ވިހަ ތީރު (81)

( 11 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ދިލްނަޝީން ބޭނުންވީ ، އެމީހުން ކާރަށްއެރި މޯލަށް އެނބުރި ދާށެވެ. ޙަމްޒާ އެކަން ، ދިލްނަޝީނަށް ކޮށްދިނެވެ. ދިލްނަޝީން ގެންގޮސް އެމޯލްއަށް ލައިދިނެވެ. މޯލްއަށް ވަނުމަށްފަހު ޑްރައިވަރަށް ގުޅާފައި އޭނާ ބަލައި އައުމަށް ދިލްނަޝީން އެދުނެވެ.

ދިލްނަޝީނަށް ގެޔަށް ދެވުނުއިރު ، ޙައިދަރާއި ކުލްސޫމު ގޯތިތެރޭގައި ސައިބޯން ތިއްބެވެ. މެހެމަލްވެސް ، ނޫންކަމަށް ހަދާފައި ، ދިލްނަޝީން އައުމާއެކީ ސައިހަދާފައިހުރި މޭޒު ދޮށަށް މަޑުމަޑުން އައެވެ. އެންމެ ފަހުގެ ޚަބަރުތައް އެނގޭނީވެސް އޭރުންތާއެވެ. ދިލްނަޝީން ސަލާމް ކޮށްލުމާއެކީ ، ސަލާމްބަލައިގަތީ ކުލްސޫމެވެ. ޙައިދަރު ކުރީ ސުއާލެކެވެ. ދިލްނަޝީން ދިޔައީ ކޮންތާކަށް ހެއްޔެވެ ؟ ދިލްނަޝީން އެދިޔަތާކަށް ދިޔައީ ކުލްސޫމްގާތު ބުނެފައެވެ. އަދި ، ޙައިދަރު ފޯނުކުރީމަ ، ޙައިދަރުގާތުވެސް ، އޭނާ އުޅެނީ ސެލޫނުގައި ކަމަށް ބުޏެވެ. ސެލޫނަށް ގޮސްގެން ،  ދިލްނަޝީންގެ ހިތްހަމަ ޖެހޭކަމަށް ވަންޏާ ކޮންމެ ދުވަހަކުވެސް އެތަނަށް ދިއުމަށް ކުލްސޫމް ލަފާދިނެވެ.

" ހާދަ ވަރުގަދަ ސެލޫނެއް ދޯއެވެ ؟ ހީވަނީ ދިލްނަޝީންގެ ހިތަށް ވަރަށްބޮޑަށް ހަމަޖެހުން ގެނެސްދޭ ތަނެއް ހެއްޔެވެ ؟  " ޙައިދަރަށް ނީދެވިގެން ބުނެވުނެވެ.

އެތަނަށް ދިޔައިމަ އޭނާއަށް ހަމަޖެހުން ލިބޭކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީން ވާހަކަ ދައްކަމުން ގެންދިޔައީ ހިނިއައިސް ހުރެއެވެ. ހިތުގައިވާ އެއްވެސް އެއްޗެއްގެ ކުޑަވެސް ލިސާނެއް އޭނާ ހާމަވިޔަ ނުދީއެވެ. މީގެ ކުރިން ނުހުންނަ ތާޒާކަމެއް ދިލްނަޝީންގެ މޫނުމަތިން މިއަދު ފެންނަމުންދާކަން ޙައިދަރަށް ފާހަގަ ކުރެވުނެވެ. އެއީ އަލަށް ހުޅުވި ސެލޫނެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. ޙައިދަރުގެ ސުއާލުތައް އަމާޒުވަނީ ކޮންދިމާލަކުން ކޮން ބޭނުމެއްގައިކަން ދިލްނަޝީނަކަށް އަދި ނޭނގެއެވެ. އެ ސެލޫނަކީ މީގެ ދޮޅުއަހަރެއް ، ދެއަހަރެއްކުރިން ހުޅުވި ތަނެއްކަމަށް ދިލްނަޝީން ބުންޏެވެ.

" އެހެންކަމަށް ވަންޏާ އެއީ ކުރީގެ ގުޅުމެއްތާއެވެ ! ދިލްނަޝީންގެ ކައިވެނީގެވެސް ކުރީގެ ގުޅުމެކެވެ. ދިލްނަޝީންގެ މޫނު ތިހާ ވިދާ ބަނބުޅަމުން އެދަނީ އެހެންވެގެންތާއެވެ ؟ ކުރީގެ ގުޅުން ވީމައެވެ. މޫނުން ތި ފާޅުވާ ވިދުމަކީ އަހަރެންނަށް ހޯދައިދެވުނު އެއްޗެއް ނޫނެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ ވާހަކަތަކުގެ އަމާޒު އެއްވެސް މީހަކަށް ސާފެއް ނުވެއެވެ. މެހެމަލްއަކަށްވެސް ވެގެން އެއުޅޭގޮތެއް ރެއަކާ ނުލައެވެ. އެހެނަސް ، ދިލްނަޝީންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކެއް އުފެދޭގޮތް ވިއެވެ. ޙައިދަރުގެ ވާހަކަ އެހުންނަނީ ، ޙައިދަރަށް ކަމެއް އެނގިއްޖެކަން އެނގޭކަހަލަ ގޮތަކަށެވެ.

ޙައިދަރު އެބުނި ވާހަކައެއް ދިލްނަޝީނަކަށް ސާފެއް ނުވިއެވެ. ޙައިދަރުވެސް އެހުންނަނީ އޮޅުމެއްގެ ތެރޭގައި ސާފުނުވެކަމަށް ޙައިދަރު ބުންޏެވެ. އެކަމަކު ، ދިލްނަޝީންގެ މޫނަށް ބަލަމުން ، ކަންތައްތަކެއް ސާފުވޭތޯ އޭނާވެސް އެގެންދަނީ ބަލަމުންނެވެ.  ކުލްސޫމްވެސް އެހިސާބުން ވާހަކަ ފެއްޓިއެވެ. ދިލްނަޝީން ހެދީ ފޭޝަލްތޯ ކުލްސޫމް އަހައިލިއެވެ. އަދި ، އޭނާހެދީ ފޭޝަލްކަމަށް ދިލްނަޝީންވެސް ބުންޏެވެ. ދިލްނަޝީން ދޮގުހަމަދުން އެގެންދަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ރޯމާ ދުވާލު ރޯ ބުހުތާން ދޮގުހަދަމުން ގެންދާއިރު ، ﷲ ގެ ރަސްކަންފުޅަށްޓަކައި ، ހިތުގައި އެއްވެސް މިންވަރަކަށް ބިރުވެރިކަމެއް ނެތީ ކީއްވެބާވައެވެ. ދިލްނަޝީން އެހުރީ އެހާވަރަށް ދުނިޔެއިން ގެއްލި ގޮސްފައި ހެއްޔެވެ ؟ ދިލްނަޝީންގެ އަސްލު މަޤްޞަދަކީ ކޮބައިބާވައެވެ. ބޭނުންވެގެން އެއުޅެނީ ކޮންކަމެއް ހެއްޔެވެ ؟ ޙައިދަރުގެ ހިތުގައި ވަސްވާސްތައް ފުނިޖެހެމުން ދިޔައެވެ. މެހެމަލްވެސް އިނީ ، ކަމެއް އެނގުނުކަމަށް ނުހަދައި ، ދިލްނަޝީނާ ސުއާލުކުރަން ޙައިދަރަށް ދޫކޮށްލައިގެންނެވެ.

ދިލްނަޝީނަށް އެތާނގައި ލައްކައިރު ހުރެވިއްޖެއެވެ. އެތައް ސުއާލަކަށް ޖަވާބުވެސް ދެވިއްޖެއެވެ. އެހެންކަމުން ، ކޮޓަރިޔަށް ދިއުމުގެ އިޒުނަޔަށް އެދުމުން ، ކުލްސޫމް އޭނާ ހުއްޓުވިއެވެ. ކޮޓަރިޔަށް ދާނެކަމެއްނެތްކަމަށް ބުނެ ، އެތާނގައި އައިސް އެމީހުންނާއެކީ އިށީނދެލުމަށް ކުލްސޫމް ބުންޏެވެ. އެގޮތަށް އެއްތާކު އެންމެން އިށީނދެނުލާތާވެސް އެތައް ދުވަހެއް ވެއްޖެއެވެ.

ކަންބޮޑުވެފައިހުރެމެ ، ދިލްނަޝީނަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. މިހާރު އެފެންނަގޮތުން ދެގޮތުގައިވެސް އޮތީ މަރެވެ. އެތާ އިނަސް ، ސުއާލުތައްކޮށްގަތްގަތީނުންގޮސް ، ދިލްނަޝީން ހާސްވާވަރު ކޮށްލާނެއެވެ. ކޮޓަރިޔަށް ދިޔަޔަސް ، ޙައިދަރުގެ ފަރާތުން އެކުރިމަތިވާ ސުއާލުތައް ވަކިން ހަރުކަށިވެފައި އުނދަގޫ ވާނެއެވެ.

" މަންމާއެވެ ! ދިލްނަޝީން ދިޔަދޭށެވެ ! މިއަދަކީ ދިލްނަޝީނުގެ ދިރިއުޅުމުގައި ވަރަށް މުހިންމު ދުވަހެކެވެ. ބޮޑު ދުވަހެކެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ އިތުރަށް މެހެމަލްގެ ލޯވެސް އަމާޒު ވެފައިހުރީ ދިލްނަޝީންގެ މޫނަށެވެ. އެހިސާބުން އެތަނުގައި އޭނާ އިނުމަކީ ، ރަނގަޅުކަމެއްނޫންކަމަށް ދިލްނަޝީން ނިންމިއެވެ. ކޮންމެވެސް ކަންތައްގަނޑެއް ހިނގައިފިއެވެ. ނުވަތަ ދިލްނަޝީން އެދިޔަތަނެއް ޙައިދަރަށް އެނގިއްޖެއެވެ. އެހެންކަމުން އެންމެންގާތުން މަޢާފަށް އެދިފައި ދިލްނަޝީންތެދުވެގެން ގޭތެރެޔަށް ވަދެގެން ދިޔައެވެ.

އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭގެ މާނަޔަކީ ، ދިލްނަޝީން ، މިއަދު އެދިޔަތަނެއް ، އެތާތިބި އެންމެންނަށް އެނގޭ ކަހަލައެވެ. ނޭނގޭކަމަށް ހަދައިގެން އަނގަމަޑުން ލައިގެން ތިބީކަމަށްވެސް ވެދާނެއެވެ.

" ޙައިދަރެވެ ! ދިލްނަޝީންގާތު ، މިވަގުތު އެއްވެސް ސުއާލެއް ނުކުރާށެވެ ! ލައްކަ ދުވަސްކޮށްފައި ، ﷲ ގެ ރަޙުމަތްފުޅުން ގޭޣެ މާޙައުލު އާދައިގެ ގޮތަކަށް މިހާރު އެދަނީ  ބަދަލުވަމުންނެވެ. " ކުލްސޫމް ބުންޏެވެ.

މެހެމަލްވެސް ، ކުލްސޫމްގެ ވާހަކަޔަށް ތާއީދުކޮށް ، އެކަން އެގޮތަށް ކުރުމަށް ޙައިދަރު ގާތުގައި އެދުނެވެ. ދިލްނަޝީން ބޭނުންވާ ވަރަށް ވަގުތު ދޭންޖެހޭނެކަމަށް މެހެމަލް ބުންޏެވެ. މެހެމަލް އިނީ ހިނިއައިސް ރަތްވެފައެވެ. ދިލްނަޝީން އެއައީ ސެލޫންއިންނެވެ. ހަމަޖެހިލަންވެސް ވަގުތުކޮޅެއް ބޭނުންވާނެއެވެ. އެހުރީ ވަރަށް ތާޒާ ކޮށެވެ. އެހާ ރިތިވެފައި ނަލަވެސް މެއޭ ބުނެ ޙައިދަރަށް ދޯ އެއްލިއެވެ. ޙައިދަރުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ، މެހެމަލްގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

" އަހަރެން އިތުރަށް ކަމެއް ކުރަން ނުޖެހޭވަރަށް މިއަދުގެ ނަތީޖާ ނުކުމެއްޖެއެވެ. ކެތްކޮއްލަންވީއެވެ. ދެން މާގިނަދުވަހެއް ނުވާނެއެވެ. ދިލްނަޝީންގެ ބަދަލުގައި ޙައިދަރުގެ އަނތްބެއްގެ ގޮތުގައި ދުވަސްކޮޅަކުން ހުންނާނީ އަހަރެންނެވެ. އުޅަނދުގެ ބަނޑުފިލާގައި އަހަރެން އެޅި ލޯވަޅުން ، ދިޔަވަމުން ދިޔަވަމުންގޮސް އެއުޅަނދު ފެތެން މާގިނަދުވަހެއް ނުނަގާނެއެވެ. ދެން އަހަރެން ހުންނާނީ މާދުރުގައި ހުރެގެން ކުޅިބަލާށެވެ. ފެންނަމުންދާ ކަންކަމުން ، ހިތުގެ އަޑިން އުފާކުރަމުން ، ދެރަވާކަމަށް ހަދައިގެންނެވެ. " މެހެމަލްގެ ހިތާހިތާ ކިޔައިލިއެވެ.

ޙައިދަރު ކޮޓަރިޔަށް ދިޔައިރު ، ދިލްނަޝީންހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަހިނގާލައެވެ. ޙައިދަރުގެ ހިތްވަނީ އަވަސް ވެފައެވެ. ދިލްނަޝީންގެ ވިސްނުމާއި ފިކުރު މިއަދު ، ޙިއްޞާކުރީ ކާކާތޯ ޙައިދަރު ސުއާލު ކުރިއެވެ.

ޙައިދަރުގެ މައްސަލަޔަކީ ކޮބައިތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ދެމާނަ ދޭހަވާގޮތަށް އޭނާއާ ފާޑުފާޑުގެ ސުއާލުތައް ކުރަމުން އެގެންދަނީ ކީއްވެގެން ހެއްޔެވެ ؟ އެކަމުން ދިލްނަޝީން ކަންބޮޑުވީތޯ ޙައިދަރު ސުއާލު ކުރިއެވެ.

" އާނއެކެވެ ! ވާހަކަ ދައްކާ ބަހުރުވައިންވެސް ، ރާގުންވެސް ، ލަފްޒުންވެސް ، އަޑުންވެސް އަދި ޙައިދަރުގެ ލޮލުގެ ޢިޝާރާތުންވެސް އަހަރެންނަށް އުނދަގޫ ލިބެއެވެ. ޙައިދަރުގެ ހިތުގައި ބާއްވައިގެން ތިއުޅެނީ ކޮންކަންތައް ގަނޑެއް ހެއްޔެވެ ؟ ނިކަން ސާފުކޮށް ބުނެބަލާށެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން ދިޔައީ ކޮންތާކަށްތޯ ޙައިދަރު އަނެއްކާވެސް ސުއާލު ކުރިއެވެ. އެ ސުއާލުގެ މަޤްޞަދަކީ ކޮބައިކަމެއް ދިލްނަޝީނަކަށް ނޭނގުނެވެ. ސެލޫނަށް ދިޔަވާހަކަ ކުރިންވެސް ބުނެވިފައި އޮތްކަން ދިލްނަޝީން ހަނދާން ކޮށްދިނެވެ. ޙައިދަރުވެސް ، ސިންގަޕޫރުން އައިސް އުޅޭ ވަފުދެއް ގޮވައިގެން ، ދިލްނަޝީން ދިޔަމޯލަށް ދިލްނަޝީނާ އެއްވަގުތެއްގައި ދިޔަކަމަށް ޙައިދަރު ބުންޏެވެ. ދެން މައްސަލަޔަކީ ކޮބައިތޯ ދިލްނަޝީން ސުއާލު ކުރިއެވެ.

" މޯލްގެ ބޭރުން އަހަރެންނަށް އަހަރެންގެ ކާރު ފެނުނެވެ. އަހަރެން މިކުރާ ސުއާލަކީ ، ދިލްނަޝީން މޯލަށް ދިޔައީ ކޮންއެއްޗެއް ހޯދަން ހެއްޔޭ އެވެ ! " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ އަޞްލު މައްސަލަ ، ޚުދު ޙައިދަރަށްވެސް ނޭނގޭކަމަށް ދިލްނަޝީން ބުންޏެވެ. ޙަޤީޤަތަކީ ، އަހަރެމެން ދެމީހުންގެ މިގުޅުން ދަމަހައްޓަން ، ޙައިދަރު ބޭނުމެއް ނުވެއެވެ. އަބަދުވެސް ހޯދަމުން ގެންދަނީ ކޮންމެވެސް މައްސަލައެކެވެ. މައްސަލައެއް ފެނިއްޖިއްޔާ ސަބަބަކަށް ނުވިސްނައެވެ. ސަބަބު ހޯދާކަށްވެސް ނޫޅެއެވެ. ޙައިދަރު ބޭނުންވަނީ ، ވަރަށް ހުތުރު ބަދުނާމެއް ދިލްނަޝީންގެ ބޮލުގައި އަޅުވައި އެގެއިން އޭނާ ބޭރުކޮށްލުމަށެވެ. މެހެމަލް އެންމެ ހިތްހަމަ ޖެހޭނީވެސް އެފަދަ ގޮތެއް ހަދައިގެންނެވެ. މެހެމަލްއަށް ވެގެން ވިއްޔާ ، އެކަން ފުރިހަމަވާ ދުވަހު ހަވާވެސް އަރުވާނެއެވެ. އަހަރެން މިގެއިން ފޮނުވާލާފައި ، ލޯބިވާ މެހެމަލްއާ ކައިވެނިކޮށްގެން ، މިގެޔަށް ގެނައުން އެއީ މިހާރު ޙައިދަރުގެ މަޤްޞަދެވެ. އޭރަށް ، ޙައިދަރު ބޭނުންވާ މަޤްޞަދުވެސް ޙާޞިލްވީއެވެ. އަދި ޙައިދަރުގެ ބޮލުގައި އެއްވެސް އިލްޒާމެއްވެސް ނޭޅުވޭނެއެވެ. ދިލްނަޝީން ވާޙަކަ ދައްކަމުން ގެންދިޔައެވެ.

" އަހަރެން މެހެމަލްއާ ކައިވެނިކުރަން ބޭނުންނަމަ ، އެކަން ހުއްޓުވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. " ޙައިދަރު ބުންޏެވެ.

ދިލްނަޝީންވެސް ، ފިރިހެނަކާ ގުޅުމެއް ހިންގަން ބޭނުންނަމަ ، އެކަން ހުއްޓުވޭނެ އެއްވެސް މީހަކު ނުހުންނާނެކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީން ޙައިދަރާ ދުރަށް ދިއުމަށް ހިނގައިގަތްތަނުން ، ދިލްނަޝީންގެ އަތުގައި ހިފައި ޙައިދަރާ ދިމާލަށް އަނބުރާލައި ، އެއީ ހުއްޓުވިދާނެކަމެއްކަމަށް ޙައިދަރު ބުންޏެވެ. ފިރިމީހާއަށް ލިބިގެންވާ ބާރުން ، ދިލްނަޝީން ހުއްޓުވޭނެއެވެ. ޙައިދަރުގާތަށް ހުރީ ރުޅިއައިއްސައެވެ. ތުރުތުރު އަޅައަޅައެވެ.

ދެންވެސް ބުނާށެވެ ! މޯލްއަށް ދިޔައީ ކޮންއެއްޗެއް ހޯދަން ހެއްޔެވެ ؟ ޙައިދަރު އަނެއްކާވެސް ސުއާލު ކުރިއެވެ. ދިލްނަޝީން ހޯދަން ދިޔަ އެއްޗެއް އެތަނުން ނުލިބުނުކަމަށްބުނެ ، ޙައިދަރުގެ އަތްފޮޅުވާލާފައި ކޮޓަރީގެ ދޮރާ ދިމާލަށް ދިލްނަޝީން ހިނގައިގަތެވެ. ޙައިދަރުގެ ހިތުގައިވާ ރިހުމުން އަޅާ ވޭނަށް ކެތްކޮށްލައިގެން ހިމޭނުން ހުރުމަށް ނިންމިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.