބެލުމަށް މަސައްކަތް ކުރުމަށް ބުނަމުން މަންމަގެ ހިތަށް ތަސައްލީއެއް ދެވޭތޯ ޙައިދަރު މަސައްކަތް ކުރިއެވެ. އަދި ، މެހެމަލް އަށް ގޮވައިލުމަށްފަހު ، އޭނާއަށް ވާން އޮތިއްޔާ ، އެރޭ މަންމަގާތު މަޑުކުރުމަށް އެކޮޓަރީގައި އޮވެދިނުމަށް ޙައިދަރު އެދުނެވެ. އެއީ ޙައިދަރު ބުނަންޖެހޭކަހަލަ ވާހަކައެއްވެސް ނޫނެވެ. މެހެމަލް މިހާރުވެސް އެހުރީ އެކޮޓަރިން ނުދާން ނިންމައިގެންނެވެ.
ދެތިންފަހަރަށް މެހެމަލްއަށް ޝުކުރުއަދާކުރުމަށްފަހު ، ޙައިދަރު ނުކުތެވެ.
" އަހަރެން އެހެން މިބުނަނީ ، ވޭތުވެދިޔަތާނގައި ކަންހިނގާފައިވާ ގޮތަށް ބަލާފައެވެ. ތާރީޚު އަލުން އިޢާދަ ވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ ؟ ޙަމްޒާގެ ޢާއިލާގެ މީހުންނަކީ މިހާރު އަހަރެންގެ ދުޝްމަނުންނެވެ. ކުރިން އޮތްފަދަ ގުޅުމެއް ، ރިދާއާއެކުވެސް މިހާރަކު ނެތެވެ. އަހަރެންނަށް ހެވެއް އެދިގެން ، ރުހުމުގެ ލޮލަކުން ބަލައިލާނެ އެއްވެސް މީހަކު ޙަމްޒާމެންގެ ގެޔަކު ނެތެވެ. " ދިލްނަޝީން ބުންޏެވެ.
އެއްވެސް ޙާލެއްގައި އެކަން އެހެން ނުވާނެކަމަށް ، ތަކުރާރުކޮށް ޙަމްޒާ ބުނަމުން ގެންދިޔައެވެ. ކުރިއާ ޚިލާފަށް ، މިހާރު ޙަމްޒާއަކީ އަމިއްލަ ނިންމުންތައް ނިންމަން ފުރުޞަތު ލިބިފައިވާ މިނިވަނެކެވެ. އޭނާ ނިންމާ އެއްވެސް ކަމަކަށް ގޮތްކިޔާނެ އިތުރުމީހަކު މިހާރަކު ނެތެވެ.
" އަހަރެން ، ޙައިދަރުގާތުން ވަރިވީމަ ، ޙަމްޒާ އަހަރެންނާ ކައިވެނި ނުކޮށްފިއްޔާ ދެންހަދާނީ ކިހިނެއް ހެއްޔެވެ ؟ ނުވަތަ ކުރީފަހަރުހެން ، އަހަރެމެންގެ ކައިވެނި ނުކުރެވޭނެ ގޮތްތަކެއް މެދުވެރިވެއްޖެނަމަ ، ދެންހަދާނީ ކިހިނެއް ހެއްޔެވެ ؟ " ދިލްނަޝީން ބުންޏެވެ.
އޭނާ އެހެން ނުހަދާނެކަމަށް ޙަމްޒާ ބުންޏެވެ. އަދި އޭނާއަށް އިތުބާރުކުރުމަށް ދިލްނަޝީނަށް އާދޭސްކުރަމުން ގެންދިޔައެވެ. އަދި އެއްފަހަރު އޭނާއަށް ދިރިއުޅުމަށް ފުރުޞަތުދީ ، ޙަމްޒާއާ ދިމާލަށް ދިލްނަޝީންގެ އަތްދިއްކޮށްލުމަށް އެދެމުން ދިޔައެވެ. ޙަމްޒާ އެދައްކާ ވާހަކަޔަށް ، ދިލްނަޝީނަށް ކޮންމެވެސް ވަރަކަށް އިތުބާރު ކުރެވުނު ކަހަލައެވެ. އެކަމާބެހޭގޮތުން ، ޙައިދަރާ ވާހަކަ ދައްކާނެކަމަށް ބުނަމުން އެނބުރިލިއިރު ، ކައިރީގައި އެހުރީ ޙައިދަރެވެ. ދިލްނަޝީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
" އަހަރެން ފަހުން ގުޅައިލާނަމެވެ. ޙަމްޒާއެވެ ! " އަޑަށް ބާރުލާފައި ޙަމްޒާގެ ނަމަށް ގޮވައިލަމުން ދިލްނަޝީން ފޯނު ބޭއްވިއެވެ. ( ނުނިމޭ )